ހުކުރު20201113

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ބޯކަނޑާލި މަންޒަރުން ފައިދާކުރީ ކޮންބަޔަކަށްބާ؟

ބޯކަނޑާލި މަންޒަރުން ފައިދާކުރީ ކޮންބަޔަކަށްބާ؟

boburi_fotoޢިރާޤު އަތްދަށުލުމަށް އެމެރިކާއާއި އެމީހުންގެ ބައިވެރިން ކޮށްފައިވާ ހަނގުރާމައިގެ މައިގަނޑު ޢަމަލުތަކާއި މިހާރު ކުރިއަށްދާ ކަންތައްތަކުގައިވެސް، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުން އެމީހުންނަށް އެންމެ ފައިދާހުރި ގޮތަކަށް ހިފުމަށް، އެމެރިކާއިން މަސައްކަތްކުރަމުންދެއެވެ. އެގޮތުން، ގުޅިފައިވާ ލަޝްކަރުގެ ޙަމަލާތަކުގައި ޢާންމުން މަރުވާ މަންޒަރުތަކާއި، މިސްކިތްތަކާއި، މަދަނީ ބިނާތައް ހަލާކުވަމުންދާ މަންޒަރުތައް ޚަބަރު ފަތުރާ ވަސީލަތްތަކުން ފޮނުވާކަމަށްވާނަމަ، އެކަމާއި އެމެރިކާއިން ކަންބޮޑުވެ ހާސްވާކަމީ އޮޅުމެއް އޮތްކަމެއް ނޫނެވެ.

އެމެރިކާއެކޭ އެއްފަދައިން، ޢިރާޤު އަޅުވެތިކޮށްގެންތިބި ބާރުތައް، އެޤައުމުން ފޮނުވާލުމަށްޓަކައި ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންވެސް، މިވަސީލަތްތަކުގެ ބޭނުންދަނީ ކުރަމުންނެވެ. ނަމަވެސް، ޢިރާޤުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަމުންދާ ޖަމާޢަތްތަކުން، އެމީހުންގެ ޙަރަކާތްތަކާއި ބެހޭ މަޢްލޫމާތުތައް، ޚަބަރު ފަތުރާ ވަސީލަތްތަކަށް ދިނުމަށް، ރަސްމީގޮތެއްގައި ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، ޢިރާޤުގެ ޢާންމު ރައްޔިތުންނަށާއި، ބޭރު ޤައުމުތަކުގެ މަދަނީންނަށާއި، ޤައުމުގެ އަސާސީ އިދާރާތަކަށް ދޭތެރެދޭތެރެއިން ދެވެމުން އަންނަ ، ޚަރާބުކުރަނިވި ޙަމަލާތައްވެސް، އެމީހުންގެ ބޮލުގައި އެޅުވުމަށް އެމެރިކާއިން މަސައްކަތްކުރެއެވެ. އާދެ! ބޭނުމަކީ، ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ފަރާތްތަކަކީ، އެއްވެސް ތާކުންތާކުނުޖެހޭ ، ހަމައެއް ލަމައެއް ނެތް ބައެއްކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. ހެވާއި ނުބައި އޮޅުވާލައި، ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމެވެ.

ޢަދުއްވުންގެ ސިފައިންނަށް ދެވޭ ޙަމަލާތަކުގެ މަންޒަރުތައް ނަގައި ފީތާތަކަށް ރެކޯޑުކޮށްފައި ދެއްކުމަކީ، އެމީހުންގެ ހިތްވަރު އެލުވާލުމަށާއި، އަނގަބަންދުކުރުމަށް ބޭނުންކުރެވިދާނެ އުސްލޫބެކެވެ. ދެކުނު ލުބުނާނުގައި ޙިޒްބުﷲ އިން ، އިސްރާއީލުގެ ސިފައިންނަށް ދީފައިވާ މިފަދަ ޙަމަލާތަކާއި، ފަލަސްޠީނުގެ މުޖާހިދުން، އިސްރާއީލަށް ދީފައިވާ ގެއްލުންތައް މިގޮތަށް ރެކޯޑުކޮށްފައިދެއްކުމުން، ޞިހްޔޫނީ ލަޝްކަރަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާކަން ، ފާއިތުވެގޮސްފައިވާ ބައެއް ދަނޑިވަޅުތަކުން އެނގެން އެބައޮތެވެ.

