އޭރަލް ކަނޑު: މިހާރު މުޞީބާތުގެ ކަނޑެއް
- ޢަލީ އިސްމާޢީލް
- 04 އޯގަސްޓު 2011
ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ އާގުބޯޓް އެހުރީ އެހެލާފައެއް ނޫނެވެ. ބޯޓް ބަނދަރުކޮށްފައި އޮތް އޭރަލް ކަނޑު އެއޮތީ އެއްކޮށް ހިކި، ހަނަފަސް ސަހަރާއަކަށް ބަދަލުވެފައެވެ. މިއީ މި ކަނޑުގައިވާ އެތައް އާގުބޯޓެއްގެ ތެރެއިން ބޯޓެކެވެ.
އޭރަލް ކަނޑަކީ ޙަޤީޤަތުގައި ކަނޑެއްނޫނެވެ. އެއީ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ފަދަ ހަނަފަސް ސަހަރާއެއްވެސް ނުމެ ނޫންމެއެވެ. އޭރަލް ކަނޑަކީ ވަށައިގެން އެއްގަން އޮންނަގޮތަށް އޮތް ވަރަށް ބޮޑު ލޭކްއެކެވެ. ފެންގަނޑެކެވެ. އެއީ ދުނިޔޭގައިވާ މިބާވަތުގެ ހަތަރުވަނައަށް އެންމެ ބޮޑު ލޭކެވެ. އޭރަލް ލޭކް ނުވަތަ ޢާންމުކޮށް ކިޔާގޮތަށްނަމަ އޭރަލް ކަނޑުގެ ބޮޑުމިން އެމެރިކާގެ އެންމެ މުއްސަނދި އެއް ސްޓޭޓްކަމަށްވާ ކެލިފޯނިޔާ ވަރުވެއެވެ!
އޭރަލް ކަނޑަކީ އެއްދުވަސް ވަރެއްގައި މަސްވެރިންނާއި ބޮޑެތި އާގުބޯޓް ފަހަރު ދަތުރުކުރި ވަރަށް ފުން، ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު ކަނޑެކެވެ. ނަމަވެސް މިއަދު އޭރަލް ކަނޑުވަނީ އެތަނުގެ ކުރީގެ ސައިޒަށްވުރެ، ނުވަދިހަ ޕަސެންޓު ކުޑަވެފައެވެ. މިހެން ވާން ދިމާވީ ކަނޑު، އެއްގަމަށް ބަދަލުވުމުންނެވެ. ކަނޑުގެ ބޮޑުބައެއް ހިކުމުގެ ސަބަބުން، މުޅި ކަނޑު މިއަދު ބަދަލުވެފައިވަނީ ސަހަރާއަކަށެވެ. ކަނޑުގައި އަޅާފައި ހުރި އާގުބޯޓްފަހަރު މިއަދު އެހުރީ ވީރާނާވުމަށް އެއްގަމުގައެވެ. މަސްވެރިންނާއި އާގުބޯޓްފަހަރު އަވަދިނެތި ހަރަކާތްތެރިވި ކަނޑުގައި އެހުރީ ވިނަ ގަސްތައްފަޅާފައެވެ. މަސްމަހާމެހީގެ ބަދަލުގައި ކަނޑުގައި ދުވަނީ ޖަމަލުފަދަ ސަހަރާގައި އުޅޭ އެއްގަމު ޖަނަވާރެވެ.
އޭރަލް ކަނޑަށް މިހެން މިވީ ކީއްވެތޯއެވެ؟ އޭރަލް ކަނޑަށް މިގޮތް ދިމާވީ ހަނަފަސް ސަރަހައްދެއްގައި ކަފަ ހެއްދުމަށްޓަކައި، އޭރަލް ކަނޑާއި ގުޅިފައިވާ މައި ދެ ކޯރުކަމަށްވާ، ސީރް ޑަރްޔާ ކޯރާއި އަމޫ ޑަރްޔާ ކޯރުގެ މިސްރާބު ކަފަ ދަނޑުތަކާއި ދިމާލަށް އަނބުރާލުމުންނެވެ. ނަތީޖާއެއްގެ ގޮތުން ވަށައިގެން ބެދިފައި އޮތް މި ކަނޑަށް ފެން ލިބޭނެ ގޮތެއް ނެތުނީއެވެ. އެއާއެކު ކަނޑު ހިނދެންފެށީއެވެ.
އޭރަލް ކަނޑުގެ މައްސަލައެއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ، އިންސާނީ މުސީބާތެކެވެ. ޞިއްޙީގޮތުންނާއި އިޤްތިޞާދީގޮތުންނެވެ. ސަޤާފީގޮތުން ވެސްމެއެވެ.
