ހޮނިހިރު20171216

އާކުރެވުނީ: 09:46:14

ޖާބިރު ޢަޘަރާތިލްކިރާމް

 

jaabir-asarathil-kiraamބަނގުރޫޓުވެފައިވާ ދީލަތި މީހާ

ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކް ގެ ޒަމާނުގައި، އައްރައްޤާ އޭ ނަމަކަށް ކިޔުނު ރަށުގައި ޚުޒައިމާ ބިން ބިޝްރު ކިޔާ ބަނީއަސަދު ވަންހައިގެ މީހަކު އުޅުނެވެ. މީނާއަކީ ނިކަން ނިޢުމަތް ލިބިފައިވާ މުއްސަނދި، ފައިސާވެރި، މަހުޖަނެކެވެ. އެކަމަކު މުރުއްވަތްތެރިކަމާއި ދީލަތިކަމާއި މީސްތަކުންނަށް ހެޔޮފޯރުވުމާއި ރަހުމަތްތެރީންނަށް ހެޔޮކޮށް ހިތުމުގެ މާތް ސިފަތަކުގެ އަހުލުވެރިއެކެވެ. ދޭށޭ ބުނެފި މީހަކު ހުސްއަތާ ރައްދުނުކުރާ، އެއްޗަކަށް އެދެފި މީހަކު މަޙްރޫމުނުކުރާ، ހެޔޮފޯރުވުމަކަށް ނަމަ ފުރަގަސްނުދޭ މާތް މީހެކެވެ. ދީލަތިކަން އޭނާގެ މުދާ ހުސްކޮށްފުމަށް ދާންދެން އެގޮތުގައި އޭނާ ދެމިހުރެއްޖެއެވެ. ދެން އަތްމަތި މުޅީން ހުސްވީމާ އޭނާގެ އަޚުންގެ ކިބައިން އެހީތެރިކަމަށް އެދުނީމާ، އެބައިމީހުން ކުޑަ ދުވަސްކޮޅަކު ވާތްގެއް ދީފައި ފޫހިވެގެން ދޫކޮށްލުމުން، ނާއުންމީދުކަން އޭނާގެ މައްޗަށް ފާވެ، މާޔޫސްކަން އޭނާގެ މައްޗަށް ވެރިވެގަނެއްޖެއެވެ.

އަދި އަނބިމީހާއަށް ބުންޏެވެ: ކަމަނާ ވެސް ދެން ކަމަނާގެ އަހުލުވެރީން ގާތަށް ދާންވީ! އަހަރެން ގޭގެ ދޮރުލައްޕާލައިގެން ފަސޭހަކަން އަންނާންދެން އެހެންނާ މަރުވާންދެން ގޭގައި އިންނާނީ.

އެކަމަނާ: އަހަރެން ކަލެޔާއި އެކީގައި މިއުޅެނީ މުއްސަނދިކަމުގައި އެކީއުޅެފައި މުސީބާތުގައި ވަކިވެދިއުމަކަށް ނޫން. އަހަރެން ކަލެޔާއެކީގައި ހުންނާނަން. ކަލޭ ދިރިހުރި ނަމަ އަހަރެން ވެސް ދިރިހުންނާނެއޭނު. ކަލޭ މަރުވެއްޖެއްޔާ އަހަރެން ވެސް މަރުވެދާނެއޭނު.

ދެން މީގެ ދެމަފިރީން ދޮރުލައްޕާލައިގެން، އަތުގައި ހުރި އެއްޗެއް ހުސްވަންދެން ބަނޑުފުރާނަ މުއްތިކޮށްގެން އުޅެފައި، ގޭގައި ހުރި އެއްޗެހި ހުސްވުމުން، މަރަށް އިންތިޒާރުކޮށްގެން ތިބެއްޖެއެވެ.

ޝަރަފުވެރި އަމީރު

އޭރު އެ ރަށުގެ އަމީރަކަށް ހުންނެވީ ޢިކްރިމާ ބިން ފައްޔާޟުއްރަބަޢިއްޔި އެވެ. މިކަލޭގެފާނަށް ފައްޔާޟެވެ ކިޔުނީ ދީލަތިކަމާއި ހެޔޮފޯރުވުން ގިނަކަމަށްޓަކައެވެ. އެއްދުވަހަކު މިކަލޭގެފާނު އޭނާގެ މަޖިލީހުގައި ތިބި މީހުންނަށް ވިދާޅުވިއެވެ: ޚުޒައިމާ ބިން ބިޝްރިލްއަސައްދިއްޔި އުޅެނީ ކިހިނެއް ހަދައިގެންބާ؟

އެމީހުން: އަހަރެމެން ކުރެ މީހަކު އޭނާ ނުދެކެން. ފަހަރެއްގައި ދަތުރުވަރިއެއްގައި އުޅެނީތޯއްޗެ!

އެތާގައި އިން އެހެން މީހަކު: އޭނާ ހަމަ ރަށުގައި އެބަހުރި. އެކަމަކު އޭނާގެ ކަންތައް ނިމިއްޖެ. އަމިއްލަ ގޭގައި އޭނާގެ ނަފުސު ވަޅުލައިގެން، ދޮރުލައްޕާލައިގެން، މަރުވަންދެން ނުނުކުމެ އިންނާން ކަނޑައަޅައިގެން އެބައިން.

އަމީރު: ހާދަހާ ދެރަކަމެއް. އަނެއްކާ ކިހިނެއް ވީ؟

ދެން އޭނާގެ ޚަބަރު އަމީރަށް ދަންނަވައިފިއެވެ.

