މަތިންދާބޯޓްގެ ކަޅުފޮށި.....
- ޢަލީ ސަމީރު
- 16 ޖަނަވަރީ 2004
މަތިންދާބޯޓްވެއްޓޭ ހާދިސާ ތަކުގައި އަބަދުވެސް އެންމެހޯދަން ބޭނުން ވެފައިއޮންނަ އެއްޗަކީ އެބޯޓްގެ ކަޅުފޮއްޓެވެ. އެބުނާ ކަޅުފޮށި ނުވަތަ ބްލެކްބޮކްސް އަކީ ކޮބައިބާއެވެ؟
ކަޅުފޮށި ނުވަތަ ބްލެކް ބޮކްސް ކުރާ މަސައްކަތަކީ މަތިންދާބޯޓު ޖައްވުގެ ތެރޭގައި އޮންނަ ޙާލަތު ރެކޯރޑް ކޮށް ފޮރުވުމެވެ. އެގޮތުން އަބަދުވެސް 30 މިނެޓް ކުރީގައި ބޯޓް ގެ ސްޕީޑާއި ބޯޓް އޮތް އުސްމިނާއި، ވައިގެބާރުމިނާއި،ޖައްވުގެ ޙާލަތާއި، ކުއްލިއަކަށް ބޯޓަށް ދިމާވާ ގެއްލުންތަކުގެ މަޢުލޫމާތު އަމިއްލައަށް މިފޮށިން ރައްކާކުރެއެވެ.
މިކަންތައްތައް ކަޅުފޮށިންބަލާ ސާފުކުރަނީ އެކަމަށް ހާއްސަ ވަކިބައެކެވެ. މިކަޅުފޮށީގެ ސަބަބުން ބޯޓްވެއްޓެން ދިމާވީ ހަޤީޤީ ސަބަބު ހޯދުމަށް އެހީތެރިވެދެއެވެ. އެގޮތުން ބޯޓް ވެއްޓެންދިމާވީ ބޯޓަށް ދިމާވި މައްސަލައަކުންތޯއާއި ނުވަތަ ގޮވައިގެންތޯ ނުވަތަ ތަނެއްގައި ޖެހިގެންތޯ މިފޮށިން ސާފުކުރެއެވެ.
މިފޮއްޓަކީ ވަރަށް ރައްކާތެރިކަމާއި އެކު އެއަށް ގެއްލުމެއްނުލިބޭނޭހެން ހަދާފައިވާ ފޮށްޓެކެވެ. އެގޮތުން 1100 ފެރެންހައިޓް ގެ ހޫނުމިން މީތި ތަޙައްމަލުކުރެއެވެ. އަދި މި އޮންނަނީ ފެންގަނޑަކަށް ވެއްޓުނުނަމަވެސް އެއަށް ގެއްލުމެއް ނުލިބޭނޭގޮތަށް ވަރަށް ބޯއެއްޗަކުން ހަދާފައެވެ.
ހަމަ އެގޮތަށް މިފޮށި ބޯޓުގައި ބަހައްޓަނީވެސް ވަރަށް އަމާންތަނެއްގައެވެ. ގިނަފަހަރު މިފޮށި ހުންނަނީ ބޯޓުގެ ފަހަތުގައެވެ. އެއީ ބޯޓުވެއްޓިގެން ކުރިޔަށް ލިބޭ ގެއްލުމަށް ވުރެ ފަހަތަށް ލިބޭ ގެއްލުން ކުޑަވުމާއި ، ބޯޓުގެ ފަހަތަކީ އެންމެ ލުއިތަން ކަމަށް ވުމާއި އެކު ފެންގަނޑަކަށް ވެއްޓޭ ޙާލަތުތަކުގައި ފެންމަތީގައި އެބައި އޮންނާތީއެވެ.
ޙަޤީޤަތުގައި މިފޮށީގެ ކުލަޔަކީ ކަޅު ކުލައެއްނޫނެވެ. މިފޮށިހޯދުމަށް ފަސޭހައަކަށްޓަކައި މިފޮށި ހަދާފައިވަނީ އޮރެންޖްކުލައިންނެވެ. ނަމަވެސް މިއަށް ބްލެކްބޮކްސް ނުވަތަ ކަޅުފޮށި ކިޔަނީ މަތިންދާބޯޓުތަކަށްދިމާވާ ނުރައްކާތެރި ޙާދިސާ ތަކާއި މިފޮށީގެ މުހިއްމުކަމާއި ގުޅުވާފައެވެ.