ބުދަ20201118

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ހިއްސާ ބާޒާރެއްގެ ބޭނުމަކީ ކޮބާ؟

ހިއްސާ ބާޒާރެއްގެ ބޭނުމަކީ ކޮބާ؟

hissaaމިދުވަސްވަރަކީ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިއްސާއާއި، ހިއްސާ ގަނެވިއްކުމުގެ ބާޒާރާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދާ ދުވަސްވަރެކެވެ. އަޅުގަނޑުގެ މަޤްޞަދަކީ ހިއްސާ ބާޒާރަކީ ކޮބައިކަމާއި، އަމިއްލަ ފަރުދުންގެ ދިރިއުޅުމުގައްޔާއި ވިޔަފާރިއެއް ހިންގުމުގައި ހިއްސާ ބާޒާރެއްގެ ދައުރަކީ ކޮބައިކަން ކުރު ގޮތަކަށް ބަޔާންކުރުމެވެ. މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރީން ހިއްސާއަކީ ކޮބައިކަމާއި، ހިއްސާގެ ބާވަތްތަކާއި، ހިއްސާއާއި އެއްގޮތް ބައެއް އެހެނިހެން ތަކެއްޗާއި، އަދި ހިއްސާ ވިއްކާ ކުންފުނިތަކަށް ބަލައިލާނަމެވެ.

ހިއްސާއަކީ ކޮބާ؟

ހިއްސާއަކީ ކުންފުންޏެއްގެ ރައުސުލްމާލު ބަހައިލެވޭ ކުދިކުދި ބައިތަކެކެވެ. ޢާއްމު ބަހުރުވައިގައި ހިއްސާއަކީ، މިފަދަ ބައެއް، މީހަކު ގަތްކަން އަންގައިދިނުމަށްޓަކައި ދެވޭ ކަރުދާސްގަނޑަށް ކިޔޭ ނަމެކެވެ. މިސާލަކަށް ކުންފުންޏެއް ފެށުމަށްޓަކައި ނުވަތަ ފުޅާކުރުމަށްޓަކައި އެއް މިލިއަން ރުފިޔާ ބޭނުންވެއްޖެއެވެ. އެންމެ މީހަކަށް ނުވަތަ ބޭންކެއްފަދަ ތަނަކަށްވެސް، އެއްފަހަރާ އެ މިންވަރަށް ފައިސާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން، އެއް ރުފިޔާގެ އަގުހުރި އެއް މިލިޔަން ހިއްސާ ވިއްކިދާނެއެވެ. ޢާއްމުންގެ ތެރެއިން ހިއްސާއެއް ގަނެވޭފަދަ ފޯރުންތެރިކަމެއް ހުރި ހަމަ ކޮންމެ މީހަކަށްމެ، އެމީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން ހިއްސާއެއް ނުވަތަ ހިއްސާ ތަކެއް ގަނެވިދާނެއެވެ.

ހިއްސާ ގަންނަ މީހާއަށް އޭނާ ގަތް ހިއްސާގެ ނިސްބަތުން، އަހަރީ ފައިދާއިން ބައެއް (dividends) ލިބޭނެއެވެ. މިބައި ލިބޭގޮތް އެކިބާވަތުގެ ހިއްސާގައި ތަފާތުވާނެއެވެ. ހިއްސާ ވިއްކައި ނިމުމުން، ލިބުނު ފައިސާ، ކުންފުނީގެ ބޭނުމަށް ބޭނުން ކުރެވިދާނެއެވެ.

ހިއްސާ ވިއްކާ ކުންފުނި:

އަމިއްލަ ކުންފުނިތަކުގެ ތެރެއިން ޢާއްމުންނަށް ހިއްސާ ވިއްކުމުގެ ހުއްދަ ލިބިގެންވަނީ ހަމައެކަނި ޕަބްލިކް ލިމިޓެޑް ކުންފުންޏަށެވެ. ޕަބްލިކް ލިމިޓެޑް ކުންފުންޏަކީ ދަރަންޏަށް ޒިންމާވާވަރު ކަނޑައެޅިފައިވާ، ކުންފުނިތައް ރަޖިސްޓްރީ ކުރާ އޮފީހުން (Register of companies) ހިއްސާ ވިއްކުމުގެ ހުއްދަ ދީ، ވިއްކޭނެ އެންމެ ގިނަ އަދަދުގެ ހިއްސާ ކަނޑައަޅާފައިވާ ކުންފުންޏެވެ.

ސަރުކާރުންނާއި ސަރުކާރުގެ ފަރާތުން ހިންގާ ވިޔަފާރި ކުންފުނިތަކަށް ވެސް ސެކިޔުރިޓީސް ވިއްކުމުގެ ހުއްދަ ލިބިގެން ވެއެވެ. ނަމަވެސް ހިއްސާއާއި ސެކިޔުރިޓީއަކީ ތަފާތު އެއްޗެއްކަން މި ހާލަތުގައި ފާހަގަކޮށްލަމެވެ.

