ހޯމަ20201116

އާކުރެވުނީ: 08:43:52

އިސްލާމް ދީނަކީ...

islam_dheenakee1''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.

''އިސްލާމް'' ދީނުގެ އަހުލުވެރިންނަށް ކިޔަނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ.

މާތް ﷲ ވަނީ އިސްލާމް ދީނުގެ ރިސާލަތާއިގެން، މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފޮނުއްވާފައެވެ. އެ ކަލޭގެފާނުގެ ރިސާލަތަކީ ކުރީގެ ހުރިހާ ރިސާލަތްތަކެއްގެ ނިމުމެވެ. އަދި އެއީ ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް، ހުރިހާ އިންސާނުންނަށް މާތް ﷲ ފޮނުއްވި ރިސާލަތެކެވެ. އެހެންވެ މާތް ﷲ ވަނީ، ޤިޔާމަތާ ޖެހެންދެން މި ދީން ރައްކާތެރިކުރައްވާ، ބަދަލުކުރުންތަކުން ދީން ޙިމާޔަތްކުރައްވާނެ ކަމަށް ވަޢްދުވެވޮޑިގެންފައެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދީނުގެ ރިސާލަތް ފުރިހަމައަށް ގެނެސްދެއްވުމަށް ފަހު ސުވަރުގެވަޑައިގަތް އިރު ދީނުގެ އަސްލު އޮތް ގޮތެކޭ، މިހާރު އެ އަސްލު އޮތް ގޮތެކޭ އެއްވެސް ތަފާތެއް ނެތެވެ. ބަދަލެއް އައިސްފައި ނެތެވެ. ބަޔަކު އެއަށް އެއްޗެއް އިތުރުކޮށް އުނިކޮށްފައި ނެތެވެ. ދީނުގެ މައިގަނޑު އަސްލަކީ ކީރިތި ޤުރުއާނެވެ. ދެން އެއަށް ފަހު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޞައްޙަ ސުންނަތެވެ.

 

ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ :هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ

މާނައަކީ: ''އެ ކަލާނގެ އީ، ޙައްޤު ދީނާއިގެން، އެ ކަލާނގެ ރަސޫލާ، ފޮނުއްވި ރަސްކަލާނގެއެވެ. އެ ދީން އެހެން އެންމެހައި ދީނުގެ މައްޗަށް ފެތުރި ފައުޅުވެ ގަދަވެގެން އަންނާނެ ގޮތް މެދުވެރިކުރެއްވުމަށްޓަކައެވެ.'' (އައްޞައްފު:9)

އަދިވެސް ވަޙީ ކުރައްވަނީ: وَمَا أَرْسَلْنَاكَ إِلا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ

މާނައަކީ: ''އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި (ލިބެން އޮތް ޘަވާބު)، އަދި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ (ލިބެން އޮތް ޢަޛާބު) ބޭކަލަކު ކަމުގައި، އެންމެހައި މީސްތަކުންގެ ގާތަށް މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. '' (ސަބައު:28)

އަދިވެސް ވަޙީ ކުރައްވަނީ: إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

މާނައަކީ: ''ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރުއާން ރައްކާތެރިކުރައްވާހުށީމެވެ.'' (އަލްޙިޖްރު: 9)

ދެން ތި ކުދިން ހަނދާން ބަހައްޓަން ވީ ކަމަކީ، އިސްލާމް ދީން އުފެދިފައި ވަނީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ދީން ގެންނެވި ދުވަހުން ފެށިގެން ނޫން ކަމެވެ. މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭބަކަލުން ވެސް ގޮވާލައްވާފައި ވަނީ، ހަމަ އިސްލާމްދީނަށެވެ. އެ ގޮތުން އާދަމްގެފާނަކީ ވެސް މުސްލިމެކެވެ. ނޫޙުގެފާނަކީ ވެސް މުސްލިމެކެވެ. އިބްރާހީމްގެފާނާއި ޔަޢްޤޫބުގެފާނަކީ ވެސް މުސްލިމެކެވެ. މޫސާގެފާނާއި ޢީސާގެފާނަކީ ވެސް މުސްލިމެކެވެ.

