ބުދަ20180919

އާކުރެވުނީ: 08:43:52

އަރިދަފުސް ރޯގާ

aridhafus-roga-1

ނޭފަތް

ނޭފަތުގެ ހިނދުރީގެ އެތެރޭގެ ފާރުތަކަކީ ނޭފަތަށް ވަންނަ ކުނިބުނި ހިރަސްފުސް ފަދަ ތަކެތި ހިފަހައްޓައިދޭ ތަނެވެ. އެގޮތުން ނޭފަތުގެ ހިނދުރީގެ ތެރޭގައި ޖަމާވާ މާއްދާތައް 15-10 މިނިޓާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަރުގެ ތެރެއަށް ގެންދެއެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ނޭފަތުގެ ހިނދުރީގެ ތެރޭގައި ހުންނަ ކުދިކުދި އިސްތަށިތަކުގެ އެހީގައި ފަހަތަށް ގެންގޮސް، އަރުތެރޭގައި އިންނަ ''އެޑިނޮއިޑް''(Adenoid) އޭ ކިޔޭ ލިމްފް ގްލޭންޑް އެއްގައި ޖަމާވެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ތަތްވަނީ އެޑިނޮއިޑް ގައި ހިމެނޭ ސެލްތަކުގައެވެ.

އަރިދަފުސް ރޯގާ

އަރިދަފުސް ރޯގާ އަކީ ތަފާތު ވައިރަސް ތަކުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާގެ އަސަރު ނޭފަތުގެ އިތުރުން، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ކަންފަތް، އަދި ވައިނޮޅި އާއި، ވައިނޮޅީގެ ކަފި އަށް ވެސް ކުރެއެވެ.

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު، އަދި އެންމެ އާންމުކޮށް ފެތުރޭ ރޯގާ އެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި އިންސާނުންނަށް ޖެހޭ ރޯގާތަކުގެ ދެބައިކުޅަ އެއްބަޔަކީ އަރިދަފުސް ރޯގާ އެވެ. އަރިދަފުސް ރޯގާ ޖެހެނީ ނޭވާލުމުގެ ނިޒާމަށް ކޮންމެވެސް ސިފައެއްގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ވާޞިލްވުމުންނެވެ.

އެވްރެޖް ގޮތެއްގައި އަރިދަފުސް ރޯގާ ދެމިހުންނަނީ ހަފްތާއެއްގެ މުއްދަތަށެވެ. އާދައިގެ މިންވަރަކަށްޖެހޭ އަރިދަފުސްރޯގާ ދެމިހުންނަނީ ދެތިން ދުވަހަށެވެ. ނަމަވެސް ތަންކޮޅެއް ބޮޑަށް އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ބައެއް ފަހަރު 2 ހަފްތާގެ މުއްދަތަށް އަރިދަފުސް ރޯގާ އަސަރު ދެމިގެންދާގޮތް ވެއެވެ.

އަވަސް އަވަހަށް އަރިދަފުސް ރޯގާ ޖެހުމާއި އަރިދަފުސް ރޯގާ މުޖުތަމަޢުގެ ތެރޭގައި އާންމު އެއްސަބަބަކީ ތަފާތު އެތަކެއް ވައިރަސްތަކަކުން މިރޯގާ ޖެހިފައި، އަދި ހަށިގަނޑު އެފަދަ ކޮންމެ ވައިރަސް އަކާއި އިދިކޮޅަށް މަސައްކަތްކުރުމަށް ނުކުޅެދޭތީއެވެ.

އެވްރެޖް ގޮތެއްގައި ކުޑަކުދިންނަށް 10-6 ފަހަރު އަރިދަފުސް ރޯގާ ޖެހޭއިރު، ބޮޑެތި މީހުންނަށް 5-2 ފަހަރު އަރިދަފުސް ރޯގާ ޖެހޭކަން ފާހަގަ ކުރެވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އަދި އެންމެ ގިނަ ބަޔަކާއި ކުދިން އޮފީސް ނުވަތަ ސުކޫލް ފަދަ ތަންތަނަށް ނުގޮސް ސަލާމް ސެޓްފިކެޓް ހައްދަން ޖެހެނީ އަރިދަފުސް ރޯގާ ޖެހުމުގެ ސަބަބުންނެވެ.

