ބުރާސްފަތި20200917

އާކުރެވުނީ: 08:43:52

ސްކްރަބް ޓައިފަސް

scrub-typhus-1• މި ލިޔުން ފުރަތަމަ ކަވާސާގައި ޝާއިޢު ކުރެވިފައިވަނީ 2005 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު މިލިޔުން  ވަނީ އިތުރު މަޢްލޫމާތު ހިމެނި  އާކުރެވިފައެވެ.

ސްކްރަބް ޓައިފަސް (Scrub typhus) އަކީ ރިކެޓްސިއާ ސޫސުގަމުޝީ ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިބައްޔަށް ސޫސުގަމުޝީ ބަލި މިހެންވެސް ކިޔައެވެ. ސޫސުގަމުޝީ އަކީ ޖަޕާން ބަހުން ވަކި ދެލަފުޒެވެ. ސޫސުގަަ މިލަފްޒުގެ މާނައަކީ ''ކުޑަ އަދި ނުރައްކާތެރި އެއްޗެއް'' މިއެވެ. މުޝީ މިލަފުޒުގެ މާނައަކީ ''މަޚްލޫޤް ނުވަތަ ދިރޭއެއްޗެއް'' މިއެވެ. އެހެންކަމުން މިބަހުގެ ޖުމްލަ މާނައަކީ ''ކުޑަ އަދި ނުރައްކާތެރި ދިރޭއެއްޗެއް'' މިއެވެ.

ބަލި ޖައްސާ ޖަރާސީމް

ސްކްރަބް ޓައިފަސް ޖެހެނީ ރިކެޓްސިއާ ސޫސުގަމުޝީ (Rickettsia stusugamushi) ކިޔާ ޖަރާސީމަކުންނެވެ. މިޖަރާސީމް ދިރިއުޅެނީ މީދާ، ހިކަނދި ،ފަދަ ޖަނަވާރު ތަކުގެ ކެހެރިގަނޑުތެރެއާއި، ގަސްތަކުގެ ތެރޭގައި އުޅޭ ސެއްޅިއެއް (Chigger Mite)ފަދަ ސޫތްޕެއްގެ ހަށިގަނޑުގައެވެ. މިބަލި ޖައްސާ ޖަރާސީމް އަށް ބައެއް ފަހަރު ރިކެޓްސިއާ އޮރިއެންޓާލިސް ވެސް ކިޔައެވެ.

scrub-typhus-2ރިކެޓްސިއާ ސޫސުގަމުޝީ އަކީ ބެކްޓީރިޔާއެއްގެ ސައިޒަށް ހުންނަ ރިކެޓްސިއާ އާއިލާއަށް ނިސްބަތްވާ ޖަރާސީމެކެވެ. މައިކްރޮސްކޯޕެއްގެ ދަށުން ރިކެޓްސިއާ ފެންނާނީ ދިގުކޮށް (ސީދާ ދަނޑިކޮޅެއްގެ ސިފަޔަށް) ނުވަތަ ވަށް (ބޯޅައެއް ފަދަ) އެއްޗެއްގެ ސިފަޔަށެވެ. ރިކެޓްސިއާ ސޫސުގަމުޝީ ދިރިއުޅޭ ސެއްޅި ނިސްބަތް ވަނީ ލެޕްޓޯޓްރޮމްބިޑިއަމް އަކަމުޝީ (Laptotrombidium akamushi)، އަދި ލެޕްޓޯޓްރޮމްބިޑިއަމް ޑެލިއެންސް ކިޔާ ވައްތަރަކަށެވެ.

މިޖަރާސީމް އުފުލާ ސެއްޅީގެ ދިރިހުރުމުގެ ބުރުގައި 4 މަރުހަލާއެއް ކަނޑައްތު ކުރެއެވެ. އެއީ ބިސް، ފަނި(Larvae)، ލީ(Nymph) އަދި ފުރިހަމަވެފައިވާ ސެއްޅި އެވެ. ބަލި ޖައްސާ ޖަރާސީމް ސެއްޅީގެ މުޅި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ހުންނަނީ ކުޅު އުފައްދާ ގޮށްތަކުގައެވެ. ސެއްޅި އޭގެ ކާނާ ހޯދުމަށް އިންސާނުންނާއި، އެހެނިހެން ޖަނަވާރުންގެ ގައިގައި ދަތްއަޅާ ހިނދު، މިބަލި ޖައްސާ ޖަރާސީމް އެމީހެއްގެ ނުވަތަ ޖަނަވާރެއްގެ ހަށިގަނޑަށް ވާޞިލްވެދެއެވެ.