ކުރީގެ ނަބީންނާއި ރަސޫލުންނަކީ މުސްލިމުންނޭ ބުނުމުގެ މާނައަކީ، އެ މީހުން ވެސް ގޮވާލެއްވީ، މުޙައްމަދުގެފާނު ވެސް ގޮވާލެއްވި، މާތްﷲ ގެ އެއްކައުވަންތަކަމާއި، ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ކުރީގެ ރަސޫލުން ގެންނެވީ އޭރުގެ މީހުންނާ ގުޅޭނެ ޝަރީޢަތެކެވެ. މިހާރު މި އޮތް ޝަރީޢަތާއި ކުރީގެ ޝަރީޢަތްތަކުގައި ތަފާތުތަކެއް ހުރެއެވެ. އެހެންވެ މޫސާގެފާނު ބަނީ އިސްރާއީލުންގެ ގާތަށް ގެންނެވި ޝަރީޢަތަށް، ފަހުން ޔަހޫދީ ދީނޭ ކިއުނީއެވެ. އަދި ބަނީ އިސްރާއީލުންގެ ގާތަށް ޢީސާގެފާނު ގެންނެވި ޝަރީޢަތަށް، ފަހުން ނަޞާރާ ދީނޭ ކިއުނީއެވެ.

ނަމަވެސް ފަހުން އެ މީހުން ވަނީ އެ ޝަރީޢަތް ބަދަލުކޮށް ތައުރާތާއި އިންޖީލު ބަދަލުކޮށް، އޭގެ އަސްލު ގެއްލުވާލާފައެވެ. އަދި މާތް ﷲ ގެ އެއްކައުވަންތަކަމަށް އެމީހުން އިމާނެއް ނުވެއެވެ. އަދި މާތް ﷲ ގެ ޝަރީޢަތަށް ބޯ ނުލަނބައެވެ. އެހެންވެ އެ މީހުންނަކީ މުސްލިމުންނަށް ނުވާނެއެވެ. އެ މީހުންނަކީ ކާފިރުންގެ ތެރޭގައި ހިމެނޭ ބައެކެވެ.

އިސްލާމްދީނަކީ ޞުލްޙަވެރި ދީނެއް:

މި ދީނަކީ ލޯތްބާއި ޞުލްޙަ މަސަލަސްކަމަށް ގޮވާލާ ދީނެކެވެ. ރަޙްމަތާއި ޢަދުލު އިންޞާފަށް ގޮވާލާ ދީނެކެވެ. އެހީތެރިކަމާއި އެއްބައިވަންތަކަމަށް ގޮވާލާ ދީނެކެވެ. ހަމަ ނުޖެހުން ހިންގުމާއި ތަޅާފޮޅުމަކީ ދީން މަނާ ކުރާ ކަމެކެވެ. މި ދީނުގައި ހަނގުރާމަ ކުރަން އޮންނަނީ، ލިބޭ އަނިޔާއަކުން ސަލާމަތް ވާން، އަޅާ ދިފާޢީ ފިޔަވަޅެއްގެ ގޮތުގައެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ރަސޫލުކަމާއިގެން އެ ކަލޭގެފާނު ފޮނުއްވުނު ސަބަބު ވަރަށް ކުރު ޢިބާރާތަކުން ބަޔާން ކުރައްވާފައެވެ. އެ ގޮތުން ޙަދީޘް ކުރެއްވީ: إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ

މާނައަކީ: ''ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ، ރަނގަޅު އަޚްލާޤް ފުރިހަމަކުރެއްވުމަށްޓަކައެވެ.'' (ރިވާކުރެއްވީ އިމާމް އަޙްމަދު)

އިސްލާމްދީނަށް ވަނީ ބޭނުންޖެހިފައި:

މުޙައްމަދުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ވަގުތު މުޅި ދުނިޔެވެސް އޮތީ، ނުހަނު ބޮޑަށް އިސްލާމްދީނަށް ބޭނުންވެފައެވެ. އެ ދުވަސް ވަރު މުޅި ދުނިޔެ އޮތީ ބޮޑު ދެ ބާރެއްގެ ދަށުވެ، އެ ދެ ބާރު ކުރަމުން ދިޔަ ހަނގުރާމައިގެ އުނދަގުލާއި ވޭން ލިބިލިބިއެވެ. އެ ދެބާރުގެ އަނިޔާވެރިކަމުގެ ދަށުގައެވެ. އެ ދެ ބާރަކީ ''ފާރިސީން'' ނާއި ''ރޫމީން'' ނެވެ.

