ބުދަ20201125

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލި ޒަޔަނިޒަމް

އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލި ޒަޔަނިޒަމް

natanއިޒްރޭލުން ޢަރަބިންގެ ބިންތައް ހިފައި، އެތަންތާ ހިންގާ ވަޙުޝީ ޢަމަލުތަކަށް ދުނިޔެ ލޯމަރާލާފައި އޮތް އިރުވެސް، އިންސާނުންގެ ތެރޭގައި އަދިވެސް ޟަމީރުގެ އަހަލުވެރިން އެބަ ތިއްބެވެ. ދުވާލުގެ މެންދުރުވަގުތު ފާޅުގައި މިފަދަ ވަޙުޝީ ޢަމަލުތައް ހިންގާއިރު ގިނަމީހުންނަށް ރޭކައި ނުލަނީ ޙަޤީޤަތުގައި މީހުންގެ ކުށެއްވެސް ނޫނެވެ. ދުނިޔޭގެ ޚަބަރުފަތުރާވަސީލަތް ތައް ވަކިފަރާތަކަށް ޖެހިތިބެ ފަތުރާ ޚަބަރުތަކުގެ ސަބަބުން ގިނަ މީހުންނަށް އޮންނަނީ ޙަޤީޤަތް އޮޅިފައެވެ. ޚާއްސަކޮށް ހުޅަނގު މީހުންނަށެވެ.

ނަމަވެސް ހަޤީޤަތް ހޯދަން މަސައްކަތް ކުރާ މީހުންނަށް މަގު އޮތީ ބަންދުވެފައެކޭ ނުދެންނެވޭނެއެވެ. ފަލަސްތީނު-އިޒުރޭލު ކޯޅުންގަނޑުގައި ޝަހީދުވެފައިވާ ބޭރުމީހުންގެ ލިސްޓަށް ބަލާލިޔަސް މިކަން ދޭހަވެއެވެ. އޭގެ ތެރޭގައި މަދުން ނަމަވެސް ހުޅަނގުގެ ދޮންމީހުން ހިމެނެއެވެ. އަދި ކިއެއްތޯއެވެ. ޣައިރު މުސްލިމުންވެސް ހިމެނެއެވެ.

ޒަޔަނިޒަމްގެ ނަސްލީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތާ އިދިކޮޅަށް އެ ޤައުމުގެ ރައްޔިތަކު ނުކުމެ ހަނގުރާމަ ކުރާނޭ ބުނާނީ ކާކު ހެއްޔެވެ؟ ޖަވާބުގައި ބުނަން ޖެހޭނީ ކޮންމެ މުޖުތަމަޢެއްގައިވެސް ޟަމީރުގެ އަހުލުވެރިން ތިބޭވާހަކައެވެ. އިޒްރޭލުގެ ޔަހޫދީންގެ ތެރޭގައިވެސް އަނިޔާވެރިކަމާ އިދިކޮޅު މީހުން އުޅެއެވެ. ޢަދުލު އިންސާފަށް ލޯބިކުރާ މީހުން އުޅެއެވެ. އަދި ހުރިހާ ޔަހޫދީންނަކީ ޒަޔަނިޒަމްގެ ފިކުރުތައް ޤަބޫލުކުރާ ބައެއްވެސް ނޫނެވެ.

މިތާގައި މިލިޔެލަނީ އިޒްރޭލުގެ އަނިޔާވެރިކަމާ އިދިކޮޅަށް ޙަރަކާތްތެރިވާ އެޤައުމުގެ ރައްޔިތަކާ ބައްދަލުކުރުމަށްފަހު އޭނާ ދައްކާފައި ހުރި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާއާ ބެހޭގޮތުން އިސްލާމްއޮންލައިން. ނެޓް ގައި ޝާއިޢު ކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ޢުމުރުން 55 އަހަރުގެ ސޫޒަން ނަތާން، އޭނާ މުޅި ޢުމުރުދުވަހު އީމާންވި ޒަޔަނިޒަމްގެ ފިކުރުތަކުން އެންމެ ފަހުން ބަރީއަ ވެގެންފިއެވެ. އެއަށްފަހު ތައްލުއަބީބުގައި ހުރި އޭނާގެ ގެ ދޫކޮށް ޖަލީލުސަހަރަށް ދިރިއުޅުންވެސް ބަދަލުކުރިއެވެ. ޢަރަބީންގެ ތެރެއަށެވެ. އަމިއްލަ ގެދޮރު ދޫކޮށް ރަށުން ފައިބަން މަޖުބޫރުކުރެވުނު ފަލަސްތީނު ރައްޔިތުން އެނބުރި އެމީހުންގެ ރަށަށް އައުމުގެ ޙައްޤާއި މެދު އިހުމާލުވެލެއްވުމުގެ ސަބަބުން ފަލަސްތީނުގެ ޔާސިރު ޢަބްދު ރައްބު އާއި އިޒްރޭލުގެ ޔޫސީ ބިލީންއަށް ނާތާން ފާޅުގައި ފާޑުކިޔަންފެށިއެވެ. މި ދެބޭފުޅުންނަކީ ޖެނީވާ އެއްބަސްވުމުގެ ކަރުދާސް ތައްޔާރުކުރެއްވި ދެބޭފުޅުންނެވެ. ހަމަ އެހެންމެ ޔަހޫދީ ދައުލަތުން ޢަރަބީންގެ ޙައްޤުގައި ކުރަމުންގެންދާ އަނިޔާވެރި ޢަމަލުތަކާއި އޭނާ ކަނޑައެޅިގެން ދެކޮޅުހެދިއެވެ. މި ސަބަބުތަކާއި ހުރެ އިޒްރޭލުގެ މުޖުތަމަޢުން ވަނީ އޭނާއާއި ގުޅުން ކަނޑާލާފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. މިއިން އެއްވެސް ކަމަކާ ނާތާން ފަރުވާލެއް ނުބަހައްޓައެވެ.

