އަންގާރަ20201117

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު އިރާޤުގައި އެމެރިކާސިފައިންނަށް ދެމުންގެންދާ ހަމަލާތައް .. ފަހަތުގައިވަނީ ކޮންބައެއް !

އިރާޤުގައި އެމެރިކާސިފައިންނަށް ދެމުންގެންދާ ހަމަލާތައް .. ފަހަތުގައިވަނީ ކޮންބައެއް !

iraq_muqavam_mainpicއ. ދ ގެ ސަލާމަތީ މަޖުލިހުން 22 މެއި 2003 ގައި، އިރާޤުގައި ތިބި އެމެރިކާއާއި އިގިރޭސިވިލާތުގެ ސިފައިންނަކީ އެޤައުމު ހިފައިގެން ތިބި ސިފައިން ކަމުގައި، ޤަރާރެއް ފާސްކުރިއެވެ. އެހިސާބުން، އެމެރިކާމީހުން އިރާޤަށް އައީ އެޤައުމު މިނިވަންކުރަން ކަމަށް ބުނަމުންދިޔަ ބުނުން ބަދަލުވެ، އެއީ އެޤައުމު ހިފައިގެންތިބި ބައެއްކަމަށް އެއްބަސް ވެއްޖެއެވެ. އަދި މިޤަރާރަށް ދެކޮޅެއްވެސް ނަހަދައެވެ. ކިއްތޯއެވެ؟ އެމެރިކާއިން މިޤަރާރަށް މަރުޙަބާ ކިއެވެ. މީގެ ސަބަބުން، އިރާގު ހިފުމުގައި އެމެރިކާއަށް އެހީތެރިވެދިން، އިރާޤުގެ އިދިކޮޅުޖަމާއަތްތަކުންވެސް ނުރުހުން ފާޅުކުރިއެވެ. އެހެނީ އެމީހުންނަކީ، އަމިއްލަ ވަޠަން ބޭރުބަޔަކު ހިފުމަށް އެހީތެރިވެދިން ބައެއްގެ ގޮތުގައި ލޭބަލް ޖެހެން، އެމީހުންވެސް ބެނުންނުވާތީއެވެ.

އެމެރިކާއަށް، އިރާޤުގައި އުދަގޫ ތަކާއި ކުރިމަތިލާންޖެހުމުގެ ފެއްޓުމަކަށް މިޤަރާރުވެގެން ދިޔައެވެ. ފެއްޓުނީއްސުރެ އެމެރިކާ، އަމަލުކުރަމުން ގެންދިޔައީ އިރާޤު މީހުން ނިކަމެތިކޮށްލުމުގެ ނިޔަތުގައެވެ. އެގޮތުން އިރާޤުގެ ސިފައިންގެ ލަޝްކަރު ރޫޅާލިއެވެ. މަގުމަތީގައި ސިފައިންގެ ޗެކްޕޮއިންޓްތަކުގައި އާއްމުންނަށް ލިބެމުންދިޔަ އިހާނަތްތެރިކަން ދިޔައީ އިތުރުވަމުންނެވެ. ބަޢަޘް ޕާޓީ މީހުން ހިފާހައްޔަރު ކުރުމުގެ ނަމުގައި އެތައްބައެއް ހައްޔަރުކުރަމުން ގެންދިޔައެވެ. މީގެ އިތުރަށް އިރާޤުގެ ވަގުތީ ސަރުކާރުގެ ބަދަލުގައި، އިންތިޚާބު ކުރެވޭ ރަސްމީ ސަރުކާރެއް ޤާއިމްކުރުން ދިގުދަންމަމުން ގެންދިޔައެވެ. މިދަނޑިވަޅުގައި އެމެރިކާގެ ސިޔާސަތަކަށްވީ، އިރާޤަށް އެޤައުމުގެ ސިޔާދަތު އަބުރާ ދިނުމެއްނޫނެވެ. ބޭނުންވީ ވީހާވެސް ދިގުމުއްދަތަކަށް އެމެރިކާސިފައިންނަށް އިރާޤުގައި ތިބެވޭނެ ގޮތެއް ބެލުމެވެ. ގޮނޑިކޮއްކޮ ސަރުކާރެއް ބަޣްދާދުގައި އިންދުމެވެ.

