ހޮނިހިރު20201024

އާކުރެވުނީ: 08:43:52

ޝިންގަލްސް

shingles-1

ތަޢާރަފް

ޝިންގަލްސް(Shingles) އަކީ ފާނަބަސަނދު ޖެހުމަށްފަހު ހަށިގަނޑުގައި ނުފިލައި ހުރި ވައިރަސްތައް (ހިމޭންކަންމަތީގައި ހުރި) އޭގެ ފަހުގެ ދުވަސްވަރެއްގައި ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން އުފަންވެގެން އަންނަ ބައްޔެކެވެ.

މިބަލި އާންމުކޮށް ޖެހެނީ ބޮޑެތި(ޚާއްޞަކޮށް އުމުރުން 60-50 އަހަރުންމަތީގެ) މީހުންނަށެވެ. އެވްރެޖްކޮށް ބަލާއިރު ފާނަ ބަސަނދު ޖެހޭ 15 އިންސައްތަ މީހުންނަށް ޝިންގަލްސް ޖެހޭކަމަށް ވެއެވެ. ކުރިން ފާނަ ބަސަނދު ޖެހިފައިވާ ނުވާ މީހަކަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ފާނަބަސަނދު ޖެހޭ މީހުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން އެކަކަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި މިބަލިޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި މިބަލިޖެހުނު ނަމަވެސް ބޮޑަށް މިބަލި ޖެހޭކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން 50 އަހަރު ވުމަށްފަހު ގައެވެ. 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޝިންގްލްސް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ސަބަބު

ޝިންގަލްސް ވެސް ޖެހެނީ ފާނަބަސަނދު ޖެއްސުމަށް މެދުވެރިވާ ''ވެރިސެލާ ޒޮސްޓަރ ވައިރަސް''(Varicella zoster virus) ގެ ސަބަބުންނެވެ. މިއީ ހާރޕީޒް ވައިރަސްގެ ވައްތަރެކެވެ. މިބައްޔަށް ވެރިސެލާ ޒޮސްޓަރ(Varicella zoster) މިހެން ވެސް ކިޔައެވެ. އަދި " ހާރޕީޒް ޒޮސްޓަރ" (Herpes zoster)އޭ މިހެން ވެސް ކިޔައެވެ.

ޝިންގަލްސް ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

ފާނަބަސަނދު ޖެހުމާއި ގުޅިގެން ހަށިގަނޑުގައި ފިލައި ނުގޮސް ހިމޭންކަންމަތީ ދެމިހުރި ވައިރަސްތައް، ހީވާގިވެ ހަރަކާތްތެރިވަނީ ކީއްވެގެންކަން އަދި ޔަގީންކަމާއެކު ބުނެދޭކަން ޢިލްމުވެރިންނަށް ވެސް ނޭގެއެވެ. ނަމަވެސް އަންނަނިވި ކަންތައްތަކަކީ ހަށިގަނޑުގައި ހިމޭންކަންމަތީ ހުރި ވައިރަސްތައް ހީވާގި ކުރުވައި ދިރުންގެންނަ ކަންތައްތަކެއްކަމަށް ވަނީ ލަފާކުރެވިފައެވެ.

- ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް
- މާބޮޑަށް ވަރުބަލިވެ، ވާޅުވުން
- ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުން ( އުމުރުން ދުވަސްވުމުން / ބައްޔެއްގެ ސަބަބުން / ބޭހެއްގެ ސަބަބުން )
- ކެންސަރު ޖެހުން
- ރޭޑިއޭޝަންގެ ފަރުވާ
- ބިހިނެގި ތަނުގެ ހަންގަނޑަށް އަނިޔާވެ ގެއްލުން
- އޭޑްސް ބަލި ޖެހުން
- ގުނަވަން ބަދަލުކުރުން
- އުމުރުން ދުވަސްވީ މީހުން : އުމުރުން 60- 50 އަހަރަށްވުރެ މަތިވެފައިވާ މީހުން

