ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ކެންސަރު : މަރުގެ ހަގުރާމަ

cancer-maruge-hanguraama

ހަށިގަނޑުގެ ސެލްތަކަށް ނަޒަރެއް

ކެންސަރު

ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކަންތައްތައް ނުވަތަ ސަބަބުތައް

ކެންސަރަށް ދެވޭ ފަރުވާ

ކެންސަރުން ރައްކާތެރިވެ ހުރުން

 

ހަށިގަނޑުގެ ސެލްތަކަށް ނަޒަރެއް

ކެންސަރަކީ ކޮބައިތޯ އެގުމުގެ ކުރިން ހަށިގަނޑުގައިވާ ސެލްތަކާއި، އޭގެ ވަޒީފާއާއި ވައްތަރުތަކަކީ ކޮބައިތޯ ބަލާލަމާ ހިގާށެވެ. އެތައް މިލިއަން ސެލްތަކެއް ހަށިގަނޑުގައި ވާއިރު ތަފާތު ގޮތްގޮތަށް އޭގެ ވަޒީފާ ފުރިހަމަ ކުރާ ސެލްތައް ވެއެވެ.

ސެލް އަކީ ކޮބާ ؟

ސެލް އަކީ ކޮންމެ ދިރޭ އެއްޗެއްގެ އަސްލު ކަމުގައި ބުނެވިދާނެ އެވެ. އިންސާނާގެ ހަށިގަނޑު ވެސް އުފެދިފައިވަނީ އެތައް މިލިއަން ސެލް (Cell)ތަކެއް އެއްވެގެންނެވެ. ކޮންމެ ސެލްއަކަށްމެ، އެއަށް ޚާއްޞަ ވަޒީފާތަކެއް ލިބިފައި ވެއެވެ. ގުނަވަނެއް އުފެދެނީ ގުޅުންހުރި ސެލްތަކެއްގެ ގުރޫޕެއް އެއްވުމުންނެވެ. މިސާލަކަށް މޭގަނޑު އުފެދިފައިވަނީ ''ހެޕަޓޯސައިޓްސް'' (Hepatocytes) އޭ ކިޔޭ ސެލްތަކަކުންނެވެ. ނިޒާމެއް އުފެދެނީ ގުޅުންހުރި ގުނަވަން ތަކެއް އެއްވުމުންނެވެ. މިސާލަކަށް ނޭވާލާ ނިޒާމް އުފެދިފައިވަނީ ފުއްޕާމޭ، ވައިނޮޅި، ނޭފަތް ފަދަ ގުނަވަންތައް ގުޅިގެންނެވެ. އިންސާނަކު ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމަށް ހަށިގަނޑުގައިވާ ހުރިހާ ނިޒާމްތަކެއް އޭގެ ވަޒީފާ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެއެވެ.

ހަށިގަނޑުގެ ތަނަކަށް ނުވަތަ ބަޔަކަށް ބައްޔެއްގެ ސަބަބުން ނުވަތަ އަނިޔާއެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ އެތަނެއްގައި ހުންނަ ސެލްތައް ހަލާކުވެ ދެއެވެ. އެއާއި އެކު މުޅިން އާސެލްތައް އުފެދެން ފަށައެވެ. ހަލާކުވި ތަނެއް ރަގަޅުވަނީ އެތަނެއްގައި ހުރި ވައްތަރެއްގެ އާސެލްތައް އުފެދި ފުރިހަމަ ވުމުންނެވެ. މިގޮތުން ހަލާކުވެ، ނެތިދިއުމަށް ފަހު އެތަނެއްގައި އާސެލް އުފެދޭ ގޮތަށް ރިއާޔަތް ކޮށް އިންސާނާގެ ހަށިގަނޑުގެ ސެލްތައް މައިގަނޑު 3ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ އަންނަނިވި 3ބަޔެވެ.

1- ހަރަކާތްތެރި ސެލްތައް(Labile cells)

މިއީ އަބަދުވެސް އާވެ އާވެ ހުންނަ ސެލްތަކެކެވެ. މިވައްތަރު ގެ ސެލްތައް ގިނަދުވަސްވެ، ހަލާކުވާ ވަރަކަށް އޭގެ އާ ސެލްތައް އުފައްދަ އެވެ. މިވައްތަރުގެ ސެލްތައް ހުންނަނީ ހަންގަނޑު، އަގަ، ކަރުތެރެ، އަޑުފޮށި، ކާތަކެތި ހިގާ ހޮޅި، ރަހިމުގެ ކަރު، ރަހިމް، ނޭވާލުމުގެ ނިޒާމް، ހަޖަމުކުރުމުގެ ނިޒާމް، ކުޑަކަމުދާ ނިޒާމް، އަދި ކަށީގެ މަދު ފަދަ ތަންތާގައެވެ. ކަށީގެ މަދުން އަބަދުވެސް ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް އާ ސެލްތައް އުފައްދަމުން ގެންދެއެވެ. ހަމަ މިހެން ގައިގެ ހަންފޮޅި، ހަންގަޑު ނެއްޓި ދާހިނދު، ހަމުގެ ސެލްތައް އާވެ، އާހަންގަނޑެއް އުފެދި ދެއެވެ.

2- ސާބިތު ސެލްތައް (Stable Cells)

މިއީ ހަށިގަނޑަށް އޭގެ ބޭނުން ޖެހުމުން އާވެ އިތުރުވާ ސެލްތަކެކެވެ. ފުރިހަމަ ގޮތުގައި ހަށިގަނޑު ހުންނަ އިރު މިވައްތަރުގެ ސެލްތައް އިތުރެއް ނުވާނެ އެވެ. މިވައްތަރުގެ ސެލްތައް ހުންނަނީ މޭގަނޑު، ކުޅުއުފައްދާ ގޮށްތަކާއި، ގުރުދާގެ ހޮޅިތަކާއި، ޕެންކްރިއާސް ފަދަ ގުނަވަންތަކުގައެވެ. ކަށި އަދި އެއާއި ގުޅިފައިވާ ކާރޓިލޭޖް ތަކުގައި ވެސް ހުންނަނީ މިވައްތަރު ގެ ސެލްތަކެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ގޮތަކުން ވިޔަސް މިބުނި ގުނަވަންތަކުން ތަނެއް ހަލާކުވެއްޖެނަމަ އެތަނެއް ފޫބައްދައި ރަގަޅުކުރުމަށް އާސެލްތައް އުފައްދާނެ އެވެ.

3- ދާއިމީ ސެލްތައް(Permanent Cells)

މިއީ އުފެދި ފުރިހަމަވުމަށް ފަހު ދުވަހަކު ވެސް އާނުވާ ސެލްތަކެކެވެ. އެހެންކަމުން މިވައްތަރުގެ ސެލްތައް ދުވަހަކު ވެސް އިތުރެއް ނުވާނެ އެވެ. މިވައްތަރު ގެ ސެލްތައް ހުންނަނީ ނާރުތަކުގެ ނިޒާމް، އަދި ހިތުގެ މަސްތަކާއި، ހަށިގަނޑުގެ ކަށިތަކާއި ގުޅިފައިވާ މަސްތަކު ގައެވެ. ސިކުނޑިއަށް ލިބޭ ގެއްލުން ރަގަޅު ނުވަނީ މިސަބަބާއި ހުރެއެވެ.