- ހަމަލާތައްފެއްޓުން

ސިޔާސީޕާޓީތަކުން ވަރަށް ހަރަކާތްތެރިކަމާއިއެކު، ސިޔާސީމައިދާނުގައި ހަރަކާތްތެރި ވަމުންދިޔައިރު . އެހެންމައިދާނެއްގައިވެސް ބަޔަކުދިޔައީ މަޑުމަޑުން ހަރަކާތްތެރިވަމުން، ސަފުތައް ތަރުތީބު ކުރަމުންނެވެ. އާދެ ހަތިޔާރުއެޅި ޖަމާއަތްތަކުން ދިޔައީ، ޤައުމުހިފައިގެންތިބި ބޭރު ސިފައިންނަށް ކޮންމެދުވަހަކުވެސް، ވަރުގަދަހަމަލާތަކެއް ދެމުންނެވެ. ބަޣްދާދާއި ފަންސާހަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފައްލޫޖާއިން ފެއްޓުނު ހަމަލާތައް އިރާޤުގެ ހުރިހާ ސަރަހައްދަކަށްވެސް ފެތުރިގެންދިޔައެވެ. ފުރަތަމަކުރިމަތިލުމަކަށްވީ، ބަޣްދާދު ވެއްޓުމަށްފަހު އެމެރިކާސިފައިން ފައްލޫޖާގެ މަދަރުސާއެއް އެމީހުންގެ ޢަސްކަރީ މަރުކަޒަކަށް ހެދުމުން، އެކަމާއިދެކޮޅަށް މުޒާހަރާކުރިބައެއްގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން 13 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވުމެވެ. ފައްލޫޖާއަށްފަހު އަންބާރު، އެއަށްފަހު ބަޣްދާދު، ދެން އުތުރުން މޫޞިލްއާއި ހަމައަށް، އެމެރިކާސިފައިންނަށް ދެވޭ ހަމަލާތައް ފެތުރިގެން ދިޔައެވެ.

ކޮންމެދުވަހަކު ދެވެމުންދިޔަ ހަމަލާތަކުގެ ފަހަތުގައިވަނީ ކޮންބައެއްކަން ސީދާބުނަން، އެއްވެސް ބަޔަކަށް ފުރަތަމަކޮޅުގައި ނޭގުނެވެ. އެމެރިކާއިން އެންމެ ފުރަތަމަ ބުނީ ހަމަލާތައްދެނީ ޞައްދާމު ޙުސެއިނަށް ވަފާތެރި މަދުބައެއްކަމަށެވެ. އަދި އެއީ ފަހަރެއްގައިވެސް މާކަބޮޑު ރޭވުންތެރިކަމެއް އޭގެފަހަތުގައިއޮތް ކަމެއްނޫންކަމަށެވެ. މިހިސާބުން ހިތުގައިއުފެދޭ ސުވާލަކީ ހަމަލާތައްދެނީ ސައްދާމުގެ ނިޒާމުގެ ބާކީތިބި މަދުބައެއްކަމަށް އެމެރިކާ ބުނާބުނުން އެއީ ހަމަހަޤީޤަތުގައިވެސް ، ހިތުގެއަޑިން ބުނާބުނުމެއްހެއްޔެވެ؟ ނުވަތަ އެއީ އެހެންނިޔަތެއްގައި ބުނާބުނުމެއްހެއްޔެވެ؟

