ބުދަ20170816

އާކުރެވުނީ: 09:46:14

އަމާނާތްތެރިކަން

amaanai1އަވައްޓެރިއަކު ނުވަތަ ރައްޓެއްސަކު، ކޮއްކޮ އަތަށް ރައްކާކުރަން ފައިސާ ނުވަތަ އެހެން ވެސް އެއްޗެއް ދީފައި، ފަހުން އެ އަނބުރާ ދޭން ބުނުމުން، އެއިން އެއްވެސް އެއްޗެއް މަދު ނުކޮށް އަނބުރާ ދިނުމުން، ކޮއްކޮ ވާނީ ތެދުވެރި އަމާނާތްތެރި ކުއްޖަކަށެވެ.

އަމާނާތަކީ، މީހަކު ފަހުން އަތުލަން ކޮއްކޮ އަތުގައި ބަހައްޓާފައި ހުންނަ އެއްޗެއްސެވެ. ވީމާ މިފަދަ އެއްޗެއް ގެއްލުވާލާ ނުވަތަ ހަލާކުކޮށްގެން ނުވާނެއެވެ. އަދި ކުރަން ހަވާލުކޮށްފައިވާ

މަސައްކަތްތަތަކީ ވެސް އަމާނާތެކެވެ. ވީމާ ކަމެއް ހަވާލު ކުރެވުނީމާ، އެކަން ކުރަން އެއްބަސް ވެއްޖެނަމަ، އެއީ ރަނގަޅު ކަމެއްނަމަ އެކަމެއް ކުރަން ޖެހޭނެއެވެ. ރަނގަޅު ކަމެއް ނޫން ނަމަ، އެންމެ ފުރަތަމައިނުން ވެސް އެކަމާ ދެކޮޅު ހަދަން ޖެހޭނެއެވެ.

 

 

އަމާނާތްތެރިވާނަމަ ކޮއްކޮ ވާނީ އަމާނާތްތެރިއަކަށެވެ. އަމާނާތްތެރި ކަމަކީ ވަރަށް ރީތި ސިފައެކެވެ. އަދި އެއީ އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު އެއް ސިފައެވެ.

އަމާނާތްތެރި ވުމުގެ އިދިކޮޅު ސިފައަކީ ޚިޔާނާތްތެރިވުމެވެ. ޚިޔާނާތްތެރި ވުމަކީ ވަރަށް ގޯސް ކަމެކެވެ. އަދި ހުތުރު ސިފައެކެވެ. އެހެންވެ އަހަރެމެންގެ ދީނުގައި، ޚިޔާނާތްތެރިވުން ވަނީ ޙަރާމް ކުރައްވާފައެވެ.

 

އަހަރެމެން ހައްދަވައި ބޮޑު ކުރެއްވި މާތް ﷲ ވަނީ، އަހަރެމެން ހުރިހާ އެންމެންނަކީ ވެސް އަމާނާތްތެރި ބަޔަކަށް ވުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވަނީ: إِنَّ اللّهَ يَأْمُرُكُمْ أَن تُؤدُّواْ الأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ إِنَّ اللّهَ نِعِمَّا يَعِظُكُم بِهِ إِنَّ اللّهَ كَانَ سَمِيعًا بَصِيرًا

މާނައަކީ: ''ހަމަކަށަވަރުން އަމާނާތްތައް އޭގެ ވެރިންނަށް އަދާކޮށް ރައްދުކުރުމަށް، މާތް ﷲ ތިޔަބައި މީހުންނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައި މީހުން ޙުކުމް ކުރާނަމަ، ޢަދުލަށް އިންސާފަށް ޙުކުމް ކުރުމަށް ވެސް އަމުރު ކުރައްވައެވެ.''

އަދި ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ: أَدِّ الْأَمَانَةَ إِلَى مَنْ ائْتَمَنَكَ وَلَا تَخُنْ مَنْ خَانَكَ

amaanai2މާނައަކީ: ''ތިބާއާ އަމާނާތެއް ހަވާލު ކުރި މީހަކަށް އެ އަމާނާތް ރައްދުކުރާށެވެ. އަދި ތިބާއަށް ޚިޔާނާތްތެރިވި މީހަކަށް ޚިޔާނާތްތެރި ނުވާށެވެ.'' (ރިވާކުރެއްވީ އަބޫދާއޫދު: ގަނެވިއްކުމުގެ ފޮތް)

ވީމާ އަމާނާތްތެރިވުމަކީ ﷲ އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން، ކުރަން ކޮންމެހެންވެސް ޖެހޭ ކަމެކެވެ.