ސަރަހައްދުގެ އެތައްހާސްބައެއްގެ ދިރިއުޅުން ބިނާވެފައިއޮތީ، މި ކަނޑުގެ މަސްވެރިކަމުގެ މައްޗަށާއި ބޯޓްދަތުރުފަތުރުގެ މައްޗަށެވެ. ކުއްލިއަކަށް ކަނޑުގެ ސަރަހައްދު ކުޑަވާން ފެށުމުން، ކަނޑާއި ގުޅިފައިވާ ސިނާޢަތްތައް ހުއްޓުނީއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްކުރެވޭ ޢުމުރުގެ ގިނަބަޔަކު މަސައްކަތް ހޯދުމަށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެ، ޒަމާނުއްސުރެ ދިރިއުޅެމުން އައިގޮތް ބަދަލުކުރާންޖެހުނީއެވެ. ކަޒަކްސްތާނުގައި ވަޒީފާނެތް މީހުންގެ ޢަދަދު މިއަދު އެންމެ ގިނައީ އޭރަލް ކަނޑުގެ ސަރަހައްދުގައެވެ.
ކަނޑު ހިކުމުން ވެއްޓަށް އައި ބޮޑު ބަދަލާއެކު ބަލިމަޑުކަމާއި މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިލާންޖެހުނެވެ. ވަޔާއެކު އަންނަ ލޮނުގެ މިންވަރު މަތި ވެލީގެ ސަބަބުން، ކެންސަރާއި، އެނީމިއާ އާއި ކެއްސުން ބަލީގެ ޢާފާތެއްގެ ތެރޭގައި މީހުން އުޅެމުން ދާއިރު، ގަސްގަހާގެއްސާއި ޖަނަވާރުގެ ދުޅަހެޔޮކަންވެސް ވަނީ ގެއްލިފައެވެ.
ހަނޑުލާއި ކަފަ ހެއްދުމަށް ބޭނުންކުރި ވިހަ މާއްދަތާތައް، އޭރަލް ކަނޑާއި ގުޅިފައިވާ މައި ދެކޯރުކަމަށްވާ ސީރް ޑަރްޔާ ކޯރަށާއި އަމޫ ޑަރްޔާ ކޯރަށް އެޅުމުގެ ނަތީޖާއަކަށް ވެފައިވަނީ، ސަރަހައްދުގެ ފެން ތަޣައްޔަރުވުމެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ދަރިންގެ ޢައިބްހުރުމާއި، މޭގެ ކެންސަރު ފަދަ ބަލިތައް ޖެހޭ މިންވަރު ވަނީ މަތިވެފައެވެ.
އޭރަލް ކަނޑަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މި ކުރިމަތިވި ކާރިސާ ހިމަނަންޖެހެނީ، އިންސާނީ ތާރީޚްގައިވެސް ތިމާވެއްޓަށް ދިން އެންމެ ބޮޑެތި އަނިޔާތަކުގެ ތެރޭގައެވެ. އޭރަލް ކަނޑުގެ ކާރިސާ އިންސާނުންނަށް މުހިންމު ފިލާވަޅެއް ދަސްކޮށްދީފިއެވެ. ނަމަވެސް ދޭހަވާނީ ބުއްދީގެ އަހުލުވެރިންނަށެވެ.
އޭރަލް ކަނޑު އޮންނަނީ ކޮންތާކު؟
އޭރަލް ކަނޑަކީ މެދުތެރޭ އޭޝިޔާގައި އޮންނަ ކަނޑެކެވެ. އޭރަލް ކަނޑު އޮންނަނީ އުތުރުން ކަޒަކްސްތާން އާއި، ދެކުނުން އުޒްބެކިސްތާންގެ މިނިވަން ސަރަހައްދެއްކަމަށްވާ، ކަރަކަލްޕަކްސްތާން އާއި ދެމެދުގައެވެ1960 . ގެ އަހަރުތަކުގައި އޭރަލް ކަނޑު ކުޑަވާން ފެށުމުގެ ކުރީގައި ކަނޑުގެ ބޮޑުމިނަކީ 68,000 އަކަ ކިލޯމީޓަރެވެ.
ތިރީގައި މިވަނީ އޭރަލްކަނޑުގެ މަތިން ނަގާފައިވާ ދެ ފޮޓޯއެވެ. މި ދެފޮޓޯއިން އޭރަލް ކަނޑުގެ ވެއްޓަށް އަންނަމުންދިޔަ ހަލުވި ބަދަލުތައް ދައްކުވައިދެއެވެ. އޭރަލް ކަނޑަކީ ދިވެހި ސީމަނުންވެސް ދަތުރުކުރި ކަނޑެކެވެ.