Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ކުލައިން ފަރުވާ ދިނުން

ކުލައިން ފަރުވާ ދިނުން

kula-faruvaކުލައާއި އަލި ބޭނުންކޮށްގެން މީހުންނަށް ފަރުވާ ދިނުމަށް ކިޔާ ނަމަކީ ކަލަރތެރަޕީ ނުވަތަ ކޮރޯމޯތެރަޕީ އެވެ. މިކަން ބިނާވެފައި އޮންނަނީ ފަރުދުން ކުލަތަކަށް އިޖާބަދޭގޮތުން އެމީހުންގެ ޙާލަތު ދެނެގަނެވިދާނެ ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރެވުމެއްގެ މައްޗަށެވެ.

ކުލަބޭނުން ކޮށްގެން ފަރުވާދިނުން ފެށިގެންއައިސްފައިވަނީ ގަދީމީ މިސްރު އަދި ގަދީމީ ޒަމާނުގެ ޗައިނާއިންނެވެ. މިދެ ޙަޟާރަތުގައި ވެސް ޑޮކްޓަރީ ނިޒާމުގައި ދެވޭ ދެވަނަ ދަރަޖައިގެ ފަރުވާތަކުގެ ތެރޭގައި ކުލައިން ފަރުވާދިނުން ހިމެނިފައިވިއެވެ.

ގަދީމީ މިޞްރު މީހުން ކުލައިން ފަރުވާ ދިނުމަށް ބޭނުން ކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއެކެވެ. މިކޮޓަރި ފަރުމާކުރެވިފައިވަނީ އެކި ކުލަކުލައިގެ ބިއްލޫރިންނެވެ. މިބިއްލޫރި ތަކުގެ އެހީގައި ބަލިމީހާ އަލިން ފެންވަރުވާލަން ޖެހެއެވެ.

ކުލައިގެ ސަބަބުން މީހާގެ ޠަބީއަތަށާއި ސިއްހަތަށް މީހާގެ ވިސްނުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސައިންސްވެރީން ދިރާސާތަކެއް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެއްކުލަޔަށް ވުރެ އަނެއްކުލަ މީހާއަށް ކަމުދާ ކަމުދިޔުން ފަހަރުގައި ކުލައިގެ ސަބަބުން އޭނާޔަށް ކުރެވޭ އިޙްސާސްއާއި ގުޅިފައި އޮވެދާނެއެވެ.

ކުލައަކީ އަލީގެ ދޯދިތައް ލޮލުގެ ރެޓީނާގެ ފޮޓޯސެޕްޓަރސް ތަކުން ތަރުޖަމާކުރެވޭ ގޮތް ކަމަށް ބަޔާންކުރެވިދާނެއެވެ. މިފޮޓޯ ސެޕްޓަރތަކަށް ކިޔޭނަމަކީ ކޯންއެވެ.

ރެޓީނާގައި ތިންބާވަތެއްގެ ކޯން ހިމެނިފައިވެއެވެ. އެއީ ރަތްކުލައަށް ޚާއްސަ ކޯނަކާއި ފެހި ކުލައަށް ޚާއްސަ ކޯނެއްގެ އިތުރުން ނޫކުލައަށް ޚާއްސަ ކޯނެވެ. ތަފާތު އެހެނިހެން ކުލަތައް އިންސާނާއަށް ސިފަވަނީ ސިކުޑިން މިތިންކުލަ އެއްކޮށްލައިގެން ހިންގާ މަސައްކަތަކުންނެވެ.

އަލީގެ ހަކަތަ ހުރިހާ ކުލައެއްގައިވެސް ހިމެނިފައިވަނީ އެއް މިންވަރެއްގައެވެ. ލޮލުގެ ތެރެއިން ނުވަތަ ހަންގަޑުގެ ޒަރީއާއިން އަލީގެ ހަކަތަ އިންސާނެއްގެ ހަށިގަޑަށް ވަންނަވަގުތު ހަށިގަނޑުގެ ޕިޓިޔުއިޓެރީ ގްލޭންޑާއި ޕައިނިއަލް ގްލޭންޑް އިން ހޯމޯންތަކެއް އުފައްދައެވެ. މިހޯމޯންތަކުގެ ސަބަބުން ތަފާތު ފިސިއޮލޮޖިކަލް ކަންތައްތަކެއް ހަށިގަނޑުގައި ހިގައެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ހަރަކާތްތެރިވުމާއި އިހްސާސްތައް ހަމަޔަކަށް އަޅުވައިދެއެވެ.

ކުލައިގެ ސަބަބުން މީހާގެ ޠަބީޢަތާއި މީހާގެ ވިސްނުމަށް އަދި މީހާގެ އުޅުމަށް އަސަރުކުރުވާކަން އިސްވެދިޔަކަންތައްތަކުން ދޭހަވެއެވެ.