ސަބަބު

aridhafus-roga-2މިހާތަނަށް އަރިދަފުސް ރޯގާ ޖައްސާ 200 އަށްވުރެ ގިނަ ވައްތަރުގެ ވައިރަސް ފާހަގަ ކުރެވިފައި ވެއެވެ. އަރިދަފުސް ރޯގާ ޖައްސާ އެންމެ އާންމު ވައިރަސް ތަކުގެ ތެރޭގައި ''ޕައިކޮނަވައިރަސް''(Picornavirus) ތަކުގެ ތެރޭގައި ހިމެނޭ ''ރައިނޯވައިރަސް''(Rhinovirus)، އަދި ''އެންޓީރޯވައިރަސް''(Enterovirus) ތައް ހިމެނެއެވެ. މީގެ އިތުރުން ''އެޑީނޯ ވައިރަސް''(Adenovirus) ތައް، ''ކްރޮނަވައިރަސް''(Cornavirus)ތައް، އަދި ''ޕެރަމިކްސޯ ވައިރަސް'' (Paramyxovirus)ތައް ހިމެނެއެވެ.

ރައިނޯ ވައިރަސް ތަކުގެ ތެރޭގައި ރައިނޯ ވައިރަސް އޭ ގެ 74 ސީރޯ ޓައިޕް ، ރައިނޯ ވައިރަސް ބީ ގެ 25 ސީރޯ ޓައިޕް، އަދި ރައިނޯ ވައިރަސް ސީ ގެ 7 ސީރޯ ޓައިޕް އާއި އެކު، ޖުމްލަ 106 ސީރޯ ޓައިޕް ހިމެނެއެވެ. އެންޓީރޯ ވައިރަސް ތަކުގެ ތެރޭގައި އިންސާނުންނަށް ރޯގާ ޖައްސާ ތަފާތު 66 ސީރޯ ޓައިޕް ވާކަން ފާހަގަ ކުރެވިފައި ވެއެވެ.

އެޑީނޯ ވައިރަސްގެ ތަފާތު 51 ވައްތަރުގެ ސީރޯ ޓައިޕް އިންސާނުންނަށް ބަލިތައް ޖައްސާކަން ފާހަގަ ކުރެވިފައިވާ އިރު އޭގެ ތެރެއިން އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ރޯގާ ޖައްސާކަން ފާހަގަ ކުރެވިފައިވަނީ އެޑީނޯ ވައިރަސް ބީ ގެ 8 ސްޓްރެއިން، އަދި އެޑީނޯ ވައިރަސް ސީގެ 4 ސްޓްރެއިން އާއި އެކު، ޖުމުލަ އެޑީނޯ ވައިރަސްގެ 12 ސްޓްރެއިން އެވެ.

ޕެރަމިކްސޯ ވައިރަސްގެ ތަފާތު 3 ވައިރަހެއްގެ ސަބަބުން އަރިދަފުސް ރޯގާ ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި ޕެރައިންފުލުއެންޒާ ވައިރަސް، ހިއުމަން ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް، އަދި މެޓަނިއުމޯ ވައިރަސް (Metapneumovirus)ހިމެނެއެވެ.

އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ހަމައެކަނި ގިނަވެ އިތުރުވަނީ ދިރިހުރި ސެލްތަކުގެ ތެރޭގައެވެ. ވަށައިގެންވާ މާޙައުލުގެ ސަތަހަތަކުގެ މަތީގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ގިނަވެ އިތުރެއް ނުވާނެއެވެ. އެހެން ނަމަވެސް އެފަދަ ވައިރަސްތައް ނޭފަތަށް ވާޞިލްވެއްޖެނަމަ އަރިދަފުސް ރޯގާ ޖެހޭނެއެވެ. ސަބަބަކީ އެފަދަ ވައިރަސްތައް މާހައުލުގެ ސަތަހަ ތަކުގައި އިތުރު ނުވިއްކަމަކު މަރުނުވެ، ދިރިހުންނާތީ އެވެ.

