އަންގާރަ20201013

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް މަދިރި އަދި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް

މަދިރި އަދި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް


madhiri-adhi-eyge-baliމަދިރިތަކުގެ އަސްލު
މަދިރީގެ އާދަކާދަ
މަދިރި ކޮންޓްރޯލް ކުރާނީ ކިނިހެއް؟
މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް
  މެލޭރިއާ
  ފައިލޭރިއާ
  ރީދޫ ހުން
  ޑެންގޫ ހުން
  ރިފްޓް ވެލީ ހުން

މަދިރިތަކުގެ އަސްލު

އާންމުގޮތެއްގައި 3ވައްތަރެއްގެ މަދިރި އުޅެއެވެ. އެއީ ''އީދްސް އިޖިޕްޓި''، ''ކިއުލެކްސް ޕައިޕިއެންސް''، އަދި ''އެނޯފިލީންސް'' އެވެ. އެނޯފިލިންސްގެ ބާވަތްތަކުގެ ތެރޭގައި ''އެނޯފީލްސް ފެރޯއެންސިސް''، ''އެނޯފީލްސް މަލްޓިކޮލަރ''، ''އެނޯފީލްސް ސާޖެންޓީ''، އަދި ''އެނޯފީލްސް ގެމްބިއާ'' ފަދަ ބާވަތްތައް ހިމެނެއެވެ.ދުނިޔޭގެހުރިހާ ހިސާބެއްގައި ވެސް މަދިރި އުޅެއެވެ. ނަމަވެސް ހޫނު ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރި ގިނަކަން ފާހަގަކުރެވެއެވެ.

މަދިރި ދިރިހުރުމުގެ ބުރުހަމަކުރުމުގައި ހަތަރު މަރުހަލާއެއް ކަޑަތުކުރެއެވެ. މަދިރިގެ ފުރަތަމަ މަރުހަލާއަކީ ފެންގަޑަށް ދޫކުރާ ބިސް އެވެ. މަދިރި ބިސް އަޅަނީ ވަކިވަކި ބިސްތަކެއްގެ ގޮތުގައި ނުވަތަ ޖަމާއީ ކޮށެވެ. މަދިރި ބިސް އެޅުމަށްފަހު އެބިސް ކޮއްޓިގެން އެއިން ލާރވާ ނިކުތުމަށް ވަކި ފިނިހޫނުމިނެއް ބޭނުން ވެއެވެ. މިސާލަކަށް 52ޑިގްރީ ސެލްޒިއެސްއެވެ. ލާރވާ އަކީ މިބުރުގެ ދެވަނަ މަރުހަލާއެވެ. ލާރވާ ފެނުގައި ހަފްތާއެއްގެ ތެރޭގައި 3ފަހަރު ތޮށިބޭލުމަށް ފަހު 4ވަނަ ފަހަރު ޕިއުޕާ އަކަށް ބަދަލު ވެއެވެ. ޕިއުޕާ އަކީ މިބުރުގެ 3ވަނަ މަރުހަލާއެވެ. ޕިއުޕާ ފެނުގެ ތެރޭގައި ދެތިން ދުވަހު ހޭދަކުރުމަށް ފަހު ފުރިހަމަ މަދިރިއަކަށް ( 4ވަނަ މަރުހަލާ) ބަދަލުވެއެވެ. މިގޮތަށް މަދިރީގެ ދިރިހުރުމުގެ ބުރުހަމަކުރުމަށް 2ހަފްތާ ނަގައެވެ. މަދިރިތައް އުފެދި އާލާވަނީ މިބީދައިންނެވެ.madhiri2

މަދިރީގެ އާދަކާދައާދަކާދަ

މަދިރި ކޮންޓްރޯލްކޮށް ނައްތާލުމަށްޓަކައި މަދިރީގެ އާދަތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން މަދިރީގެ އާދަ ކާދަތައް ހުންނަގޮތް ދެދުވަސްވަރަކަށް ބަހާލެވެއެވެ. އެއީ ފެނުގައި ބޮޑުވާ ދުވަސްވަރާއި، ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރެވެ. ކުރިން ބަޔާންކުރެވުނު މަރުހަލާތަކުގެ ތެރެއިން ފުރަތަމަ 3މަރުހަލާއަކީ ފެނުގައި ބޮޑުވާ ދުވަސްވަރެވެ. 4ވަނަ މަރުހަލާއަކީ ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން މަދިރި ބިސްއެޅުމަށް ފެންގަނޑެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކިވައްތަރުގެ މަދިރީގެ ބިސްތައް ފިނިހޫނުމިނަށް ތަހައްމަލު ކުރާ މިންވަރު ތަފާތެވެ. ހަމަމިހެން ބިސްއެޅުމަށްޓަކައި ފެންގަނޑު އިޚްތިޔާރުކުރާ ގޮތް ވެސް ތަފާތެވެ. ބައެއް ބާވަތުގެ މަދިރި ބާރަށް ނުވަތަ ލަސްލަހުން ދައުރުވާ ފެންގަނޑަށް ބިސްއަޅާއިރު އަނެއް ބާވަތުގެ މަދިރި ބިސްއަޅަނީ ނުދެމޭ ނުވަތަ ދައުރުވާ ފެންގަނޑު ތަކަށެވެ.

ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރު އަންނަނިވި ކަންތައްތަކަށް ފާހަގަ ކުރެވޭނެއެވެ.

(ހ) މަދިރި ލާރވާ ނިކުންނަގޮތާއި، އުދުހޭގޮތް، ބޮޑުވެ ފުރިހަމަވާގޮތް އަދި ބިސްދޫކުރާގޮތް އެއްބާވަތުގެ މަދިރިއާއި، އަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ.

(ށ) މަދިރި އިންސާނުންގެ ހަށިގަނޑުން ލޭބުއިމަށް ފަހު ނުވަތަ އޭގެ ކާނާ ހޯދުމަށްފަހު އަރާމުކުރުމަށް ހޭދަކުރާތަން އެއްބާވަތުގެ މަދިރިއާއި އަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ. މިސާލަކަށް ބައެއް މަދިރިތައް އަދިރި ތަންތާގައި ތިބޭއިރު އަނެއްބައި މަދިރިތައް ސީލިންގ ފަދަ ތަންތާގައި ޖައްސައިގެން ތިބެއެވެ.

