ބުދަ20181121

އާކުރެވުނީ: 08:43:52

އަލްޓްރާ ސައުންޑް

U_Sއަލްޓްރާ ސައުންޑް އަކީ ކޮބާ؟

އަލްޓްރާ ސައުންޑަކީ ''އަޑުގެ ރާޅުބާނި''(Sound waves) ތަކެއްގެ ސިފައިގައި ބޭނުންކުރެވޭ ބާރު ނުވަތަ ހަރަކާތެކެވެ. މިބުނި އަޑުގެ ރާޅުބާނި ތައް ދައުރުވަނީ އިންސާނުންގެ ކަންފަތަށް އިވޭވަރަށްވުރެ، މާ ބާރު ފްރެކްއެންސީ އެއްގައެވެ. މިއަޑުގެ ރާޅުބާނި ތައް އެތެރޭގެ ގުނަވަންތަކުގައި ޖެހިފައި އައުމުން ''ސްކޭނަރ'' އިން ''ރީޑް'' ކޮށް ދެއެވެ.

އެއާއެކު އެތެރެހަށީގެ ގުނަވަންތަކުގެ ''ސޫރަ''އެއް ސްކޭނަރު ގައި އުފައްދައި ދެއެވެ. މާބަނޑު ދުވަސްވަރު އެކްސް-ރޭ ގެ ބަދަލުގައި އަލްޓްރާ ސައުންޑް ބޭނުންކޮށް އުޅެއެވެ. އެއީ އެކްސް-ރޭ އަށްވުރެ އަލްޓްރާ ސައުންޑް މައިމީހާ އާއި، ކުޑަދަރިފުޅަށް ރައްކާތެރި އެއްޗަކަށް ވާތީ އެވެ.

އަލްޓްރާ ސައުންޑް މަސައްކަތްކުރަނީ ކިހިނެއް؟

''ރިއަލް ޓައިމް އަލްޓްރާ ސައުންޑް''(Real time ultra sound) އަކީ އެންމެ އާންމުކޮށް ބޭނުންކުރެވޭ އަލްޓްރާ ސައުންޑްގެ ވައްތަރެވެ. މިވައްތަރު އަލްޓްރާ ސައުންޑް ބޭނުންކުރުމުން ކުޑަދަރިފުޅުގެ ހިތުގެ ތެޅުމާއި، އަތްފައިގެ ހަރަކާތްތަކާއި، އަދި އެހެނިހެން ހަރަކާތްތައް ދައްކައިދެއެވެ. އަލްޓްރާ ސައުންޑުން އުފައްދައިދޭ މިސޫރަތަކުން ކުއްޖާ ބޮޑުވަމުން އަންނަގޮތާއި، ރަހިމުގައި އޮތް ކުދިންގެ އަދަދާއި، ޕްލެސެންޓާގެ ތެރޭގައި ކުއްޖާ އޮތް ހިސާބު ދައްކައިދެއެވެ.

''ޑޮޕްލަރ އަލްޓްރާ ސައުންޑް''(Doppler ultra sound) އަކީ ވެސް ބޭނުންކޮށް އުޅޭ ވައްތަރެކެވެ. މިވައްތަރު ބޭނުންކުރުމުން އަޑު އިވޭ ސިގްނަލްތަކެއް ގެނެސްދެއެވެ. އަޑުގެ ރާޅުބާނިތައް ރިފްލެކްޓް ވުމުން މި ސިގްނަލްތައް ކުޑަދަރިފުޅުގެ ހިތުގެ ވިންދުގައި ހުންނަ ކަރަންޓް ސިގްނަލްތަކަކަށް ބަދަލުކޮށްލައެވެ. މި ސިގްނަލްތައް އެމްޕްލިފައިޑް ކުރުމުން މައިމީހާ އަށް ކުޑަދަރިފުޅުގެ ހިތުގެ ވިންދު ޖަހާ އަޑު އެހިދާނެއެވެ.

