ބުދަ20201118

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު އ. ދ .. އެމެރިކާގެ އަމިއްލަ މުއައްސަސާއެއް ބާ ؟

އ. ދ .. އެމެރިކާގެ އަމިއްލަ މުއައްސަސާއެއް ބާ ؟

Us_Unއ. ދ ގެ އެއްވެސް ޤަރާރަކާއި ނުލައި، އެމެރިކާ ޢިރާޤާއިދެކޮޅަށްކުރި ހަނގުރާމަ ފެއްޓުމުގެ ދުވަސްކޮޅެއްކުރިން، އެޤައުމުގެ އާ ހިފެހެއްޓުންތެރި ސިޔާސަތުގެންގުޅޭ މީހުންގެ އެއް ރަމްޒުކަމުގައިވާ ރިޗާރޑް ޕާރލް، ގާޑިއަން ނޫހުގައި ''އ. ދ މަރުވުން'' މިނަމުގައި މަޒްމޫނެއް ލިޔެފައިވެއެވެ. ލިއުމުގައި ސިފަކޮށްފައިވާގޮތުން އ.ދ އަކީ މިހާރު އޭގެ އިތުބާރު ގެއްލިފައިވާ، ދުނިޔޭގެ ސުލްހަމަސަލަސްކަން ބެލޭނެ ޖަމްޢިއްޔާއެއް ނޫނެވެ.

މިލިއުމުގައި ރިޗާރޑް ޕާރލް ބުނެފެއިވަ ވާހަކައަކީ ހަމަހަޤީޤަތުގައިވެސް ، ވޮޝިންޓަން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޢަސްކަރީ ހަރަކާތްތަކާއި، ސިޔާސަތަށް ޝަރުޢީ އަދި ބައިނަލް އަޤުވާމީ ސިފައެއްގެންނަން ހިތުހުރިގޮތަކަށް އ. ދ ބޭނުން ނުކުރެވުމުގެ، ރުޅިވެރިކަން ދޭހަކޮށްދޭ ވާހަކައެކެވެ.

މިރުޅިވެރިކަމަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރުރެތޭގައި އެމެރިކާގައި ، ބޮޑުވަމުން ފެތުރެމުން އަންނަ ސިޔާސީ ، ފިކުރީ އޮއިވަރެކެވެ. މިމީހުން ދެކޭގޮތުގައި އ. ދ އަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އެޅިފައިވާ ކަޅުވިލާގަޑެކެވެ. އަދި އ. ދ އުޅެނީ އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ކަނޑުވާލައި ، ޢާލަމީ ވަކި ސަރުކާރެއް އަމިއްލައަށް އުފައްދާށެވެ.

މިފަދަ ފާޑުކިއުންތައް އަންނަނީ ގިނަފަހަރަށް ޖުމްހޫރީ ޕާޓީންނެވެ. އެހެންކަމުން މިއީ އެމެރިކާ ދުނިޔެއަށް ބަލާބެލުމުގައި ދެ ފިކުރެއް ، އެމެރިކާގައި އޮތްކަމަށް ދޭހަކޮށްދޭ ކަމެކެވެ. ނުވަތަ ދެ ސިޔާސީ ފިކުރެއްގެ ދެމެދުގައި ހިގަމުންދާ ކޯޅުންގަޑެކޭވެސް ދެންނެވިދާނެއެވެ.

