ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް މޮނީލިއޭސިސް / ކެންޑިޑިއޭސިސް (Candidiasis / Moniliasis)

މޮނީލިއޭސިސް / ކެންޑިޑިއޭސިސް (Candidiasis / Moniliasis)

std-candida

މޮނީލިއޭސިސް އަކީ ކޮބާ؟

އަންހެނުންގެ ޖިންސީ ގުނަވަނަށް (ވެޖައިނާ) ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު އެއްބައްޔަކީ މޮނީލިއޭސިސް އެވެ. މިއީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ''ކެންޑިޑާ އަލްބިކަންސް''(Candida albicans)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުން ވެސް ފެތުރޭ ބައްޔެކެވެ.

ބޮޑުގޮހޮރުގެ ތެރޭގައި އިންސާނާއަށް އެއްވެސް އުދަގުލެއް އެއިން މެދުވެރި ކުރުވުމަކާއި ނުލައި ''ކެންޑިޑާ'' ދިރިއުޅެއެވެ. އެހެން ނަމަވެސް ފުރަގަސްފަރާތު ދޮރާއި، ކުރިމަތީ ފަރާތު ދޮރު ތަބީއީގޮތެއްގައި ހުންނަލެން ކައިރިކަމުން ފުރަގަސްފަރާތުން ކުރިމަތިފަރާތަށް ''ކެންޑިޑާ'' ވާސިލްވުމަކީ އެކަށީގެންވާ ކަމެކެވެ. ގެއްލުމެއް ނުލިބޭ މިންވަރަކަށް އަންހެނުންގެ ޖިންސީ ގުނަވަނުގެ ތެރޭގައި ވެސް ''ކެންޑިޑާ'' ދިރިއުޅެއެވެ.

ވެޖައިނާއިން ބޭރުވާ ދިޔައިގެ އެސިޑް އެކުލެވޭ މިންވަރު ސާބިތުކަންމަތީ ހުރެއްޖެ ނަމަ އިސްވެ ބަޔާން ކުރެވުނު ދެހާލަތުގައި (ފުރަގަސްފަރާތުން ކުރިމަތި ފަރާތަށް ކެންޑިޑާ ވާސިލްވުން / އަންހެނުންގެ ޖިންސީ ގުނަވަނުގައި ކެންޑިޑާ ހުރުން) ވެސް މޮނީލިއޭސިސް އަލާމާތެއް ނުފެންނާނެއެވެ. އެއީ އެސިޑިޓީ ގެ ސަބަބުން ކެންޑިޑާ ފެތުރުމަށް ހުރަސް އަޅާތީއެވެ. ނަމަވެސް އެއާއިޚިލާފަށް އެސިޑިޓީ ދަށްވެއްޖެނަމަ ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެއްޖެ ނަމަ އަންހެނާގެ ޖިންސީ ގުނަވަން ތެރޭގައި ކެންޑިޑާ ފެތުރި، މޮނީލިއޭސިސްގެ އަލާމާތްތައް ފެންނަށް ފަށައެވެ.

މޮނީލިއޭސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ވެޖައިނާއިން ބޭރުވާ ދިޔައިގެ މިންވަރު އިތުރުވެ، އޭގެ ކުލަ، އަދި ވަސް ބަދަލުވެފައިވާ ކަން ފާހަގަވާނެއެވެ. މިދުވަސްވަރު ބޭރުވާ ދިޔަ ހުންނަނީ ބޯކޮށް ހުދުކުލައިގައެވެ. ނުވަތަ ކިރު ޔޯގަޓް ހުންނަ ކުލައަށެވެ. ވެޖައިނާ ހިމެނޭ ހިސާބުގައި ދިލަނެގުން، ހިރުވައި ކެހުން، އަދި ފަރުޖުގެ ހަންގަޑު ރަތްވެ، ފާރުވުން މިއީ ފެނިދާނެ ބައެއް އަލާމާތްތަކެވެ. ކުޑަކަމުދާތަކެތި ހިގާހޮޅި އަށް ބަލީގެ އަސަރު ފޯރައިފިނަމަ ކުޑަކަމުދެވޭ މިންވަރު އިތުރުވެ، އަދި ކުޑަކަމުދާއިރު ދިލަނަގައި ރިއްސާގޮތް ވެއެވެ. ފަރުޖު ގައި ހިރުވައި ކެހޭގޮތްވަނީ އިންފެކްޝަން