އަމާނާތްތެރިވުމުގެ ބައެއް ވައްތަރުތައް:

އަމާނާތްތެރިކަމުގެ ވާހަކަ ދެއްކުނީމާ ވަރަށް ގިނަ ކުދިންނަށް ހީވެފައި އޮންނަނީ، އަމާނާތްތެރިވުމަކީ ހަމައެކަނި، މީހެއްގެ ވަރަށް ގިނަ ފައިސާ ނުވަތަ ތަކެއްޗައް އަމާނާތްތެރިވުން ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ހީއެއް ނޫނެވެ. އަމާނާތްތެރިވުމުގެ ވަރަށް ގިނަ ގޮތްތަކެއް ވެއެވެ. އޭގެތެރޭގައި :-

- މީހަކު މީހެއްގެ އަތުގައި ކިތަންމެ ކުޑައެއްޗެއް ރައްކާކުރަން ބޭއްވިޔަސް، އެ ވާނީ އަމާނާތަކަށެވެ. މިސާލަކަށް ކުލާސް ކުއްޖަކު ކޮއްކޮ އަތުގައި ފަންސުރެއް ރައްކާކުރަން ބޭއްވިޔަސް އެ ވާނީ އަމާނާތަކަށެވެ. ވީމާ އެ ގެއްލުވާލާ ނުވަތަ ހަލާކުކޮށްގެން ނުވާނެއެވެ. އެއީ ކިތަންމެ އަގު ހެޔޮ ފަންސުރަކަށް ވިޔަސް، އެއީ ހަމަ އަމާނާތެކެވެ.

- މީހުން ބުނާ ސިއްރު ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. މީހަކު ވާހަކައެއް ދައްކާފައި، އެ ވާހަކަ އެހެން މީހެއްގެ ގާތު ނުދައްކާށޭ ބުނުމުން، އާނއެކޭ ބުނެފިނަމަ، އެ ވާނީ އަމާނާތަކަށެވެ. ވީމާ އެ ސިއްރު ހިފަހައްޓަން ޖެހޭނެއެވެ. ނަމަވެސް ގޯސް ސިއްރެއް މީހަކު ބުނެފިއްޔާ ޖެހޭނީ، އެ ވާހަކަ ސިއްރު ނުކޮށް ގޭ މީހުން ކައިރީ އެވާހަކަ ބުނާށެވެ.

- ކޮއްކޮ އެހެން ރަށަކަށް ދާއިރު މީހުން ހަވާލު ކުރާ ސިޓީ، ހަދިޔާ ފަދަ އެއްޗެއްސަކީ ވެސް އަމާނާތެކެވެ. ވީމާ މިފަދަ އެއްޗެހި ވެސް ގެއްލުވާ ނުލާ އޭގެ ވެރިފަރާތާ ހަވާލު ކުރަން ވާނެއެވެ.

- ފެނުނު ކަމެއް ނުވަތަ އަޑު އެހި ވާހަކައެއް، ސީދާ އެކަން ހިނގި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކިޔައި ދިނުމަކީވެސް އަމާނާތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

- ވަގުތަކީވެސް އަމާނާތެކެވެ. ވީމާ ފައިދާ ހުންނަ ކަންކަމުގައި ނޫނީ ވަގުތު ހޭދަކޮށްގެން ނުވާނެއެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރުމަކީ މި އަގުބޮޑު އަމާނާތަށް ވެވޭ ޚިޔާނާތެކެވެ.

- ނަމާދު ކުރުމާއި ރޯދަ ހިފުންފަދަ ކަންކަމަކީ، މާތް ﷲ އަހަރެމެންނަށް އަމުރު ކުރައްވާފައިވާ ކަންކަމެވެ. ވީމާ މިކަންތަކަކީ މުސްލިމުން ރައްކާތެރިވާންޖެހޭ އެންމެ ބޮޑު އަމާނާތެވެ. ނަމާދަށް އަމާނާތްތެރިވުމަކީ، ނަމާދު ވަގުތުގައި ނަމާދު ކުރުމެވެ. ރޯދައަށް އަމާނާތްތެރިވުމަކީ، ރޯދަ ހިފުން ވާޖިބު ޢުމުރަށް ދިޔައިމާ ރޯދަ ހިފުމެވެ. ނަމަވެސް ކުޑައިރުވެސް ރޯދަ ހިފަން ފަރިތަ ކުރަން ވާނެއެވެ.

