އާދީއްތަ20201011

އާކުރެވުނީ: 08:43:52

ކަށި ފީވުން

kashi-feevunއުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުނަށް ކަށީގެ ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރަށް އަޅާ އުމުރުގެ މީހުންނާއި ކުޑަކުދިން ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ.

ކަށިފީވުމުގެ މައްސަލައަކީ އުމުރުންދުވަސްވުމުން އަންހެނުންނަށް ވަރަށް ގިނައިން ކުރިމަތިވާ މައްސަލަ އެކެވެ.

ކަށި އަދި ކަށިފީވުމަކީ ކޮބާ ؟

ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ ކެލްސިއަމްއެވެ. ހަށިގަނޑުގައި އެކުލެވޭ %99 ކެލްސިއަމް ހިމެނެނީ ދަތާއި،ކަށިތަކުގައެވެ.

އަންހެނުންނަށް މައްސަރުކަންތައް ހުއްޓުމުގެ ކުރިން އެމީހުންގެ ހަށިގަނޑުގައި އެކުލެވޭ އެސްޓްރޯޖެން އަދި ޕްރޯޖެސްޓީރޯން ކަށިތައް ބިނާކުރުމުގަޔާއި، ކަށިތައް ހެދިބޮޑުވުމަށް ބޭނުންވާ ކެލްސިއަމްއާއި، ފޮސްފަރަސް އަދި އެހެނިހެން މައުދަންތައް ކަށިތަކާއި ހަމައަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ކައްޓަކީ އޭގެޒާތުގައި ބިނާކުރުމާއި( އެނަބޮލިޒަމް) އަދި ހަލާކުކުރުމުގެ( ކެޓަބޮލިޒަމް) މަސައްކަތްތަކެއް އޭގެ ތެރޭގައި ހިންގާ ޓިޝޫއެކެވެ. މައްސަރުކަންތައް ހުއްޓުމުގެކުރިން ކަށީގެ ތެރޭގައި އެނަބޮލިޒަމް ކެޓަބޮލިޒަމް އަށްވުރެ ބޮޑަށް މަސައްކަތް ކުރެއެވެ. މާނައަކީ ދުވަސްވެފައިވާ ކަށިތައް ހަލާކުވެނެތިގެންދާ މިންވަރަށް ވުރެ އާކަށިތައް އުފެދިބޮޑުވާ މިންވަރު އިތުރުވެއެވެ. ނަމަވެސް މައްސަރުކަންތައް ހުއްޓި ހަށިގަނޑުގައި ކުރިން ބުނި ހޯމޯންސްތައް ( އެސްޓްރޯޖެން އަދި ޕްރޯޖެސްޓީރޯން ) މަދުވުމުން ކެޓަބޮލިޒަމްގެ ބައި އެނަބޮލިޒަމް އަށްވުރެ އިތުރުވެގެންދެއެވެ. ކަށިފީވުމުގެ އަސްލަކީ މިއީއެވެ.

ކަށިފީވުމުގެ މައްސަލަ ކުރިމަތިވަނީ ކޮންބަޔަކަށް ؟

ކަށިފީމުވުގެ މައްސަލަ އެންމެ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވީ އަންހެނުންނަށެވެ. ނަމަވެސް 50 އަހަރުން މައްޗަށް ދިއުމަށް ފަހު ބައެއް ފިރިހެނުންނަށް ވެސް މިމައްސަލަ ކުރިމަތިވެއެވެ. އުމުރުން ދުވަސްވުމުން ކަށިފީވާން ދިމާވަނީ މިއުމުރުގައި ކަށިތައް ނިކަމެތިވެ ކަށިތަކުގެ ބާރު ދަށްވާތީއެވެ. ލެޓިން އެމެރިކާއާއި އެފްރިކާގެ ގައުމުތަކުގެ އަންހެނުންނަށް ވުރެ އޭޝިއާއާއި، ކާކޮސައިޑް ނަސްލުގެ މީހުނަށް ކަށިފީވުމުގެ މައްސަލަ ކުރިމަތިވާލެއްބޮޑެވެ.

މާގިނައިން ވިހާފައި ތިބޭ އަންހެނުންނަށް ކަށިފީވުމުގެ މައްސަލަ ކުރިމަތިވާލެއް އަވަހެވެ. މާބަނޑުދުވަސްވަރު ހަށިގަނޑުން ގިނައަދަދެއްގެ ކެލްސިއަމް އާއި، ފޮސްފަރަސް އަދި އެހެނިހެން މައުދަންތައް ގެއްލިގެންދެއެވެ. ހަމަ މިހެން ހައިޟުގެ ދުވަސްވަރުވެސް ހަށިގަނޑުން ކެލްސިއަމް އަދި ފޮސްފަރަސް އުނިކުރެއެވެ.މިގޮތަށް އުނިވެގެންދާބައި އަބުރާހަށިގަނޑަށް ނުލިބިއްޖެނަމަ ކަށިފީވުމުގެ މައްސަލަ ކުރިމަތިވުމަކީ ގާތްކަމެކެވެ.

ކާނާގައި ކެލްސިއަމްއާއި، ވިޓަމިންޑީ ހިމެނޭ މިންވަރު ދަށްވުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމަކީވެސް ކަށީފީވުމަށް މަގު ފަހިކޮށްދޭ ކަންކަމެވެ.

ކަށިފީވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކަކީ ކޮބާ؟

ކަށިފީވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް އޭގެ އަލާމާތްތައް ފެންނަލެއް ލަހެވެ. މިފަދަ އަލާމާތްތައް ފާހަގަވަނީ ކަށިތައް ނިކަމެތިވެ، ވެއްޓި އުކުޅުކަށިތައް ބިދުން ނުވަތަ މައިބަދައިގެ ކަށިތައް ފިތި ހަލާކުވުން ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމައެވެ. ކަށިފީވުމުގެ ސަބަބުން ކުރިމަތިވާ އެންމެ އާންމު ކަމަކީ ކަށިތައް ދެރަވެ ބިދޭގޮތްވުމެވެ. އެންމެ އާންމުކޮށް ކަށިފީވުމުގެ މައްސަލަ ދިމާވަނީ މައިބަދައާއި، އަތުގެކުޑަހުޅާއި، ފައިގެ އުކުޅު ކަށިތަކަށެވެ. ބުރަކަށީގައި ރިއްސުން،ގުދުލުން،އަދި ހިގަންއުދަގޫވުން ފަދަ ކަންކަމަކީ ކަށިފީވުމުގެ ސަބަބުން ދިމާވެދާނެ އުދަގޫ ތަކެވެ.

ކަށިފީވުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމަކީ ކޮބާ؟

ކަށިފީވުމުގެ މައްސަލައިން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރެވިދާނެއެވެ.މިގޮތުން ކަށިފީވުމުގެ މައްސަލަ ކުރިމަތި ވެއްޖެނަމަ އެކަމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބޭސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން އަބަދުވެސް ކެލްސިއަމްއާއި،ވިޓަމިންޑީ އެކުލެވޭ ކާނާ ބޭނުންކުރެވިދާނެއެވެ.

ކިރާއި، ކިރުބޭނުން ކޮށްގެން ހަދާފައި ހުންނަ އުފެންދުންތަކާއި، ދޮންކޭލަކީ ކެލްސިއަމް ވަރަށް މަތީދަރަޖައަކަށް އެކުލެވޭ ބާވަތްތަކެވެ. މީގެ އިތުރުން ކަސްރަތުކުރުމަކީ ވެސް ކަށިތައް ސަލާމަތުން ހުރުމާއި، މަސްތައް ވަރުގަދަ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.