އަންގާރަ20201117

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލުން

ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލުން


boa-eburun-hodu-lunއާންމު ނަޒަރަކުން ހޮނޑުލުން
ހޮނޑުލެވުމުގެ ވައްތަރުތައް 
ހޮނޑުލެވެން މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟
ހޮނޑުލުމަށް ދެވޭ ފަރުވާ
ހެދުނުގެ ބަލި
ހަރަކާތުގެ ބަލި

ހޮނޑުލުމޭ ބުނަނީ '' މައިދާގައި ހުރި ތަކެތި އަގައިގެ ޒަރީއާއިން ބޭރުކޮށްލުމަށް'' ނުވަތަ ބޭރުވުމަށް ނިސްބަތް ކޮށެވެ. އާންމު ގޮތެއްގައި ހޮނޑުލުމުގެ ކުރިން މޭނުބައިކުރާގޮތް ވެއެވެ. ބައެއް ހާލަތްތަކުގައި މިސާލަކަށް ދަތުރު ފަތުރުކުރާ އިރު ބޯއަނބުރާގޮތް ވެއެވެ. އަދި ހޮނޑުލެވުމުގެ ކުރިން އޯކަށް ދެމޭގޮތް ވެއެވެ.

ހޮނޑުލެވެނީ ކިހެނެއް؟

ހޮނޑުލުމުގެ މަސައްކަތް ނުވަތަ އެވަޒީފާ އަދާކުރުމުގެ ބާރު ކޮންޓްރޯލް ކުރަނީ ސިކުނޑީގައިވާ ''މެޑައްލާ އޮބްލޮންގާޓާ'' (Medulla oblongata) އޭ ކިޔޭ ހިސާބުގައިވާ ''ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު''ންނެވެ. މިމަރުކަޒު ހީވާގިކުރުމުން ސިކުނޑިއާއި، ސްޕައިނަލް ކޯޑް އިން ނިކުމެފައިވާ ބައެއް ނާރުތަކުގެ އެހީގައި ހޮނޑުލުމުގެ މަސައްކަތް ފުރިހަމަވެގެން(ނިމިގެން) ދެއެވެ. މިގޮތުން މިބުނި މަރުކަޒު ހީވާގިކުރުމުން އަންނަނިވި ކަންތައްތައް ކުރިމަތި ވެއެވެ.

(ހ)- އެތެރެއަށް ނޭވާލުން: ހޮނޑުލެވެން އުޅޭ ހިނދު އެތެރެއަށް ވަރުގަދަ ނޭވާއެއް ލެވެއެވެ. އެކަމުގެ ސަބަބުން ޑައިފްރަމް (Diagphram) ތިރިއަށްދާ ގޮތްވެއެވެ. އަދި ނޭވާ އެހާލުގައި ހިފެހެއްޓިފައި ހުރެއެވެ.

(ށ)- އަޑުފޮށީގެ ތުން (Glottis)ނުވަތަ އޭގެ ހުޅުވިފައިވާ ލޯވަޅުބަންދުވެ، ތަލި (Soft palate)މައްޗަށް އުފުލިގެންދެއެވެ. އޭގެ ސަބަބުން ވައިނޮޅި އަދި ނޭފަތުގެ ހިދުރިއަށް ހޮނޑު ވާސިލްވުން މަނާކުރެއެވެ. ނުވަތަ އެކަމަށް ހުރަސް އަޅައެވެ.

(ނ)- މައިދާގެ މައިބަޔާއި، އަދި މައިދާއާއި، ކާތަކެތި ހިގާހޮޅި،އާއި ގުޅޭ ހިސާބުގައިވާ ކާޑިއެކް ސްފިންކްޓާރ(Cardiac sphincter) އެއްކޮށް ހަމައަކަށް އެޅިދެއެވެ. ހަމައެހިނދު ޕައިލޮރިކް އެންޓްރަމް (Pyloric antrum)''އިންސިސިއުރާ އެންގިއުލާރިސް'' އޭ ކިޔުނު ހިސާބުން ކުރުގެޅިގެން ދެއެވެ.

ނޯޓް: ޕައިލޮރިކް އެންޓްރަމް އަކީ މައިދާނިމޭ ހިސާބު އަދި ކުޑަގޮހޮރު ފެށޭ ހިސާބުގައިވާ ތަނެކެވެ.

