އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ބަދަހިވަމުން އަންނަ އިސްރާއީލް- އިންޑިޔާ ގުޅުމުގެ ނުރައްކާތައް

ބަދަހިވަމުން އަންނަ އިސްރާއީލް- އިންޑިޔާ ގުޅުމުގެ ނުރައްކާތައް

india_israelގާތްގަނޑަކަށް 40 އަހަރުދުވަސްވަންދެން، އިންޑިޔާއާއި އިސްރާއީލާއި ދެމެދު އުފެދިފައި އޮތް، ހިތްހަމަ ނުޖެހުމާއި، އިދިކޮޅުކަމަށް، 90ގެ އަހަރުތަކުންފެށިގެން އަންނަނީ، ލުއިކަން ލިބެމުންނެވެ. މިދެފަރާތުގެ ގުޅުން ބަދަހިވަމުން އައުމުގެ ސަބަބުތަކުގެ ތެރޭގައި، ރޫސީ ވިލާތް ރޫޅުމާއި، ޢަރަބިންނާއި އިސްލާމީ އުއްމަތުގެ ބާރުކެނޑި، ނިކަމެތިވުން ފާހަގަކޮށްލެވެއެވެ.

މިކަމުގެ ސަބަބުން އިނޑިޔާގެ އިތުރުން، ބައެއް ޢަރަބި ޤައުމުތަކާއި، ޔަހޫދީ ދައުލަތާއި ދެމެދުވެސް، ގާތްގަނޑަކަށް ޠަބީޢީ ދަރަޖައަކަށް ގުޅުން ބަދަހިވެފައިވެއެވެ. އިސްރާއީލާއި ގާތްގުޅުމެއް ބާއްވައި، ސްޓްރެޓެޖިކް ގޮތުންވެސް، އެމީހުންނާއި ގުޅުމަށް، އެމެރިކާއިންވެސް، އިންޑިޔާއަށް ބާރު އަޅަމުން ގެންދެއެވެ.

އިންޑިޔާތެރޭގައި، ޕާކިސްތާނުން އެހީވެދޭ، އިސްލާމީ ޖަމާޢަތްތައް ކަމަށްބުނެވޭ މީސްމީހުންގެ ފުށުން ހިންގޭ ޢަމަލުތައް ހަރުކަށިވުމާއި، މިކަހަލަ ޙަރަކާތްތައް ''އިނދަޖައްސާލުމުގައި'' އިސްރާއީލަށް ތަޖުރިބާތަކެއް ލިބިފައިވާކަމަށް އިނޑިޔާއިން ޤަބޫލުކުރުންވެސް، މިގުޅުންތައް ބަދަހިވުމުގެ ސަބަބެއްކަމުގައި ބެލެވިދާނެއެވެ.

ހަމައެފަދައިން، އިންޑިޔާގެ ވެރިކަމަށް އިސްލާމުންނާއި އިދިކޮޅު، ބަހާރަތިޔާ ޖަނާތާ ޕާރޓީ 1998 ވަނަ އަހަރުންފެށިގެން އައުމާއި، ޕާކިސްތާނު މެދުވެރިކޮށް، އެމެރިކާއިން ކުރީގެ ރޫސީ ވިލާތާއި އިދިކޮޅަށް، އިސްލާމީ ޖަމާޢަތްތައް ލައްވާ ޙަރަކާތްތައް ހިންގުމަށް ދިން އެހީތައް ކަނޑާލުމާއި، ޕާކިސްތާނުގައި ޢަސްކަރީ ވެރިކަމެއް ޤާއިމުވެފައިވުމަކީވެސް، އިންޑިޔާއާއި އިސްރާއީލު އެއްގަލަކަށް އެރުމަށް މަގުފަހިކޮށްދިން ކަންކަންކަމުގައި ބެލެވެއެވެ.

