Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ބިން ލާދިން ވީތަނެއް އެމެރިކާއަށް އެނގޭބާ؟

ބިން ލާދިން ވީތަނެއް އެމެރިކާއަށް އެނގޭބާ؟

bin_ladinބިން ލާދިން ހުރިތަނެއް އެނގޭނަމަ އެމެރިކާއިން ވަގުތުން އޭނާ ހައްޔަރުކުރީސް

ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި، އުސާމާ ބިން ލާދިން ފިލާހުރި ތަނަކާއިބެހޭ ވަރަށް ރަނގަޅު މަޢްލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާކަމަށް، ސީ.އައި.އޭގެ ޑިރެކްޓަރކަމާއި މިދިޔަ އަހަރު ޙަވާލުވެވަޑައިގެންނެވި ޕޯރޓަރ ގޮސް ވަރަށްފަހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުންނަމަ، އެމެރިކާގެ އެންމެބޮޑު ޢަދުއްވު އަތުލައިގަތުމުގައި ޤައުމުތަކުގެ އަމިއްލަ ސިޔާދަތުގެ ސަބަބުންނާއި، ޓެރަރިޒަމާއި އިދިކޮޅަށް ކުރެވެމުންދާ ހަނގުރާމައިގައި ހުރި ބައެއް ބަލިކަށި ގުޅުންތަކުގެ ސަބަބުން، ވަރަށްބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފައެވެ.

ގޮސްގެ ވާހަކައިން ދޭހަވަނީ، ބިން ލާދިން ވީ ކޮންތަނެއްގައިކަން ސީ.އައި.އޭ އަށް އެނގޭކަމަށަވެ. ނަމަވެސް އޭނާ ހައްޔަރުނުކުރެވިގެން އުޅެނީ، އޭނާ ހުރި ޤައުމަކުން، އެކަން ކުރުމަށް އެމެރިކާއަށް ފުރުޞަތު ނުދީގެންކަމަށެވެ.

ނަމަވެސް މިވާހަކަތަކަކީ ހަޖަމުކުރަން ވަރަށް އުނދަގޫ ވާހަކަތަކެކެވެ. ބިން ލާދިން ވީތަނެއް އެމެރިކާއަށް އެނގޭނަމަ، ހަމަ ވަގުތުން އެތަނަކަށް ގޮސް އެމެރިކާއިން އޭނާ ހައްޔަރުކުރާނެކަމާއިމެދު ޝައްކުކުރާނީ ކާކުހެއްޔެވެ؟ އެމެރިކާއިން ބޭނުންވާ މީހަކު ހައްޔަރުކުރުމަށް ނުވަތަ މަރާލުމަށް ޤައުމެއްގެ އަމިއްލަ ސިޔާދަތު އެކަމަށް ހުރަސްއެޅީ ކޮން އިރަކު ހެއްޔެވެ؟

ދާދިފަހުން، ޕާކިސްތާނުން ހައްޔަރުކުރި އަލްޤާޢިދާގެ ތިންވަނައަށް އެންމެ އިސްކަމަށްބުނެވޭ އަބުލް ފަރަޖުއްލީބީ ހައްޔަރުކުރުމުގައިވެސް އެމެރިކާއިން އޭނާ އުޅޭތަން އެނގުމުން ވަގުތުން ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކަށް އެކަން އެންގުމުން، އެއްވެސް ހިފެހެއްޓުމެއްނެތި ޕާކިސްތާނުން އެކަންކުރިކަން ފާހަގަކުރެވެއެވެ. ގޮސްގެ ވާހަކައިގައި އެއިޝާރަތްކުރާ ސިޔާދަތު އޮތް ޤައުމަކީ ޕާކިސްތާނުކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ޓެރަރިޒަމާއި އިދިކޮޅަށްކުރާ ހަނގުރާމައިގެ ނަންދެވިގެން ކުރިއަށް ގެންދެވޭ ހުރިހާ ކަމެއްގައި، އެމެރިކާއަށް އެންމެބޮޑަށް އެހީވެދޭ ޤައުމަކީ ޕާކިސްތާނެވެ. އަދި ސީދާ ޕާކިސްތާނުގެ އެތެރޭގައިވެސް، އެމެރިކާގެ ސިއްރު އެޖެންޓުން ޙަރަކާތްތެރިވަމުންދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ބިން ލާދިން ޕާކިސްތާނުގައި ހުރިނަމަ، އަދި އޭނާ ހުރިތަނެއް ސީ.އައި.އޭއަށް އެނގޭނަމަ، އޭނާ ހައްޔަރުކުރުމަކަށް ޕާކިސްތާނަކުން، އެމެރިކާއަކަށް އެއްވެސް ހުރަހެއް ނާޅާނެކަމީ ކަށަވަރުކަމެކެވެ. އަނެއްކޮޅުން، މުޝައްރަފު އަވަހާރަކޮށްލުމަށް ޤާޢިދާއިން ދެފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާތީ، ބިން ލާދިންގެ ކަންތައް ނިންމާލުމަށް އެޤައުމުގެ ސަރުކާރުންވެސްވަނީ ފެންބޮވައިގެންފައެވެ.