ކެންސަރު

ކެންސަރަކީ ކޮބާ ؟

ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.

ކުރިން ބުނިހެން ހަށިގަނޑުގެ ސެލްތަކަކީ ވަކި އުސޫލެއްގެ ދަށުން ނެތި، އާވެދާ ސެލްތަކެކެވެ. މިގޮތަށް ސެލްތައް ދުވަސްވުމުން ނެތި، އާވަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ.އަދި ވަކި ތަރުތީބަކާއި ހަމަތަކެއްގެ ދަށުންނެވެ. ބައެއް ފަހަރު މިގޮތަށް އާވެދާ ސެލްތައް އެއްވެސް އުސޫލެއް، ނުވަތަ ގަވާއިދެއް ނުވަތަ ހަމައެއް ލަމައެއް ނެތި އާވެ، އިތުރުވެ، ގިނަވަމުން އާދެއެވެ. މިބުނި އުސޫލުން އިތުރުވެ، ބޮޑުވަމުންދާ ސެލްތަކުގެ ފުނިވަރަކަށް ކިޔަނީ ''ޓިއުމަރ''(Tumour)އެވެ. ޓިއުމަރ ހަށިގަނޑުގައި ބޭނުމެއް ނެތް ''ގަނޑު''އެއް، ނުވަތަ ''ދުޅަ''އެއް އުފައްދައެވެ. އެހެންކަމުން ޓިއުމަރ އަކީ ހަށިގަނޑުގައި އުފެދޭ ''ދުޅަ''އެކެވެ. އަދި ކެންސަރަކީ މިފަދަ ދުޅައިގެ ވައްތަރެކެވެ. ޓިއުމަރ އުފެދުމަށް ''ގަނޑުލުން'' މިހެން ކިއިދާނެ އެވެ. އަދި ޓިއުމަރ އަށް ''ގަނޑު'' މިހެން ވެސް ކިޔައި އުޅެއެވެ.

(ނޯޓް: ދިވެހިން އާންމުކޮށް ''ގަނޑުލުން'' ކިޔަނީ ''ގޮށްލުން'' މިކަމަށް ނިސްބަތް ކޮށެވެ. ގޮށްލުމަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެތުރިފައިވާ ލިމްފް ގޮށްތައް ދުޅަވުމަށް ކިޔައި އުޅޭ ބަހެކެވެ. އެހެން ކަމުން ކެންސަރާއި ވިދިގެން ގަނޑުލުން އަދި އާންމުކޮށް ކިޔައިއުޅޭ ގޮށްލުން މިއީ މުޅިން ތަފާތު ދެކަމެކެވެ. ނަމަވެސް ލިމްފް ނޯޑްތަކަށް ކެންސަރު ޖެހި ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. )

ކެންސަރުގެ އިލްމީ ތައުރީފަކީ '' އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް(ކޮންޓްރޯލްނުވާ ވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ''.

މިބުނި އުސޫލުން އުފެދޭ ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ''ބިނައިން ޓިއުމަރ'' (Benign Tumour) އަދި ''މެލިގްނަންޓް ޓިއުމަރ''(Malignant Tumour)ވެ. މިދެވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ ''މެލިގްނަންޓް ޓިއުމަރ'' އަށެވެ.އަދި ކެންސަރު ގެ އަސަރު ފޯރާފައިވާ ސެލްތަކަށް ''މެލިގްނަންޓް ސެލް''(Malignant cells) އޭ ކިޔައެވެ. ޓިއުމަރ އަށް ކާނާ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.

ބިނައިން ޓިއުމަރ (Benign Tumour)

މިއީ ވަރަށް މަދުން މެނުވީ ހަށިގަނޑަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ޓިއުމަރ އެއް ނޫނެވެ. އަދި މިއީ ހަށިގަނޑު އެހެން ބައިތަކަށް ފެތުރޭ އެއްޗެއް ނޫނެވެ. އޮޕަރޭޝަން ކޮށްގެން މިފަދަ ޓިއުމަރ ގެ އަސަރު އެއްކޮށް ދުއްވާލެވެ އެވެ. އަދި އެގޮތަށް އޮޕަރޭޝަން ކޮށްގެން ނެގުމަށްފަހު އަލުން މިވައްތަރުގެ ޓިއުމަރ އާލާވުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ޓިއުމަރ ސައިޒުން ކުޑަވާނެ އެވެ. އަދި ބޮޑުވަމުން އަންނާނީ ވަރަށް ލަސްލަހުންނެވެ. މިފަދަ ޓިއުމަރ ގެ ސަބަބުން ކާތަކެތި ހިގާހޮޅި(Oesophagus)އަދި ގުރުދާ އިން މަސާނާއަށް ކުޑަކަމުދާތަކެތި ގެންދާ ހޮޅި(Ureter)ފަދަ ގުނަވަންތައް ބެދުމަކީ މެދުވެރިވެދާނެ ކަމެކެވެ.

މެލިގްނަންޓް ޓިއުމަރ(Malignant Tumour)

އާންމު ގޮތެއްގައި ކެންސަރޭ ބުނެވެނީ މެލިގްނަންޓް ޓިއުމަރ އަށް ނިސްބަތް ކޮށެވެ. ކެންސަރަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ހަށިގަނޑުން ވަކި ކުރި ނަމަވެސް އަލުން އުފެދުމަކީ އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރު ގެ ދުޅަ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް އަވަސްކަމާއި އެކު، ފެތުރި އެބައިތައް ހަލާކު ކޮށްލައެވެ. ލޭ، ސިކުނޑިއާއި، ސްޕައިނަލް ކޯޑްގެ ވަށައިގެންވާ ދިޔަ(CSF)އަދި ހަށިގަނޑުގައިވާ ލިމްފް ހޮޅިތަކުގެ އެހީގައި ކެންސަރު ހަށިގަނޑުގެ ދުރު ބައިތަކަށް ފެތުރި، އެތަންތަނަށް ބާރު ގަދަކޮށް، އަދި އެތަންތާގައި ވެސް އާ ޓިއުމަރ ތަކެއް އުފައްދައެވެ. ކެންސަރު ޖެހުމަށް ފަހު އޭގެ ބާރު މުޅިހަށިގަނޑަށް ގަދަވެގެން ދަނީ މިބުނި އުސޫލުންނެވެ. ކެންސަރު ގެ އާޚިރު ނަތީޖާ އަކަށް ވަނީ ''މަރުވުމެވެ''.

ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކަންތައްތައް ނުވަތަ ސަބަބުތައް

ގިނަ ކެންސަރު ތަކަކީ ސަބަބު ނޭގި، އޭގެ ޒާތުގައި އުފެދެން ފަށާ އެއްޗެކެވެ. އެގިފައިވާ ކެންސަރު އުފައްދާ މާއްދާ(Carcinogen)އެއްގެ ސަބަބުން ޖެހެނީ ވަރަށް މަދު ބާވަތެއްގެ ކެންސަރެކެވެ. މިބުނި ''ކާސިނޯޖެން'' ނުވަތަ މާއްދާ ހަށިގަނޑުގައި ހުންނަ ތަބީއީ ސެލްތައް ''ލޭޓެންޓް'' (ވަންހަނާވެފައިވާ/ފޮރުވިފައިވާ / ހަމަހިމޭން) ޓިއުމަރ ސެލްތަކަށް ބަދަލުކުރުވައެވެ. މިއީ ''ޓިއުމަރ ގެ ފެށުން''(Tumour initiation)ކަމުގައި ބެލެވެއެވެ. މިބަދަލުގެ ތެރޭގައި އެ ސެލްތަކުގައި ހިމެނޭ ޑީއެންއޭ މޮލިކިއުލް ތަކަށް ވެސް ބަދަލު ގެނުވައެވެ. ފަހުން މިބުނި ލޭޓެންޓް ޓިއުމަރ ސެލްތައް ކާސިނޯޖެން އެއް ނުވަތަ އެނޫން މާއްދާއެއްގެ އަސަރު ފޯރުމުން ހިލިގަނެ، އިތުރުވެ، ޓިއުމަރ އެއްގެ ސިފަ ޖެހެން ފަށައެވެ. މިގޮތަށް ވުމަށް ކިޔަނީ '' ޓިއުމަރ ކުރިފަޅައިގެން އައުން ނުވަތަ ޓިއުމަރ ކުރިއެރުން'' ނުވަތަ (Tumour promotion)' މިހެންނެވެ.

ކެންސަރު ޖެހޭ ވަކިސަބަބެއް ކުރިން ބުނިހެން ބުނަން ނޭގުނަސް އެކަމަށް މަގުފަހިކުރުވާ ކަންތައްތަކެއް ވާކަން ގަބޫލުކުރަން ޖެހެއެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމާއި، އަދި އެކަންކަމާއި ކެންސަރާއި ގުޅުން ހުރި މިންވަރު ތިރީގައި މިވަނީ އެވެ.

1- އުމުރު

ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް އުމުރުން 50އަށްވުރެ މައްޗަށް ގޮސްފައި ތިބޭ މީހުންނަށް ކެންސަރު ޖެހޭ މިންވަރު އިތުރުކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. ކެންސަރު ޖެހިގެން މަރުވާ ގިނަމީހުންގެ އުމުރު އުޅެނީ 70-50އަހަރާއި ދެމެދުގައެވެ. ކުޑަކުދިންނާއި، ފުރާވަރު އުމުރު އަދި ޒުވާން އުމުރާއި، މެދުއުމުރުގެ މީހުންނަށް ވެސް ކެންސަރު ޖެހުމަކީ ވެދާނެ ގޮތެކެވެ.

2- ޖިންސް

ދެޖިންސް ގެ މީހުންނަށް ވެސް ކެންސަރު ޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް އެކި ވައްތަރުގެ ކެންސަރު ޖެހޭ ނިސްބަތް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ތަކެއް ހުރެދާނެއެވެ. މިސާލަކަށް ފުއްޕާމޭގެ ކެންސަރު، އަދި އަގައިގެ ކެންސަރު، ފިރިހެނުންގެ މެދުގައި އާންމު ކަން ފާހަގަ ކުރެވެއެވެ. އުރަމަތީގެ ކެންސަރު އަދި ތައިރޮއިޑް ގްލޭންޑް ގެ ކެންސަރު އަންހެނުންގެ މެދުގައި އާންމު ކަން ފާހަގަކުރެވެއެވެ.

3- ނަސްލާއި ކުލަ

ހުރިހާ ނަސްލެއް އަދި ހަންގަނޑު ކޮންމެ ކުލައެއްގެ މީހަކަށް ވެސް ކެންސަރު ޖެހިދާނެއެވެ. ނަމަވެސް ބައެއް ބާވަތުގެ ކެންސަރު ވަކި ނަސްލެއް ނުވަތަ ވަކި ކުލައިގެ ހަންގަނޑެއް ލިބިފައިވާ މީހުންގެ މެދުގައި ގިނަވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ހަމުގެ ކެންސަރު ހަންގަނޑު ދޮން ނުވަތަ ކުލަ އަލި މީހުންގެ މެދުގައި އާންމު ކަން ފާހަގަ ކުރެވިފައި ވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ރަހިމުގެ ކަރު ގައި ކެންސަރު އުފެދޭ ނިސްބަތް ދޮންމީހުންނަށް ވުރެ ކަޅުމީހުންގެ މެދުގައި ގިނަކަން ވަނީ ފާހަގަކުރެވި ފައެވެ.

4- ޒަވާޖީ ހަޔާތާއި، ވިހެއުން

ޒަވާޖީ ހަޔާތެއް ފެށުމަކީ ބައެއް ކަހަލަ ކެންސަރު ޖެހުމާއި ދުރުކޮށްދޭ ކަމެކެވެ. މިސާލަކަށް މީހަކާއި ނީދެ ތިބޭ އަންހެނުންނަށް މީހަކާއި އިދެގެން އުޅޭ އަންހެނުންނަށް ވުރެ، އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. އަދި ގާތުން ކިރުދޭ މައިންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވެއެވެ. މާ އަވަހަށް މީހަކާއި އިނުމަކީ ރަހިމުގެ ކަރަށް ކެންސަރު ޖެހުމުގެ މަގުފަހިކުރުވާ ކަމެއްކަމުގައި ބުނެވެއެވެ.

5- ވާރުތަވުން

ކަނޑައެޅިގެން ކެންސަރު ވާރުތަކުރެއޭ ބުނާކަން ނޭގެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ކެންސަރު އެއް އާއިލާއެއްގެ ފަރުދުންގެ މެދުގައި އާންމުކަން ފާހަގަކުރެވިފައި ވެއެވެ. އަދި ބައެއް ވައްތަރުގެ ކެންސަރާއި ކްރޯމޯސޯމް އަށް ލިބިފައިހުރި ގެއްލުމަކާއި، ނުވަތަ ޖީން އަކަށް އައިސްފައިވާ ބަދަލަކާއި، ގުޅުން ހުރެދާނެ ކަމުގައި ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިސާލަކަށް ލޭގެ ކެންސަރު އަދި ލިމްފް ގޮށްތަކަށް ޖެހޭ ކެންސަރާއި، ކްރޯމޯސޯމް ގައި އުފެދިފައި ހުރި އައިބަކާއި ގުޅުން ހުންނަކަމަށް ބެލެވިފައި ވެއެވެ. އެހެންކަމުން ކެންސަރަކީ ކަނޑައެޅިގެން ވާރުތަކުރާ ކަމެއް ކަމަށް ނުވިޔަސް ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަންތައްތައް ވާރުތަކޮށްދޭ ކަމަށް ބެލެވެއެވެ.