އިސްރާއީލާއި އިންޑިޔާއާއިމެދު ގުޅުން ބަދަހިވަމުންދާ ދާއިރާތައް

މިދެޤައުމުގެ ދޭތެރޭގައި ގުޅުން ބަދަހިވަމުން އަންނަ ދާއިރާތަކުގެ ތެރޭގައި، ޘަޤާފަތާއި، އިޤްތިޞާދާއި، ޓެކްނޮލޮޖީއާއި، ޢަސްކަރީ ދާއިރާތައް ހިމެނެއެވެ. އިސްރާއީލު މެދުވެރިކޮށް އިންޑިޔާއިން އަންނަނީ، ޔޫރަޕާއި، އެމެރިކާއާއިއެކު ވިޔަފާރީގެ ގުޅުންތައް އިތުރުކުރަމުންނެވެ. ހަމައެގޮތަށް، އިންޑިޔާގެ ބޮޑު ބާޒާރަކީ، ދުރުއިރުމައްޗާއި، ހަތިޔާރުގެ ބާޒާރުތަކާއި ގުޅުވައިދޭ މަގެއްގެ ގޮތުގައި ބެލެވެއެވެ.

އިންޖިނިއަރިންގ އާއި، ބިމުން ފެންނެގުމާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާތަކާއި ގުޅުންހުރި، ގާތްގަނޑަކަށް 200 މަޝްރޫޢު ދެޤައުމު ގުޅިގެން ހިންގާފައިވެއެވެ. އިސްރާއީލުގެ އިންވެސްޓުމަންޓުތައް، އިންޑިޔާގައި، 1992 ވަނަ އަހަރު އުޅެނީ، 26 މިލިއަން ޑޮލަރުގައެވެ. ނަމަވެސް 1999 ވަނަ އަހަރު، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓްތައް އިސްރާއީލުން އިންޑިޔާގައި ކޮށްފައިވެއެވެ. މިދެޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 1992 ވަނަ އަހަރު 202 މިލިއަން ޑޮލަރުގައި ހުރިއިރު، މިހާރު އެޢަދަދު އުޅެނީ، އެއްބިލިއަނަށްވުރެ މަތީގައެވެ. އަދި ހަމަ އެފަދައިން، ވިޔަފާރީގެ ދާއިރާތައް ފުޅާވެ، ބަދަލުކުރެވޭ މުދަލުގެ، ބާވަތްތައްވެސް ވޭތުވެ ދިޔައަހަރުތަކުގެ ތެރޭގައިވަނީ އިތުރުވެފައެވެ.

ސިޔާސީ ގޮތުންބަލާއިރު، ދުނިޔޭގެ ޤައުމުތަކުން އިސްރާއީލު ކުށްވެރިކޮށްފައިވާ ބައެއް މައްސަލަތަކުގައި އިންޑިޔާއިން އިސްރާއީލާއި ބައިވެރިވެފައިވެއެވެ. އެގޮތުން، ޒަޔޮނިޒަމްއާއި، ނަސްލީ އިމްތިޔާޒާއި ހަމަހަމަކުރުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. މިކަންތައްތައް އިންޑިޔާއިން ކޮށްދީފައިވަނީ، ޕާކިސްތާނާއި ކުރިމަތިލުމަށް، އިސްރާއީލުން އެމީހުންނަށް އެހީތެރިވެދޭ މަތިންނެވެ. އަދި މިކަމުގެ ސަބަބުން، އެމެރިކާގެ ވެރިކަމުގެ އިދާރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ، އިންޑިޔާ ނަސްލުގެ މަސްއޫލުވެރިން، ޔަހޫދީ ލޮބީ އާއި އެއްކޮޅަށް މަސައްކަތް ކުރައްވާނެކަމަށް އިސްރާއީލުން އުންމީދުކުރެއެވެ.

ޢަރަބިންނާއި ފަލަސްޠީނުގެ މައްސަލަތަކުގައި، އިންޑިޔާއިން އ.ދ ގައި ވޯޓު ދެމުން އަންނަ ގޮތަށްވެސް ބަދަލު އައިސްފައިވާ ކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން، ފަލަސްޠީނުގެ ރައްޔިތުންނާއި އިދިކޮޅަށް އިސްރާއީލު ސިފައިން ހިންގާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރުމާއިވެސް އިންޑިޔާއިން ދަނީ ދުރުވަމުންނެވެ.

