ހޮނިހިރު20200919

އާކުރެވުނީ: 08:43:52

ހެޕަޓައިޓިސް ބީ

hepatitis-b-main

ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން = ހެޕަޓައިޓިސް ބީ

ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-
•  ހެޕަޓައިޓިސް ވައިރަސްގެއޭ
• ހެޕަޓައިޓިސް ވައިރަސް ބީ
•  ހެޕަޓައިޓިސް ވައިރަސް ސީ
•  ހެޕަޓައިޓިސް ވައިރަސް ޑީ
•  ހެޕަޓައިޓިސް ވައިރަސް އީ
•  ހެޕަޓައިޓިސް ވައިރަސް ޖީ

ނޯޓް : ހެޕަޓައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރު ތަކަކީ ހެޕަޓައިޓިސް ބީ ، އަދި ހެޕަޓައިޓިސް ސީ އެވެ. އެއަށްފަހު ހެޕަޓައިޓިސް އޭ އެވެ. އެހެންކަމުން މި 3 ވައްތަރުން ޖެހޭ ހެޕަޓައިޓިސް އާއި ބެހޭގޮތުން މި ބްލޮގްގައި ވަކިން ލިޔުންތައް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި ބަލާލާނީ ދެންހުރި ވައިރަސްތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ބީ

ތަޢާރަފް

ހެޕަޓައިޓިސް ބީ (Hepatitis B) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ ވައިރަސް(Hepatitis B virus) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަތަމަ ދުވަސްކޮޅު ފެންނަ އަލާމާތްތަކުގެ އިތުރުން، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ބައްޔަކަށްވެ، އަދި އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށް މަގުފަހިކޮށްދޭ ވެސް ބައްޔެކެވެ. އެގޮތުން ހެޕަޓައިޓިސް ޖެހި ގިނަ ދުވަސްވުމުން ފުރަމެޔަށް ކެންސަރު ޖެހޭގޮތް ވެއެވެ. ތަފާތު ހިސާބުތައް ދައްކާގޮތުގައި ބަލީގެ ސަބަބުން ކޮންމެ އަހަރަކު 6 ލައްކަ މީހުން މަރުވެއެވެ.

ހެޕަޓައިޓިސް ބީ ވައިރަސް

ހެޕަޓައިޓިސް ބީ ވައިރަސް(Hepatitis B virus) އަކީ ހެޕަޓައިޓިސް ބީ ޖައްސާ ވައިރަހެވެ. މިއީ ޑީއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ޑިއޮކްސީރައިބޯނިއުކްލިކް އެސިޑް"(Deoxyribonucleic acid) އެވެ. މިވައިރަސް ނިސްބަތްވަނީ "ހެޕްއެޑްނަވިރިޑޭ"(Hepadnaviridae)ކިޔާ ވައިރަސްގެ އާއިލާއަކަށެވެ. މިވައިރަސް މޭގަނޑު، ލޭ، އަދި ހަށިގަނޑުގައި ހުންނަ އެހެން ދިޔަތަކުގެ ތެރެއިން ފެނެއެވެ.

ހެޕަޓައިޓިސް ބީ ވައިރަސް އެކުލެވިގެންވަނީ އެތެރޭގައިވާ މަދުގެބައި(Core particle) އަދި ބޭރުގައިވާ ތޮށިގަނޑު(Envelope) ގެ ބައިގެ މައްޗަށެވެ. އެތެރޭގައިވާ މަދުގެ ބައިގައި ޑީއެންއޭ އަދި މަދުގައި ހިމެނޭ އެންޓިޖަން(HBcAg) ހުރެއެވެ. އަދި ވައިރަސް ބޭރު ތޮށީގައި ހިމެނޭ އެންޓިޖެން(HBeAg)  އަދި ބޭރުތޮށީގެ ސަތަހައިގައި އެންޓިޖެން(HBsAg) ތަކެއް ހުރެއެވެ. ލޭގައި މިއެންޓިޖަން ތައް ހުރުމަކީ މޭގަނޑު ދުޅަވުމުގެ އަސަރު ހުރިނެތްގޮތް އަންގައިދޭ ނިޝާންތަކެކެވެ.

ހެޕަޓައިޓިސް ބީ ޖެހޭގޮތްތައް

ހެޕަޓައިޓިސް ބީ ޖެހެނީ ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ބަލީގެ ވައިރަސް ސީދާ ވާޞިލްވެގެންނެވެ. ހެޕަޓައިޓިސް ބީ ވައިރަސް ބަލިޖެހިފައިވާ މީހެއްގެ ގައިން، އެބަލިނެތް މީހެއްގެ ގަޔަށް ބަދަލުވަނީ ހަށިގަނޑުގައި ހިމެނޭ ލެއާއި، ދިޔައިގެ ޒަރީޢާއިންނެވެ. އޭގެތެރޭގައި އަންހެނާގެ ކުރިމަތިފަރާތުގައިވާ ތެތްކަމާއި، ނުވަތަ އެތަނުން ބޭރުވާ ދިޔަ އާއި، އަދި ފިރިހެނުންގެ މަނީގެ ދިޔަ ހިމެނެއެވެ. މިގޮތުން ބަލާއިރު އޭޑްސް ބަލި ޖައްސާ ވައިރަސް ފެތުރޭގޮތާއި، މިބަލި ފެތުރޭ ގޮތާއި ވަރަށް އެއްގޮތެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި ހެޕަޓައިޓިސް ބީ ވައިރަސް އަކީ ހަށިގަނޑުގައި މާގިނައިރު ދިރިދެމިއޮތުމުގެ ގާބިލްކަން ލިބިފައިވާ ވައިރަސް އެކެވެ. މިގޮތުން ހަފްތާއެއް ވަންދެން މިވައިރަސް ހަށިގަނޑުގެ ބޭރުގައި މަރުނުވެ އޮތުމަށްފަހު ވެސް ، ފުރުޞަތެއް ލިބިއްޖެނަމަ ހަށިގަނޑުގެ ތެރެއަށްވަދެ، މިބަލި ޖައްސައެވެ.

ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން ބަލިޖެހެން ދިމާވާ ގޮތްތަކުގެ ތެރޭގައި :-

- ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް ނުވަތަ ސިރިންޖެއް ފަދަ އެއްޗެއް އެހެންމީހަކު ބޭނުންކުރުމުން : މިސާލަކަށް އެފަދަ އެއްޗެއް ބޭނުންކޮށްގެން ޓަޓޫޖެހުމުން ބަލި ޖެހިދާނެ އެވެ. ތަކުރާރުކޮށް އެއް އިންޖެކްޝަނެއް އެކިމީހުން ބޭނުންކުރުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. މިސާލަކަށް: އިންޖެކްޝަންގެ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން، އެކަކުގެ ގަޔަށް ޖަހާފައިވާ ކަށި އަނެކަކުގެ ގަޔަށް މަސްތުވާ ތަކެތި ދިނުމަށް ނުވަތަ ޑްރަގު ދިނުމަށް ބޭނުންކުރުމަކީ މިބަލި ފެތުރުމަށް ދިމާވާ ސަބަބެކެވެ. މީގެ އިތުރުން އެފަދަ މީހަކު ތުބުޅި ބޭލުމަށް ބޭނުންކުރި ރޭޒަރު ތިލަ ފަދަ އެއްޗެއް އެހެން މީހަކު ބޭނުންކުރުމަކީ ވެސް އެފަދަ މީހަކަށް ބަލިޖެހިދާނެ ކަމެކެވެ.

- ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކަށި، ރޭޒަރު ފަދަ ތޫނު ތަކެތި އަންނަނިވި ކަންކަމުގައި hepatitis-b-1ބޭނުންކުރުމުން:

o ޓެޓޫޖެހުން
o ހަށިގަނޑު ތަނެއް ތޮރުފުން
o ކަށިހަރައިގެންދޭ ފަރުވާގައި ބޭނުންކުރުން

- ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކާއެކު ރައްކާތެރި ނޫން ގޮތަކަށް ޖިންސީގުޅުން ހިންގުން : ބަލިޖެހިފައިވާ މީހަކާއެކު (ހުރަސް ބޭނުންކުރުމެއްނެތި) ޖިންސީގުޅުން ހިންގުމަކީ މިބަލިޖެހޭނެ ކަމެކެވެ.

- ހެޕަޓައިޓިސް ބީ ވައިރަސްހުރި ލޭއެޅުން ނުވަތަ ލޭގެ ޒަރީޢާއިން : ލޭއަޅާއިރު ރަގަޅަށް ސްކްރީންކުރެވިފައި ނެތުމުން، ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ލޭއެޅުމަކީ ވެސް ބަލިޖެހޭ ކަމެކެވެ.

- ޞިއްޙީ ދާއިރާގައި ނޭނގި ދިމާވާ ކަމަކުން : ޞިއްޙީ މަސައްކަތްތެރިންގެ ތެރެއިން އޮޕަރޭޝަންކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީގައި މަސައްކަތްކުރާ މުއައްޒަފުންނަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާ ތަކުގައި މިބަލިޖެހެއެވެ.

- ހެޕަޓައިޓިސް ބީ ޖެހިފައިވާ މައިމީހާގެ ފުށުން ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް : މިއީ ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ. މައިމީހާގެ ފުށުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ހެޕަޓައިޓިސް ބީ ޖެހޭ ނިސްބަތް ވަރަށް މައްޗެވެ.

• ތުއްތު ކުދިންނަށް މިބަލިޖެހޭ ގޮތްތަކުގެ ތެރޭގައި ފާހަގަ ނުކުރެވޭ ގޮތަށް ގޭތެރޭގެ ދިރިއުޅުމުން އެކުދިންނަށް މިފަދަ ތަކެއްޗާއި ކައިރިވެވުން

ހެޕަޓައިޓިސް ބީ ވައިރަސް އަކީ ކާބޯތަކެތީގެ ޒަރީޢާއިންނާއި، އެކުގައި މަސައްކަތްކޮށް، ނުވަތަ އެއްގެއެއްގައި އުޅުމުގެ ސަބަބުން ގައިންގަޔަށް އަރާނެ ވައިރަހެއް ނޫނެވެ. ވުމާއެކު މިބަލި ޖެހިފައިވާ މީހަކާއި އެއްތަނެއްގައި މަސައްކަތްކުރުމާއި، އެއްތަނެއްގައި ކައިބޮއި ހެދުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ.

ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެން މީހެއްގެ ހަށިގަނޑަށް ސީދާ ވާޞިލްނުވާނެ ގޮތްތަކުގެ ތެރޭގައި:-

• ކެއްސުމާއި ކިނބިހިއެޅުން
• ބައްދާލުމާއި ދޮންދިނުން
• ކެއުމުގައި އަދި ކެއްކުމުގައި އެކައްޗެއް ބޭނުންކުރުން
• ގާތުންކިރުދިނުން
• ކާބޯތަކެތިން ނުވަތަ ކެއިންބުއިމުން
• ސަލާމްކުރުން

ހެޕަޓައިޓިސް ބީ ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

• އެކަކަށްވުރެ ގިނަ މީހުންނާއެކު ރައްކާތެރި ނޫންގޮތުގައި ޖިންސީގުޅުން ހިންގާމީހުން
• ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުންހިންގާ މީހުން
• އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން
• ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހިފައިވާ މީހުން
• އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމުގައި އެއްކަށްޓެއް ހިއްސާކުރާ ފަރާތްތައް
• ގިނަގިނައިން ލޭއަޅަންޖެހޭ ފަރާތްތައް
• ގުރުދާ ފޭލްވުމުގެ ސަބަބުން ޑަޔަލިސިސް ހަދަމުންގެންދާ މީހުން
• ހެޕަޓައިޓިސް ބީ ޖެހިފައިވާ މައިންނަށް ލިބޭ ތުއްތުކުދިން
• ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން

ހެޕަޓައިޓިސް ބީގެ އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ހެޕަޓައިޓިސް ބީ ވައިރަސް ބަލިމީހާގެ ހަށިގަނޑަށް ވަނުމާއި، އަލާމާތްތައް ފާޅުވުމާއި ދެމެދު 3 މަސް ދުވަސް ނަގައެވެ. ނަމަވެސް އެކަމަށް ކަނޑައެޅިފައިވާ މުއްދަތަކީ 30 ދުވަހާއި 180 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.

