Back ކަވާސާ ޚިޔާލު ޚިޔާލުގެ ބައިތައް ޚިޔާލު ދެމެހެއްޓެނިވި ތަރައްޤީއަކީ، ފަހެ މިއީތޯއެވެ؟

ދެމެހެއްޓެނިވި ތަރައްޤީއަކީ، ފަހެ މިއީތޯއެވެ؟

dhemehettenivi-tharaqqeއިހަށް ދުވަހު އެ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޤައުމީ ޓީމު އެވަނީ، ޓްރޮފީ ހޯދާފައެވެ. ވަރަށް އުފާވެރިކަމެކެވެ. ދިވެހި ޤައުމު މިކަމާއި އެބަ އުފާކުރެތެވެ. އަޅުގަނޑުވެސް އުފާކުރަނީއެވެ. ތިޔަ ބޭފުޅުންވެސް އުފާކުރަނީއެވެ. އެވެރިންވެސް އުފާކުރަނީއެވެ. ނަމަވެސް...

ނަމަވެސް، ދަންނަވަންތޯއެވެ؟ އުފާކުރުމުގައިވެސް ކޮންމެވެސް ހައްދެއް އޮންނަންވާނެއެވެ. މުސްލިމުންގެ ގޮތަކީ، އުފާކުރުމުގައިވެސް އަދި ހިތާމަ ކުރުމުގައިވެސް ހައްދު ފަހަނައަޅައި ނުދިޔުމެވެ. ކަމަކީ، އުފާކުރުން ޙައްޤު ކަމަކަށްވާތީ، މިކަމުގައިވެސް އުފާކުރުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް، އުފާކުރުމުގައި، އިސްރާފުކުރުމާއި، ހައްދު ފަހަނައަޅައިދާކަމީ ހިތާމަ ހުރިކަމެކެވެ.

ނިކަން ވިސްނަވާށެވެ. ޤައުމެއްގައި އެންމެ މަތިވެރި އެއް މަސައްކަތްކުރާ ބަޔަކީ، އެ ޤައުމެއްގެ ދަރީންނަށް ޢިލްމް އުނގަންނައިދެއްވާ އެދުރުންނެވެ. ޓީޗަރުންނެވެ. މިބޭފުޅުންނަށް ހެޔޮ ގޮތް، މާއްދީގޮތުންނާއި މައުނަވީ ގޮތުން ހޯއްދަވައިދެއްވުމަކީ، އެތަނެއްގައި އެ ވަގުތަކު އެކަމުގެ މަސްއޫލިއްޔަތު ރަސްމީގޮތުން އުފުއްލަވާ ފަރާތެއްގެ ޒިންމާއަކަށް ނުވެ ނުދާނެކަމެކެވެ. ރާއްޖޭގައި ނަމަ، މިއީ ޚާއްޞަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒިންމާއެކެވެ. އަދި، ޓީޗަރުންނަކީ، ސަރުކާރު މުޥައްޒަފުންނަށްވީތީ، ޢާއްމުކޮށް ދިވެހި ސަރުކާރު އެކަމުގައި ޒިންމާވެލައްވަން ޖެހޭކަމެކެވެ.

ނަމަވެސް، މިދާކަށް ދުވަހުވެސް ފެނިގެން ދިޔައީ، ޓީޗަރުންގެ ނުރުހުން ފައުޅުކުރެއްވުމުގެ އެއްވުމެކެވެ. ސަބަބަކީތޯއެވެ؟ ސަބަބަކީ، ކުރަންޖެހޭ މަސައްކަތާއި އަޅާބަލާއިރު، އެހެން ދާއިރާތަކުގެ މަސައްކަތްތެރީންނަށްވުރެ، އެބޭފުޅުންނަށް ލިބިލައްވާ މުސާރައާއި އިނާޔަތްތައް ކުޑަވުމެވެ. މިކަމާއި ގުޅޭ ގޮތުން، ވާހަކަ ދެކެވުނު ފަރާތްތަކުން އެ ވިދާޅުވަނީ، އާދެ، ވިދާޅުވާކަމަށް ނޫސްތަކުން އަޅުގަނޑުމެންނަށް ޚަބަރު ލިބެނީ، އެކަން އަދި ޙައްލަކަށް ނައިސްގެން އުޅޭ މައިގަނޑު ސަބަބަކީ، މުސާރަ އިތުރުކުރުމަށް ބޭނުންވާ ފައިސާ ދައުލަތުން އެކަމަށް ކަނޑައަޅުއްވާފައިވާ ބަޖެޓުން ލިބެން ނެތުމެވެ. ފިނޭންސް މިނިސްޓަރު ޤާސިމް އިބްރާހީމް ވިދާޅުވާގޮތުން، އެކަމަށް 5 މިލިއަން ރުފިޔާ އެބަ ބޭނުންވެއެވެ. ކުރިން، އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ، އައު އޮނިގަނޑުގެ ދަށުން އެކަމަށް 400 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. ކޮންމެއަކަސް، ރަނގަޅެވެ. އެއީ ޚަރަދެއް ހިނގާނެ ކަމެކެވެ.