އެނބުރި ރަށަށް އައުމުގެ ޙައްޤު

ނާތާން ކަށަވަރުކޮށްދޭގޮތުގައި 48 ވަނަ އަހަރު ރަށުން ބޭރުކޮށްލެވުނު ފަލަސްތީނު ރައްޔިތުންނަށް އެނބުރި އެމީހުންގެ ވަތަނަށް އައުމުގެ ޙައްޤު އޮންނަން ޖެހޭނެއެވެ. ވީއިރު ފަލަސްތީނު މީހުނަށް ލިބެންޖެހޭ މި ޙައްޤާއި މެދު އިހުމާލުވުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެކަމެއް ނޫނެވެ. ކިތައްމެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅެއްކަމުގައި ވިޔަސްވެހެވެ.

ޒަޔަނިޒަމް ގެ އައިޑިޔޮލޮޖީ އާއި މުޅިން އިދިކޮޅުހަދާކަން ނަތާން އިޢުލާންކުރި ހިސާބުން ފެށިގެން، އިޒްރޭލުގެ ހޫނު ޙަމަލާތައް އޭނާ އަށް އަންނަނީ ރައްދުވަމުންނެވެ. އޭނާ ހަމައެކަނި މި ފިކުރުތަކާއި އިދިކޮޅު ހަދަނީއެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއާއި އިދިކޮޅަށް ހަނގުރާމަވެސް އޭނާ ވަނީ ފަށާފައެވެ. އޭނާ ބުނާގޮތުން ނަމަ "ޒަޔަނިޒަމް އަކީ ބަޔަކު މީހުން އަޅުވެތިކޮށް އިނދަޖައްސާ، އަދި ނަސްލީ އިމްތިޔާޒު ބޭއްވުމާއި އެހެން މީހުންގެ ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަތުމުގެ އިތުރުން ދޮގާއި ހީލަތުގެ މައްޗަށް ބިނާކޮށް އުފައްދާފައި އޮތް ޙަރަކާތެއްކަން އަހަރެންނަށް ރޭކައިލީ އެތައް ދިހަ އަހަރެއްގެ ފަހުން" ނެވެ.

އޭނާގެ މައްޗަށް ޚިޔާނާތްތެރި ވީކަމުގެ ތުހުމަތު ކުރެވި، މުޅިން ގުޅުން ކަނޑާލުމުންވެސް، ނާތާންގެ ސާބިތުކަމަކަށް ގުޑުމެއް ނާރައެވެ. އޭނާގެ ޢަޒުމް ވީ ހައްތާ ގަދައެވެ. މި ހުރިހާ ކަމެއްގެ އަގެއްގެ ގޮތުން އޭނާ ކުރިން އުޅުނު ފާގަތި ދިރިއުޅުން ދޫކޮށްލަން ޖެހުނެވެ. އަދި އޭނާގެ ޤައުމު ކަމުގައި ބަލަމުންއައި އިޒްރޭލުގެ ގެ މުޖުތަމަޢާއި މުޅިން ވަކިވާން ޖެހުނެވެ.

ނާތާން ވަރަށް ސަރީޙަ ބަހުން ބުނެއެވެ. "އަހަރެން ދެކެން ބޭނުންވަނީ، ޢަރަބީންނަށް ވެސް ޔަހޫދީން އުޅޭކަހަލަ ދިރިއުޅުމެއް އުޅެވޭނެ ތަން. ޔުނިވަރުސިޓީތަކުގައްޔާއި މަދަރުސާތަކުގައި، އަދި އެނޫނަސް އިޒްރޭލު މީހުން ފަދައިން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި" އޭނާ، އިޒްރޭލުގެ ބޮޑުވަޒީރު އަރިއޭލް ޝަރޯން ސިފަކުރާގޮތުގައި، ޝަރޯނަކީ "ހަނގުރާމައިގެ މުޖުރިމެއް" އެވެ. ވީމާ ނަތާން ތަމްސީލުކޮށްދޭ މީހެއްގެ ހައިސިއްޔަތުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ޖަލްސާތަކުގައި، ބައިވެރިވުމުގެ ޙައްޤު ޝަރޯންއަކަށް ލިބިގެން ނުވާނެއެވެ.