އެއްބަޔަކު ދެކޭގޮތުގައި އެމެރިކާގެ މަސްލަހަތު ދުނިޔޭގެ ކަންކޮޅުތަކުގައި ، ހިމާޔަތް ކުރެވޭނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ބާރުގެ ބޭނުން ނުކޮށްފިނަމަ އެމެރިކާގެ ހައިބަތާއި އިއްޒައް ވެއްޔާއި މޮޑެވިދާނެއެވެ. އެއްކޮޅުން އެމެރިކާގެ މަސްލަހަތާއި އަމްނާއި، އަނެއްކޮޅުން ބައިނަލްއަޤުވާމީ ޤާނޫނާއި ނިޒާމާއި މުޑިއަރައިފިނަމަ، ފަހުން މި ދެންނެވި ބައި ޖެހޭނީ މަޑުމަޑުން ނަގާފައި އެއްފަރާތް ކޮށްލާށެވެ. ހަމައެހެންމެ އ. ދ މިހާރު ވަނީ ، އަންޒަމާނު ކަރައަށް ވައިއެރި ދުވަސް ވަރުގެ ، މި ޒިމާނަށް ނުފެތޭ މުސްކުޅިއަކަށް ވެފެއެވެ. މިހާރު ދުނިޔޭގައި އެމެރިކާ ނޫން އެހެންބާރެއް ނެތެވެ. މިހާރު ސޯވިއެޓް ޔުނިއަންއެއްވެސް ނެތެވެ. ވީމައި ސޯވިއެޓް ދުވަސްވަރުގެ ނަމޫނާއެއް އާޤަރުނަކަށް ނުފެތޭނެއެވެ.

ދެވަނަ ބައިގެ މީހުންނަކީ ބައިނަލް އަޤުވާމީ އެކުވެރިކަމަށް ނުވަތަ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރުމުގައި ތަންކޮޅެއް މިނިވަން ޚިޔާލެއް ގެންގުޅޭމީހުންނެވެ. އެގޮތުން ޤައުމުތައް އަކަތިގަޑެއްގެ ގޮތުގައި މަސައްކަތްކޮށް ހުރިހާ އެންމެންގެ މައްސަލަތައްވެސް ހައްލު ކުރެވިދާނެއެވެ. ކޮންމެހެން އެހެންމީހުންގެ މަސްލަހަތަށް ބަލައިގެން އުޅުމަކީ އަމިއްލަ މަސްލަހަތު ގެއްލޭނެ ކަމެއްވެސް ނޫނެވެ.

މި ދެފިކުރުގެ ތެރެއިން ބޮޑަށް ވައިޓްހައުސް ބުރަވަނީ ކޮންކޮޅަކަށްކަން ބުނެވޭނީ އޭރަކު ސިޔާސީ ޤަރާރު ނަގަން ތިބީ ކޮންބައެއްތޯ ބަލާފައެވެ. ޖުމްހޫރީން ތިބިނަމަ ބޮޑަށް ބަލަނީ އަބަދުވެސް އ.ދ އަކީ އެމެރިކާގެ އެދުންތައް ފުރިހަމަ ކުރުމަށް ގެންގުޅޭ ދަޑިބުރިއެއްގެ ގޮތުގައެވެ. ނުރުހެވޭ ޤައުމެއް އޮތްނަމަ ސަލާމަތީ މަޖުލިހުން ދަތިކުރުމުގެ ކޮންމެވެސް ފިޔަވަޅެއް އަޅުވާފައި ، އަރަގަންނަން ޖެހޭ ޤައުމެއްކަމަށް އެމެރިކާއަށް ފެނިއްޖެނަމަ އެކަމަށްވެސް އ.ދ އާބަސް ދީ ޤާނޫނީ ހިޔާވަހިކަމެއް ދިނުން އެއީ އ.ދ ގެ ދައުރެވެ. އިތުރު ދައުރެއް އޮތިއްޔާ ދެން އޮތީ އިތިއޯޕިއާ ، އަފްޣާނިސްތާން ފަދަ ތަންތާގައި ކޭމްޕް ޖަހައިގެން ފަޤީރުންނަށް ކާން ދިނުމެވެ. ފަހަރެއްގައިވެސް ދުނިޔޭގެ ސިޔާސި މަސްރަހުގައި އެމެރިކާއާއި ފައިހަމަ ކޮށްގެން، އެމެރިކާ ނަށާވަރަށް ނެށުން އެއީ އެއްވެސް ބީދައަކުން ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ.