ނަމަވެސް، ހަމަ އެހެން ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ، ޤައުމީ ޓީމް އެހޯދި ކާމިޔާބާއި ގުޅިގެން، ޓީމަށް އިނާމެއްގެ ގޮތުގައި ދެއްވުމަށް 6 މިލިއަން ރުފިޔާ ހަމަ ކުއްލިއަކަށް ލިބިލައްވައިފިއެވެ. އަދި، މުބާރާތުން ލިބުނު ޓްރޮފީ ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކަށް ގެންދިޔުމަށްޓަކައި ކުރެވޭ މަސައްކަތަށް ޚަރަދުކުރައްވާނެ އިތުރު 1 މިލިއަން ރުފިޔާވެސް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ލިބިލައްވައިފިއެވެ. މިވަނީ، ކިހިނެއްބާވައެވެ؟ ހަމަ އެހާ ގިނަ ފައިސާ ބަޖެޓުގައި ކުޅިވަރުގެ ދާއިރާއަށް ކަނޑައަޅުއްވާފައި ވަނީ ބާވައެވެ؟ އެއަށް ވުރެ ވަކި މުހިއްމުކަން ކުޑަ ނޫން ދާއިރާއަކަށް ބަޖެޓުގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ވުރެ ގިނަ ފައިސާއެކެވެ! މިހެންކަމަށްވާނަމަ، މިއީ، ކޮން އުޞޫލަކުން ހަމަޖެހޭ ކަމެއް ތޯއެވެ؟

ނޫނެކެވެ. އެހެންނެއް ނޫނެވެ. މުހިއްމުކަން ދޭ ކަންކަމަށް ޚަރަދުކުރާނެ ފައިސާ ކޮންމެ ގޮތަކުން ނަމަވެސް، ހޯދާނެއެވެ. މިއީ، ފަރުދީ ފެންވަރުގައިވެސް މިކަން އޮންނަ ގޮތެވެ. ސިނގިރޭޓު ބުއިމަށް އާދަވެފައި ހުންނަ މީހާ، އެހެންކަމަކަށް ހޭދަ ނުކުރެވުނަސް، ސިނގިރޭޓު ގަތުމަށް ފައިސާ ހޭދަކުރާނެއެވެ. ޤައުމީ ފެންވަރުގައިވެސް މިވަނީ މިކަހަލަ ގޮތެކެވެ. ސަރުކާރުން އަދު މި އިސްކަން ދެއްވަނީ، ތަޢުލީމަށްވުރެ ބޮޑަށް ކުޅިވަރަށޭ ބުނެވޭނެ ޖާގަ މިހާރު އެބަ އޮތެވެ.