ފެތުރުން

އަރިދަފުސް ރޯގާ ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ނުވަތަ ބުރައިގެންދާ ކުޅު ތިކި ފަދަ ތަކެތި ސަލާމަތުންހުރި މީހާގެ ނޭފަތަށް ނުވަތަ ލޮލަށް ވާޞިލްވުމުންނާއި، އަދި ޖަރާސީމް ތަތްލާފައި ނުވަތަ ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު ނޭފަތަށް، އަނގަޔަށް ނުވަތަ ލޮލަށް އަތްލުމުން ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ.

މިސާލަކަށް ބަލިޖެހިފައި ހުރި މީހާ ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ނިވާކުރަން އަތް ބޭނުން ކުރުމަށްފަހު އެއަތްނުދޮވެ ސަލާމަތުން ހުރި މީހަކާއި ސަލާމްކޮށްފިނަމަ ނުވަތަ ބީހި ހަދައިފިނަމަ، އެމީހެއްގެ ގަޔަށް ނުވަތަ އަތަށް ވައިރަސް ވާޞިލްވެއެވެ. އެއަށްފަހު އެއަތް ނޭފަތަށް ނުވަތަ ލޮލަށް ލައިފިނަމަ އޭނާގެ ނޭވާލުމުގެ ނިޒާމަށް ވައިރަސް ވާޞިލްވެއެވެ.

އަރިދަފުސް ރޯގާ ޖައްސާ ވައިރަސް އެކުލެވޭ ނޭފަތުންބޭރުވާ ދިޔަ ބަލިޖެހިފައިވާ މީހާގެ އަތަށް ވާޞިލްވަނީ ، ކެއްސާ ކިނިބިއަޅާއިރު ނިވާކުރުމަށް އަތްބޭނުންކުރުމުންނާއި، ނޭފަތުގައި ހިފުމުން އަދި ނޭފަތަށް އަތްލުމުންނެވެ. މީގެ އިތުރުން ކެއްސައި ކިނބިއެޅުމުން ބޭރުވާ ދިޔަތިކި އެކިއެކި ތަންތަނުގައި އަދި ހިފާގެންގުޅޭ ތަކެތީގައި ހަރުލާފައި ހުރެއެވެ. އަދި އަތްނުދޮވެ އެހެންމީހުންގެ ގައިގައި އަތްލުމުން ނުވަތަ ސަލާމްކުރުމުން ފަދަ ކަމަކުން ވެސް އަނެކާގެ އަތަށް ޖަރާސީމް ވާޞިލްވެދެއެވެ. އެހެންކަމުން އަތް ޖަރާސީމާއި ތަޣައްޔަރު ވެފައި ވަނިކޮށް އަތްނުދޮވެ، އަނގަ ލޯ ނުވަތަ ނޭފަތުގައި އަތްލައިފިނަމަ، ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ.

އަރިދަފުސް ރޯގާ ކުރިމަތިކުރުވާގޮތް

އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތުގެ ހިނދުރީގެ ތެރެއަށް ވާޞިލްވަނީ ކެއްސައި ކިނބިއެޅުމުގެ ތެރޭގައި ބުރައިގެންދާ ތިކިތައް ނޭފަތަށް ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައިވާ އިގިލި ނޭފަތަށް ލުމުން ފަދަ ކަމަކުންނެވެ. ނޭފަތަށް ވާޞިލްވާ މަދު މިންވަރެއްގެ ވައިރަސް ޕާޓިކަލް ތަކަކުން ވެސް އަރިދަފުސް ރޯގާގެ އުދަގޫތައް ކުރިމަތިކޮށްދާނެ އެވެ.

އެއަށްފަހު ނޭފަތުގެ ސެލްތަކުގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ތަކުގައި ވައިރަސް ތަތްލައެވެ. އެގޮތުން ނޭފަތުގެ ސެލްގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ފިޓްވަނީ ވައިރަސްގައި އިންނަ ''ޑޮކިން ޕޯޝަން'' (Docking portion)އޭކިޔޭ ބައެއްގައެވެ.