(ނ) އާންމުގޮތެއްގައި ފިނިމޫސުމައި މަދިރިތައް މަދުވެއެވެ. އެއީ ގިނަ މަދިރި ފިނިމޫސުމުގައި ހޭދަކުރަނީ ހާރބިނޭޝަން އޭ ކިޔޭ ހާލަތެއްގައެވެ. މިހާލަތުގައި މަދިރިތައް ތިބެނީ ހަރަކާތް މަދުވެ، ވަޅޯވެފައެވެ.

(ރ) ފިނިހޫނުމިނާ ރިޢާޔަތްކޮށް ދިރިހުންނަ މުއްދަތު ތަފާތެވެ. ހޫނު މޫސުމުގައި އަދި ހޫނު ގައުމުތަކުގައި މިމުއްދަތު މަދިރިތައް ހޭދަކުރާލެއް ކުރެވެ.

(ބ) އެކިބާވަތުގެ މަދިރި އުދުހޭ ދުރުމިން ވެސް ތަފާތެވެ.

(ޅ) މަދިރި އިންސާނުންގެ ހަށިގަނޑުގައި ދަތްއަޅާގޮތްވެސް އެއްބާވަތް އަނެއްބާވަތާއި ތަފާތެވެ. ކިއުލެކްސް މަދިރިތައް އަންނައިރު ކަންފަތަށް އުދަގޫ އަޑެއް ހުރެއެވެ. އަދި ދަތްއަޅާތަނުގައި ރިއްސައި، ހިރުވުމާއި އެކު ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެނޯފީލްސް މަދިރިތައް ކައިރިވަނީ މަޑުމަޑުން އަޑުލެއްވުމަކާއި ނުލައެވެ. އަދި ދަތްއެޅި ނަމަވެސް ރިހުން އިހްސާސްކުރެވޭލެއް ކުޑައެވެ.

މަދިރި ކޮންޓްރޯލް ކުރާނީ ކިނިހެއް؟

(ހ) ފެނުގައި ކަޑަތުކުރާ މަރުހަލާގައި މަދިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް

1- ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެން ބަދަލުބަދަލުކޮށް ބަދަލުކޮށް ބެހެއްޓުން

2- ވަޅު ދިޔަ ހިއްކުން އަދި ވަޅަށް ފަތްފަދަ ހަނޑި ނޭޅުން

3- ވަޅަށް ކްލޮރިން އެޅުން

4- ވަޅަށް ބޭންގ، ގުރުވަ، ކައްޓަފުޅި ފަދަ މަސްލުން

5- ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް އަޅައި ބެއްދުން

6- މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް ސްޕްރޭކުރުން

(ށ) އުދުހިއުޅޭ(ފުރިހަމަ މަދިރިއެއްގެ)މަރުހަލާގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް

1- މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި މަދިރި ނަރުދާ ހަރުކުރުން

2- ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން

3- ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި ކުރުވާ މާއްދާތައް ހަންގަނޑުގައި އުގުޅުން

މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް

މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.

މެލޭރިއާ(Malaria)

މެލޭރިއާ ޖެހެނީ ކިހިނެއް ؟ އަދި މެލޭރިއާ ފެތުރެނީ ކިހިނެއް ؟

މެލޭރިއާ ޖެހެނީ ''ޕްލަސްމޯޑިއާ''(Plasmodia)ކިޔާ ޕްރޮޓޮޒޯގެ ގުރޫޕެއްގެ ސަބަބުންނެވެ. މެލޭރިޔާ ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ލޭބުއިފައިވާ އެނޯފީލް (ނުވަތަ މެލޭރިއާ ޖައްސާ ޕަރަސައިޓްގެ ބަލި ފަތުރުވާ މަރުހަލާ އުފުލާ އެނޯފީލް)އަންހެން މަދިރިއެއް ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ( ހެފުމުގެ ތެރޭގައި ) ޕްލަސްމޯޑިއަމް އެމީހެއްގެ ހަށިގަނޑަށް ވާސިލް ވުމުންނެވެ.

މެލޭރިޔާ ކުރިމަތި ކުރުވާ ޕްލަސްމޯޑިއާގެ މައިގަނޑު 4 ވައްތަރެއް ހުރެއެވެ. އެއީ

(ހ) ޕްލަސްމޯޑިއަމް ވިވެކްސް: (Plasmodium vivax) ''ވިވެކްސް'' ނުވަތަ ''ބިނައިން ޓާޝިއަން މެލޭރިއާ'' (Benign tertian malaria) ޖެހެނީ މިވައްތަރުގެ ޕްލަސްމޯޑިއަމްގެ ސަބަބުންނެވެ.

(ށ) ޕްލަސްމޯޑިއަމް އޯވޭލް (Plasmodium ovale) ''އޯވޭލް'' ނުވަތަ ''އޯވޭލް ޓާޝިއަން މެލޭރިއާ'' (Ovale tertian malaria) ޖެހެނީ މިވައްތަރުގެ ޕްލަސްމޯޑިއަމްގެ ސަބަބުންނެވެ.

(ނ) ޕްލަސްމޯޑިއަމް މެލޭރިއާ: (Plasmodium malariae) ''މެލޭރިއާއީ'' ނުވަތަ ''ކްއާޓަން މެލޭރިއާ'' (Quartan malaria) ޖެހެނީ މިވައްތަރުގެ ޕްލަސްމޯޑިއަމްގެ ސަބަބުންނެވެ.

(ރ) ޕްލަސްމޯޑިއަމް ފަލްސިޕޭރަމް: (Plasmodium falciparum)

''ފަލްސިޕޭރަމް'' ނުވަތަ ''މެލިގްނެންޓް މެލޭރިއާ'' (Malignant malaria) ޖެހެނީ މިވައްތަރުގެ ޕްލަސްމޯޑިއަމްގެ ސަބަބުންނެވެ.