ހިއްސާގެ ބާވަތްތަކާއި ހިއްސާ ފަދައިން ހިއްސާގެ ބާޒާރުގައި ވިއްކޭ ބައެއް އެހެނިހެން ތަކެތި:

ކުރެހުމުން ފެންނަ ފަދައިން ހިއްސާ ބަހައިލެވެނީ ދެ ބަޔަކަށެވެ. އެ ދެބާވަތުގެ ހިއްސާ ވެސް ވިއްކަނީ ޕަބްލިކް ލިމިޓެޑް ކުންފުނިންނެވެ. އޭގެ ފުރަތަމަ ބާވަތަކީ ޢާއްމު ޙިއްސާ ނުވަތަ 'އޯޑިނަރީ ޝެއާ' އެވެ. ދެވަނަ ބާވަތަކީ އިމްތިޔާޒީ ހިއްސާ ނުވަތަ 'ޕްރެފަރެންސް ޝެއާ' އެވެ.

މި ދެބާވަތުގެ ހިއްސާގެ ތަފާތަކީ: ޢާއްމު ހިއްސާއަށް ފައިދާއިން ލިބެންޖެހޭ ވަކި މިންވަރެއް ކަނޑައެޅިފައި ނުވާއިރު، އިމްތިޔާޒީ ހިއްސާ އަށް ފައިދާއިން ލިބެންޖެހޭ މިންވަރު ކަނޑައެޅިފައި ވުމެވެ. މާނައަކީ ކުންފުންޏަށް، އިމްތިޔާޒީ ހިއްސާ އަށް ކަނޑައެޅިފައިވާ މިންވަރު ފައިދާގެ ގޮތުގައި ލިބިފައިވާނަމަ، ޢާއްމު ހިއްސާއަށް ދޭނޭ ފައިދާއެއް ބާކީނުވި ކަމުގައި ވިޔަސް، އިމްތިޔާޒީ ހިއްސާއަށް، އެމިންވަރު ދޭންޖެހޭނޭ ކަމެވެ. މިސާލަކަށް ހިއްސާ ވިއްކާއިރު ހިއްސާގެ މޫނުމަތީގައި %10 އިމްތިޔާޒީ ހިއްސާ  Preference Share) %10 ) މިފަދައިން ލިޔެފައި ވާނަމަ، އަދި އެ ހިއްސާގެ މޫނުމަތީގެ އަގަކީ 100ރ ނަމަ، ކޮންމެ އަހަރަކު ހިއްސާދާރަށް ފައިދާގެ ގޮތުގައި އެއް ރުފިޔާ ލިބޭނެއެވެ. ނަމަވެސް ޢާއްމު ހިއްސާދާރުންނަށް އެކި އަހަރު ލިބޭ ފައިދާގެ މިންވަރު ތަފާތުވާނެއެވެ. ބައެއް އަހަރު އެއްވެސް އެއްޗެއް ނުލިބިވެސް ހިނގައިދާނެއެވެ.

އަނެއް ތަފާތަކީ، އިމްތިޔާޒީ ހިއްސާގެ ނަމުން ވެސް ދޭހަވާފަދައިން، ޢާއްމު ހިއްސާއަށްވުރެ ކުރިން އިމްތިޔާޒީ ހިއްސާއަށް ކުންފުނީގެ ފައިދާއިން ބައެއް ލިބޭކަމެވެ. އާއްމު ހިއްސާދާރުންނަށް ފައިދާ ލިބޭނީ އިމްތިޔާޒީ ހިއްސާދާރުންގެ ފައިދާ ދިނުމަށް ފަހުގައެވެ.

ތިންވަނަ ތަފާތަކީ އިމްތިޔާޒީ ހިއްސާދާރުންނަށް ކުންފުނީގެ ބޯޑުގައި ބައިވެރިވުމާއި، ބޯޑު ހޮވުމުގައި ވޯޓު ލުމުގެ އިޚްތިޔާރު ލިބިގެން ނުވުމެވެ. މި ހުއްދަ ލިބިގެން ވަނީ ހަމައެކަނި އާއްމު ހިއްސާދާރުންނަށެވެ.