މީހާގެ ޠަބީއަށް ރަނގަޅުކުރުމަށް ކުލައެއް އިޚްތިޔާރު ކުރާއިރު އެމީހެއްގެ ހާލަތާއި އެންމެ ގުޅޭ ކުލަތަށް އެމަންޒަރުގައި ނުވަތަ އެއެއްޗެއްގައި ހުރުން މުހިންމެވެ.

ރަތްކުލަ : ރަތްކުލައިން ކަމަކާއި މެދު މީހާ އެކްސައިޓް ކުރުވާ ހަށިގަނޑު ހޫނުކޮށް ހަށިގަނޑުގައި ހަކަތަ އުފައްދުމަށް އެހީތެރިވެދެއެވެ. ހިތުގެ ހިގުން އަވަސްކޮށް ލޭދައުރުވުން އިތުރުކޮށްދެއެވެ. ސިކުޑި ހަރަކާތްތެރި ކުރުވުމުގެ އިތުރުން ނޭވާލާ ނިޒާމް ހަމަޖައްސާލައެވެ

ރަތްކުލައަކީ ފެޝަން އަދި ހަކަތައިގެ ކުލައެވެ. ވަރުދެރަވުމާއި ޖިންސީބަލިކަށިކަމަށްވެސް ރަތް ކުލައަކީ ރަނގަޅު ހައްލެކެވެ. އެނީމިއާއި ކުޑަކަމުދާނިޒާމުގެ ބަލިތައް އަދި ހަމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ރަތްކުލަ ބޭނުންކުރެވިދާނެއެވެ.

މީހުންނާއި ގުޅިގެން އުޅުމަށް އުދަގޫ މީހުން ރަތްކުލައިން ހެދުން އެޅުމާއި ދުރުހެލިވުން މުހިންމެވެ. ލޭމައްޗަށް ދާމީހުން ރަތްކުލައިން ޒީނަތްތެރިކޮށްފައިވާ ތަންތަނާއި ދުރުހެލިވުމާއި ލޭދަށް މީހުން މިފަދަ ތަންތާގައި އުޅުން ރަނގަޅެވެ.

ނޫކުލަ: ނޫކުލައަކީ ހަމަޖެހުމާއި މަޑުމައިތިރިކަމާއި ސުލްހަވެރިކަމުގެ ކަންކަމާއި ގުޅިފައިވާ ކުލައެއްކަމަށް ބެލެވެއެވެ. ހިތްހިގާ ރޭޓާއި ލޭގެ ޕްރެޝަރ ދަށްކޮށް ނޭވާލުން ލަސްކޮށްދެއެވެ. ދިރާސާތައް ބުނާގޮތުގައި ހަލަބޮލިކޮށް އުޅޭ ދަރިވަރުން ނޫކުލައިން ޑެކަރޭޓްކޮށްފައިވާ ކްލާސްރޫމަކަށް ލުމުން މަޑުމައިތިރިވުމަށް ބާރުއަޅައެވެ.

ހޫނު އަދި ވައިގެ ތެއްކަން ގަދަ ވެއްޓެއްގައި އުޅޭމީހުންނަށް ފިނި އިޙްސާސްކޮށްދިނުމަށް ނޫކުލަ އެހީތެރިވެދެއެވެ. ހަޖަމްކުރުގެ މައްސަލަތަކާއި ފުރަގަސްފަރާތަށް ދިމާވާބަލިތައް އަދި ފިހިފައި ހުންނަތަންތަނަށް ފަރުވާ ކުރުމަށް ނޫކުލައިގެ އެހީތެރިކަން ބޭނުންކުރެވިދާނެއެވެ.

ނޫކުލައިން ފަރުވާދިނުމަށް އެންމެ އެކަށޭނެ ޖައްވަކީ ރަށްފުށުގެ އަތިރިމަތި ފަދަ ތަންތަނެވެ. އުޑާއި ކަނޑުގެ ޠަބީޢީ ނޫކުލައަކީ މީހާ އަށް މަޑުމައިތިރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގެ ބައިވެރިޔަކަށް ވާނޭކަން ކަށަވަރެވެ.

ފެހިކުލަ: މީހާގެ އިހްސާސްތައް ފިނިކޮށްލަދީ މީހާ ހަމަޔަކަށް އެޅުވުމުގައި ފެހިކުލަ އެހީތެރިވެދެއެވެ. ކަންކަމާއި ކަންބޮޑުވެ މާޔޫސްވެފައިވާ މީހުން ފެހިކުލައިން އެހީތެރިކަން ހޯދިދާނެއެވެ.