ޢަސްކަރީ ގުޅުންތައް

ރަޝިޔާނަގާފައި، އިންޑިޔާއަށް އެންމެ ގިނައިން ހަތިޔާރު އެތެރެކުރެވޭ ޤައުމަކީ އިސްރާއީލެވެ. އިސްރާއީލުން އިންޑިޔާއަށް، ޢަސްކަރީ ދާއިރާގައި ވަރަށް ގިނަ ހަތިޔާރުތަކާއި، ޓެކްނޮލޮޖީ ފޯރުކޮށްދީފައިވެއެވެ. ބަދަލުގައި، އިސްރާއީލުގެ ސަބްމެރިންތައް، އިންޑިޔާ ކަނޑުގެ ތެރޭގައި ރުކުރުވާލުމުގެ ފުރުޞަތު އިންޑިޔާއިން ދީފައިވެއެވެ. މިކަމަށްޓަކައި، އިސްރާއީލާއި އިންޑިޔާގެ ކަނޑުގެ ސިފައިންގެ މެދުގައި، ގުޅުން ބަދަހިކުރެވިފައިވެއެވެ. އިސްރާއީލުގެ ސަބްމެރިންތައް މިހިސާބަށް ވާޞިލުވުމަކީ، އިސްރާއީލުގެ ބޮޑެތި ހުރިހާ ރަށްތަކަކަށް ޙަމަލާދެވޭ ވަރުގެ މިސައިލްތައް މިހާރު އުފައްދާފައިވާ، އީރާނުގެ ސަލާމަތަށް ނުރައްކާ ކުރާ ކަމެކެވެ. އަދި ހަމައެފަދައިން، ޤަލްފު ޤައުމުތަކަށާއި، ޢަރަބި ދުނިޔެއަށް، ދެކުނު ފަރާތުން، ބިރުވެރިކަން ކުރިމަތި ކުރުވާނެކަމެކެވެ.

2000 ވަނަ އަހަރު، ސްރީލަންކާގެ އައްސޭރި ފަށުގައި، އިސްރާއީލުގެ ސަބްމެރިންތަކުން، ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ކްރޫޒް މިސައިލްތައް ތަޖުރިބާ ކުރުމުގެ ތަމްރީނުތަކެއް ބާއްވާފައިވެއެވެ. އޭގެ ފަހުންވެސް، އިސްރާއީލުން މިފަދަ ތަމްރީނުތައް ބާއްވާފައިވާ ކަމަށް ރިޕޯރޓުތައް ބުނެއެވެ. ދެފަރާތް ގުޅިގެން، މިސައިލްތަކާއި އިދިކޮޅު މިސައިލް ނިޒާމެއް ތަރައްޤިކުރަން އުޅޭ ކަންވެސް ވަނީ ހާމަވެފައެވެ.

އިސްރާއީލުން އިންޑިޔާއަށް ވިއްކާފައިވާ ޢަސްކަރީ ސާމާނުތަކުގެ ތެރޭގައި، ޕައިލެޓަކާއި ނުލައި ދުއްވާ މަތިންދާ ބޯޓުތަކާއި، ލޭޒަރު ދޯދިން އަމާޒުކުރެވޭ ބޮމާއި، ޓޭންކް ޙަމަލާދިނުމަށް ބޭނުންކުރެވޭ އެންމެފަހުގެ ނިޒާމުކަމުގައިވާ ޓީ-72 އާއި، މަނަވަރުތަކަށް ޙަމަލާ ދިނުމަށް ބޭނުނުްކުރެވޭ ބާރާކު މަރުކާގެ، 30 މިސައިލު ހިމެނެއެވެ. އޭގެ އިތުރުން، އެންމެފަހުގެ ރާޑަރ ނިޒާމުތަކާއި، ސަރަޙައްދީ ރޮނގުތައް ބެލުމަށް ބޭނުންކުރެވޭ ޙައްސާސީ ސާމާނުތަކާއި، ރޭގަނޑު ތަންތަން ބެލުމަށް ބޭނުންކުރެވޭ އެއްޗެހި ހިމެނެއެވެ. މިތަކެތީގެ ވިޔަފާރިއަށް ގާތްގަނޑަކަށް، 3 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ.