ދެން އެވަނީ ޕަބްލިކް ލިމިޓެޑް ކުންފުނިން ވިއްކާ ޑިބެންޗަރއެވެ. ޑިބެންޗަރ އަކީ ހިއްސާއެއް ނޫނެވެ. ޙަޤީޤަތުގައި އެއީ އާއްމު ރައްޔިތުންގެ އަތުން ކުންފުންޏެއް ނަގާފައިވާ ލޯނެކެވެ. ކުންފުނީން ބޮޑު ލޯނެއް ބޭނުންވެފައިވާހިނދު، ބޭންކަކުން ނުވަތަ އެހެންވެސް ފައިސާ ހޯދައިދިނުމުގެ ޚިދުމަތްދޭ މުއައްސަސާއަކުން، (Financial Institutions) ލޯނެއް ނަގަން ބޭނުން ނުވެއްޖެނަމަ ނުވަތަ ނުލިބިއްޖެނަމަ، ހިއްސާއެކޭ އެއްފަދައިން ލޯނުގެ މިންވަރު ކުދިކުދި ބައިތަކަކަށް ބަހާލުމަށްފަހު އާއްމުންނަށް ވިއްކައިލެވެއެވެ. އޭގެ ހެއްކެއްގެ ގޮތުން ދެވޭ ކަރުދާސްގަނޑަކީ ޑިބެންޗަރ އެވެ. ޑިބެންޗަރއަށް ލިބެނީ ފައިދާގެ ބައެއްނޫނެވެ. އެހެނިހެންވެސް ލޯނެކޭ އެއްފަދައިން، ކަނޑައެޅިގެންވާ އިންޓަރެސްޓެކެވެ. ކުންފުންޏަށް ފައިދާއެއް ވީކަމުގައިވިޔަސް، ނުވީކަމުގައި ވިޔަސްމެއެވެ. އާއްމުގޮތެއްގައި ޑިބެންޗަރ އަލުން އަނބުރާ ކުންފުންޏަށް ގަންނާނޭ ދުވަހެއް Redemption date))، އޭގެ މޫނުމަތީގައި ލިޔެވިފައި އޮވެއެވެ. މާނައަކީ މިއީ، ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދެއްކުމަށް ނެގޭ ލޯނެއްކަމެވެ. (ބައެއްފަހަރު، ޑިބެންޗަރއާއި އެއްފަދައިން، ކުންފުނީގެ ފަރާތުން، ހިއްސާތަކެއް އަނބުރާ ގަނެފާނެއެވެ. ނަމަވެސް މިއީ އާއްމު ކަމެއް ނޫނެވެ.)

ދެން އެވަނީ ސަރުކާރުގެ ފަރާތުން ވިއްކާ ސެކިޔުރިޓީއެވެ. ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ އެކިއެކި ބޮޑެތި މަޝްރޫޢުތަކަށް މިފަދައިން ފައިސާ ހޯދުމަކީ ޢާއްމު ކަމެކެވެ. ޑިބެންޗަރ އާއި ސެކިޔުރިޓީގެ މައިގަނޑު ތަފާތަކީ، ޑިބެންޗަރ ވިއްކަނީ އަމިއްލަ ކުންފުނިތަކުން ކަމުގައި ވެފައި، ސެކިޔުރިޓީޒް ވިއްކަނީ ސަރުކާރުން ކަމުގައި ވާކަމެވެ. ސެކިޔުރިޓީއަށް ވެސް ލިބެނީ ކަނޑައެޅިގެންވާ އިންޓަރެސްޓެކެވެ.

މި ލިޔުމުގައި ވަކި ބާވަތެއް ބަޔާންކުރުމެއް ނެތި ހަމަ އެކަނި "ހިއްސާ" މިބަސް ބޭނުންކޮށްފައި ވާނީ އިސްވެދިޔަ ހުރިހައި ބާވަތެއް އޭގައި ޝާމިލުވާ ގޮތުންނެވެ.

ހިއްސާ ބާޒާރަކަށް ބޭނުންވުން:

ކޮންމެ މުޖުތަމައެއްގައި ވެސް ދިރިއުޅެނީ ދެ ބާވަތެއްގެ މީހުންނެވެ. އެއްބަޔަކީ އަތުގައި ފައިސާ ހުރެމެ، އެފައިސާއިން އިތުރު ފައިދާ ހޯދާނޭ ގޮތެއް ނޭނގިފައި ނުވަތަ ނުކެރިފައި ތިބޭ ބަޔެކެވެ. އަނެއް ބަޔަކީ، އައު އީޖާދުކުރާނޭގޮތްތަކާއި، އިންސާނިއްޔަތަށް ފައިދާހުރި އެކިއެކި ތަކެތި އުފައްދާނޭ ގޮތްތައް ޚިޔާލުގައި ހުރެމެ، އެކަން ކުރާނޭ ފައިސާއެއް ނެތް މީހުންނެވެ. އެންމެ ފުރަތަމަ އިނގިރޭސިވިލާތުގައި ހިއްސާ ވިއްކައިގެން ކުންފުނި އުފައްދަން ފެށި ޒަމާނަށް ވިސްނާލުމުން ވެސް މިކަން ދޭހަވެއެވެ.

އިނގިރޭސިންގެ މީހުން ބަޙްރު ހިންދުގެ ޤައުމުތަކާއި ހަމައަށް ފުރަތަމަ އަންނަން ފެށީ ވިޔަފާރި ކަމުގައި، ކަނޑުމަގުންނެވެ. އެކަމަށްޓަކައި އެމީހުން ވަނީ 'ބްރިޓިޝް އީސްޓް އިންޑިޔާ ކުންފުނި' ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އަޅުގަނޑުމެންގެ މައުޟޫއަކީ އެ ކުންފުނީގެ ހިޔަނީގައި ތިބެގެން އިނގިރޭސީން ހިންގި އިސްތިޢްމާރީ ކުޅިގަނޑެއް ނޫނެވެ. އެ ކުންފުނި އުފެދިގެން އައި ގޮތެވެ.