ޑިމޮކްރެޓިކް ޕާޓީ މީހުން ބޭނުންވަނީ އ.ދ ގެ ދައުރު އެއްކޮށް ދުނިޔެއިން ފުހެނުލާށެވެ. ފަހަރެއްގައިވެސް ކޮންމެހެން އެއީ އެހެނިހެން ޤައުމުތައް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމަކުން ނޫނެވެ. ބައްޕަ ބުންޏޭ ކިޔާފައި ކޮއްކޮ ލައްވައި ކަންތައްތައް ކުރުވަން ފަސޭހަ ވާނެކަމާއި، ސީދާ ގޮތުގައި ގަދަ އަމުރުކުރަން ފަށައިފިނަމަ އެއްކަލަ ބަސްއަހާ ކޮއްކޮގެ ރުޅިގަނޑު ހަމައިން ނައްޓާލާ ކިޔަމަން ނުވާނެ ދުވަހެއް އަތުވެދާނެކެން ޑިމޮކްރޭޓުންނަށް ވިސްނެއެވެ.

ޤަރާރުނެގުމުގައި ދެ ޕާޓީ ބައިވެރިވާން ޖެހިފައިވާ ދަނޑިވަޅުތަކުގައި، އެމެރިކާ އ.ދ އާއި މެދު ކަންތައް ކޮށްފައިވަނީ ދެކޮޅަށް ކިރިކިރި އޮވެއެވެ. އެގޮތުން ބިލް ކްލިންޓަންގެ ވެރިކަމުގެ ދުވަސްވަރު، ކޮންގްރެސްގައި އޭރުވެރިއަކަށް ހުރި ޖުމްހޫރީ ނިއުޓް ގިންގިރިޗް ގެ ނުފޫޒުން ވަނީ، އެމެރިކާ އ. ދ އަށް ދއްކަން ޖެހޭ ޗަންދާ އާއި ދައްކަންޖެހި ނުދައްކައި ފުނިޖެހިފައި ހުރި ފައިސާ، ނުދޭން ނިންމިއެވެ. ނަމަވެސް ކްލިންޓަންގެ އިދާރާ ބޭނުންވީ މި ފައިސާ ދެއްކުމުން، އ.ދ ގައި އޭރު ދެކެވެމުން ދިޔަ އަމިއްލަ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތުގައި، އެމެރިކާއަށް އިސްރޯލެއް އަދާކުރެވޭނެ ކަމަށެވެ. އަދި އެމެރިކާގެ ނުފޫޒު ބޮޑަށް އިތުރުކުރވޭނީ އަތުން އެއްޗެއް ހޭދަ ކޮށްގެން ކަމަށްވެސް ބުނަމުން ދިޔައެވެ.

އ.ދ އެއްވެސް ބޭނުމެއް ނެތްގޮތުގައި ފައިސާ ޚަރަދުކުރާވާހަކައާއި ، އެމެރިކާގެ މަސްލަތާއި އަރައިރުންވާ ތަނަކަށް އެމެރިކާ ރައްޔިތުން ދާއޮހޮރުވާފައި ހޯދާފައި ، ދައްކާ ޓެކްސް އިން ބަޔެއް އ. ދ އަށް އެޅުން އެއީ އިންސާފެއްނޫން ކަމުގައި ، އަބަދުވެސް އ.ދ ގެ ދައުރު ދުނިޔެއިން ކުޑަ ކޮށްލަން ބޭނުންވާމީހުން ބުނަމުން ދެއެވެ. މީގެ ރައްދެއްގެ ގޮތުގައި މިޚިޔާލާއި އިދިކޮޅުމީހުން ބުނާގޮ ތުގައި އ.ދ ގެ ބަޖެޓަކީ 1.25 ބިލިއަން ޑޮލަރެވެ. އަދި 1996 ގެފަހުން މިއަށް އެންމެ ޑޮލަރެއްވެސް އިތުރުވެފައި ނެތެވެ. އަނެއްކޮޅުން ޕެންޓަގަން އެންމެ 32ގަޑި ތެރޭގައިވެސް މިވަރަށް ހޭދަ ކުރެއެވެ. އަދި އ.ދ އަށް ތަބާވާ ހުރިހާ ޖަމްޢިއްޔާތަކެއް އެކުވެގެން ހޭދަކުރެވެނީ ، އ.ދ ހުންނަ ނިއުޔޯކް ސިޓީގެ ބަޖެޓުގެ ހަތަރުބައިކުޅަ އެއްބައެވެ. ވީމައި ޚަރަރު ބޮޑުވާހަކަ ދެއްކުން އެއީ ތަކުންތަކު ޖެހޭވާހަކައެއް ނޫނެވެ.