ޔަޤީންކަމާއިއެކު ބުނަންކެރޭ ޙަޤީޤަތަކީ، ހަމަލާދެނީ އިރާޤު ހިފައިގެންތިބި ބޭރު ޤައުމެއްގެ ސިފައިން ފައްސާލަން ކަން، މީހުންނަށް ސިފަވާން އެމެރިކާ ބޭނުންނުވާކަމެވެ. އެހެންވެ ހަމަލާދޭ ބައެއްގެ އަގުވައްޓާލަން އެމެރިކާ ހަދަމުންދާ ދޮގުތަކަކީ އެއްގޮތަކަށްވެސް ހައިރާން ވާންޖެހޭ ކަމެއްނޫނެވެ. ފުރަތަމަ ބުނީ އެއީ ސައްދާމަށް ވަފާތެރި، އަމިއްލަ މަޞްލަޙަތަށް މަސައްކަތްކުރާ ބައެއްކަމެވެ. ދެން ބުނީ ބައެއް ހަމަލާތަކުގެ ފަހަތުގައިވަނީ ސައްދާމު ކަމަށްވިޔަސް، ގިނަހަމަލާތަކަކީ ބޭރު ޤައުމުތަަކުން އިރާޤަށް އެތެރެވާ ޓެރަރިސްޓުން ކަމަށެވެ. އަދި އެމެރިކާގެ ކިބައިން ބަދަލުހިފަން އަލްޤާޢިދާ ކުރާކަމެއްކަމަށްވެސް ބުނެއެވެ. ހަމަލާތައް ދެނީ ޞައްދާމުގެ މީހުންނަމަ، ޞައްދާމު ވެރިކަމުގައި ހުންނެވިއިރު ބަޣްދާދު ދިފާޢުކުރަން ހަނގުރާމަ ނުކުރިބަޔަކު، ވެރިކަމުން ވައްޓާލުމުގެ އެތައް ދުވަހެއް ފަހުން އެކަން ކުރަން ނުއުޅޭނެކަން ވިސްނާލުމުން ވަރަށްފަސޭހައިން ޤަބޫލު ކުރެވެއެވެ. ހަމަލާތަކުގެ ފަހަތުގައި ކުރީގެ ސިފައިން ތިބެންޏާ އެތިބެނީ ، ވަޠަނީ ބައެއްގެގޮތުގައެވެ.

ފަހަރެއްގައިވެސް ކުރީގެ ހައިސިއްޔަތަކުން ނޫނެވެ. މިހާތަނަށް ލިބެންހުރި މަޢްލޫމާތުތަކަށް ބަލާއިރު، ސިޔާސީ މުހައްލިލުން ބުރަވަނީ އިރާޤުހިފައިގެންތިބި އެމެރިކާއާއި އިގިރޭސި ސިފައިން ބާލަން ދެމުންގެންދާހަމަލާތަކުގެ ފަހަތުގައިވަނީ ވަކިޖަމާޢަތަކަށް ނިސްބަތް ނުވާ ސުންނީ އިސްލާމުންނެވެ. އަދި ޤައުމަށް ޣީރަތްތެރި ވަކިވަކި ފަރުދުންނެވެ. ނަމަވެސް އެމެރިކާގެ މަސްއޫލުވެރިން އެންމެ ފަހުން ދެއްވަމުންގެންދާ ބަސްދީގަތުންތަކުގައި ވިދާޅުވަނީ، އިރާޤުގެ ކުރީގެ ބަޢަޘްޕާޓީގެ ނާއިބްރައީސް ޢިއްޒަތުއިބްރާހީމް މިހަމަލާތައް ރާވާ ހިންގުމުގައި ވަރަށް އިސްރޯލެއް ކުޅުއްވާކަމަށެވެ.

ސިޔާސީ ޕާޓީތައް މިހަމަލަތަކާއިމެދު ދެކެނީ ކިހިނެއްތޯބަލާއިރު ދެންނެވޭނި، ހުރިހާ ޕާޓީތަކުންވެސް ފާޅުގައި މި ކަމާއި ދެކޮޅުކަމެވެ. މީގެތެރެއިން ބައެއްމީހުން ބޭނުންވަނީ އެމެރިކާގެ ރުހުން ހޯދައި މުސްތަޤްބަލުގައި ސަރުކާރުން ގޮނޑިއެއް ހޯދުމެވެ. އަނެއްމީހުންގެ އަމާޒު މިވަގުތަށް އަދި ހުރީ، އާއްމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޤައުމު ބިނާކުރުމަށެވެ.