އެމެރިކާގެ އެއްބަސްވުން ލިބިގެން، އަރޫ ނިޒާމުގައި ބޭނުންކުރެވޭ، ގްރީން ޕެއިން ރާޑަރ ވެސް އިސްރާއީލުން، އިންޑިޔާއަށް ފޯރުކޮށްދީފައިވާކަމަށް ބުނެވެއެވެ. އަދި އިސްރާއީލާއި އެމެރިކާއާއި 3 ޤައުމުގެ މެދުގައި ދެކެވެމުންދާ ވާހަކަ ތަކުގައި، މިސައިލްއާއި އިދިކޮޅަށް މަސައްކަތްކުރާ، އާރޫ ނިޒާމާއި، ފެލްކަން މަރުކާގެ މަތިންދާ ބޯޓުތައް އިންޑިޔާއަށް ވިއްކުންވެސް ހިމެނެއެވެ.

އިސްރާއީލުން، ގެރިއްލާ ޙަމަލާތަކާއި އިދިކޮޅަށް އިންޑިޔާގެ 300 ވަރަކަށް ސިފައިން ތަމްރީނުކޮށްދިނުމަށްވެސް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން، ސަރަޙައްދީ ރޮނގުތައް ބެލެހެއްޓުމާއި، ޓެރަރިސްޓު ޙަމަލާތައް ހުއްޓުވާނެގޮތުގެ ތަމުރީނުތައްވެސް އިސްރާއީލުން އިންޑިޔާ ސިފައިންނަށް ދެމުންގެންދެއެވެ.

ނިއުކްލިޔަރ ގުޅުން

ނިއުކްލިޔަރ މައިދާނުގައި، މިދެޤައުމުގެ ދެމެދުގައި އެއްވެސް ގުޅުމެއް ނުވާކަމަށް އިސްރާއީލުންނާއި އިންޑިޔާއިންވެސް ބުނަމުން ގެންދެއެވެ. އިސްރާއީލުގެ ލިޔުންތެރިން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ނިއުކްލިޔަރ މަޝްރޫޢާއިމެދު، 80ގެ އަހަރުތަކުގައި، އިސްރާއީލާއި އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެވަގުތުން ފެށިގެން، މިދެފަރާތުގެ ސިއްރު މަޢްލޫމާތުތައް އެއްކުރުމާއި ބެހޭ މުވައްޒަފުންގެ މެދުގައި، ގުޅުން ބަދަހިކުރެވެމުން އައިސްފައިވާކަމަށްވެއެވެ. މިދެޤައުމަކީވެސް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުން މަނާކުރާ މުޢާހަދާގައި ސޮއިކޮށްފައިނުވާ ދެޤައުމުކަމަށްވުމާއިއެކު، ސިޔާސީ ދާއިރާއިން އަންނަ އިޝާރަތަކާއިއެކު، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އެވަގުތުންފެށިގެން ތައްޔާރުވަމުން ގޮސްފައިވާކަމަށްވެސް ބުނެވެއެވެ.

1998 ވަނަ އަހަރު މެއި މަހުގައި، އިންޑިޔާއިން ނިއުކްލިޔަރ ހަތިޔާރު ތަޖުރިބާ ކުރުމާއި ވިދިގެން އިސްރާއީލުން އެއްވެސް ކަހަލަ ނުރުހުމެއް ފާޅުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

އިންޑިޔާގެ ނިއުކްލިޔަރ ހަތިޔާރުގެ މަޝްރޫޢަށް، އިސްރާއީލުން އެހީތެރިވެދީފައިވާކަމަށް، ޢަރަބިންނާއި އިސްލާމީ ދުނިޔޭގެ ގިނަ ފަރާތްތަކުން ޝައްކުކުރެއެވެ.

2000 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިޔާގެ ވަޒީރެއްކަމުގައިވާ، އެލްކޭ އަދްވާނީ ވިދާޅުވެފައިވާ ގޮތުން، އިސްރާއީލާއި އިންޑިޔާއާއި ދެމެދު ހުރިހާ ދާއިރާއެއްގައިވެސް ގުޅުން އުފެއްދުމަށް އޭނާ ތާއީދު ކުރައްވައެވެ. އޭގެ ތެރޭގައި، ނިއުކްލިޔަރ ދާއިރާވެސް ހިމެނެއެވެ.