އަމީރު: އޭނާއަށް އަޅާލާނޭ، އެހީތެރިވާނޭ މީހެއް ހަމަ ނެތީތަ؟ މުއްސަނދީން މަދީތަ؟

އެމީހާ: ނޫން...އަމީރުލް...! އެކަމަކު ދީލަތި މީހުން މަދީ. ފަހެ ކަލޭގެފާނަށް ދަތިކަމެއް ޖެހިއްޖެ ދުވަހެއް ނަމަ، މީސްތަކުން އެތިބެނީ ކަލޭގެފާނަށް ހެޔޮކޮށް ހިތުމަށްޓަކައި ވާދަކޮށްކޮށް. އެހެނީ ކަލޭގެފާނަށް އަދިފަހުން މުދާ ލިބޭނެކަމާއި، އެމީހުން ބޭނުންވެގެން ދަންނަވާއިރަށް އެމީހުންގެ މުދާ އެމީހުންނަށް ރައްދުކޮށްދެއްވާނެކަމާއި އެމީހުންގެ ހޮޔޮކަން ދެނެވަޑައިގަންނަވާނެކަން އެމީހުންނަށް އެނގޭތީ. އެކަމަކު ކަލޭގެފާނު ހަމަ ޙަޤީޤަތުގައި ވެސް ބޭނުމެއް ޖެހިވަޑައިގެން، އަދިފަހުން ލިބޭނޭމުދަލެއް ނެތްކަން އެމީހުންނަށް ގައިމުވެއްޖެ ނަމަ އެއިން ހަމަ އެކަކު ވެސް ކަލޭގެފާނާ ދިމާއަށް މޫނުވެސް ނުލާނެ. ގިނަ މީހުންގެ ގާތުގައި އެކުވެރިކަމަކީ ވެސް ވިޔަފާރިއެކޭ. އެމީހުން ކަލޭގެފާނާއި ގުޅުން ބަހައްޓަނީ ކަލޭގެފާނުގެ މުދަލަށް އޮންނަ އެދުމުގައި. ކޮންމެވެސް ދުވަހަކުން އެއިން ފައިދާއެއް ލިބުމުގެ އުންމީދުގައި. ނުވަތަ ކަލޭގެފާނުގެ ޖާހުން ވާތްގެއް ލިބުމުގެ ބޭނުމުގައި. އެޔާ ޚިލާފަށް ﷲ ގެ މަގުގައި ލޯބުވުމީ މިހާރުދެން މީހުންގެ ތެރެއިން ދާދި މަދުން ނޫނީ ނުފެންނަ ކަމެއް.

އަމީރު: ތިޔަ ބުނީ ހަމަ ތެދު ވާހަކައެއް.

އަދި އެވާހަކަ ދެއްކުން މުޅީން ހުއްޓަވާފައި، މުޅީން އެހެން ވާހަކައެއް ދައްކަވަން ފައްޓަވައިފިއެވެ. މީސްތަކުން ތިބީ އަމީރަށް އެ ޚަބަރު ލިބިވަޑައިގަތުމުން، އޭނާއަށް ކޮންމެވެސް އެއްޗެއް ދެއްވުމަށް އަމުރުކުރައްވާނެ ކަމަށް ނުވަތަ އޭނާގެ ގާތަށް ވަފުދެއް ފޮނުއްވާނެ ކަމަށް ހީކޮށްގެން ކަމުން އެގޮތަށް އެކަންތައް ނުވުމުން، އެމީހުން ޢަޖައިބުވެފައި ތިބެއްޖެއެވެ.

ކާއެއްޗަކާއި ނުލައި ތިން ދުވަސް

ޚުޒައިމާއާއި އޭނާގެ އަންހެނުން ކާއެއްޗެއްގެ ރަހަ ނުދެކޭތާ ތިން ދުވަސް ވޭތުވެއްޖެއެވެ. އޭނާގެ އަންހެނުން ހައިހޫނުކަމުގައި އިންނަ މަންޒަރު އޭނާއަށް ވަނީ އޭނާގެ ހައިހޫނުކަމާއި ކެކުޅުމަށް ވުރެ އަދި މާ ވޭންހުރި ކަމަކަށެވެ. މީހެއްގެ ހެޔޮކަމުން މަސައްކަތެއް ލިބޭތޯ ނުވަތަ ދަރާފައިވާ މީހެއްގެ ކިބައިން ދަރަނި އަދާކުރުމަށް އެދުމަށް ނަމަވިޔަސް، ގެއިން ނުކުތުމަށް އެކަމަނާ ދެކެ ވާ ލޯތްބާއި އެކަމަނާއަށްޓަކައި އޮތް އޯގާތެރިކަން އޭނާއަށް ބާރުއަޅައެވެ. ނަމަވެސް އެބަޔަކު އޭނާއަށް އަތްދިއްކޮށްކޮށްފައި އުޅުނު މީހުންގެ ގާތަށް ސަލާން ޖަހަން، އެބަޔަކު އޭނާގެ ކިބައިން އެދިއެދި އުޅުން މީހުންގެ ގާތުގައި ބުނެކިޔުމަށް، ނަފުސުގެ ޢިއްޒަތާއި ޢަބުރުވެރިކަން ހުރަސްއަޅައެވެ.

ދަށްވުމާއި ނިކަމެތިކަމުގެ އުޅުމުން ގަނަތެޅުމަށްވުރެ، ބަނިޔާދަންކަމަތީ މަރުވުން ވެސް އޭނާއަށް ރަނގަޅެވެ.

ކާކުކަންނޭނގޭ އިޙްސާންތެރިޔާ

ރޭގަނޑުން ބަޔެއް ވޭތުވިފަހުން، ދޮރުގައި ޓަކިދޭ އަޑުއިވުމުން އަނބިމީހާއަށް އޭނާ: ދޮރުމަތީގައި ކާކުތޯ ބަލާބަލަ!

އެކަމަނާ: ދެލޯ ނޫނީ ނުފެންނާނޭހެން މޫނު ފަރުދާކޮށްގެންހުރިއަސްވާރެއް.

ދެން އޭނާ ދޮރުކައިރިއަށް ފައިބާ ދޮރުހުޅުވާލި ހިނދު، އަސްވާރަށް އޭނާ ފެނުމުން ސަވާރީން ފޭބުމެއް، އަނގައިން ބުނުމެއް ކަމެއް ނެތި، އޭގެ ފުރާ ވަނީ މުދާކަމަށް ބެލެވޭ ޒާތުގެ ބަރު ކީސާއެއް އޭނާގެ އަތަށް ފޯރުކޮށްލާފައި، ސަވާރީގެ ލަގަނުގައި ހިފާލިތަނުން.

ޚުޒައިމާ: ކަލެއަކީ ކާކު؟ މިއީ ކޯޗެއް؟

އެމީހަކު: ތިޔައީ ކަލެއަށް ﷲ ފޮނުއްވި އެއްޗެއް. އޭގައި ކަލޭގެ މައްޗަށް އެހެން އެއްވެސް މީހެއްގެ ކިބައިގައިވާ މޮޅުކަމެއްނުވޭ.

ޚުޒައިމާ: ނޫން.. ﷲ ގަންދެން. ތިބާއީ ކާކުކަން ނުބުނަނީހުން މީގައި އަހަރެން ނުހިފާނަން.

އެމީހަކު: އަހަރެންނަކީ ޖާބިރު ޢަޘަރާތިލްކިރާމް.

ޚުޒައިމާ: އަދި އިތުރަށް ތަފުސީލުކޮށްލަދީބަލަ!

އެމީހަކު: އުހުނ.

މިހެން ބުނެފައި ލަގަނަށް ލަކިޖަހާލުމުން ސަވާރީ އޭގެ ބާރުދެވެލީގައި ގޮސް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އެމީހާ ފަރުދާކޮށްލައިފިއެވެ.

ދަތިކަމަށް ފަހުފަސޭހަކަން

ޚުޒައިމާ އެތެރެއަށް ވަދެފައި އޭނާގެ އަންހެނުންނަށް:

ސަލާމަތްތެރިކަން ކަމަނާގެ ގާތަށް އަތުވެއްޖެ. ފާނޫޒު ރޯކޮށްލާފައި ނިކަން އައިސް ބަލާލަބަލަ!