- ވިޔަފާރިކުރާ އިރު މަކަރު ނުހެދުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ އެއްޗެއް ވިއްކާއިރު މަކަރު ހަދައިގެން ނުވާނެއެވެ. އަދި ވިއްކާ އެތީގައި ހުރި އުނި ސިފައެއް ފޮރުވައިގެން ވެސް ނުވާނެއެވެ. އެއްވެސް ކަހަލަ މަކަރެއް ހެދުމަކީ އަހަރެމެންގެ ދީނުގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ.

އެގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ: مَنْ غَشَّنَا فَلَيْسَ مِنَّا

މާނައަކީ: ''އަހަރެމެންނަށް މަކަރު ހަދާ މީހަކީ، އަހަރެމެންގެ ތެރެއިން (ފުރިހަމަ މުސްލިމުންގެ ތެރެއިން) ވާ މީހެއް ނޫނެވެ.'' (ޞަޙީޙް މުސްލިމް: ކިތާބް އަލްއީމާން)

- ތިޔައިން ކުއްޖަކު ރައްޓެހި ކުއްޖެއްގެ ޕާޓީއަކަށް ނުވަތަ އެ ނުންވެސް ކަމަކަށް ދާނަމޭ ބުނެފިނަމަ، ގަޑިއަށް އެތަނަކަށް ދިއުމަކީވެސް އަމާނާތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ދާނަމޭ ބުނި ގަޑިއަށް ފަރުވާ ބެހެއްޓުމަކީވެސް އަމާނާތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނު ދެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ އެކަމެއް ރައްޓެހި ކުއްޖާއަށް ގުޅާފައި އަންގަން ވާނެއެވެ.

- ޢިލްމަކީ ވެސް އަމާނާތެކެވެ. އެގޮތުން ކުއްޖަކު ފިލާވަޅުން ނޭނގޭ ތަންކޮޅެއް އޮޅުން ފިލުވައިދޭން އެދިއްޖެނަމަ އެކަން ކޮށްދޭން ވާނެއެވެ. ބުނެދޭންވާނީ ވީހާވެސް ރަނގަޅަކަށެވެ. ނޭނގޭނަމަ ބުނަންވާނީ ނޭނގޭ ކަމަށެވެ.

- އިމްތިޙާން ހަދާ އިރު މަކަރު ނު ހެދުމަކީވެސް، އަމާނާތްތެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަމާނާތްތެރި ކުދިން އެހެން ކުދިންގެ ކަރުދާސް ބަލައިގެން ނަކަލު ނުކުރާނެއެވެ. ވީމާ އިމްތިޙާނުގައި މަކަރު ހެދުމަކީ ގޯސް ސިފައެކެވެ.

- އަހަރެމެންގެ ހަށިގަނޑަކީ، މާތް ﷲ އަހަރެމެންނާއި ހަވާލު ކުރައްވާފައިވާ އަމާނާތެކެވެ. ވީމާ އުޅެން ވާނީ ހަށިގަނޑަށް ރައްކާތެރިވެ، އަދި ޞިއްޙަތަށް ބަލައިގެންނެވެ. މި އަމަނާތަށް ރައްކާތެރިވެވޭނީ އޭރުންނެވެ.

- ކުރަން ހަވާލު ކުރެވޭ ކަމެއް ފަރުވާތެރިކަމާއެކު ބަރާބަރަށް ކުރުމަކީވެސް އަމާނާތްތެރިކަމެވެ. އެގޮތުން މަދަރުސާއިން ހަވާލު ކުރާ، ގޭގައި ކުރަން ޖެހޭ މަސައްކަތްވެސް ބަރާބަރަށް ނިންމަންޖެހޭނެއެވެ. އަދި އަމިއްލައަށް ޖަވާބުދޭން ޖެހޭ އެއްޗެއް މަންމަ ލައްވައި ހައްދައިގެން ނުވާނެއެވެ. ޖަވާބު ދޭން ނޭނގޭނަމަ ޖެހޭނީ މަންމަ ނުވަތަ އެނުންވެސް މީހެއްގެ އެހީ ހޯދާށެވެ. އެކަމަކު ހުރިހާ އެއްޗެއް އެ މީހުން ލައްވާ ނު ހައްދުވާށެވެ.