މިހާރު ވެރިކަމުގައި އޮތް ޖުމްހޫރީ ބުޝްގެ ގެ އިދާރާއަށް ބަލާއިރު ފެންނަނީ އެއްކޮޅުން އ.ދ ގެ ބޭނުން އެމެރިކާގެ ދިރުންހުންނަ މަސްލަހަތުތައް ހާސިލުކުރުމުގައި ބޭނުން ކުރަމުންދާއިރު، ފެނިއްޖެ ހިނދެއްގައި އ.ދ ގެ ހުރުމަތް، ކަނޑައިލައި ނިކަމެތި ކުރަމުން ދާތަނެވެ. 11 ސެޕްޓެމްބަރ ގެ ފަހުން އ.ދ ގެ ސަލާމަތީ މަޖުލިސް ލައްވައި އެމެރިކާ ވަނީ، އެމެރިކާ އެއީ ޓެރަރިޒަމްކަމަށްދެކޭ ޓެރަރިޒަމް ކުއްވެރިކޮށް ހުރިހާ ޤައުމުތަކެއް ލައްވައި ޤަރާރެއް ފާސްކުރުވާފައެވެ. މީގައި ޤައުމުތަކަށް ''ޓެރަރިޒަމް'' ހުއްޓުވަން އަޅަންޖެހޭ ހުރިހައި ފިޔަވަޅުތަކެއް އަޅަން މަޖްބޫރުކުރެއެވެ.

މި ޤަރާރަކީ އެމެރިކާގެ ދިރުންހުރި މަސްލަހަތުތަކަށްޓަކައި، އ.ދ ގެ ބޭނުން ހިފި ލާމަސީލު ނަމޫނާއެކެވެ. އެހެނިހެން ޤައުމުތަކުގެ އެހީއާއި އެއްބާރުން ނުލިބި ، އެކަނި މާއެކަނި ''ޓެރަރިޒަމް'' އާއި ހަނގުރާމަ ނުކުރެވޭނެ ކަން ނިކަން ރަނގަޅަށް އެމެރިކާ ދެނެހުއްޓެވެ. ވީމައި އ.ދގެ ބޭނުން މިފަހަރު ހިފީއެވެ. ހަމައެހެން ބުޝްގެ އިދާރާގެ މިވީ ދޭއްބައި އަހަރުތެރޭގައި ، ޢީރާޤު މައްސަލައިގައި އެމެރިކާ އ. ދ ލައްވައި ޤަރާރަކަށްފަހު ޤަރާރެއް ނެރެމުން ދިޔަ މަންޒަރުވެސް ވަނީ ފެނިފައެވެ. އެއާއި އެއްފަދައަށް މަޝްވަރާތަކާއި ރޭތަކެއްގެ ނިދި ނަގާލައިގެން ނެރުނު 1441 ވަނަ ޤަރާރަކީވެސް އެމެރިކާގެ ބޭނުންތައް ފުއްދަން ދުނިޔެއަށް އ. ދ ގެ ދަޅަ އާއި ޖާދު ދައްކަމުން ދާތަނެވެ. މުޅި ދުނިޔެއަށް ގެއްލުން ބޮޑެތި ހަތިޔާރުތަކުގެ ނުރައްކާ ކުރަމުންދާ ޢިރާގު ގައި ހުރި ހަތިޔާރު ނައްތާލަން، ދުނިޔެ ދެކެ ލޯބިވާ، މީހުންގެ ފުރާނައަށް ހުރުމަތްތެރި ކޮށް ހިތާ އެމެރިކާ މަސައްކަތް ކުރާހެން ހީވާ ކަހަލަ ގޮތަކަށް، އޭރު ދުނިޔޭގެ ސިޔާސީ މަސްރަހު ފެންނަމުން ދިޔައެވެ.