(ރ)- މައިދާގެ ފާރުގައިވާ މަސްފަށަލަ އެތެރެއަށް ކުރުގެޅެއެވެ. މިގޮތަށް މައިދާގެ ފާރުގެ މަސްފަށަލަ ކުރުގެޅުން އަދި ޑައިފްރަމް ތިރިއަށްދާ ދިއުމާއި އެކުވުމުން މައިދާގެ ޕްރެޝަރ ވަރަށްބޮޑަށް މަތިވެގެން ދެއެވެ.

(ބ)- މަތިވެގެންދާ މައިދާގެ ޕްރެޝަރުގެ ސަބަބުން ހަމައަކަށް އެޅިފައިވާ މައިދާ ފިއްތާލުމުން އަންނަނިވި ދެކަންތައް މެދުވެރިވެއެވެ.

- މައިދާގެ މަތީބައި މޭމައްޗާއި ހަމައަށް އުފުލުން

- މައިދާގައި އެކުލެވޭ ތަކެތި ކާތަކެތިހިގާހޮޅިއަށް ވާސިލްވެ، އެއަށްފަހު އަގައިގެ ޒަރީއާއިން ބޭރުކޮށްލުން

ހޮނޑުލެވުމުގެ ވައްތަރުތައް

1- ތިމާގެ ބާރަކާއި ނުލައި ހޮނޑުލެވުން

- ވަކިހާލަތަކާއި ގުޅިގެން ހޮނޑުލެވުން: މިސާލަކަށް ފެންނަ އެއްޗެއްގެ ސަބަބުން ނުވަތަ ދުވާ ވަހެއްގެ ސަބަބުން މޭނުބައިކޮށް ހޮނޑުލެވޭގޮތް ވެއެވެ.

- ވަކިހާލަތަކާއި ނުގުޅި ހޮނޑުލެވުން ކުރިމަތިވުން: މިއީ ތަފާތު ކަންކަމުގެ ސަބަބުން ހޮނޑުލެވުން ކޮންޓްރޯލްކުރާ މަރުކަޒު މުރާލިވެ ހީވާގިވުމުން ހޮނޑުލެވޭގޮތް ވުމެވެ. ބައެއް މިސާލުތައް ތިރީގައި މިވަނީ އެވެ.

- މައިދާގެ އެތެރެ ހިލިގަތުން، ގޮހޮރާއި މައިދާ ހިމެނޭ ނިޒާމްގެ ބައިތަކުގެ ވަށައިގެންލެވިފައިވާ ''ޕެރިޓޯނިއަމް''(Peritoneum) އޭ ކިޔޭ ފަށަލަ ދުޅަވުން، ކުޑަގޮހޮރު ބެދުން ފަދަ ކަމެއް ސަބަބުން ހޮނޑުލެވޭގޮތް ވެދާނެ އެވެ.

- ދުލުގެ ފަހަތުބައި،އަދި ކަރުތެރެ އެއްޗެއްގެ ސަބަބުން ހިލިގަތުން: މިސާލަކަށް ކަރުބުޑަށް އަތް ނުވަތަ އެއްޗެއް ލައިފިނަމަ ހޮނޑުލެވޭގޮތް ވެއެވެ.

- ދަތުރުފަތުރުކުރާ އިރު ދޯނި ފަހަރު ފަދަ ތަކެތި މާބޮޑަށް ރާޅާ ތެޅުވުމުން މޭނުބައިކޮށް ހޮނޑުލެވޭގޮތް ބައެއް ފަހަރު ވެއެވެ.

2- މަރުކަޒީ ހޮނޑުލެވުން : މިއީ ބައެއް ބަލިތަކާއި ބޭސްތަކުގެ ސަބަބުން ހޮނޑުލުން ކޮންޓްރޯލް ކުރާ މަރުކަޒު ހީވާގިވެ، ހޮނޑުލޭގޮތް ވުމެވެ. މިގޮތުން ހޮނޑުލުން ކުރިމަތިކުރުވާ ބައެއް ބޭސްތަކުގެ ތެރޭގައި ''އެޕޯމޮރުފިން''(Apomorphin) އަދި ''ޑިޖިޓާލިސް''(Digitalis) ފަދަ ބޭސްތައް ހިމެނެއެވެ. އަދި ބަލިތަކުގެ ތެރޭގައި ސިކުނޑީގެ ވަށައިގެންވާ ފަށަލަތައް ދުޅަވުން، ސިކުނޑީގެ އެތެރޭގެ ޕްރެޝަރު މަތިވުން، އަދި ބޮލުގެ އެއްފަޅީގައި ރިހުން އަދި މިނޫނަސް ތަފާތު އެތައް ބަލިތަކެއް ހިމެނެއެވެ.