އާއި ފަރުޖުގެ ޓިޝޫތަކާއި ނުގުޅޭ އަސަރު ނުވަތަ އެލާރޖީ ކުރިމަތިވާތީ އެވެ. ބައެއް އަންހެނުންނަށް މިކަން ފާހަގަނުވެ ހިގައިދާނެއެވެ. އެއީ އެކިމީހުންނަށް މޮނީލިއޭސިސްގެ ސަބަބުން އަލާމާތްތައް ފެންނަ ގޮތާއި މިންވަރު ތަފާތުވާތީ އެވެ.

އަންހެނުންނަށް ޖެހޭބީދައިން ފިރިހެނުންނަށް މޮނީލިއޭސިސް ޖެހުމަކީ ނާދިރުކަމެކެވެ. އެއީ ފިރިހެނުންގެ ފުރަގަސްފަރާތު ދޮރާއި، ޖިންސީ ގުނަވަން ދުރުގައި ވާތީއެވެ. ފިރިހެނުންނަށް މޮނީލިއޭސިސް ޖެހެނީ ބަލިޖެހިފައިވާ އަނބިމީހާގެ ކިބައިންނެވެ. ޚިތާނުނުކޮށް ތިބޭ ފިރިހެނުންނަށް ފަސޭހައިން މޮނީލިއޭސިސް ޖެހޭގޮތް ވެއެވެ. އެއީ ޚިތާނުނުކޮށް ހުންނައިރު ފިރިހެންހަށީގެ ކުރީކޮޅުގައިވާ އޮޅިފައިވާ ހަންގަޑުގެ ދަށުގައި ފަސޭހަކަމާއި އެކު ކެންޑިޑާ އޭގެ ހިޔާވަހިކަން ހޯދާތީއެވެ. ހަކުރު ބަލި ޖެހިފައި ތިބޭމީހުންނަށް މޮނީލިއޭސިސް ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ފާހަގަކުރެވިފައި ވެއެވެ.

އަންހެނުންނާއި އަޅާ ބަލާއިރު ފިރިހެނުންނަށް ފެންނަ އަލާމާތްތައް ކުޑައެވެ. އެންމެ އާންމު އަލާމާތަކީ ފިރިހެންހަށީގައި (ކުރިމަތި ފަރާތުގައި) ކެހުން ހުރުމެވެ. ބައެއް ފަހަރު ކުޑަކަމުދާތަކެތި ހިގާހޮޅިގައި އިންފްލެމޭޝަން އުފެދި ސާފު ދިޔައެއް ކުރިމަތި ފަރާތުން ބޭރުވެއެވެ. އަނެއްބައިފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި އަނބިމީހާއަށް ބަލި ވާސިލްވެއެވެ.

މޮނީލިއޭސިސް ޖެހެނީ ކިހިނެއް؟

ކެނޑިޑާ ދިރިއުޅެނީ އެސިޑީޓީގެ އަސަރު ކުޑަ ހޫނު ތެތް ތަންތަނުގައެވެ. އެހެންކަމުން ވެޖައިނާ އަކީ ކެންޑިޑާ އަށް އެންމެ އެކަށޭނަ ވެއްޓެއްނޫނެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަމުގެ ސަބަބުން ވެޖައިނާގެ ތަބީއަތު ބަދަލުވެ އެއީ ކެންޑިޑާ ދިރިއުޅެން އެކަށޭނަ ވެއްޓަކަށް ވެގެންދެއެވެ. މިބުނި ކަންތައްތަކުގެ ތެރޭގައި ބްރޯޑް ސްޕެކްޓްރަމް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުންކުރުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ވެޖައިނާގައި އެކުލެވޭ ފައިދާހުރި ޖަރާސީމްތައް ނެތިގޮސް ނުރައްކާތެރި ޖަރާސީމްތައް އަށަގަތުމަށް މަގުފަހިވެގެން ދެއެވެ. މޮނީލިއޭސިސް ޖެހިފައި ހުރިމީހަކާއި ޖިންސީ ގުޅުން ހިންގުމުން ވެސް ބަލި ޖެހިދާނެއެވެ.

