ހޮނިހިރު20180922

އާކުރެވުނީ: 08:43:52

އޭޑްސް

std-aidsއޭޑްސް ބައްޔަކީ ކޮބާ؟

އޭޑްސް ބައްޔަކީ އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިޒަމާނުގެ ބޮޑުވަބާގެ ގޮތުގައި ސިފަކުރެވޭ މިބައްޔަށް އަދި މިހާތަނަށް ދާއިމީ ފަރުވާއެއް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއިޑްސް ބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

އަމިއްލައަށް ލިބިގަންނަ އެކްއާރޑް Aquired  A
ދިފާއީބާރު
އިމިއުން
Immune
I
ނެތިކޮށްލާ / ދަށްކޮށްލާ
ޑެފިޝެންސީ
Deficiency
D
އެތައްބައްޔެއް އެކުލެވިގެން/ ބަލި
ސިންޑްރޯމް
Syndrome
S

އޭޑްސް ބައްޔަކީ އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިޒަމާނުގެ ބޮޑުވަބާގެ ގޮތުގައި ސިފަކުރެވޭ މިބައްޔަށް އަދި މިހާތަނަށް ދާއިމީ ފަރުވާއެއް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއިޑްސް ބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

އޭޑްސް ބަލީގެ ވާހަކަ ފުރަތަމަ ފެންމަތިވެގެން އައީ 1981ވަނަ އަހަރު އެމެރިކާގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގި މީހަކަށް މިބަލި ޖެހިފައިވާ ކަން އެގުމުންނެވެ. ފުރަތަމަ އެއިޑްސް ބަލި ފާޅުވެފައިވަނީ ޒަޔަރ އިން ކަމަށް ބުނެވެއެވެ. އެއަށް ފަހު ހެއިޓީއަށް މިބަލި ވާސިލްވީ ހެއިޓީގައި ދިރިއުޅޭ ބައެއް ޒަޔަރ މީހުންގެ ފުށުންނެވެ. ހެއިޓީއިން ބަލި ދެން ދަތުރުކުރީ އެމެރިކާ އަށެވެ. އެއީ ހެއިޓީއަށް ދިޔަ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމެރިކާގެ މީހުންތަކެއްގެ ސަބަބުންނެވެ. ހެއިޓީ އަކީ އެދުވަސްވަރު ހުރިހާ ވައްތަރެއްގެ ޖިންސީ ގުޅުން ހުއްދަކުރެވިފައި އޮތް ގައުމަކަށް ވުމުން އެމެރިކާގެ ވަރަށް ގިނަބަޔަކު އެދުވަސްވަރު ހެއިޓީއަށް ޗުއްޓީ ހަދަންދާ ކަމުގައި ބުނެވެއެވެ.

1983ވަނަ އަހަރު އޭޑްސް ބަލި ޖައްސާ ވައިރަސް އިލްމުވެރިންތަކެއް މަސައްކަތުން ހޯދިއެވެ. މިހޯދުމުން އެގުނު ގޮތުގައި އޭޑްސް ޖައްސަނީ ''ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް'' ނުވަތަ ''އެޗް އައިވީ'' އެވެ. ލޭގެ ތަހުލީލްތަކުގެ އެހީގައި ބަލިޖެހިފައިވާ މީހުންގެ ލޭގައި އޭޑްސް އާއިގުޅިން އުފެދޭ އެންޓި ބޮޑީޒް ހުރިކަން އިލްމުވެރިން ހޯދިއެވެ. އޭގެ ފަހުން ވައިރަސް ވެސް އޭޑްސް ޖެހިފައިތިބޭ މީހުންގެ ހަށިގަނޑުގައިވާ ލޭގައި ހުންނަކަން ވަނީ ހޯދިފައެވެ. މިބައްޔަށް އަދި އަދާއި ހަމައަށް ވެސް ފަރުވާއެއް ހޯދިފައިނުވާތީ ބަލި ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިވެ ހުރުމަކީ ބަލިން މިންޖުވުމަށް އޮތް އެންމެ ރަގަޅު ގޮތްކަމުގައި ބެލެވެ އެވެ. ބަލިޖެހޭތާ 2-10އަހަރާއި ދެމެދުގެ މުއްދަތެއްގައި މަރުވެދާކަމަށް ވަނީ އެގިފައެވެ.

އޭޑްސް ޖެހެނީ ކިހިނެއް؟

- ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގުން

std-aid2- ބަލީގެ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ލޭހަށިގަނޑަށް އެޅުން

- ބަލިޖެހިފައިވާ މީހަކަށް ބޭނުންކުރި އިންޖެކްޝަން ކަށި، ރޭޒަރު ތިލަ، ކުރަފަތް، ސިރިންޖް ނުވަތަ އެފަދަ އެހެން ތޫނު އެއްޗެއް ވެސް ސަލާމަތުން ހުރި މީހަކު ބޭނުންކުރުން

- ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ކުޑަދަރިފުޅަށް ބަލި ވާސިލްވުން: މިގޮތުން ބަލިވެއިނުމުގެ ތެރޭގައި، ވިހެއުމުގެ ތެރޭގައި އަދި ބުއްދިނުމުގެ ތެރޭގައި ކުޑަދަރިފުޅަށް ބަލި ވާސިލްވެދާނެ އެވެ.