ހަމަ އެހެންމެ އެ ދުވަސްވަރު ދުނިޔޭގެ މީހުން ދިޔައީ ތަފާތު ދީންތަކަށް އުޅެމުންނެވެ. އެ ހުރިހާ ދީންތަކަކީ ބާޠިލް ދީންތަކެކެވެ. އަދި ކުރިން މާތް ﷲ ފޮނުއްވި ރަސޫލުން ގެންނެވި ދީން އޮތީ، އިންސާނުން އަމިއްލައަށް ބަދަލު ކުރުމުގެ ސަބަބުން އޭގެ އަސްލު ގެއްލިފައެވެ. މާތް ﷲ ބާވައިލެއްވި ފޮތްތައް ވެސް ވަނީ ތަޙްރީފު ކުރެވިފައެވެ. މާނައަކީ ބަދަލުކުރެވި އޭގެ އަސްލު ގެއްލިފައެވެ. އެ ދުވަސް ވަރު ބައެއް މީހުން އަޅުކަން ކުރީ އަލިފާނަށެވެ. އަނެއް ބަޔަކު ބުދަށެވެ. އަނެއްބަޔަކު ތަރިތަކަށެވެ. އަނެއް ބަޔަކު ޢީސާގެފާނަކީ އިލާހެއް ކަމަށް ބުންނެވެ. އަދި ޖަނަވާރާއި ގަހަށް އަޅުކަން ކުރާ މީހުން ވެސް އެ ދުވަސްވަރު ތިއްބެވެ. ވީމާ ދުނިޔެއިން ވަނީ އެއްކައުވަންތަކަމަށް އީމާންވުން -މުޅިންކަހަލަ ގޮތަކަށް- ގެއްލިގެން ގޮސްފައެވެ.

އަދި ހަމަ އެހެންމެ އެ ދުވަސްވަރު، އިޖްތިމާޢީ ހާލަތް ވެސް އޮތީވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. މުޖްތަމަޢްގައި އޮތީ އަނިޔާވެރިކަމާއި، ލޭ އޮހޮރުން ފެތުރިފައެވެ. އިންސާނީ ޙައްޤުތައް ނިގުޅައިގަތުން އެއީ ޢާއްމު ކަމަކަށް އޮތީ ވެފައެވެ. އަދި އަޚްލާޤީ ގޮތުން ގޯސް އެތައް ކަމެއް އޮތީ މުޖްތަމަޢްގައި ފެތުރިފައެވެ.

ކަންތައްތައް މިހެން ވަނިކޮށް، ދުނިޔެއަށް އަލިކަމެއް އައެވެ. އެ އަލި ކަމަކީ އިންސާނީ ދަރިފަސްކޮޅު ދަތުރުކުރަމުން ދިޔަ ހަލާކާއި ގެއްލުމުގެ ފުން ވަޅުގަނޑުން، އިންސާނުން ސަލާމަތް ކުރައްވަން، މާތް ﷲ ފޮނުއްވި އަލިކަމެކެވެ. އެއީ އިސްލާމްދީނުގެ ހިދާޔަތެވެ. އެއީ ކީރިތި ޤުރުއާނެވެ. އެއީ މާތް ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ.

ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިސްލާމްދީނާއިގެން ވަޑައިގަނެ، އިންސާނުންނަށް ދެ ދުނިޔޭގެ ބާއްޖެވެރިކަން ލިބޭނެ މަގު ދެއްކެވިއެވެ. ރީތި އަޚްލާޤަށް ގޮވާލެއްވިއެވެ.

އިސްލާމް ދީނަކީ މިނިވަންކަމުގެ ދީން:

islam_dheenakee2އިސްލާމް ދީން އައިސް އެންމެ ފުރަތަމަ ކުރި ކަމަކީ، ﷲ ފިޔަވާ އެހެން ފަރާތްތަކަށް އިންސާނުންވާ އަޅުވެތިކަމުން އެ މީހުން ސަލާމަތްކޮށް މިނިވަންކުރުމެވެ. ހުރިހާ އެންމެންނަކީ ވެސް އެ މީހުން ހެއްދެވި މާތް ﷲ އަށް އެކަނި އަޅުވެތިވާން ޖެހޭ ބައެއް ކަމުގައި، އެ ދީން އެންގިއެވެ. ހުރިހާ އިންސާނުންނަކީ ވެސް އެއް ބައްޕައަކާއި އެއް މަންމައެއްގެ ދަރިން ކަމުގައި އެންގިއެވެ. ވީމާ ތަޤުވާވެރިކަމުން މެނުވީ، އެއްވެސް މީހަކު އަނެއް މީހެއްގެ މައްޗަށް ވެވޭނެ މޮޅެއް ނެތް ކަން އެންގިއެވެ. ކަޅު މީހުންނާއި ދޮން މީހުންގެ މެދުގައި، ތަޤުވާވެރިކަމުން މެނުވީ، ތަފާތެއް ނެތްކަން އެންގިއެވެ. ޢަރަބީންނާއި ޢަޖަމީންގެ މެދުގައި، ތަޤުވާވެރިކަމުން މެނުވީ، ތަފާތެއް ނެތްކަން އެންގިއެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީ ވެސް، އިންސާނީ ގޮތުން ހަމަމަކަ ބައެއް ކަމުގައި އެންގެވިއެވެ.