އެކަމަނާ: ފާނޫޒު ރޯކުރަން ގޭގައި އެންމެ ތެޔޮފޮދެއް ވެސް ނެތްކަން ކަލެއަށް އެނގޭނެ.

އެއަށްފަހު ދެމަފިރީން ވެގެން ކީސާގައި ހުރި އެއްޗެއް އަތްލައި ބެލީމާ އެއީ ފައިސާކަން އިހުސާސްވެ، އެކަމަނާ އުފާވެފައި: އެއީ ލޯލާރިކަމުގައި ވިޔަސް ހަމަގައިމު އެއީ ވަރަށް ބައިވަރު.

އޭގެ ދެމީހުންގެ ލޮލުން ނިދިވެސް ހިނގައްޖެއެވެ. އަދި ދުވާލުވަންދެން ހޭލާ ތިބެފައި، ދެމީހުން އެޔަށް ބަލާލީމާ ރަނުން އެމީހުންގެ ލޯ ތަރަތަރަޖައްސުވާލިއެވެ. އޭގައި ވަނީ ހަތަރު ހާސް ދީނާރެވެ. އަދި ދެމީހުން މުޅީން އަންތަރީސްވެ، އެމީހަކީ ކާކު ކަމާ މެދު ސުވާލު އުފެދިފައި ތިބެއްޖެއެވެ.

ޢިކްރިމަތުލް ފައްޔާޟާއި އިޙްސާންތެރިކަމުގެ ލައްޒަތު

އެމީހަކީ އެއީ ރަށުގެ އަމީރު ޢިކްރިމަތުލް ފައްޔާޟެވެ. އެކަލޭގެފާނަށް ޚުޒައިމާ ގެ ޚަބަރު އެނގުމުން، ހަތަރު ހާސް ދީނާރު ކީސާއަކަށް ލައިގެން އެއްވެސް މީހަކަށް އިހުސާސް ނުވާނޭ ހެންގިނިކަންޏާ ވަޑައިގެން، އޭނާއަށް އޭތި ފޯރުކޮށްލައްވާފައި، އުފަލުން އެނބުރި ވަޑައިގަތީ، ސާޅީސް ހާސް ލިބިވަޑައިގަތް ކަމުގެ އިޙްސާސްގައެވެ. ކިއެއްތަ! ސާޅީސް ހާސް ލިބިވަޑައިގަތަސް އެ ހަތަރުހާސް އޭނާއަށް ދެވުނުމުން، އެވެލައްވާފައި ހުންނެވި އުފާފުޅެއް ލިބިއެއް ނުލެއްވީހެވެ.

ދުނިޔޭގައި އެތަކެއް ގިނަ ލައްޒަތްތަކެއް ވެއެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ އަރާމުވެފައި، ނަފުސަށް އޭގެ އަސަރު އެންމެ ފުންވެފައި މޮޅީ އިޙްސާންތެރިކަމުގެ ލައްޒަތެވެ. އިޙްސާންތެރިޔާ އެ ހޭދަކުރާ މުދަލުގެ ބަދަލަށް، އެ ލައްޒަތުގެ އިތުރަށް ދެން އެހެން ބަދަލެއް އިޙްސާންތެރިއަކަށް ނުލިބުނު ކަމުގައި ވިޔަސް ފުދިއްޖައީހެވެ. ވީއިރު އޭގެ އެތައް ގުނައަކަށް ގިނަވަގެން ﷲ ގެ ޙަޟްރަތުގައި އޭނާއަށް އޭގެ ބަދަލުހުރި އިރު ހީވަނީ ކިހިނަކުންހެއްޔެވެ؟

"އެބައިމީހުންގެ މުދާ ﷲ ގެ މަގުގައި ހޭދަކޮށް އުޅޭ މީހުންގެ މިސާލަކީ ހަތް ކުރާގަނޑު އެއިން ނުކުންނަ އޮށެއްގެ މިސާލެވެ. އެއިން ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހިމެނިގެންވެއެވެ. އަދި ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް އިތުރުކުރައްވައެވެ."

ވީއިރު މުސްލިމަކު، ސަތޭކައަކަށް އޭގެ ފަސްގުނަ ފައިދާވާ ނުވަތަ ދިހަގުނަ ފައިދާވާ ވިޔަފާރިއެއް ކުރާއިރު، ސަތޭކަ ރުފިޔާ ހަތްދިހަ ހާހަށް، އަދި ފަހަރެއްގައި އެއަށްވުރެ ވެސް ގިނަވެ، ސަތޭކަ ސާޅީސް ހާހަށް އެހެންޏާ އެއަށްވުރެ ވެސް މައްޗަށް އިތުރުވެދާނޭ މި ވިޔަފާރި ދޫކޮށްލުން ހެޔޮވެގެން ނުވެއެވެ.

ޢިކްރިމާގެ އަނބިކަނބަލުން

ޢިކްރިމާ، އެއްވެސް މީހަކަށް ނުފެނުނު ކަމުގެ މައްޗަށް ޙަމްދުކުރައްވަމުން، ސިއްރުވެރިކަމާއެކު އެކަލޭގެފާނުގެ ގަނޑުވަރަށް ވެދެވަޑައިގެންނެވިއެވެ. އަނބިކަނބަލުންނަށް ފެނިވަޑައިގަތްކަމެއް ޢިކްރިމާއަށްއެނގިވަޑައެއް ނުގަންނަވައެވެ. އެކަމަނާއަކީ ޢިކްރިމާގެ ބޮޑުބޭބޭގެ ދަރިކަނބަލެކެވެ. ބުއްދިވެރި ވަފާތެރިއެކެވެ. ނަމަވެސް ގިނަ އަންހެނުންގައި ވެސް ހުންނަ ކަމަކާ ނުލައި ޣީރަތްތެރިވުމާއި[1]ޝައްކާއި ވަސްވާހުގެ ބަލި އެކަމަނާގެ ކިބައިގައިވެއެވެ. ޢިކްރިމާއަށް ދޮރުން ވަދެވަޑައި ނުގެންނެވެނީހުން ވަގަށް ފާރަވެރިވާ ފުލުހަކު ފަދައިން،އަނދިރީގެ ތެރެއިން ޢިކްރިމާއާ ދިމާއަށް އެކަމަނާ ފުންމަވައިގެންފިއެވެ.

އެކަމަނާ: ތިޔަ އައީ ކޮންތާކުން؟

ޢިކްރިމާ: އަހަރެން މިއައީ ކުރަންޖެހިފައިވާ ކަމެއް ކޮށްލައިގެން.

