ހޯމަ20180910

އާކުރެވުނީ: 08:43:52

ހީމޮރޭޖް (Haemorrhage)

haemorrhageހީމޮރޭޖްއަކީ ކޮބާ؟

ހީމޮރޭޖްގެ މާނައަކީ ހިތުގެ ބަޔަކުން ނުވަތަ ލޭނާރަކުން ބޭރަށް ލޭ ލީކުވުން ނުވަތަ ލޭފޭބުން ނުވަތަ ލޭހިލުމެވެ.

ލޭ ބޭރުވާން ދިމާވާ ސަބަބަކީ ކޮބާ ؟

1- އަނިޔާއެއްގެ ސަބަބުން ލޭ ފޭބުން (Traumatic haemorrhage)

މިއީ އެއްޗަކުން ޖެހި، ނުވަތަ އެކްސިޑެންޓެއްސަބަބުން ލޭހޮޅީގެ ފާރު ހަލާކުވުމުން ނުވަތަ ގެއްލުން ލިބުމުން ލޭ ބޭރުވާގޮތް ދިމާވުމެވެ.

2- ތަކުރާރުކޮށް ނުވަތަ އޭގެޒާތުގައި ލޭބޭރުވުން (Spontaneous haemorrhage)

މީގެ ސަބަބުތައް ތިރީގައި މިވަނީ އެވެ.

(ހ) ލޭހޮޅިއަށް ޖެހޭ ބައްޔެއްގެ ސަބަބުން :އާތެރޯމާ،އެނިއުރައިޒަމް

(ށ) ލޭހޮޅީގެ ފާރު ނުވަތަ ދާރަ ދުޅަވުން

(ނ) ލޭހޮޅީގެ ފާރު ހަލާކުވުން : ޓީބީ ( ކެއްސުންބަލި )، ގޮހޮރުގައި ފާރު އުފެދުމުގެ ސަބަބުން

(ރ) ލޭހޮޅީގެ ( ލޭހިގާމަގުގެ ) އެތެރޭ ޕްރެޝަރ މައްޗަށް ދިއުން :ލޭގެ ޕްރެޝަރ މައްޗަށް ދިއުން

(ބ) ހީމޮފީލިއާ ނުވަތަ ޕާޕިއުރާ ފަދަ ބައްޔެއްގެ ސަބަބުން

(ޅ) ވިޓަމިންސީ ނުވަތަ ވިޓަމިންކޭ މަދުވުން

 ލޭ ބޭރުވުމުގެ ވައްތަރުތަކަކީ ކޮބާ؟

1- ހަށިގަނޑުން ބޭރަށް ލޭ ފޭބުން (External Haemorrhage)

(ހ) އެޕިސްޓެކްސިސް :ނޭފަތުން ލޭއައުން (Epistaxis)

(ށ) ހީމޮޓައިސިސް :ކެއްސާއިރު ލޭއައުން (Haemoptysis)

(ނ) ހީމަޓިމީސިސް :ހޮޑުލާއިރު ލޭއައުން (Haematemesis)

(ރ) މިލީނާ : ބޮޑުކަމުދާތަކެތީގައި ލޭ ހުރުން (Melena)

(ބ) ހީމަޓޫރިއާ :ކުޑަކަމުދާތަކެތީގައި ލޭހުރުން (Haematuria)

(ޅ) މެނޮރޭޖިއާ:ދިގުމުއްދަތަކަށް ގިނައަދަދަކަށް ހައިޟުގެ ލޭފޭބުން (Menorrhagia)

(ކ) މެޓްރޯޖިއާ:ހައިޟުގެ ލޭނޫންގޮތަކަށް ރަހިމުން ލޭއައުން (Metrorrhagia)

(އ) ހަންގަޑުން ލޭ އައުން

2- ހަށިގަނޑުން އެތެރެއަށް ލޭހިލުން (Internal Haemorrhage)

(ހ) ހީމޮތޮރަކްސް:ފުއްޕާމޭގެ ވަށައިގެންވާ ފަށަލަ ( ޕްލެއުރާ ) އަށް ލޭހިލުން (Haemothorax)