އެމެރިކާ ސިފައިންނަށް ދެވެމުންދާ ހަމަލާތައްދަނީ ދުވަހެއްދުވަހަކަށް، ވަރުގަދަވަމުންނެވެ. އަދި ލިބެމުންދާ ގެއްލުންވެސް ދަަނީ ކުރިން ޕެންޓަގަންއިން ހީވެސް ނުކުރާހާ ބޮޑުވަމުންނެވެ. އެވްރެޖްކޮށް ކޮންމެދުވަހަކުވެސް ވިއްސަށްވުރެ ގިނަހަމަލާ ، އެކިކަންކޮޅުތަކުގައި ދެވެއެވެ. އަސްލު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޢަދަދަށްވުރެ ، 1މެއި 2003 ގައި ރައީސް ބުޝް ހަގުރާމައިގެ އަސްކަރީ ހަރަކާތްތައް ނިމުނުކަން އިޢުލާން ކުރެއްވިފަހުން 29 އޮކްޓޯބަރ 2003 އާ ހަމައަށް އެމެރިކާގެ 116 ސިފައިންމަރާލެވިފައިވެއެވެ. ހަގުރާމައިގެތެރޭގައި މަރުވެފައިވަނީ 115 ސިފައިންނެވެ.

ލިބެމުންދާ ގެއްލުންތަކަށް އެކަނިމާއެކަނި ކެއްނުކުރެވޭނެކަން، އެކަނިވިޔަސް ހަގުރާމަ ކުރާނެކަމަށް ބުނެ، އ.ދ ގެ ހުއްދައެއް ނެތި، ހަމައެކަނި އިގިރޭސިން ގޮވައިގެން ހަގުރާމައަށްވަން އެމެރިކާއަށް ވިސްނެންފަށައިފިއެވެ. އެހެންވެ ތަފާތުޤައުމުތަކުން ސިފައިން ފޮނުވުމަށް ކެނޑިނޭޅި އެމެރިކާއިން މިހާރު އެދެމުންދެއެވެ. އެހެންމީހުންގެ އެހީއަށްވެސް އެދެން ގަދަފަދަ އެމެރިކާއަށް މަޖްބޫރުވެއްޖެއެވެ.

ކަޑައެޅިގެން އެގޭކަމަކީ އިރާޤުގައި އެމެރިކާ މަޑުކުރާ ކޮންމެ ދުވަހަކީ އިރާޤުގެ ރައްޔިތުނގެ ހިތުގައި ނަފްރަތު އިތުރުވާނެ ދުވަހެއްކަމެވެ. އަދި ކޮންމެ ދުވަހަކީ ހަގުރާމަވެރިންނާއި، އިތުރުބަޔަކު ބައިވެރިވާނެ ދުވަހެއްކަމެވެ.

އެމެރިކާ އޮތް ހައްލަކީ އެމެރިކާ، އިރާޤަށް އައީ ނުރައްކާތެރި ހަތިޔާރު ނައްތާލަންކަމަށް ވަނީނަމަ އެކަންކޮށް ނިންމާފައި އަވަހަށް އެބުރިދިއުމެވެ. އިރާޤަށް އައީ އެޤައުމު ހިފައި، އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވް އަތްދަށުލައި، މެދު އިރުމަތީގެ ޗާޓު ބަދަލުކުރުން ކަމަށްވަނީނަމަ އިތުރު ކުރިމަތިލުންތަކާއި ކުރިމަތިލައި، ބޮޑެތި ގެއްލުންތައްލިބި އިތުރު ސިފައިން މަރުވިޔަސް ވަރިހަމަ ކުރުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.