ހަކުރުބަލި ޖެހިފައިވާ ފިރިމީހާގެ ފަރާތުން އަނބިމީހާ އަށް މޮނީލިއޭސިސް ނަގުލުވުން

މޮނީލިއޭސިސް އެކަކު ގައިން އަނެކަކުގެ ގަޔަށް އަރަނީ ޖިންސީގުޅުމުގެ ޒަރީޢާއިންނެވެ. އެހެން ކަމުން ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގައިފިނަމަ ސަލާމަތުން ހުރިމީހާއަށް މޮނީލިއޭސިސް ޖެހެއެވެ. ހަމަމިހެން ބަލިޖެހިފައިވާ ފިރިހެނާގެ ކިބައިން ވެސް ސަލާމަތުން ހުރި އަންހެނަކަށް މިބަލި ފޯރާފާނެއެވެ. ޚާއްސަކޮށް ހަކުރު ބަލިޖެހިފައި ތިބޭ މީހުން ފަރުވާހޯދަމުން ދާ ދުވަސްވަރު އެމީހުންނާއި އެކު އެއްދާން ކުރުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ ހަކުރުބަލީގެ އަހުލުވެރި ފިރިހެނުންނަށް މޮނީލިއޭސިސް ޖެހޭ މިންވަރު އިތުރުކަން ސާބިތުވެފައި ވާތީއެވެ.

ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭސް:

ދޭތެރެދުރުކުރުމަށް ދޭ ގުޅަބޭސް ބޭނުންކުރުމަކީ މޮނީލިއޭސިސް ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިގޮތުން މަތީ ނިސްބަތަކަށް އެސްޓްރޯޖެން ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރުމުން ހަށިގަނޑުގައި އެސްޓްރޯޖެން ހޯރމޯންގެ މިންވަރު މަތިވެ،ޖައިނާއިން ބޭރުވާ ދިޔައިގައި ގްލައިކޯޖެން އެކުލެވޭ މިންވަރު ވެސް އިތުރުވެގެން ދެއެވެ. ގްލައިކޯޖެން އަކީ ހަކުރު ކޮންމެވެސް ވަރަކަށް އެކުލެވޭ ނުވަތަ ހަކުރާއި އެއްގޮތް ގޮތެއް ހުންނަ މާއްދާއަކަށް ވެފައި، އަދި ކެންޑިޑާ އޭގެ ޒާތުގައި ހަކުރުން މުއްސަދިވެފައިވާ ވެއްޓަށް ގަޔާވާ މައިކްރޯބަކަށް ވުމުން މޮނީލިއޭސިސް ޖެހުމަށް މެދުވެރިވަނީ އެވެ. މާބަނޑު ދުވަސްވަރު މޮނީލިއޭސިސް ޖެހެނީ މިބީދައިންނެވެ. ހަމަމިހެން މާބަނޑު ދުވަސްވަރު އެހެނިހެން ބައެއް މައިކްރޯބްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދިފާއީ ބާރު ކުޑަވުމުން ވެސް މޮނީލިއޭސިސް ޖެހޭގޮތްވެއެވެ.

ހަމައެކަނި ޕްރޯޖެސްޓީރޯން ހޯރމޯން އެކުލެވޭ ގުޅަބޭސް (މިނީ ޕިލްސް) ބޭނުންކުރުމަކުން ގްލައިކޯޖެންގެ މިންވަރު އިތުރެއް ނުވެއެވެ. މިހާލަތުގައި މޮނީލިއޭސިސް ޖެހެނީ ވެޖައިނާއިން ބޭރުވާ ދިޔައިގެ ނިސްބަތް އިތުރުވެ، ވަށައިގެންވާ ހިސާބުގެ ތެތްކަން ގަދަވެގެންދާތީއެވެ. އެހެން ކަމުން މޮނީލިއޭސިސް ކުރިމަތިވާނަމަ ދޭތެރެދުރުކުރުމަށް ދޭ ގުޅަ ބޭސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ދޭތެރެދުރުކުރުމަށް ރަހިމަށްލައްވާ ލޫޕުބޭނުންކުރުން