ނޭފަތަށް ވާޞިލްވި ވައިރަސްތައް ނޭފަތުގެ ސެލްގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ތަކާއި ތަތްވުމަށްފަހު ނޭފަތުގެ އެތެރޭގައި ހުންނަ އިސްތަށިތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރޭގައިވާ އެޑިނޮއިޑް އަށް ޖަމާކުރެއެވެ. ވައިރަސްއާއި ތަޣައްޔަރުވެފައި ހުރި ސެލްތައް އެޑިނޮއިޑްގެ ތެރޭގައި މަރުވެ، ފަޅައިގެން ގޮސް، އާ ވައިރަސްތައް ދޫކުރެއެވެ. އެވައިރަސްތައް ނޭފަތުގައި ސަލާމަތުންހުރި ސެލްތަކަށް ބާރު ފޯރުވައި، ތަޣައްޔަރު ކުރުވައެވެ. މިގޮތުގެމަތީން މިކަން ތަކުރާރު ތަކުރާރުވެހުރެއެވެ.

އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތަށް ވާޞިލްވާ ވަގުތުން ފެށިގެން 12-8 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ''ވައިރަސްގެ ނަސްލު އުފެއްދުމުގެ ބުރު'' (Viral replication)، ފުރިހަމަކޮށް، އާ ވައިރަސްތައް ނޭފަތުން ބޭރުވާ ދިޔަ (ފެން، އަރިދަފުސް)ގެ ތެރެއަށް ދޫކުރެއެވެ. އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތަށް ވާޞިލްވާ 12-10 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަރިދަފުސް ރޯގާގެ އުދަގޫތައް ފެންނަށް ފަށައެވެ. އަދި އެއުދަގޫތައް 72-36 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ.

ނޭފަތުގެ ސެލްތައް ވައިރަސް އާއި ތަޣައްޔަރުވުމުން އެކަމަށް ހަށިގަނޑު އިޖާބަ ދިނުމުގެ ދިފާޢީ ނިޒާމުގެ ބައެއް ބައިތައް ހީވާގިވެ ހަރަކާތްތެރިވާން ފަށައެވެ. ދިފާޢީ ނިޒާމްގައި ތަފާތު ވައްތަރުތަކުގެ ތަބީޢީ މާއްދާތައް ހިމެނެއެވެ. މިފަދަ މާއްދާތަކަށް ކިޔަނީ ''އިންފްލެމޭޓަރީ މީޑިއޭޓަރ'' (Inflammatory mediators)އެވެ. އިންފްލެމޭޓަރީ މީޑިއޭޓަރ ތަކަކީ ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ދިފާޢު ކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އަރިދަފުސް ރޯގާ ވައިރަސް އާއި، ނޭފަތުގެ ސެލްތައް ތަޣައްޔަރުވުމުން ދިފާޢީ ނިޒާމުން ދޫކުރާ އިންފްލެމޭޓަރީ މީޑިއޭޓަރ ތަކުގެ ތެރޭގައި ''ހިސްޓަމީން''(Histmine)، ''ކައިނިން''(Kinin)، ''އިންޓަރލޫކިން'' (Interleukin)،އަދި ''ޕްރޮސްޓަގްލޭންޑިން''(Prostaglandins) ހިމެނެއެވެ.

aridhafus-roga-3އަރިދަފުސް ރޯގާ ޖެހި، އެކަމަށް އިޖާބަދިނުމަށް ދިފާޢީ ނިޒާމުން އިންފްލެމޭޓަރީ މީޑިއޭޓަރ ތައް ދޫކުރުމުން އޭގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ދަވަ ބޭރުކުރާ ގްލޭންޑް ތަކުން ދަވަ ދޫކުރެއެވެ. ( ނޭފަތުން ފެންއައުން ކުރިމަތިކުރުވާ ސަބަބު). މީގެ އިތުރުން އިންފްލެމޭޓަރީ މީޑިއޭޓަރ ތަކުގެ ސަބަބުން ބައެއް ރިފްލެކްސް ހީވާގީ ކުރުވައި ކެއްސުން އަދި ކިނބިހިއެޅުން ކުރިމަތި ކުރުވައެވެ. (ކެއްސުން، ކިނބިހިއެޅުން ކުރިމަތިކުރުވާ ސަބަބު). މީގެ އިތުރުން ތަދު އުފައްދާ ނާރު ފައިބަރުތައް ހީވާގި ކުރުވައެވެ. (ބޮލުގައި ރިހުން، ގައިގައި ރިހުން ކުރިމަތިކުރުވާ ސަބަބު).