ކުރިން ބަޔާންކުރެވުނު ބޭސްތައް ސީދާގޮތެއްގައި ހޮނޑުލުމުގެ މަރުކަޒު ހީވާގިއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެބޭސްތައް ފުރަތަމަ ހީވާގިކުރަނީ ސިކުނޑީގެ ''މެޑައްލާ އޮބްލޮންގާޓާ'' އޭ ކިޔޭ ހިސާބުގައިވާ ''ކީމޯ ރިސެޕްޓަރ ޓްރިގާ ޒޯން'' (Chemoreceptor trigger zone)އޭ ކިޔޭ އޭރިއާ އެވެ. އެއަށްފަހު އެހިސާބު ކައިރީގައިވާ ހޮނޑުލުމުގެ މަރުކަޒު ހީވާގި ކުރަނީ އެވެ. މާބަނޑުވުމުންނާއި، އަދި ހަކުރުބަލީގެ ސަބަބުން ހޮނޑުލެވުން އާންމުގޮތެއް ގައި މެދުވެރިކުރުވަނީ ކުރިން މިބުނި އޭރިއާ ހީވާގިވެ، މުރާލިވުމުންނެވެ.

ހޮނޑުލެވެން މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟

1- ހަޖަމުކުރާ ނިޒާމްގެ ބަލިތައް: ހަޖަމުކުރާ ނިޒާމަށް ޖެހޭ ބައެއް ބަލިތަކުގެ ސަބަބަބުން ހޮނޑުލެވުން މެދުވެރި ކުރެއެވެ. މިގޮތުން ހޮނޑުލެވުން މެދުވެރިކުރުވާ ބަލިތަކުގެ ތެރޭގައި އެއްވެސް ސަބަބަކާއި ހުރެ މައިދާ ގެ ފާރު ހަލާކުވުން، ގޮހޮރު ބެދުން، މައިދާ އާއި ގޮހޮރުގެ ބޭރުން ލެވިފައިވާ ފަށަލަ ދުޅަވުން، ފުރަމޭ، ޗިސްމޭ، އެޕެންޑިކްސް، ޕެންކްރިއާސް ފަދަ ގުނަވަނެއް ދުޅަވުން ފަދަ ބަލިތައް ހިމެނެއެވެ.

2- ދަތުރު ފަތުރު ކުރާއިރު ހޮނޑުލެވުން(ހަރަކާތުގެ ބަލި): މިއީ ކަންފަތުގެ އެތެރޭގައި ހުންނަ ދިޔަވަރު ތެޅުވުމުން ބެލެންސް ގެއްލި، ބޯއަބުރާ ހޮނޑުލަވާގޮތް ވުމެވެ.

3- ސިކުނޑީގެ ބަލިތައް: ސިކުނޑީގައި ލޭހިލުން، ސިކުނޑީގެ އެތެރޭގެ ޕްރެޝަރ މަތިވުން، ސިކުނޑިއަށް ކެންސަރު ޖެހުން، އަދި ބަނގު އާތްވަށް ވިހަވުމުގެ ސަބަބުން ބައެއް ފަހަރު ހޮނޑުލެވުން މެދުވެރި ކުރުވައެވެ. ބައެއް ފަހަރު ނަފްސާނީ ބަލިތަކުގެ ސަބަބުން ވެސް ހޮނޑުލެވުން މެދުވެރި ކުރުވައެވެ.

4- ގުރުދާ ގެ ބަލިތައް: ގުރުދާ ގައި ހިލައުފެދުން، އަދި ގުރުދާ އަށް ޖެހޭ ދާއިމީ ބައެއް އެހެން ބަލިތަކުގެ ސަބަބުން ވެސް ހޮނޑުލެވުން މެދުވެރި ކޮށްފާނެއެވެ.