އެކަމަނާ: ރޭގަނޑުގެ ހިމޭންކަމުގައި ރަށުގެ އަމީރު މުޅި މީހާ ނިވާވެގެން.........؟ ނުވާނެ ތިހެނެއް، ހަމަ އެއްވެސް ކަމެއް އޮވެގެންނެއް ނޫން، ތިވާނީ އަހަރެން ނޫން އެހެން އަނތްބެއް ހުންނަނީ ކަމަށް، ކަލޭ ދިޔައީ އޭނާ ގާތަށް.

އެއަށްފަހު ކީރިތިކުރައްވާ، ތުރުކުރައްވައިން ހުންނެވި ފޭރާން ވީއްދަވާ، އިސްތަށިފުޅު ރަނގަޅަށް ބާރުކުރައްވާ ހުޅިޖައްސަވާ، ވޭނާއި ކެކުޅުމުން ފުރިގެންވާ އަޑުފުޅަކުން ހަޅޭފުޅުލައްވާފައި:

ޢިކްރިމާ..! ބޮޑުބޭބެގެ ދަރިކަނބަލުންނަށް ކަލޭ ޚިޔާނާތްތެރިވެއްޖައީމު، އެކަމަނާގެ މައްޗަށް އެހެން މީހަކާއި ކައިވެނިކޮށްފީމު...

ޢިކްރިމާ: ކިހިނެއް ވެގެންތަ ތިއުޅެނީ ކަމަނާ! މޮޔަވީތަ؟ އަހަރެން މީ އަންހެނުންނާ ހެދިގެން އުޅޭ މީހެއް ނޫންކަން ހަމަރަނގަޅަށް އެނގޭނެ، ކަމަނާ ނޫން އެހެން އަނތްބަކު އަހަންނަކަށް ނުވޭ، އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އެނގެން ބޭނުން ނުވާ ކަމެއްގައި މެނުވީ އަހަރެން ނުނުކުންނަން.

އެކަމަނާ: ﷲ ގަންދެން. އެކަމެއް ނުބުނަނީހުން އަހަރެން ހިތްހަމައެއް ނުޖެހޭނެ.

ޢިކްރިމާ: އެވާހަކައެއް ނުބުނެވޭނެ.

ދެންވެސް އެކަމަނާ ފަށްފަށުން އާދޭސް ދަންދަންނަވާފައި: ތިހެން ވިއްޔާ އަހަރެން ދެން އަހަރެން ގެ ބައްޕަގެއަށް ދާނީ.

ޢިކްރިމާ: إنا لله وإنا إليه راجعون! ކަމަނާ ތިޔަފަދައިން ކުރުނުކުރަނީވިއްޔާ އަހަރެން ބުނެފާނަން، އެކަމަކު އެކަން ސިއްރުކުރުމަށާއި އެއްވެސް މީހެއް ގާތު ދުވަހަކު ވެސް ނުބުނުމަށް ﷲ ގަންދީ އެކަލާނގެ މަލާއިކަތުން ހެކިކޮށްފައި ހުވާކުރޭ!

އެކަމަނާ: އަހަރެން ކަލެއަށްޓަކައި ހުވާކޮށްފިން.

ޤިޔާމަތް ދުވަހު ޢަރްޝީގެ ހިޔަލުގައި

ޢިކްރިމާ: ބޯތައް ފިއްސާފާނޭހެން ހީވާވަރަށް އަވިދޭ ދުވަހެއްގެ މެންދުރު އެންމެ އަވިބާރުގަޑީ، ސަހަރާގައި  އަހަރެމެން ހިނގާފައި ދާނަމަ، ހިޔަލަކަށް،އެއީ ދަނޑިބުރިއެއްގެ ހިޔަންޏަކަށް ވިޔަސް އެދޭނީ، ކޮންފަދައަކުންކަމާއި އެންމެ ބޮޑު އަގުގައި އެވިއްކުނަސް އަހަރެމެން އެގަންނާނޭކަން ކަމަނާއަށް ވިސްނާލެވޭނު..!

އޭ ބޮޑުބޭބޭގެ ދަރިޔާ..! އަހަރެންނަށް ހުއްޓި ހުންނަންޖެހޭނޭ ތަނެއްގެ މަތީން ހަނދާންވެއްޖެ. އެތަނާއި، އަހަރެން ދެންމެ މި ބުނި ސަހަރާގައި ހުރުމާއި އަޅާކިއިއްޖެ ނަމަ، ސަހަރާގެ އިރު ވާނީ އޭގެ ފިނިކަމުން ހަނދުގެ ނޫރު ކަމުގައި. މަޙްޝަރުގެ ބިން އަހަރެން ހަނދާންވެއްޖެ. ބޯތަކުގެ މައްޗަށް ދާދިގާތަށް އިރު ތިރިވެ، އޭގެ ދިގު މިން އެއްހާސް އަހަރާއި އެއްވަރުވާ ވަރަށް ދުވަސްދިގުވެގޮސް، މީސްތަކުން ދަލުގައި ޣަރަޤުވެ، އޭ ބޮޑުބޭބޭގެ ދަރިޔާ....! އެތަނުން.....

ނިދާވެރިއަކު ނިދާއިއްވަވާނެ. އެންމެ ކުރިންނާއި އެންމެ ފަހުން އުޅުނު މީހުންނަށް ދާންދެން ﷲ ޖަމާކުރައްވާފައިވާ އެ އެންމެހާ މީސްތަކުންގެ ތެރެއަށް އެ އެންމެހާ މީހުންނަށް އިވޭނޭ ފަދައިން. ހަތްވައްތަރެއްގެ މީހުންނަށް ބައިބަޔަށް ގޮވާލެވޭނެ. އެންމެ މަތިވެރި ދަރުމަޔަށް، އެންމެ ބޮޑު ނިޢުމަތަށް ދަޢުވަތުދެވޭނެ. އެކަލާނގެ ޢަރުޝީގެ ހިޔާ ނޫން އެހެން ހިޔަލެއް ނުވާ ދުވަހުގައި ރަޙްމާންވަންތަ ރަސްކަލާނގެ ޢަރުޝީގެ ހިޔަލަށް އެބައިމީހުން ގެންދެވޭނެ. އޭގެ ތެރެއިން އެއް ވައްތަރަކީ ކަނާތުން ކުރި ޞަދަޤާތް ވާތަށް ވެސް ނޭނގޭނެހާ ސިއްރުން ޞަދަޤާތްކުރި މީހުން. އަހަރެން ނުކުތީ އެމީހުންގެ ތެރެއިން ވުމަށް އެދިގެން. ހަތަރު ހާސް.....

އަދި އެކަމަނާއަށް އެވާހަކަ ކިޔައިދެއްވާފައި: ކަމަނާއަށް ތެދުކުރެވޭތަ؟ ނޫނީ އަހަރެން ހުވާކުރަންވީތަ؟

އެކަމަނާ: ނޫން ނޫން! ތެދުކޮށްފިން، އަހަރެންގެ ހިތްހަމަޖައްސައިފިން.