ޗިގަރ މައިޓް އޭ ކިޔާ ސެއްޅި އަކީ ޖަނަވާރުގެ ކެހެރިގަނޑުގެ އިތުރުން ޖަންގަލީގެ ތެރޭގައި ހުންނަ ކުނި ތަކުގެ ތެރޭގައި (ޚާއްޞަކޮށް ޖަމާވެފައި ހުންނަ ފަތްތަކުގެ ދަށުގައި) އާވެ އާލާވާގޮތް ވެއެވެ. އަދި ބައެއް ފަހަރު މިސެއްޅި ބިންގަނޑާއި، ވިނަގަނޑުގެ ތެރޭގައި ވެސް ދިރިއުޅެއެވެ. ޚާއްޞަކޮށް ވާރޭވެހިގެން ތެތްވެފައިވާ ބިންގަނޑުގައި ވަރަށް ފަސޭހަ ކަމާއެކު މިސެއްޅި އާލާވެއެވެ. މިފަހަކަށް އައިސް ހޯދިފައިވާ ގޮތުގައި ޖަންގަލީގެ އިތުރުން ފަރުބަދައިގެ ބިންތަކާއި، ހަނަފަސް ސަހަރާތަކާއި، އަދި ދޮންވެލީގެ އައްސޭރި ފަށް ހިމެނޭ ހިސާބުގައި ވެސް ބަލި ފެތުރިގެންދެއެވެ.

ބަލީގެ ތާރީޚް އަދި ޢާންމު ހިސާބުތައް

ސްކްރަބް ޓައިފަސް ފެތުރުމުގެ ފުރުޞަތު ވިއްސާރަ މޫސުމުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. ބަލި އެންމެ އާންމުކޮށް ފެންނަނީ އިރުމަތީ އޭޝިޔާ (ކޮރެޔާ، ފިލިޕީންސް، ޖަޕާން)، އަދި ދެކުނު އޭޝިޔާ (އިންޑިޔާ، ޕާކިސްތާން، ބަގްލަދޭޝް، ސްރީލަންކާ، ދިވެހިރާއްޖެ) އަދި އޮސްޓްރޭލިޔާގެ އުތުރު ހިސާބުތަކުންނެވެ. ފުރަތަމަ މިބަލި ފެނިފައިވަނީ 1899 ވަނަ އަހަރު ޖަޕާނުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މިބަލި ޖެހިގެން ވަރަށް ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ދިވެހިރާއްޖޭގައި ސްކްރަބް ޓައިފަސް

ސްކްރަބް ޓައިފަސްގެ ބަލީގެ ޙާލަތްތައް ދިވެހިރާއްޖެއިން ފުރަތަމަ ފާހަގަވެފައިވަނީ އިގިރޭސިން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑު އަތޮޅު ގަން ހިފައިގެން ތިބި ދުވަސްވަރުގައެވެ. މިގޮތުން 1941 ވަނަ އަހަރު އައްޑު އަތޮޅުގައި ތިބި އިގިރޭސިންގެ 42 މީހަކަށް މިބަލިޖެހިފައިވާ ކަމަށް ވެއެވެ. 1942 ވަނަ އަހަރު 582 މީހުންނަށް، 1943 ވަނަ އަހަރު 382 މީހުންނަށް، އަދި 1944 ވަނަ އަހަރު 92 މީހުންނަށް ސްކްރަބް ޓައިފަސް ޖެހިފައިވާ ކަމަށް އިންޓަނެޓްގެ ވެބްސައިޓްތައް ބުނެއެވެ. 1945 ފައި އައްޑޫގައި މަސައްކަތްކުރި އިގިރޭސި ސިފައިންގެ ތެރެއިން 750 އަށްވުރެ ގިނަ މީހުންނަށް ޖެހުނެވެ.