މާތް ﷲ ލޯބިވެވޮޑިގަންނަވަނީ، އަޅުތަކުންގެ ތެރެއިން ތަޤްވާވެރި މީހުން ދެކެއެވެ. އެ މީހަކީ ކޮންމެހެން މުއްސަނދި އަދި ރީތި މީހަކަށް ވާން ނުޖެހެއެވެ. ކިތަންމެ ފަޤީރު މީހަކަސް، އޭނާ އަކީ ތަޤުވާވެރިއެއް ނަމަ، މާތް ﷲ އޭނާ ދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި ކިތަންމެ މުއްސަނދި މީހަކަސް، އޭނާ އަކީ ނުލަފާ މީހެއް ނަމަ، މާތް ﷲ އޭނާ ދެކެ ލޯބިވެވޮޑިނުގަންނަވައެވެ.

ޢަރަބި ކަރައިގައި އިސްލާމް ދީން ފާޅުވުމާއި ގުޅިގެން، އެ ތާނގައި ތިބި އަޅުން އިސްލާމްދީނަށް ވަނުމުން، އެ މީހުންނަށް މިނިވަންކަން ލިބުނެވެ. އަދި ޤުރައިޝުވަންހައިގެ ބޮޑުންނާއި ހަމަހަމަވިއެވެ. އިސްލާމް ދީނުގެ ސަބަބުން އެ މީހުން ޢިއްޒަތްތެރިންނަށް ވިއެވެ. މުޖްތަމަޢްގެ އެހެން މީހުންނާ ހަމަހަމަ ބަޔަކަށް ވިއެވެ. އެ ގޮތުން އެންމެ މާތް ޞަޙާބީންގެ ތެރޭގައި، ޙަބްޝުކަރައިގެ ބިލާލްގެފާނާއި، ފާރިސްކަރައިގެ ސަލްމާން އަލްފާރިސީއާއި، ރޫމީންގެ ޞުހައިބު އައްރޫމީ، ހިމެނިވަޑައިގަތެވެ. ޙަބްޝުކަރައަކީ މިހާރުގެ އިތިއޯޕިއާއެވެ. ފާރިސްކަރައަކީ މިހާރުގެ އީރާން އޮތްތަނެވެ. ރޫމީންނަކީ ޔޫރަޕްގެ ރޯމް އެމްޕަޔަރ ގެ ހުޅަނގާއި އިރުމަތީ ފަޅީ މީހުންނަށް ކިޔޭ ނަމެކެވެ.

އިސްލާމް ދީނަކީ ޢަދުލުވެރިކަމުގެ ދީން:

އިސްލާމް ދީން ވަނީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމު ކުރުމަށް ގޮވާލާ، އެކަމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެހެންވެ، އިސްލާމް ދީން ދެކޭ ގޮތުގައި، މުޖްތަމަޢްގެ ހުރިހާ އެންމެންނަކީ ވެސް ޤާނޫނު ކުރިމަތީގައި ހަމަހަމަ ބައެކެވެ. އެ ގޮތުން މުއްސަންޖަކު ކުށެއް ކޮށްފިއްޔާ ވެސް ޙައްޤު ސަޒާ ދޭންވާނެއެވެ. ހުރިހާ ޢުޤޫބާތްތަކެއް ވެސް ދެވެނީ އެންމެންނަށް ހަމަހަމައަށެވެ. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އެއްފަހަރު ވީ ގޮތަކީ، ބަނީ މަޚްޒޫމް އޭ ކިޔޭ ޤަބީލާއެއްގެ އަންހެނަކު ވަގަށް އެއްޗެއް ނެގިކަން ފަޅާއެރީއެވެ. އެއީ ނަސަބުގެ ގޮތުން މޮޅު އަންހެނެކެވެ. އެހެންވެ އެ މީހުން އުޅުނީ، ރަސޫލާ އަރިހުން މާފު ލިބޭތޯ ބަލާށެވެ. ދެން މާފަށް އެދުނީމާ، ރަސޫލާ ވަރަށް ބޮޑަށް ކޯފާވެވަޑައިގަތެވެ. ސަބަބަކީ، ވައްކަން ކުރާ މީހުންނަށް އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ސަޒާ، އެ އަންހެން މީހާއަށް ނުދޭން އެ މީހުން އެދުނީމައެވެ. ދެން މި ކަމާއި ގުޅިގެން ޙަދީޘް ކުރެއްވި ވަރަށް މަޝްހޫރު ޙަދީޘެއް އޮވެއެވެ. އެއީ ''ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިޔަސް، އެ ކަމަނާގެ އަތް ކަނޑުއްވާހުށީމެވެ.''