- މުދައްރިސުން، ސިފައިން، ރާނާ މީހުން، މަސް ބާނާ މީހުން، މަންމަ، ބައްޕަ މި އެންމެންނަކީ ވެސް މިއިން ކޮންމެ މީހަކާ ހަވާލު ކުރެވިފައިވާ އަމާނާތް ބަރާބަރަށް އަދާކުރަން ޖެހޭނެ މީހެކެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް އަމާނާތަކާއި ހަވާލު ކުރެވިފައިވާ މީހެކެވެ. ވީމާ އެ ކަމަށް ފަރުވާ ބަހައްޓަން ވާނެއެވެ.

އަމާނާތްތެރިވުމުގެ މަތިވެރިކަން :

- އަމާނާތްތެރިން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި އަމާނާތްތެރިން ދެކެ ﷲ ރުއްސަވާވޮޑިގަންނަވައެވެ. އަދި އަމާނާތްތެރިން ދެކެ ރަސޫލު ﷲ

-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެސް ލޯބިވެވަޑައިގަންނަވައެވެ.

- އަމާނާތްތެރިންނަށްޓަކައި ވަރަށް ގިނަ ވަރަށް ބޮޑެތި ނިޢްމަތްތަކެއް، މާތް ﷲ ތައްޔާރު ކުރައްވާފައި ވެއެވެ. މި ނިޢްމަތާއި ޘަވާބު އާޚިރަތް ދުވަހު އަމާނާތްތެރިންނަށް ލިބޭނެއެވެ. މިގޮތުން އަމާނާތްތެރިންނަށް ލިބޭ އެންމެ ބޮޑު ނިޢްމަތަކީ ސުވަރުގެ ވަދެވުމެވެ.

ސުވަރުގެ ވަދަވޭ މީހުންގެ ގައިގައި ހުންނަ ބައެއް ސިފަތައް ބަޔާން ކުރައްވަމުން، މާތް ﷲ ވަޙީ ކުރައްވާފައި ވަނީ ސުވަރުގެ ވަދެވޭ މީހުންނަކީ އަމާނާތަށް ރައްކާތެރިވެ، ވަޢްދު ފުރިހަމަ ކުރާ މީހުންކަމަށެވެ. އަދި ބަރާބަރަށް ނަމާދު ކުރާ މީހުންނެވެ. وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (8) وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ (9) أُوْلَئِكَ هُمُ الْوَارِثُونَ (10) الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ(11)

މާނައަކީ : ''އަދި، އެ މީހުންނީ، އެ މީހުންގެ އަމާނާތްތަކަށާއި އަދި އެބައި މީހުންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. * އަދި އެ މީހުންނީ، އެ މީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. * ވާރުތަވާ މީހުންނަކީ ހަމަ އެބައި މީހުންނެވެ. * އެ މީހުންނަކީ ފިރުދައުސު ކީ ސުވަރުގެ amaanai4ވާރުތަވާ މީހުންނެވެ. އެބައި މީހުން ވަނީ، އެ ސުވަރުގެތަކުގައި ދެމިތިބޭ ބަޔަކު ކަމުގައެވެ.'' (އަލްމުއުމިނޫން: 8-11)

އަމާނާތްތެރި ވުމަކީ އަހަރެމެން އުޅޭ މުޖްތަމަޢަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. އެގޮތުން މުޖްތަމަޢްގައި އުޅޭ މީހުންނަކީ އަމާނާތްތެރި ބަޔަކަށް ވެއްޖެނަމަ، އެންމެންވެސް އުޅޭނީ ވަރަށް ހިތް ހަމަ ޖެހިގެންނެވެ. އަދި އެންމެން އުޅޭނީ އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެންނެވެ. އެއްޗެއް ގެއްލިދާނެ ކަމަށް ބިރުގަންނާނެ މީހެއް ވެސް އޭރުން ނުހުންނާނެއެވެ. އަދި އަހަރެމެންގެ ތެރެއިން މީހެއްގެ އެއްޗެއް މަގުމައްޗަށް ގެއްލުނަސް، މީހަކަށް އެ ފެނިއްޖެއްޔާ ގެނެސްދޭނެއެވެ.