5 - ހަށިގަނޑައި ހިމެނޭ ތަފާތު މާއްދާތަކުގެ މިންވަރަށް އަންނަ ބަދަލެއްގެ ސަބަބުން ވެސް ހޮނޑުލެވިދާނެއެވެ. މިސާލަކަށް ލޭގައި ކެލްސިއަމް ގިނަވުން، ޔޫރިއާ ޖަމާވުން ( ގުރުދާ ފޭލްވުމުން )، ހަކުރު ނުވަތަ ގުލްކޯޒުގެ މިންވަރު މަދުވުން ފަދަ ކަންތައްތަކުގެ ސަބަބުން ހޮނޑުލެވުން މެދުވެރިކޮށްފާނެ އެވެ.

6- އެހެނިހެން ބައެއް ސަބަބުތައް

- ގަޔާނުވާ ތަނެއް ފެނުން ނުވަތަ ވަހެއް ދުވުމުން ބައެއް ފަހަރު ހޮނޑުލެވެއެވެ. މިސާލަކަށް ކުނިވެ ދުވަސްވެ، ހަލާކުވެފައި ހުރި ކާތަކެތި ފެނުމުންނާއި، އޭގެ ވަސްދުވުމުން ބައެއް އޯކަށް ދެމި، ހޮނޑުލެވޭގޮތް ވެއެވެ.

- ވިހަމާއްދާއެއް ކެވިއްޖެ ނަމަ އެބޭރުކުރުމަށްޓަކައި ގަދަކަމުން ހޮނޑުލައްވަ އެވެ. ހަމަ ހަލާކުވެ، ދުވަސްވެފައި ހުރި ކާނާއެއް ކެވިއްޖެ ނަމަ ''ކާނާއަށް ވިހަވުން'' ފަދަ މައްސަލައެއް ކުރިމަތިވެ ހޮނޑުލެވުން މެދުވެރިކޮށްފާނެއެވެ.

- ބޭނުންކުރެވޭ ބޭހުން ކުރިމަތިވާ ނުރަގަޅު އަސަރެއްގެ ގޮތުގައި ވެސް ހޮނޑުލެވުން ކުރިމަތިވެދާނެ އެވެ. މިގޮތުން ބައެއް ވައްތަރު އެންޓިބަޔޮޓިކް، ދޭތެރެ ދުރުކުރުމަށްދޭ ގުޅަބޭސް، އަދި ހިތުގެ ބަލިތަކަށް ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ވެސް ހޮނޑުލެވިދާނެ އެވެ.

- ބައެއް ކަހަލަ އޮޕަރޭޝަނަށް ފަހު ބައެއް ފަހަރު މޭނުބައިކޮށް ހޮނޑުލެވޭގޮތް ވެއެވެ. ހަމަ މިހެން ކެންސަރުގެ ފަރުވާގެ ގޮތުގައި ދެވޭ ކީމޯތެރަޕީ ފަރުވާ ލިބިގަތުމަކީ ވެސް ހޮނޑުލުން މެދުވެރިކުރުވާ ސަބަބެކެވެ. ރޭޑިއޭޝަން ތެރަޕީ އަކީ ވެސް ހޮނޑުލެވުން މެދުވެރިކުރުވާ ސަބަބެކެވެ.

- މާބަނޑު ދުވަސްވަރު ވެސް ވަރަށް ގިނަ އަންހެނުންނަށް މޭނުބައިކުރުމާއި، ބޯ އެބުރުން އަދި ހޮނޑުލެވުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ. އާންމުގޮތެއްގައި މާބަނޑު ދުވަސްވަރު ހޮނޑުލެވުން ކުރިމަތިވަނީ ހެދުނު ކޮޅު އެވެ. އެހެންކަމުން މިކަމަށް ހެދުނު ބައްޔޭ ކިޔައި އުޅެއެވެ.

ނޯޓް: މޭނުބައިކޮށް ހޮނޑުލެވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ފަސޭހައިން ހަށިގަނޑުން ފެން ހުސްވުން މެދުވެރިވެދާނެ ކަމެކެވެ. މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:-

- އެކަށޭނަ ވަރަށް ފެން ނުބުއިން: އުމުރުން ދުވަސްވީ މީހުންނަށް ކަރުހިއްކުން އިހްސާސް ވާލެން ޒުވާނުންނަށް ވުރެ ކުޑައެވެ.

- ގުރުދާ އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރުން: އުމުރުން ދުވަސްވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލުގައި ގުރުދާ ގެ މަސައްކަތް ހިންގުން ވެސް ލަސްވެގެން ދެއެވެ.