ނަމަވެސް، އެހެނޭ ކިޔާފައި، ޢަދުއްވުންގެ ޤައުމަކަށް ނިސްބަތްވާ، މަދަނީންގެ ބަޔަކު ހައްޔަރުކޮށް، ބަދަލަށް ބަދަލު ހިފަނީއޭ ކިޔާފައި، އޭނާއަށް ގެއްލުންދޭ މަންޒަރު މުޅި ދުނިޔެއަށް ފެތުރުމުން ވާނީ ކިހިނެއްބާވައެވެ؟

އަބޫ ޣުރައިބު ޖަލުގައި ހައްޔަރުކުރެވިފައިތިބި ޢިރާޤުގެ ބަޔަކަށް އިހާނެތިކޮށް ހިތާފައިވާތީ އެމެރިކާގެ ކިބައިން އެކަމަށް ބަދަލު ހިފުމުގެ ނަމުގައި، އަލްޤާޢިދާއަށް ނިސްބަތްވާކަމަށް ބުނެވޭ ޖަމާޢަތަކުން، ޢިރާޤުގައި މަސައްކަތްކުރާ އެމެރިކާގެ ޢާންމު ރައްޔިތަކު ހިފަހައްޓާ އޭނާގެ ކަރު ބުރިކޮށްލަނިކޮށް ނަގާފައިވާ މަންޒަރުތަކެއް، ދާދިފަހުން، އިންޓަރނެޓުގައި އަންޞާރުލް އިސްލާމް ކިޔާބައެއްގެ ފޯރަމެއްގައި ޖަހާފައިވެއެވެ. މިމަންޒަރު ހިމެނޭ ފީތާ މުޅިދުނިޔެއަށް ފެތުރިގެންމިދިޔަ ދުވަސްވަރަކީ، އަބޫޣުރައިބު ޖަލުގައި އެމެރިކާ ސިފައިން ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކުގެ މަންޒަރުތައް ނީރުންވެގެން، އެމެރިކާ ބޮޑު ފަޟީޙަތަކާއި ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެކެވެ.

މިކަމުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ބިތެއްގައިހެން، އެމެރިކާގެ ސިޔާސަތަށް ނަފުރަތުގެ ރާޅުތައްދަނީ ބިންދެމުންނެވެ. ނަމަވެސް، އެމެރިކާގެ ރައްޔިތުގެ ކަރު ބުރިކޮށްލާ މަންޒަރުގެ ސަބަބުން، އެމެރިކާގެ ސިފައިންގެ އަޚްލާޤެއްނެތް ދަށު ދަރަޖައިގެ ޢަމަލުތަކާއިމެދު، ނުރުހުންވެފައި ތިބި އެތައް ބައެއްގެ ރައުޔު އެހެން ދިމާއަކަށް މިހާރުވަނީ ދީލާލާފައެވެ. އަދި ދަނޑިވަޅުގެ ބޭނުންކުރައްވައި، އެމެރިކާ ސިފައިން ހިންގާފައިވާ ނޭދެވޭ ޢަމަލުތަކަކީ، އެހާ ގޯސްކަންތައްތަކެއް ނޫންކަމަށް ދެއްކެވުމަށް އެޤައުމުގެ ބައެއް މަސްއޫލުވެރިން މަސައްކަތްކުރައްވަމުން އެބަގެންދަވެއެވެ. އެގޮތުން، ކޮންގްރެސްގެ ބައެއް ފަރާތްތަކުން އެމެރިކާ ސިފައިންގެ ފުށުން ޖަލުގައި އިހާނެތިކޮށް މުޢާމަލާތުކުރެވުނު ފަރާތްތަކަކީ، އެމެރިކާ މީހާގެ ބޯކަނޑާލި ގުރޫޕުގެ ބައިވެރިންކަމަށް މިހާރު ވިދާޅުވަމުން އެބަދެއެވެ.

މިމަންޒަރު ހާމަވުމުގެ ކުރިންވެސް، ދިފާޢީ ވަޒީރު ރަމްސްފީލްޑްއާއި ކޮންގްރެސްއިން ސުއާލުކުރުމަށް ބޭއްވި ބައްދަލުވުމުގައިވެސް، ބައެއް މަސްއޫލުވެރިން، ޢިރާޤުގެ ޖަލުތަކުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް، އެމެރިކާއިން، މަޢާފަށް އެދެން ނުޖެހޭނެކަން ސާބިތުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވެއެވެ. އޭގެތެރޭގައި، ޔަހޫދީ ސެނެޓަރ ޖޯސެފް ލިބަރމަން ހިމެނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވިގޮތުގައި، ސެޕްޓެމްބަރ 11 ގެ ޙަމަލާއަށްފަހު، ބިންލާދިންވެސް އެމެރިކާގެ ކިބައަކުން މަޢާފަށް އެދިފައެއްނުވެއެވެ. ނަމަވެސް، އޭނާ ވިދާޅުވާގޮތުންނަމަ، އެމެރިކާއިން އެޤައުމުގެ ސިފައިންގެތެރެއިން މަދުބަޔަކު ހިންގި ނޭދެވޭ ޢަމަލެއްގެ ކަންތައްބަލައި، އެކަމުގައި ޒިއްމާވާ ބަޔަކަށް އަދަބު ދިނުމަށް އެދަނީ ތަޙުޤީޤު ހިންގަމުންނެވެ. އޭނާގެ މިބަޔާނުން ހާމަކޮށްދެއްވަން ބޭނުންވެވަޑައިގަންނަވަނީ، އެމެރިކާގެ '' އިންސާނިއްޔަތާއި ޢަދާލަތްތެރިކަން '' ކަމާއިމެދަކު ޝައްކެތްނެތެވެ.