އެފަދަ ބިޔަ ކުންފުންޏެއް އުފައްދައި، ބޭނުންވާ މުދާ ހޯދައި، ދަތުރުކުރުމުގެ ކަންތައްތައް ހަމަޖެއްސުމަކީ އިނގިރޭސި ސަރުކާރަކަށް ވެސް އަދި މުއްސަނދި އެންމެ ފަރުދަކަށް ވިޔަސް ކުރެވޭވަރު ކަމެއް ކަމުގައެއް ނުވިއެވެ. ގިނަ މީހުން ބައިވެރިވެގެން ވިޔަފާރި ކުރުމުގެ ޚިޔާލު(Joint Stock Companies) އިނގިރޭސީންގެ ތެރޭގައި އާއްމުވެގެން ދިޔައީ މި ދުވަސްވަރުގައެވެ. އެހެންކަމުން، މި ބޮޑު ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ، ޢާއްމުންނަށް ހިއްސާ ވިއްކައިގެން ހޯދިއެވެ. އެގޮތުން، އިނގިރޭސި ތާރީޚުގައި އެންމެ ފުރަތަމަ ޢާއްމުންނަށް ހިއްސާ ވިއްކި ދެ ކުންފުނީގެ ތެރެއިން އެއް ކުންފުންޏެއް ކަމުގައި މި ކުންފުނި ހިމެނިގެން ހިނގައްޖެއެވެ.

އެއާއިއެކު އިނގިރޭސިންގެ ތެރޭގައި ހިއްސާ ގަނެވިއްކުމުގެ އޮއިވަރެއް ހިނގައިގެންފިއެވެ. އެގޮތުން 1695 ވަނަ އަހަރު އައިއިރު އިނގިރޭސިވިލާތުގައި ހިއްސާވިއްކާފައިވާ 142 ކުންފުނި ހުރިކަމުގައި ވިއެވެ. އަދި ހަމަ އެއާއިއެކު ހިއްސާދާރުންނާއި، ހިއްސާ ގަނެ ވިއްކާމީހުންނާއި، ހިއްސާ ގަނެ ވިއްކުމުގައި މެދުވެރިންގެ ބައި ކުޅޭމީހުން އެކަކު އަނެކަކާއި ބައްދަލުވެ، ލިޔެ ކިޔުންތައް ބަލަހައްޓާނޭ ތަނެއްގެ ބޭނުން ޖެހުނެވެ. އެހެންކަމުން ލަންޑަނުގެ މެދުތެރޭގައިހުރި ދެ ސައިހޮޓަލެއްގެ ތެރޭގައި ވަރަށް އާދައިގެ ގޮތަކަށް ލަންޑަން ސްޓޮކް އެކްސްޗޭންޖް (ލަންޑަނު ހިއްސާ ބާޒާރު) ފެށިގެން ދިޔައެވެ.

މިޒަމާނުގެ ހިއްސާ ބާޒާރުގެ ދައުރު:

ކުރާ މަސައްކަތުގެ ބާވަތުން ހިއްސާ ބާޒާރެއްގެ ދައުރު ދެ ބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ:-

1- ޕްރައިމަރީ މާރކެޓް

2- ސެކަންޑަރީ މާރކެޓް

ޕްރައިމަރީ މާކެޓަކީ ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ބޭނުންވާ ކުންފުނިތަކަށް ހިއްސާ ބާޒާރުން ދޭ ހިދުމަތްތަކުގެ މައްޗަށް އެކުލެވިގެންވާ ބައެވެ. މިބައިގައި ހިމެނެނީ އިންވެސްޓްމެންޓް ބޭންކް ތަކަކާއިއެކު ވެވޭ އެއްބަސް ވުމެއްގެ ދަށުން، އަލަށް ހިއްސާ ވިއްކަން ބޭނުންވާ ކުންފުނީގެ ހިއްސާތައް ވިއްކައި ދިނުމެވެ. މިސާލަކަށް ދިވެހި ހިއްސާ ބާޒާރެއް އުފެދުމުން، ހިއްސާގެ ބާޒާރުގައި އަލަށް ލިސްޓުކުރަން އެދޭ (ބައިވެރިވާން އެދޭ) ކުންފުނިތަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކާއިރު، އެތަކެތި ވިއްކުމުގެ މަސްޢޫލިއްޔަތު، ހިއްސާ ބާޒާރު މެދުވެރިކޮށް، އިންވެސްޓްމެންޓް ބޭންކަކާއި ހަވާލުކުރެވިދާނެއެވެ. ހަވާލުކުރި ބޭންކުން، ހިއްސާ ވިއްކާ ނިމޭއިރު، ނުވިކިހުރި ހިއްސާތައް ގަންނާނޭ ކަމުގެ ޔަޤީންކަން ދެއެވެ. މިފަދަ އެއްބަސްވުމަކަށް އަންޑަ ރައިޓިން އެވެ ކިޔެއެވެ.

ސެކަންޑަރީ މާކެޓަކީ އެއްފަހަރު ވިއްކާފައިވާ ހިއްސާ (Second hand Share) ގަނެ ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ބައެވެ. މި ބައިގައި ހިމެނެނީ މާކެޓް މޭކަރުންނާއި، ސްޓޮކް ބްރޯކަރުންނާއި(މެދުވެރިން)، ހިއްސާ ގަނެ ވިއްކަން ބޭނުންވާ އާއްމުންގެ މީހުންނެވެ. ހިއްސާ ބާޒާރުގައި ހިނގާ މުޢާމަލާތްތަކުގެ ބޮޑުބަޔަކީ ސެކަންޑަރީ މާކެޓްގައި ހިނގާ މުޢާމަލާތްތަކެވެ.