6- ދިރިއުޅުމުގެ ހާލަތު ނުވަތަ ފެންވަރު

ބައެއް ބާވަތުގެ ކެންސަރަކީ މެދުފަންތީގެ ނުވަތަ އާދައިގެ މިންވަރެއްގައި ދިރިއުޅުމުގެ ހާލަތު ހުންނަ މީހުންނަށް ޖެހޭ ކެންސަރެކެވެ. ބައެއް އެހެނިހެން ވައްތަރުގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންނަށް ޖެހޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް ހަމުގެ ކެންސަރު، އަދި ބަނޑުގެ ކެންސަރު ޖެހޭ މިންވަރު މެދުފަންތީގެ ނުވަތަ އެއަށްވުރެ ދިރިއުޅުމުގެ ފެންވަރު ދަށް އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަން ފާހަގަ ކުރެވެއެވެ. އުރަމަތީގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަމަށް ފާހަގަ ކުރެވެއެވެ.

7- މަސައްކަތުގެ ވެށި

ދަނޑުވެރިންނާއި، މަސްވެރިން ފަދަ ގިނަވަގުތު އަވީގައި އުޅެން ޖެހޭ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. ކާޕެންޓްރީ، ފަދަ ތަންތާގައި މަސައްކަތް ކުރާ މީހުންނަށް ނޭފަތާއި، އަދި ނޭވާލާ ނިޒާމްގެ ބައިތަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

8- ގެންގުޅެވޭ އާދަކާދަތައް

(ހ)- ދުންފަތުގެ އިސްތިއުމާލު ކުރުން: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

(ށ)- ރާބުއިން: ރަލާއި، ރާއެކުލެވޭ ބުއިންތައް ބޭނުންކުރުމަކީ އަގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށް ދޭ ކަމެކެވެ.

(ނ)- ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ: މާގިނައިން ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ ބޭނުންކުރުމަކީ އަގަޔާއި، ބަނޑާއި، އަދި ކާތަކެތި ހިގާހޮޅިއަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

(ރ)- ޚިތާނުކުރުން: ޚިތާނުކޮށްފައި ތިބޭ މީހުންނަށްވުރެ ޚިތާނު ނުކޮށް ތިބޭ މީހުންގެ ފިރިހެން ހަށި ނުވަތަ ޖިންސީ ގުނަވަނަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

9- ކެމިކަލް އަދި ބައެއް އެހެނިހެން މާއްދާތައް

1- ސިގިރެޓްގައި ހުންނަ ''ޓޮބާކޯ''އޭ ކިޔޭ މާއްދާއަކީ ފުއްޕާމެޔާއި، އަގަޔާއި، ފުރަމޭ އަދި ކުޑަކަމުދާ ނިޒާމުގެ ބައިތަކަށް ކެންސަރު ޖެހުމުގެ ސަބަބެއް ކަމުގައި ބެލެވެއެވެ.

2- ''ފަންގަސް'' އިން އުފެދޭ ކެމިކަލް ބާވަތެއް ކަމުގައިވާ ''އަފްލަޓޮކްސިން'' އަކީ ފުރަމޭގެ ކެންސަރު ޖެހުމުގެ އެހީތެރިވެދޭ މާއްދާއެއް ކަމުގައި ތަޖުރިބާކާރުން ހާމަކުރެއެވެ.

3- ހޯރމޯން: އެސްޓްރޯޖެން އަކީ ''އެންޑޯމީޓްރިއަމް''( ރަހިމުގެ އެތެރެން ލެވިފައިވާ ތުނި ދުލިފަށަލަ )ގެ ކެންސަރުޖެހުން އިތުރުކޮށްދޭ ހޯރމޯން އެކެވެ. އެންޑްރޯޖެން އަކީ ފުރަމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރު ޖެހުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ.

4- ބައެއް ބާވަތުގެ ފޮނިކާނާ މާގިނައިން ބޭނުން ކުރުމުން މަސާނާ ކެންސަރު ފަހަރުގައި ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

5- އެސްބެސްޓޯޒް އޭ ކިޔޭ ކެމިކަލް މާއްދާއަކަށް ހުށަހެޅުމަކީ ފުައްޕާމެޔާއި، އޭގެ ވަށައިގެންވާ ފަށަލައަށް ކެންސަރު ޖެހުމުގައި އެހީތެރިވެދޭ ކަމެކެވެ. ހަމަމިހެން ''ނިކެލް'' އަދި ''ކްރޯމިއަމް'' އަކީ ވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގައި އެހީވެދޭ މާއްދާތަކެކެވެ. ވިހާރަކަ ނުވަތަ އާރސެނިކް ގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމަށް ވެއެވެ.

6- ވައިރަސް: ބައެއް ކަހަލަ ވައިރަސް ތަކުގެ ސަބަބުން، ނޭފަތާއި، ކަރުތެރެ، ލޭ، މޭގަނޑު ނުވަތަ ފުރަމޭ، އަދި އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމަށް ބުނެވެއެވެ.

7- އިރުގެ އަލިން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކުގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެންދާ ކަމުގައި ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އަޔޮނައިޒިންގ ރޭޑިއޭޝަން ގެ ސަބަބުން ލޭ، އަދި ހަމާއި، ފުއްޕާމޭގެ ކެންސަރު ޖެހޭކަން ފާހަގަކުރެވެއެވެ.

ކެންސަރާއި ގުޅިގެން މަރާއި ހަމައަށް މީހާގެ ހާލަތު ގެންގޮސްދޭ ބައެއް ސަބަބުތައް

1- ލޭދަށްވުން: މިކަން ކުރިމަތިވަނީ ކަށީގެ މަދަށް ކެންސަރުގެ އަސަރު ފޯރުން، ޓިއުމަރ އުފެދިފައިވާ ތަނުގައި ފާރު އުފެދި، ލޭބޭރުވުން، ފޮލިކް އެސިޑް މަދުވުން( ޓިއުމަރ ސެލްތައް ފޮލިކް އެސިޑްގެ ބޭނުން ހިފުމުން)، ލޭގައި ދަނގަޑުގެ ބައި މަދުވުން، ފަދަ ކަންތައް ތަކުގެ ސަބަބުންނެވެ.

2- ކާނާ ގޯސްވުން: މިއީ ހަޖަމުކުރާ ނިޒާމަށް ކެންސަރުގެ އަސަރު ފޯރުމުން ކާތަކެތި ދިރުވުމާއި، ހަޖަމުކުރުމަށް، އަދި ކާނާ ހަށިގަނޑަށް ނެގުމަށް ހުރަސް އަޅާތީ މެދުވެރިވާ ކަމެކެވެ.

3- ގުރުދާ ފޭލްވުން: މިއީ ނަސްލު އުފައްދާ ނިޒާމް އަދި ކުޑަކަމުދާ ނިޒާމް އަދި ފުރަގަސްފަރާތުގައި ޓިއުމަރ އުފެދި ކުޑަކަމުދާ ނިޒާމްގެ ބައިތައް ބެދުމުން ކުރިމަތިވާ ކަމެކެވެ.

