އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި:ބައްޔަށް ޢާއްމު ނަޒަރެއް

އަލްޒައިމާ ބަލި:ބައްޔަށް ޢާއްމު ނަޒަރެއް

alzheimer-amunazararu* ބަލީގެ ތަޢާރަފް
* ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތައް
* ބަލި ދެނެގަންނަނީ ކިހިނެއް؟
* ބަލި ދެމިހުންނަގޮތާއި، ބަލީގެ ނުރައްކާތެރިކަން
* ބަލިން ދުރާލާ ރައްކާތެރިވެވިދާނެތަ؟

އަލްޒައިމާ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުންނަށް ކުރިމަތިވާ ވަރަށް ތަޙައްމަލު ކުރަން އުދަގޫ ހިތްދަތިކުރުވާ ބައްޔެކެވެ. ''މުސްކުޅިންގެ ވަބާ''ގެ ގޮތުގައި ބައެއް ފަރާތްތަކުން މިބަލި ސިފަކޮށްފައި ވެއެވެ. ފަރުވާއެއް ހޯދިފައިނުވާ މިބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އަޅާލުމާއި، އޯގާތެރިކަން ލޯތްބާއި ކުލުނު، އަދި ހިތްވަރު ދިނުމެވެ.

ބަލީގެ ތަޢާރަފް

އަލްޒައިމާ ބައްޔަކީ ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި ގުޅޭ މަރުކަޒަށް އަސަރުކޮށް ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް ބަދަލުގެނުވައެވެ. ގިނަ އިލްމުވެރިން އެއްބަސްވާގޮތުގައި އެޕޯލިޕޯޕްރޮޓީން-އީ (Apolipoprotein-E) އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ އަލްޒައިމާ ބަލި ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. މިބުނި ޕްރޮޓީންގެ ބޭނުމަކީ ލޭގައި ކޮލެސްޓެރޯލް ދައުރުވުމަށް އެހީތެރިވުމެވެ. މިޕްރޮޓީން ކޮންމެ މީހެއްގެ ހަށިގަނޑުގައި ވެސް ހުރެއެވެ. ނަމަވެސް މިޕްރޮޓީންގެ އަލްޒައިމާ ބަލި ޖެހުމަށް މަގުފަހި ކުރާ ވައްތަރު ހުންނަނީ އާބާދީގެ 15 އިންސައްތަ މީހުންގެ ހަށިގަނޑުގައި ކަމަށް ބުނެވެއެވެ. މިޕްރޮޓީންތައް ޖަމާވުމުން ސިކުނޑީގައި ހުންނަ ސެލްތައް ( Nervecells) ހަލާކުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިން ހަށިގަނޑުގެ އެކި ހިސާބުތަކަށް ސިގްނަލް ނުވަތަ މެސެޖް ފޮނުވުމުގައި ޒިންމާވާ ނިއުރޯޓްރާންސްމިޓަރ ތައް މަދުކޮށްލައެވެ.

ނޯޓް: މިބުނި ޕްރޮޓީންއަކީ ބަލިޖެހުމަށް މަގުފަހިކުރާކަމަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ޖެނެޓިކް ފެކްޓަރ އެވެ. އެހެންކަމުން މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބުތަކެއްގެ ސަބަބުން ކަން އަދި ޔަގީންކަމާއި އެކު ހޯދިފައެއް ނުވެއެވެ.

އަލްޒައިމާ ބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ އުމުރުން ދުވަސްވެފައިވާ މީހުންނަށެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 64- 74 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ސައްތައަކުން 3 މީހުންނަށް މިބަލީގެ އުދަގޫތައް ކުރިމަތި ކުރުވައެވެ. ހަކުރު ބަލި އަދި ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބަލިތަކުގެ އަހުލުވެރިންނަށް މިބަލީގައި ތަހައްމަލު ކުރަން ޖެހޭ އުދަގޫ ބޮޑުކަމަށް ދައްކައެވެ.