މެދުވެރިންނަކީ ނުވަތަ (ސްޓޮކް ބްރޯކަރުންނަކީ)، ހިއްސާ ބާޒާރުގެ އާޖުފާޖު ރަނގަޅަށް ދަންނަ، ހިއްސާގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ބަޔެކެވެ. މިބައިމީހުންގެ ހަރަކާތްތަކަކީ ކަމާބެހޭ ސަރުކާރުގެ އޮފީސްތަކުންނާއި ހިއްސާ ބާޒާރުގެ ފަރާތުން، ވަރަށް ފުރިހަމަ ޤާނޫނީ ނިޒާމެއްގެ ދަށުން ބަލަހައްޓާ ކަމެކެވެ. އެހެނީ މިބައިމީހުންގެ މަސައްކަތަކީ ހިއްސާ ގަނެ ވިއްކަން ބޭނުންވާ ޢާއްމުންގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. އަދި ހަމަ އެއާއިއެކު، ހިއްސާގެ އަގުތަށް ކުރިޔަށް ލަފާކޮށް(speculate) ޢާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މި މީހުންގެ މަސައްކަތެކެވެ. އެ މަސައްކަތުގައި އެމީހުން ފަރުވާ ކުޑަކުރާ ކަމުގައި ވާނަމަ ނުވަތަ ވަކި ފަރާތަކަށް ބުރަވެ ހުރެ މަޢުލޫމާތު ފޯރުކޮށްދޭނަމަ، ހިއްސާ ބާޒާރުގައި ވަކި ބަޔަކަށް ފައިދާއާއި ލާބަ ބޮޑުވެ، އަނެއްބައެއްގެ ހިއްސާގެ އަގުތައް ވެއްޓުމަކީ ނުވެ ނުދާނޭ ކަމަކެވެ. މިއީ ވިޔަފާރިތަކަށާއި، ޢާއްމުންނަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް އެކަމުގެ ނުރަނގަޅު އަސަރު ފޯރާނޭ ކަމެކެވެ.

ބައެއް މެދުވެރިންނަކީ(ސްޓޮކް ބްރޯކަރުން) އިސްވެ ދެންނެވި ފަދައިން ހިއްސާގަތުމާއި ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ނުދީ، ހަމައެކަނި ހިއްސާ ގަނެދީ ނުވަތަ ވިއްކައިދޭ މީހުންނެވެ. މިފަދަ މީހުންނަށް ހަމައެކަނި ގަނެ ވިއްކައިދޭ (Execution only) މެދުވެރިންނޭ ކިޔައެވެ. މެދުވެރިންނަށް ލިބޭ އާމްދަނީއަކީ ހިއްސާ ވިއްކާ މީހާއާއި ގަންނަމީހާގެ އަތުން ނެގޭ ފީ (Commission) އެކެވެ. ހަމައެކަނި ގަނެވިއްކައިދޭ މެދުވެރިން ނަގާ ފީ، މަޢުލޫމާތާއިއެކު ހިއްސާ ގަނެ ވިއްކައިދޭ މެދުވެރިން ނަގާ ފީއަށްވުރެ ކުޑަވާނެއެވެ

މާކެޓް މޭކަރުންނަކީ އަމިއްލައަށް ހިއްސާ ގަނެ ވިއްކާ ބަޔެކެވެ. އެމީހުން ހިއްސާގެ އަގު ދަށްވެފައި ހުންނައިރު ހިއްސާ ގަނެއެވެ. އޭގެ އަގު އެރުމުން ވިއްކާލައެވެ. ދެ ހާލަތުގައި އަގުގެ ތަފާތަކީ އޭނާއަށް ލިބޭ ފައިދާއެވެ. މި ބައިމީހުންނަކީ ވެސް ހިއްސާގެ ބާޒާރުގެ ކަންކަމުގެ މަޢުލޫމާތު ވަރަށް ފުރިހަމައަށް ހޯދާ، އެ މައުލޫމާތުގެ އަލީގައި ހިއްސާގެ އަގު އުފުލޭނޭ މިންވަރާއި، ވެއްޓޭނޭ މިންވަރު ލަފާކުރާ ބައެކެވެ. ލަފާކުރުމުގައި ގެންގުޅޭ އެކިއެކި ވިސްނުމުގެ ސަބަބުން، މާކެޓް މޭކަރުންނަށް އެކިއެކި ނަން ދެވިފައި ވެއެވެ. މިސާލަކަށް ސާރިދޯޅުގެ (Bear) ނަމުން ނަންދެވިފައިވާ މީހުންނަކީ އަބަދުވެސް ހިއްސާގެ އަގު ދަށަށްދަނީ ކަމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. ހަމަ އެފަދައިން ދަޅުފީނި ފުއްލާގެ (Stag) ނަމުން ނަން ދެވިފައިވާ މީހުންނަކީ އަވަސް އަވަހަށް ހިއްސާގަނެ ވިއްކާ ބައެކެވެ. ގިތެލުގެ (Bull) ނަމުން ނަންދެވިފައިވާ މީހުން އުއްމީދު ކުރަނީ ހިއްސާގެ އަގުތައް އުފުލެމުންދާނޭ ކަމަށެވެ.