ނާތާން އުފަންވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އޭނާގެ ބައްޕައަކީ ދެކުނުއެފްރިކާ މީހެކެވެ. މަންމައަކީ އިނގިރޭސިއެކެވެ. ތަޢުލީމު ޙާސިލްކުރީ އިނގިރޭސިވިލާތުންނެވެ. އެކި ދާއިރާތަކުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރެއިން ތަޢުލީމީ ދާއިރާގައްޔާއި އެއިޑްސް މައިތިރިކުރުމުގެ ދާއިރާގައި އޭނާ މަސައްކަތްކޮށްފައި ވެއެވެ. އެއަށްފަހު 1999 ވަނަ އަހަރުގައި އިޒްރޭލަށް ދަތުރުކުރިއެވެ.

ޤުދުސް ނުރައްކަލުގެ ތެރޭ

"ޤުދުސް ނުރައްކަލުގެ ތެރޭ" މި ޝިޢާރުގެ ދަށުން އުއްމުލްފަޙުމް ގައި ބޭއްވޭ އިސްލާމީ ފެސްޓިވަލެއްގައި ނާތާން ބައިވެރިވީ އެއްވެސް ޖެހިލުމެއް ބިރެއް ނެތިއެވެ.

އޭނާ ބުންޏެވެ: "އަހަރެންގެ އުޅުމާއި ޚިޔާލު ހުރިގޮތުން އިޒްރޭލުތެރޭގައި އެއީ ބޮޑު ކަންތައްގަނޑެއް ކަމުގައި ވިއެވެ. އެ އިޒްރޭލަކީ އަހަންނަށް އެތަން ދަސްވެފައިވާތާ ބައި ޤަރުނަށްވުރެ ވެސް ގިނަދުވަސްވެފައިވާ ތަނެކެވެ. އެމީހުންގެ އައިޑިޔޮލޮޖީއަށް ފުރިހަމައަށް އީމާންވީ ޒަޔޮނީ (ޒަޔަނިސްޓް) އެއްގެ ހައިސިއްޔަތުންނެވެ. އަދި މި ފިކުރުތަކުން ހިތްވަރު ލިބިގެން މީގެ ހަތަރު އަހަރުކުރިން އަހަރެން، ވަޢުދުވެވޮޑިގެންފައިވާ ބިމަށް ހިޖުރަކުރީމެވެ."

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަމުން އޭނާ ބުންޏެވެ: "އަހަރެން އިޒްރޭލަށް އައީ ޔަހޫދީއެއްގެ ގޮތުގައެވެ. އަދި އަހަރެން ކުޑައިރުއްސުރެ އެ އެއްޗަކަށް އީމާންވި ޒަޔަނިޒަމްގެ ފިކުރުތަކުން ސިކުނޑި ފުރާލައިގެން އައި އަލަތު މީހެއްގެ ގޮތުގައެވެ. ޚާއްސަކޮށް އަހަރެން ތަރުބިއްޔަތުވެ ބޮޑުވެފައިވަނީ ޒަޔޮނީ ލިބަރާލީ ފިކުރު މުޅިން ޤަބޫލުކުރާ ގެއެއްގެ ތެރޭގައެވެ. އަހަރެންގެ ޢާއިލާއަކީ، 1967 ގައި އިޒްރޭލުގެ ޚާރިޖީވަޒީރުކަން ކުރެއްވި އަބާއިބްޔާން އާއި އެންމެ ރަޙުމަތްތެރި ޢާއިލާއެވެ."

ނާތާން ބުނާގޮތުންނަމަ ޒަޔޮނީ ޙަރަކާތުން ވަނީ އޭނާގެ ޢާއިލާ ވަލުވައްދާފައެވެ. "އެމީހުނަށް އަހަރެމެން ވަލުވައްދާލެވުނު، އަހަރެން ދިރިއުޅުން ވޭތުކޮށްފައި މިވަނީ ޒަޔަނިޒަމްއޭ ކިޔާ ބޮޑު ދޮގެއްމަތީގައި. އަހަރެން އީމާންވީ ގޮތުގައި ޔަހޫދީއެއްކަމުގައި ވާނަމަ އިޚްލާސްތެރި ޒަޔޮނީއަކަށް ވާންޖެހޭނެ. ނަމަވެސް މިއަދު އަހަރެންނަށް، އަހަރެން ފަޚުރުވެރިމިވާ ޔަހޫދީ ދީނަށް ރައްކައުތެރިވެވޭނީ މި ޒަޔަނިޒަމްގެ ފިކުރުތައް ދޫކޮށްލުމުންކަން މުޅިން ޔަޤީންކުރެވިއްޖެ. ސަބަބަކީ މީގެ ކުރިން ޢަރަބީންނޭ ކިޔައިގެން އަހަންނަށް ލިބިފައިހުރި މަޢުލޫމާތަކީ މުޅިންވެސް ދޮގާއި ހޮޅިވާހަކަ ކަމަށް ވާތީ"