ދޭތެރެދޫކުރުމަށް ލޫޕް ބޭނުންކުރުމަކީ ބައެއް ފަހަރު ގުޅަބޭސް ބޭނުންކުރުމަށްވުރެ ނުރައްކާތެރި ކަމަކަށް ވެއެވެ. އެއީ ލޫޕް ބޭނުންކުރުން އަންހެނާގެ ޖިންސީގުނަވަނުގައި އާންމުގޮތެއްގައި އިންފެކްޝަން އުފެދޭގޮތް ވެއެވެ. އެއީ ލޫޕުގައި ވާ ހިމަރޮދިފަށް ރަހިމުގެ ކަރުން ބޭރުވުމުން ރޮދިފަށުގެ އެހީގައި މައިކްރޯބްތައް ރަހިމާއާއި ހަމައަށް ދަތުރުކުރާތީއެވެ.

ޙައިޟުގެ ކުރީގައި އޮންނަ ދުވަސްވަރު ބައެއްމީހުންނަށް މޮނީލިއޭސިސް ކުރިމަތިކުރުވައެވެ. އެއީ މިދުވަސްވަރު ފަރުޖުގައި އެކުލެވޭ އެސިޑިޓީގެ ނިސްބަތް ދަށްވެގެންދާތީއެވެ. ބައެއް ފަހަރު ފަރުޖުގެ ދޮރުގައި ތެތްކަން އުފެދުމުގެ ކުރިން ޖިންސީގުޅުން ހިންގަން ފެށުމުން ވެސް މޮނީލިއޭސިސް ޖެހޭގޮތްވެއެވެ. ފަރުޖުގައި ތެތްކަމެއް ނެތްހާލުގައި ޖިންސީގުޅުން ހިންގުމަކީ އަންހެނާއަށް ތަދާއި ވޭން ލިއްބައިދޭ ކަމެކެވެ. ހަމަމިހެން ބައެއް ފަހަރު ހަންގަޑު މެށި އެހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތްވެއެވެ. ބައެއް ފަހަރު ފިރިހެނުންގެ މަނަވީހައިވާން އެކުލެވޭ ދިޔައިގައި އަލްކަލައިންގެ ނިސްބަތް އާންމުކޮށް ހުންނަވަރަށްވުރެ މަތިވެގެން ދެއެވެ. މިފަދަ ހާލެއްގައި ވަނިކޮށް ޖިންސީގުޅުން ހިންގައިފިނަމަ ފަރުޖުން ބޭރުވާ ދިޔައިގެ އެސިޑިޓީގެ ނިސްބަތް ދަށްވެ އިންފެކްޝަން ކުރިމަތިވާގޮތް ވެއެވެ.

ގަޔަށްބާރު ޖީންސް ފަދަ އަންނައުނު ބޭނުންކުރުން

ބައެއް ކަހަލަ އަންނައުނުގެ ސަބަބުން ކެންޑިޑާއަށް އެކަށޭނަ ވެއްޓަކަށް ފަރުޖު އެކުލެވޭ ހިސާބު ވެގެން ދެއެވެ. މިސާލަކަށް އުނަގަޑަށް ބާރު ޖީންސް، ހަރުވާޅު ނުވަތަ ބެލްސް ފަދަ އެއްޗެތި ހިމެނެއެވެ. މިފަދަ އަންނައުނު ބޭނުންކުރުމުން ފަރުޖު އެކުލެވޭ ހިސާބުގެ ވައިބަދަލުވުމަށް ހުރަސް އެޅި، ދާހިއްލުން އިތުރުވެ، ހޫނުވާގޮތް ވެއެވެ. މިބުނި ކަންތައްތަކަކީ ކެންޑިޑާ ބޮޑުވެ އިތުރުވުމަށް ލިބޭ ބާރެކެވެ. ހަމަމިހެން ނައިލޯނުން އުފައްދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. އެއީ މިވައްތަރުގެ އަންނައުނު ބޭނުންކުރުމުން ހަށިގަނޑުން ބޭރުވާ ދާ އެއަށް ދެމުމަށް ހުރަސް އެޅޭތީއެވެ. އެހެންކަމުން ހެދުން އެޅުމުގައި އެންމެ ރަގަޅު ގޮތަކީ ކޮޓަނުން ފަހާފައި ހުންނަ ގަޔަށްދޫ ހެދުން ބޭނުންކުރުމެވެ.