އަރިދަފުސް ރޯގާ ޖެހުމުން ކުރިމަތިވާ މަރުޙަލާތައް

(ހ) - އިސްކީމިއާ ސްޓޭޖް : އިސްކީމިއާ (Ischemia)ގެ މާނަ އަކީ ހަށިގަނޑުގެ ވަކި ތަންކޮޅަކަށް ވަގުތީ ގޮތުން ލޭދައުރުނުވުމެވެ. އެހެންކަމުން މިމަރުޙަލާގައި ނޭފަތުގެ އެތެރޭގައި ހިމެނޭ ކުދި ލޭހޮޅިތައް ފިތި، ހަނިވެ، ހިމަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭފަތުތެރެ ހިކުން، ނޭފަތް ހިރުވައި ދިލަނެގުން، ކިނބިހިއެޅުން ކުރިމަތި ކުރުވައެވެ.

(ށ) - ހައިޕަރީމިއާ ސްޓޭޖް : ހައިޕަރީމިއާ (Hyperemia)ގެ މާނަ އަކީ ހަށިގަނޑުގެ ވަކި ތަނަކަށް ވަގުތީ ގޮތުން ލޭދައުރުވުން އިތުރުވުމެވެ. އެހެންކަމުން މިމަރުހަލާގައި ނޭފަތުގެ އެތެރޭގައި ހިމެނޭ ކުދި ލޭހޮޅިތައް ފުޅާވެއެވެ. އަދި ލޭހޮޅިތަކުގައި އެކުލެވޭ ޕާމިއެބިލިޓީ އިތުރުވެ، ނޭފަތުގެ އެތެރޭގައި ހިމެނޭ ދަވަ ބޭރުކުރާ ގްލޭންޑް ތަކާއި، ފެންބޭރުކުރާ ގްލޭންޑްތަކުން ދަވަ އާއި، ފެން ދޫކުރާ މިންވަރު އިތުރުވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން މިމަރުޙަލާގައި ހުންއައުން، ބޮލުގައި ރިހުން، ކާހިތްކެނޑުން، ހިތް ނުތަނަވަސްވުން، ނޭފަތް ބެނދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

(ނ) - ރިސޮލިޔުޝަން ސްޓޭޖް : ރިސޮލިޔުޝަން(Resolution) މާނައަކީ ކަމެއް ރަގަޅުވުމެވެ. ނުވަތަ ކުރިން ހުރި ޙާލަތަށް ދިއުމެވެ. އަރިދަފުސް ރޯގާ އަކީ އަމިއްލަ ޒާތުގައި ދެތިންދުވަހުގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ.

އަލާމާތްތައް

އަރިދަފުސް ރޯގާ ޖެހުމުން ފެންނަ ޢާންމު އަލާމާތްތަކުގެ ތެރޭގައި، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކަރުތެރެ ހިރުވައި ރިއްސުން ނުވަތަ ކަރުތެރެ ހަލާކުވެ ހިރުވައި ފާރުވުން، ކެއްސުން، ކިނބިހިއެޅުން، ނޭފަތް ބެދުން، އަޑުކުރަކިވުން ނުވަތަ އަޑުބެދުން، ފަދަ ކަންތައްތައް ހިމެނެއެވެ. އަރިދަފުސް ރޯގާ ޖެހުމުން ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ވަރުބަލިވުން، ލޯރަތްވުން، ކާހިތްނުވުން، ނުވަތަ ކާހިތްކެނޑުން، އަދި ނުތަނަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމުގެ ގޮތެއްގައި އަރިދަފުސް ރޯގާގެ އުދަގޫތައް ދެމިހުންނަނީ ދެތިން ދުވަހަށެވެ. ބައެއްފަހަރު 10-5 ދުވަހުގެ މުއްދަތަށް ނުވަތަ 2 ހަފްތާގެ މުއްދަތަށް މިއުދަގޫތައް ދެމިގެން ދެއެވެ.