ހިއްސާގެ ބާޒާރުން އަދިވެސް އިތުރު އެތަކެއް ޚިދުމަތްތަކެއް އަންނަނީ ދެމުންނެވެ. ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތައް ކަމަށްވާ އެމެރިކާގެ ނެސްޑެކް ފަދަ، ޖަޕާނުގެ ނިކްކެއި ފަދަ، އިނގިރޭސިވިލާތުގެ ލަންޑަން ސްޓޮކް އެކްސްޗޭންޖް ފަދަ ހުރިހައި ހިއްސާގެ ބާޒާރު ތަކަކީ، ވިޔަފާރިއުސޫލުން ހިންގާ ތަންތަނެވެ. މާނައަކީ އެ ބާޒާރުތަކަކީ ވެސް އޭގެ ޒާތުގައި ޕަބްލިކް ލިމިޓެޑް ކުންފުނި ތަކެކެވެ. އެހެންކަމުން އެ ބާޒާރެއްގައި ގިނަ މެދުވެރިންނާއި، ގިނަ ކުންފުނިތަކާއި، އިންވެސްޓްމެންޓް ބޭންކްތައް ބައިވެރި ކުރުވުމުގެ މަޤްޞަދުގައި އެތަކެއް ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައި ވެއެވެ. އަދި ކުރަމުންދެއެވެ. އޭގެ ތެރޭގައި ހިއްސާދާރުންނަށް ފައިދާ ބަހައިދިނުމާއި، ޢާއްމު ޖަލްސާ ބާއްވާނޭ ތަން ހަމަޖައްސައި ދިނުމާއި، އިންޓަރނެޓާއި ޓީވީ މެދުވެރިކޮށް އަބަދާއި އަބަދު ތާޒާ މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ޚިދްމަތްތައް ވެއެވެ.

އެހެންކަމުން ހިއްސާ ބާޒާރެއްގެ ތަޢާރަފެއް ދޭއިރު އެއީ "ހިއްސާ ބާޒާރުގައި ބައިވެރިވުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ހިއްސާއާއި، ޑިބެންޗަރ އާއި ސެކިޔުރިޓީސް ވިއްކުމަށާއި، ހިއްސާ ބާޒާރުގައި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ މެދުވެރިންނާއި، މާކެޓް މޭކަރުންނާއި، އާއްމު ރައްޔިތުންނަށް ވިޔަފާރިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އުފެދިފައިވާ މުއައްސަސާއެކެވެ. އޭގެ އިތުރުން، އަލަށް އުފެދޭ ކުންފުނިތަކުގެ ހިއްސާ ވިއްކައިދިނުމާއި، ފައިދާ ބަހައިދިނުމާއި، އަނބުރާ ހިއްސާ ގަންނަން ބޭނުންވާ ކުންފުނިތަކަށް އެކަމުގެ މަގުފަހިކޮއްދިނުމާއި، ދުވަހުން ދުވަހަށް ވިޔަފާރިވެރިން ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެއް" ކަމުގައި ބުނެވިދާނެއެވެ.

ޤައުމެއްގެ އިޤްތިޞާދުގައި ހިއްސާ ބާޒާރުގެ ދައުރު

ހިއްސާ ބާޒާރުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ޤައުމެއްގެ ތެރޭގައި ފައިސާ ދައުރު ކުރުވުމެވެ. ފައިސާ އެކެއްގެ އަތުން އަނެކެއްގެ އަތަށް ދައުރުނުކުރާ ކޮންމެ އިޤްތިޞާދަކީ ކުރިއެރުން ލަސް، ދުވެލި މަޑު، އިޤްތިޞާދެކެވެ. އެހެންކަމުން، ހިއްސާގެ ބާޒާރު، ޤައުމެއްގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުވުމަށް ކުޅެދޭ ދައުރަކީ ވަރަށްވެސް މުޙިއްމު ކަމެކެވެ.

މިޒަމާނުގައި ޤައުމެއްގެ ހިއްސާ ބާޒާރުގެ އަގުތަކަކީ އެ ޤައުމެއްގެ އިޤްތިޞާދުގެ މޫނުބަލާ ލޯގަނޑެވެ. ކޮންމެ ދުވަހަކު ވެސް ހިއްސާ ބާޒާރުގެ އަގުތަކުގެ ތަފާސްހިސާބު ޝާއިޢު ކުރެވެއެވެ. އެއިން ދައްކުވައިދެނީ ޖުމްލަ ގޮތެއްގައި ހިއްސާ ބާޒާރުގެ އަގުތައް ހުރި ނެތް ގޮތެވެ. ސީ.އެން.އެން، ނުވަތަ ބްލޫމްސްބަރގ ޓީވީ ބައްލަވާ ހަމަ ކޮންމެ ބޭފުޅަކަށްމެ، ދުވާލަކު އެތައް ފަހަރަކު އެކިއެކި ޤައުމުތަކުގެ ހިއްސާ ބާޒާރުގެ ޙާލަތު އަންގުވައިދޭ އިންޑެކްސް ފެނިގެން ދާނެއެވެ. ހިއްސާ ބާޒާރު ދަށަށް ދާކަމުގައި ވަނީނަމަ، ޤައުމަށް ވަންނަ ފައިސާ މަދުވާނެއެވެ. ހިއްސާ ބާޒާރުގެ އަގުތަށް އުފުލޭނަމަ ޤައުމަށް ވަންނަ ފައިސާ އިތުރުވެ، އިޤްތިޞާދީ ދުވެލި ހަލުވިވެގެން ދާނެއެވެ. އެހެންކަމުން، ހިއްސާ ބާޒާރުގެ އަގުތަކަކީ އެ ޤައުމުގެ އިޤްތިޞާދު އޭގެ މައްޗަށް ބަރޯސާވާ އެއް މަޞްދަރެވެ.

ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމުގެ ޙަޤީޤީ ފައިދާ ހުރިހާ ރައްޔިތުންނަށް ފުރިހަމައަށް ނުލިބުން އެއީ ހުރިހާ ޤައުމެއްގައި ވެސް ދިމާވާ އިޤްތިޞާދީ ބޮޑު މައްސަލައެކެވެ. (Unequal distribution of unequal and wealth) ހިއްސާ ބާޒާރުގެ ސަބަބުން ޤައުމުގެ ކުރިއެރުމުގައި، ޤައުމުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދެއެވެ. އެހެނީ ހިއްސާއެއް ގަތުމުގެ ސަބަބުން، ކުންފުނިތަކަށް ލިބޭ ފައިދާގެ ސީދާ ހިއްސާއެއް އާއްމު ރައްޔިތުންނަށް ލިބިގެންދެއެވެ.

ދިވެހި ރާއްޖެއަށް ވިސްނާލާއިރު، ފަތުރުވެރިކަމުގެ ސަބަބުން ޤައުމަށް ވަންނަ އާމްދަނީގެ އެކަށީގެންވާ މިންވަރެއް ޢާއްމު ރައްޔިތުންގެ ގިނަ މީހުންނަށް ނުލިބޭ ވާހަކައަކީ ދުވަސްވީ ވާހަކައެކެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރެއް އުފެދުމުން، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިއްސާ، ހިއްސާގެ ބާޒާރުން ލިބެން ހުންނަނަމަ، މި މައްސަލައަށް ހައްލެއް ލިބިދާނެއެވެ.

ހިއްސާ ބާޒާރުގައި ފައިސާ އިންވެސްޓް ކުރުމުގެ ކުރިން ވިސްނަން ޖެހޭ ބައެއް ކަންތައްތައް:

1- އެހެނިހެން ވެސް ވިޔަފާރިއެކޭ އެއްފަދައިން ހިއްސާގެ ވިޔަފާރިއަކީ ވެސް އޭގައި ނުރައްކާ (Risk) އެކުލެވިފައިވާ ކަމެކެވެ. މާނައަކީ ހިއްސާ ވިޔަފާރީގައި ވެސް ގެއްލުމާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

2- ކުންފުންޏަކުން ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމުގެ ކުރީން، އެހެން ކުންފުންޏަކުން ތިމާމެންގެ މައްޗަށް ބާރު ހިންގާފާނޭކަން (Take Over) ވިސްނަން ވާނެއެވެ. މިސާލަކަށް ކުންފުންޏަކަށް ހުއްދަ ދެވިފައި ވަނީ އެއް ލައްކަ ހިއްސާ ވިއްކުމަށެވެ. އެ ކުންފުނިން ހިއްސާ ވިއްކާފައި ވަނީ ހިއްސާގެ ބާޒާރު މެދުވެރިކޮށް ކޮންމެ މީހަކަށްމެ ގަނެވޭގޮތަށެވެ. އެ ކުންފުނީގެ ވާދަވެރި އެހެން ކުންފުންޏެއް ވެއެވެ. ކުންފުނީން ހިއްސާ ވިއްކި ދުވަހުން ފެށިގެން އެމީހުން ގެންދިޔައީ ހިއްސާތައް ގަންނަމުންނެވެ. އަހަރެއްހާ ދުވަސްވީއިރު، އައު ކުންފުނީގެ ފަންސާސް އިން ސައްތަ ހިއްސާގެ ވެރިންނަކީ އެމީހުންގެ ވާދަވެރީންކަމުގައި ވެއްޖެއެވެ. މާނައަކީ އަލަށް ހިއްސާ ވިއްކި ކުންފުނީގެ ކޮންޓްރޯލް މިހާރު އެވަނީ އެބައިމީހުންގެ ވާދަވެރި ކުންފުނީގެ އަތުގައެވެ! ދުނިޔޭގެ މަޝްހޫރު ހިއްސާގެ ބާޒާރުތަކުގައި އެތަކެއް ޓޭކް އޯވަރ ނުހިނގާ އެންމެ ދުވަހެއް ނުދެއެވެ.