ހެޕަޓައިޓިސް ބީ ޖެހޭ ގިނަމީހުންނަކީ އެބަލީގެ އަލާމާތްތައް އެއްގޮތަކަށް ވެސް ނުފެންނަ މީހުންނެވެ. ނަމަވެސް ދިގުމުއްދަތަކަށް ހެޕަޓައިޓިސް ބީގެ ވައިރަސް ހަށިގަނޑުގައި އަށަގެންފައި ހުރެއްޖެނަމަ، އެމީހާގެ މޭގަނޑު މަޑުމަޑުން ދުޅަވެ، ހަލާކުވެ ހިނގައިދާނެ އެވެ. އަދި މީގެ އެންމެ ނުރައްކާތެރި ކަމަކީ މިގޮތަށް މޭގަނޑު ހަލާކުވެ ދިއުމުގެ ތެރޭގައި، މަޑުމަޑުން މޭގަނޑަށް ކެންސަރު ޖެހުމަށް މެދުވެރިވުމެވެ. ހެޕަޓައިޓިސް ބީ ވައިރަސް ކުޑަކުއްޖަކަށް ޖެހިއްޖެނަމަ، އޭގެ އަސަރު ދިގުމުއްދަތެއްގެ ތެރޭގައި ކުއްޖާއަށް ފޯރުވާ، މޭގަނޑު ހަލާކުވުން ވަރަށް ގާތެވެ.

ހެޕަޓައިޓިސް ބީގެ ސަބަބުން ބަލިވުމުގައި ދެމަރުހަލާ ވެއެވެ. އެއީ ބަލީގެ ފުރަތަމަ ކޮޅުގައި ފެންނަ އަލާމާތްތަކާއި (ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން އެކިއުޓް ނުވަތަ ކުރުމުއްދަތެއްގެ އިންފެޝަން(Acute hepatitis B) މެދުވެރިވެދާނެ) އަދި އޭގެ ފަހުން ފުރަމޭގައި މިވައިރަސްގެ ސަބަބުން ނުފިލައި، ޒަމާންތަކަކަށް ދެމިގެންދާ ގޮތަށް ހުންނަ އަލާމާތް(މިބަލިޖެހޭ ބޮޑެތި މީހުންގެ ތެރެއިން މަދު ބަޔަކު، އަދި ކުޑަކުދިންގެ ތެރެއިން ގިނަ ކުދިން، އެކިއުޓް ސްޓޭޖަށް ފަހުގައި ދިގުމުއްދަތެއްގެ އިންފެކްޝަނާއި ކުރިމަތިލައެވެ. އެއީ ކްރޮނިކް ހެޕަޓައިޓިސް ބީ (Chronic hepatitis B)ގެ މަރުހަލާ) ތަކެވެ.

ހެޕަޓައިޓިސް ބީ ޖެހުމުން :-

ލޯރީނދޫވުން / ބަނޑުފުއްޕުން
ކުޑަކަމުދާ އެއްޗެތި ގަދަ ރީނދޫކުލައިގައި ހުރުން
ހަށިގަނޑު އަނަރޫފަވުން / ކާހިތްނުވުން
ކެއުމަށްފަހު ބަނޑަށް އުދަނގޫވެ ރިއްސުން
ބައެއް މީހުން ކުދިން ދިގުލައި ހުންއައުން

އެކިއުޓް ސްޓޭޖްގައި (ބަލީގެ ކުރީކޮޅުގައި) ފެންނަ އަލާމާތްތައް

• އާދައިގެ ވަރަކަށް ހުންއައުން
• މީހާ ރީނދޫވުން : ގައިގެ ހަމުގެ ކުލަޔާއި ލޯ ރީނދޫވެފައިހުރުން
hepatitis-b-2• ވަރުބަލިވުން ، ގައިގެ ހަކަތަނެތުން
• ކާހިތްނުވުން
• ގައިކެހުން
• މޭނުބައިކުރުން އަދި ހޮނޑުލެވުން
• ބަނޑުގައި ރިހުން : ޚާއްޞަކޮށް ބަނޑުގެ ކަނާތް ފަރާތުން މަތީގައި މޭގަނޑު އޮންނަ ހިސާބުގައި ރިހުން
• ގައިގައި ރިހުން
• ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުރުން ނުވަތަ ކުޑަކަމުދާ އެއްޗެތީގެ ކުލަ ގަދަވެފައިހުރުން (ކަޅު ސައި ކުލައިގައި ނުވަތަ ކޯލާ ކުލައިގައި ހުރުން)
• ބޮޑުކަމުދާ އެއްޗެތީގެ ކުލަ ފަނޑުވެފައި ހުރުން