ނަމަވެސް އެމެރިކާގެ އަމިއްލަ އެދުން ފުއްދަން ހިތުހުރި ގޮތަކަށް އ. ދ ގެ ބޭނުން ނުކުރެވޭނެ ހިސާބަކަށް ޢިރާގު މައްސަލައިގައި ދިޔައެވެ. ހަނގުރާމަ ކުރަން ބޭނުންނުވާ މުޅި ދުނިޔެއާއި، ހަގުރާމަ ކުރަން ބޭނުންވާ އެމެރިކާ އިގިރޭސި އެދުމާއި ފުށުން އަރާގޮތްވިއެވެ. ނަތީޖައަކީ ކޮބައިތޯއެވެ؟ އެމެރިކާ ހެދީ ކިހިނެއްތޯއެވެ؟ މުޅިދުނިޔޭގެ އެދުން ނަގާފާރު ބުޑަށް ޖެހީއެވެ. ހަމައެކަނި އިގިރޭސި ވިލާތުގެ ތާއީދާއި އެކު ޢިރާގާއި ހަނގުރާމަކޮށް، އެޤައުމު ހިފީއެވެ. ބައިނަލް އަޤުވާމީ ހުރިހާ ޤާނޫނަކާއި ޚިލާފު ވާފަދައަކުންނެވެ.

ޢިރާޤު މައްސަލަ ދޫކޮށްފައި، އ.ދ އާއި އިސްރާއީލުގެ ގުޅުމަށް ބަލާއިރު ފެންނަ މަންޒަރުން، އެމެރިކާ އ.ދ ގެ ދައުރު އެއްކިބާ ކުރާތަން ފެންނަލެއް ބޮޑެވެ. ކުރީގައި ސަލާމަތީ މަޖުލީހުން ފަލަސްތީނު ބިމުން އިސްރާއީލް ފައިބަން ގޮވާލާ ފާސްކޮށްފައިވާ ޤަރާރުތަކުގެ ޤާނޫނޫ ބާރު އެމެރިކާ ވަނީ މަޑުމަޑުން އެކިގޮތްގޮތުން ހުސްކޮށްލާފައެވެ. އިސްރާއީލުގެ މަސްލަހަތު އޮތީ މި މައްސަލަ އ.ދ އާއި ވީހާ ވެސް ދުރަކަށް ގެންދިއުން ކަމަށްވާތީ، އެމެރިކާވަނީ މި މަސްއަލައަށް ވެރިވެގެންފައެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން އިސްރާއީލާއި ދެކޮޅަށް ޤަރާރެއް ފާސްކުރަން އުޅެފި ނަމަ ވަގުތުން އެ ވީޓޯ ކުރެއެވެ. އެއްވެސް ޖެހިލުމެއް ލަދެއްނެތިއެވެ. މިގޮތުން އެންމެ ތިން ހަފްތާތެރޭގައި އެމެރިކާ ދެފަހަރެއްގެ މަތިން ވީޓޯގެ ބޭނުން ކޮށްފައިވެއެވެ. ފުރަތަމަ ފަހަރު އެއީ، ފަލަސްތީނުގެ ރައީސް ޔާސިރު ޢަރަފާތު ޤައުމުން ބޭރުކުރަން ނުވަތަ ނިންމާލަން، އިސްރާއީލު ނިންމި ނިންމުން ކުއްވެރިކޮށް ސަލާމަތީމަޖުލީހުން ނެރުނު ޤަރާރެވެ. ދެވަނަ ފަހަރަކީ 14 އޮކްޓޯބާރ ގައި އިސްރާއީލު ހުޅަގު އައްސޭރީގައި އަޅަމުންދާ ވަކިކުރުމުގެ ފާރާއި ދެކޮޅަށް ނެރެނު ޤަރާރެވެ. ފަހުން މިކުރި ދެ ވީޓޯއާއި އެކު، އެމެރިކާ ވީޓޯކުރި އިސްރާއީލާއި ގުޅުން ހުރި ސަލާމަތީ މަޖުޅިހުގެ ޤަރާރަތަކުގަ އަދަދު 78 އެރީއެވެ. ކޮންމެފަހަރަކުވެސް ވީޓޯ ކުރުމައްފަހު އެމެރިކާ ބުނާ ވާހަކައަކީ ''ހުށައެޅިފައިވާ މަޝްރޫޢުތައް އެއީ އިސްރާއީލާއި ދެކޮޅަށް މާބޮޑަށް ޖެހިފައިވާ އެއްޗެއް '' ކަމަށެވެ.