އެދުވަސްވަރު އިގިރޭސީންގެ ތެރޭގައި މަސައްކަތްކުރެއްވި ޑޮކްޓަރެއް ކަމުގައިވާ ޖޭއާރު އޫޑީ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި އެދުވަސްވަރު އައްޑު އަތޮޅުގައި އާދަޔާ ޚިލާފަށް މީދާ ގިނަ އެވެ. އަދި މިބަލި ޖައްސާ ސެއްޅި އުޅޭކަމަށް ފާހަގަކުރެވޭ ތަންތަން ހުރިކަމަށް ބަޔާންކޮށްފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިންޑިޔާގެ ޓީމަކުން ދެކުނު އޭޝިޔާގެ ތަފާތު 23 ހިސާބެއް ބަލިޖައްސާ ޖަރާސީމް އުފުލާ ސެއްޅި އުޅޭތޯ ބެލުމަށް ޗެކްކޮށްފައި ވެއެވެ. އެފަހަރު އައްޑު އަތޮޅުގެ ބައެއް ހިސާބުތައް ވެސް ބަލައިފައި ވެއެވެ.

އިގިރޭސިން ދިވެހިރާއްޖެ ދޫކޮށް ދިޔަފަހުން ސްކްރަބް ޓައިފަސް ބަލިޖެހިގެން މީހަކު ފަރުވާ ހޯދައި ނުވަތަ ދުނިޔެ ދޫކޮށް ދިޔަކަމަށް އެނގޭކަން ނެތެވެ. އެއަށްފަހު 2002 ވަނަ އަހަރުގެ ފިނިމޫސުމްގެ ތެރޭގައި ދިވެހިރާއްޖެއިން ސްކްރަބް ޓައިފަސް ގެ ހާލަތްތައް ފެންނަމުންދާކަމަށް ކަމާއި ބެހޭ ޞިއްޙީ ދާއިރާތަކުން ހާމަކުރަން ފެށިއެވެ.

ޖުލައި – އޮގަސްޓް 2002 ހާތާގައި ގދ. ގައްދޫ އިން 3 މީހަކު ސްކްރަބް ޓައިފަސް ޖެހިގެން މަރުވެފައިވާ ކަމަށް ވެއެވެ. އެއާއި ގުޅިގެން ތައިލޭންޑްގެ ބެންކޮކްގައި ހުންނަ އާރމްޑް ފޯރސެސް ރިސާރޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެފްރިމްސް) ކިޔާ މައުހަދެއްގެ ފަރާތުން ބަލި ދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމުގެ އެހީއަށް އެދިފައި ވެއެވެ. ސެޕްޓެމްބަރު 2002 ގައި މިއިންސްޓިޓިއުޓަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 31 މީހެއްގެ (28 ސިރޮލޮޖިކް، 4 ލޭގެ) ސާމްޕަލް ފޮނުވިފައި ވެއެވެ. މިއިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުން އެފަހަރު ފޮނުވުނު ސިރޮލޮޖިކް 28 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލް، އަދި ލޭގެ 4 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ދައްކާފައިވަނީ ސްކްރަބް ޓައިފަސް އަށް ޕޮޒިޓިވް ކޮށެވެ. އޭގެ ފަހުން އޮކްޓޯބަރު 2002 ގައި މި އިންސްޓިޓިއުޓްގެ 4 ތަޖުރިބާކާރަކު ގދ. ގައްދޫގައި ބައްޔާއި ބެހޭ ދިރާސާތަކެއް ކޮށްފައިވެއެވެ. އެޓީމްގެ ވެރިއަކަށް ހުންނެވީ މޭޖަރ ޑރ މައިކަލް ލުއިސް އެވެ. ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިސްމީހަކަށް ހުރީ ޑރ ޢަބުދުލް ޢަޒީޒް ޔޫސުފް އަދި ޑރ އަހުމަދު ރާޒީ އެވެ.