އިސްލާމް ދީނަކީ ރަޙްމަތުގެ ދީން:

އިސްލާމް ދީނަކީ ރަޙުމަތުގެ ވެސް ދީނެކެވެ. މި ދީނުގައި އަންގާފައި ވަނީ މީސްތަކުންގެ މެދުގައި ރަޙުމާއި އޯގާތެރިކަން ފެތުރުމަށެވެ. ޤުރުއާނުގެ ވަރަށް ގިނަ ތަންތާނގައި، މާތް ﷲ އެ ކަލާނގެ ސިފަކުރައްވާފައި ވަނީ، ރަޙްމަތްވަންތަ ރަސްކަލާނގެ ގޮތުގައެވެ.

އަހަރެމެންގެ މާތް ނަބިއްޔާ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުރިހާ އެންމެންނަށް ވެސް ވަރަށް އޯގާތެރިވެވަޑައިގަތެވެ. އެހެންވެ ޤުރުއާނުގައި މާތް ﷲ ވަނީ އެކަމަށް ތަޢްރީފް ކުރައްވާ އެ ކަމުގެ މުހިއްމުކަން ބަޔާންކުރައްވާ އާޔަތެއް ވެސް ބާވައިލައްވާފައެވެ. އެ އާޔަތަކީ: فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لانْفَضُّوا مِنْ حَوْلِكَ

މާނައަކީ: ''އެބައި މީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، މާތް ﷲ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވީނަމަ ކަލޭގެފާނުންގެ އަރިހުން އެބައި މީހުން ވަކިވެފެން ހިނގައްޖައީހެވެ.'' (އާލް ޢިމްރާން:159)

އަދި މުއުމިނުންގެ ކިބައިގައި މި ސިފަ ހުރުމުން އެ ކަމަށް ވެސް ﷲ ތަޢްރީފް ކުރައްވާފައިވެއެވެ. އެ ގޮތުން ވަޙީ ކުރައްވާފައި ވަނީ: مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ

މާނައަކީ: 'މުޙައްމަދުގެފާނީ މާތް ﷲ ފޮނުއްވި ރަސޫލާއެވެ.އެ ކަލޭގެފާނުންގެ އަރިހުގައިވާ މީހުންނީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެބައި މީހުންގެ މެދުގައި އެކަކު އަނެކަކާމެދު އޯގާވެރި ރަޙްމަތްތެރި ބައެކެވެ.'' (އަލްފަތްޙު: 29)

އިސްލާމް ދީނަކީ އެހީތެރިކަމުގެ ދީން:

އިސްލާމްދީން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ކަންކަމުގައި ބައިވެރިވުމަށް ގޮވާލާފައެވެ. މުސްލިމުންގެ އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން ދެމެހެއްޓޭނީ، އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވެގެންނެވެ. ޒަކާތް ފަރުޟު ކުރެވުނު އެއް ބޭނުމަކީ ވެސް، މި އެއްބައިވަންތަކަން ދެމެހެއްޓުމެވެ. ހަމަ އެހެންމެ، މުސްކުޅުންނަށް އެހީތެރިވެ، ބަލި މީހުންނަށް ޒިޔާރަތް ކޮށް، ތިމާގެ މީހުންނާ ގުޅުން ދަމަހައްޓާ، އެކުވެރިންނަށް ހަދިޔާ ދިނުމަށް، ދީން ގޮވާލާފައި ވަނީ ވެސް، މި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައެވެ.

