ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބައްޔަށް މަގުފަހިކުރާ ކަމާމެދު ދެބަސްވެވޭ ކަންތައްތައް

އަލްޒައިމާ ބައްޔަށް މަގުފަހިކުރާ ކަމާމެދު ދެބަސްވެވޭ ކަންތައްތައް

alzheimer-adhebas-veveyއެލްމިނިއަމް
ޒިންކް
ކާނާއިން އުފެދޭ ވިހަ
ވައިރަސްތައް

އެލްމިނިއަމް

އެލްމިނިއަމް އާއި، އަލްޒައިމާ ބައްޔާއި، ގުޅުމެއް ވާކަމަށް ފުރަތަމަ ތުހުމަތު ކުރެވުނީ އަލްޒައިމާ ބަލީގެ އަހުލުވެރިންގެ ސިކުނޑިން އެލްމިނިއަމް ކޮންމެވެސް ވަރަކަށް ހުރިކަން ހެދުނު ބައެއް ޓެސްޓްތަކުން ދެއްކުމުންނެވެ. މިގޮތުން ޓެސްޓް ހެދުނު ބައެއް މީހުންގެ ސިކުނޑީގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އެލްމިނިއަމް ހުރިކަން ފާހަގަކުރެވުނެވެ. ފަހުން ޝައްކު އުފެދުނު އަނެއް ކަމަކީ ހަމައެކަނި އެލްމިނިއަމް އަކީ ސިކުނޑީގައި ކުރިން ހުރި އެއްޗަކަށް ނުވެދާނެ ކަމާއި، މެދުގައެވެ.

މާނައަކީ ސިކުނޑީގެ ޓެސްޓްތައް ހެދުމަށް ބޭނުންކުރެވުނު އަދަވާތްތަކުން ވެސް ސިކުނޑި އަށް އެލްމިނިއަމް ކޮންމެވެސް ވަރަކަށް ފޭދިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވުމެވެ.

ގޭތެރޭގައި ބޭނުން ކުރެވޭ ބައެއް ތެލި، ތަށި، ދޭފަތް ފަދަ ތަކެއްޗަކީ ވެސް އެލްމިނިއަމް ބޭނުންކޮށްގެން ހަދައިފައި ހުންނަ ތަކެއްޗެވެ. އަދި ބައެއް ކަހަލަ ކާނާގެ ބާވަތްތަކުގައި ވެސް ކޮންމެވެސް މިންވަރަކަށް އެލްމިނިއަމް އެކުލެވިގެންވެއެވެ. އެހެން ކަމުން މިބުނި ގޮތަކުން އެލްމިނިއަމް ހަށިގަނޑަށް ދަމައިފިނަމަ ނުވަތަ ނަގައިފިނަމަ އަލްޒައިމާ ބަލި މެދުވެރިވެދާނެ ކަމުގެ ބިރު އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެވެއެވެ.

އެހެން ދިރާސާ އަކުން އެގިފައިވާ ގޮތުގައި އެންޓަސިޑް، އަދި އެންޓިޕާސްޕިރެންޓް (ދާހިއްލުން ކުޑަކުރުމަށް ބޭނުން ކުރެވޭ ބާވަތްތައް މިސާލަކަށް ކިހިލި ފަތް ދޮށުގައި އުގުޅާ ތަކެތި) ފަދަ ބާވަތްތަކުގައި އެލްމިނިއަމް އެކުލެވޭނަމަ އެބޭނުންކުރާ މީހުންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

ތެލި ތަށިފަދަ ތަކެތީގައި އެކުލެވޭ އެލްމިނިއަމް ކާނާގެ ތެރެއަށް ދެމުން އެއީ ނާދިރު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެލްމިނިއަމް އެކުލެވޭ ބައެއް ކަހަލަ ކާނާ (އަލުވި) އަކީ ރަގަޅަށް ހަށިގަނޑަށް ދަމާ (ނަގާ) އެއްޗެއް ނޫނެވެ. އެލްމިނިއަމް އާއި ގުޅޭގޮތުން ބަޔާންކުރެވުނު ކަންތައް މިބުނި ގޮތަށް ހުރި ނަމަވެސް އަލްޒައިމާ ބަލި ޖެހުމުގައި އެލްމިނިއަމްގެ ދައުރެއް އޮތްކަމަށް އަދިވެސް އިލްމުވެރިންނަށް ޔަގީން ކަމާއި އެކު ބުނެދޭކަން ނޭގެއެވެ. އެހެން ކަމުން މިއީ އަދި ޝައްކު ނުވަތަ ތުހުމަތެއްގެ ތެރޭގައި ވާ ކަމެކެވެ.

ޒިންކް

ޒިންކް ދެގޮތަކަށް އަލްޒައިމާ ބައްޔާއި ގުޅިފައިވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޒިންކް މާބޮޑަށް މަދުވުމަކީ މައްސަލަ އެކެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުން ޒިންކް މާބޮޑަށް އިތުރުވުމަކީ ވެސް މައްސަލަ އެކެވެ.