ބަލީގެ ކުރީކޮޅުގައި ފެންނަ ކަންކަމުގެ (ފުރަތަމަ މަރުހަލާގެ) އާޚިރު ނަތީޖާ

ހެޕަޓައިޓިސް ބީ ބަލީގެ ކުރީކޮޅުގައި ފެންނަ އުދަނގޫތަކުގެ އާޚިރު ނަތީޖާ ކަނޑައަޅައިދޭ މައިގަނޑު ކަމަކީ ބައްޔަށް ހަށިގަނޑުގެ ދިފާޢީ ނިޒާމުންދޭ އިޖާބަ ދިނުމެވެ. ބައްޔާއި ދެކޮޅަށް ހަށިގަނޑު ދިފާޢީ ނިޒާމު ވަރަށް ރަގަޅަށް މަސައްކަތްކުރާ ކަމުގައި ވަނީނަމަ، ވައިރަސްތައް ހަށިގަނޑުން ހުސްކޮށް، ބަލި އަވަހަށް ފަސޭހަވެއެވެ. ނަމަވެސް ހަށިގަނޑު ދިފާޢީ ނިޒާމު އާދަޔާ ޚިލާފަށް ވަރުގަދަކޮށް (ރަގަޅަށް) ވައިރަސް ނައްތާލުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މޭގަނޑަށް އަނިޔާވެ ގެއްލުންވާ މިންވަރު މަތިވެ އިތުރުވެގެން ދެއެވެ. އަނެއްކޮޅުން ބަލާއިރު ބައްޔަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު އެކަށޭނަ ވަރަށް އިޖާބަ ނުދިނުމުން މޭގަނޑަށް ލިބޭ އަނިޔާ ކުޑަވެ، ނަމަވެސް ހެޕަޓައިޓިސް ބީ ދިގުލައި ދިއުމުގެ (ދާއިމީކޮށް ހުރުމުގެ) ފުރުޞަތު ބޮޑުވެގެން ދެއެވެ. ބަލި ފަސޭހަވެ، ބަލީގެ ޖަރާސީމު ހަށިގަނޑުން ނައްތާލާއިރު އެމީހެއްގެ ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް މުޅި އުމުރަށް ދިފާޢީ ބާރު އުފެދިފައި ހުންނާނެއެވެ. މާނައަކީ އެމީހަކަށް އޭގެ ފަހުން ދެން ހެޕަޓައިޓިސް ބީ އެއް ނުޖެހޭނެ އެވެ.

ހެޕަޓައިޓިސް ބީ ޖެހޭ ގިނަ ކުޑަކުދިންގެ ފުށުން އަލާމާތްތަކެއް ނުފެންނާނެ އެވެ. މިފަދަ ކުދިންގެ ހަށިގަނޑުން ވައިރަސް ނައްތާލުމަށް އުދަނގޫވުމުގެ (ދިފާޢީ ނިޒާމު ރަގަޅަށް މަސައްކަތްނުކުރާތީ) އެފަދަ ކުދިންނަށް ދާއިމީކޮށް ހެޕަޓައިޓިސް ބީ ކުރިމަތިވުމުގެ ފުރުޞަތު (ގާތްގަނޑަކަށް ހެޕަޓައިޓިސް ޖެހޭ ކުޑަކުދިންގެ 95 އިންސައްތަ) ބޮޑުވެގެން ދެއެވެ. ހެޕަޓައިޓިސް ބީ ޖެހޭ ބޮޑެތި މީހުންގެ ތެރެއިން ދާއިމީ ގޮތެއްގައި ހެޕަޓައިޓިސް ކުރިމަތިވަނީ އެންމެ 5 އިންސައްތަ މީހުންނަށެވެ.

ކްރޮނިކް ސްޓޭޖް އިން ފެންނަ އަލާމާތްތައް

ފުރަތަމަ ކޮޅު އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ. ނަމަވެސް މިދުވަސްވަރު އެމީހާގެ ހަށިގަނޑުގެ ދިޔައިގައި، (ލޭ އަދި ޖިންސީ ގުނަވަނުން އުފެދޭ ތެތްކަމުގައި) މިވައިރަސް ހުންނާނެ އެވެ. މިގޮތަށް އަލާމާތެއް ނުފެނުނަސް ބަލިފެތުރެމުން ދެއެވެ. ހެޕަޓައިޓިސް ބީ ވައިރަސްގެ އަސަރު ފިލައި ނުގޮސް، އެބަލީގެ އަސަރު މޭގަނޑުގައި ޒަމާންތަކަކަށް ހުންނަ މީހުންނަށް، މިވައިރަސްގެ ސަބަބުން ވަރަށް ނުބައި އަސަރުތަކެއް ފަހުންކުރާކަމަށް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ފުރަމޭގަނޑު ގުރުޑުވެ ހުލިވެގެންދިއުމުގެ ސަބަބުން އެއިން ކުރަންޖެހޭ މަސައްކަތް ހުއްޓުމާއި، ފުރަމޭގެ ކެންސަރު ޖެހުން ހިމެނެއެވެ.

• ފުރަމޭ ހަލާކުވުން ނުވަތަ ފުރަމޭގައި ލަކުނުލުން : މިހެން ދިމާވެއްޖެނަމަ ކެންސަރަށް ވާރުތަކުރުން ގާތެވެ.
• ވަރުބަލިވުން
• މޭނުބައިކުރުން އަދި ހޮނޑުލެވުން
• ރީނދޫވުން
• ބަރުދަން ލުއިވުން
• މަދު ފަހަރަކު ގުރުދާ ފަދަ މުހިއްމު ގުނަވަންތައް ހަލާކުވެއެވެ.
• ބަނޑު ފުއްޕުން

ނުރައްކާތައް

hepatitis-b-3• ސިކުނޑިއަށް އަސަރުކުރުމުން: ވާނުވާނޭގުން، އަނބުރައިގަތުން،ހިމޭނުން އޮތުން، ނިދިބުރަކައިފައި އޮތުން، ހޭނެތުން

• ކުއްލިއަކަށް މީހާގެ ޚަބަރު ހުސްވުން: މާބޮޑަށް ވަރުބަލިވެ، ގައިގެ ހަކަތަ ހުސްވެ، މީހާ ހުއްޓުމަކަށް އައުން

• ރީނދޫވުން : އެގޮތުން މުޅި މީހާގެ ހަމާއި، ލޯ ރީނދޫވާނެއެވެ.