2003 ވަނަ އަހަރު، އެމެރިކާއިން ބޭނުންވެގެން އުޅޭ މީހެއް، ޔަމަނުގައި ކާރެއްގައި ދަތުރުކޮށްފައިދަނިކޮށް، ޖާސޫސީ މަތިންދާ ބޯޓެއް ޔަމަނަށް ފޮނުވައި އެއިން ފޮނުވާލި މިސައިލަކުން، އެމެރިކާއިން އޭނާ މަރާލާފައިވެއެވެ. ޔަމަނު ސަރުކާރަށް އަންގާލުމެއްވެސްނެތި، އެމެރިކާއިން ކޮށްފައިވާ މިކަންތަކުގައި ސިޔާދަތަށް ބަލާފައިވަނީ ކޮންހަމައަކުން ހެއްޔެވެ؟ ޢިރާޤަށް އަރައި އެޤައުމު އަޅުވެތިކޮށް، ޤާނޫނީގޮތުން އިސްކުރެއްވިފައި ހުންނެވި ރައީސެއް ވެރިކަމުން ދުރުކުރެއްވުނީ، ޢިރާޤުގެ ސިޔާދަތަށް އެމެރިކާއިން ބެލުމަށް ފަހުގައިހެއްޔެވެ؟

ގޮސްގެ މިވާހަކައިގެ ފަހަތުގައިވަނީ، ބިން ލާދިން އަތުލުމުގަޔާއި، ޢިރާޤުގައި އެމެރިކާއަށް ކުރިމަތިވަމުން އަންނަ ނާކިޔާބީއަށްވުމަކީ ދުރުގައި ވާކަމެއްނޫނެވެ. ނުވަތަ މިވާހަކަތަކުގެ ބޭނުމަކީ، މިމަޤާމުގައި ގިނަދުވަހު ހުންނެވުމަށް މަގުފަހިކުރެއްވުމަށް އޭނާ ދެއްކެވި ޝަޚްޞީ ވާހަކައަކަށްވުމަކީވެސް ވެދާނެކަމެކެވެ.

ޕާކިސްތާނުގެ އަމިއްލަ ޓީވީ ޗެނަލަކަށް ޠާލިބާންގެ އިސް މަސްއޫލުވެރިއަކު ވަރަށްފަހުން ދީފައިވާ މަޢްލޫމާތުތަކެއްގައިވެސް، ބިން ލާދިން އާއި މުއްލާ ޢުމަރު އަދިވެސް ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަތިބިކަން ޔަޤީންކޮށްދީފައިވެއެވެ. އަދި އޭގެ ފަހުން، ބިންލާދިންގެ ކަނާތްކަމުގައިބެލެވޭ އައިމަން އައްޡަވާހިރީވެސްވަނީ ވީޑިއޯ ފީތާއެއް ނެރެ، އަދިވެސް ޤާޢިދާ އެބައޮތްކަން ހާމަކޮށްފައެވެ.

ބިން ލާދިން ވީތަނެއް އެނގޭކަމަށް ބުނެ، ޙަޤީޤަތަށްވުރެ ބޮޑަށް '' އަމިއްލަ ގަދަކަން ދެއްކުމަށް '' ކަމަށް ބެލެވޭގޮތަށް ގޮސްމެންކަހަލަ މަސްއޫލުވެރިން ދެއްވަމުންދާ ބަޔާންތަކުގެ ތެދުދޮގާއިމެދު އެތައް ސުއާލެއް އުފެދެއެވެ.

Comments