ޖިއޮގްރަފިކަލް ގޮތުން

ބަޔާންކުރެވުނު ވައްތަރުތަކުގެ ތެރެއިން ފަލްސިޕޭރަމް މެލޭރިއާ އަދި އޯވޭލް މެލޭރިއާ އެންމެ އާންމުކޮށް ކުރިމަތިވަނީ އާދަޔާއި ޚިލާފަށް ހޫނު ގައުމުތަކުގައި އުޅޭމީހުންނަށެވެ. ކްއާޓަން މެލޭރިއާ ޖެހެނީ ހަމަހަމަ ފިނިހޫނުމިނެއް އަބަދުވެސް ހުންނަ ގައުމުތަކުގެ މީހުންނަށެވެ. ވިވެކްސް މެލޭރިއާ ޖުމުލަ ގޮތެއްގައި ދުނިޔޭ ހުރިހާ ހިސާބެއްގެ މީހުންނަށް ވެސް ޖެހޭކަމަށް ފާހަގަކުރެވިފައި ވެއެވެ.

madhiri3

ދިރިހުރުމުގެ ބުރު

( ހ) އިންސާނާގެ ހަށިގަނޑުގައި

ކުރިން ވެސް ބަޔާންކުރެވުނު ފަދައިން މެލޭރިޔާ ޖެހެނީ ބަލިފަތުރުވާ( ބަލި ޖައްސުވާ ޕްލަސްމޯޑިއަމްގެ ސްޕޮރޯޒޮއިޓްސް އޭ ކިޔޭ މަރުހަލާ އުފުލާ ) އެނޯފިލިން އަންހެން މަދިރިއެއް އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ސަބަބުންނެވެ. މިގޮތަށް ހެފުމުގެ ތެރޭގައި ''ސްޕޮރޯޒޮއިޓްސް (Sporozoites) ހަމުގެ ތެރެއިން އިންސާނާގެ ހަށިގަނޑަށް ވާސިލްވެއެވެ. ހަދުފަޅި ނުވަތަ ބަޅުވަޅިއެއްގެ ބައްޓަމަން އޮންނަ މިބުނި ސްޕޮރޯޒޮއިޓް 40މިނިޓުގެ ތެރޭގައި ލޭގެ އާރުގެތެރެއިން ފުރަމޭ އަށް ވާސިލްވެ، އޭގެ ސެލްތަކުގެ ތެރެއަށް ވަދެ ހަރުލައެވެ.

1- ފުރަމޭގައި

ފުރަމޭގެ ސެލްގައި ސްޕޮރޯޒޮއިޓްސް ބޮޑުވެ ''ޓްރޮފޯޒޮއިޓް'' (Trophozoite)އޭ ކިޔޭ މަރުހަލާއަކަށް ބަދަލުވެއެވެ. އެއަށްފަހު އޭގެ ނިއުކްލިއަސްއާއި، ސައިޓޮޕްލާޒަމް ކުދިކުދި ބައިތަކަށް ފުނޑުފުނޑުވެ، ''ޝިޒޮންޓް''(Shizont)އޭ ކިޔޭ މަރުހަލާއެއް އުފެދެއެވެ. އެއަށްފަހު އިންފެކްޓްވެފައިވާ ފުރަމޭގެ ސެލް ފަޅައިގެން ދިއުމުން ''ޝިޒޮންޓް''ގެ އެތެރޭގައި ހުންނަ ''މިރޮޒޮއިޓްސް''(Merozoites)ލޭގެ އާރަށް ވާސިލްވެއެވެ. ނުވަތަ ލޭގެ އާރުގެ ތެރެއަށް ފޮނުވާލައެވެ. ކޮންމެ ''ޝިޒޮންޓް''އެއްގެ ތެރޭގައި އެތައް ބައިވަރު ކުދިކުދި ''މިރޮޒޮއިޓް''ތައް އުފެދެއެވެ. ލެޔަށް ''މިރޮޒޮއިޓްސް'' ވާސިލްވުމަށް ފަހު ރަތްސެލް ތަކުގެ ތެރެއަށް ވަދެއެވެ.

2- ލޭގެ ރަތް ސެލްގައި

ރަތްސެލްގެ ތެރޭގައި ''މިރޮޒޮއިޓް''، ''ކްރޮމަޓިން''އާއި އޭގެ ވަށައިގެން ހުސްތަންވާ ސައިޓޮޕްލާޒަމްގެ ލޫޕެއް އުފައްދައެވެ. މިމަރުހަލާއަށް ކިޔަނީ ''ރިންގ ސްޓޭޖް''(Ring stage) އެވެ. ރަތްސެލްގެ ތެރޭގައި ހީމޯގްލޯބިން އިން އޭގެ ކާނާ ހޯދައިގެން ބޮޑުވެ ''ޓްރޮފޯޒޮއިޓް''(Trophpzoite)ގެ މަރުހަލާއަށް ބަދަލުވެއެވެ.އެއަށްފަހު ''ކްރޮމަޓިން''އާއި ސައިޓޮޕްލާޒަމް ކުދިކުދިބައިތަކަށް ފުނޑުފުނޑުވެ، ''ޝިޒޮންޓް'' އޭ ކިޔުނު މަރުހަލާ އުފެދެއެވެ. ސައިޓޮޕްލާޒަމްގެ ތެރޭގައި ހުންނަ ހީމޯގްލޯބިން މޮލިކިއުލްތައް ހުންނަނީ މުށި ރީދޫ ގްރެނިއޫލްތަކެއްގެ ސިފައިގައެވެ. މިގްރެނިއޫލްތަކަށް މެލޭރިއާ ޕިގްމެންޓް(Malaria pigment) ނުވަތަ ''ހީމޯޒޮއިން''(Haemozoin)އޭ ކިޔައެވެ. މެލޭރިއާ ޕަރަސައިޓްއާއި ތަޣައްޔަރު ވެފައިވާ ލޭގެ ރަތް ސެލްގެ ސައިޓޮޕްލާމްޒަމްގައި އެކިވައްތަރުގެ ގްރެނިއޫލްތައް ހުރެއެވެ. މިސާލަކަށް ޕްލަސްމޯޑިއަމް އޯވޭލް، ނުވަތަ ޕްލަސްމޯޑިއަމް ވިވެކްސްގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތްސެލްގެ ސައިޓޮޕްލާޒަމްގައި ހުންނަ ގްރެނިއޫލްތަކަށް ކިޔަނީ ''ޝަފްނާސް ޑޮޓްސް'' (Schuffner's dots)އެވެ. ޕްލަސްމޯޑިއަމް މެލޭރިއާގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތްސެލްގެ ސައިޓޮޕްލާޒަމްގައި ހުންނަ ގްރެނިއޫލްތަކަށް ކިޔަނީ ''ޒީމަންސް ޑޮޓްސް''(Ziemann's dots)އެވެ. ޕްލަސްމޯޑިއަމް ފަލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތް ސެލްގެ ސައިޓޮޕްލާޒަމްގައި ހުންނަ ގްރެނިއޫލްތަކަށް ކިޔަނީ ''މައުރާސް ކްލެފްޓްސް'' (Maurer's clefts) އެވެ. ތަޣައްޔަރުވެފައިވާ ރަތްސެލް ފަޅައިގެން ދިއުމަށްފަހު ''މީރޮޒޮއިޓް''ތައް ލޭގެ އާރަށް ދޫކޮށްލުމުން އެހެން ރަތްސެލް އަކުން އޭގެ ހިޔާވަހިކަން ހޯދައެވެ. އެއަށްފަހު ހިޔާވަހިކަން ހޯދި ސެލްގެ ތެރޭގައި ދިރިހުރުމުގެ އާބުރެއް ފަށައެވެ.