އިސްލާމް ދީނުގެ ޚާއްޞަ ކަން:

އިސްލާމް ދީން ފާޅުވުމުން، މުޅި ދުނިޔެއަށް ކުއްލި ބަދަލެއް އައެވެ. އެއީ ހެޔޮ ބަދަލެކެވެ. މީހުންގެ އަޚްލާޤު ރަނގަޅުވާން ފެށިއެވެ. ޢިލްމީ ގޮތުން ކުރިއަރަން ފެށިއެވެ. އަނިޔާވެރިންގެ އަނިޔާއިން ނިކަމެތިން ސަލާމަތްވާން ފެށިއެވެ. މުޖްތަމަޢްގައި އުޅޭ ފަޤީރުން މަދުވާންފެށިއެވެ. ޢަދުލުވެރިކަން ފެތުރުނެވެ. އަމާންކަން ފެތުރުނެވެ. އަދި ބާޠިލް ދީންތަކުގެ މައްޗަށް އިސްލާމް ދީން ގަދަވުމުން، ޙަޤީޤީ ދީނަކީ އިސްލާމް ދީން ކަން މީސްތަކުންނަށް އެނގެން ފެށިއެވެ.

އިސްލާމް ދީނަކީ، އިންސާނުން އަމިއްލައަށް ހެދި ދީނެއް ނޫނެވެ. އަދި އިންސާނުންގެ ހަވާނަފްސަށް ތަބާވާ ދީނެއް ވެސް ނޫނެވެ. އެކަމަކު އިސްލާމް ދީނަކީ، ސަމާވީ ދީނެކެވެ. މާތް ﷲ ބާވައިލެއްވެވި ދީނެކެވެ. މި ދީނުގެ ޙުކުމްތަކަކީ، ﷲ އަމުރު ކުރެއްވި ކަންތައްތަކެވެ. ޙަރާމް ކަންތައްތަކަކީ، ﷲ ނަހީ ކުރެއްވި ކަންތައްތަކެވެ. ޙަލާލް ކަންތައްތަކަކީ ﷲ ހުއްދަ ކުރެއްވި ކަންތައްތަކެކެވެ. މި ދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާނެވެ. ދެން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅުތަކެވެ. އެހެންވެ މި އަދާ ޖެހެންދެން ވެސް މި ދީނުގެ އަސްލަށް ބަދަލުތަކެއް އައިސްފައި ނެތެވެ. މިފަދަ މޮޅު، މާތް، ފުރިހަމަ ދީނަކަށް ނިސްބަތް ވުމުގެ ނަސީބު ތިއިން ކޮންމެ ކުއްޖަކަށް ވެސް ލިބިފައިވީތީ، އެ ކަމަށްޓަކައި މާތް ﷲ އަށް ޝުކުރުވެރިވާންޖެހެއެވެ.

އިސްލާމް ދީނަކީ ﷲ ގެ ދީން:

އިސްލާމް ދީނުގެ ޢަޤީދާތަކާއި، އަޅުކަންތަކާއި، އަދަބުތަކާއި، އަޚްލާޤާއި، ޝަރީޢަތަކީ، މާތް ﷲ ކަނޑައަޅުއްވާފައި ވާ އެއްޗެހިތަކެކެވެ. އެހެންވެ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މުސްލިމުން އަޅުކަން ނުކުރެއެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ ގޮތެއްގެ މަތިން މެނުވީ، އެއްވެސް އަޅުކަމެއް ނުކުރެއްވެ. ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ޙައްޖުވުން ފަދަ ހުރިހާ އަޅުކަމެއް ވެސް އަހަރެމެން ކުރަނީ، ހަމަ ސީދާ ﷲ އަމުރު ކުރެއްވި ގޮތަށެވެ. އިތުރު ކުރުމެއް ވެސް އަދި އުނިކުރުމެއް ވެސް ނުގެނެހެވެ.

އިސްލާމް ދީނަކީ ހުރިހާ އިންސާނުންނަށް ފޮނުއްވުނު ދީނެއް:

އިސްލާމް ދީނަކީ އެންމެހާ މީސްތަކުންގެ ގާތަށް ފޮނުއްވުނު ދީނެކެވެ. އިސްލާމް ދީން ފޮނުވުނީ، ވަކި އުއްމަތަކަށް ނޫނެވެ. އަދި ވަކި ނަސްލަކަށް ވެސް ނޫނެވެ. އަދި ވަކި ޒަމާނަކަށް ވެސް ނޫނެވެ. ކިއެއްތަ، އިސްލާމް ދީނަކީ ހުރިހާ އުއްމަތްތަކަކަށް، ހުރިހާ ނަސްލަކަށް، ހުރިހާ ޒަމާނަކަށް، މާތް ﷲ ފޮނުއްވި ދީނެކެވެ.