މިބަލިޖެހުމުން ހަދާން ހުރުން، ވިސްނުން، ކަންކަން ދެނެގަތުން (ނަގައިގަތުން) އަދި ކަންކަމަށް ނިޔާކަނޑައެޅުން ނުވަތަ ގޮތެއް ކަނޑައެޅުން ފަދަ ކަންތައްތައް ނިންމުމުގައި މައްސަލަތަކާއި ކުރިމަތިވާގޮތް ވެއެވެ. އުޅުމާއި މިޒާޖަށް ބަދަލު އައިސް، ކަންކަމާއި މެދު ވަހުމާއި ޝައްކު އުފެދޭ ގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިޖެހިފައިވާ މީހާއަށް އާންމު ދިރިއުޅުމުގައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.

އަލްޒައިމާ ބަލިޖެހުމުން ފެނިދާނެ އަލާމާތްތައް

އަލްޒައިމާ ބަލީގެ އަލާމާތްތަކަކީ މަޑުމަޑުން އިތުރުވަމުން އަންނަ ކަންތައްތަކެކެވެ. މިގޮތުން އަލްޒައިމާ ބައްޔާއި ގުޅިގެން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- ވަރަށް އަވަހަށް ހަދާން ނެތުން:
މިގޮތުން ވާހަކަ ދައްކާ ނިމޭއިރަށް އެބުނި އެއްޗެއް ހަދާން ނެތި ތަކުރާރުކޮށް ސުވާލުކުރަން ފަށައިފާނެއެވެ. ހަމަމިހެން ކުދިކުދި ކަންކަން ކޮންނިމޭތަނާއި އެކަން ހަދާން ނެތިދާނެ އެވެ. މިސާލަކަށް ކައިފައި ކެއިކަން ނުވަތަ ފެންބުއިފައި ފެންބުއިކަން ހަދާން ނެތިދާނެއެވެ.ތަންތަނާއި، އެއްޗެތި އަދި މީހުންގެ ނަން ހަދާން ނުހުންނަގޮތް ދިމާވެއެވެ. އާމައުލޫމާތުތައް ދަސްކުރަން އުދަގޫ ވާގޮތްވެއެވެ. ބަލީގެ ފަހު މަރުހަލާގައި އަމިއްލަ މައުލޫމާތުތައް ވެސް ހަދާން ނުހުންނަގޮތް މެދުވެރިއެވެ. މިސާލަކަށް އާއިލާގެ މެންބަރުންގެ ނަންތައް ހަދާންނެތުން، އުފަންވިތަން ބުނެދޭން ނޭގުން ފަދަ ކަންތައް މެދުވެރިވެއެވެ.

2- އާދަކޮށް ކޮށްއުޅޭ ކަންތައްތައް ކުރާނެގޮތް ހަދާން ނެތެމުން ދިއުން:
މިގޮތުން ވަރަށް އާދައިގެ ކަންތައްތައް ވެސް ކުރަން ނޭގިދާނެ އެވެ. މިސާލަކަށް ހެދުން ލުން، ގަމީހުގެ ގޮށްއެޅުވުން، ކެއުން، ފުނާއެޅުން ފަދަ ކަންތައްތައް ކުރާނެގޮތް ނޭގިދާނެ އެވެ. ކެއްކުމުގައި އެއްޗެތި އަޅާނެ ތަރުތީބު އޮޅުން، ފޯނު ކުރާއިރު ނަމްބަރު ތަކަށް ފިތަން ނޭގިގެން ވެސް އުޅެދާނެ އެވެ.

3- ވާހަކަ ދައްކަން އުދަނގޫވުން:
މިގޮތުން ވަރަށް އާދައިގެ އެއްޗަކަށް ކިޔާ ނަންވެސް ބުނެދެން ނޭގިގެން އުޅެދާނެ އެވެ.ގަލަން، ރުމާ، އައިނު، ދަތްއުގުޅާ ބުރުސް ފަދަ އެއްޗެއް ބޭނުންވެގެން އުޅޭއިރު އެއަށް ކިޔާނަން ނޭގިގެން އުޅެދާނެއެވެ. މިސާލަކަށް ދަތްއުގުޅާ ބުރުސް ބޭނުންވުމުން ''އަގަޔަށް ލާ އެތި'' ފަދަ ބަހެއް ''ބުރުސް'' ގެ ބަދަލުގައި ކިޔައިފާނެ އެވެ. ހަމަމިހެން ވަރަށް އާދައިގެ ބަސްތަކުގެ މާނަ ނޭގުމާއި، ނުގުޅޭ ބަސްތައް ވާހަކަދައްކާއިރު ބޭނުންކޮށްދާނެ އެވެ.