ލޭގެ ރަތްސެލްތަކުގައި ބައެއް މީރޮޒޮއިޓްތައް މައިކްރޯގާމީޓޯސައިޓްއާއި، މެކްރޯގާމީޓޯސައިޓް އުފައްދައެވެ. މިހާލަތުގައި އެނޯފިލިންގެ އަންހެން މަދިރިއެއް މެލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފިނަމަ މަދިރީގެ ހަށިގަނޑަށް ލެޔާއި އެކު މައިކްރޯގާމީޓޯސައިޓްއާއި، މެކްރޯގާމީޓޯސައިޓްތައް ވާސިލްވެއެވެ.

(ށ) މަދިރީގެ ހަށިގަނޑުގައި

މަދިރީގެ ތެރޭގައި ކުރިން ބުނި މައިކްރޯގާމީޓޯސައިޓް ( ފިރިހެން ބަހާ އުފުލާ ހައިވާން ) އާއި، މެކްރޯގާމީޓޯސައިޓް (އަންހެން ބަހާ އުފުލާ ހައިވާން ) ތައް އެއްވެ ''ޒައިގޯޓް''(Zygote)އަށް ބަދަލުވެއެވެ. އެއަށްފަހު ޒައިގޯޓް ދެމި، ނުވަތަ ދިގުވެ، ''އޫކައިނީޓް''(Ookinete)އަކަށް ބަދަލުވެއެވެ. އޫކައިނީޓް މަދިރީގެ ބަނޑުގެ އެންމެ ދަށުފަށަލައިގެ ތެރޭގައި ''އޫސީސްޓް''(Oocyst)އަކަށް ބަދަލުވެއެވެ. އެއަށްފަހު އޫސީސްޓް ''ސްޕޮރޯސީސްޓް'' (Sporocyct)އަކަށް ބަދަލުވެއެވެ. ސްޕޮރޯސީސްޓް ފަޅައިގެން ދިއުމުން ބޭރުވާ ''ސްޕޮރޯޒޮއިޓް'' ތައް މަދިރީގެ ކުޅުއުފައްދާ ގޮށްތަކަށް ވާސިލްވެ، އިންސާނަކަށް ހަމަލަ ދިނުމާއި ހަމައަށް އެތާގައި ދެމިތިބެއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އިންސާނާގެ ހަށިގަނޑަށް މަދިރި ހެފުމުގެ ތެރޭގައި ވާސިލްވަނީ ސްޕޮރޯޒޮއިޓްސް އެވެ.

madhiri4މެލޭރިޔާ ޖެހުމުން ވަނީ ކިހިނެއް؟ ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

1- މެލޭރިޔާ ޖައްސާ ޕަރަސައިޓް މަދިރީގެ ޒަރީޢާއިން އިންސާނާގެ ހަށިގަނޑަށް ވާސިލްވުމަށް ފަހު ހުންއައުން، ބޮލުގައިރިހުން، ހިތްނުތަނަވަސް ވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.

2- ތިން މަރުހަލާއެއް މެލޭރިއާ ޖެހުމުން ކަޑަތުކުރެއެވެ. އެއީ އަންނަނިވި 3މަރުހަލާ އެވެ.

(ހ) ފިނިކަން އިހްސާސްވުން :މިމަރުހަލާގައި އާދަޔާޚިލާފަށް ފިނިކަން އިހްސާސްކުރެވި، ހީކަރުވާގޮތްވެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދެއެވެ. އާންމުގޮތެއްގައި މިމަރުހަލާގައި ހޭދަވަނީ 15-10މިނިޓެވެ.

(ށ) ހޫނުކަން އިހްސާސްވުން :6-2ގަޑި އިރަށް ދެމިގެންދާ މިމަރުހަލާގައި ގަދަޔަށް ހުންއައުމާއި، އެކު، ހޮނޑުލެވި، ބޮލުގައިރިހި، ހަންގަނޑު ރަތްވެ، ހިކިފައި ހުންނަ ގޮތް މެދުވެރިވެއެވެ.

(ނ) ދާހިއްލުން :އެތައް ގަޑިއިރަށް ދެމިގެންދާ މިމަރުހަލާގައި ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އާދަޔާއި ޚިލާފަށް ގިނައިން ދާހިއްލުމާއި އެކު، ވަރުބަލިވާގޮތްވެއެވެ.

3- މަތީގައި ބަޔާންކުރެވުނު 3 މަރުހަލާ އަންނަނިވި ގޮތަށް ތަކުރާރު ވެއެވެ.

(ހ) ޓާރޝިއަން މެލޭރިއާ ގައި ކޮންމެ 48ގަޑިއިރަކުން ތަކުރާރު ވެއެވެ.

(ށ) ކްއާޓަން މެލޭރިއާގައި ކޮންމެ 72 ގަޑިއިރަކުން ތަކުރާރު ވެއެވެ

(ނ) މެލިގްނެންޓް މެލޭރިއާ ގައި ކޮންމެ 48-36 ގަޑިއިރުގެ ތެރޭގައި ތަކުރާރު ވެއެވެ.

