Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ބުޝްގެ ދީނީ ފިކުރުތައް

ބުޝްގެ ދީނީ ފިކުރުތައް

bush_fikuruވަރަށް ފަހުން އެމެރިކާގައި ނުކުތް ފޮތެއްގައި، ރައީސް ބުޝް ވިދާޅުވިކަމަށް ލިޔެފައިވެއެވެ. ''އަހަރެން އެމެރިކާގެ ރައީސަކަށް ހުންނަން ކަލާނގެ ބޭނުންވެއެވެ.'' ހަމައެހެން ބުޝްގެ ދައުރުގައި ޤައުމަށް ބޮޑު މުސީބާތަކާއި ކުރިމަތިވާނެ ކަމަށް ހީފުޅުވާކަމަށްވެސް، މާކުރިން ބުޝް ވިދާޅުވެފައިވެއެވެ. މިފޮތުގައި ބުނާގޮތުން ސެކިއުލާރ އެމެރިކާގެ، ރައީސަށް ދީނީ ފިކުރުތަކާއި، ޢަޤިދާތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

އެމެރިކާ ކިޔާގޮތަށް ކިޔާނަމަ ، "ޓެރަރިޒަމާއި'' ދެކޮޅަށް މި ޤައުމު ކުރަމުންދާ ހަނގުރާމަ އަކީ ފަހަރެއްގައިވެސް އޭގެ ފަހަތުގައި ދީނީ ކުލަވަރެއް، އަސަރެއް އޮތް އެއްޗެއް ނޫންކަމަށް އެމެރިކާ ކެޑިނޭޅި ބުނަމުންދެއެވެ. ނަމަވެސް އެއްފަހަރު ބުޝްވަނީ "ޓެރަރިޒަމާއި'' ދެކޮޅަށް ކުރާ ހަނގުރާމައަކީ ''ޞަލީބީ'' ހަނގުރާމައެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުސްލިމް ޤައުމުތަކުގެ ފާޑުކިއުންތައް އަމާޒުވުމުން، މި ބަސް އެއީ، ދޫ އޮޅިގެން ވިދާޅުވެވުނު އެއްޗެއްކަމަށް ވަނީ ނިންމާފައެވެ. ބުޝްގެ އިދާރާއަށް ފާޑުކިއުނު އަނެއް ހާދިސާއަކީ ދާދި ފަހަކުން، އުސާމާ ބިން ލާދިން ހިފާ ހައްޔަރު ކުރަން، ނުވަތަ މަރައިލަން، ބުޝް ހަވާލުކުރައްވާފައިވާ ޖެނެރަލް ވިލިއަމް ޕޯކިން، އެމެރިކާ ކުރަމުންދާ ހަނގުރާމައަކީ ''ޝައިޠާނާއި'' ދެކޮޅަށް ކުރާ އެއްޗެއްކަމަށާއި، މުސްލިމުން އަޅުކަން ކުރަނީ ''ބުދަކަށް'' ކަމަށް ބުނުމުންނެވެ. އަދި ''މުސްލިމުންގެ ކަލާނގެ'' އަށްވުރެ އަހަރެމެން (ކްރިސްޓިއަނުން)ގެ ކަލާނގެ މާ ބާރުގަދަކަމަށްވެސް ބުންޏެވެ.

''ޖޯޖްބުޝްގެ ޢަޤީދާ'' މި ފޮތްލިއުނު ސްޓީވަން މެންސްފީލްޑް، ބުޝްގެ ފިކުރު ހުންނަގޮތް ދެނެގަންނަން ވަރަށް ގިނަ ހާދިސާތަކަށް އަލިއަޅުވާފައިވެއެވެ. ރައީސް ބުޝް ކޮންމެ ދުވަހަކުވެސް ''ނަމާދު'' ކުރައްވާކަމަށާއި، ދީނީ އިޙްތިފާލުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް ވެއެވެ. އެގޮތުން 2002 ވަނަ އަހަރުގައި ސިލްވަޑޯރަށް ކުރެއްވި ޒިޔާރަތަކުން އެބުރި ވަޑައިގަންނަވަމުން، ފައްޅީގައި ބޭއްވޭ ދީނީ އިޙްތިފާލަކަށް ހާޟިރު ނުވެވޭނެތީވެ، މަތިންދާބޯޓުގައި، ކޮންޑަލީޒާރ ރައިސް އިސްވެ ހުރެ މި އިޙްތިފާލު ބޭއްވިކަމަށް ވެއެވެ. އަނެއްފަހަރަކު ޑަލަސްގެ މަސީހީ ޒުވާނުންގެ މަރުކަޒެއްގައި، ރާބުއިން ހުއްޓާލި ވާހަކައަށް އިޝާރަތް ކުރައްވަން، އިންޖީލުގެ ޢިބާރާތެއްކަމުގައިވާ ''އަލުން މަސީހީއެއްގެ ގޮތުގައި އުފަންވުން'' ބޭނުން ކުރައްވާފައިވެއެވެ.