ބައެއް ވައްތަރުގެ ސާބޯނި އަދި ކެމިކަލްތައް

ސާފުވުމަށް ބޭނުންކުރެވޭ ސާބޯނި، ޝޭމްޕޫ، ފަދަ ބާވަތްތަކުގައި އެކުލެވޭ އެކިބާވަތުގެ ކެމިކަލްތަކުގެ ސަބަބުން ބައެއް ފަހަރު ފަރުޖު ގެ ޓިޝޫތަަކަށް ގެއްލުން ލިބި ހަލާކުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ފަރުޖުން ބޭރުވާ ދިޔައިގެ ތަބީއަތު ބަދަލުވެ، މޮނީލިއޭސިސް ކުރިމަތިކުރުވައެވެ.

ނަފްސާނީ މައްސަލަތައް އަދި ރަގަޅަށް ނުކެއުން

ނަފްސާނީ ފިއްތުންތަކާއި، އަދި ރަގަޅުކާނާ ބޭނުން ނުކުރުމަކީ ވެސް މޮނީލިއޭސިސް އަށް މަގުފަހި ވާކަމެކެވެ. ހިތްހަމަނުޖެހުން، ހާސްވެ ކަންބޮޑުވެ، ފިކުރުބޮޑުވުން ފަދަ ކަންތައްތައް އަދި ރަގަޅު ކާނާ ބޭނުން ނުކުރުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެ ދިއުމުން ބަލިތަކާއި ދެކޮޅަށް ހަށިގަނޑު ދިފާއު ކުރުމުގެބާރު ވެސް ކުޑަވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކެންޑިޑާ ފަދަ ފަންގަސްތައް ހަށިގަނޑާއި ދެކޮޅަށް ހަރަކާތްތެރިވާން ފަށައެވެ.

ބައެއް ފަހަރު ކެއުމުގައި ގެންގުޅެވޭ ނުރަގަޅު އާދަތަކުގެ ސަބަބުން ވެސް މޮނީލިއޭސިސް ޖެހޭގޮތް ވެއެވެ. މިސާލަކަށް ހަކުރު އެކުލެވޭ ފޮނިކާނާ މާގިނައިން ބޭނުންކުރުމުން މޮނީލިއޭސިސް ޖެހުމަށް މަގުފަހިވެއެވެ. އެއީ ކެންޑިޑާގެ މައިގަނޑު ކާނާ އަކީ ހަކުރުގިނައަދަދަކަށް އެކުލެވޭ މާއްދާތަކަށް ވާތީއެވެ.ހަކުރުބަލީގެއަހުލުވެރިން ނަށް މޮނީލިއޭސިސްގެ އަސަރު ކުރުން އިތުރުވަނީ މިސަބަބާއި ހުރެއެވެ. އެހެނީ ހަކުރުބަލި ޖެހުމުން ލޭގައި ހަކުރު ހުރި ނިސްބަތް މަތިވެ، ފަރުޖުން ބޭރުވާ ދިޔައިގައި ގްލައިކޯޖެންގެ މިންވަރު ވެސް މަތިވެގެން ދެއެވެ. ހަމަމިހެން ކުޑަކަމުދާތަކެއްޗާއި އެކު ހަކުރު ހަށިގަނޑުން ބޭރުވުމުން ވެސް މޮނީލިއޭސިސް ޖެހުމުގެ ފުރުސަތު އިތުރުކުރެއެވެ. އެއީ ކުޑަކަމުދާތަކެތި ބޭރުވާ މަގާއި ފަރުޖުގެ ދޮރު ކައިރިކައިރީގައި ހުންނާތީއެވެ.

މޮނީލިއޭސިސް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫތައް

މޮނީލިއޭސިސް އަކީ އާދައިގެ ބައްޔެކެވެ. ނަމަވެސް ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ޖިންސީގުނަވަނުގެ ވަށައިގެންވާ ހިސާބުތަކަށް ބަލި ފެތުރި ނުތަނަވަސް ކަން ގެނުވައެވެ. އާންމުކޮށް ކުރިމަތިވާ ބޮލުގައި ރިހުން، ހަޖަމު ގޯސްވުން، އަދި ކަރުތެރެ ދުޅަވުން ފަދަ ކަންކަމުގެ އަސްލަކީ ބައެއް ފަހަރު މޮނީލިއޭސިސް ކުރިމަތިވެފައިވުން ކަމުގައި ބެލެވެއެވެ. ބައެއް ފަހަރު ވަގުތީގޮތުން ދަރިން ނުލިބޭގޮތް މެދުވެރިކުރުވައެވެ.