އިސްލާމީ ޤައުމުތަކަށާއި ޢަރަބިންނަށް ހުރި ނުރައްކާ

އިސްރާއީލާއި، އެހެން އެއްވެސް އެހެން ބަޔަކާއި ދެމެދު ބަދަހިވާ ގުޅުމެއްގެ ސަބަބުން، ޢަރަބިންނާއި އިސްލާމީ ދުނިޔެއާއި ޢަދާވާތްތެރިވެ، އެމީހުންގެ ޙައްޤުތަކަށް އަރައިގަތުމަށް އިސްރާއީލަށް ފުރުޞަތު ބޮޑުވާކަމުގައިވާނަމަ، އެގުޅުމަކީ ، ޢަރަބިންނާއި މުސްލިމުންނަށް އޮތް ނުރައްކަލެއްކަމުގައި ބެލެވިދާނެއެވެ. ހަމައެފަދައިން މިކަމުގެ ސަބަބުން، އިސްރާއީލަށް، އެމީހުންގެ ވަށައިގެންވާ ޤައުމުތަކުން ކުރިމަތިކޮށްފައިވާ އެކަހެރިކަމުން ސަލާމަތްވުމަށް ވަގުތު ލިބޭނެއެވެ.

އިންޑިޔާއާއި އިސްރާއީލާއި ދެމެދު ބަދަހިވަމުންދާ ގުޅުމުގެ ސަބަބުން، އިސްލާމީ އުއްމަތަށް ނުރައްކާ ފޯރުކޮށްފާނެކަމަށް ބެލިދާނެއެވެ. އެގޮތުން، މިދެޤައުމުގެ ދެމެދުގައި އޮންނަ ޢަސްކަރީ، ސްޓްރެޓެޖިކް ގުޅުމުގެ ސަބަބުން، އިސްރާއީލަށް، އިންޑިޔާ ކަނޑުގައި އިންޑިޔާއާއި ގުޅިގެން، ޢަރަބި ދުނިޔޭގެ އިރުދެކުނަށް، ޚާއްޞަކޮށް ޢިރާޤަށާއި ޤަލްފު ޤައުމުތަކަށާއި، އިސްލާމީ ޤައުމުތަކުގެތެރެއިން، އީރާނަށާއި، ޕާކިސްތާނުގެ ސަލާމަތަށް ބިރު ދެއްކިދާނެއެވެ.

އަނެއްކޮޅުން، އިންޑިޔާއަށް ހަތިޔާރު ވިއްކައިގެން ލިބޭ ފައިސާއިން، އިސްރާއީލުގެ ޢަސްކަރީ އުފެއްދުންތައް އިތުރަށް ތަރައްޤީ ކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން، އިންތިފާޟާގެ ސަބަބުން، ހީނަރުވަމުންދާ އިސްރާއީލުގެ އިޤްތިޞާދު ނަގަހައްޓައި، ފަލަސްޠީނާއި، އަވަށްޓެރި ޢަރަބި ޤައުމުތަކުގެ ރައްޔިތުންނަށް ބިރުދެއްކުން މަތީ އޮވެވިދާނެއެވެ.

ބައިނަލް އަޤުވާމީ މަސްރަޙުގައިވެސް، އެމެރިކާއާއި ހުޅަނގުން ލިބޭ ތާއީދަށް، އިންޑިޔާ އިތުރުވުމުން، އިސްރާއީލަށް ފައިދާ ކުރާނެއެވެ. އަދި ޢަރަބިންނާއި މުސްލިމު ޤައުމުތަކުން، އިސްރާއީލަށް ފިއްތުމަށް، އިޤްތިޞާދީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުން ހިންދެމިލުމަށް އިންޑިޔާގެ ބޮޑު ބާޒާރު ހުޅުވާލެވުމުން، އިސްރާއީލަށް ފުރުޞަތު ލިބިގެންދާނެއެވެ.

މަޢްލޫމާތު : އަލްޖަޒީރާ . ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.