28 މެއި 2002ން 27 އެޕްރީލް 2003 އަށް އިސްވެ ބަޔާންކުރެވުނު އިންސްޓިޓިއުޓް އާއި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއާއި ގުޅިގެން ހޯދި ހޯދުންތަކާއި ބެލި ބެލުންތަކުން ސްކްރަބް ޓައިފަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 168 މީހަކު އެކި އަތޮޅުތަކުން ފާހަގަ ކުރެވުނެވެ. ނަމަވެސް ލެބޯޓްރީ ޓެސްޓްތަކުން ބައްޔަށް ޕޮޒިޓިވްކޮށް ދައްކާފައިވަނީ 38 މީހުންނެވެ. އޭގެތެރެއިން 10 މީހަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ. ބަޔާންކުރެވުނު 168 މީހުން ތިބިކަމަށް ފާހަގަ ކުރެވިފައިވާ އަތޮޅު ތަކަކީ، ހއ، ހދ، ށ، ރ، ބ،ކ، އއ،އދ،ދ،ތ،ލ،ގއ،ގދ، ޏ، އަދި ސ އަތޮޅެވެ.

ބަލީގައި މަރުވެފައިވާ 10 މީހުން ހިމެނެނީ ހއ، ހދ، ށ، އއ، ގއ، މިއިން ކޮންމެ އަތޮޅަކުން 1 ، ރ. އަތޮޅުން 2، އަދި ގދ، ގައްދޫއިން 3 މީހުންނެވެ. މިރިޕޯޓް ބުނާގޮތުން ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެންމެ ގިނައީ ގދ. އަތޮޅުގައެވެ. އެއަތޮޅުގައި ބަލިހުރިކަމަށް ޝައްކުކުރެވޭ 76 މީހުން ތިބިއިރު އޭގެ ތެރެއިން 16 މީހުންގެ ނަތީޖާ ދައްކާފައިވަނީ ބައްޔަށް ޕޮޒިޓިވްކޮށެވެ. ބައްޔަށް ޝައްކުކުރެވޭ އެންމެ ގިނަމީހުން ތިބީ ގދ. ގައްދޫގައެވެ. އެރަށުގައި ބައްޔަށް ޝައްކުކުރެވޭ 57 މީހުން ތިބިއިރު އޭގެތެރެއިން 12 މީހުންގެ ނަތީޖާ ދައްކާފައިވަނީ ބައްޔަށް ޕޮޒިޓިވްކޮށެވެ. މިބަލީގައި ގައްދޫ އިން 3 މީހަކު ދުނިޔެ ދޫކޮށްފައިވާ އިރު އޭގެތެރެއިން 2 މީހުންނަކީ ކުޑަކުދިންކަމަށް ބަޔާންކޮށްފައި ވެއެވެ.

2005 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސ.މީދޫ ޞިއްޙީ މަރުކަޒުން ސްކްރަބް ޓައިފަސް ޖެހިގެން 3 މީހަކު ފަރުވާ ހޯދަމުންދާކަމަށް އެމަރުކަޒުން ހާމަކޮށްފައި ވެއެވެ. އެއީ 44 އަހަރުގެ އަންހެނަކާއި ކުޑަ ދެކުދިންނެވެ. އަދި ޖޫން 2005 ން ފެށިގެން ސްކްރަބް ޓައިފަސް މަދުމަދުން ސ.މީދޫ އިން ފެންނަމުންދާ ކަމަށް ބުނެފައި ވެއެވެ. ސްކްރަބް ޓައިފަސް ސ.މީދޫ ގައި އުޅޭކަމަށް ފުރަތަމަ ފާހަގަ ވެފައިވަނީ 2004 ވަނަ އަހަރު އެވެ. އެއަހަރު ބަލިޖެހިގެން އަންހެނަކު މަރުވެފައިވާކަމަށް އެރިޕޯޓްގައި ބުނެފައި ވެއެވެ.

ސްކްރަބް ޓައިފަސް ގެ ފަހުގެ ބައެއް ތަފާތު ހިސާބުތަކަށް ބަލާއިރު 2005 ވަނަ އަހަރު 147 މީހުންނަށް މިބަލިޖެހި 2 މީހަކު މަރުވެފައި ވެއެވެ. 2006 ގައި 115 މީހުންނަށް ޖެހި 2 މީހުން މަރުވެފައިވާއިރު، 2007 ގައި 97 މީހުން އަދި 2008 ގައި 122 މީހުންނަށް މިބަލި ޖެހިފައި ވެއެވެ. 2007 އަދި 2008 ގައި ސްކްރަބް ޓައިފަސް ޖެހިގެން މީހަކު މަރުވިކަން އެނގޭކަން ނެތެވެ. މިފަހަކަށް އައިސް މިބަލި ދިވެހިރާއްޖެއިން ފެންނަމުން ދަނީ ވެސް ކުރިއެކޭ އެއްފަދައިން އައްޑު އަތޮޅާއި، ހުވަދު އަތޮޅު ގެ ރަށްތައް އަދި ފުވައްމުލަކުން ކަން ފާހަގަ ކުރެވެއެވެ.