ސަމާލުކަން އެ ދެއްވަނީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ޤައުމުގެ ޥަޞީލަތްތައް ހޭދަކުރެއްވުމަށް ވުރެ ބޮޑަށް އެއިން އިސްރާފުކުރެއްވުމަށޭވެސް ބުނެވިދާނެއެވެ. ސިޔާސީ ބޭނުންތަކަށްޓަކައި ކުރައްވާ އިސްރާފެއްވެސް ކުޑައެއް ނޫނިއްޔާއެވެ. ޤައުމީ ޓީމު ހޯދި ކާމިޔާބު މިހާ ކުލަގަދައެއްކޮށް ފާހަގަ ކުރެއްވުމުގެ ފަހަތުގައިވެސް މި ބޭނުން ނެތްކަމެއް އެނގެނީ ކޮންބޭފުޅަކަށް ތޯއެވެ؟ ނުވަތަ، ޤައުމީ ރޫޙަކީ، ބޭރުގެ ފަރާތްތަކަށް ދިވެހީން ފުޓުބޯޅައަށް ހުންނަ ފޯރި ދެއްކުން ކަމަށް ބައެއް ފަރާތްތަކަށް މި ދަނޑިވަޅުގައި ވިސްނިވަޑައިގަތީ ތޯއްޗެކެވެ. ނޫނީ، ފުޓުބޯޅައަކީ، ހުރިހާ ބޭފުޅުންނަށްވެސް، މާ ފޯރިގަދަ، ޝައުޤުވެރި ކަމަކަށްވެފައި، ތަޢުލީމަކީ، ބުރަ، ފޫހި ކަމަކަށްވާތީ، އިންސާނީ ޠަބީޢަތް ނިޔާކުރާ ގޮތުގެމަތީން، ފޫހި ކަމުން ދުރުވެ، ޝައުޤުވެރިކަމަށް ލެނބެވެނީއެވެ.

ނަމަވެސް، އަޅުގަނޑު ހިތުން، އައު ކުކުޅަކަށް ގައު ބިހެއް އެޅުމުން އެވާ އުފާ ކުރުމުގައިވެސް ހައްދުން ނެއްޓިގެން ގޮސް މިހާ ފޯރިއެއް ނެގުމަކީ، މިއީ ޖޯކު ކަމެކެވެ. ޖޯކު ކަމެކޭ މިބުނެވެނީ، އެ ޤައުމެއްގެ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތައް ވެސް މުއްސަނދި ޤައުމުތަކުން ވާލްޑް ކަޕް ޗެމްޕިއަންކަން ލިބިގެން ވެސް މިވަރު ކުރާކަމެއް އަޅުގަނޑަށް އެނގިފައި ނުވާތީއެވެ. އެބައިމީހުންގެ މަހުޖަނުން ޓީމަށް ހެޔޮ އެދިގެން މިލިއަނުން ޑޮލަރު ހަދިޔާކުރެއްވިޔަސް، އަޅުގަނޑުމެންގެ ސަރުކާރު މި އުޅުއްވަނީ، އެ ސަރުކާރަށް ޚިދުމަތްކުރައްވާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެއްވާނެ ފައިސާއެއްވެސް ލިބި ނުލައްވައިގެން ކަމަށްވީ ހިނދު، އެބީދައިން ފޯރި ނެގުން އެއީ ފަހެ ޖޯކެއް ނޫންތޯއެވެ؟ ނުފޯރާ ފޮތިން ފޫގަޅަން އުޅުނު މީހާއަށް ވީ ވަރު ތިޔަ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެއް ކޮޅުން ނިވާ ވާއިރު، އަނެއްކޮޅު އޮންނަނީ ހާމައަށް ފެންނާށެވެ!

އާދޭހެވެ. ސަރުކާރުން އެއް ދާއިރާއަކަށް އިސްކަންދެއްވާއިރު، ޚާއްޞަކޮށް އެއަށްވުރެ މުހިއްމު އެހެން ދާއިރާއެއްގެ ކަންކަން އިހުމާލު ކުރެއްވިގެން ނުވާނެއެވެ. ތަޢުލީމީ ދާއިރާއަކީ، މިފަދަ ދާއިރާއެކެވެ. ނަމަވެސް، ޓީޗަރުންނާއި، ސްކޫލްތަކުގެ އިސްވެރީންނާއި، ކޮލެޖުގެ ފަންނީ ބޭފުޅުންގެ މުސާރައަށް ބަލައިލާއިރު، ފެނިގެން ދަނީ، އެބޭފުޅުންގެ މަސައްކަތާއި އަޅާބަލާއިރު އެބޭފުޅުންނަށް ލިބިލައްވާ މުސާރައާއި އިނާޔަތްތައް ކުޑަކަމެވެ. އާދޭހެވެ. މަސައްކަތްތެރީންގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓޭނީ، ދެވޭ މުސާރަވެސް ރަނގަޅުވެގެން ކަމަށްވާ ހިނދު، ތަޢުލީމީ ދާއިރާގައި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑެއް މިހާ ދުވަސް ވީއިރު ހަމަޖެހިފައި ނެތްކަމީ، އެދާއިރާގެ ފެންވަރު ހިފެހެއްޓެވުމަށް، ކުރުކޮށް ދަންނަވާނަމަ، ތަޢުލީމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ރަމްޒެކެވެ!