ފަލަސްތީނުގެ އިންތިފާޟާ އާއި ޢަރަބީންގެ 13 ޒުވާނަކު ޖަލީލު ސަހަރާއި އަލްމުޘައްލަޘް ގައި، އިޒްރޭލު ސިފައިންގެ ވަޒަން އަރައިގެން ޝަހީދުވީ ޙާދިސާ ހިމެނިގެން ދިޔައީ ނާތާން ގެ ފިކުރުތައް ބަދަލުކޮށްލި އެއް ކަންތައް ކަމުގައެވެ. އެ ކަމާއި ބެހޭގޮތުން އޭނާ ބުންޏެވެ: "އަހަރެންގެ ވަށައިގެން ވާ ހުރިހާ އެއްޗަކާއި މެދު ވިސްނަމުން އައި ގޮތް އިންތިފާޟާއިން ބަދަލުކޮށްލި. އަރަބީންގެ ދިރިއުޅުން އަމިއްލަ ލޮލުން ދެކިލުމަށް، ޢަރަބި އަވަށަކަށް ޒިޔާރަތްކުރަން އޭގެ ކުރިއަކުން އަހަރެން ވިސްނާފައެއް ނެތީމު. ބިންތައް ފޭރިގަތުމާއި ގެދޮރު ސުންނާފަތިކުރުމާއި ހައްދެއްނެތި ނަސްލީ އިމްތިޔާޒު ގެންގުޅުމާއި ބެހޭގޮތުން އެއްވެސް ކަމެއް މީގެ ކުރިއަކުން އަހަރެންނަށް އެނގިފައެއް ނެތް. މިއީ މިރަށްތަކުގައި ދިރިއުޅޭ މިލިޔަނަކަށްވުރެ ގިނަ ޢަރަބީންނާއި އިދިކޮޅަށް ހިންގޭ ކަންތައްތައް"

ޙަޤީޤަތާއި އަރައިރުންވާ ޒަޔަނިޒަމްގެ ފިކުރުތައް

ނާތާން އޭނާގެ ހިތުގައި އުފެދޭ ސުވާލުތައް ހާމަކުރަމުން ވާހަކަ ކުރިއަށްގެންދިއައެވެ. "ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންނާއިމެދު އަހަރެން ވިސްނަންފެށިން. އެމީހުންނާ ބެހޭގޮތުން އެއްވެސް އެއްޗެއް ކުރިއަކުން އަހަރެންނަކަށް އެނގިފައެއް ނެތް. އަހަރެމެން ޔަހޫދީ ދައުލަތެއްގެ ހައިސިއްޔަތުން، އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުންނެއް، އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލެވުނީ ކޮންފަދައަކުން؟ ތާރީޚު ކުރާނެ މި ސުވާލާއިމެދު އަހަރެމެން މަސްއޫލިއްޔަތެއް ނޫފުލަމު. އަދި ގެދޮރުން ނެރެވުނު އެބައިމީހުން މަތިން، އަހަރެމެން ޔަހޫދީންގެ ގޮތުގައި ތިބެ ހަނދާން ނައްތާލާނީ ކިހެނެތް؟ އަދި އޮކްޓޫބަރު ހާދިސާގައި އިޒްރޭލު ސިފައިން ޖަލީލުގައި ޢަރަބި ޒުވާނުން މަރާފައިވަނީ ކީއްވެ؟ ތަނެއްގެ ވަޒަންވެރީންގެ ގަޔަށް ބަޑިޖަހާ، އެއްވެސް ސަބަބަކާއި ނުލައި އެމީހުން މަރާ ދައުލަތެއް، އެއީ ކޯޗެއްކަން ދެނެގަންނާނީ ކިހެނެތް؟ ކީއްވެ އެތައް ދިހަ ހާހެއްހާ ޢަރަބި ރައްޔިތުން އިޒްރޭލުތެރޭގައި އޮންނަ، އެކަމަކު އިޒްރޭލު އިޢުތިރާފުނުވާ އަވައްތަކެއްގައި، ފެނާއި ކަރަންޓާއި ކިޔަވައިދޭނެ މަދަރުސާތަކާއި ސިއްޙީ ޚިދުމަތެއް ނެތި އުޅެން ޖެހެނީ؟ އެއްވެސް އަސާސީ ޚިދުމަތެއް ނެތި"

ދެން އޭނާ އަމިއްލައަށް ޖަވާބުދިނުމުގެ ގޮތުން ބުންޏެވެ: "އަހަރެން އުއްމީދުކުރި ޔަހޫދީ ދައުލަތުން، މިފަދަ ނޭއްގާނީ ގޮތަކަށް ޢަރަބީން ދަށުލައިފާނެކަމަކަށް ތަސައްވުރުވެސް ކުރެވިފައި ނެތް. އަހަރެމެން ޔަހޫދީން އަދާކުރަން މި ޖެހެނީ އޭގެ އަގު. ޙަޤީޤަތާ ޚިލާފު ޒަޔަނިޒަމްގެ ފިކުރުތަކަށް އަހަރެންގެ ހިތުގައި ކުރިން އޮތް އިޚްލާސްތެރިކަމަށާއި އަހަރެންގެ ފިކުރުތަކަށް، މި ހުރިހާކަމެއްގެ ސަބަބުން އިންޤިލާބެއް އަތުވެއްޖެ"