ޚުޒައިމާ ޚަލީފާގެ އަރިހުގައި

ޚުޒައިމާ އެއްކަލަ މުދާތައް ލިބުމުން ދަތުރު ހަދައިން ގޮސް އަމީރުލްމުއުމިނީން ސުލައިމާން ބިން ޢަބްދިލް މަލިކާއި ބައްދަލުކޮށްފިއެވެ. އޭރު ޚަލީފާ ހުންނެވީ ފަލަސްޠީނުގެ ރަމްލާ އޭ ކިޔުނު ރަށުގައެވެ. ޚަލީފާއަކީ ކުރީއްސުރެ ޚުޒައިމާގެ ރަހުމަތްތެރިއެކެވެ.

އެވެރިން އެޔަކަށްޓަކައި ތާރަޖަހާ ދުންމާރިފުމެއުޅޭ ޑިމޮކްރަސީ އަކީ މިހިރީއެވެ. އެވެރީންގެ ގާތުގައި އެއީ ބޮޑު ތަކްލީފަކާއި ދަޢުވާއެކެވެ. އަހަރެމެންގެ ތެރޭގައި އެއީ ހަރުލައި ޠަބީޢަތަކަށް ވެނިމިފައިވާ އެއްޗެކެވެ.

އެހެންވެ ސުލައިމާން ބިން ޢަބްދިލްމަލިކް ރަހުމަތްތެރިކަމުގެ މަރުހަބާއިން މަރުހަބާ ވިދާޅުވިއެވެ. ފުރާންސުން ފެށިގެން ޗައިނާއާ ހަމައަށް އޮތް ސަރަހައްދުގެ ޙާކިމު ކަމުގައި ވިޔަތީވެ، ރަހުމަތްތެރިޔާއާ އެއްތާކު އިށީނދެވަޑައިގެން، ވާހަކަފުޅުދައްކަވާ، އޭނާގެ ޚަބަރުތައް އެއްސެވުމަކަށް އެއްވެސް ހުރަހެއް ނޭޅުނެވެ. ދެން ޚުޒައިމާ އޭނާގެ ވާހަކަތައް ކިޔަމުން ގޮސް ޖާބިރު ޢަޘަރާތިލް ކިރާމްގެ ވާހަކައާ ހަމައަށް ދާއިރަށް އެމީހާ އާ ބެހޭ ގޮތުން އެއީ ކާކުތޯ ސުވާލުކުރައްވައިފިއެވެ.

ޚުޒައިމާ: އަމީރުލްމުއުމިނީން...! އެއީ ކާކުކަމެއް އަޅުގަނޑަށް އެނގޭވަރެއް ނުވި.

ޚަލީފާ އެމީހަކީ ކާކުކަން ހޯއްދެވުމުގެ ޝައުޤުވެރިކަން ބޮޑުވީވަރުން: އެމީހެއްގެ ޝަރަފުވެރިކަމާއި ދީލަތިކަމަށްޓަކައި އަހަރެމެން ބަދަލު ދިނުމަށް ވެސް އެއީ ކާކުތޯ ބަލާތި!

ކޮންމެއަކަސް ޚުޒައިމާ އެނބުރި ރަށަށް ވަޑައިންނަވަން ވުމުން، އެރަށުގެ މައްޗަށް ޚުޒައިމާ ވެރިކުރައްވައިފި ކަމުގެ ފަތްކޮޅު ޚުޒައިމާއާ، ޚަލީފާ ހަވާލުކުރެއްވިއެވެ. އަދި އޭނާއަށް އެކަމުގެ މައްޗަށް ދިދަ ބަންނަވައިދެއްވިއެވެ.

ރަށުގެ އަމީރު ޚުޒައިމާ

ދިޔައީ ބަނގުރޫޓުވެފައިވާ މީހެއް ގޮތުގައެވެ. އެނބުރި އައީ އަމީރެއްގެ ގޮތުގައެވެ. މީސްތަކުންނަށް އެ ޚަބަރު ލިބިގެން އޭނާ ރައްޤާ އާ ގާތްވާ އިރަށް އިސްތިޤްބާލުކުރުމަށްޓަކައި މީސްތަކުން ނުކުމެއްޖެއެވެ. މި ނުކުތް މީހުންގެ ތެރޭގައި ރަށުގެ އިހު އަމީރު ޢިކްރިމާވެސް ހިމެނިވަޑައިގަތެވެ.

މީސްތަކުންގެ މެދުގައި ވަފާތެރިކަން

މީސްތަކުން ތިބެނީ އަބަދުވެސް ޒަމާނާ އެކުގައެވެ. ޒަމާން މީހަކަށް ކުރިމަތިލައިފި ނަމަ އެމީހުން ވެސް އެމީހަކަށް ކުރިމަތިލައިފައެވެ. އެ ޒަމާން ފުރަގަސްދީފި މީހަކަށް އެމީހުންވެސް ފުރަގަސްދީފައެވެ. އަމިއްލަ ދޮރޯށި ލައްޕާލައިގެން ބަނޑަށް މަރުވާން، އިއްޔެ އެމީހުން ދޫކޮށްލި މީހާ އަށް އިސްތިޤުބާލުކުރަން ނުކުތުމަކަށް އެމީހުން ލަދެއް ވެސް ނުގަތެވެ. އެކަމާ އެމީހުން އަޅާނުލި ތާނގައި ފިކުރެއްވެސް ކޮށެއް ނުލައެވެ. އޭނާގެ ދީލަތިކަމާއި އިޙްސާންތެރިކަމުގެ ދަރަނިއެމީހުންގެ ކޮނޑުތަކުގައި އެޅިފާވާއިރުގައެވެ. އިމްތިޙާނު ކޮށްލެވުނު ވަގުތުގައި އޭނާއާ އެންމެ ފޭވެގެން އުޅުނު މީހުން މިވަނީ ނިޢުމަތުގެ ވަގުތުގައި އެންމެ ގާތްވެގެން އުޅޭ މީހުން ކަމުގައެވެ. މިއީ ކޮންމެ ޒަމާނެއްގައި ކޮންމެ ތަނެއްގައި ވެސް ޢާންމުންގެ ކަންތައް ހުންނަ ގޮތެވެ. ވެރިކަން ލިބޭހިނދު އެންމެ އަވަސްވެ ތަހުނިޔާކިޔާ މީހުން، އެވެރިކަން ނިގުޅައިގަނެވޭހިނދު އެންމެ ކުރީން ލަޢުނަތް ދޭ މީހުންކަމުގައިވެއެވެ.