އަމާނާތްތެރިން ދެކެ ހުރިހާ އެންމެންވެސް ލޯބިވެއެވެ. އަދި އަމާނާތްތެރިންނަށް މީހުންގެ އިޙްތިރާމް ލިބެއެވެ. އަމާނާތްތެރި ނުވުމަކީ މީހުން ނަފްރަތު ކުރާ ސިފައެކެވެ. އަމާނާތްތެރި ނުވުމަކީ، މުނާފިޤުންގެ ސިފައެއް ކަމަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. އެގޮތުން ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ: آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا اؤْتُمِنَ خَانَ وَإِذَا وَعَدَ أَخْلَفَ

މާނައަކީ: ''މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގު ހަދައެވެ. އަދި އޭނާއާ އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވަޢްދެއް ކޮށްފިނަމަ ވަޢްދާއި ޚިލާފުވެއެވެ.'' (ރިވާ ކުރެއްވީ: އަލްބުޚާރީ އަދި މުސްލިމް)

ތި ކުދިންނަށް އެނގޭނެ ފަދައިން، މުނާފިޤު ކަމަކީ ވަރަށް ވަރަށް ގޯސް ސިފައެކެވެ. ވީމާ މިސިފައާއި ދުރަށް ދާން އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ އަމާނާތްތެރި މީހަކަށް ވުމެވެ.

ތެދުވެރި އަމާނާތްތެރިއާ :

އަހަރެމެންގެ ރަސޫލާ މުޙައްމަދުގެފާނަކީ އިންސާނުންގެ ތެރެއިން އެންމެ މާތް، އެންމެ އަޚްލާޤުފުޅު ރަނގަޅު، އެންމެ އަމާނާތްތެރި ބޭކަލެވެ. ރަސޫލާ އިސްލާމް ދީނަށް ގޮވާލެއްވުމުގެ ކުރިންވެސް، މައްކާގެ މީހުންގެ ތެރޭގައި ރަސޫލާ މަޝްހޫރުވެވަޑައިގެންފައި ވަނީ ''ތެދުވެރި އަމާނާތްތެރިއާ'' ގެ ނަމުންނެވެ.

މައްކާގައި އެ ދުވަސްވަރު ތިބީ މުސްލިމުންނެއް ނޫނެވެ. އެކަމަކުވެސް އެ މީހުން، ރަސޫލާއަކީ ވަރަށް ތެދުވެރި އަމާނާތްތެރި ބޭކަލެއް ކަމަށް ޤަބޫލު ކުރިއެވެ. އެހެންވެ ރަސޫލާ އަތްޕުޅުގައި، އަގުބޮޑު އެއްޗެހި ރައްކާ ކުރަން ވެސް މީހުން ބަހައްޓައެވެ. އެއްޗެއްގެ ވެރި މީހާ އެ ބޭނުންވެގެން ހޯދަން އައުމުން އެއްވެސް އެއްވެސް މަދު ނުކުރައްވައި، ރަސޫލާ އެއެއްޗެއް ރައްދު ކުރައްވައެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ހުއްދަ މާތް ﷲ ދެއްވި އިރު، ރަސޫލާ އަތްޕުޅުގައި މީހުންގެ ވަރަށް ގިނަ އަމާނާތްތައް ހުއްޓެވެ. މައްކާ މުޝްރިކުން ދިޔައީ އެ ދުވަސްވަރު ރަސޫލާއަށް ވަރަށް ގިނަ އުނދަގޫތައް ކުރަމުންނެވެ. ނަމަވެސް ރަސޫލާ އަތްޕުޅުގައި ހުރި މީސް މީހުންގެ އަމާނާތަށް ރައްކާތެރިވެވަޑައިގަތެވެ. އެ ގޮތުން ހިޖުރަ ކުރައްވަން ޖެހިވަޑައިގަތުމުން ރަސޫލާ އަތްޕުޅުގައި ހުރި މީސް މީހުންގެ އަމާނާތްތައް، ޢަލީގެފާނާ ހަވާލު ކުރެއްވިއެވެ. އަދި ކޮންމެ އެއްޗެއްވެސް އެ އެއްޗެއްގެ ވެރި މީހާއާއި ހަވާލު ކުރުމަށް ރަސޫލާ ޢަލީގެފާނަށް އެންގެވިއެވެ. ދެން ޢަލީގެފާނު ބަރާބަރަށް އެކަންތައް ކުރެއްވިއެވެ.

އަހަރެމެން ހުރިހާ ކަމެއްގައި ވެސް ނަމޫނާއަކަށް ބަލަން ޖެހޭނީ ކީރިތި ރަސޫލާ އަށެވެ. އެކަލޭގެފާނަކީ ވަރަށް އަމާނާތްތެރި ބޭފުޅެކެވެ. ވީމާ ކޮންމެ މުސްލިމަކީ ވެސް އަމާނާތްތެރިއަކަށް ވާން ޖެހެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.