އަދިވެސް އޭނާ ވާހަކަ ކުރިއަށް ގެންދިޔަ: "އަހަރެންގެ ދިރިއުޅުން ތައްލުއަބީބުގައި ނަރަކައަކަށް ވެއްޖެ. އަހަންނަކީ މި މުޖުތަމަޢަށް ބީރެއްޓެއްސެއްކަމުގައި އިޙްސާސްކުރެވެންފެށި. އަދި އަހަރެން ތައްލުއަބީބުގައި އުޅުމަކީ އެއްވެސް މަންޠިޤެއް އަދި ޢަޤީދާއެއް، ފިކުރެއް އަދި އެއްވެސް ޝަރީޢަތަކުން ޤަބޫލުނުކުރާނެ މި ހުރިހާ މުޑުދާރު ޖަރީމާތަކުގައި ބައިވެރިވުން. އެހެންވެގެން އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްލީ. އެމީހުންގެ ހަނގުރާމައާއި އެމީހުންގެ އަނިޔާވެރިކަން، އެ މީހުންގެ ނަސްލީ އިމްތިޔާޒު ގައި އަހަރެން ބައިވެރި ނުވާން، އެހިސާބުން އަހަރެން، މަގޭ ބޮކުސާބޮނޑި ބަނދެ، ޖަލީލަށް ދާން ދަތުރުފެށީ. އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި. ފަލަސްތީނު މީހުން އަހަރެންނަށް މަރުޙަބާ ނުކިޔާފާނެކަމަކަށްވެސް ފަރުވާލެއް ނުބަހައްޓައި"

ތައްލުއަބީބު ދޫކޮށް ޖަލީލަށް ބަދަލުވީފަހުން އޭނާގެ ވަރަށް ގިނަ ރައްޓެހީންނާއި ދަންނަމީހުން ގުޅާހެދިކަމަށްވެއެވެ. އަދި ޚިޔާނާތްތެރިއެއް ކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވިއެވެ. އަދި އޭނާއާއި އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ކުރުން ހުއްޓާލިއެވެ. ޢަރަބީންނާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަނެއް ބަޔަކު އޭނާއަށް އިންޒާރުދިނެވެ.

މިކަމާ ބެހޭގޮތުން ނާތާން ބުންޏެވެ: "މިތަންތާ އުޅޭ ގިނަ ޔަހޫދީން ޢަރަބީންނާއި އޮންނަ ހަމައެކަނި ގުޅުމަކީ، އެމީހުންގެ ކާރު ފަދަ ދުއްވާ އެއްޗެހި ޢަރަބީން ލައްވާ މަރާމާތުކުރުމާއި، ޢަރަބީން ހިލާ ޒައިތޫނި ތެލުން ރަހަބަލާލުން. އިޒްރޭލުގައި ދިރިއުޅޭ ޢަރަބީން އުޅެމުންގެންދާ ދަތި ޙާލެއް އެއިން އެއްވެސް މީހަކަށް ނޭނގޭ"

ނާތާން މިހާރު ދިރިއުޅެމުންގެންދަނީ ޢަރަބީންނާއި އެކުގައެވެ. އެކަމާއި ބެހޭގޮތުން އޭނާ ބުންޏެވެ: "ޢަރަބީންނަކީ އިޒްރޭލުގައި އެމީހުންނޭ ކިޔައިގެން އަޑުއަރާފައި އޮންނަ ގޮތާ ޚިލާފަށް ވަރަށް ހުޅުވާލެވިފައިވާ ޚިޔާލުގެ ބައެއް. އަހަރެން ޢަރަބީންގެ ތެރޭ ދިރިއުޅެން ފެށީއްސުރެން އަދިވެސް އެމީހުން އަންނަނީ އަހަންނަށް އެހީތެރިވެ ހިތްވަރުދެމުން"

ފާރުގެ ސަބަބުން ގުޅުން ކެނޑެނީ

ނާތާން އިތުރަށް ކިޔައިދެމުން ބުންޏެވެ: "އެންމެ އާދައިގެ އަސާސީ ޙައްޤުތަކުން ވެސް މަޙުރޫމް ކުރެވިފައިވާ ފަލަސްތީނު މީހުންގެ ޙައްޤުގައި އަހަރެމެން އަނިޔާވެރިވެފައި ވާކަމެއް އެމީހުން ( ޔަހޫދީން ) ނުދަނޭ، ނުވަތަ އެކަން އެނގޭކަށް އެމީހުން ބޭނުމެއްވެސް ނުވޭ. ފަލަސްތީނުގެ ބިންތަކާއި ޢާއިލާތައް ވަކިކުރާ އެހެރަ ފާރު ނިކަން ދެކިބަލަ. ފަލަސްތީނުގެ ކޮންމެ އަވަށެއްގެ ކޮންމެ ކިލޯމީޓަރެއްގައި އެ ހުންނަ ބައިވަރު ޢަސްކަރީ ހުރަސްތައް ނިކަން ދެކެބަލަ. ފަލަސްތީނު މީހާ ދިރިއުޅޭ ހިޔާވަހިކަމެއް ނެތް އުފަލެއް ނެތް ދިރިއުޅުން ނިކަން ދެކިބަލަ"