ޒިންކް މާބޮޑަށް މަދުވުން މައްސަލަ އެއްގެ ގޮތުގައި ފާހަގަކުރެވުނީ ވަކި ސަރަހައްދު ތަކެއްގައި އަލްޒައިމާ ބަލިޖެހިގެން މަރުވި މީހުންގެ ސިކުނޑީގައި ޒިންކް އެކުލެވޭ މިންވަރު މާބޮޑަށް ދަށްވެފައިވާކަން އެމީހުން މަރުވުމަށް ފަހު ސިކުނޑި ނަގައިގެން ކުރެވުނު ޓެސްޓްތަކުން ދެއްކުމުންނެވެ. ޒިންކް މާބޮޑަށް އިތުރުވުމަކީ މައްސަލަ އެއްކަން ފާހަގަކުރެވުނީ އަމައިލޮއިޑް ޕްރޮޓީންތައް ޖަމާވެ، ''ޕްލޭކް'' އުފެއްދުމަށް ޒިންކް ވާގިވެރިވާކަން އެގުމުންނެވެ. މިގޮތުން ޒިންކް ގެ ސަބަބުން އުފެދޭ ''ޕްލޭކް'' އަލްޒައިމާ ބައްޔާއި ގުޅިގެން ސިކުނޑީގައި އުފެދޭ ''ޕްލޭކް'' އާއި، އެއްގޮތް ކަމަށް ވެއެވެ.

ކާނާއިން އުފެދޭ ވިހަ

ކާނާގައި އެކުލެވޭ ވިހައިގެ ސަބަބުން ބައެއް ހާލަތްތަކުގައި ''ޑިމެންޝިއާ'' މެދުވެރިކުރުވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެފްރިކާ އަދި އިންޑިޔާގައި ހުންނަ ބައެއް ކަހަލަ ''ލެގިޔޫމް''(Legume) ގެ އޮށުގެ ތެރެއިން ނާރުތަކުގެ ނިޒާމަށް ގެއްލުންދެނިވި، ދެމާއްދާއެއް ވަނީ ފެނިފައެވެ. މިބުނި ދެމާއްދާ ވެސް ހަށިގަނޑުގައި ހުންނަ ''ގޫޓަމޭޓް''(Glutamate) ކިޔާ މާއްދާއެއްގެ މަސައްކަތް އިތުރުކުރުވައެވެ. އަލްޒައިމާ ބަލި މެދުވެރިވުމުގައި ގޫޓަމޭޓް ބައިވެރިވާ ކަމުގައި ވަނީ ބެލެވިފައެވެ.

ކެނެޑާގައި ''ޑޮމޮއިކް އެސިޑް''(Domoic acid) އާއި ތަޣައްޔަރުވެފައި ހުރި ''އިތާ'' ފާޑުގެ އެއްޗެއް ނުވަތަ ''މަސެލް''(Mussel) އޭ ކިޔޭ އެއްޗެއް ކެއުމުގެ ސަބަބުން އަލްޒައިމާ ބައްޔާއި، ވައްތަރު ނާރުތަކުގެ ނިޒާމަށް ޖެހޭ ބައްޔެއް ކުރިން ކެނެޑާގައި އާންމުވެގެން ދިޔައެވެ. ''ޑޮމޮއިކް އެސިޑް'' ވެސް ގޫޓަމޭޓް ގެ މަސައްކަތް އިތުރުކުރުވައެވެ. މި ވިހަތައް ކަނޑައެޅިގެން ''ޑިމެންޝިއާ'' މެދުވެރި ނުކުރި ނަމަވެސް ފަހަރެއްގައި ނާރު ސެލްތައް ހަލާކުރުމުގައި ދައުރެއް ފަހަރެއްގައި އަދާކޮށްފާނެ ކަމަށްވަނީ ބެލެވިފައެވެ.

ވައިރަސްތައް

ނާރުތަކުގެ ނިޒާމަށް ޖެހޭ ބައެއް ބަލިތަކުގައި ބައެއް ބާވަތުގެ ވައިރަސްތައް ނުރަގަޅު ރޯލެއް އަދާކުރާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ވައިރަސްތައް ހަށިގަނޑުގައި ދުވަސްތަކެއް ވަންދެން ހުރުމަށްފަހު، އެވައިރަސް އަށް އެކަށޭނަ ވަގުތަކާއި ދިމާކޮށް ހަށިގަނޑަށް ހަމަލާދޭން ފަށައެވެ. އަހަރު ތަކެއް ވަންދެން އަލްޒައިމާ ބަލި ދިރާސާ ކުރާ ފަރާތްތަކުން ވައިރަސް ނުވަތަ އެހެންވެސް އިންފެކްޝަން އުފައްދާ އެޖެންޓަކާއި، މިބައްޔާއި، ގުޅުމެއް ހުރިތޯ ހޯދުމުގައި ހަރަކާތްތެރި ވެފައިވެއެވެ. މިހާރު ވެސް މިބައްޔާއި، ވައިރަސް ފަދަ ޖަރާސީމްތަކާއި، ގުޅުމެއް ހުރިތޯ ދެނެގަތުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.