އިސްލާމް ދީނަކީ މެދުމިންކަމުގެ ދީން:

އިސްލާމް ދީނަކީ މެދުމިންކަމުގެ ދީނެވެ. އެހެންވެ އެ ދީނުގައި ދުނިޔެއާއި އާޚިރަތް ޝާމިލް ވެއެވެ. އިސްލާމް ދީން މީސްތަކުންނަށް ގޮވާލަނީ، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަނެ، އަދި އާޚިރަތުގެ އުފަލާއި އަރާމު ވެސް ލިބިގަންނާށެވެ. އިންސާނާގެ ރޫޙަށް އަޅާލަން އިސްލާމް ދީން އަމުރު ކުރުމާއެކު، ހަށިގަނޑަށް އަޅާލަން ވެސް އަމުރު ކުރިއެވެ. ވަކި ވަކި ފަރުދުންގެ މަޞްލަޙަތަށް ބެލުމާއެކު، ހަމަ އެހެންމެ ޖަމާޢަތުގެ މަޞްލަޙަތަށް ވެސް ބަލައެވެ. އިސްލާމް ދީނަކީ ދަހިކަމާއި އިސްރާފުކުރުމުގެ ދެމެދުގައިވާ ދީނެކެވެ. އެ ގޮތުން އަތުގައި އޮންނަ އެއްޗެއް މީހަކަށް ނުދީ ދަހިވުމަކީ ދީނުގައި ގޯސް ކަމެކެވެ. ހަމަ އެހެންމެ އަތުގައި ހުންނަ އެއްޗެހި ގޮތެއް ނުބަލާ އިސްރާފު ކުރުމަކީ ވެސް ގޯސް ކަމެކެވެ.

އިސްލާމް ދީނަކީ ފާޅުކަންބޮޑު ދީނެއް:

އެހެން ދީންތަކާ ޚިލާފަށް، އިސްލާމް ދީނުގެ ޢަޤީދާއާއި، އަޅުކަންތަކާއި، އަޚްލާޤާއި، ޝަރުޢީ ނިޒާމަކީ ވަރަށް ސާފު ފާޅު އެއްޗެކެވެ. އޭގައި މީހަކަށް ނޭނގޭނެ ވާހަކަތައް ނުހުރެއެވެ. ފޮރުވާފައި ވާ ސިއްރުތަކެއް ނުހުރެއެވެ. ޤުރުއާނަކީ ކޮންމެ މީހަކަށް ވެސް ކިޔަން އެނގޭ، އެ ދަސްކުރަން ފަސޭހަ އެއްޗެކެވެ.

އިސްލާމް ދީނަކީ އަންހެނުންގެ ޤަދަރު އުފުލި ދީނެއް:

ކުރީ ޒަމާނުގައި ހުރިހާ މުޖްތަމަޢްތަކެއްގައި ވެސް އަންހެނުންނަށް ވަރަށް އިހާނެތިކޮށް ހިތައި އުޅުނެވެ. އަންހެނުންނަށް ތަފާތު އަނިޔާތަކާއި، އުނދަގޫތައް ކުރިމަތި ކުރިއެވެ. އަންހެނުންގެ ޙައްޤުތައް އޮތީ ނިގުޅައިގަނެވިފައެވެ.

ނަމަވެސް، އިސްލާމް ދީން އައިސް، އަންހެނުންގެ ޤަދަރު މަތިވެރި ކުރިއެވެ. އަންހެނުންނަކީ ވެސް ފުރިހަމަ އިންސާނުން ކަން ބަޔާން ކުރިއެވެ. އަދި އަންހެނުންގެ ޢިއްފަތާއި އަބުރު ރައްކާތެރި ކުރެވޭނެ ފަދަ ޙުކުމްތަކެއް ކަނޑައެޅިއެވެ.

އިސްލާމް ދީނުގައި ކުރެވޭ ހުރިހާ އަޅުކަމަކުން ލިބޭ ޘަވާބު، އަންހެނުންނާއި ފިރިހެނުން ހަމަހަމައެވެ. މާތް ﷲ އަމުރު ކުރެއްވި ހުރިހާ ކަމެއް ވެސް އަމުރު ކުރައްވާފައި ވަނީ އަންހެނުންނާއި ފިރިހެނުންނަށެވެ. އެ ގޮތުން އަންހެނުން ވެސް ފިރިހެނުންނެކޭ އެއްފަދައިން، ނަމާދުކޮށް، ޒަކާތް ދީ، ޙައްޖުވާން ޖެހެއެވެ. އަދި އަންހެނުންނަށް މުދާ މިލްކު ކުރުމުގެ ޙައްޤު ވެސް އިސްލާމް ދީން ހޯދައި ދިނެވެ. އަދި އަންހެނުން ބަލައި، ޚަރަދުކޮށް، އަޅާލައި، ޙިމާޔަތް ކުރުމަކީ ފިރިހެނުންގެ ވާޖިބެއް ކަމުގައި ކަނޑައެޅިއެވެ.