ބަޔާންކުރެވުނު 3މަރުހަލާ ގާތްގަނޑަކަށް 2ހަފްތާގެ މުއްދަތަށް ތަކުރާރުވެއެވެ. އެއަށްފަހު ހުއްޓި ދެއެވެ. މިގޮތަށް ހުއްޓުމަކީ ބަލިން ސަލާމަތްވުން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ކްއާޓަން މެލޭރިއާއި، މެލިގްނެންޓް މެލޭރިއާ ގައި މިބުނި އަލާމާތްތައް ނުވަތަ މަރުހަލާތައް ހުއްޓުމަށްފަހު ވެސް ލޭގެ ރަތް ސެލްތަކުގެ ތެރޭގައި މެލޭރިއާ ޖައްސާ ޕަރަސައިޓް މަދުމިންވަރަކަށް ވަރަކަށް ހުންނަ ގޮތް މެދުވެރި ވެއެވެ. މިގޮތަށް ހުންނަ ޕަރަސައިޓްތަކުގެ ސަބަބުން ހަށިގަނޑުގެ ބާރު ދަށްވާ ހާލަތްތަކުގައި ދެވަނަ ފަހަރަށް ކުރިން ބުނި އަލާމާތްތައް ފެންނަށް ފަށައެވެ. މިގޮތަށް ދެވަނަ ފަހަރަށް އަލާމާތްތައް ފެންނަށް ފެށުމަށް ''ރެކްރޫޑިސެންސް''(Recrudescence)އޭ ކިޔައެވެ.

ބިނައިން އަދި އޯވޭލް ޓާޝިއަން މެލޭރިއާގައި ފުރަމޭގެ ތެރޭގައި ހަމަހިމޭން ނުވަތަ މައިތިރިވެފައިވާ ''ހައިޕްނޯޒޮއިޓް''(Hypnozoite)ތައް ދުވަސްތަކެއް ފަހުން ހަރަކާތްތެރިވާން ފަށައެވެ. އެއާގުޅިގެން މެލޭރިއާގެ ސަބަބުން ކުރިމަތިވާ އަލާމާތްތައް ފެންނަށް ފަށައެވެ. މިބުނިގޮތަށް ''ހައިޕްނޯޒޮއިޓް''ތައް ހަރަކާތްތެރިވާން ފެށުމާއި ގުޅިގެން މެލޭރިއާގެ އަލާމާތްތައް ފެންނަށް ފެށުމަށް ''ރިލެޕްސް'' (Relapse) އޭ ކިޔައެވެ.

4- ލޭމަދުވުން : ލޭމަދުވާން ދިމާވަނީ ޕަރަސައިޓްއާއި، ތަޣައްޔަރުވެފައިވާ ރަތްސެލްތައް ފަޅައިގެން ދިއުމާއި ގުޅިގެންނެވެ. ޕްލަސްމޯޑިއަމް ވިވެކްސް އާއި، އަދި ޕްލަސްމޯޑިއަމް އޯވޭލް ޕަރަސައިޓްގެ މީރޮޒޮއިޓްތައް ވަންނަނީ ހަމައެކަނި ''ރެޓިކިއުލޯސައިޓް''(Reticulocyte)ތަކަށެވެ.(ރެޓިކިއުލޯސައިޓް އަކީ ރަގަޅަށް ފުރިހަމަ ނުވާ ރަތް ސެލްތަކެވެ. ) ޕްލަސްމޯޑިއަމް މެލޭރިއާ ޕަރަސައިޓްގެ މިރޮޒޮއިޓްތައް ވަންނަނީ ގިނަ ދުވަސްވެ، ނުވަތަ ހަލާކުވާން ކައިރިވެފައިވާ ރަތްސެލްތަކަށެވެ. ނަމަވެސް ޕްލަސްމޯޑިއަމް ފަލްސިޕޭރަމް ޕަރަސައިޓްގެ މިރޮޒޮއިޓްތައް ކޮންމެ ކަހަލަ ރަތްސެލް އަކަށް ވެސް ވަދެދާނެއެވެ.

5- ފުރަމޭ އަދި ހުންކޮށި ދުޅަވެ ބޮޑުވުން

މެލޭރިއާގެ ސަބަބުން ކުރިމަތިވެދާނެ އެހެނިހެން އުދަގޫތައް

ބިނައިން ޓާޝިއަން މެލޭރިއާ، އޯވޭލް ޓާޝިއަން މެލޭރިއާ އަދި ކްއާޓަން މެލޭރިއާ މި 3 ވައްތަރަކީ ނިސްބަތުން އޭގެ ނުރައްކާތެރިކަން ކުޑަ3ވައްތަރެވެ. ކްއާޓަން މެލޭރިއާ ދިގުމުއްދަތަކަށް ޖެހިފައިވާނަމަ ގުރުދާގެ ''ގްލޯމެރިއޫލް''(Glomerule)ތައް ހަލާކުކޮށް ލައެވެ. މިއާ ގުޅިގެން ''ނެފްރޮޓިކް ސިންޑްރޯމް'' (Nephrotic syndrome)އޭ ކިޔޭ ބައްޔެއް ފެންމަތި ކުރުވައެވެ.

މެލޭރިއާގެ އެންމެ ނުރައްކާތެރި ވައްތަރަކީ ޕްލަސްމޯޑިއަމް ފަލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލިގްނެންޓް މެލޭރިއާ އެވެ. މިވައްތަރުގެ މެލޭރިއާ ޖެހުމުން ޕަރަސައިޓްއާއި ތަޣައްޔަރުވެފައިވާ ރަތް ސެލްގެ ސަތަހައިގައި ވަށް ގޮބު(Knob)ތަކެއް އުފެދެއެވެ. މިކަމުގެ ސަބަބުން އެތެރެ ހަށީގެ ގުނަވަންތަކުގެ ތެރޭގައިވާ ކުދިކުދި ލޭހޮޅި(Capillary)ތަކުގެ އެތެރޭ ކައިރިފަށު(Endothelium)ގައިވާ ޚާއްޞަ ރިސެޕްޓަރ ތަކުގައި ތަތްވުމަށް މަގު ފަހިކޮށް ދެއެވެ. އެއާއިވިދިގެން ކުދިކުދި ލޭހޮޅިތައް ބެދި، އެހިސާބަކަށް އޮކްސިޖަން ވާސިލްވުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބުގެ ޓިޝޫތައް މަރުވުން ފަދަ ކަންތައް ކުރިމަތިވެއެވެ.