ބުޝްގެ ޚިޠާބުތައް އަޑުއަހައިފި މީހަކަށް، ފާހަނގަވާނެ އެއްކަމަކީ އޭގައި ދީނީ ބަސްތައް ގިނަކަމެވެ. ދުނިޔޭގައި ވަނީ ތަރައްޤީ ވެފައިވާ ބަޔަކާއި ވަލު މީހުންނެވެ. ނުބައި ބަޔަކާއި ރަނގަޅު ބައެކެވެ. ޤައުމުތައް ބެހިފައިވަނީ "އަހަރެމެންނާއި އެކު ނުވަތަ ދެކޮޅު" މި ޤަވާޢިދުގެ ދަށުންނެވެ. "ޑިމޮކްރަސީ" މިބަހުގެ ބަދަލުގައި ގިނައިން ބޭނުންކުރައްވަނީ "ފްރީޑަމް" (މިނިވަންކަން) މި ބަހެވެ. "ފްރީޑަމް" މީ މަސީޙީ ދީނަށް ގޮވައިލުމުގައި، ކަލާނގެ ދެނެގަތުމުގެ މިނިވަންކަން އެންމެންނަށް ލިބިދިނުމުގެ މާނަދޭހަކޮށް ދިނުމަށް ބޭނުންކުރެވޭ ބަހެއްވެސް މެއެވެ. މިފަދަ ބަސްތަކާއި އުސޫލުތަކަކީ، ބުޝްގެ ފިކުރުތަކަކީ ކިހާވަރަކަށް ދީނީ އަސަރުކޮށްފައިވާ އެއްޗެއްކަން ދޭހަ ކޮށްދޭ ކަންކަމެވެ.

ދީންވެރި ޚިޔާލު ހުންނަ ، ޖޯޖް ބުޝްއާއި ބާބަރާ ބުޝްއަށް 1946 ވަނަ އަހަރު ލިބުނު ، ޖޯޖް ޑަބްލިއު ބުޝްއަކީ ކުރީގައި އެހާ ދީންވެރި ބޭފުޅެއްނޫނެވެ. ރާބުއިމާއި މަޖަލުގައި ޒުވާން ދުވަސްވަރު ހޭދަ ކުރައްވާފައިވާ ޖޯޖް ޑަބްލިއު ބުޝް ، ރަނގަޅު މަގަކަށް އެޅުވަން އަންހެނުން ލޯރާ ބުޝް ވަރަށް މަސައްކަތް ކޮށްފައިވެއެވެ. ރަށުގައި ހުންނަ ފައްޅިއަކަށް ގެންގޮސް ފުރަތަމަ ފަހަރަށް އިންޖީލު ލޯޤާ ކިއުއްވީވެސް ލޯރާއެވެ.

ބުޝްގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ވިސްނުމާއި ފިކުރު 360 ދަރަޖައަށް ބަދަލު ކޮށްލީ، އެމެރިކާގެ ކާނާތުފިޔައިގެ ކްރިސްޓިއަން ހަރަކާތުގެ އެންމެ ފާހަގަ ކުރެވޭ މޫނުކަމަށްވާ، ފާދިރީ ބިލް ގްރެހަމްއެވެ. އެހެންވެ، ތިމަންނަ ކަލާގެއާއި ހަމައަށް ވާސިލު ކޮށްދިން މީހަކީ މި ފާދިރީ ކަމަށްބުނެ އޭނައަށް ރައީސް ބުޝް ތަޢުރީފް ކުރެއްވިއެވެ. ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ ރައީސްކަމުގެ މަސްއޫލިއްޔަތު އުފުލަން ފެށުމުގެ މުނާސަބަތުގައި ބޭއްވި ދީނީ އިހުތިފާލު ކުރިއަށް ގެންދިޔައީ މި ބިލް ގްރެހަމްގެ ދަރިއެއް ކަމުގައިވާ ފާދިރީ ފްރެންކްލިން އެވެ. މި ދެ ފާދިރިންނަކީ އިސްލާމީ ދުނިޔޭގައި މިފަހުން ޚަބަރު އަޑުއަހާ އުޅުނު މީހަކަށް، ނުދަންނަ ނަމަކަށް ނުވާނެއެވެ. އެހެނީ މި ދެމީހުން ވަނީ ތަފާތު މުނާސަބާ ތަކުގައްޔާއި ޓީވީ ޝޯ ތަކުގައި އިސްލާމްދީނަށާއި، މާތް ރަސޫލާއަށް އިހާނަތުގެ އެތަކެއް ބަސްތަކެއް ރައްދު ކޮށްފައެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު، ބުޝް ވިދާޅުވެފައިވަނީ ކޮންމެ ދުވަހެއްވެސް ފައްޓަވަނީ، މަސީޙީ މުޤައްދަސް ފޮތުގެ ކުރީގެބަޔާއި ފަހުގެ ބައިގެ ތަންކޮޅެއް ވިދާޅުވަމުން ކަމަށެވެ. އަދި އަވަހާރަ ފުޅުލެއްޕެވުމުގެ ކުރިން، ފާދިރީ އޮޒަލްޑް ޝެމްޕާޒް ގެ ފޮތް ކިޔަވާ ވިދާޅުވާކަމަށްވެސް ހާމަކުރެއްވިއެވެ. މި ފާދިރީ މަރުވެފައިވަނީ މިސްރުގައި 1917ގައި ތިބި އިގިރޭސި އަދި އޮސްޓްރޭލިއާ ސިފައިން، ޤުދުސަށް މިސްރާބުޖަހައި، މުސްލިމުންގެ އަތުން އެތެން ފޭރިގަންނަން ބުނެ، ސިފައިނަށް ވަޢުޡު ދެނިކޮށެވެ.

ސެޕްޓެމްބަރ 2003 ގައި ބުޝްގެ އިދާރާ ވަނީ، މަސީޙީ ޚައިރީ ޖަމްޢިއްޔާތަކަށް އެހީ ވުމަށް ފެޑެރަލް ސަރުކާރުން 60 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. އަދި އެމެރިކާގެ މުޖްތަމަޢުގައްޔާއި، ސްކޫލުތަކުގައި ދީނީ ރޫހު އާލާ ކުރުމަށްވެސް މަސައްކަތްތަކެއް ފައްޓާފައެވެ. އަނެއްކޮޅުން އިސްލާމީ ޚައިރީ ޖަމްޢިއްޔާތަކުގެ ބޮލުގައި "ޓެރަރިސްޓު" ލޭބަލް ޖަހައި، ނޭވާ ނުލެވޭވަރަށް ފިއްތަމުންދެއެވެ. މިއީ ވިސްނާލުން ހައްޤު ނުކުތާއެއްކަން ކަށަވަރެވެ.ކަލާނގެ އެމެރިކާދެކެ ރުއްސަވާކަމަށް އެއްފަހަރަށްވުރެ ގިނައިން ބުޝްވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްލާމީ ޤައުމެއްގެ ރައީސެއް ﷲ އެޤައުމުދެކެ ރުއްސަވާކަމަށް ވިދާޅުވެއްޖެނަމަ ހަމަވަގުތުން "ޠާލިބާން" ސްޓިކާ ޖެހޭނެއެވެ. އަދި އެއީ ދީނާއި ވެރިކަން މަސްހުނިކުރުން ކަމަށް ވާހަކަ ދެކެވެން ފަށާނެއެވެ.

Comments