އެމެރިކާ ބައިނަލް އަޤުވާމީ މުޖުތަމަޢަށް ޖަހަމުންދާ ގޮންޖެހުން މިހިސާބަކުން ނިމުނީއެއްނުނެވެ. ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރަން އެއްބަސްވެފައިވާ ( ކިޔޯޓޯ ) އެއްބަސްވުމުގައި ސޮއިކުރަންވެސް އެމެރިކާ ދަނީ ދެކޮޅު ހަދަމުންނެވެ. ސައްދާމުގެ ނުރައްކަލުން އިންސާނިއްޔަތު ހިމާޔަތް ކުރަން މަސައްކަތް ކުރި އެމެރިކާ ދަނީ، މީހުންނާއި ދެކޮޅު އެއްގަމު މައިން މަނާ ކުރާ އެއްބަސްވުމުގައު ސޮއިކުރަން ވެސް ސިދާ އިދިކޮޅުހަދަމުންނެވެ. ބައިނަލް އަޤުވާމީ ކޯޓެއް އުފައްދުމުން، އޭގެ ކުރިމަތީގައި ހުއްޓުމުގައި އެމެރިކާ މީހުންނަށް އިސްތިސްނާއެއް ނުލިބޭނަމަ ސޮއިނުކުރަންވެސް އެމެރިކާވަނީ ނިންމާފައެވެ.

އޮތް ޙަޤީޤަތަކީ އ. ދ އެކުލެވިގެންވަނީ ދުނިޔޭގެ ޤައުމުތަކުންނެވެ. ވީމައި މިޤައުމުތަކުގެ ބާރާއި މަސްލަހަތުގެ މެދުގައި ހަމަހަމަކަމެއް ނެތްނަމަ، ބާރުގަދަ ވާނީ ކޮންމެވެސް އެކެކެވެ. މިވަގުތަށް ދުނިޔޭގައި އޮތީ އެންމެ ބާރެކެވެ. އެމެރިކާގެ ފަހަތުގައި، މުޅިދުނިޔޭގެ އުފެއްދުންތެރިކަމުގެ 23%، ދުނިޔޭގެ އިޤްތިސާދުގައި 20% ގެ ހިއްސާއެއް ، އެންމެ ބާރުގަދަ 15 ޤައުމުގެ ޖުމްލަ ޢަސްކަރީ ބަޖެޓާއި އެއްވަރުގެ 400 ބިލިއަން ޑޮލަރުގެ ޢަސްކަރީ ބަޖެޓެއް، އަދި މުޅިދުނިޔެ ޢަސްކަރީ ކަންތައްތަކަށް ހޭދަ ކުރާވަރުގެ 50% ހިއްސާއެއް އެބައޮތެވެ. ވީމައި އ.ދ ގެ ހާލަތު ވަޒަން ކޮށްލުން ދައްޗެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.