ޢިކްރިމަތުލްފައްޔާޟް ޖަލުގައި

އެޒަމާނުގެ ޢާދަކާދަ އޮންނަ ގޮތަކީ ވެރިކަން ކުރާ މީހާއަކީ އޭނާގެ ބާރުގެ ދަށުގައި ވާ އެންމެހާ އެއްޗަކަށް މިނިވަންކަމާއެކު ވެރިކަން ހިންގާ މީހެކެވެ. ނަމަވެސް އޭނާ ވެރިކަމުން ދުރުކުރެވޭ ހިނދު، އޭނާގެ ހިސާބުތައް ނިންމާ މުދަލުގެ އެންމެހާ ކަމެއް ޚަލާސްކުރުމަށް އޭނާގެ ފަހަތުން އަންނަ ވެރިމީހާގެ ކޮނޑުގައި އޮންނަނީ އެޅިފައެވެ.

އެގޮތުގެ މަތީން އަމީރު ޚުޒައިމާ އިހުއަމީރު ހިސާބު ނިންމުމަށް ގެންދެވިއިރު، އޭނާ ޚަޒާނައަށް ދައްކަންޖެހިފައިވާ އެތަކެއް ފައިސާއެއް ހުރެގެން، އެފައިސާ އަދާކުރުމަށް ޚުޒައިމާ އޭނާގެ ގާތުން އެދިވަޑައިގަނެއްޖެއެވެ. އަދި އިހުއަމީރަށް އެ ދެއްކޭ ގޮތް ނުވުމުން ޖަލަށްލާން އަމުރުކުރައްވާ، ކަސްތޮޅުތަކުން އޭނާއަށް ދަތިކޮށް ބަރުކޮށްފިއެވެ.

ޢިކްރިމާގެ އަންހެނުން ވޭނުގައި

ޢިކްރިމާ ޖަލުގެ ވޭނާއި ކަސްތޮޅުގެ ތާށިކަމަށް ކެތްތެރިވެއެވެ. ނަމަވެސް އޭނާގެ ބޮޑުބޭބޭ ދަރިފުޅަށް ކެތެއް ނުކުރެވެއެވެ. ޙަޤީޤަތުގައި ޤަދަރުވެރިޔާ ޖަލަށް ލެވުނު ކަމުގައި ވިޔަސް، އެ ޖަލުން ޢުޤޫބާތް އެދެވެނީ ޤަދަރުވެރިޔާއަކަށް ނޫނެވެ. އެކަމަކު ވޭން ލިބެމުން ޢުޤޫބާތް ލިބެމުން އެހެރަދަނީ އޭނާގެ އަންހެނުންނަށާއި ކުދީންނަށެވެ.

ޖެހިފައިވާ މުސީބާތަށް ހަސަދަވެރީން ކުރަމުންދާ އުފާ، އެކަމަނާ ތަޙައްމަލުކުރަމުންދެއެވެ. ތަޢުޒިޔާވެރީންގެ ތަޢުޒިޔާވެސް ލިބިގަންނަމުންދެއެވެ. ހަސަދަވެރިން ކުރަމުންދާ އުފަލަށްވުރެ، އެ ތައުޒިޔާތަކުން ނަފުސަށް ލިބޭ ވޭންވަރު މާ ގަދައެވެ.

"އައު އަމީރަކީ ނިކަން ހެޔޮ މީހެކޭ، އޭނާއަށް ކަމެއް ދަންނަވާލެވޭނޭ ގޮތެއް ކަމަނާއަށް ހަމަ ނެތީހޭ؟ ޢިކްރިމާއަށް އަދަބުލުއިކޮށްދެއްވަތްތޯ އަމީރުގެ އަރިހުގައި ދަންނަވާލަދޭނޭ ފަދަ އަމީރުގެ ރަހުމަތްތެރިއަކު ވެސް ކަމަނާއަށް ހަމަ ނޭނގެނީހޭ؟" މި ފަދަ ބަސްތަކުން އެކަމަނާއަށް ލިބެމުންދާ އިހުސާސް މާ ހިތާމަވެރިއެވެ.

ޙަޤީޤަތުގައި އެހުރިހާ ކަންކަމަށް ވުރެ މާ މޮޅު ގޮތެއް އެކަމަނާއަށް އެނގެއެވެ. އެ ކަލިމައެއް ބުނެލުމާއެކު، އެކަމަނާގެ ފިރިމީހާގެ ކަސްތޮޅުތައް ނައްޓާލެވި، މިނިވަންކަމާއި ޝަރަފު އަނބުރާ ލިބޭނޭ ފަދަ ކަލިމައެއް އެކަމަނާއަށް އެނގެއެވެ. އެއީ އައުއަމީރުގެ އަރިހުގައި ޖާބިރު ޢަޘަރާތިލްކިރާމަކީ ކާކުތޯ ދަންނަވާލުމެވެ. އެހެނަސް އޭނާގެ ފިރިމީހާ އެކަން ހާމަކުރުމަށް އެންމެ މަތީ ދަރަޖައިގައި ދެކޮޅު ހަދައެވެ. އަދި ސިއްރުކުރުމަށް ﷲ އަށް ޢަހުދުކަށަވަރު ހިފައިފައިވާ ހެޔޮކަމެއް ފާޅުކުރުމަށްވުރެ، ހުރަގޭގައި މަރުވެދިއުން އޭނާ އިސްކުރެއެވެ.އެ ހެޔޮކަން ﷲ އަށް އެކަނި ޚާލިސްވުމަށްޓަކައެވެ. އެކަމަނާ ވަނީ އެކަން ސިއްރުކުރުމަށް ހުވާކޮށްފައެވެ. ހަށިގަނޑާއި ކަނދުރާ ދެތަންކޮށްލިޔަސް، ކޮށްފި ހުވައެއް އުވާލާކަށް އެކަމަނާ ބޭނުމެއް ނުވެއެވެ.

އެންމެ ގަދަފަދަ ވޭނުގައި ފުރިހަމަ މަސްދުވަސް ވޭތުވެގެން ހިނގައްޖެއެވެ.

އެއީ މިޒަމާނުގެ ހުރަގެތައް ފަދަ ހުރަގެއެއް ނޫނެވެ. ކިއެއްތަ! އެއީ ކަށްވަޅުގެ ހާސްކަމާއި އެތާނގެ އަނދިރިކަމާއި ބަރުކަސްތޮޅުތައް އެތަނުގައި އެކުލެވިފައިވާ ކަށްވަޅެއް ފަދަ ތަނެކެވެ.