3- ހިއްސާ ބާޒާރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހާދިޘާތަކުގެ އަސަރު ވަރަށް ފަސޭހައިން ކުރާ ތަނެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. މިސާލަކަށް ސެޕްޓެމްބަރު 11 ޙާދިޘާއަށް ފަހު، ދުނިޔޭގެ ހުރިހާ ހިއްސާ ބާޒާރުތަކެއް "އަޑިޔަށް" ދިޔައެވެ. ހިއްސާ ގަނެވިއްކާ އެތައްބައެއްގެ ބަނޑުފުރާނަ މުއްތިކުރާނޭ ގޮތެއް ނެތި ދިޔައެވެ. ވީމާ ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކުގެ ޚަބަރުތައް އެއްކޮށް، އެޔާއިމެދު ފުންކޮށް ނުވިސްނާ މީހަކަށް ހިއްސާގެ ބާޒާރުން ގެއްލުމެއް ލިބުން ވަރަށް ގާތެވެ.

ހިއްސާ ބާޒާރެއްގެ ކާމިޔާބީ ބިނާވެފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް؟

ހިއްސާގެ ބާޒާރަކީ ޤައުމެއްގެ ކުރިއެރުމުގައި މުޙިއްމު ދައުރެއް އަދާކުރާ މުއައްސަސާއެއްކަން ޔަޤީނެވެ. އިޤްތިޞާދީ ދުވެލި ހަލުވިކޮށް، އެ ކުރިއެރުމުގައި ހުރިހާ ފަރުދުން ބައިވެރިކުރުވުމަކީ ހިއްސާގެ ބާޒާރުގެ އެންމެ މުހިއްމު އެއް ބޭނުމެވެ. ނަމަވެސް ހިއްސާ ބާޒާރެއްގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ޝަރުތު ތަކެއް ފުރިހަމަވާން ޖެހެއެވެ. މިފަދަ ބައެއް ޝަރުތުތަކުގެ ތެރޭގައި:

1- އާއްމު ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ވާންޖެހެއެވެ. ދުނިޔޭގައި ހިނގާ ކަންތަކުގެ އެކޮޅާއި މިކޮޅު ވިސްނާ ބަޔަކަށް ވާންޖެހެއެވެ.

2- ވިޔަފާރިވެރިންނަކީ ޙަރަކާތްތެރި ބަޔަކަށް ވާންޖެހެއެވެ. ކުންފުނިތަކުގެ އެކައުންޓިންގ ސިސްޓަމް (ހިސާބު ބެލެހެއްޓުމާއި އޭގެ މާނަތަށް ދެނެގަތުމުގެ ބައި) ރަނގަޅުކުރަން ޖެހެއެވެ.

3- ކުންފުނިތަކުން މަޢުލޫމާތު އާއްމުކުރުން އިތުރުކޮށް ފެންވަރު ރަނގަޅުކުރަން ޖެހެއެވެ.

4- ފުރިހަމަ ގޮތުގައި ހިއްސާ ބާޒާރެއް ހިންގުމަށްޓަކައި އެ ބާޒާރުގައި ބައިވެރިވާނޭ ކުންފުނިތަކެއް ބޭނުންވެއެވެ. އިންވެސްޓް ކުރާނޭ ރައްޔިތުންތަކެއް ބޭނުންވެއެވެ.

5- ހިއްސާގެ ބާޒާރަކީ ވިޔަފާރި އުސޫލުން ހިންގާ، ފައިދާއެއް ލިބޭ، އޭގެ ސަބަބުން ޤައުމަށް ފައިދާއެއް ވާ، ތަނަކަށް ވާންޖެހެއެވެ.

6- ތަނުގައި މަސައްކަތް ކުރާނެ، ކަމަށް ޤާބިލު ބަޔަކު ބޭނުންވެއެވެ. މެދުވެރިންނާއި، މާކެޓް މޭކަރުންފަދަ މީހުން ނެތި ހިއްސާގެ ބާޒާރެއް ކުރިޔަކަށް ނުދާނެއެވެ.

7- ޤަވައިދު ތަކަކާއި ޤާނޫނުތަކެއްގެ ދަށުން ތަނުގެ ހިންގުން ފުރިހަމަ ކުރަން ޖެހެއެވެ. ނޫންނަމަ ކުރީންވެސް ދެންނެވުނު ފަދައިން ހިއްސާގެ ބާޒާރަކީ ވަކި ބައެއްގެ ތަނެއްކަމުގައި ވެގެން ހިނގައިދާނެއެވެ.

ދިވެހި ހިއްސާގެ ބާޒާރުގައި ވެސް މަޑުމަޑުން މި ޝަރުތުތައް ހަމަވަމުން އެބަ ދެއެވެ. އުއްމީދު ކުރެވޭގޮތުގައި ދިވެހި ހިއްސާގެ ބާޒާރަކީ އިޤްތިޞާދީ ކުރިއެރުމުގެ ފައިދާ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ މުއައްސަސާއެއް ކަމުގައި ވެގެންދާނެއެވެ. އަދި އެ ބާޒާރުގެ ސަބަބުން ދިވެހި ވިޔަފާރިތައް ފުޅާވެ، ފަރުދުންގެ ފުދުންތެރިކަން އިތުރުވެގެން ދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.