އިޒްރޭލުގެ މި އަންހެންމީހާ އަމިއްލަ ނަފްސާ ސުވާލުކުރަމުން އަނެއްކާ ބުންޏެވެ: "މިކަމުގައި މަސްއޫލުވާން ޖެހޭނީ ކޮންބައެއްބާ؟ ލަވައެއްހެން ދިމުޤްރާޠިއްޔަތޭ ކިޔާ، ޒަޔޮނިސްޓު އިޒްރޭލެއް ނޫންތަ؟ އެއީ ހަމަ ނަސްލީ އިމްތިޔާޒުގެ ސިޔާސަތު. ދެކުނު އެފްރިކާގައި ވެސް އަހަރެން އުޅުނިން. އެޕާރޓައިޑް (ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒުގެ ނިޒާމު) އާއި އިދިކޮޅަށް އަހަރެން މަސައްކަތްކުރިން. މިތާވެސް މި ހިނގަނީ ހަމަ އެޕާރޓައިޑް"

ނާތާން ބުނާގޮތުން އޭނާއެކޭ އެއްފަދައިން ވިސްނާ ޔަހޫދީއަކީ ހަމައެކަނީ އޭނާއެއް ނޫނެވެ. ޒަޔަނިޒަމް އަކީ ބޮޑު ދޮގެއްކަން އެނގޭ ކިތައްމެ ޔަހޫދީންނެއް އެބަ އުޅެއެވެ. ނަމަވެސް އެމީހުންނަށް އެކަން ފާޅުގައި ހާމަކުރަން ނުކެރެނީއެވެ.

ނާތާންގެ ޟަމީރަށް މިހާރު ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. އޭނާ އުޅެނީ ޖަލީލުގެ ޠަމްރާއޭ ކިޔުނު އަވަށެއްގައެވެ. މިހާރުގެ ދިރިއުޅުމާއި މެދު އޭނާ ބުންޏެވެ: "ކިތައްމެ ދަތީގައި އުޅެންވިޔަސް މިތަން މާރަނގަޅު. އަހަރެން ކުރިން ޤަބޫލުކުރަމުން އައި ގޮތުގެ ސަބަބުން ކުރެވުނު ކުށުގެ ބޮޑުކަން ކޮންމެ ދުވަހަކު އަހަންނަށް އެބަ ފެނޭ. އަހަންނަށް މިހާރު ހިތާއި ޒަމީރުގެ ހަމަޖެހުން އިޙުސާސްކުރެވޭ. ސަބަބަކީ އަހަރެންގެ އަމިއްލަ ނަފްސާއި އަހަރެންގެ އިންސާނިއްޔަތުކަން އެ ނުބައި ފިކުރުގެ ކިބައިން ސަލާމަތް ކުރެވުނީތި. އެ ކަމަކީ ކިތައްމެ ވަރަކަށް ހަތިޔާރުންނާއި ގޮށްމުށުން ވިޔަސް އިންސާނުންނަށާއި ޙައްޤުގެ މައްޗަށް ކުރިހޯދޭނެ ކަމެއް ނޫން. ޠަމްރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންނާއެކު ވަރަށް ބަދަހި ގުޅުމެއް އަހަރެންނަށް ޤާއިމްކުރެވިއްޖެ. އެމީހުން އަހަންނަށް ކީ ވަރަށް ހޫނު މަރުޙަބާއެއް. އަދި މުޢާމަލާތުކުރަނީވެސް އެމީހުންގެ ފަރުދެކޭ އެއްގޮތައް"

އަދިވެސް އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ: "އަހަރެން ކުރިން އުޅުނީ ޒަޔަނިޒަމްގެ ވަހުމީ ދިރިއުޅުމެއްކަމުގައި ކަން، މިހާރު މިއަވަށު މީހުންނާއި އެކު މި އޮންނަ ގާތް ގުޅުމުގެ ސަބަބުން އަހަންނަށް ޔަޤީންކުރެވިއްޖެ، ފަހަރެއްގައި ވެދާނެ އަހަރެންނާ އެންމެ ގާތްކަމެއް ބަހައްޓަވަނީ ޑރ އަސްޢަދު ޣާނިމްކަމަށް، އެއީ ޙައިފާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް"

ޖަލަށް ވަންނަންވެސް ތައްޔާރު

ފަލަސްތީނު މައްސަލާގައި ނާތާން ވަރަށް ޖެހިލުންކުޑަ ޚިޔާލުތަކެއް ގެންގުޅެއެވެ. އޭނާ ބުނެއެވެ: "އަހަރެމެން އެންމެން، ޔަހޫދީންނާއި ޢަރަބީންވެސް ހިފަންވީ ސުލްހައިގެ ވަސީލަތްތަކުގައި. ހިނގަންވީ ދެކުނު އެފްރިކާ ހިނގި މަގުން، ގާނދީ ވެސް ހަމަ ހިންގެވި މަގުން. މި އޮތް ސަރުކާރާ އިދިކޮޅަށް ނުކުތުމުގެ ހިތްވަރާއި އެކަމަށް މީހުން ތަންޒީމުކުރާނެ ބާރެއް އަހަރެމެންގެ ކިބައިގައި ހުންނަން ޖެހޭނެ. މިފަދަ ހަނގުރާމައެއްގެ ނަތީޖާ ތަޙައްމަލްކުރަން އަހަރެން މިހިރީ ތައްޔާރަށް. އެއްވެސް އަޅުވެތިކުރުމަކާއި އިމްތިޔާޒެއް ނެތި ޔަހޫދީންނާއި ޢަރަބީންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޖަލަށްވެސް ވަންނަން އަހަރެން މިހިރީ ތައްޔާރަށް"