2009 ވަނަ އަހަރު 101 މީހުންނަށް މިބަލިޖެހިފައިވާ އިރު، 2010 ވަނަ އަހަރު 61 މީހުންނަށް މިބަލި ޖެހިފައި ވެއެވެ. 2011 ވަނަ އަހަރު ސްކްރަބް ޓައިފަސް 91 މީހުންނަށް ޖެހިފައިވާ އިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި، އެއްވެސް މީހަކު މިބަލީގައި ދުނިޔެ ދޫކުރިކަމަށް ރިޕޯޓް ކުރެވިފައެއް ނެތެވެ. މައިގަނޑު ގޮތެއްގައި މިބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 25 އަހަރުން މަތީގެ މީހުންނެވެ. މިބަލިޖެހިގެން 2011 ވަނަ އަހަރު ރ.އަތޮޅުން 17 މީހުން އ.އ އަތޮޅުން 16 މީހުން އަދި ގދ. އަތޮޅުން 14 މީހުން ރިޕޯޓްކޮށްފައި ވެއެވެ. ގއ. އަތޮޅުން 10 މީހުން ރިޕޯޓްކޮށްފައިވާ އިރު ، ނ.އަތޮޅުން 9 މީހުން އަދި ހދ އަތޮޅުން 8 މީހުން ބަލިޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އދ.، ވ، ފ، ދ، ޏ މިއިން އަތޮޅަކުން މީހަކަށް ސްކްރަބް ޓައިފަސް ޖެހުނުކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ބަލިޖެހޭގޮތް

ސްކްރަބް ޓައިފަސް ޖެހެނީ ޗިގަރ މައިޓް(Chigger mite) ކިޔާ ސެއްޅިއެއް ފަދަ ސޫތްޕެއް އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި އޭގައި ހުރި ރިކެޓްސިއާ ސޫސުގަމުޝީ (Rickettessia tsugatsugamushi)ކިޔާ ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ދިއުމުންނެވެ.

ބަލީގެ އަލާމާތްތައް

ސެއްޅި ދަތްއެޅުމާއި ގުޅިގެން ޖަރާސީމް ހަށިގަނޑަށް ވަންނަތާ 12-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ.

- މިބަލި ޖެހުމުން ފުރަތަމަ ހުންއަންނަނީ އެވެ. އެއާއެކު ހަށިގަނޑުގެ އާންމުކޮށް ދަތި ހިސާބެއްގައި މިސޫފި ނުވަތަ ސެއްޅި ހަފައިގެން ބިއްސެއް ނުވަތަ ފޮޅެއް(Eschar) ނަގާފައި ހުންނާނެ އެވެ.

- މިސޫފި އެންމެ ގިނައިން ހަފާ، ބިހި ނުވަތަ ފޮޅު ނަގާފައި ހުންނަނީ ކިހިލިފަތްދޮށް، އުކުޅުވަޅު ފަދަ ތަންތަނުގައެވެ.

- މިބަލި ޖެހުމާއެކު އަވަހަށް ފަރުވާ ލިބިގަނެއްޖެނަމަ މިބަލިން ފަސޭހަވެއެވެ. ނަމަވެސް ހުންއައިސް މިނިޝާންތައް ފެނުމަށްފަހުގައި ވެސް ފަރުވާނުކޮށްފިނަމަ، ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވެއެވެ.

- މިބިހި ނުވަތަ ފޮޅު ޖެހުމުން ކުރަމަގާލި ކަހަލަ ގޮތަކަށް މަތިބެދިފައި ހުރި ފާރުކޮޅަކަށް ބަދަލުވެއެވެ.