ބިދިފައިވާ ކަށިގަޑެއް ރަނގަޅުކުރުން ނުވަތަ ޓިޝޫތައް އަލުން އިއާދަކުރުމުގައި ފެހިކުލަ އެހީތެރިވެދޭ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ސިކުޑި ހަމަނުޖެހުމާއި ބެކްޓީރިއާއިން ފެތުރޭބަލިތަކާއި ކެންސަރު އަދި ހިތުގެ ބަލިތަކަށް ފެހި ކުލައިގެ ފަރުވާ އެހީތެރިވެދެއެވެ.

ދަބުކުލަ: ވައިލެޓްކުލައަކީ ސުލްހަވެރި މާހައުލަކަށް އެހީތެރިވެދޭ ކުލައެކެވެ. ކާހިތްޖެއްސުވުމަށް އަދި ކިޑްނީގެ ބަލިތަކުގެ އިތުރުން މިގްރޭޝަން ބޮލުގައި ރިހުމަށްވެސް މީ ރަނގަޅު ކުލައެކެވެ. މަސަލްތައް ފިނިކޮށްލަދީ ނޭވާލުމުގެ ނިޒާމް މަޑުމައިތިރިކޮށްލަދެއެވެ.

ފިޔާތޮށިކުލަ: ބިރުވެރިކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ގެނެސްދޭ ކުލައެއްގެ ގޮތުގައި މިކުލަ ބެލެވެއެވެ. މިކުލައިގައި ހިމެނޭ މަޑުމައިތިރި ގޮތުގެ ސަބަބުން ޖަލުތަކާއި ރިހިބިލިޓޭޝަން ސެންޓަރުތައް އަދި ހޮސްޕިޓަލްތަކުގައި މިކުލަ ބޭނުންކުރުން ރަނގަޅެވެ.

އިންޑީގޯ: ތޮއްޖެހުން ކުޑަކަމަށް ދައްކުވައިދޭ ކުލައެއްގެ ގޮތުގައި މިކުލަ ބެލެވިފައިވެއެވެ. ކަންފަތާއި ނޭފަތް އަދި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށް މިކުލަ ރަނގަޅެވެ.

އޮރެންޖް: އޮރެންޖަކީ މީހާގެ ހަމާސް އިތުރުކޮށްދޭ ކުލައެކެވެ. އަދި ކާހިތްޖެއްސުމުގައިވެސް އެހީތެރިވެދެއެވެ. ކާމޭޒުމަތީގައި އޮރެންޖް ކުލަހުރުމަކީ ކާހިތް ނުވާމީހުން ކާހިތްޖެއްސުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ވަރުބަލިކަން އިހްސާސްވާނަމަ ނުވަތަ ގިނައިން ދުވަން ޖެހިއްޖެނަމަ އޮރެންޖް ހެދުމެއް ލައިގެން ހުރުމަކީ ރަނގަޅުކަމެކެވެ. ހަޖަމްކުރުމަށާއި ދިފާއީ ސިސްޓަމަށްވެސް މިކުލައިން އެހީތެރިވެދެއެވެ.

ރީދޫ : ރީދޫކުލައަކީ މީހާ ހަރަކާތްތެރިކޮށްދީ ކަންކަން ހަދާނުގައި ބެހެއްޓުމަށް އެހީތެރިވެދޭ ކުލައެކެވެ. ރީދޫ ކުލައިގެ ގަޑެއްގައި ޕޮއިންޓްތައް ފާހަގަކޮށް ނޯޓް ހެދުމަކީ ފިލާވަޅު ހަދާންބެހެއްޓުމަށް ރަނގަޅު ގޮތެކެވެ.

ރީދޫކުލައަކީ ލޭގެ ޕްރެޝަރމަތިކުރުމަށް ވާގިދޭ ކުލައެކެވެ. ނަމަވެސް ރަތްކުލައިން މިކަމަށް އެހީތެރިވެދޭ މިންވަރު ބޮޑެވެ. ޑެރެމަޓައިޓިސްއާއި އަދި މިނޫނަސް ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް މިކުލަ އެހީވެދެއެވެ.

ކަޅުކުލަ: މިއީ "ބާރު" ގެ ކުލައެވެ. ކަޅުކުލައިން ހެދުން އެޅުމަކީ ވަރުގަދަކަން އިޙްސާސްކޮށްދީ އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ވެދެވޭނެ އެހީއެކެވެ. ކަޅުކުލައަކީ ކާހިތްވުން ކުޑަކޮށްދޭކުލައެއްކަމުން ކާމޭޒް ގައި މިކުލަބޭޏުންކޮށްގެން ޑައިޓްއަށް އެހީ ހޯދިދާނެއެވެ.

Comments