- ފެންބުއިމަށް އިދިކޮޅު ހެދުން: މިހެން ދިމާވަނީ އުމުރުން ދުވަސްވުމުން ބައެއް މީހުންނަށް ކުޑަކަމުދެވުން ކޮންޓްރޯލް ނެއްޓޭ ގޮތް ވުމުންނެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ބާރަކާއި ނުލައި ބައެއް ފަހަރު ކުޑަކަމުދެވޭ ގޮތް ވެއެވެ.

- ޖިސްމާނީ ބައެއް މައްސަލަތައް: މިސާލަކަށް ތަށީގައި ހިފަން އުދަގޫވުން، ގޮޑިން ތެދުވަން އުދަގޫވުން، ވަރުބަލި ކަމުގެ ސަބަބުން ފާޚާނާ އަށް ދިއުމަށް އުދަގޫވުން ފަދަ ކަންތައްތަކަކީ މުސްކުޅިންނަށް ފެންބުއިމާއި، އެފަދަ އެހެން ކަންކަމަށް ހުރަސްއަޅާ ސަބަބުތަކަކަށް ވަނީ ވެފައެވެ.

ހޮނޑުލުމަށް ދެވޭ ފަރުވާ

- ހޮނޑުލެވުމަކީ ހަށިގަނޑުން ފެން ހުސްވުން މެދުވެރިކުރުވާ ކަމެއް ކަމަށް ވުމާއި އެކު އެންމެ ފުރަތަމަ ވެސް އެކަން މެދުވެރިވެފައިވޭތޯ ބެލުމަށް ފަހު ފަރުވާ ލިބި ގަންނާށެވެ.

- ގިނަފަހަރު ހޮނޑުލެވުން ކުރިމަތިވި، ސަބަބަކުން ދުރުހެލިވުމުން އެކަން ރަގަޅުވެއެވެ. ބައްޔެއްގެ ސަބަބުން ނަމަ ބަލި ރަގަޅުވުން ހޮނޑުލެވުމުގެ އުދަގޫ ވެސް ފިލައިދެއެވެ.

- ބައެއް ކަހަލަ ބޭސްތައް ހޮނޑުލެވުމުން ދީ އުޅެއެވެ.

ހޮނޑުލެވުން ކުރިއަށްދާނަމަ:-

- ރަގަޅު ވަންދެން ތަނެއްގައި އިށީދެގެން އިންނާށެވެ.

- އެއް ގަޑިއިރު ވަންދެން ހޮނޑުނުލެވި ފާއިތުވެއްޖެ ނަމަ ކޮންމެ 20 މިނިޓަކުން ގަޑިއިރެއް ވަންދެން

30މލ ގެ ދިޔާތަކެތި ބޯށެވެ. މިގޮތުން އާފަލު ޖޫސް، މަދުމިންވަރަކަށް ސައިފަތް އަޅައިގެން ހަދާފައި ހުރި ސައި، އަދި ލޮނު ޕެކެޓް ފަދަ އެއްޗެއް ތައްޔާރު ކޮށްގެން ބޭނުން ކުރެވިދާނެ އެވެ. އޮރެންޖް ޖޫސް، ޓޮމާޓޯ ޖޫސް، ލެމަނޭޑް، ފަދަ ބުއިންތަކާއި، ދުރު ހެލިވާށެވެ. ހަމަމިހެން ކިރާއި، ސޮޑާ ފަދަ ކާބޮނޭޓް އެކުލެވޭ ބުއިންތައް ބޭނުންކުރުން ހުއްޓާލާށެވެ.

- އިތުރަށް ހޮނޑު ނުލެވޭނަމަ އަނެއްކާ ވެސް ގަޑިއިރެއް ވަންދެން ކޮންމެ 20މިނިޓަކުން 237މލ ގެ ދިޔާތަކެތި ބޮމުން ގެންދާށެވެ. 2 ވަނަ ދެގަޑިއިރު ނިމުމުން އިތުރަށް ހޮނޑު ނުލެވޭނަމަ ވެސް ދިޔާތަކެތި ބުއިން އިތުރު ކުރާށެވެ.

