Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ކަށި ވިދުރި

ކަށި ވިދުރި

kashi-vidhuriމިއީ ޑީއެންއޭ ވައިރަސްތަކުގެ ތެރޭގައި ޝާމިލްވާ ''ޕޮކްސް'' ގުރޫޕުގެ ވައިރަސްއެއް ކަމުގައިވާ ''ވޭރިއޯލާ'' ވައިރަސްގެ ސަބަބުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށިވިދުރި ޖައްސާ ''ވޭރިއޯލާ މޭޖަރ'' ވައިރަސްއާއި ''އެލަސްޓްރިމް'' ކިޔާ ބައްޔެއް ޖައްސާ ''ވޭރިއޯލާ މައިނާރ'' ވައިރަސް އެވެ.

މި ވައިރަސް ހަށިގަނޑަށް ވާސިލް ވަނީ ބަލި ޖެހިފައިވާ މީހެއް ބޭނުންކުރާ ތުވާލިފަދަ އެއްޗެއް ބޭނުން ކުރުމުން ނުވަތަ ވައިރަސްއާއި ތަޣައްޔަރުވެފައިވާ އެއްޗެއް ނޭވާލުމުގެ ޒަރީއާއިން ހަށިގަނޑަށް ވާސިލް ވުމުންނެވެ.

ފުރަތަމަ ކޮޅު ހުންއައުމާއި އެކު މިބަލީގެ އަސަރު ކުރަނީ ނޭފަތުގެ ބަތާނަ ( މިއުކޯޒާ ) އަށެވެ. އެއަށް ފަހު ވައިރަސް ''ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް''އަށް ވާސިލްވެއެވެ. ދެން ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ. އެއަށް ފަހު ވައިރަސް ހަންގަނޑުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ބިހިތަކެއް ހަންގަނޑުގައި ނަގަންފަށައެވެ. އެއަށްފަހު އެބިހިތައް ފޮޅުތަކަކަށް ބަދަލުވެއެވެ. ފަހުން ފޮޅުތަކަށް ދޮސްއެރި ފެޅި، ތޮށިފޮޅުމަށްފަހު ރަގަޅުވާއިރު ދާއިމީ ލަކުނެއް ހަންގަނޑުގައި އުފައްދައެވެ.

1980 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ކަށިވިދުރި ދުނިޔެއިން ފުހެލާފައެވެ. ނަމަވެސް މިހާރުވެސް ބައެއް ގައުމުތަކުގައި މިބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހުންނަށް އެކަމުން ރައްކާތެރި ވުމުގެ ގޮތުން ވެކްސިން ދީ އުޅެއެވެ. މިބަލިން ސަލާމަތްވުމުގެ ގޮތުން ދީއުޅުނީ ޖެނަރ ވެކްސިން ނުވަތަ ކަފް ލިމްފް ވެކްސިން އެވެ.

* ނޯޓް:

ކަށިވިދުރީގެ ވައިރަސް އަކީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ވައިރަހެކެވެ. ކަށި ވިދުރި ދުނިޔެއިން ނައްތާލެވިފައިވީ ނަމަވެސް އޭގެ ވައިރަސްގެ ނަމޫނާތައް އިތުރަށް ދިރާސާކޮށް ހޯދުމުގެ ބޭނުމުގައި ލެބޯޓަރީ ތަކުގައި ރައްކާކުރެވިފައިވެއެވެ. މިވައިރަސް އެމެރިކާ،ރަޝިޔާ ފަދަ ގައުމުތަކުގައި ޚާއްސަ ސަމާލުކަމާއި އެކު ރައްކާކުރެވިފައިވެއެވެ. 1999ގެ ނިޔަލަށް މިގޮތަށް ރައްކާކުރެވިފައި ހުރި ވައިރަސްގެ ސްޓޮކްތައް ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގޮވާލިއެވެ. އެއީ ހަނގުރާމައެއްގެ ސަބަބުން ކަށިވިދުރި ދެވަނަ ފަހަރަށް ދުނިޔޭގައި އާލާވިޔަ ނުދިނުމަށްޓަކައެވެ.

 

Comments