ދެން، އަޅުގަނޑަށް މިހެން ބުނެވުމުން، އަޅުގަނޑަކީ، ޤައުމީ ރޫޙެއް ނެތް، ފުޓުބޯޅައަށް އަމުދުން ފޯރިއެއް ނުހުންނަ، މި އޮތް އުފާވެރި ދަނޑިވަޅުގައި، ޤައުމީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ، ސަރުކާރާ ދެކޮޅު، އަމިއްލަ އެދުމުން ފުރިގެންވާ އިންސާނެކޭ ނުދަންނަވާށެވެ. އަޅުގަނޑުގެ ނިޔަތަކީ، އެއްގޮތަކަށްވެސް އެޔެއް ނޫނެވެ. އަޅުގަނޑުވެސް ޤައުމީ ޓީމަށް ތާއީދު ކުރަމެވެ. އަދި، ފުޓުބޯޅައަކީ، އަޅުގަނޑަށްވެސް ހަމަ ފޯރިގަދަ ކުޅިވަރެކެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކުރައްވާ މަސައްކަތްޕުޅަކީ، އަޅުގަނޑުވެސް އުފަލާއިއެކު ބަލައިގަންނަ ކަމެއް މެއެވެ. އަދި، ރާއްޖެ ފަދަ، ކުޑަ ޤައުމަކަށް ސަރަޙައްދީ ފެންވަރުގައި މިފަދަ ކާމިޔާބެއް ލިބުމަކީ، އުފާކުރުން ޙައްޤު ކަމެއްކަން ޤަބޫލުކޮށް، އެކަމަށްޓަކައި އަޅުގަނޑުވެސް ނުހަނު އުފާކުރަން މެއެވެ. ހަމަ ޤައުމީ ރޫޙުގައެވެ.

މިކަމުގައި، ދިވެހީން އެއްބައިވެގެން އެ ނަގާ ފޯރިނެގުމުގައި، އެއިން ކޮންމެ މީހެއްގެ މޫނުމަތީގައި އެވާ އުފާވެރި ހިނިތުންވުމަކީ، އަޅުގަނޑު އަބަދުވެސް ދެކެން ބޭނުންވާ، އެކަން ހަނދާނުން ނުފިލާނެ ކަމެއްމެއެވެ. ނަމަވެސް، އަޅުގަނޑު ފިކުރު ބޮޑުވާ ކަމަކީ، އެބައިމީހުންގެ އެ ހިނިތުންވުން ހަމަ މާދަމާވެސް ފިލައިގެން ހިނގައިދާނެ ކަމަށްޓަކައެވެ. ''ފުޓުބޯޅަ ޢީދު'' ނިމުމުން، ދެން ރުޖޫޢަވާން ޖެހޭނީ ޢާއްމު ދިރިއުޅުމަށެވެ. މަސައްކަތަށެވެ. އެއަށްފަހު، ދެން އޮންނާނީ، ދިރި އުޅުމުގެ ޚަރަދު ބަރަދެވެ. އެހިނދު، އެބައިމީހުންގެ ތެރެއިން ގިނަ މީހުންގެ މޫނު މަތިން ކުރިން އެ ފެނުނު ހިނިތުންވުން ހަމަ އެހެން ފެންނާނެ ބާވައޭ ހިތަށް އަރަނީއެވެ. އިންފްލޭޝަނާއި އެއްވަރަށް މުސާރަ ބޮޑު ނުވާތީ ޤައުމުގެ ރައްޔިތުން ޝަކުވާކުރާ އަޑު އިވޭ ހިނދެއްގައި، މިހެން ހިތަށް އެރުމަކީ، ޠަބީޢީ ކަމެއް ނޫންތޯއެވެ؟ މުސާރަ ކުޑަވުމުން ކުރެވޭ ޝަކުވާ އިވެނީ ހަމައެކަނި، ތަޢުލީމީ ދާއިރާއިން އެކަންޏެއް ނޫނިއްޔާއެވެ. މިސާލަކަށް ދަންނަވާނަމަ، ދައުލަތުގެ ވަކީލުންގެވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ، ހަމަ މިއީ އެވެ.