ނާތާން އިތުރަށް ބުންޏެވެ: "1948ގައި އަމިއްލަ ގެދޮރުންނާއި ރަށުން ބޭރުކޮށްލެވުނު ޢަރަބީން އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ޙައްޤު ނުދީ މި ކޯޅުންގަނޑަކަށް ޙައްލެއް ނެތް. ރަށުން ބޭރުކުރެވިފައި ވީ މީހުންގެ މުސްތަޤްބަލު ކަނޑައަޅަން ސުވިޒަރލޭންޑުގައްޔާއި އަދި އެނޫންވެސް ތަންތާ ބާއްވާ އެއްބަސްވުންތަކުގައި، ޤަރާރު ނެރުމަކީ އެއްވެސް މީހަކަށް ލިބިގެންވާނެ ޙައްޤެއް ނޫން. އެމީހަކީ އެއީ ލިޔޫސީ ބިލީން ކަމަށް ވިޔަސް ނުވަތަ ޢާމީ އިލްޔޫން ކަމަށް ވިޔަސް އަދި އެއީސަރީ ނަސީބާ ކަމުގައި ވިޔަސް ނުވަތަ ޔާސިރު ޢަބްދު ރައްބުކަމަށް ވިޔަސް. ހަމަ އެފަދައިން އެހެން މީހުންނަށްވެސް ހަމަޖެހިގެން ދިރިއުޅުގެ ޙައްޤު އޮންނަން ޖެހޭނެކަން ވިސްނައިދީ އަހަރެމެންގެ ޔަހޫދީ ޖީލުތައް ހޭލުންތެރިކުރުމަކީ ޔަހޫދީންގެ ޙައިސިއްޔަތުން އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއް. އަހަރެން ޤަބޫލުކުރާގޮތުގައި، ޔަހޫދީ ކުދިންނަށް ޖެހޭނެ ޢަރަބިބަސް ކިޔަވައިދޭން. އަދި ޢަރަބި ބަހާއި ޢިބްރީ ބަހާއި ދެބަސް ވާންޖެހޭނެ މި ޤައުމުގެ ރަސްމީ ދެ ބަސް ކަމުގައި"

ނާތާން ދެކޭގޮތުގައި ޔަހޫދީ ކިޔަވާކުދިންނަށް ރަށުން ބޭރުކޮށްލެވުނު ޢަރަބީންނާ ބެހޭގޮތުން ތެދު މަޢުލޫމާތު ލިބެންޖެހޭނެއެވެ. އެ ކުދިންގެ ޤައުމު ބިނާވެފައި މި އޮތީ އެހެން ބައެއްގެ ސުންނާފަތިކުރެވިފައިވާ ގޭދޮރުގެ ގާފުނި މަތީގައިކަން އެކުދިންނަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އަދި އެކުދިންގެ ޤައުމު ބިނާވެފައި މި އޮތީ އެހެން ބައެއްގެ ތަދާއި ވޭނުގެ މަތީގައި ކަންވެސް އެކުދިންނަށް ވިސްނައިދިނުމަށެވެ. ޔަހޫދީ ކިޔަވާކުދިންނަށް ޢަރަބީންގެ ތާރީޚާއި ހަޟާރަތާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭއިރު، ޢަރަބި ކުދިން އެމީހުންގެ މަދަރުސާތަކުގައި ޔަހޫދީންގެ ތާރީޚާއި ބަނީ އިސްރާއީލު ވާހަކައާއި، ޖެރޫސަލަމްރާއްޖެ އާއި ބެހޭގޮތުން ކިޔަވައި ދެވިގެން ނުވާނެއެވެ.

 ޙަޤީޤަތެއް ނެތް ސުލްޙައިގެ ޙަރަކާތް

އިޒްރޭލުގެ ސުލްޙައިގެ ޙަރަކާތްތަކަށް ނާތާން ވަރަށް ބޮޑަށް ފާޑުކިޔެވެ. އޭނާގެ ނަޒަރުގައި އެފަދަ ޙަރަކާތްތަކަކީ އެއީ އެއްވެސް ޙަޤީޤަތެއް އޮތްކަމެއް ނޫނެވެ. އެއީ އޭނާގެ ބަހުންނަމަ އެމީހުން ހިންގާ "ކަސްބީ" ސިޔާސަތެކެވެ. މިވާހަކަ ދައްކަމުން އޭނާ ބުންޏެވެ: "ފަލަސްތީނު ދަނޑުވެރިން، ޒައިތޫނިކަނޑަން ދަނޑަށް ދާވަގުތު އަތުވެދާނެ ޙަމަލާއެއް. އިޒްރޭލުން ވަޒަންވެރިކުރުވާ މީހުންގެ ތެރެއިން މީހަކު ދޭ ޙަމަލާއެއް. މިފަދަ ޙަމަލާއަކުން ދަނޑުވެރިޔާ ޙިމާޔަށްކޮށްދޭން އެއްކަލަ ސުލްޙައިގެ ވާހަކަދައްކާ ޖަމާޢަތްތަކުން މަސައްކަތް ކުރޭ. އަދި މިފަދަ ވާތުފިޔައިގެ ޖަމާޢަތްތަކަށް މިކަމުން ހިތްހަމަޖެހުންލިބޭ. ނަމަވެސް އެމީހުން ޢަރަބީން ދެކެނީ ކޮން ނަޒަރަކުން؟ ހިތްމޮޅު، ބޮޑާ، ތިމާއަކީ މާ މަތީ މީހެއްގެ ނަޒަރުން. އެމީހުން ފަލަސްތީނުގެ ނިކަމެތި މިސްކީނުންނަށް ހަމްދަރުދީވޭ. އެކަމަކު ކަމުގެ ޙަޤީޤީ ޙައްލެއް އެމީހުން އަތަކު ނެތް"