މިވައިރަސް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތްދުލިފަށް އަދި ޕްލެސެންޓާ(މަސް) ހުރަސްކޮށެވެ. ބަލި ޖައްސާ ވައިރަސް، ލޭ، މަނި، އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، އަދި ކުޅު، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔަތަކުގައި ވެސް ހުރެއެވެ. އާންމުގޮތެއްގައި މިބަލި ފެތުރެނީ ލޭ، މަނި، އަދި އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގެ ޒަރީއާއިންނެވެ.

މައިގަނޑު 4 ގޮތަކުން ބަލީގެ ވައިރަސް ހަށިގަނޑަށް ވާސިލް ވެދާނެއެވެ. އެއީ:-

- ބަލިޖެހިފައިވާ ފިރިހެނެއްގެ ހަށިގަނޑުން ސަލާމަތުން ހުރި އަންހެނެއްގެ ހަށިގަނޑަށް

- ބަލިޖެހިފައިވާ ފިރިހެނެއްގެ ހަށިގަނޑުން ސަލާމަތުން ހުރި ފިރިހެނެއްގެ ހަށިގަނޑަށް

- ބަލިޖެހިފައިވާ އަންހެނެއްގެ ހަށިގަނޑުން ސަލާމަތުން ހުރި އަންހެނެއްގެ ހަށިގަނޑަށް

- ބަލިޖެހިފައިވާ އަންހެނެއްގެ ހަށިގަނޑުން ސަލާމަތުން ހުރި ފިރިހެނެއްގެ ހަށިގަނޑަށް

އޭޑްސް ބަލި ނުޖެހޭނެ ގޮތްތަކަކީކޮބާ ؟

- ކެއްސާ ކިބިހި އެޅުން، އާދައިގެ ދޮންދިނުން ( ކުޅު ބަދަލުނުވާ މިންވަރަށް )

- މެހި މަދިރި ފަދަ ސޫފާސޫފި ހެފުން

- ސަލާމް ކުރުމާއި ބައްދާ އުރާ ހެދުން، ފޯނުން ވާހަކަ ދެއްކުން

- ކާތަށި ސަމުސާ އޫ ފަދަ ތަކެތި ބޭނުންކުރުން

- ލޭ ހަދިޔާކުރުން

- ބަލިޖެހިފައިވާ މީހާ އެއްމާހައުލެއްގައި އުޅުން ނުވަތަ މަސައްކަތްކުރުން

- ބަލިޖެހިފައިވާ މީހަކު ނިދާއެދެއްގައި ނިދާހެދުން، ނުވަތަ ބޭނުންކުރާ ފާޚާނާ ބޭނުންކުރުން

އޭޑްސް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނަކީ ކޮބާ ؟

- އިސްލާމީ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ މީހުން

- މަސްތުވާތަކެތި ލޭގެ ތެރެއަށް ފޮނުވައިގެން ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން

- ހީމޯފީލިޔާ އަދި މިނޫނަސް ލޭގަނޑުވުން ކުރިމަތި ކުރުވާ ބަލިތައް ޖެހިފައިވާ މީހުން

- ބަލީގެ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ލޭ ހަށިގަނޑަށް އެޅި މީހުން

- ގުނަވަން ބަދަލުކުރުން ފަދަ ކަމެއް ކުރަން ޖެހިފައިވާ މީހުން

- ބަލިޖެހިފައިވާ މާބަނޑުމީހާގެ ބަނޑުގައިވާ ކުޑަދަރިފުޅު

އޭޑްސް ބަލި ޖެހުމުން ހަށިގަނޑުގެ ދިފާއީބާރު ދަށްކޮށްލަނީ ކިހިނެއް؟

އެޗް އައި ވީ ވައިރަސް ހަމަލަދެނީ ލޭގެ ހުދު ސެލްގެ ވައްތަރެއްކަމުގައިވާ ''ޓީ-ލިމްފޯސައިޓް''ގެ ވަކިވަކި ވައްތަރު ތަކުގެ ތެރެއިން ''ޓީ-ހެލްޕަރ ސެލް'' އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާއީ ނިޒާމްގައި ހިމެނޭ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. ވައިރަސް ތަތްވަނީ މިސެލްގެ ސަތަހައިގައިވާ ''ސީޑީ4''(CD4)އޭ ކިޔޭ މޮލިކިއުލްތަކުގައެވެ. މިމޮލިކިއުލްތަކަކީ ވައިރަސް ގެ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރު ވުމުން އެތައް ގްލައިކޯޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެ ސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސްއާއި ތަޣައްޔަރުކުރުވައި، ސެލްތައް އެއްވެގެންދެއެވެ. އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ، ފުނޑުފުނޑުވެގެން ދެއެވެ. އެއާގުޅިގެން ''ޓީ-ހެލްޕަރ ސެލް''ތަކުގެ މިންވަރު މަދުވެ، ދިފާއީބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތައް އަދި ކެންސަރު ބާވަތްތައް އަށަގަނެ، އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެގެން ދެއެވެ.