ޖިބްރީލުގެފާނު އިސްލާމް ދީން ދަސްކޮށްދެއްވި ގޮތް:

އެއް ދުވަހަކު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޞަހާބީންގެ މަޖްލިހެއްގައި ހުންނަވަނިކޮށް، ވަރަށް ދޮން، ކަޅުކަން ގަދަ އިސްތަށިގަނޑެއް ހުރި މީހެއްގެ ސިފައިގައި ޖިބްރީލުގެފާނު ވަޑައިގެން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުގައި އިސްލާމްކަމަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އެ ހިނދު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވީ އިސްލާމްކަމަކީ އެއީ، ﷲ ފިޔަވާ ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާ ކަމަށާއި، މުޙައްމަދުގެފާނަކީ އެ ކަލާނގެ ރަސޫލާ ކަމަށާއި، އަދި ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ކުޅަދާނަވެގެންވާ މީހާ ޙައްޖުވުން ކަމަށެވެ.

ދެން ޖިބްރީލުގެފާނު ސުވާލު ކުރެއްވީ، އީމާންކަމަކީ ކޮބައިތޯއެވެ. އެ ހިނދު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވީ، އީމާންކަމަކީ އެއީ، ﷲ އަށް އީމާންވުމާއި، މަލާއިކަތުންނަށް އީމާންވުމާއި، ރަސޫލުބޭކަލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން ކަމަށެވެ.

އިސްލާމް ދީން ފެތުރުން:

islam_dheenakee3އިސްލާމް ދީނަކީ އެ ދީނަށް މީ ހުން ވައްދަން މަޖްބޫރު ކުރާ ދީނެއް ނޫނެވެ. ނަމަވެސް ބައެއް ޣައިރު މުސްލިމުން ތުހުމަތު ކުރަނީ، އަހަރެމެންގެ މި ދީނަކީ ކަނޑީގެ ބޭނުން ކޮށްގެން، މީހުން މަރައި، މީހުންނަށް މަޖްބޫރުކޮށްގެން ފަތުރާފައިވާ ދީނެއް ކަމަށެވެ. ނަމަވެސް މިއީ ހުސް ދޮގު ވާހަކަތަކެކެވެ. މިސާލަކަށް ރާއްޖެ އަށް ބަލަމާ ހިނގާށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. ނަމަވެސް ރާއްޖެ އިސްލާމްވެފައި ވަނީ، ބަޔަކު އައިސް ދިވެހިންނަށް މަޖްބޫރުކޮށް ބިރު ދައްކައިގެން ނޫންކަން، އަހަރެމެން އެންމެން ވެސް ދަންނަމެވެ. ދެން ދުނިޔޭގެ އެންމެ މުސްލިމުންގެ ޢަދަދު ގިނަ އިންޑޮނޭޝިއާ އަށް ބަލަމާ ހިނގާށެވެ. އެއީ ވެސް މުސްލިމުންގެ ބަޔަކު ވަދެ ހަނގުރާމަ ކުރި ޤައުމެއް ނޫނެވެ. އެތާ މީހުން ވެސް އިސްލާމް ދީނަށް ވަނީ، އެއީ ޙައްޤު ދީންކަން އެނގުނީމައެވެ. ހަމަ އަހަރެމެން ވެސް އިސްލާމް ވީ ގޮތަށެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް، އިސްލާމް ދީން ފެތުރިފައި ވަނީ ހަމަ މި ގޮތަށެވެ. މި ދީން ފެތުރުނީ، މުސްލިމުންގެ އަޚްލާޤު ރަނގަޅުކަން އެހެން މީހުންނަށް ފެނުނީމައެވެ. މުސްލިމުންގެ ނަޞޭޙަތުގެ އަޑު އިވުނީމައެވެ. މުސްލިމުންގެ ކިބައިގައި ހުންނަ ޢަދުލުވެރިކަމާއި، ތެދުވެރިކަން ފެނުނީމައެވެ. މި އަދު ދުނިޔޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކީ މުސްލިމެކެވެ. އެއީ ގާތް ގަނޑަކަށް 1.4 ބިލިއަން މުސްލިމުންނެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ހެން މުސްލިމުން އުޅެއެވެ. އޯ.އައި.ސީ (އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފަރެންސް) ގެ މެމްބަރު ޤައުމުތަކުގެ ޢަދަދަކީ މިއަދު 57 ޤައުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.