ގިނަދުވަސްވުމުން ކުރިމަތިވާ މައްސަލަތައް

(ހ) - ނޭފަތުގައި ބެކްޓީރިޔާގެ ސަބަބުން އިންފެކްޝަން އަށަގަތުން : މިއީ ރޯގާ ދިގުލައި ދިއުމުން ނޭފަތުގެ އެތެރޭގައިވާ ތެތްދުލިފަށުގައި ލޭގެ ހުދު ސެލްތައް ޖަމާވުމުން ކުރިމަތިވާ ކަމެކެވެ. މިޙާލަތުގައި އަރިދަފުސް ރޯގާގެ އުދަގޫތައް އިތުރުވެ، ނޭފަތް ބެނދުން، އަދި ނޭފަތުން ބޭރުވާ އަރިދަފުހުގެ ކުލަ ރީނދޫ ކުލައަށް ބަދަލުވެދެއެވެ.

(ށ) – ސައިނަސްޖެހުން : އަރިދަފުސް ރޯގާ ރަގަޅުނުވެ 10-7 ދުވަހަށްވުރެ ގިނަވެއްޖެނަމަ ސައިނަސް ޖެހުން ފަދަ ކަމެއް ކުރިމަތިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. ސައިނަސް ޖެހުމުގެ މާނައަކީ އަރިދަފުސް ރޯގާގެ ސަބަބުން ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅު ތަކުގައި ދިޔަ ޖަމާވެ، ބެކްޓީރިޔާ ފަދަ ޖަރާސީމް އާލާވުމެވެ. މިއީ އަރިދަފުސް ރޯގާއާއި ގުޅިގެން ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ވެސް ކުރިމަތި ވެދާނެ ކަމެކެވެ.

(ނ) - ކަންފަތުގައި އިންފެކްޝަން އަށަގަތުން : އަރިދަފުސް ރޯގާގެ ސަބަބުން ކަންފަތުގައި އިންފެކްޝަން އަށަގަންނަން ދިމާވާ ސަބަބަކީ ކަންފަތުން އަރުތެރެ އައިސްފައިވާ ޔޫސްޓެޗިއަން ޓިއުބު ކިޔާ ހޮޅީގެ ތެރޭގައި އަރިދަފުހާއި ގުޅިގެން އުފެދިގެންދާ ދިޔަތައް ޖަމާވެ، އެހޮޅި ބެދޭގޮތް ވުމުންނެވެ. އަދި މިހާލަތުގައި ކަންފަތުގައި ރިހުން ފަދަ އުދަގޫތައް މެދުވެރިވާނެއެވެ.

(ރ) - ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުން : ނޭވާހިއްލުމުގެ މައްސަލަ ވެސް އަރިދަފުސް ރޯގާގެ ސަބަބުން އިތުރަށް ގޯސް ކުރުވައެވެ. އެގޮތުން ނޭވާލާން އުދަގޫވެ، ނޭވާލާއިރު ތޫލިއަޑެއްހުރުން، ކެއްސުން، ވަރުބަލިވުން ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ.

(ބ) - ދާއިމީ ގޮތެއްގައި ވައިނޮޅީގެ ކަފިދުޅަވުން ކުރިމަތިވެފައިވާ މީހުންގެ ބަލީގެ ޙާލަތު ގޯސްވުން : އަރިދަފުސް ރޯގާ ޖެހުމަކީ ދާއިމީ ގޮތެއްގައި ވައިނޮޅީގެ ކަފިދުޅަވުން ކުރިމަތިވެފައިވާ މީހުންގެ ބަލީގެ ޙާލަތު އިތުރަށް ގޯސްވެގެންދާ ކަމެކެވެ. މިޙާލަތު ތަޙައްމަލުކުރާ ބަލިމީހުންނަށް ކުރިމަތިވާ އުދަގޫތައް އަރިދަފުސް ރޯގާގެ ސަބަބުން އިތުރުވެ، ގޯސްވެގެންދެއެވެ. މިސާލަކަށް ކެއްސުން އިތުރުވުން، އަރިދަފުސް އަންނަލެން އިތުރުވުން، ނޭވާކުރުވުން، އަދި ބައެއް ފަހަރު ގަދަޔަށް ހުންއައުން ފަދަ ކަންތައް ހިމެނެއެވެ.