އުއްބައްތިއެއް ވިރޭ މިސާލުގައި މިސްކީނު އަންހެނާ ކަމީނާވެ ހަށިގަނޑުގެ މަސްތައް ހުލިވެ، ކަށިތައް ފާޅުވާ ހިސާބަށް ދިއުމުން އެކަމަނާގެ ހިތަށް އެއްކަލަ ސިއްރުގެ ސަބަބުން ބުރަވާގޮތް ވެއްޖެއެވެ. ހީވަނީ ތުނި ފަށުވީގެ ކޮތަޅެއް ފަދަ އެކަމަނާގެ ހިތުގައި  ތިމަރަގަނޑެއް އޮންނަހެނެވެ. އޭގެ ބަރުކަމުން ކޮތަޅުގަނޑު ވީދައިގެން ދާ މިސާލުގައި އެކަމަނާގެ ހިތް ކުދިކުދިވެދާން އުޅޭ ފަދައެވެ. އެކަމަނާގެ ފިރިމީހާއަށް އޮތް ލޯތްބާ، އޭނާއަށްޓަކައި އުފުލަމުންދާ ވޭނާ، މިކަންކަމާއި  އޭނާ ރުއްސުމަށްޓަކައި އެކަމަނާ ވާ ރައްކާތެރިކަމާ، އެކަމަނާގެ ހުވަޔަށް ބަހައްޓާ ވަފާތެރިކަމާ، މި ދެބާވަތުގެ ކަންކަމުގެ މެދުގައި އެކަމަނާއަށް ހުރެވޭއިރު ހީވަނީ އުޑިއެއްގެ ދެކިބަގަނޑުގެ މެދުގައި އުޑިވެފައިހުރެވޭހެނެވެ[2].

ޖާބިރު ޢަޘަރާތިލްކިރާމް

އެއަށްފަހު މޮޅު ރޭވުމެއް އެބަވިސްނުނެވެ. އެކަމަނާގެ ވަރަށް ބުއްދިވެރި ރީތި ހަރުދަނާ ޖާރިޔާއަކު ގެނެސް ކިޔަންވީ އެއްޗެހި އަނގައިން އަނގަޔަށް އަޅައިދީފައި އައު އަމީރުގެ އަރިހަށް ފޮނުވައިފިއެވެ.

ޖާރިޔާ އެދިޔަގޮތަށް ގޮސް އަމީރުއާ ބައްދަލުކުރުމަށް އެދިފައި، އަމީރުގެ އަރިހުގައި ނޫނީ ނުދެންނެވޭނޭ ނަސޭހަތެއް އަމީރަށް އަރުވަންވެފައި އެބައޮތޭ ބުނުމުން ފާރަވެރީން އެކަމަނާ އަމީރުގެ އަރިހަށް ވައްދައިފިއެވެ.

އަމީރު: ކަމަނާއަކީ ކާކު؟ އަދި ކަމަނާގެ ބޭނުމަކީ ކޮބާ؟

ޖާރިޔާ: މަނިކުފާނު ގިނިކަންޏާ ވުމުން ނޫނީ ނުދެންނެވޭނެ.

ދެން ޖާރިޔާއާ ގިނިކަންޏާ ވީހިނދު ޖާރިޔާ: ޖާބިރު ޢަޘަރާތިލްކިރާމަކީ ކޮބައިކަން އަހަރެން ބުނެދިނުމަށް މަނިކުފާނު ބޭނުންފުޅުތޯ؟

އަމީރު ސިހިވަޑައިގެންފައި: އޭނހ....ކަލެޔަށް އޭނާ އެނގޭތަ؟

ޖާރިޔާ: އަހަރެން މަނިކުފާނަށް އޭނާ ދައްކާއިރު އޭނާ ވަނީ މަނިކުފާނަށް ބޭނުންވެފައި ކަމަށް ވާ ނަމަ، އޭނާއާ މެދު ކަންތައްކުރައްވާނީ ކިހިނަކުންތޯ؟

އަމީރު: ކަލޭ ތިޔަ ސުވާލުކުރަނީ އޭނާއާ މެދު އަހަރެން ހަދާނެ ގޮތަކާ މެދުތަ؟ އޭނާގެ ވާހަކަ ކިޔައިދީބަލަ! ހަދާ ގޮތް ކަމަނާއަށް ފެންނާނެއޭނު، އަވަސްކުރޭ! އަވަސްކުރޭ! އޭނާގެ ވާހަކަ ކިޔައިދީ....އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ.....އެއީ ކާކުތަ؟

ޖާރިޔާ: އެމީހަކީ ޢިކްރިމަތުލްފައްޔާޟް...

އަމީރު ސިހިވަޑައިގެން ހަޅޭފުޅުލައިގެން ވަރަށް ބާރަށް: ކަމަނާއަށް ހަމަ ޔަގީންތަ އެމީހަކީ ޢިކްރިމާކަން؟؟

ޖާރިޔާ: އާނނ ﷲ ގަންދެން.

އަމީރު: ކަމަނާއަށް އެނގުނީ ކޮން ގޮތަކުން؟

ދެން އެކަމަނާ ވާހަކަ ފެށިގެން ނިޔަލަށް ކިޔައިދިނުމުން، އަމީރު ދެއަތްޕުޅުން އަމިއްލަ ކޯތާފަތްޕުޅުގައި ތަޅުއްވަ ތަޅުއްވާފައި، އިސްތަށިގަނޑުގައި ހިއްޕަވަ ހިއްޕަވާފައި ވިދާޅުވާން ފެއްޓެވިއެވެ.

ހުރި ލަދުވެތިކަމުގެ ބޮޑުކަމާއެވެ! އޭނާއާ އޭނާގެ ބޮޑުބޭބޭ ދަރިފުޅުގެ ކިބައިން ގަންނަންޖެހޭ ލަދުވެތިކަމުގެ ކޮޅެއް ނެތްކަމާއެވެ..................!

އެއަށްފަހު އަމީރު އޭނާގެ ސަވާރީއަށް ފުންމަވައިގެންފައި، މަޖިލިހުގައި ތިބި ރަށުގެ ކަމުވޮށިގެންވާ މީހުންނަށް ވިދާޅުވިއެވެ. އަހަރެންނާއިގެން ހުރަގެއަށް ހިނގާށެވެ!

ހެޔޮކަމުގެ ބަދަލުދިނުން

އަދި އަމީރު ޢިކްރިމާގެ ގާތަށް ވަންނަވާ އިސްތަށިފުޅު ތިރިކުރައްވާ އޭނާގެ ބޮލަށް ބޮސްދެއްވާފައި އޭނާގެ ކިބައިން އުޒުރުވެރިވެލައްވަން ފެއްޓެވުމުން، ޢިކްރިމާއަށް، އަންހެނުން އޭނާ ގެ ސިއްރު ފަޅާއަރުވާލީކަން އެނގުނު ހިނދު، ލަދުވެތިވެ، ކަނދުރާ އެލުވާލެވުނެވެ.

އަދި އެ ކަސްތޮޅުތަކާއި މެދު އަމުރުކުރައްވާ އެ ނެއްޓެވުނުމުން، އަމީރުގެ ދެފައި ދިއްކުރައްވާފައި މިތާގައި އަޅުވާށޭ، ދޭވާނިކަލޭގެއަށް ވިދާޅުވެއްޖެއެވެ.