• ބަނޑު ދުޅަވެ ފުއްޕުން: މިއީ ހަށިގަނޑުގައި ފެންހަރުލުމުގެ ނަތީޖާއެއްގެ ގޮތުން ބަނޑުގައި ވެސް ފެންތައް ހަރުލައި ބަނޑު ދުޅަވެ، ފުއްޕާގޮތް ވުމެވެ.

• ހަށިގަނޑުން ފެންހުސްވުން: މިއީ އާދަޔާ ޚިލާފަށް ހޮނޑުލައި ބޭރަށްހިންގުމުން މެދުވެރިވާ ކަމެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

o ވަރަށް ބޮޑަށް ކަރުހިއްކުން
o ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން،
o ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން،
o އަނގަޔާއި ދޫ ހިކިފައި ހުރުން
o ލޯވަޅުވަނުން
o ވަރުބަލިކަން އިހްސާސްވުން،
o ބޯއެނބުރުން، ބޮލުގައ ރިހުން
o ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން
o އަވަސް އަވަހަށް ފުންކޮށް ނޭވާލުން
o ވިންދު ބަލިވުން / ލަސްލަހުން ވިންދު ޖެހުން
o ލޭދަށްވުން / ލޭގެ ޕްރެޝަރު ދަށްވުން
o ވާނުވާ ނޭގުން

• މޭގަނޑަށް ގެއްލުންވުން: މޭގަނޑުގައި ލަކުނުލައި، ގެއްލުންވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
o ހަށިގަނޑުގައި ފެންޖަމާވެ ބަނޑުފުއްޕުން އަދި ފައި ފޮއްސިވުން
o ބަނޑުގައި ފެންހަރުލުން
o މުޅިމީހާ ރީނދޫވުން
o ކާހިތްނުވުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަވެ، ހިކި، ބަރުދަން ލުއިވުން
o ހޮނޑުލާއިރު ލޭހުރުން
o ނޭފަތް، އަނގަ، ފުރަގަސްފަރާތުން ލޭއައުން
o ބޮޑުކަމުދާއިރު ލޭހުރުން
ސިކުނޑިއަށް އަސަރުކުރުމުން :- ވާނުވާނޭގުން، އަނބުރައިގަތުން،ހިމޭނުން އޮތުން، ނިދިބުރަކައިފައި އޮތުން، ހޭނެތުން

ހެޕަޓައިޓިސްގެ ސަބަބުން މޭގަނޑުގައި ލަކުނުލުން

ދާއިމީ ސިފައެއްގައި ހެޕަޓައިޓިސް ބީ ކުރިމަތިވުމުން ނުވަތަ ކްރޮނިކް ސްޓޭޖް ގައި މޭގަނޑުގައި ލަކުނު ލުމަކީ ވެދާނެ ގޮތެކެވެ. މޭގަނޑުގައި ލަކުނު ލުމަކީ މޭގަނޑުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. އެގޮތުން ފެނިދާނެ އުދަގޫތަކުގެ ތެރޭގައި، ވަރުބަލިވުން، ވާޅުވުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ފިރިހެނުންގެ އުރަމަތި ބޮޑުވުން، އަތްތިލައިގައި ބިހިތަކެއް ނެގުން، ލޭމަނާވުމަށް އުދަނގޫވުން، ހަމުގެ ތެރޭގައި ކުދިކުދި ލޭހޮޅިތަކެއް (އަށްފައިމަކުނުގެ ސިފަޔަށް) ފެންނަން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ވިޓަމިން އޭ އަދި ވިޓަމިން ޑީ ހަށިގަނޑަށް ނަގާ މިންވަރު މަދުވުމުގެ ސަބަބުން، ރޭގަނޑު ރޯނާވުން، ކަށިތައް ތުނިވެ ފީވުން ފަދަ މައްސަލަތައް ކުރިމަތި ވެއެވެ. މޭގަނޑުގައި ލަކުނުލުމަކީ ދިފާޢީ ނިޒާމުގެ ބާރު ދަށްކޮށްދޭ ކަމަކަށްވާތީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ.

މޭގަނޑުގައި ލަކުނުލުމުގެ ކަންތައް އިތުރަށް ގޯސްވެގެން ދިއުމަކީ މޭގަނޑުގެ މަސައްކަތް ހުއްޓި، ފުރާނައަށް ނުރައްކާވާނެ ކަމެކެވެ. އަދި ފުރާނައަށް ނުރައްކާހުރި އެތައް ކަމެއް ފެންމަތިވެގެން އާދެއެވެ. އެގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-
- ވާނުވާނޭގުން އަދި ޚަބަރުހުސްވުން : މިއީ އެމޯނިޔާ ފަދަ ވިހަތައް ފުރަމޭއިން ސާފުކުރަން ދަތިވުމުގެ ސަބަބުން ދިމާވާ މައްސަލަ އެކެވެ.

- މޭގަނޑުގެ ތެރޭގައިވާ ލޭހޮޅިތަކުގެ ޕްރެޝަރު މަތިވެ، ބަނޑުގައި ފެންހެދޭގޮތް ވެއެވެ. އަދި ކާތަކެތި ހިގާހޮޅީގެ އެތެރެއިން ފުއްޕައި ފަޅައިގެންގޮސް އެތެރެއިން ލޭހިލުން ކުރިމަތި ކުރުވައެވެ. ގުރުދާގެ މަސައްކަތްތައް ފޭލްވެ، ހުންކޮށި ބޮޑުވެ، ލޭމަދުވުން އަދި ލޭމަނާވުމަށް ބޭނުންވާ މާއްދާތައް މަދުވެގެން ދެއެވެ.

- މޭގަނޑުގައި ލަކުނުލައި، ފުރަމޭގެ މަސައްކަތް ހުއްޓުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ލޭމަނާކުރާ މާއްދާތައް އުފެއްދުން ދަށްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަނާނުވެ، ތަނެއް ކެނޑުމުން، އޮޕަރޭޝަނެއް ކުރުން ފަދަ ކަމެއްގައި ލޭމަނާނުވެ، ހުއްޓިނެތި ލޭއަންނަގޮތް ވެއެވެ.