- މިކަހަލަ ބިއްސެއް ނުވަތަ ފާރުކޮޅެއް ހުރިކަމުގައި ވާނަމަ، އެވާހަކަ ފަރުވާ ކުރައްވާ ޑޮކްޓަރަކަށް ދެންނެވުމަށް ސަމާލުކަން ދެއްވަން ވާނެއެވެ.

- ހުންއަންނަތާ 5 ވަނަ ދުވަހު ހަށިގަނޑުގެ މެދުބައި ނުވަތަ މެދު ހަށިގަނޑު (މޭމަތި، ބަނޑު، ބުރަކަށި، އުނަގަނޑު، ހިމެނޭ ހިސާބު)ގައި ރަތްކުލައިގެ ބިހިތަކެއް ފާޅުވާން ފަށައެވެ. އެއަށްފަހު އަތާއި، ފަޔަށް މިބިހިތައް ފެތުރިގެން ދެއެވެ. މިބިހިތައް ދުވަސްކޮޅެއްގެ ތެރޭގައި ބޮޑުވެ، ފޮޅުތަކަށް ބަދަލުވުން، ނުވަތަ ތިރިވެ އޭގެ އަސަރު ގެއްލިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

scrub-typhus-3ފުރަތަމަ މަރުހަލާގައި

• ހީކެރުވުން
• ދާހިއްލުން
• ގަދަޔަށް ހުންއައުން : 40 ޑިގްރީ އަށްވުރެ މަތީގައި
• ގަދަޔަށް ބޮލުގައި ރިހުން
• މުޅި ގައިގައި ރިހުން
• ވަރުދެރަވުން
• ކާހިތްނުވުން

ދެވަނަ މަރުހަލާގައި

• ލޯރަތްވުން
• ހުންކޮށި ދުޅަވުން / ހުންކޮށި ބޮޑުވުން
• ފާރުކޮޅު ހުންނަ ހިސާބުގައި ގޮށްލުން
• ކަރުދޮށް، ކިހިލިފަތް، އަދި އުކުޅުވަޅު ގައި ގޮށްލުން
• ސެއްޅި ދަތްއެޅި ހިސާބުގައި ފޮޅެއް އުފެދި، އެފޮޅު ފެޅި ފާރުކޮޅަކަށް ބަދަލުވެ، ފަހުން އެތާގެ ޓިޝޫތައް މަރުވުން

ތިންވަނަ މަރުހަލާގައި

• ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް އަސަރުފޯރާ ތުރުތުރުއެޅުން
• ވާހަކަ ދައްކަން އުދަނގޫވުން
• ބީރުވުން އަދި ކަންފަތުގެ އެތެރެއިން އަޑުގޮވާހެން ހީވުން
• ކުޑަކަމުދާ ތަކެތި ރީނދޫވުން
• ކަރަށްފިތި ބާރުވެފައި ހުރުން (ކަރު ހަރުއެރުން)

ބަލީގެ ނުރައްކާ

ބަލީގެ ކުރީކޮޅު ފަރުވާ ނުދެވިއްޖެނަމަ ދިމާވެދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ


• ފުއްޕާމޭގައި ޖަރާސީމް އެޅުން : އޭގެ ސަބަބުން ނޭވާލާން އުދަނގޫވުން މެދުވެރިވެއެވެ.
• ގުރުދާ ފޭލްވުން ނުވަތަ ގުރުދާ މަސައްކަތްނުކުރުން
• ހިތުގެ މަސްގަނޑުގެ ބޭރު ފަށަލަ ދުޅަވުން
• ހޭވެރިކަން ގެއްލުން
• ޝޮކްޖެހުން : ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ތެޅުން އަވަސްވުން
• މަރުވުން

ފަރުވާ

ސްކްރަބް ޓައިފަސް އަށް ދެވޭ ފަރުވާ މެދުކަނޑާނުލާ ބޭސް ހުސްވަންދެން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނޫނީ ބަލި ފަސޭހަނުވެ އާލާވާގޮތް ވާނެއެވެ. ބަލި މުޅިން ފަސޭހަވަންދެން ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމާއެކު، ބަލީގެ ޙާލަތާއި ރަގަޅުވަމުންދާ މިންވަރު ޞިއްޙީ އެހީތެރިޔާއަށް އެންގުން މުހިއްމެވެ.