ޢިކްރިމާ: ތި އުޅުއްވަނީ ކީއްކުރައްވަންތޯ؟

އަމީރު: ސާހިބާއާ މެދު ކަންތައްކުރެވުނު ގޮތަށް އަހަރެންނާ މެދު ވެސް ކަންތައްކުރަން، އެއީ ސާހިބާއަށް ވެވުނު ބޭވަފާތެރިކަމުގެ ކައްފާރާއެއްގެ ގޮތުން.

ޢިކްރިމާ: ހެޔޮނުވާނެ، ތިޔަހެންނުހައްދަވާ!

ދެން ޢިކްރިމާއާ އެކުގައި އޭނާ އިސްކުރައްވަމުން، މާތްކޮށް ހިއްތަވަމުން އަމީރު ނުކުމެވަޑައިގަންނަވައިފިއެވެ. އަދި ޢިކްރިމާ ގެއާ ހަމައަށް ދެވުމުން، ގެއަށް ވަންނަން އުޅޭން ފެށުމުން، އެއްގޮތަކަށް ވެސް ތިޔަހެން ހަދައިގެން ނުވާނޭ، ދާންވާނީ ހަމަ ވެރިކަމުގެކޮއިލަށޭ ވިދާޅުވެ، އަމީރު އޭނާއާއިގެން ގަނޑުވަރަށް ވަޑައިގެން، އޭނާ ފެންވަރުވާ އަމިއްލަފުޅަށް ޚިދުމަތްކޮށްދެއްވާ، އަދި ޢިކްރިމާގެ އަމީރުކަމުގެ ހެދުންކޮޅު ތުރުކުރުވައިގެން އަމީރުލްމުއުމިނީންގެ އަރިހަށް ވަޑައިގެންފިއެވެ.

ޚަލީފާގެ އަރިހަށް އެނބުރިވަޑައިންނެވުން

ޚަލީފާ ސުލައިމާނަށް ޚުޒައިމާ އެނބުރިވަޑައިގަތްކަމުގެ ޚަބަރު ހަމަ ލިބިލެއްވުމާއެކު، "އެއްވެސް އަންގާލުމެއް ކަމެއް ނެތި ރަށުގެ އަމީރު އެހާ އަވަހަށް އެ ވަޑައިންނަވަނީ ހަމަގައިމު ބޮޑުކަމެއް ޖެހިގެން ކަމުގައި މެނުވީ ނުވާނެއޭ ވިދާޅުވެ އޭނާ ގެންނަވައިފައި ސަލާމަށް ވުރެވެސް ކުރީން..

ޚަލީފާ: ތިޔަ ވަޑައިންނެވީ އަނެއްކާ ކޮން ކަމެއް ޖެހިގެންތޯ؟

އަމީރު: ޖާބިރު ޢަޘަރާތިލްކިރާމް ފެނިގެން އޭނާއާއިގެން އައި އައުމެއް، އެކޮން މިއާދެވުނީ މަނިކުފާނު އޭނާ ދެކެވަޑައިގަތުމުގެ އެދުންފުޅު ބޮޑުވެ، ޝައުޤުވެރިވެލެއްވީ މިންވަރު ފެނިފައި ވެސް އޮތީމަޔާއި އެކުގައި.

ޚަލީފާ: އެމީހަކީ ކާކުތޯ؟

އަމީރު: ޢިކްރިމަތުލް ފައްޔާޟް..

އެހިނދު ޢިކްރިމާއަށް ގޮވާލައްވާ، މަޖިލީސް ތަނަވަސްކުރައްވާފައި.

ޚަލީފާ: ޢިކްރިމާ..! ކަލޭގެ ހެޔޮފޯރުވުން ތިޔަވީ ކަލެޔަށް ޖެހުނު މުސީބާތެއް ކަމުގައި ދޯ! މި ގަނޑުގައި ކަލޭ ބޭނުންވާހާ ކަމެއް ލިޔޭ..!

ޢިކްރިމާ: އަމީރުލްމުއުމިނީން...އަޅުގަނޑު މިނިވަންކޮށްދެއްވާނުތޯ!! ﷲ ގެ ރުހިވޮޑުގަތުމާއި ދެން މަނިކުފާނުގެ ރުހިވަޑައިންނެވުން ފިޔަވައި އިތުރު އެއްވެސް ބޭނުމެއް ނެތް..

ޚަލީފާ: ނޫން..ކޮންމެހެންވެސް ތީގައި ލިޔަންވާނެ..

ދެން އޭނާ ބޭނުންވާ ކަންތައް އޭގައި ލިޔުމުން އެކަންތައް ފުއްދައިދިނުމަށް އަމުރުފުޅު އިއްވަވައިފިއެވެ.

އަދި އެއަށްފަހު އޭނާގެ ރަށާއި އަރުމޭނިޔާއާއި އަޒަރުބައިޖާނާއި މި އެންމެހާ ރަށްތަކެއްގެ މައްޗަށް ވެރިޔަކުކަމުގައި ޢިކްރިމާ އިސްކުރައްވައިފައި ޚަލީފާ ވިދާޅުވިއެވެ.

ޚުޒައިމާއަށް ޢިކްރިމާ ބޭނުން ގޮތެއް ހައްދަވާ! ބޭނުންފުޅު ނަމަ އޭނާގެ ވެރިކަމުން އޭނާ ދުރުކުރެވިދާނެ! އަދި ބޭނުންފުޅު ނަމަ އޭނާ ޢިކްރިމާގެ ދަށުން އެވެރިކަމުގައި ބެހެއްޓިވެސްދާނެ!

ޚުޒައިމާ: އޭނާ އަޅުގަނޑާއެކު ބަހައްޓާނީ..

ދެން މީގެ ދެކަލުން ދެ ގަވަރުނަރުން ކަމުގައި ޚަލީފާ ސުލައިމާން އަވަހާރަވެއްޖައުމަށް ދާންދެން ތިއްބެވިއެވެ.

 

 



* ޖާބިރު ޢަޘަރާތިލްކިރާމް: މި ބަހުގެ މާނައަކީ ދީލަތި މީހުންގެ ގެއްލުން ފޫބައްދައިދޭ މީހާއެވެ.

[1] ޣީރަތްތެރިކަމަކީ އެމީހެއްގެ ގާތުގައި އަގުހުރި އެއްޗަކަށްޓަކައި ރުޅިއައުން.
[2] އުޑިވުމުގެ އެއްމާނައަކީ އަޅާގަދަވޭނަކުން ލިބޭ އިހުސާސަކުން ހަދާނެ ގޮތް ހުސްވުމެވެ.


އަސްލު ލިޔުއްވީ: އައްޝައިޚް ޢަލީ އައްޠަންޠާވީ
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.