4- ވަގުތާއި ތަން އޮޅޭގޮތްވުން:
މިގޮތުން ވަގުތާއި، ދުވަސް އޮޅޭގޮތް ވެއެވެ. ބޭރަށް ނިކުމެ އުޅޭއިރު ބައެއް ފަހަރު މަގުއޮޅި، އެމީހާ ހުރީ ކޮންތަނަކު ކަމާއި، އެތަނެއް އާދެވުނީ ކިހިނެއް ކަން ބުނެދެން ނޭގި ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރަށް ނިކުމެ އުޅޭއިރު ވަރަށް ގިނައިން ދާން ބޭނުން ނޫން އެހެންތަނަކަށް ދެވޭގޮތް ވެއެވެ. ކުރިން ގޮސްއުޅޭ ތަންތަނާއި، ކޮށްއުޅޭ ކަންތައްތައް ދެނެގަންނަށް ނޭގިދާނެއެވެ. ދެކެ ފަރިތަ ރައްޓަހި މީހަކު ދިމާވިޔަސް އެއީ ކާކުކަން ނޭގުމަކީ ވެދާނެ ގޮތެކެވެ. ގަޑިން ވީ ކިހާއިރެއް ކަމާއި، ގުނެމުން ދަނީ ކޮންއަހަރެއްގެ ދުވަސްތައް ކަންވެސް ނޭގިދާނެ އެވެ.

5- ކަންތަކާއި މެދު ވިސްނުން ކުޑަވުން:
މިކަމުގެ ސަބަބުން ނުގުޅޭ ކަންތައްތައް ކުރެވިދާނެ އެވެ. މިސާލަކަށް ނުގުޅޭ ހެދުމެއް ލެވިދާނެއެވެ. މާނައަކީ ބޭރަށް ދާއިރު ޕިޖާމާ ފަދަ ނިދާ ހެދުމެއްގައި ދެވިދާނެއެވެ. ހޫނު ދުވަހަކު ދެތިން ހަތަރު ގަމީސް ނުވަތަ ހެދުން ލައިގެން ބޭރަށް ވެސް ގޮސްދާނެއެވެ. ކުނި އުކާމީހާއަށް ބައިވަރު ލާރިތަކެއް ވެސް ދީފާނެއެވެ.

6- ޝަޚްސިއްޔަތަށް ބަދަލު އައުން:
މިގޮތުން މީހާގެ އުޅުމަށް ބަދަލު އައިސް ކުރިން ހުރި ސިފަތައް ދޫކޮށްލައިފާނެއެވެ. މިސާލަކަށް ވަރަށް ގިނައިން ކަންކަމާއި، ޝައްކު ނުވަތަ ވަހުމު އުފެދިފައި ހުރެދާނެ އެވެ. ކަމަކާއި ބިރުގެންފައި ވެސް ހުރެދާނެ އެވެ. އެއްވެސް ކަމެއްގައި އިސްނަގަން ބޭނުންނުވެ، ދަރިންނަށް ބަރޯސާވެގެން ހުރެދާނެއެވެ. މިސާލަކަށް ޓީވީ ބަލަން އެތައް އިރެން ހޭދަކޮށްދާނެއެވެ. ހަމަމިހެން ރޭގަނޑު ހޭލާ ހުރެފައި ދުވާލުގެ ވަގުތުތަކުގައި ނިދަންވެސް އާދަކޮށް ދާނެ އެވެ. އަބަދު އެއް ހެދުމެއް ލާން އާދަކޮށްދާނެއެވެ. ފެން ނުވަރައި ގިނަ ދުވަހު ހުރެވެސް ދާނެއެވެ.

7- ކުއްލި ކުއްލި އަށް މިޒާޖަށް ބަދަލުއައުން:
މިގޮތުން ބައެއް ފަހަރު ކަމަކާއި ނުލައި ރުޅި އައިސްފައި ހުރެދާނެ އެވެ. އަނެއް ބައިފަހަރު ހިތްހަމަނުޖެހި ދެރަވެފައި ވެސް ހުރެދާނެ އެވެ. ކުއްލިއަކަށް އުފާވެފައި ހުރެފައި އޭގެ އިރުކޮޅެއް ފަހުން ރޯން ވެސް ފަށައިފާނެ އެވެ.