- އިތުރަށް ރަގަޅުވާހެން ހީވާނަމަ ސުރުވާ ފަދަ ތަކެތި ބޭނުން ކުރަން ފަށާށެވެ. މިގޮތުން ދިޔާ ތަކެއްޗާއި، އެކު ހަޖަމުކުރަން ފަސޭހަ ކާނާ 1 ދުވަސް ވަންދެން ބޭނުންކުރާށެވެ.

ނޯޓް: މަތީގައި އެވަނީ އުމުރުން 4 އަހަރުން މަތީގެ ކުޑަކުދިންނާއި، އަދި ބޮޑެތި މީހުންނަށް ކުރިމަތިވާ ހޮނޑުލެވުމަށް ނިސްބަތްކޮށް ލިޔެފައިވާ ލިޔުމެކެވެ.

ބަލިވެއިނުމާއި، މޭނުބައިކޮށް ހޮނޑުލެވުން( ހެދުނުގެ ބަލި )

މިއީ ބަލިވެ އިންނަތާ ކުރީކޮޅު މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތި ވުމެވެ. ބަލިވެ އިންނަ %90 އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. ހެދުނުގެ ބަލި (Morning sickness) އޭ ކިޔެނީ މިސަބަބާއި ހުރެއެވެ. ނަމަވެސް ހައިބަނޑާއި ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. ހެދުނުގެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ''ހައިޕަރެމިސިސް ގްރެވިޑޭރަމް''(Hyperemesis gravidarum) އޭ ކިޔައެވެ. ބުނެވޭގޮތުގައި މިއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ.

އާންމުގޮތެއްގައި މޭނުބައިކުރުމާއި، ހޮނޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެދިއުމުން ރަގަޅުވެއެވެ. މޭނުބައި ކުރުމާއި ހޮނޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީތެރިވެދެއެވެ.

- ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8 ފަހަރު )

- ތެޔޮ އަދި ހަވާދު އެކުލެވޭ ( ކުޅި ) ކާނާ އާ ދުރުހެލިވުން

- އެއްފަހަރު ކެއުމާއި އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން .

- ކޮފީ އަދި ކަޅުސައި ފަދަ ބުއިން ތަކާ ދުރުހެލިވުން

- އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން

- މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި ވީވަރަކުން ދުރުހެލިވުން

- ޕާން ،ބަނަސް،،ފާރޮށި، އަދި ޗީޒް ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުން ކުރުން: މިފަދަ ކާނާ އެދުކައިރީ އަތުޖެހޭ ހިސާބުގައި ބެހެއްޓިދާނެއެވެ.ހެދުނު ހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރިކަމެކެވެ.ހަމައެހެންމެ މޭނުބައިކުރަން އުޅޭހެން ހީވާނަމަ މިކާނާ ބޭނުން ކުރެވިދާނެއެވެ.

- މަތީގައި ބަޔާން ކުރެވުނު ކަމަކުން މޭނުބައިކުރުމާއި،ހޮޑުލުމަށް ބަދަލެއް ނާންނަނަމަ ވިޓަމިން ބީ ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.

- ޕްރޮޓީންސް އެކުލެވޭ ކާނާ ގިނައިން ބޭނުން ކުރުން : މިގޮތުން ބަދަން، ޕީނަޓް ބަޓަރ ފަދަ އެއްޗެތި ބޭނުން ކުރެވިދާނެއެވެ.

މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ފެން ހުސްވާގޮތް ( ފެންމަދުވުން ) މެދުވެރިވުމަކީ އެކަށީގެން ވާކަމެކެވެ.މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. މޭނުބައިކުރުމާއި،ހޮޑުލުން ކުޑަވެ،އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ.އަދި ބަލިވެ އިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް (Prenatal vitamins)ވެސް ނެގިދާނެ އެވެ.

ދަތުރު ފަތުރު ކުރުމާއި ހޮނޑުލެވުން( ހަރަކާތުގެ ބަލި )

ދަތުރު ފަތުރު ކުރާއިރު ވަރަށް ގިނަ މީހުންނަށް ބޯއަނބުރާ ހޮނޑުލެވޭގޮތް ވެއެވެ. ބައެއް މީހުންނަށް ހީވަނީ ބޯއަނބުރައި ހޮނޑު ލެވުން ކުރިމަތިވަނީ ހަމައެކަނި ކަނޑު ދަތުރު ފަތުރު ކުރާއިރު އެކަނި ކަމަށެވެ. ނަމަވެސް މިއީ އޮޅުމެކެވެ. މަތިންދާ ބޯޓް، ކާރު، ރޭލް، ބަސް، ލޮރީ، ފަދަ ތަކެތީގައި ދަތުރު ކުރާ އިރު ވެސް ބައެއް މީހުންނަށް މިމައްސަލަ ކުރިމަތި ކުރުވައެވެ.