4- ރީދޫ ވުމާއި މޭގަނޑު ފޭލްވުން: މިއީ މޭގަނޑު، ޗިސްމޭ، އަދި ޕެންކްރިއާސް ގައި ޓިއުމަރ އުފެދުމުން މެދުވެރިވާ ކަމެކެވެ.

5- ސިކުނޑީގެ ޕްރެޝަރ އިތުރުވުމާއި، ސިކުނޑީގައިވާ އަސާސީ މަރުކަޒުތައް ޕްރެޝަރގެ ސަބަބުން ފެތޭގޮތްވުން: މިއީ ސިކުނޑީގައި އުފެދޭ ޓިއުމަރގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

6- ހަށިގަނޑު އަނަރޫފަވުން: މިއީ ހަލާކުވެފައިވާ ޓިއުމަރ ސެލްތަކުން ބޭރުކުރާ ވިހައިގެ ސަބަބުން، ލޭދަށްވުން، ކާނާ ގޯސްވުން، އަދި ތަފާތު ގުނަވަންތައް ފޭލްވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ކެންސަރަށް ދެވޭ ފަރުވާ

ކެންސަރަށް ދެވޭ ފަރުވާ އަކީ ކޮބާ؟

ކެންސަރަށް ދެވޭ ފަރުވާ މައިގަނޑު 3ބަޔަކަށް ބެހިގެންވެއެވެ. އެއީ އޮޕަރޭޝަން ކޮށްގެން ކެންސަރު ޖެހިފައިވާ ބައި، ކަފައި ނެގުމާއި، ކީމޯތެރަޕީ ހެދުން، އަދި ރޭޑިއޭޝަން ތެރަޕީ ހެދުމެވެ. ބައެއް ވައްތަރުގެ ކެންސަރަށް ފަރުވާ ކުރުމަށް މި 3ގޮތް ވެސް ބޭނުންކުރެވެއެވެ.

1- އޮޕަރޭޝަން ކުރުން

އޮޕަރޭޝަން ކުރުން ބިނާވެފައި އޮންނަނީ ކެންސަރުގެ ބާވަތާއި، ޖެހިފައިވާ މިންވަރު ނުވަތަ ފެތުރިފައިވާ މިންވަރުގެ މައްޗަށެވެ. މިގޮތުން އެންމެ ފުރަތަމަ ޖެހެނީ ''ބައިއޮޕްސީ'' ހަދާށެވެ. ބައޮޕްސީ ހެދުމުގެ މާނައަކީ ހަށިގަނޑުގެ ގުނަވަނަކުން ކުޑައެތިކޮޅެއް ވަކިކޮށްގެން ނެގުމެވެ. މިގޮތުން ކެންސަރު ޖެހިފައިވާ ގުނަވަނުން ނެގޭ ސާމްޕަލް ޓެސްޓް ކޮށްގެން އެހިސާބަށް ޖެހިފައިވާ ކެންސަރުގެ ހާލަތު ދެނެގަނެވިދާނެއެވެ. އޮޕަރޭޝަން ކުރާ އިރު ނެގެން އޮތް އެންމެ ބޮޑުމިނަކަށް ނުވަތަ މިންވަރަކަށް ކެންސަރު ޖެހިފައިވާ ބައި ނެގޭތޯ ބަލައެވެ.

2- ކީމޯތެރަޕީ

މިއީ ކެންސަރުގެ ސެލްތައް މަރާލުމަށް ނުވަތަ ކެންސަރު ފެތުރިގެން ދިއުން ހުއްޓުވުމަށް ބޭނުންކޮށް އުޅޭ ބޭހުގެ ފަރުވާ އެވެ. ތަފާތު ވައްތަރުގެ ކެންސަރު ސެލްތައް އިޖާބަދޭނީ ތަފާތު ބޭސްތަކަށެވެ. އެހެންކަމުން ހުރިހާ ވައްތަރެއްގެ ކީމޯތެރަޕީ އެއްގޮތެއް ނުވާނެ އެވެ. ބައެއް ފަހަރު އެކަށޭނަ ނަތީޖާއެއް ކީމޯތެރަޕީ ގެ އެހީގައި ހޯދުމަށްޓަކައި، ތަފާތު އަށެއްކަ ބޭސް ވެސް އެއްފަހަރާ ބޭނުންކުރަން ޖެހިދާނެ އެވެ.

ބައެއް ފަހަރު ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭހުގެ ސަބަބުން ''ނުރަގަޅު އަސަރެއް'' ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިއަދު ބޭނުންކުރެވޭ ކީމޯތެރަޕީ ގެ ސަބަބުން ކުރިމަތި ވަނީ ވަރަށް ކުދި ކުދި އާދައިގެ އުދަގޫ ތަކެވެ. މިގޮތުން ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި ހޮނޑުލެވުން، ބޭރަށް ހިންގުން، ގައިގެ ވަރު ދެރަވުން، އިސްތަށި ފޭބުން، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އިސްތަށި ފޭބުން ފަދަ މައްސަލަތައް ފަރުވާ ކުރުން ހުއްޓާލުމުން ރަގަޅު ވެއެވެ. ދިފާއީ ބާރު ދަށްވުމުން ބަލިތަކަށް ހުށަހެޅޭލެން ފަސޭހަ ވެފައި، އަދި ފަސޭހަވުން ލަސްވެއެވެ. ކީމޯތެރަޕީގެ ސަބަބުން ދިމާވާ އުދަގޫތަކުން މިންޖުވުމަށް ބޭސް ވެސް ބޭނުންކުރެވިދާނެ އެވެ.

ވަރަށް ގިނަ ފަހަރު އޮޕަރޭޝަނަށް ފަހު ކީމޯތެރަޕީ ހަދަން ޖެހެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކޮށްގެން ނެގި ނަމަވެސް ކެންސަރުގެ އަސަރު އެކުލެވޭ ސެލްއެއް ހުރިނަމަ އެ ސެލްއެއް ނައްތާލުމެވެ. ހަމަމިހެން އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ބައެއް ފަހަރު ކީމޯތެރަޕީގެ ފަރުވާ ދެވެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން އޭގެ ކުރިން ޓިއުމަރ ހިންދާލުމެވެ.

އެއް ނަޒަރަކުން ބަލާއިރު ކީމޯތެރަޕީ އަކީ ކެންސަރުގެ ސެލްތައް ވިހަކޮށް މަރާލާ ކެމިކަލް ތަކެކެވެ. މިކެމިކަލްތަކަށް ''ސެލްތައް ވިހަކުރުވަނިވި ކެމިކަލް'' އޭ ކިޔައެވެ. އެންމެ ފުރަތަމަ ކީމޯތެރަޕީ ތައާރަފު ވެގެން އައި ދުވަސްވަރު ''ރެވި ގޭސް'' ކީމޯތެރަޕީ ހެދުމަށް ބޭނުންކުރެވުނެވެ. މިބުނި މާއްދާ އަކީ ފުރަތަމަ ބޮޑުހަގުރާމައިގައި ކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވުނު މާއްދާއެކެވެ.