މާބަނޑު ދުވަސްވަރު އަލްޓްރާ ސައުންޑް ބޭނުންކުރެވެނީ ކިހިނެއް؟

ބަލިވެ އިންނަ ކޮންމެ އަންހެނަކަށް އަލްޓްރާ ސައުންޑް އަކީ އެހާ މުހިއްމު އެއްޗެއް ނޫނެވެ. އަލްޓްރާ ސައުންޑް ބޭނުންކުރަން ޖެހޭ ނަމަ އެކަން ޑޮކްޓަރުން ބުނެދޭނެ އެވެ. އެހެން ބައެއް ޓެސްޓްތަކުން ހޯދައިނުދޭ ކަންތައްތަކާއި، މައުލޫމާތުތައް އަލްޓްރާ ސައުންޑްގެ އެހީގައި ދެނެގަނެވެއެވެ. ގިނަ ހާލަތްތަކުގައި އަލްޓްރާ ސައުންޑް ބޭނުންކުރެވެނީ ކަމެއް ދެނެގަތުމަށާއި، ކަމަކަށް ދެވޭ ފަރުވާ އެއްގެ ގޮތުންނެވެ.

މާބަނޑު ދުވަސްވަރު އަންނަ ތަފާތު މަރުހަލާތަކުގައި ހަށިގަނޑު ރަގަޅަށް ބަލައި ޗެކްކުރުމަށް ތަކުރާރުކޮށް އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. ރަހިމުގެ ތެރޭގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަ ގޮތް އަލްޓްރާ ސައުންޑްގެ އެހީގައި ބެލެއެވެ. މިކަމުގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުނިކަމެއް ހުރިނަމަ އެކަން ދެނެގަނެވެއެވެ.

އަލްޓްރާ ސައުންޑްގެ އެހީގައި ކުޑަދަރިފުޅާއި ގުޅޭގޮތުން ދެނެގަނެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުއްޖާގެ އުމުރު، އުމުރާއި އަޅާބަލާއިރު ބަރުދަން ހުރިނެތްގޮތް، ބޮޑުވަމުން އަންނަ ނިސްބަތް، މަސްއޮތްތަން، ކުއްޖާގެ ހިތުގެ ތެޅުން، ނޭވާލުން، ހަރަކާތްތައް، ކުދިންގެ އަދަދު، ''އެމްނިއޮޓިކް ދިޔަ'' ހުރި މިންވަރު، ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނިސިފަތައް، އަދި މިނޫނަސް ތަފާތު އެތައްކަމެއް ހިމެނެއެވެ.

''ޑޮޕްލަރ އަލްޓްރާ ސައުންޑް'' ވިހެއުމުގެ ކުރިންނާއި، ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހިތުގެ ވިންދު ނުވަތަ ތެޅުން ހުރިނެތްގޮތް ދެނެގަތުމަށެވެ. ކުއްޖާގެ ހިތުގެ ވިންދުން އެކުއްޖާގެ ދުޅަހެޔޮކަން އަންގައި ދެއެވެ. ރަހިމުގެ ލޭހޮޅިތަކާއި، ކުޑަދަރިފުޅުގެ ހަށިގަނޑާއި، ފޫޅު ދަނޑީގައި ލޭހިނގުން ހުރި މިންވަރު ދެނެގަތުމަށް ވެސް މިވައްތަރު ބޭނުންކުރެވެއެވެ.

''ވެޖައިނަލް އަލްޓްރާ ސައުންޑް'' މާބަނޑު ދުވަސްވަރު އުފެދޭ ރިހުމާއި، ބޭރުވާ ލޭގެ އަސްލު ދެނެގަތުމަށް ބޭނުންކުރެވެއެވެ. ހަމަމިހެން ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން ފަދަ ކަންތައް ދެނެގަތުމަށް ވެސް މިވައްތަރު ބޭނުންކުރެވެއެވެ. އަދި ބަލިވެއިންނަތާ ކުރީކޮޅު ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނި ސިފަތައް ދެނެގަތުމަށް ވެސް މިއީ ހެދުން ރަގަޅު މުހިއްމު ޓެސްޓެކެވެ.

އަލްޓްރާ ސައުންޑް ސްކޭން ޓެސްޓް ހަދަނީ ކިހެނެއް؟

އަލްޓްރާ ސައުންޑް ސްކޭން ޓެސްޓް ހެދުމަށްޓަކައި ގަޔަށް ފަސޭހަ ދޫހެދުމެއް ލާށެވެ. ''ޓްރާންސް ވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން'' ހަދާނަމަ އުނަގަނޑުން ތިރި ކަޝްފުކޮށް ހަމައެކަނި ފޮތިގަނޑަކުން ނިވާކުރެވެއެވެ.