އޭގެ ފަހުން ސެނެޓްގެ ޖަލްސާގައި، އެމެރިކާ ސިފައިން އަނިޔާކުރި ބަޔަކީ، ޓެރަރިސްޓުންކަމަށާއި، އެއީ އާދައިގެ ކުއްވެރިން ނޫންކަމަށް ދެއްކެވުމަށްވެސް ބައެއް ފަރާތްތަކުން މަސައްކަތްކުރެއްވިއެވެ. މިހުރިހާކަމެއްގެވެސް ބޭނުމަކީ، އެމެރިކާގެ ބޮލުގައި އެޅިފައިވާ ފަޟީޙަތް، ކޮންމެވެސް ޒާވިޔާއަކުން ނައްތާލުމެވެ.

މިކަންތައް މިގޮތަށް ކުރިއަށްދަނިކޮށް، އެމެރިކާ މީހާގެ ބޯކަނޑާލި މަންޒަރު ފެތުރުމުން، އެމެރިކާގެ ސިޔާސަތު ދަފަރާކުރާ ފަރާތްތަކަށް، މިހާރުވަނީ އިތުރު ހިތްވަރެއް ލިބިފައެވެ.

ޢިރާޤުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ފަރާތްތަކަކީ މުސްލިމުން ކަމާއިމެދަކު ޝައްކެއްނެތެވެ. އަދި މިމަތިވެރި ރޫޙު، އެމީހުންގެ ހިތްތަކުގައި އަށަގަންނުވާ ބާރަކީވެސް، މާވްވެގެންވާ އިސްލާމްދީންކަން ކަށަވަރެވެ. ޖެނީވާ މުޢާހަދާއާއި އަދި އެނޫންވެސް މިފަދަ މުޢާހަދާތަކުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން، ހަނގުރާމައިގެ މައިދާނުގައި ހައްޔަރުކުރެވޭ އަސީރުންނާއި މެދު މުޢާމަލާތުކުރަންޖެހޭ ގޮތްތަކާއި، ހަނގުރާމައާއި ގުޅުމެއްނެތް ފަރާތްތަކާއިމެދު ޢަމަލުކުރަންވީ ގޮތްތައް އިސްލާމްދީނުގައިވަނީ މުސްލިމުންނަށް ހާމަކޮށްދެއްވާފައެވެ. އިސްލާމްދީނުގެ ތަޢްލީމުތައް އުނގެނިވަޑައިގެން ތިއްބެވި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢަދުއްވުން، އަޅުގަނޑުމެންނާއިމެދު ކޮންމެ ގޮތަކަށް މުޢާމަލާތުކުރި ކަމުގައި ވީނަމަވެސް، އަޅުގަނޑުމެން އެމީހުންގެ އަސީރުންނާއި ޢާންމުންނާއި މެދު މުޢާމަލާތު ކުރަންޖެހޭނީ، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށެވެ. ހަނގުރާމަކޮށްގެން ޙާޞިލުކުރުން ދަތި މަޤްޞަދުތައްވެސް އޭރުން ޙާޞިލުވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ދުޝްމަނުންގެ ތެރެއިންނަމަވެސް، މަދަނީއެއް ހިފަހައްޓައި، އޭނާއަށް އިހާނެތިކޮށް މުޢާމަލާތުކުރުމަކީ، އިސްލާމްދީނުގެ ތަޢްލީމުތަކުގެ ތަރަހައިން ބޭރުގައިވާ ކަމެއްކަމާއިމެދަކު ޝައްކެތްތެވެ. އެހެންކަމުން، މިޢަމަލަކީ، ޢިރާޤުގެ މުޖާހިދުންނަށް ނިސްބަތްވާކަމެއްކަމެއްވާނަމަ، ކުރިމަގުގައި މިފަދަ ނޭދެވޭ ކަންތައްތައްކުރުމުން، އެމީހުން އެއްކިބާވާންޖެހޭނެއެވެ. މިއީ އެމީހުންގެ ކަމެއްކަމަށް ނުވާނަމަ، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެންނަމަވެސް، އެކަން ދުނިޔެއަށް ހާމަކޮށްދިނުމަކީވެސް، އެހާމެ މުހިންމުކަމެކެވެ. ޢިރާޤު މިނިވަންކުރަން ޖިހާދުކުރާ ފަރާތްތަކަކީ، ޓެރަރިސްޓުންނޭ، ޚަރާބުކުރާ މީހުންނޭ ކިޔައިގެން، އެމެރިކާއިން ދައްކަމުންދާ ވާހަކަތަކަށް ގޮންޖެހޭނީ އޭރުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.