ކޮންމެ ގޮތަކުން ބެލިޔަސް ކެންސަރުގެ ސެލްތަކަށް ވިހަކުރުވަނިވި ކޮންމެ އެއްޗަކީ ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހުރި ނުރައްކާއެއް ކަމުގައި ދަންނަށް ޖެހެއެވެ. މާނައަކީ ކެންސަރުގެ ސެލްތައް މަރާލުމަށްޓަކައި ކީމޯތެރަޕީ ހަދާއިރު މަދުން ނަމަވެސް ހަށިގަނޑުގައި އެކުލެވޭ ދުޅަހެޔޮ ސެލްތައް ވެސް މަރުވެދެއެވެ. ކެންސަރު ޖެހިފައިވާ ސެލްތަކާއި، ސަލާމަތުން ހުރި ސެލްތައް ދެނެގަންނާނެ މައިގަނޑު ގޮތަކީ އެދެވައްތަރުގެ ސެލްތައް ވެސް އިތުރުވެ، ބައިބައިވެ، ބޮޑުވާ ބާރުމިން ބެލުމެވެ. އާންމުގޮތެއްގައި ކެންސަރުގެ ސެލްތައް އިތުރުވެ، ބޮޑުވާލެއް އަވަސްވާނެއެވެ. ޓިއުމަރ ނުވަތަ ގަނޑެއްގެ ސިފައިގައި ކެންސަރުގެ އަސަރު ފާޅުވަނީ މިސަބަބަށްޓަކައެވެ.

އާންމުގޮތެއްގައި ކީމޯ ތެރަޕީގެ ފަރުވާ ދެވެނީ އިންޖެކްޝަން ނުވަތަ އައި.ވީ ގުޅައިގެން އޭގެ ޒަރީއާއިން ދެވޭ ތިއްކެއްގެ ސިފައިގައެވެ. ބޭސްތައް ލޭގެތެރެއަށް އިންޖެކްޝަން ޒަރީއާއިން ފޮނުވާލުމުން މުޅިހަށިގަނޑުގައި ދައުރުވާން ފަށައެވެ. އެއަށްފަހު އެއާއި ބައްދަލުވާ ކެންސަރުގެ ސެލްތަކަށް ހަމަލަދެއެވެ. ވަރަށް ގިނައިން ކީމޯތެރަޕީގެ ގޮތުގައި ދެވޭ ބޭހުގެ ތާސީރު ދަށްކުރުމަށްޓަކައި(ޑިލޫޓް)''ސަލީން'' ބޭނުންކޮށްގެން ( އައި.ވީ ގުޅައިގެން ) ހަށިގަނޑަށް ފޮނުވެއެވެ. އެއީ ތާސީރު މަތި ބޭހުގެ ސަބަބުން ލޭހޮޅިއަށް ނުރައްކާތެރި ވިޔަ ނުދިނުމަށް ޓަކައެވެ.

ތަފާތު ބޭސްތަކުގެ ގިނަ ޑޯޒްތަކެއް އެއްފަހަރާ ނަގަން ޖެހިއްޖެ ނަމަ ކޮންމެ ފަހަރަކު ވަކި ވަކިން އިންޖެކްޝަން ޖެހުމުގެ ބަދަލުގައި ލޭނާރަށް ހޮޅިކޮޅެއް ގުޅައި އެހޮޅި ކޮޅު ސިރިންޖް ގައި ހަރުކޮށްފައި ބެހެއްޓިދާނެ އެވެ. މިއީ އިންޖެކްޝަން ޖެހުމުން ލިބޭ ''ހިތްހަމަ ނުޖެހުން'' ކުޑަކުރުމަށް ހެދޭގޮތެކެވެ. ބައެއް ފަހަރު ހަށިގަނޑުގެ ވަކިބަޔަކަށް ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭހުގެ ތާސީރު މަތި(ކޮންސެންޓްރޭޓެޑް) ޑޯޒެއް ދޭން ޖެހިދާނެއެވެ. މިގޮތުން އިންޖެކްޝަން ޖެހެނީ ސީދާ ކެންސަރު ޖެހިފައިވާ ހިސާބު ފާހަގަކޮށް އެހިސާބަކަށެވެ. މިސާލަކަށް މަސާނާ އަށް ކެންސަރު ޖެހުމުން ބޭސް ސީދާ މަސާނާ އަށް ޕަމްޕުކުރެވެއެވެ. މިހާލަތުގައި ކެންސަރު ޖެހިފައިވާ ޓިޝޫތަކަށް އޭގެ އަސަރު ސީދާ ސިފައެއް ގައި ކުރެއެވެ.

އެކި ކެންސަރުގެ ވައްތަރަށް ފަރުވާ ކުރުމަށް ކީމޯތެރަޕީ ހަދަންޖެހޭ މުއްދަތާއި މިންވަރު ވެސް ތަފާތެވެ. ބައެއް ފަހަރު 2 ހަފްތާ އަށް ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ވެސް ފަރުވާ ދެއެވެ. އަނެއްބައި ފަހަރު އެތައް މަސްތަކެއް ވަންދެން ވެސް ފަރުވާ ލިބިގަންނަށް ޖެހެއެވެ.

3- ރޭޑިއޯތެރަޕީ

މިއީ ރޭޑިއޭޝަން ބޭނުންކޮށްގެން ކެންސަރަށް ދެވޭ ފަރުވާ އެވެ. މިގޮތަށް ފަރުވާ ދޭއިރު ކެންސަރު ޖެހިފައިވާ ސެލްތައް ނައްތާލުމަށްޓަކައި ބާރުގަދަ ހަކަތަ އެކުލެވޭ ދޯދިތައް ބޭނުންކުރެވެއެވެ. މިފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރާކަން ނުޖެހެއެވެ. އެކަމަކު ޑަކްޓަރުން އަންގަވާ އުސޫލުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ލިބިގަންނަށް ޖެހެއެވެ.

އާންމު ގޮތެއްގައި ރޭޑިއޭޝަން ގެ ފަރުވާ ދެނީ ހަށިގަނޑުގެ ކެންސަރު ޖެހިފައިވާ ހިސާބަށް އެކަންޏެވެ. ނުވަތަ ކެންސަރުގެ އަސަރު ހުރި ހިސާބަށެވެ. މީގެ ބޭނުމަކީ ރޭޑިއޭޝަންގެ ސަބަބުން ދުޅަހެޔޮ ކަންމަތީ ހުރި ސެލްތައް ހަލާކުވެގެން ދިޔަ ނުދިނުމެވެ. ދެގޮތަކަށް ރޭޑިއޯ ތެރަޕީ ހެދެއެވެ. އެއްގޮތަކީ ހަށިގަނޑުގެ ބޭރުން މެޝިނެއްގެ އެހީގައި ބޭނުންވާ ހިސާބަށް ފަރުވާ ކުރުމެވެ. އަނެއް ގޮތަކީ ހަށިގަނޑުގެ އެތެރޭގައި ބޭނުންވާ ހިސާބެއްގައި ''ރޭޑިއޯ އެކްޓިވް އިމްޕްލާންޓް'' އެއް ބަހައްޓައިގެން ފަރުވާ ދިނުމެވެ.