ހަރަކާތުގެ ބަލި (Motion sickness) މެދުވެރިވުމުގެ ފުރުސަތު އުމުރުން 12-5 އަހަރާއި ދެމެދުގެ ކުޑަކުދިން، އަންހެނުން، އަދި އުމުރުން ދުވަސްވީ މީހުންނަށް ބޮޑުކަމަށް ވެއެވެ. ހަމަ މިހެން އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް ހަރަކާތުގެ ބަލީގެ އުދަގޫ ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޞިއްޙީ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.

ހަރަކާތުގެ ބަލީގެ އުދަގޫތަކުގެ ތެރޭގައި ހިތް ނުތަނަވަސްވުން، ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޮލުގައި ރިހުން، އަދި ދާހިއްލުން ފަދަ ކަންތައްތައް ހިމެނެއެވެ. ހޫނު ނުވިނަމަ ވެސް ބައެއް ފަހަރު ދާހިއްލާ ގޮތް ވެދާނެ އެވެ. އާންމުގޮތެއްގައި ބަލީގެ އުދަގޫތައް ދަތުރު ނިމޭތަނާހެން ފިލައި ދެއެވެ. ނަމަވެސް ބައެއް ފަހަރު ދަތުރު ނިމުމަށް ފަހުވެސް ދެތިން ގަޑިއިރަށް އުދަގޫތައް ދެމިހުރުމަކީ ވެދާނެ ގޮތެކެވެ.

ހަރަކާތުގެ ބަލީގެ އުދަގޫ ކުރިމަތިވަނީ އެތެރޭ ކަންފަތާއި، ލޯ އަދި ހަށިގަނޑުގެ ހަމަހިފެހެއްޓުމުގައި ބައިވެރިވާ އެހެން ބައިތަކުން ސިކުނޑިއަށް ފޮނުވާ މެސެޖް އޮޅުން ބޮޅުން އެރުމުންނެވެ. މިގޮތަށް މެދުވެރިވަނީ ދަތުރުފަތުރު ކުރާއިރު އުޅަނދު ތަޅުވައި، ދެއަތަށް ހެލުވުމާއި ގުޅިގެން އެތެރޭ ކަންފަތުގައި ހުންނަ ހަށިގަނޑު ހަމަ ހިފެހެއްޓުމުގައި އެހީތެރިވެދޭ ދިޔަވަރު، ތެޅެން ފެށުމުން، ހަށިގަނޑު އެކި ފަރާތް ފަރާތަށް ދާކަމުގެ މެސެޖް ސިކުނޑިއަށް ލިބޭތީ އެވެ. ހަށިގަނޑުގެ ހަމަހިފެހެއްޓުން ގެއްލި، އެކިއަރިއަށް ހެލޭކަމުގެ މެސެޖް ހަޖަމުކުރުމުގެ ނިޒާމަށް ލިބުމަކީ ހޮނޑުލެވުން މެދުވެރިވާ ކަމެކެވެ.

ހަރަކާތުގެ ބަލި ކުރިމަތި ވުމުގެ ކުރިން ރަގަޅީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމެވެ. މިގޮތުން ދަތުރަން ފެށުމުގެ ކުރިންނާއި، އަދި ދަތުރުމަތީގައި ވެސް މިބަލީގެ އުދަގޫ ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

1- ދަތުރަން ކުރަން ފެށުމުގެ ކުރިން ފުރިހަމަ ނިދި ލިބިގަންނާށެވެ. ހޭލާހުރެ ދަތުރަން ފެށުމަކީ ބައެއް ފަހަރު ބޯއަނބުރައި ހޮނޑުލެވުން ކުރިމަތިވާނެ ކަމެކެވެ.