- މީހާވަރަށް ބޮޑަށް ރީނދޫވާގޮތް ވެއެވެ. މިއީ މޭގަނޑުން "ބިލިރޫބިން" ބޭރުކޮށް ހުސްކުރުމަށް ނުކުޅެދުމުން ދިމާވާ ކަމެކެވެ.

ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ބައެއް ޙާލަތްތައް

• 2-1 ދުވަހަށް ދިގުމުއްދަތަކަށް މޭނުބައިކޮށް ހޮނޑުލެވުން ދެމިހުރުން
• ދިޔާތަކެތި ބުއިމަށް ނުކުޅެދުން ، އެކަށޭނަވަރަށް ދިޔާތަކެތި ނުބުއިން
• 2 ދުވަހަށް ދިގުމުއްދަތަކަށް ގަދަޔަށް ހުންއައުން
• ހަމާއި ލޯރީނދޫވެ، މުޅިމީހާ ރީނދޫވުން
• ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން
• ވާނުވާނޭގުން
• ޚަބަރު ހުސްވުން ނުވަތަ ހޭނެތުން

ހެޕަޓައިޓިސް ބީ ޖެހިފައިވާކަން ދެނެގަތުން

ހެޕަޓައިޓިސް ބީ ޖެހިފައިވާކަން ދެނެގަނެވެނީ ލޭގެ ޓެސްޓަކުންނެވެ. އާންމުކޮށް ދިވެހިރާއްޖޭގައި ލޭއެޅުމަށް ސްކްރީންކުރާއިރު، ހެޕަޓައިޓިސް ބީގެ އަސަރުހުރިތޯ ބެލުމަށް ޓެސްޓުކުރެއެވެ. މިޓެސްޓުތަކުގެ އެހީގައި ވައިރަސް، ވައިރަސް އާއި ދެކޮޅަށް ހަށިދަމަނަތައް، ވައިރަލް ލޯޑް ހުރިނެތްމިންވަރު ބެލެއެވެ. މާގިނައިން ހޮނޑުލެވިފައިވާނަމަ ލޭގައި ލޮނުގެ ބައިތައް ހުރިނެތްގޮތް ބެލުމަށް ވެސް ޓެސްޓުކުރެއެވެ. ވަރަށް މަދު ހާލަތެއްގައި އެކްސްރޭ ވެސް ނަގަން ޖެހިދާނެ އެވެ.

ހެޕަޓައިޓިސް ބީ ހުރިކަން ޔަގީންވުމުން ދެން ޑޮކްޓަރަށް ދައްކާ ފަހަރުތަކުގައި އަބަދުވެސް މޭގަނޑުގެ މަސައްކަތް ހުރިނެތް ގޮތް ބަލަމުން ގެންދާނެއެވެ. ބޭނުމަކީ މޭގަނޑުގެ މަސައްކަތަށް އަންނަ ބަދަލުތަކަށް ފަރުވާތެރިވުމެވެ. ދާއިމީ ސިފައެއްގައި ހެޕަޓައިޓިސް ބީ ހުރުމުން ނުވަތަ ހެޕަޓައިޓިސް ބީ ދިގުލައި ދިއުމުން ބައެއް ފަހަރު ސީޓީ ސްކޭން، ބަނޑުގެ ސްކޭން، އަދި މޭގަނޑުން އެތިކޮޅެއް ނަގައިގެން ޓެސްޓުކުރަންޖެހެއެވެ. އެއީ ކެންސަރުގެ އަސަރެއް ހުރިތޯއާއި، މޭގަނޑަށް އައިސްފައިވާ ބަދަލުތައް ދެނެގަނެ ޔަގީންކުރުމަށްޓަކައެވެ.

ހެޕަޓައިޓިސް ބީ ވައިރަހުގެ އަސަރު ހުރިކަން ލޭގެ ޓެސްޓަކުން ވަރަށް ފަސޭހައިން ޔަގީން ކުރެވިދާނެ އެވެ. ހެޕަޓައިޓިސް ބީ ގެ އެއްވެސް އަލާމާތެއް ހުރިނަމަ، ނުވަތަ ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކާއި އެއްވެސް ގާތްގުޅުމެއް އޮތްނަމަ، ޑޮކްޓަރަކާއި މަޝްވަރާކޮށް، ހެޕަޓައިޓިސް ބީއަށް ޓެސްޓުކުރުން ރަގަޅެވެ. މާބަނޑުމީހުން ބަލިވެއިނުމުގެ ކުރީކޮޅު ހެޕަޓައިޓިސް ބީއަށް ޓެސްޓު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހެޕަޓައިޓިސް ބީގެ ފަރުވާ

އެކިއުޓް ސްޓޭޖް އަދި ކްރޮނިކް ސްޓޭޖް ގައި ވެސް ފުރިހަމަ ފަރުވާ ލިބިގަތުން މުހިއްމެވެ. މީގެ ތެރޭގައި އެންޓިވައިރަލް ބޭހުގެ ފަރުވާ ދިނުމުން ވައިރަސްގެ ސަބަބުން ހަށިގަނޑަށްކުރާ ގެއްލުން ކުޑަކުރެވެއެވެ. ހެޕަޓައިޓިސް ބީ އަކީ ވައިރަސް އަކުން ޖެހޭ ބައްޔަކަށްވުމާއެކު، ބަލީގެ ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ ކަމަކީ ދިޔާއެއްޗެތި ގިނައިން ދިނުމާއި، ރަގަޅުކާނާގެ ބާވަތްތައް ދިނުމާއި، ބަލިމީހާއަށް އިހްސާސްކުރެވޭ އުދަގޫތަކުން ދުރުކުރުމަށް މަސައްކަތް ކުރުމެވެ. މިމަރުހަލާގެ ފަރުވާގައި އެންޓިވައިރަލް ބޭސްތައް ބޭނުމެއް ނުކުރެވެއެވެ.