ރޭޑިއޯ ތެރަޕީ ގެ އަސާސީ ބޭނުމަކީ ހަމައެކަނި އެންމެ ތަނެއްގައި އުފެދިފައި ހުރި ( ފެތުރިފައި ނުވާ މިސާލަކަށް ހަންގަނޑު ނޫނީ އުރަމަތީގައި ހުރި ކެންސަރު ) ޓިއުމަރ އަކަށް ފަރުވާ ކުރުމެވެ. ބައެއް ފަހަރު އޮޕަރޭޝަނަށް ފަހު ރޭޑިއޯ ތެރަޕީ ހަދަން ޖެހެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކޮށްގެން ނެގި ނަމަވެސް ކެންސަރުގެ އަސަރު އެކުލެވޭ ސެލްއެއް ހުރިނަމަ އެ ސެލްއެއް ނައްތާލުމެވެ. ހަމަމިހެން އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ބައެއް ފަހަރު ރޭޑިއޯ ތެރަޕީގެ ފަރުވާ ދެވެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން އޭގެ ކުރިން ޓިއުމަރ ހިންދާލުމެވެ.

މެޝިނެއްގެ އެހީގައި ރޭޑިއޭޝަންގެ ފަރުވާ ދޭނަމަ އާންމުގޮތެއްގައި ކުރުމުއްދަތެއްގެ ތެރޭގައި ތަކުރާރު ކޮށް ފަރުވާ ލިބިގަންނަން ޖެހެއެވެ. މިފަރުވާގެ ވަގުތާއި މުއްދަތު ކަނޑައެޅިފައި އޮންނަނީ ކެންސަރުގެ ވައްތަރު، އޭގެ ސައިޒް، އުފެދިފައި ހުރިތަން، އަދި ޑޮކްޓަރުން އިޚްތިޔާރު ކުރާ ޑޯޒްގެ މައްޗަށެވެ. ފަރުވާ ދެނީ ހަށިގަނޑުގެ އެތެރޭގައި ކެންސަރު އުފެދިފައި ހުރި ހިސާބުގައި ''ރޭޑިއޯ އެކްޓިވް އިމްޕްލާންޓް'' އެއް ބަހައްޓައިގެން ކަމުގައިވާނަމަ އާންމު ގޮތެއްގައި ކުރުމުއްދަތެއް ހޮސްޕިޓަލުގައި އެދުމަތިކޮށްފައި ބާއްވައެވެ.

ރޭޑިއޭޝަން ގެ ފަރުވާ ދިނުމުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ވަރުބަލިވުން، ފަރުވާދެވުނު ހިސާބަކުން އިސްތަށި ފޭބުން، އަދި ހަންގަޑަށް އަވިން އެދުމުން އުފެދޭ ކަހަލަ ބަދަލެއް އާދެއެވެ. މީގެ އިތުރުން ރޭޑިއޭޝަން ގެ ފަރުވާ ދިގުމުއްދަތަކަށް ދިނުމުން ބައެއް ކަހަލަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރު ވެސް ކުރިމަތި ކުރުވައެވެ.

4- އެހެން ބައެއް ފަރުވާތައް

ތަފާތު ކެންސަރު ތަކަށް އެކެންސަރެއްގެ ވައްތަރާއި ގުޅޭގޮތުން ދެވޭ ފަރުވާ ތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ކަށީގެ މަދު ބަދަލުކުރުން، އަދި ހޯރމޯން ބޭނުންކޮށްގެން ދެވޭ ފަރުވާ ފަދަ ކަންތައްތައް ހިމެނެއެވެ.

ކެންސަރުން ރައްކާތެރިވެ ހުރުން

ކެންސަރުން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެވިދާނެއެވެ.

1- ދުންފަތުގެ އިސްތިއުމާލު ނުކުރުން

ދުންފަތަކީ ހުރިހާ މާނައެއް ގައި ވެސް ޞިއްޙަތަށް ގެއްލުން ހުރި އެއްޗެކެވެ. އެހެން ކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ނެގޭ އެންމެ އައުލާކަން ބޮޑު ގަރާރުކަން ޔަގީނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމުން ފުއްޕާމޭ، އަނގަ، މައިދާ، ގުރުދާ، މަސާނާ، އަދި ޕެންކްރިއާސް ފަދަ ގުނަވަންތަކަށް ކެންސަރު ޖެހުން ކުޑަކޮށްދެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ސިގިރޭޓް ބޯ ކޮންމެ ފަހަރަކު 60 އަށްވުރެ ގިނަ ނުރައްކާތެރި މާއްދާތައް ހަށިގަނޑަށް ވާސިލްވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ދުމުގެ ސަބަބުން ފުއްޕާމޭ އަދި ވައި ދަތުރުކުރާ މަގުތަކުގެ އެތެރޭ ކައިރިފަށުގައި މުށިކުލަ އަށް ދަމިލަ ޖަހާގޮތް ވެއެވެ. ނަތީޖާ އެއްގެ ގޮތުން މިދަމިލަ ތަކާއި ވިހަމާއްދާތައް ތަތްވާގޮތް ވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ބަޔަކު އުޅޭ މާހައުލެއްގައި އުޅޭނަމަ އެބައިމީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ވަގުތު ވީހާވެސް އެމީހުންނާއި ދުރުގައި އުޅެވޭތޯ ބަލާށެވެ. އެހެނީ ދުންފަތުގެ އިސްތިއުމާލު ކުރާ ބަޔަކާއި އެކު ތިމާ ވާނަމަ ނުސީދާ ސިފައެއްގައި ތިމާގެ ހަށިގަނޑަށް އޭގެ އަސަރު ފޯރުވައެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ 3000 މީހުން އަހަރެއްގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވެއެވެ.

2- ތަފާތު ބާވަތްތަކުގެ ފައިދާހުރި ކާނާ ބޭނުންކުރުމަށް އާދަކުރުން

ހަށިގަނޑަށް ފައިދާހުރި ކާނާގެ އެކި ބާވަތްތައް ބޭނުންކުރުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާ ކުރާ ފަރާތްތައް ބުނާގޮތުގައި 30އިންސައްތަ ކެންސަރުގެ ބާވަތްތައް ފަލަވުމާއި، ބޭނުންކުރެވޭ ކާނާގެ ބާވަތްތަކާއި ގުޅިފައި ވެއެވެ.

ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތައް ދުވާލަކު މަދުވެގެން 5ފަހަރު ކޮންމެވެސް މިންވަރަކަށް ބޭނުންކުރަން އާދަކުރާށެވެ. ފެހިކަން ގަދަ ތަރުކާރީ އާއި ފަތް ބޭނުންކުރާށެވެ. މިގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް، އާފަލް، ކެރެޓް، ކިއުކަމްބާ، ކޮޕީފަތް، ކެބެޖް، ބްރޮކޮލީ، ސޯޔާބީންސް، ޓޮމާޓޯ، އަދި އެހެނިހެން ބާވަތްތަކުގެ ތޮޅިއާއި ފަތުގެ ބާވަތްތައް ހިމެނެއެވެ.

ވަކިބާވަތެއް ބޭނުންކުރުމުން ކަނޑައެޅިގެން މިވެނި ވައްތަރެއްގެ ކެންސަރުން ހިމާޔަތްކޮށްދޭނޭ ބުނާކަން ނޭގެއެވެ. ނަމަވެސް ބައެއް ވައްތަރު ގެ ކާނާ ބޭނުންކުރުމުން ވަކިވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަން ވަނީ އެގިފައެވެ. މިސާލަކަށް ޓޮމާޓޯ ބޭނުންކުރާނަމަ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހަމަމިހެން ކެބެޖް، ބްރޮކޮލީ، އަދި ކޮލިފްލާވަރ ބޭނުންކުރާނަމަ މަސާނާ، ގޮހޮރު، އަދި ޕްރޮސްޓޭޓް ގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތަކުގައި ފައިބަރ ، ވިޓަމިން، އަދި މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިގެން ވެއެވެ. އެހެން ކަމުން މިފަދަ ބާވަތްތައް ބޭނުންކުރުމުން ގޮހޮރާއި، މައިދާ އަދި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ. ހަމަ މިހެން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތަކުން ވެސް ދުރުކޮށްދެއެވެ.

ފެޓް މަދުމިންވަރަކަށް އެކުލެވޭ ކާނާ އިޚްތިޔާރު ކުރާށެވެ. އެހެނީ ފެޓް ގިނައަދަދަކަށް ހިމެނޭ ކާނާ ބޭނުންކުރުމުން ގޮހޮރު، ރަހިމް، ފުރަގަސްފަރާތް، އަދި ޕްރޮސްޓޭޓް ގްލޭންޑަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރުވައެވެ.

3- ހަށިގަނޑުގެ ބަރުދަން ހަމަހަމަ މިނެއްގައި ހިފެހެއްޓުން

މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވިޔަނުދީ އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބަލާށެވެ. އެހެނީ މާބޮޑަށް ފަލަވުމަކީ ވެސް ވަރަށް ގިނަ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އެހެން ކަމުން އަބަދުވެސް ކޮންމެ ވެސް ކަހަލަ ކަސްރަތެއް ނުވަތަ ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ.

ކަސްރަތު ކްލާހަކަށް ގަވައިދުން ގޮސްގެންވެސް ކަސްރަތު ކުރެވިދާނެ އެވެ. މިފަދަ ގޮތަކަށް ނުދެވޭނަމަ ކޮންމެ ދުވަހަކު ބޭރަށް ނިކުމެ ހިގާލުން، ދުވެލުން ފަދަ ކަމެއް ކުރެވިދާނެ އެވެ. ހަފްތާ އަކު މަދުވެގެން އެއް ފަހަރު ފެތުން ފަދަ ކަސްރަތެއް ކުރުމަކީ ވެސް ރަގަޅު ކަމެކެވެ.

4- ގަދަ އަތްވަށް މާބޮޑަށް ނިކުމެނޫޅުން

އިރުން ފޮނުވާ އަލްޓްރާ ވައިލެޓް ރޭޑިއޭޝަން އަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެކެވެ. ހަމުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ މާއްދާއެއް ވެސް މެއެވެ. މިބުނި ވައްތަރުގެ ދޯދިތައް އެކުލެވިގެން ވަނީ ހެދުނު 10އަކާއި، ހަވީރު 4އަކާއި ދެމެދުގައި އޮންނަ ވަގުތުގައެވެ. ވީމާ ހޫނު ދުވަސްވަރު މިބުނި ގަޑީގައި ބޭރު އުޅޭ ވަގުތު މަދުކުރަން އާދަކުރާށެވެ. ބޭރަށް ނިކުމެ އުޅޭ ނަމަވެސް އަވީގައި ހޭދަކުރުމުގެ ބަދަލުގައި ހިޔާ އޮތްތަނެއް ޚިޔާރު ކުރާށެވެ.

ހަމުގެ ކެންސަރު އާންމުކޮށް ޖެހެނީ މޫނު، ކަންފަތް، އަތް ފައި ފަދަ ގުނަވަންތަކަށެވެ. އެހެންކަމުން އަވީގައި އުޅޭ އިރު މިބުނި ހިސާބުތައް ފޮރުވޭފަދަ ހެދުމެއް ޚިޔާރު ކުރެވިދާނެ އެވެ. ތޮއްޕެއް ބޭނުންކުރުމުން މޫނާއި ކަންފަތް ހިމާޔަތްކޮށް ދެއެވެ.

5- ހަށިގަނޑު ޗެކްކުރުން

އާދަކޮށް ވަކި ގަވާއިދެއްގެ ދަށުން ޑޮކްޓަރަކާއި މަޝްވަރާކޮށްގެން ތިމާގެ ހަށިގަނޑު ޗެކްކުރަން ހަދާން ކުރާށެވެ. ގޮހޮރު، ފުރަގަސްފަރާތް، އަނގަ، އަދި ހަންގަޑު ކެންސަރު ގެ އަލާމާތެއް ހުރިތޯ ޓެސްޓްކޮށް ސްކްރީން ކުރާށެވެ. ފިރިހެނެއް ނަމަ ޕްރޮސްޓޭޓް އަދި އަންހެނެއް ނަމަ ރަހިމުގެ ކަރާއި، އުރަމަތި ޗެކްކުރާށެވެ. މިގޮތަށް އާދަވެ، ޓެސްޓްކޮށް ބަލައި ހެދުމުން ކުރީކޮޅުގައި ކެންސަރު ދެނެގަތުމަށް އެހީއަކަށް ވެއެވެ.

ޑޮކްޓަރުންގެ އެހީއާއި ނުލައި ވެސް އުރަމަތި އަދި ހަންގަނޑަށް ބަދަލެއް އައިސްފައި ހުރިތޯ ބެލިދާނެ އެވެ. މިގޮތުން އުރަމަތި ނުވަތަ ހަންގަނޑު ގެ އެއްވެސް ހިސާބެއްގައި އާންމުކޮށް ނުހުންނަ ބަދަލެއް އައިސްފައި ހުރިތޯ ބަލައި، އަދި އެފަދަ ބަދަލެއް ހުރިކަން ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދައި އިތުރު ޓެސްޓްތައް ހެދިދާނެއެވެ.

 

މައުލޫމާތު: ބީބީސީ.ކޮމް / ސީއެންއެން.ކޮމް/ އަދި އެހެނިހެން ބައެއް ވެބްސައިޓް ތަކާއި ފޮތްތައް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.