ސްކްރަބް ޓައިފަސް އަށް ޝައްކުވާ ހިސާބުން ފެށިގެން ފަރުވާކުރަން ފެށުން މުހިއްމެވެ. އާންމު ގޮތެއްގައި ޑްރަގް އޮފް ޗޮއިސްގެ ގޮތުގައި ދެވެނީ ޓެޓްރަސައިކްލިން ނުވަތަ ޑޮކްސީސައިކްލިން އެވެ. 7 ދުވަސް ވަންދެން މިއެންޓިބަޔޮޓިކް ދޭންޖެހެއެވެ. ކްލޮރެމްފެނިކޯލް އަކީ ވެސް މިގޮތުން ބޭނުންކުރާ ބޭހެކެވެ. ބަޔާންކުރެވުނު ބޭސްތަކަށް ޖަރާސީމް ނުގުޑާނަމަ، އެޒިތްރޯމައިސިން އަދި ރިފެމްޕިސިން ބޭނުން ކުރެވެއެވެ. ޚާއްޞަކޮށް މާބަނޑުމީހުންނާއި ކުޑަކުދިންނަށް އެޒިތްރޯމައިސިން ބޭނުން ކުރެއެވެ.

• ހުންގަދަ ނަމަ ޕެނަޑޯލް ދިނުން ނުވަތަ ފެންފޮތި ހޭކުން
• ގިނަގިނައިން ދިޔާތަކެތި ދިނުން
• ލަސްނުކޮށް ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ދެއްކުން

ރައްކާތެރިވުން

މިބައްޔާއި ދެކޮޅަށް އަދި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. ސްކްރަބް ޓައިފަސް އިން ދުރުވެ ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

• މީދާ، ހިކަނދިފަދަ ބަލި ޖައްސާ ޖަރާސީމް އުފުލާ ސެއްޅި ދިރިއުޅޭ ޖަނަވާރުތައް ނައްތާލުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުން

• ދަނޑުފަދަ ތަންތަނުގައި މަސައްކަތްކުރާއިރު ރައްކާތެރިވުމުގެ ގޮތުން ބޫޓް، އަދި އަންގި ފަދަ ތަކެތި ބޭނުންކުރުން

• ސެއްޅި ފަދަ ތަކެތި ގާތްވިޔަ ނުދިނުމަށްޓަކައި، އުފައްދާފައި ހުންނަ ސްޕްރޭ އެފަދަ ސެއްޅި ދިރިއުޅޭ ހިސާބުތަކަށް ކުރުން

• ކުނިބުނި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުން: އެއީ މިފަދަ ތަންތަަނަކީ މީދާ ފަދަ ތަކެތީގެ ހާލި ކަމުގައި ގިނަ ފަހަރު ވެފައި އޮންނާތީ އެވެ.

• ބިންގަނޑަށް ފަނިފަކުސަ މަރާ ސްޕްރޭކުރުން : މިހެން ހެދުމުން ސެއްޅީގެ ދިރިހުރުމުގެ ބުރުގައި ބިމުގައި ހޭދަކުރާ މަރުހަލާ ނެތިކޮށްލުމަށް މަގުފަހިވެގެން ދެއެވެ.

• ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ބޭސް ބޭނުންކުރުން : އެގޮތުން ހަފްތާއަކު އެއްފަހަރު 6 ހަފްތާ ވަންދެން ޑޮކްސީސައިކްލިން ބޭނުންކުރަން ޖެހެއެވެ.

މަޢުލޫމާތު :
• ސްކްރަބް ޓައިފަސް – މައުލޫމާތު ޝީޓް – 2002-11-5 ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު– ދިވެހިރާއްޖެ
• ހަވީރު ނޫހުގެ އެކިއެކި ޢަދަދުތައް
• ގައިންގަޔަށްއަރާ ބަލިތަކުގެ އަހަރީ ރިޕޯޓް 2011 – ސީސީއެޗްޑީސީ - ދިވެހިރާއްޖެ
• ސްކްރަބް ޓައިފަސް – ދިވެހިވިކިޕީޑިޔާ
• ސްކްރަބް ޓައިފަސް – ކަވާސާ.ކޮމް
• އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
• ބައެއް މެޑިކަލް ފޮތްތައް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.