8- އެއްޗެތި ބެހެއްޓޭ ތަން ހަދާންނެތުން އަދި ނުގުޅޭ ތަންތާގައި އެއްޗެތި ބެހެއްޓުން:
އާންމުކޮށް ބޭނުންކޮށް އުޅޭ ތަޅުދަނޑި، އައިނު، ފޮތް ފަދަ ތަކެތި ބޭއްވުނު ތަން ހަދާންނެތި ދާނެއެވެ. ހަމަމިހެން އާންމުކޮށް އެއްޗެއް ނުބާއްވާނެ ތަނެއްގައި އެއްޗެއް ނުވަތަ އެބޭއްވުން އެކަށީގެންނުވާ ތަނެއްގައި ވެސް ބާއްވައިދާނެ އެވެ. މިސާލަކަށް އައިނު ނަގައި އައިސް އަލަމާރީގައި ބާއްވައިފާނެއެވެ. އިސްތިރި އައިސް އަލަމާރިއަށް ލައިފާނެއެވެ. އަތުކުރީ ގަނޑި ހަކުރު ދަޅުގައި ބާއްވައިފާނެ އެވެ.

9- ކުދިކުދި ހިސާބު ނަމްބަރު ހެދުމަށް އުދަނގޫވުން:
މިސާލަކަށް 1 އަކާއި 1 އެއްކުރީމާ ނުވަތަ 2 އަކާއި 2 ގުނަކުރީމާ ވާވަރު ވެސް ބުނެދެން ނޭގިދާނެއެވެ.

10- ވަރަށް އަވަހަށް ޚިޔާލު ބަދަލުވާގޮތް ވުން:
މިގޮތުން ކަމެއް ކުރަން ފެށުމަށް ފަހު އެކަމެއް ދޫކޮށް އެހެން ކަމަކަށް ޝައުގުވެރިވެ، އެކަމެއް ކުރަން ބޭނުންވެދާނެ އެވެ. ދަތުރެއް ފަދަ ތަނަކަށް ދިއުމަށް އެއްބަސްވުމަށް ފަހު ފަހުން ޚިޔާލު ބަދަލުވެ، ދިއުމަށް އިދިކޮޅު ހަދައިފާނެއެވެ.

މީގެ އިތުރުން ފެނިދާނެ ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- ކަންކަމާއި މެދު ވަހުމާއި ޝައްކު އުފެދުން: މިސާލަކަށް ކޮންމެ ވެސް މީހަކު އެހެރީ މިވެނި ތަނަކުން ވައްކަންކޮށްގެންނޭ ބުނެ ވާހަކަ ދައްކައި ހަދާފާނެ އެވެ.

2- ހުވަފެންތައް ދެއްކުން: މިސާލަކަށް އަސްލުގައި ވުޖޫދުނުވާ އެއްޗެއް ހުރިކަމަށް ބުނެ ދައްކަން އުޅެފާނެ އެވެ. ހަމަ މިހެން ވުޖޫދު ނުވާ އަޑެއް އިވޭކަމަށް ބުނެ ވާހަކަ ދައްކަފާނެއެވެ.

3- ވަށައިގެން ހިގާ ކަންތަކަށް ސަމާލުކަން ކުޑަވުން: މިގޮތުން ރައްޓަހިންނާއި، އާއިލާ އާއި އެކަހެރިވެ އުޅުމަށް ބޭނުންވެދާނެ އެވެ.

4- މަންފާއެއް ނެތް ކަންތައްތައްކުރުން: މިސާލަކަށް ޕާސް ހުޅުވައި ލެއްޕުން، ދޮރު ހުޅުވައި ލެއްޕުން، އަލަމާރިން އެއްޗެތި ތައް ނަގާފައި އަނެއްކާ އަލަމާރިއަށް ލުން، ތަކުރާރުކޮށް އެއްސުވާލެއް ކުރުން ފަދަ ކަންތައްތައް ކޮށްދާނެއެވެ.