އާދޭހެވެ. މައްސަލައަކީ، ޤައުމީ ޓީމަށް 6 މިލިއަން ރުފިޔާ ހަދިޔާ ކުރެއްވުމެއް ނޫނެވެ. މައްސަލައަކީ، ދެމެހެއްޓެނިވި ކަންކަމަށް ބޮޑަށް އިސްކަން ނުދެއްވުމެވެ. ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް ޤައުމީ ޓީމަށް ލިބުނު ޓްރޮފީ ގެންދިޔުމަށް 1 މިލިއަން ރުފިޔާ ޚަރަދުކުރެއްވުމަކީ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުން ކުރެވޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެމެވެ. އަދި ކިއެއްތަ، އެއީ ތަރައްޤީގެ ކަމެއް ކަމަކަށްވެސް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ހިތުން، އެއީ ހަމަ އިސްރާފެކެވެ.

ވުމާއެކު، މިއަދުގެ ސަރުކާރުންވެސް އަދި އޭގެ ފަހުން އަންނަ ސަރުކާރަކުންވެސް ވިސްނަވަންވީ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވުމަށެވެ. ދެމެހެއްޓެނިވި ކަންކަމަށް ހޭދަ ކުރެއްވުމަށެވެ. ޤައުމުގެ އަގުހުރި ރައުސުލްމާލާއި ވަޞީލަތްތައް އެކަންކަމަށް އިންވެސްޓް ކުރެއްވުމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއަކީ، ހަމައެކަނި، ތިމާވެއްޓަށް ޚާއްޞަ ކަމެއް ކަމަށް ނުހެއްދެވުމަށެވެ. ނުވަތަ އެއީ، ހަމައެކަނި ފަތުރުވެރި ރިސޯޓެއް ތަރައްޤީކުރުމުގައި ބެލެވޭ އުޞޫލަކަށް ނުހެއްދެވުމަށެވެ. ތަޢުލީމަށް ހޭދަކުރުމަކީ، ހަމަ ކަށަވަރުންވެސް، ކުޅިވަރަށް މިހާރު އެ ހޭދަކުރައްވާ ބީދައިން (އިސްރާފަކަށް ވާނެހެން) ހޭދަކުރެއްވުމަށް ވުރެ ދެމެހެއްޓެނިވި ކަމެކެވެ. އެއް މިލިއަން ރުފިޔާގެ ޚަރަދެއް ކުރައްވައިގެން، ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް މުބާރާތުން ލިބުނު ޓްރޮފީ ކޮންމެހެން ގެންދަވަން ޖެހޭ ތޯއެވެ؟ އެއީ، އެހާ މުހިއްމު ކަމެއްބާވައެވެ؟ ކާމިޔާބު ފާހަގަކޮށް އުފާ ފައުޅުކުރުމުގެ ގޮތުން ކުރައްވަން އެއަށްވުރެ ޚަރަދު ކުޑަ އެހެން ކަމެއް ހަމަ ނެތީ ބާވައެވެ؟