މިވައިރަސް އަށް ހިމޭންކަމާއި އެކު ދެމިހުރުމުގެ ކުޅަދާނަ ކަން ލިބިފައިވެއެވެ. މިގޮތުން މިވައިރަސް ހިމޭން ކަންމަތީ ލޭގައި ހިމެނޭ ހުދުސެލްގެ ވައްތަރުތަކުގެ ތެރެއިން ލިމްފޯސައިޓް އަދި މޮނޯސައިޓް ތަކުގައި ދެމިހުރެ އެވެ. ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަން މަތީ ދެމިހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރި ވާން ފެށުމުންނެވެ. މިބުނި އުސޫލުން ވައިރަސްތައް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަންތައް އަށަގަންނަ ހިނދުގައެވެ. މިސާލަކަށް ''އެޕްސްޓޭން ބަރ ވައިރަސް''، ''ހާރޕީޒް ސިމްޕްލެކްސް ވައިރަސް''، ''ހެޕަޓައިޓިސް ބީވައިރަސް'' އަދި ''ސައިޓޯމެގާލޯ ވައިރަސް'' ''ގޮނޯރިއާ''، ''ސިފިލިސް''، ''ކްލަމީޑިއާ''، ''ބެކްޓީރިއަލް ވެޖައިނޯސިސް'' އަދި މިނޫނަސް ބައެއް އިންފެކްޝަން ހަށިގަނޑުގައި އަށަގަންނަ ހާލަތްތަކުގައެވެ.

އޭޑްސް ބަލި ޖެހުމުން ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

ބަލީގެ ކުރީކޮޅު މާގިނަ އުދަގޫތަކެއް ނުވަތަ ޚާއްޞަ އަލާމާތްތަކެއް ނުފެނެއެވެ. ނަމަވެސް ވައިރަސް ހަށިގަނޑަށް ވަނުމާއި އެކު ދިފާއީބާރު ނެތިކޮށްލާން ފަށައެވެ. އޭޑްސް ބަލި އަންނަނިވި މަރުހަލާތަކަށް ބަހާލެވިފައި ވެއެވެ.

* ފުރަތަމަ މަރުހަލާ: މިއީ ބަލީގެ ކުރީކޮޅެވެ. ހުންއައުން، ގައިގައި ރިއްސުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، މޭނުބައިކުރުން، ކަރުތެރެފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފާޅުވެއެވެ.

* ހިމޭން މަރުހަލާ: މިމަރުހަލާ މަސްތަކުން ފެށިގެން ގޮސް އަހަރުތަކަށް (2މަހުން 7އަހަރަށް) ދެމިހުރެއެވެ. މިމަރުހަލާގައި އެއްވެސް އަލާމާތެއް ނުފެންނާނެއެވެ. އެއީ މިދުވަސްވަރު ދިފާއީ ނިޒާމް އާއި އިންފެކްޝަން ހަމަހަމަ ނުވަތަ އެއްހަމައެއްގައި ހިފެހެއްޓިފައި ހުންނާތީއެވެ.

* މުޅި ހަށިގަނޑުގައި ދާއިމީކޮށް ދެމިހުންނަ ސިފައިގައި ގޮށްލުން: މިކަން ކުރިމަތިވަނީ ކުރިން ބަޔާން ކުރެވުނު އެއްހަމައެއްގައި ހިފެހެއްޓިފައި ހުންނަ ހުރުން ނެތިގޮސް، ވައިރަސް ތައް އިތުރުވެ، ދިފާއީ ނިޒާމަށް ކޮންޓްރޯލްނުވާ ދަރަޖައަށް ދިއުމުންނެވެ. މިގޮތުން އުކުޅުވަޅު އަދި ކިހިލިފަތް ދޮށް އަދި މިނޫނަސް ހަށިގަނޑު ގެ އެކި ހިސާބުތަކުގައި ގޮށްލާގޮތް ވެއެވެ.