5- ރުޅިއައިސްގެން މީހުންނާއި މުޚާތަބުކުރުން: މިގޮތުން ކަމަކާއި ނުލައި މީހަކާއި ދިމާލަށް އެއްޗެތި ކިޔައި ހަދައިފާނެއެވެ. އަދި މާބާރު އަޑުން ވާހަކަދައްކައި ހަދައިފާނެ އެވެ.

6- ގަޔަށް ކުޑަކަމު، ނުވަތަ ބޮޑުކަމު ދެވޭގޮތްވުން: މިގޮތުން ތިމާގެ އަމިއްލަ އިޚްތިޔާރަކާއި ނުލައި ބައެއް ފަހަރު ކުޑަކަމު ނުވަތަ ބޮޑުކަމު ދެވޭގޮތް ވެއެވެ. މިއީ ބަލީގެ އެންމެ ނުރައްކާތެރި ޙާލަތުގައި މެދުވެރިވެދާނެ ކަމެކެވެ.

އަލްޒައިމާ ބަލި ދެނެގަންނަނީ ކިހިނެއް؟

ތިމާއަށް ނުވަތަ މައިންބަފައިން ނުވަތަ އާއިލާގެ އެހެން ވެސް މީހަކަށް މިބަލީގެ އިސްވެ، ބަޔާންކުރެވުނު އަލާމާތްތަކުން އަލާމާތެއް ފެނިއްޖެ ނަމަ ކަމުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ. ހާސްވެ ކަންބޮޑުވުން، ބޮލަށް އަނިޔާލިބުން، ބައެއް ކަހަލަ ކެމިކަލް ތަކުގެ ހަމަގެއްލުން، އަދި ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން އަލްޒައިމާ ބަލީގެ އަލާމާތްތަކާއި އެއްގޮތް އަލާމާތްތައް ފެންނަގޮތް ވެއެވެ.

ޑޮކްޓަރަށް ދެއްކުމުން މެޑިކަލް، ނަފްސާނީ، އަދި ނާރުތަކާއި ގުޅޭ ޓެސްޓްތަކުގެ އެހީގައި މިބުނި އަލާމާތްތައް ކުރިމަތިވީ އަލްޒައިމާ ބަލީގެ ސަބަބުން ކަން ކަނޑައެޅިދާނެ އެވެ. ހަމަ މިހެން އަލްޒައިމާ ބަލިކަން ކަނޑައެޅުމުގެ ކުރިން ''ޑިމެންޝިއާ'' މެދުވެރިކުރުވާ އެހެން ސަބަބުތައް ދެނެގަތުމަށް ވެސް ޓެސްޓްތައް ހަދައި އުޅެއެވެ.

ކަނޑައެޅިގެން އަލްޒައިމާ ބަލިކަން ޔަގީން ކޮށްދެވޭނެ ޓެސްޓެއް އަދިއެއް ހޯދިފައެއް ނެތެވެ. އަލްޒައިމާ ބަލީގެ އަސަރު ހުރިނެތްގޮތް ދެނެގަތުމަށް މިހާރުވެސް މަރުވުމުން ސިކުނޑީގެ ޓިޝޫތައް ނަގައިގެން ތަޙްލީލުކޮށް ހެދެއެވެ.

ނޯޓް: ޑިމެންޝިއާ(Dementia) ގެ މާނައަކީ ސިކުނޑިން ހިންގާ ބައެއް ކަހަލަ މަސައްކަތްތައް ހުއްޓުން އެރުމެވެ. މިސާލަކަށް ވިސްނުމާއި، ހަދާންކުރުން ފަދަ ކަންތައްތަކަށް ބުރޫ އެރުމެވެ. ނުވަތަ ބަދަލު އައުމެވެ.ނަތީޖާއެއްގެ ގޮތުން ސިކުނޑިން ބާރުފޯރުވާ އެތައްކަމަކަށް އޮޅުން ބޮޅުން އަރައި، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ކުރާ އަދި ދިމާވާ ބައެއް ކަންތައްތަކުގައި އުދަގުލާއި، ކުރިމަތިލާން ޖެހިދެއެވެ.