ތެދެކެވެ. ކުޅިވަރު ތަރައްޤީކޮށް، އިންސާނީ ވަޞީލަތްތައް ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހަދަން ޖެހޭނެއެވެ. އެއީ ތަރައްޤީއަށްޓަކައި މަޖުބޫރު ކަމެއްމެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގެ މުރާލި ބަޔަކު ޙަރަކާތްތެރިވެގެން މެނުވީ ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެއެވެ. އަދި ކޮބައިތޯއެވެ؟ އަބަދުވެސް، ޤައުމެއްގެ އެންމެ ހަރުދަނާ، އުޅުންހުރި ސުލޫކީ އެއް ބަޔަކީ، ކުލަބު ޖަމިއްޔާތަކާއި ކުޅިވަރު ކުޅުންތެރީންނެވެ. މިއީ، ކުޅިވަރުގެ އެއް މަޤްޞަދެވެ. ކުޅިވަރު ކުޅުމުގައި، ޤަވާއިދުތައް ހަދަ، އިންތިޒާމްތައް ހަމަޖައްސައި، ފެއަރ ޕްލޭ ޓީމު ހޮވައި މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ އެއީ އެވެ. އަމިއްލަ ނަފްސު ވަކިގޮތަކަށް ހާނުވައި ބައްޓަންކުރުމަށް (ސެލްފް ޑިސިޕްލިން ކުރުވުމަށް) ތަމްރީނު ދިނުމެވެ. މިހެންކަމުން، މިއީވެސް ތަރުބަވީ މަސައްކަތެކެވެ. އަދި، މި މަސައްކަތަށް ސަރުކާރުންވެސް ހިތްވަރުދެއްވުމަކީ، ހަމަ މުހިއްމު ކަމެކެވެ.

ނަމަވެސް، ހަމަ އެ އިންސާނުން ފިކުރީ ގޮތުންނާއި ވިސްނުމުގެ ގޮތުން ދުޅަހެޔޮ، އަޚްލާޤީ ގޮތުން ތަހުޒީބު ބަޔަކަށް ހެދުމަށްޓަކައި ތަޢުލީމަށް ޚަރަދުކުރެއްވުން މުހިއްމު ނުވަނީ ތޯއެވެ؟ އަޅުގަނޑު ހިތުން މުހިއްމެވެ. އެހެން ނޫންނަމަ، ޚުދު ޤައުމީ ޓީމުގައިވެސް، ވިސްނުމާއި ތަހުޒީބުގެ ގޮތުން ބަލާއިރު، ރާއްޖެ ތަމްސީލުކުރާ ދަތުރެއްގައި އެކެއްގެ ޕާސްޕޯޓް އަނެކަކު ވަގަށް ނަގާ ފެންވަރުގެ އެންމެ ކުޅުންތެރިއެއްވެސް ނުހުރީހެވެ.

ނަމަވެސް، މިހެން ބުނުމުން ދިވެހި ޤައުމީ ޓީމާއިމެދު ޝައްކު ނުކުރައްވާށެވެ. ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަކީ، އަޅުގަނޑުމެން ފަޚުރުވެރިވުން ހަމަ ޙައްޤު ޓީމެކެވެ. ވަރަށް ޤާބިލު، ހުނަރުވެރި، މޮޅު ކުޅުންތެރީން ތިބި ޓީމެކެވެ. އެބައިމީހުންގެ ބުރަ މަސައްކަތުން، އެ މަތިވެރި ކާމިޔާބީ މިއަދު ދިވެހި ޤައުމަށް ހޯދައިދިނީތީ، ޤައުމު ޝުކުރުވެރިވުން ޙައްޤު ބައެކެވެ. އެބައިމީހުންގެ މިދެންނެވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވި ފައިސާއިން، މުޖުތަމަޢަށް މަންފާކޮށްދޭނެ ކަމާއި މެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ. އެއީ، ފަރުދީ ފެންވަރުގައި އެ ފައިސާ ''އިސްރާފް'' ވިޔަ ނުދިނުމުގެ ގޮތުން ދެން އެބޭފުޅުންނަށް ކުރެއްވިދާނެ ކަމެކެވެ.

އާދޭހެވެ. ފުޓުބޯޅައިން ދިވެހި ޤައުމީ ޓީމު ޤައުމަށް ހޯދައިދިނީ ރީތި ނަމެވެ. ކާމިޔާބީއެވެ. ބަދަލުގައި، ދިވެހި ޤައުމު، އާދެ، އަޅުގަނޑުމެން، އެ ޓީމަށް މި ބަރުތީލަ ކުރަނީ، ތަހުނިޔާއާއި މުބާރަކުބާދެވެ. ދިވެހި ފުޓުބޯޅައަށް އަދަށް ވުރެ ފެހި މާދަމާއެކެވެ!

Comments