މިގޮތުން ލޭހޮޅިތައް ބެދިގެންދާ ތަނަކާއި ރިއާޔަތްކޮށް މެލިގްނެންޓް މެލޭރިއާ ތަފާތު ވައްތަރުތައް ކަނޑައެޅިފައި ވެއެވެ.

(ހ) ސިކުނޑީގައި (ސެރެބްރަލް މެލޭރިއާ):އާދަޔާ ޚިލާފަށް ބޮލުގައި ރިހި، ތާއްޔަށްޖެހުމާއި، ކަންކަމުގައި ޚިޔާލު ތަފާތުވުން ނުވަތަ ވާނުވާ ނޭގިފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. އަދި ހޭނެތޭގޮތް މެދުވެރިވުމަކީ ވެސް ވެދާނެ ކަމެކެވެ.

(ށ) ގޮހޮރުގައި (ޑިސެންޓެރިކް މެލޭރިއާ): ބަނޑުގައި ރިހުން، ހޮނޑުލެވުން، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައި ލޭހިލުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ.

(ނ) ފުއްޕާމެޔާއި އެއާގުޅިފައިވާ ޓިޝޫތަކުގައި ދިޔާތަކެތި ޖަމާވުން

(ރ) އަލްގިޑް މެލޭރިއާ: ފުއްޕާމެޔާއި އޭގެ ވަށައިގެންވާ ޓިޝޫތަކުގައި ދިޔާތަކެތި ޖަމާވުމާއި، ހަޖަމުކުރާ ނިޒާމުގެ ބައިތަކުން ލޭހިލުމާއި ގުޅިގެން ކުރިމަތިވާ މިފާޑުގެ މެލޭރިއާގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ، ޝޮކްޖެހޭގޮތް ވެއެވެ.

(ބ) ހުންކޮށި ބޮޑުވާ ބަލި (Splenomegaly syndrome)ދިގުމުއްދަތަކަށް ހުންކޮށި ބޮޑުވެފައި ހުރުމުގެ އިތުރުން ލޭގައި ހުންނަ ''ގާމާ ގްލޯބިއުލިން''ގެ މިންވަރު މަތިކުރުވައެވެ.

(ޅ) ކަޅުފެން ހުން (Black water fever)މެލިގްނެންޓް މެލޭރިއާ ތަރުކާރުކޮށް ޖެހުން، ނުވަތަ މެލޭރިއާ ޖެހިފައިތިބޭ މީހުންނަށް ދެވޭ ''ކިނިން ތެރަޕީ'' ފުރިހަމަނުވުމުން ކުރިމަތިވާ މިވައްތަރުގެ ހުމުގެ ސަބަބުން ލޭމަދުވުމާއި، ރީދޫވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ. އަދި ކުޑަކަމުދާތަކެތީގެ ކުލަ ގަދަ ރަތް ނުވަތަ ކަޅު ކުލައަށް ބަދަލުވެއެވެ.

(ބ) ލޭގައި ގުލުކޯޒް ނުވަތަ ހަކުރުގެ މިންވަރު ދަށްވުން: މިއީ ފުރަމޭގައި ހިގާ ގުލުކޯޒުގެ މެޓަބޮލިޒަމް އަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިކުރުވާ ކަމެކެވެ.

ފައިލޭރިއާ ނުވަތަ ފައިފަލަ ބަލި (Filariasis/ Elephantiasis/ Wuchereriasis)

ފައިލޭރިއާ ޖެހެނީ ކިހިނެއް ؟ އަދި ފެތުރެނީ ކިހިނެއް؟

madhiri5ފައިލޭރިއާ ޖެހެނީ''ވޫކެރީރިއާ ބެންކްރޮފްޓީ''(Wuchereria bancrofti) ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ މިބުނި ފަނީގެ ''އިންފެކްޓިވް ލާރވާ'' އުފުލާ ކިއުލެކްސް، އެނޯފީލްސް، ނުވަތަ އީދްސް މިއިން ބާވަތެއްގެ މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި ''އިންފެކްޓިވް ލާރވާ'' އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ޖިއޮގްރަފިކަލް ގޮތުން

ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނުގައުމުތަކުގައި އުޅޭމީހުންގެ ފުށުންނެވެ.

ދިރި ހުރުމުގެ ބުރު

މިވައްތަރުގެ ފުރިހަމަވެ ބޮޑުވެފައިވާ ފަނި ( ވޫކެރީރިއާ ބެންކްރޮފްޓީ ) ދިރިއުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ ''ލިމްފް'' ގޮށްތަކާއި، ހޮޅިތަކުގެ ތެރޭގައެވެ. ފުރިހަމަވެފައިވާ އަންހެން ފަނި ''މައިކްރޯފައިލޭރިއާ''((Microfilariae) ދޫކުރުމުން ''ލިމްފް'' ހޮޅިތަކުގެ ތެރެއިން ލޭގެ ތެރެއަށް ވާސިލްވެއެވެ. އާންމުގޮތެއްގައި ލޭގެތެރޭގައި ''މައިކްރޯ ފައިލޭރިއާ'' ހުންނަނީ ރޭގަނޑު 10ގެ ފަހާއި، 2އަކާއި ދެމެދުގެ ވަގުތު ތަކުގައެވެ. ދުވާލުގެ ވަގުތު ތަކުގައި ލޭގެ ތެރެއިން ''މައިކްރޯފައިލޭރިއާ'' އެއް ނުފެންނާނެއެވެ.

މަދިރިއެއް ''ވޫކެރީރިއާ ބެންކްރޮފްޓީ''ގެ ''މައިކްރޯފައިލޭރިއާ'' ލޭގައި ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ލެޔާއި އެކު ''މަދިރީގެ ހަށިގަނޑަށް'' ''މައިކްރޯފައިލޭރިއާ'' ވާސިލްވެއެވެ. މަދިރީގެ ބަނޑުގެ ތެރޭގައި ''މައިކްރޯފައިލޭރިއާ''ގެ ބޭރުންލެވިފައިވާ ''ދޫފަށަލަ'' ނެއްޓިގެންދެއެވެ. އެއަށްފަހު ''ބަނޑުގެ އެތެރޭ ފާރު''ގެ ތެރެއިން ގޮސް ''މޭމަތީ''ގައިވާ މަސްތަކަށް ވާސިލްވެ، އެތާގައި ހަފްތާއެއްގެ ތެރޭގައި ދެފަހަރު ތޮށިބޭލުމަށްފަހު ކުރު ''ސޯސޭޖް''ގެ ބައްޓަމަށް އޮންނަ ''ލާރވާ'' އަކަށް ބަދަލުވެއެވެ.