ބަލި ދެމިހުންނަ ގޮތާއި، ނުރައްކާތެރިކަން

އަލްޒައިމާ ބަލި ޖެހުމަށް ފަހު ދެމިހުންނަ މުއްދަތު އެކިމީހުންނަށް ތަފާތު ވެއެވެ. ބައެއް މީހުންނަށް 3-2 އަހަރުގެ މުއްދަތަށް އުދަގޫތައް ކުރިމަތިވާއިރު އަނެއްބައި މީހުންނަށް 20 އަހަރު ދުވަހުގެ މުއްދަތަށް ވެސް އުދަގޫތައް ކުރިމަތި ވެދާނެ އެވެ. އާންމުގޮތެއްގައި ފުރަތަމަ އަސަރުކުރަނީ ސިކުނޑީގައިވާ ހަދާނާއި، ވިސްނުމާއި ގުޅޭ ބައިތަކަށެވެ. އެއަށް ފަހު ސިކުނޑީގެ އެހެން ބައިތަކުން ވެސް ސެލްތައް މަރުވެ، ބަލީގެ އަސަރު ފޯރައެވެ. އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް ފުރިހަމަ އަޅާލުން، އެހެންމީހުންގެ ކިބައިން ލިބެން ޖެހެއެވެ. އެހެން ނުރައްކާތެރި ބައްޔެއް ނެތްކަމުގައި ވިޔަސް، އަލްޒައިމާ ބަލީގެ ސަބަބުން ސިކުނޑީގެ ވަޒީފާއަށް ބުރޫއަރައި، އާޚިރު ނަތީޖާއެއްގެ ގޮތުން''މަރުވުން'' ކުރިމަތި ކުރުވައެވެ.

އަލްޒައިމާ ބަލިން ދުރާލާ ރައްކާތެރި ވެވިދާނެތަ؟

އަލްޒައިމާ ބަލި ޖައްސަނީ ވަކިކަމެއްގެ ސަބަބުން ކަން އަދި ހޯދިފައިނުވާތީ މިބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް އަދިއެއް ނެތެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ކަންތައްތަކުން ދުރުވެ، ހުރުމަކީ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަންކަމެވެ. މިސާލަކަށް ޖިސްމާނީ ގޮތުން ހަރަކާތްތެރި މީހަކަށްވުން، ނަފްސާނީ ފިއްތުންތަކުން ދުރުވެހުރުން، ލޭގެ ޕްރެޝަރ އެކަށޭނަ ވަރެއްގައި ބެހެއްޓުން، އަދި ބޮލަށް ހާނީއްކަވުން ކުޑަކުރުމަށްޓަކައި، ހެލްމެޓްއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހަދާންކުރަން ޖެހޭ އަނެއްކަމަކީ އަލްޒައިމާ ބަލި ނޫނަސް ޑިމެންޝިއާ މެދުވެރިކުރުވާ އެހެން ސަބަބުތަކާއި، ބަލިތައް ހުންނަ ކަމެކެވެ. އަދި މިފަދަ ބަލިތައް ވަކިކަންތައްތަކެއް އާދަކުރުމުން ދުރުހެލިވެވޭކަމެވެ. މިސާލަކަށް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން، ކަސްރަތުކުރުން، ފަދަ އާދަތައް ހިފެހެއްޓުމަކީ ރަގަޅު ކަމެކެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރިނަމަވެސް އަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމަކީ ފަހަރުގައި އަލްޒައިމާ ބައްޔަށް މަގުފަހިވުމުގެ ފުރުޞަތު ކުޑަވެދާނެ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

- ވިޓަމިން އީ އަދި އެހެނިހެން އެންޓިއޮކްސިޑެންޓް ތައް މެދުމިންވަރަކަށް ބޭނުންކުރުން.

-ހޯމޯސިސްޓެއިންގެ މިންވަރު ލޭގައި މަތިނަމަ ފޮލިކް އެސިޑް، އަދި ވިޓަމިންބީ12 ބޭނުންކުރާ މިންވަރު އިތުރުކުރުން.

- ވަކި ގަވާއިދެއްގެ ދަށުން ''ނޮން ސްޓީރޮއިޑަލް އެންޓި އިންފްލެމޭޓަރީ ޑްރަގްސް'' ބޭނުންކުރުން.

- ކޮލެސްޓެރޯލްގެ މިންވަރު ދަށްކުރުމަށް ދީއުޅޭ ''ސްޓެޓިން'' ކިޔާ ބޭސް ބޭނުންކުރުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.