ގިނަ ދުވަސްގެންދާ މަރުހަލާގައި ގަވާޢިދުން ޑޮކްޓާރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ގިނަ ދުވަސްވެގެންދާ މަރުހަލާގައި ވައިރަހާއި އިދިކޮޅު ބޭސްތައް ދެވިދާނެ އެވެ. މިބޭސް ތަކަކީ އަގު ބޮޑު، އަދި ވައިރަހުގެ އަސަރު މުޅިން ފިލުވާލާ އެއްޗެއް ނޫނެވެ. އަދި މާބަނޑު މީހުންނާއި ކުޑަކުދިން ބޭނުންކުރުން ރަގަޅު ބޭހެއް ނޫނެވެ.

ފުރަމޭގެ މަސައްކަތް ހުއްޓި މޭގަނޑު ހުލިވެގެންދާނަމަ އެހެން މީހެއްގެ މޭގަނޑުން ތަންކޮޅެއް އިންދުން ފަދަ ކަންކަމަކީ ޓެސްޓުކުރަމުންދާ ކަންކަމެވެ. އަދި މޭގަނޑުގެ ކެންސަރު ޖެހިފައިވާނަމަ، އޮޕަރޭޝަންކޮށްގެން ކެންސަރުޖެހިފައިވާ ބައި ނެގުމާއި، ކީމޯތެރަޕީ ދެވެއެވެ. މިފަދަ ފަރުވާ ތަކަކީ އަގުބޮޑު އޭގެ ނަތީޖާތައް ބައެއް ފަަހަރު އެހާ ރަގަޅުނޫން ފަރުވާ ތަކެވެ.

ހެޕަޓައިޓިސްބީގެ ފަރުވާ އާއި ގުޅުންހުރި މުހިއްމު ދެތިން ނުކުތާއެއް

- ހެޕަޓައިޓިސް ބީ ދިގުދެމިގެންދާ މަރުހަލާގައި އެންޓިވައިރަލް ބޭސްތަކަކީ އެންމެ ބޭނުންތެރި ބޭސްތައް ކަމަށްވިޔަސް، މިބޭސްތަކުގެ ފައިދާ ބަލިޖެހިފައިވާ އެންމެނަށް އެންމެ ރަގަޅުގޮތުގައި ނުލިބިދާނެކަން ގަބޫލުކުރަންޖެހެއެވެ.

- އެންޓިވައިރަލް ބޭސްތަކުގެ ގޮތުގައި ބޭނުންކުރާ ވަރަށް ބައިވަރު ބޭސްތައް މިހާރު ލިބެންހުރެއެވެ. މިސާލަކަށް އަލްފާ އިންޓަފީރޯން ފަދަ ބޭސްތައް ހިމެނެއެވެ.

ހެޕަޓައިޓިސް ބީ އިން ރައްކާތެރިވުން

• ހެޕަޓައިޓިސް ބީގެ ވެކްސިން ޖެހުން : މިވެކްސިންގެ ސަބަބުން ހެޕަޓައިޓިސް ބީ ފެތުރިގެންދިއުން ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ.

• ލޭއެޅުމުގެ ކުރިން އަބަދުވެސް ހެޕަޓައިޓިސް ބީއަށް ޓެސްޓުކޮށްފައިވާ ލޭއެޅުން : ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކުން ވެސް ލޭއަޅަނީ ޓެސްޓުކޮށްފައެވެ. ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާއާއި އޮޕަރޭޝަން ކުރަން ދާނަމަ، މިފަދަ ވަޞީލަތްތައް ލިބެންހުންނަ ތަންތަނުން ނޫނީ ލޭއެޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

• ޖަރާސީމުން އެއްކިބާ ކުރެވިފައިވާ އާލާތްތައް ބޭނުންކުރުން : ބޭސްފަރުވާއަށްދާ ހޮސްޕިޓަލް ތަކުގަޔާއި، ލެބޯޓްރީ ތަކުގައި ބޭނުންކުރެވޭ އިންޖެކްޝަނާއި، ސިރިންޖާއި، ކަށި، ތިލަ ފަދަ ތޫނު ތަކެތި، އެކަށީގެންވާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަދި ރައްކާތެރިކަމާއެކު ނައްތާލުން އަދި ބޭސްފަރުވާއަށް ދާ ހޮސްޕިޓަލް ތަކަކީ އެތަނުގައި ގެންގުޅޭ ސާމާނުން، މިފަދަ ބަލިތައް މީހުންގެ ގައިންގަޔަށްނާރާ ފަދަ ފެންވަރު ރަގަޅު ތަންތަނަށްވުން މުހިއްމެވެ.

• ރައްކާތެރި ގޮތުގައި ޖިންސީ އަމަލުތައް ބެހެއްޓުން : ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމުން އެކަކު ގައިން އަނެކަކު ގަޔަށް ބަލިއެރުން ކުޑަކުރެވެއެވެ. މީގެ އިތުރުން ދީނުގެ ހަމަތަކުގެ މަތީން ޖިންސީގުޅުން ހިންގުމަކީ ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެކެވެ.

• ޞިއްޙީ ޚިދުމަތްދޭއިރު ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުން : މިސާލަކަށް އަންގިލެއްވުން، މާސްކުއެޅުން، މޫނުމަތިި އެޅުން ފަދަ ކަންތައްތައް ފުރިހަމަ ކުރުމެވެ. އަދި ޚިދުމަތް ދިނުމަށްފަހު ރަގަޅަށް އަތްދޮވެ ސާފުކުރުމެވެ. އަދި ޖަރާސީމާއި ތަޣައްޔަރުވެފައިވާ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ސާފުކޮށް ނައްތާލުމެވެ.