(ށ) ހީމޮޕެރިކާޑިއަމް:ހިތުގެ ވަށައިގެންވާ ފަށަލަ ( ޕެރިކާޑިއަމް)އަށް ލޭހިލުން (Haemopericardium)

(ނ) ހީމޮޕެރިޓޯނިއަމް: އެތެރޭގެ ގުނަވަނެއްގެ ވަށައިގެން ލެވިފައިވާ ފަށަލަ(ޕެރިޓޯނިއަމް)އަށް ލޭހިލުން (Haemoperitoneum )

(ރ)ހީމަޓޯސިލޭ:އުރަވަޅީގެ ވަށައިގެންވާ ފަށަލަ( ޓިއުނިކާ ވެޖައިނާލިސް )އަށް ލޭހިލުން Haematocele)

(ބ) ހީމޮއާތްރޯސިސް:ދެހުޅުދޭތެރެއަށް ލޭހިލުން (Haemoarthrosis)

3- ގުނަވަންތަކުގެ ކުދިކުދި ޓިޝުތަކުގެ ދެމެދަށް ލޭހިލުން (Interstitial Haemorrhage)

(ހ) ޕިޓެކިއަލް ހީމޮރޭޖް:ކުޑަމިންވަރަކަށް ލޭހިލުން (Petechial haemorrhage)

(ށ) އެކައިމޯސިސް:މެދުމިންވަރަކަށް ލޭހިލުން (Ecchymosis)

(ނ) ހީމަޓޯމާ:ގިނައަދަދަކަށް ލޭހިލި ގުނަވަން ދުޅަވެބޮޑުވުން (Haematoma)

ތަބީއީގޮތެއްގައި ލޭއައުން ހުއްޓެނީ ކިހިނެއް؟

ތަބީއީ ގޮތެއްގައި ލޭއައުން ހުއްޓުމަށް އެހީވެދޭ ބައެއްކަންތައްތައް ތިރީގައި މިވަނީ އެވެ.

1- ލޭބޭރުވުމުން ލޭއެކުލެވޭ ނިސްބަތް ދަށްވުމުން ލޭގެ ޕްރެޝަރ ދަށްވާގޮތްވެއެވެ.ލޭގެ ޕްރެޝަރ ދަށްވުމަކީ އިތުރަށް ލޭބޭރުވުން ކުޑަކޮށްދޭނެ ކަމެކެވެ.

2- ލޭހޮޅިތަކުގައިވާ މަސްތަކުގެ ފަށަލަ ފިތުން

3- ލޭހޮޅީގެ އެތެރޭގަޔާއި ބޭރުގައި ލޭގަނޑުވުން

4- ޕްލަޓްލެޓްސް އިން ބޭރުކުރާ ''ސެރެޓޮނިން'' ކިޔާ މާއްދާއެއްގެ ސަބަބުން ކުދި ލޭހޮޅިތައް ހަނިވެބެދުން

ލޭބޭރުވުން ނުހުއްޓޭނަމަ ކުރިމަތިވެދާނެ އުދަގޫ ތަކަކީކޮބާ ؟

1- އާދައިގެ ވަރަކަށް ލޭ ފޭބުމަކީ މާބޮޑު މައްސަލަ އެއް ނޫނެވެ. ނަމަވެސް އާދައިގެ ވަރަކަށް ތަކުރާރުކޮށް ލޭބޭރުވާނަމަ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިސާލަކަށް ފުރަގަސްފަރާތު ބަލީގެ ސަބަބުން ފުރަގަސްފަރާތުން ތަކުރާރުކޮށް ލޭފޭބުމަކީ ލޭމަދުވުމަށް މަގު ފަހިކޮށްދޭ ކަމެކެވެ.

2- މެދުމިންވަރަކަށް ލޭބޭރުވުމަކީ ވެސް ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމެކެވެ.

3- ގިނައަދަދަކަށް ހަށިގަނޑުން ލޭ ބޭރުވެއްޖެނަމަ ނުވަތަ ލޭ ފައިބާނަމަ ސޮކް ޖެހުން ނުވަތަ މަރުވުން ފަދަ ކަމެއްކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.