ބައެއް ޓެސްޓްތަކުގައި މަސާނާ ފުރިފައި ހުންނަން ޖެހެއެވެ. މިފަދަ ހާލަތުގައި ޓެސްޓް ހެދުމުގެ އެއް ގަޑިއިރު ކުރިން ދެތިންތަށި ފެންބުއިމަށް އިރުޝާދު ދެވެއެވެ. އަދި ޓެސްޓް ހެދުމުގެ ކުރިން ކުޑަކަމުދިއުމަށް ވެސް ލަފާދެއެވެ. މަސާނާ ފުރިފައި ހުރުމަކީ ޅިދުކަށިގަނޑު ހިމެނޭ ހިސާބުގައިވާ ގުނަވަންތައް ސްކޭނަރުން ދައްކައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މިގޮތަށް ޓެސްޓް ހެދުމުގެ ތެރޭގައި ދިމާވާ ހަމައެކަނި އުދަގުލަކީ މަސާނާ ފުރިފައި ހުރިކަމުގެ އިހްސާސްވުމެވެ.

އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ހެދޭ ގިނަ ޓެސްޓްތަކުގައި ބަލިމީހާ އުއްޑުން މޭޒެއްގެ މަތީގައި ބާއްވައެވެ. އެއަށްފަހު މޭމަތިން ފެށިގެން ފިދުމަސްގަނޑާއި ހަމައަށް ކަޝްފު ކުރެވެއެވެ. އެއަށްފަހު ދިޔާ ޖެލްއެއް ބަނޑުމަތީގައި އުގުޅައެވެ. މީގެ ބޭނުމަކީ ''ޓްރާންސްޑިއުސަރ''އާއި ހަންގަޑުގެ ގުޅުން ރަގަޅުކުރުމެވެ. އެއަށްފަހު ''ޓްރާންސްޑިއުސަރ'' ބަނޑުމަތީގައި ހަރަކާތްކުރެވެއެވެ. ''ޓްރާންސްޑިއުސަރ'' އިން ފޮނުވާ ''އަޑުގެ ރާޅުބާނި''ތައް ހަށިގަނޑަށް ވަނުމަށްފަހު އެތެރެހަށީގެ ގުނަވަނެއްގައި ޖެހުމުން ރިފްލެކްޓް ވެއެވެ. މިގޮތަށް ރިފްލެކްޓްވުމުން ކުއްޖާ ނުވަތަ އެގުނަވަނެއްގެ ސޫރަ ސްކޭނަރަށް ނަގައިދެއެވެ.

އަލްޓްރާ ސައުންޑް ގެ ރައްކާތެރިކަމާއި ފައިދާ

އަލްޓްރާ ސައުންޑުން ހަށިގަނޑަށް ކުރާ އަސަރު މިހާރު ވެސް ދަނީ ދިރާސާކުރެވެމުންނެވެ. ބޭނުންކުރާތާ އެތައް އަހަރުތަކެއް ވެފައިވާއިރު މައިމީހާއާއި، ކުޑަދަރިފުޅަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބޭކަމަކަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ. އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ހެދޭ ޓެސްޓްތަކުގައި ހަށިގަނޑަށް ނުރައްކާތެރި ރޭޑިއޭޝަން ތަކާއި، ބޭސްތަކާއި، ކެމިކަލްތަކެއް ބޭނުމެއް ނުކުރެއެވެ. ބައެއް ބަލިތައް ދެނެގަތުމަށްޓަކައި ވެސް އަލްޓްރާ ސައުންޑް ބޭނުން ކުރެވެއެވެ. މައިމީހާ އާއި ކުޑަދަރިފުޅުގެ ސަލާމަތަށްޓަކައި މާބަނޑު ދުވަސްވަރު އަބަދުވެސް އަލްޓްރާ ސައުންޑް ގެ އެހީގައި ހަށިގަނޑު ޗެކްކޮށް ބަލައި ހެދުމަކީ ރަގަޅު ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.