ހެޕަޓައިޓިސް ބީ ވެކްސިން

ހެޕަޓައިޓިސް ބީ އިން ރައްކާތެރިވުމުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ހެޕަޓައިޓިސް ބީ ވެކްސިން ދިނުމެވެ. މިވެކްސިން ހަމަކުރެވޭނީ 3 ޑޯޒް ޖަހައިގެންނެވެ. މިއީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ވެކްސިނެކެވެ. ނަމަވެސް ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ވެކްސިން ޖެހުމުގެ ބޭނުމެއް ނެތެވެ. އެއީ ބަލިޖެހުމުން އެމީހާގެ ހަށިގަނޑުގައި ހަށިދަމަނަ ކިޔާ ދިފާޢީ މާއްދާއެއް އުފައްދައިދޭތީ އެވެ.

ހެޕަޓައިޓިސް ބީ ވެކްސިން އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ތުއްތުކުދިންނަށް ވެކްސިން ޝެޑިއުލް ގައި ހިމެނޭ ވެކްސިނެކެވެ.1982 ވަނަ އަހަރު ތަޢާރަފްކުރެވުނު މިވެކްސިނަކީ މޮޅު އަދި ކާމިޔާބު ވެކްސިނެކެވެ. ވެކްސިންގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ދިފާޢީ މާއްދާތައް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑުގައި ހުރެއެވެ. ވުމާއެކު ކުރިން ވެކްސިން ދީފައިނުވާ ކުޑަކުދިންނާއި ޒުވާނުން މިވެކްސިން ޖެހުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ވެކްސިން ދިނުން އެދެވިގެންވާ ފަރާތްތައް

މިބަލީގެ ނުރައްކާތެރިކަން އެބައެއްގެ މައްޗަށް އޮތްމީހުން، މިވެކްސިން ޖެހުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:-

- ވިހެއުމާއެކު ތުއްތު ދަރިފުޅަށް ( އެއް އަހަރު ހަމަވުމުގެ ކުރިން 3 ޑޯޒް )

- 19 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ތިބި ހުރިހާ މީހުން

- އާއިލާގައި ނުވަތަ ގޭގައި އުޅޭ މީހުންގެ ތެރެއިން މީހަކީ މިބަލިޖެހިފައިވާ މީހެއްނަމަ، ދެންތިބި މީހުން މިވެކްސިން ޖެހުން މުހިއްމެވެ. މިސާލަކަށް އަނބިމީހާއަށް ޖެހިފައިވާނަމަ، ފިރިމީހާ ވެކްސިން ޖެހުން މުހިއްމެވެ.

- ގިނައިން ލޭއަޅަންޖެހޭ ކުދިންނާއި ބަލިމީހުން : މިސާލަކަށް ލޭއަޅާ ބަލީގެ ކުދިންނާއި ހީމޯޑައިލިސިސް ހަދާ މީހުން، އަދި ހީމޯފީލިޔާ ފަދަ ބަލިތައް ޖެހިފައިވާ މީހުން

- މަސައްކަތުގެ ގޮތުން ބަލާއިރު އެފަދަ ބައްޔެއް އަރާފާނެ ޙާލަތްތަކުގައި މަސައްކަތްކުރާ މީހުން : މިސާލަކަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން

- އިންޖެކްޝަންގެ ގޮތުގައި ބޭނުންކުރާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މިފަދަ ބަލިމީހުންނާއި އެކު ޖިންސީގުޅުން ހިންގުން

- ރައްކާތެރި ނޫންގޮތުގައި އެކަކަށްވުރެ ގިނަ މީހުންނާއެކު ޖިންސީގުޅުންހިންގާ މީހުން

- އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން

- ހެޕަޓައިޓިސް ސީ ފަދަ މޭގަނޑުގެ ބަލިތައް ޖެހިފައިވާ މީހުން

- އޭޑްސް ބަލީގެ އަހުލުވެރިން

ތުއްތު ކުދިންނަށް ވެކްސިން ޖަހާ ގަވާޢިދު:

• ފުރަތަމަ ޑޯޒު : އުފަންވުމާއެކު
• ދެވަނަ ޑޯޒު : ފުރަތަމަ ޑޯޒު ދޭތާ 1 މަސް ފަހުން
• ތިންވަނަ ޑޯޒު : ދެވަނަ ޑޯޒު ދޭތާ 3 ނޫނީ 6 މަސްފަހުން

ބޮޑެތި މީހުންނަށް ވެކްސިން ޖަހާ ގަވާޢިދު :

• ފުރަތަމަ ޑޯޒު ދޭތާ 1 މަސްފަހުން 2 ވަނަ ޑޯޒު
• ތިންވަނަ ޑޯޒު : ދެވަނަ ޑޯޒު ދޭތާ 3 ނޫނީ 6 މަސްފަހުން

ހެޕަޓައިޓިސް ބީ އިމިޔުނޯގްލޯބިޔުލިން

މާބަނޑު މީހެއްގެ ހެޕަޓައިޓިސް ބީ ހުރިކަން އެނގިއްޖެނަމަ، މިބަލިން ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ކުއްޖާ އުފަންވާތާ 12 ގަޑިއިރުގެ ތެރޭގައި ހެޕަޓައިޓިސް ބީ އިމިޔުނޯގްލޯބިޔުލިން(Hepatitis B immunoglobulin) ދޭންވާނެ އެވެ. އަދި މީގެ އިތުރުން ހެޕަޓައިޓިސް ބީ ވެކްސިން ގަވާޢިދުން ދޭންވާނެ އެވެ. މައިމީހާގެ ގާތުން ކިރުދިނުމަކުން ކުއްޖާއަށް ބަލި ވާރުތައެއް ނުކުރާނެއެވެ. ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހުންނާއި ގައިގޯޅިވެ އުޅޭމީހުންނާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާއަކުން ހެޕަޓައިޓިސް ބީގެ ވައިރަސް އަށް ހުށަހެޅިއްޖެނަމަ (ކުރިން ވެކްސިން ދީފައިނުވާނަމަ)، މިއިމިޔުނޯގްލޯބިޔުލިން ދިނުން ބުއްދިވެރިއެވެ.

މައުލޫމާތު :-

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.