(ޅ) - އަރުތެރެ ދުޅަވުން ، ލަގޮނޑި ދުޅަވުން : މިދެކަމަކީ ވެސް އަރިދަފުސް ރޯގާ ދިގުލައި ދިއުމުން ކުރިމަތިވެދާނެ ކަންކަމެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތައް

* އަވަހަށް ނޭވާލެވޭނަމަ ނުވަތަ ނޭވާލާން އުނދަގޫ ނަމަ
* ހުން އައިސް 3 ދުވަހަށްވުރެ އިތުރުވެއްޖެނަމަ
* ނޭފަތުން ފެންއައުން 2 ހަފްތާ އަށްވުރެ އިތުރު ވެއްޖެ ނަމަ
* ކަންފަތުގައި ރިއްސާނަމަ ނުވަތަ ލޮލުގައި މަޑުލާނަމަ
* ވަރަށް ބޮޑަށް ހީކަރުވާ ތުރުތުރު އަޅާނަމަ
* ވަރަށްގަދައަށް ބޮލުގަ ރިއްސާ ނުވަތަ ކަނދުރާ ހަރަކާތް ކުރުމަށް އުނދަގޫވާނަމަ
* ކަރުގައި ރިއްސާތާ 48 ގަޑިއިރަށްވުރެ އިތުރު ވެއްޖެނަމަ

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ތަފާތު

ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ.

އަރިދަފުސް ރޯގާގެ ސަބަބުން ވަރަށް އާދައިގެ ކުދިކުދި އުދަގޫތައް ކުރިމަތިވާއިރު، އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ތަހައްމަލު ކުރަން ދަތިވާކަން ފާހަގަ ކުރެވެއެވެ. އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، އަދި ހިކި ކެއްސުން ފަދަ އުދަގޫތައް ހިމެނެއެވެ. ނަމަވެސް ދެބަލީގެ އުދަގޫތަކާއި އަލާމާތްތައް އެއްގޮތްކަމުން ބޭރުފުށުން ބަލާ ބެލުންތަކުން މިދެބަލި ދެނެގަތުން ވަރަށް ގިނަފަހަރު އޮންނަނީ އުދަގޫކަމަކަށް ވެފައެވެ.

ބަލި ދިގުލުމުން ކުރިމަތިވާ އުދަގޫތައް ވެސް އެއްގޮތެވެ. ނަމަވެސް އިންފުލުއެންޒާގެ ސަބަބުން މިބުނި އުދަގޫތައް ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އިންފުލުއެންޒާ ދިގުލައިފިނަމަ، ސިކުނޑި ދުޅަވުން، ސިކުނޑީގެ ދުލިފަށް ދުޅަވުން، ވަސްނުދުވުން، ބޭރަށްހިންގުން ޖެހުން، ނިއުމޯނިޔާ ޖެހުން، އަދި ހިތުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފަރުވާ

އަރިދަފުސް ރޯގާ މުޅިން ރަގަޅުކުރެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. މާނައަކީ އަރިދަފުސް ރޯގާ ޖައްސާ ޖަރާސީމަށް އަސަރުކުރުވައިގެން ރޯގާ ރަގަޅުކުރުވާ ބޭހެއް ހޯދިފައި ނެތުމެވެ. މިއީ ޑޮކްޓަރަށް ދެއްކުމާ ނުލައި ގޭގައި ވެސް އަމިއްލައަށް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. އަދި ބައެއް ފަހަރު ޑޮކްޓަރީ ފަރުވާ އަކާ ނުލާ އޭގެ ޒާތުގައި ވެސް ރަގަޅުވާ ބައްޔެކެވެ. ޑޮކްޓަރަށް ދެއްކުމުން ވެސް ގިނަ ފަހަރު ލިޔެދެވޭ ބޭސްތަކަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ދެވޭ ބޭސް ތަކެކެވެ. އަރިދަފުސް ރޯގާ ގެ ބޭސް ކަމުގައި މަޝްހޫރުވެފައިވާބޭސް ތަކަކީ އޭގައި އެކުލެވޭ އުނދަގޫތައް (މިސާލަކަށް ކިނބިހި އެޅުން، ނޭފަތުން ފެން އައުމާއި ބެދުން ) މަޑުކޮށް ލުއިކޮށްދޭ ބޭހެވެ. އަދި މިފަދަ ބޭސް ބޭނުންކުރުމުން ފުދޭނެއެވެ. އަދި ބެކްޓީރިޔާގެ އަސަރު ހަށިގަނޑުން ފެނިއްޖެނަމަ އެންޓިބަޔޮޓިކް ލިޔެދެއްވާނެ އެވެ.