2- ހުސް ބަނޑާއި، ހުރެ ދަތުރުކުރަން ނުފަށާށެވެ. ހުސް ބަނޑާއި ހުރުމަކީ ބަނޑުގައި ވައިހެދި ހޮނޑުލެވުން މެދުވެރި ކުރުވާ ކަމެކެވެ. އެހެން ކަމުން ދަތުރު ކުރަން ފެށުމުގެ ކުރިން ރަގަޅަށް ކާށެވެ. މާގިނައިން ކެއުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ މާގިނައިން ކެއުމަކީ އޭގެ ޒާތުގައި ވެސް ހޮނޑުލެވުން މެދުވެރިކުރާ ކަމަކަށްވާތީ އެވެ.

3- ދަތުރަން ފެށުމުގެ ކުރިން ގިނައިން ދިޔާ ތަކެތި ބޯށެވެ. ކޮފީ އަކީ ދަތުރަށް ފެށުމުގެ ކުރިން ބޯން ރަގަޅު އެއްޗެއް ނޫނެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ ހޮނޑުލެވުމުގެ ސަބަބުން ކުރިމަތިވެދާނެ ހަށިގަނޑުން ފެންހުސްވުން ފަދަ ކަންތަކުން މިންޖުކޮށްދޭނެ ކަމެކެވެ.

4- އެސިޑް އެކުލެވޭ ކާނާގެ ބާވަތްތައް ދަތުރު ފެށުމުގެ ކުރިން ބޭނުން ނުކުރާށެވެ. ދަތުރު މައްޗާއި، ދަތުރަށް ފެށުމުގެ ކުރިން ވެސް އެސިޑް މަދު ކާނާގެ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ދޮންކެޔޮ، އާފަލު، ނާސްޕަތީ(ޕިއާޒް)، ކަރާ، ކުރުބާ، މޭބިސްކަދުރު، އަދި ކަދުރު ފަދަ އެސިޑް މަދުން އެކުލެވޭ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ.

5- ތެލާއި، ހަވާދު އެކުލެވޭ ކާނާގެ ބާވަތްތައް ދަތުރަށް ފެށުމުގެ ކުރިން ބޭނުން ނުކުރާށެވެ.

6- ދޯނީގައި އިންނައިރު ސާފުވައި ލިބޭ ތަނެއް އިޚްތިޔާރު ކުރާށެވެ. ހަމަ މިހެން އަވިން ސަލާމަތްވެ، ހިޔަލުގައި އިދެވޭތޯ ބަލާށެވެ. މިސާލަކަށް ދޯނި ފަހަރު ، ނުވަތަ ބޯޓު ފަހަރުގެ އެތެރޭ ގެގަނޑުގައި އިނުމަކީ ސާފުވައި ލިބުމަށް ހުރަސް އަޅާ ކަމެކެވެ.

7- ތެލުގެ ވަސް ނުދުވާ ހިސާބެއްގައި އިންނާށެވެ. ވަރަށް ގިނަ ފަހަރު ތެލުގެ ވަސް ދުވައި، އޭގެ ސަބަބުން ބައެއް މީހުންނަށް މޭނުބައިކޮށް ހޮނޑުލެވުން މެދުވެރިކުރުވާ ކަމެއްކަން ވަނީ ފާހަގަކުރެވި ފައެވެ.

8- ދޯނީގައި އިންނަ އިރު ރަގަޅީ ތައްޓުމަތި ފަދަ ތަނެއްގައި އިނުމެވެ. ދޯނީގެ ތެރެއަށް ބެލުމަށްވުރެ އުދަރެހުން ވަކިދިމާލަކަށް ބެލުން ރަގަޅެވެ.

9- ދަތުރު ކުރާއިރު އަބަދު، އޮށޯވެ، ނުވަތަ އިށީދެ ނީންނާށެވެ. ތެދުވެ، ދަތުރުގެ ބައިވެރިންނާއި، ވާހަކަދައްކާލައި، ހިގާލާ ހަދާށެވެ.

10- މީހަކު ހޮނޑުލާތަން ފެނުމުން ސަކަރާތް ވާނަމަ އެތަނަށް ނުބަލާށެވެ. ހޮނޑުލާތަން ފެނުމަކީ ބައެއް މީހުންނަށް ހޮނޑުލެވުން ކުރިމަތިކުރުވާ ކަމެކެވެ.

އާންމު ނަޒަރަކުން ހޮނޑުލުން
ހެދުނުގެ ބަލި
ހަރަކާތުގެ ބަލި

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.