މޮނީލިއޭސިސް އިން ރައްކާތެރިވާނީ ކިހެނެއް؟

އަންނަނިވި ކަންތަކަކީ މޮނީލިއޭސިސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އުނަގަނޑަށް ބާރު ޖަގިޔާ ޖިންސް ފަދަ ތަކެތި ބޭނުން ނުކުރުން: މިފަދަ ތަކެތި ބޭނުންކުރުމުން އެހިސާބުގެ ވައިބަދަލުވުމަށް ހުރަސް އެޅި، ހޫނުވެ، ދާހިއްލައި، ހިރުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިޖެހުމަށް ފަސޭހަ ވެގެން ދެއެވެ. ނައިލޯނުން ހަދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ގައިން ހިއްލާ ދާ އެއަށް ނުދަމާތީއެވެ. އެންމެ އެދެވޭ ގޮތަކީ ކޮޓަނުން ފަހާފައި ހުންނަ ގަޔަށްދޫ އަންނައުނު ބޭނުންކުރުމެވެ.

- ފަރުޖާއި ޖިންސީ ގުނަވަން ސާފުކުރުމަށް ފާޑުފާޑުގެ ސާބޯނި ފަދަތަކެތި ބޭނުން ނުކުރުން: މިފަދަ ތަކެތިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ގެއްލުން ނުލިބުނަސް ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ގެއްލުން ކުރިމަތި ކުރުވައެވެ. އެއީ އެލާރޖީ ވާތީއެވެ. އެހެންކަމުން ސާފުކުރުމުގައި އެންމެ އެދެވިގެންވަނީ އެއްވެސް ކެމިކަލް އެކުލެވޭ މާއްދާއެއް ބޭނުންކުރުމަކާއި ނުލައި، ސާފު ތާފަނާ ފެނުން ސާފުކުރުމެވެ.

- ފެންވެރުން: ބޮޑަށް ރަގަޅުވާނީ މާގަނޑު ބޭނުންކޮށްގެން ފެންވެރުމެވެ. އެއީ ތަފާތު ވައްތަރުގެ ކެމިކަލް ބޭނުންކޮށްގެން ހަދައިފައި ހުންނަ ޝަވަރޖެލް ފަދަ ތަކެތި ޓަބަށް އަޅައިގެން އެއަށް އެރި ފެންވެރުމުން ބައެއް ފަހަރު ޖިންސީގުނަވަން ހިމެނޭ ހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތް ވާތީއެވެ.

- ޖިންސީ ގުޅުން ހިންގުން: ޖިންސީގުޅުން ހިންގަން ފަށަންވާނީ ފަރުޖުން ތެތް އޮލަ ދިޔައެއް ނިކުންނަށް ފެށުމުންނެވެ. އެއީ ހިކިފައިވަނިކޮށް ޖިންސީގުޅުން ހިންގަން ފަށައިފިނަމަ އަންހެނާއަށް ވޭންލިބި، އިންފެކްޝަން ކުރިމަތިވުމަށް މަގުފަހިވެއެވެ. ނަފްސާނީކަމެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން ވިޔަސް ފަރުޖުގައި ތެތްކަން ނެތްނަމަ ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން ބޭބީ އޮއިލް ފަދަ ތެލެއް ބޭނުން ކުރެވިދާނެއެވެ. ޣައިރު ޝަރުއީ ގުޅުންތަކާއި ދުރުހެލިވެ، ދީނީ ހަމަތަކުގެ މަތީން ޖިންސީގުޅުން ހިންގުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ ރަގަޅު ފިޔަވަޅެކެވެ.

- ދޭތެރެ ދުރުކުރުމަށްދޭ ގުޅަ ބޭސް، ލޫފް،ފަދަ ތަކެތި ބޭނުންކުރުމާއި ދުރުހެލިވުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.