މަދިރީގެ ހަށިގަނޑަށް ''މައިކްރޯފައިލޭރިއާ'' ވާސިލްވާތާ 10ވަނަ ދުވަހު ''އިންފެކްޓިވް ފައިލޭރިފޯރމް ލާރވާ''(Infective filariform larvae) އަކަށް ބަދަލުވެއެވެ. އެއަށްފަހު ބޮލުގެ ތެރެއިން އަގަޔާއި، ތުންފަތަށް ވާސިލްވެއެވެ.

މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ''އިންފެކްޓިވް ފައިލޭރިފޯރމް ލާރވާ'' ހަންގަޑުގެ ތެރެއަށް ދޫކޮށްލައެވެ. އެއަށްފަހު ލާރވާ ލިމްފް ގޮށްތަކާއި، ހޮޅިތަކަށް ( ޚާއްޞަ ގޮތެއްގައި ފައިގައި އެކުލެވޭ ލިމްފް ގޮށްތަކާއި، ހޮޅިތަކަށް ) ވާސިލްވެ، އެތާގައި ބޮޑުވެ، ފުރިހަމަވުމަށް 6މަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއް ހޭދަވެއެވެ.

އެކަށޭނަ ފިނިހޫނު މިނެއްގައި މަދިރީގެ ތެރޭގައި މިފަނީގެ ދިރިއުޅުމުގެ ބުރު ފުރިހަމަކުރުމަށް ގާތްގަނޑަކަށް 3-2 ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. މަދިރީގެ ޖިސްމުގައި މިފަނީގެ ނަސްލު އިތުރެއް ނުވެއެވެ.

ފައިލޭރިއާ ޖެހުމުން ވަނީ ކިހިނެއް ؟ ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

ފައިލޭރިއާ ޖެހުމުން 2 މަރުހަލާ ކަނޑަތުކުރެއެވެ.

(ހ) އިންފްލެމޭޝަން އުފެދޭ މަރުހަލާ (Inflammatory phase)

މިމަރުހަލާގެ އަލާމާތްތައް ފެންނަނީ އިންފެކްޓްވެފައިވާ މަދިރިއެއް ދަތްއަޅާތާ ނުވަތަ ހަފާތާ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިގޮތުން ކުރިމަތިވާ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- ދޭތެރެ ދޭތެރެއިން ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުން : އެންމެ އާންމު ގޮތެއްގައި އިންފްލެމޭޝަން އުފެދެނީ ފަޔާއި، ޖިންސީގުނަވަން ހިމެނޭ ހިސާބުގައިވާ ލިމްފް ހޮޅިތަކުގައެވެ.

2- ލިމްފް ގޮށްތައް ދުޅަވުން ނުވަތަ ގޮށްލުން: ފައިގެ ނުވަތަ އިންފްލެމޭޝަން އުފެދިފައިވާ ހިސާބެއް ގައި ހުރި ލިމްފް ގޮށްތައް ބޮޑުވެ، ބީހުމުން ރިއްސާގޮތް ވެއެވެ.

3- ފައިލޭރިއާ ހުން: ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ހޮނޑުލެވުން، އަދި ހިތް ނުތަނަވަސް ވުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

(ށ) ބައްދާލާ ނުވަތަ ހުރަސްއަޅާ މަރުހަލާ (Obstructive phase)

މިއީ ތަކުރާރުކޮށް ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުމާއި، ލިމްފް ގޮށްތަކާއި، ހޮޅިތަކުގައި ފައިބްރަސް ޓިޝޫ އުފެދުމާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ހަމަމިހެން ލިމްފް ގޮށްތަކާއި، ހޮޅިތަކުގެތެރޭގައި ބޮޑިއަކަށް އޮޅިފައިވާ ފަނި ތައް ވެސް މިމަރުހަލާ ކުރިމަތިވުމުގައި ދައުރެއް އަދާކުރެއެވެ. މިކަންތައްތަކާއި ގުޅިގެން ލިމްފް ހޮޅިތަކާއި ގޮށްތައް ބެދޭގޮތް ވެއެވެ. މިމަރުހަލާގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- ލިމްފް ހޮޅިތައް ފުޅާވެ، ފުއްޕުން

2- ފުއްޕާފައިވާ ލޭހޮޅިތަކާއި، ގޮށްތައް ފަޅައިގެން ދިއުން

3- އިލެފެންޓިއޭސިސް:( ގުނަވަންތައް އާދަޔާޚިލާފަށް ބިޔަވެ، ބޮޑުވުން ) ބެދިފައިވާ ލިމްފް ހޮޅިތަކާއި، ގޮށްތަކުގެ ''ޕަރމިއެބިލިޓީ'' އިތުރުވުމާއި، ގުޅިގެން ލިމްފް ލީކުވުމާއި، ހަންގަޑުގެ ދަށުގައި އެކުލެވޭ ޕްރޮޓީންގެ މިންވަރު މަތިވެން ދިއުމާއި، ވިދިގެން ''ކަނެކްޓިވް ޓިޝޫ'' ތައް އުފެދި ގިނަވެ، ''ފައިބްރަސް ޓިޝޫ'' އުފެދޭގޮތް މެދުވެރި ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގެ ދަށުގައިވާ ޓިޝޫތައް ހަރުވެ، އެޑީމާ ( ތަބީޢީ ނޫންގޮތެއްގައި ހަށިގަނޑުގެ ބަޔެއް ނުވަތަ ގުނަވަނެއްގައި ފެން ނުވަތަ އެނޫން ދިޔާ އެއްޗެއް ޖަމާވުން ) އުފެދޭގޮތްވެއެވެ. ހަންގަނޑު ބޯވެ، ކުރަކިވެ، ފަޅައިގެންދާ ގޮތް މެދުވެރި ވެއެވެ. މިކަންތައްތަކުގެ ސަބަބުން ބަލީގެ އަސަރު ފޯރާފައިވާ ބައިތައް ނުވަތަ ގުނަވަންތައް އާދަޔާ ޚިލާފަށް ބޮޑުވެއެވެ. މިސާލަކަށް ފަޔަށް ބަލީގެ އަސަރު ކޮށްފައިވާނަމަ އާދަޔާޚިލާފަށް ފައިފަލަވެ، ބޮޑުވެއެވެ. އުރަވަޅި(Scrotom)އަށް ބަލީގެ އަސަރު ކޮށްފައި ވާނަމަ އުރަވަޅި ބޮޑުވާގޮތް ވެއެވެ. ބަލި ޖެހުމަށް ފަހު ''އިލެފެންޓިއޭސިސް'' ގެ އަސަރު ފެންނަނީ 10-5އަހަރާއި، ދެމެދުގެ މުއްދަތެއްގައެވެ.