* އެންމެ ފަހު މަރުހަލާ: މިއީ ބަލީގެ އެންމެ ފަހު އަދި ނުރައްކާތެރި މަރުހަލާއެވެ. މިމަރުހަލާގައި މުޅި ޖިސްމުގެ ދިފާއީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި ކެންސަރަށް ހަށިގަނޑު މަގުފަހިކޮށް އެކަންކަމަށް ހުށަހެޅިގެންދެއެވެ. މިގޮތުން އޭޑްސް ބަލި ޖެހި ގިނަ ދުވަސްވުމުން އެއްމަހަށްވުރެ ދިގު މުއްދަތަކަށް ބޭރަށް ހިންގުން، ހުންއައުން، ކެއްސުން ފަދަ ކަންތައް ކުރިމަތި ކުރުވައެވެ. ހަމުގެ ތަފާތު ބަލިތައް ޖެހި ރަގަޅުނުވެ ގިނަދުވަސްވުން، އަދި ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުންކޮއްޓާއި، ފުރަމޭ ބޮޑުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

ދިފާއީ ނިޒާމްގެ މަސައްކަތް ދަށްވުން ނުވަތަ ދިފާއީ ބާރު ދަށްވުމުން ކުރިމަތިވާ ބަލިތަކުގެ ތެރޭގައި ޓޮކްސޯޕްލާޒްމޯސިސް، އެކިބާވަތުގެ ބޭރަށްހިންގުން، އެކިބާވަތުގެ ނިއުމޯނިއާ، ޓީބީ، ހޯއްގޮއްވާ ކެއްސުން، ހާރޕީޒް ސިމްޕްލެކްސް، ހާރޕީޒް ޒޯސްޓަރ، ޝިގެއްލާ، ސަލްމޮނެއްލާ، އަރިދަފުސްރޯގާ، ފުރަމޭ ދުޅަވުން، ގޮހޮރު ހަލާކުވުން، ކެންޑިޑިއޭސިސް، އަދި ހިސްޓޯޕްލާޒްމޯސިސް ފަދަ ބަލިތައް ހިމެނެއެވެ. ކުރިމަތިވާ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ކަޕޯސީ ސާރކޯމާ، މެލިގްނެންޓް ލިމްފޯމާ ފަދަ ކެންސަރުތައް ހިމެނެއެވެ.

ބަޔާންކުރެވުނު ތަފާތު އިންފެކްޝަންތަކުގެ ސަބަބުން ގިނަގުނަ އެތައްއުދަގޫތަކެއް އޭޑްސް ބަލީގެ އަހުލު ވެރިންނަށް ކުރިމަތިވެގެން ދެއެވެ. އޭގެތެރޭގައި ބަނޑުގައި ރިހުން، ކެއްސުން، ހޭނެތުން، ކާތަކެތި ދިރުވަން އުދަގޫވުން، ހުންއައުން، މާއަވަހަށް ވަރުބަލިވުން، ހަދާންނެތުން، ކަންކަމުގައި ޚިޔާލުތަފާތުވެ ގޮތެއް ނިންމަން ނޭގުން، އަގަޔާއި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފާރު އުފެދުން، މޭނުބައިކުރުމާއި ހޮނޑުލެވުން، ބޮލުގައި ރިހުން، ބޭރަށް ހިންގުން، ފިޓްޖެހުން، ނޭވާކުރުވުން، ކަރުތެރެ ފާރުވުން، ދާހިއްލުން، ގޮށްލުން، އަނަރޫފަވުން، އަދިރިވުން، އަދި މިނޫނަސް ތަފާތު އެތައްކަމެއް ހިމެނެއެވެ.

* އޭޑްސް ބަލިން ރައްކާތެރި ވާނީ ކިހިނެއް ؟

އަންނަނިވި ކަންތަކަކީ އޭޑްސް ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

1- އޭޑްސް ބައްޔާއި ބެހޭ މައުލޫމާތު ރަގަޅަށް ދެނެގަތުން

2- އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ މަތީން ޖިންސީ ގުޅުން ހިންގުން

3- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

4- ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު އިޚްތިޔާރު ކުރުން

5- ހަށިގަނޑަށް ލޭއަޅާނަމަ އެޗް އައި ވީ އަށް ޓެސްޓްކޮށްފައި ހުރި ލޭއެޅުން

6- އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރު، ދަތްއުގުޅާ ބުރުސް، އަދި ސިރިންޖް ފަދަ ތަކެތި ބޭނުންނުކުރުން

7- އިންޖެކްޝަން ކަށި އަދި ސިރިންޖް ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ސްޓެރިލައިޒްކުރުން

8- އޭޑްސް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ހަށިގަނޑުން ނަގާ ލޭ ނޭޅުން

9- ޓެޓޫ ޖެހުމާއި، ކަންފަތް ތޮރުފުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގައި ބޭނުން ކުރެވޭ ތޫނު ހަތިޔާރަކީ ބައެއް ފަހަރު އޭޑްސް ގެ ވައިރަސްއާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެދާނެތީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.