މި މޭރުމުން ވާހަކަދައްކަމުން އޭނާ ބުންޏެވެ: "ސުލްހަ މަސަލަސް ކަމާއެކު ދިރިއުޅުމަށް ގޮވާލާ ހުރިހާ މަޝްރޫޢެއްވެސް އެއީ ހުސް ދޮގު. އެފަދައިން ގޮވާލާ ޖަމާޢަތްތަކަށް ބައިނަލްއަޤްވާމީ ފަންޑުތަކުން ވަރަށް ބޮޑެތި މާލީ އެހީތައް ލިބޭ. އެމީހުން މި މައްސަލައަށް ޙަޤީޤީ ޙައްލެއް ހުށައެއް ނާޅާ. ޢަރަބީންނަށް އޮޅުވާލެވިފާވާކަމަކަށް އެމީހުން އިޢުތިރާފެއް ނުވޭ. ޢަރަބި މީހާ އަށް ދިރިއުޅުމުގެ ޙައްޤު އޮތްކަމަކަށް އެމީހުން އިޢުތިރާފެއް ނުވޭ. އެކުގައި ޙަޤީޤީ މަސަލަސްކަމާއެކު ދިރިއުޅެވޭނީ ބޭރުކޮށްލެވިފައިވާ މީހުންނަށް އެނބުރި ވަޒަނަށް އައުމުގެ ޙައްޤު އޮތް ކަމަށް އަހަރެމެން އިޢުތިރާފުވެގެން"

އިޒްރޭލުގެ ސުލްޙައިގެ ޙަރަކާތްތަކަށް ފާޑުކިޔަމުން އޭނާ އިތުރަށް ބުނަމުން ގެންދިޔައެވެ: "އެމީހުން އެ ޙައްޤު އޮތްކަމަކަށް އިޢުތިރާފެއް ނުވޭ. އަނެކާގެ މައްޗަށް ގަދަވެގަތުމުގެ ބޮޑާ ޒަޔޮނީ ގޮތްގަނޑުގައި ތިބެ ސުލްޙަވާން ބޭނުންވަނީ. ޢަރަބީންނަށް އެމީހުންގެ އަމިއްލަ ބިމުގައި ދިރިއުޅުމުގެ ޙައްޤު އޮތްކަންވެސް ޤަބޫލުނުކުރާ ޙާލު" އޭނާ ދެކޭގޮތުގައި ކަމުގެ ޙައްލު އޮތީ ދެބައިމީހުންނަށް ހަމަހަމަ ދިމުޤްރާޠީ ދައުލަތެއް އުފެއްދިގެންނެވެ. އަދި ޢަރަބީންނަށް އެމީހުންގެ ބިމަށް އެނބުރި އާދެވިގެންނެވެ.

ޔަހޫދީން އިޒްރޭލަށް ހިޖުރަކުރަން ހިތްވަރުދިނުމުގެ ދާއިރާއަކީ ނަތާން ކުރިން މަސައްކަތް ކުރި ދާއިރާއެވެ. މި "މުހިއްމު" މަސައްކަތް ދޫކޮށް، އޭނާގެ އެތައް ރައްޓެހިންނެއްވެސް ދޫކޮށް، ޠަމްރާއަށް ދިރިއުޅެން ބަދަލު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ޢަޒުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. މިކަން ޔަޤީންކޮށްދެމުން އޭނާ ބުންޏެވެ: "އަހަރެންގެ ފިކުރުތައް ދޫކޮށެއް ނުލާނަން. އަދި ޒަޔަނިޒަމްގެ ނަޒަރިއްޔާ އާ ހަނގުރާމަކުރާނަން. އަދި އެ ޒަޔަނިޒަމްއަކީ ބޮޑު ދޮގެއް ކަން ސާބިތުކޮށްދޭން ކުރަންޖެހޭ ހުރިހާ ކަމެއް އަހަރެން ކުރާނަން. އެކަން ދެމިއޮތުމުގެ މާނައަކީ ބަޔަކު އަޅުވެތިކުރުމާއި އަނިޔާވެރިކަން ދެމިއޮތުން، ކިތައްމެ ބޮޑުއަގެއް އަދާކޮށްފައި ނަމަވެސް އެފަދަ އަނިޔާތަކާ ހަނގުރާމަކުރަން ޖެހޭ. މިއީ އަހަރެންގެ މުޤައްދަސް ރިސާލަތު. މިރިސާލަތު އާއްމު ޝިޢާރަކަށް އަދި ޢާއްމު އުސޫލަކަށް ވަންދެން ހަނގުރާމަކުރާނަން"

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.