ބައްޔާއި ގުޅިގެން ކުރިމަތިވާ ގައިގައި ރިހުން، ހުންއައުން ފަދަ ކަންތައްތަކަށް ފަރުވާއެއްގެ ގޮތުގަައި ޕެނަޑޯލް އަދި ބުރޫފަން ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީ އުޅެއެވެ. އެސްޕިރިން އާއި އެސްޕިރިން އެކުލެވޭ ބޭސްތައް އަރިދަފުސް ރޯގާއަށް ފަރުވާގެ ގޮތުގައި ކުޑަކުދިންނަށް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ''ރޭޒް ސިންޑްރޯމް'' ފަދަ ނުރައްކާތެރި ބައްޔެއް ފެންމަތިވެގެން އަތުވެދާނެތީ އެވެ.

އަރިދަފުސް ރޯގާ ޖެހުމުން ފަރުވާގެ ގޮތުގައި އިރުޝާދު ދެވޭ ކަންތައްތަކުގެ ތެރޭގައި އަރާމްކުރުން، ގިނައިން ދިޔާތަކެތި ބުއިން، އާވިއެރުވުން، އަދި ކަރުތެރެ ދޮވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަރިދަފުސް ރޯގާ ޖެހުމުން އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް

އަރިދަފުސް ރޯގާ ޖެހުމުން އާންމުކޮށް ދީއުޅޭ ބޭސްތައް ތިރީގައި މިވަނީ އެވެ.
* އެންޓި ހިސްޓަމީން
* ތަދުކަނޑުވާ ބޭސްތައް
* ޑިކަންޖެސްޓެންޓްސް
* ކެއްސުން ކުޑަކޮށްދޭ ބޭސްތައް

އެންޓިބަޔޮޓިކް ބޭނުންކުރުން

އަރިދަފުސް ރޯގާ އަކީ މައިގަނޑު ގޮތެއްގައި ވައިރަސް ތަކުން ޖެހޭ ބައްޔަކަށް ވުމުން މިބައްޔަށް ފަރުވާ ކުރުމުގައި އެންޓިބަޔޮޓިކް އާންމު ގޮތެއްގައި ބޭނުމެއް ނުކުރެއެވެ. މިބައްޔަށް އެންޓިބަޔޮޓިކް ފަރުވާގެ ގޮތުގައި ބޭނުން ނުކުރުމުގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކޮށްފިނަމަ ބައެއް ފަހަރު ''ނުގުޅޭ އަސަރެ''އް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބޭހަށް ނުގުޑާ ޖަރާސީމް އަށަގަތުމަށް ވެސް މަގުފަހިވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެހެން ކަމުން އެންޓިބަޔޮޓިކް ބޭނުންކުރުން ރަގަޅީ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައެވެ. މިސާލަކަށް ސައިނަސް ޖެހުން، އަދި މެދުތެރޭ ކަންފަތް ދުޅަވުން ފަދަ ކަންކަމަކީ ބެކްޓީރިޔާ ފަދަ ޖަރާސީމުން ކުރިމަތިވާ ބަލިތަކަށްވެފައި، އަދި މިފަދަ ބަލިތަކަކީ އަރިދަފުސް ރޯގާގައި ގިނަ ދުވަސްވުމުން ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށް ވާތީ އެފަދަ ހާލަތެއްގައި އެންޓިބަޔޮޓިކް ބޭނުންކުރުން އެދެވިގެން ވެއެވެ.

ރައްކާތެރިވުން

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

• ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.

ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.

ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ.

ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.

ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.