ރީދޫ ހުން (Yellow fever)

''ރީދޫ ހުން ވައިރަސް''(Yellow fever virus)'ގެ ސަބަބުން ޖެހޭ މިބަލި ފެތުރެނީ ''އީދްސް''އޭ ކިޔޭ ބާވަތުގެ މަދިރީގެ ސަބަބުންނެވެ. ބަލިޖެހެނީ މަދިރި ހެފުމުގެ ތެރޭގައި އިންސާނާގެ ހަށިގަނޑަށް ވައިރަސް ވާސިލް ވުމުންނެވެ.މިބަލި އާންމުކޮން ފެންނަނީ މެދުތެރޭ އެފްރިކާއާއި، ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ.

ގަދަޔަށް ހުންއައުން، ރީދޫވުން، ބުރަކަށީގައި ރިހުން، މޭނުބައިކުރުމާއި،ހޮނޑުލެވުން، ކުޑަކަމުދާތަކެތީގައި ''އަލްބިއުމިން'' ހުރުން، ގުރުދާ ފެއިލްވުން، އަދި ފުރަމޭ ބޮޑުވުން ފަދަ އަލާމާތްތަކަކީ މިބަލި ޖެހުމުން ފެނިދާނެ ބައެއް ކަންތައްތަކެވެ.

މިބަލި ޖެހިފައިތިބޭ މީހުން ރަގަޅު ވަންދެން އެހެން މީހުންނާއި ވީހާވެސް އެކަހެރިކޮށް ގެންގުޅުމަކީ ބަލި ފެތުރުން ހުއްޓުވުމަށް ލިބޭ އެހީއަކަށް ވާނެއެވެ.ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލިއާންމުގޮތެއްގައި ފެތުރިފައިވާ ހިސާބުތަކަށް ދަތުރުކޮށް އުޅޭމީހުންނަށް "17D vaccine'' އޭ ކިޔޭ ވެކްސިން އެއް ދީ އުޅެއެވެ.

ޑެންގޫ ހުން (Dangue fever)

''ޑެންގޫ އާއިލާގެ ވައިރަސް''އެއް ގެ ސަބަބުން ޖެހޭ މިބަލި ފެތުރެނީ ވެސް ''އީދްސް'' އޭ ކިޔޭ ބާވަތުގެ މަދިރީގެ ސަބަބުންނެވެ. ހޫނު ހިސާބުތަކުގައި ފެތުރޭ މިބަލި އެމެރިކާ، އެފްރިކާ، އޭޝިޔާ، ޕެސިފިކް، އަދި އޮސްޓްރޭލިޔާ ފަދަ ހިސާބުތަކުން ފެނެއެވެ.

ބަލިޖެހުމުން ހުންއައުން، ބޮލުގައި ރިހުން، ހުޅުތަކާއި، މަސްތަކާއި، ކަށިތަކުގައި ރިހުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ. ހަމަމިހެން މޭނުބައިކުރުމާއި، ހޮނޑުލެވުން، އަދި ކާހިތްނުވުން ފަދަ އަލާމާތްތަކަކީ ވެސް ޑެންގޫ ހުން ޖެހުމުން ފެނިދާނެ އަލާމާތްތަކެވެ.

ބައެއް ހާލަތްތަކުގައި ޑެންގޫ ހުން ''ޑެންގޫ ހީމޮރެޖިކް ހުން''(Dangue haemorrhagic fever)އޭ ކިޔޭ ބައްޔަކަށް ބަދަލުވެއެވެ. މިކަމުގެ ސަބަބުން އަގަޔާއި، ނޭފަތާއި، ހިރުގަނޑުން ލޭހިލޭގޮތް މެދުވެރި ވެއެވެ. އަދި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ''ޝޮކުޖެހުން'' ފަދަ ނުރައްކާތެރި ކަމެއް ކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ.

 ރިފްޓް ވެލީ ހުން (Rift valley fever)

''ކިއުލެކްސް'' އަދި ''އީދްސް'' މިދެބާވަތުގެ މަދިރީގެ ސަބަބުން ފެތުރޭ މިބަލި އެންމެ އާންމުކޮށް ފެންނަނީ އިރުމަތީ އަދި ދެކުނު އެފްރިކާގެ ހިސާބުތަކުންނެވެ. ބަލި ޖެހެނީ ''ފްލީބޯ ވައިރަސް'' (Phlebo virus)އާއި ތަޣައްޔަރުވެފައިވާ މަދިރިއެއް އިންސާނާގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ވައިރަސް ހަށިގަނޑަށް ވާސިލް ވުމުންނެވެ.

މިބަލިޖެހުމުން ހުންއައުން، ބޮލުގައި ރިހުން، މޭނުބައިކުރުން،ހޮނޑުލެވުން،  ހިތްނުތަނަވަސްވުން، ދާހިއްލުން، ހުޅުތަކާއި މަސްތަކުގައި ރިހުން، އަދި ލޮލަށް ބާރުކުރުން ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ.ކެއްސާއިރު ލޭއައުން، ބޮޑުކަމުދާއިރު ލޭއައުން، ސިކުނޑިދުޅަވުން އަދި ރެޓިނާގައި ލޭހިލުން ފަދަ އަލާމާތްތައް ފެނުމަކީ މަދުން ނަމަވެސް ކުރިމަތިވެދާނެ ކަންތައްތަކެވެ.


މަދިރިތަކުގެ އަސްލު

މަދިރީގެ އާދަކާދަ

މަދިރި ކޮންޓްރޯލް ކުރާނީ ކިނިހެއް؟

މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް
  މެލޭރިއާ
  ފައިލޭރިއާ
  ރީދޫ ހުން
  ޑެންގޫ ހުން
  ރިފްޓް ވެލީ ހުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.