ޝިންގަލްސް ކުރިމަތިވާގޮތް

shingles-2ފާނަ ބަސަނދު ޖެހުމަށްފަހު ބައްޔަށް ދެވަނަ ފަހަރު ހުށަހެޅުނަ ނުދިނުމަށްޓަކައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ހަށިދަމަނަ އުފެދި ދިފާޢީ ބާރު އުފެދިގެން ދިޔަސް، ދިފާޢީ ނިޒާމުން ހަށިގަނޑުގައި ހުރި ހުރިހާ ވައިރަސްތައް އެއްކޮށް ނައްތާ ނުލެވިއްޖެނަމަ، އެމީހާގެ ހަށިގަނޑުގެ ތެރޭގައި ފާނަ ބަސަނދުގެ ވައިރަސް ދެމިހުރެއެވެ. މިފަދަ ހާލަތުގައި މިވައިރަސްތައް ހުންނަނީ ހިމޭންކަމާއެކު، ހަރަކާތެއް ނެތިއެވެ. އަދި މިވައިރަސްތައް ހިމޭންކަންމަތީ ހަރަކާތެއްނެތި ދެމިހުންނަނީ "ޑޯރސަލް ރޫޓް ގެންގްލިއާ"(Dorsal root ganglia) އޭ ކިޔޭ އިހްސާސް އުފުލައިދޭ ނާރު ސެލްތަކެއްގައެވެ. އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ، ފާނަ ބަސަނދުގައި ނަގާ ކަހަލަ ފޮޅު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ނަގާގޮތް މެދުވެރި ވެއެވެ. އަދި އެމީހާގެ އުމުރުގެ ފަހު ދުވަސްވަރެއްގައި (ހަށިގަނޑު ދިފާޢީ ބާރު ދަށްވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ،) އެވައިރަސް ތައް ހީވާގިވެ، "ޝިންގަލްސް"(Shingles) ކިޔާ ނުވަތަ "ވެރިސެލާ ޒޯސްޓަރ"(Varicella zoster) ނުވަތަ " ހާރޕީޒް ޒޮސްޓަރ" (Herpes zoster)އޭ ކިޔޭ ބަލީގެ ޙާލަތު މެދުވެރި ކުރުވައެވެ. އެހެންކަމުން މިއީ ފާނަ ބަސަނދު ޖެހުމަށްފަހު ދުވަސްތަކެއް ފަހުން މެދުވެރިވާ ނުރައްކަލެއްގެ ގޮތުގައި ވެސް ސިފަކުރެވެއެވެ.

ޝިންގަލްސް އަކީ ގައިންގަޔަށްއަރާ ބައްޔެއްތަ؟

ޝިންގަލްސް އަކީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. މާނައަކީ ޝިންގަލްސް ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުމަކުން އަނެކާއަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ނަމަވެސް ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ނުޖެހިހުރި މީހަކަށް ފާނަބަސަނދު ޖެހިދާނެ އެވެ. އެއީ ދެބަލި ވެސް ފަތުރަނީ އެއް ވައިރަހެއްގެ ސަބަބުން ކަމަށްވާތީ އެވެ. ޝިންގަލްސް އާއި ގުޅިގެން ނަގާ ފޮޅުތަކުގައި ފުރިހަމަ ނުވަތަ ހަރަކާތްތެރި ވައިރަސްތައް ހުންނާނެއެވެ. އެހެންކަމުން ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ފެތުރިދާނެ އެވެ. ފާނަބަސަނދު އަލާމާތްތައް އާންމުކޮށް ފެންނާނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 3-1 ހަފްތާގެ މުއްދަތެއް ހޭދަވާ ފަހުންނެވެ. ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ފެތުރެނީ ފޮޅުތައް ނަގައި، ރަގަޅުވަމުންދާ ދުވަސްވަރު ގައެވެ. ފޮޅުތައް އެއްކޮށް ކުރަމަގާލިލައި ނެއްޓުމަށްފަހު އެމީހާގެ ފުށުން އެހެންމީހުންނަށް ފާނަބަސަނދެއް ނުފަތުރާނެ އެވެ.

އަލާމާތްތައް

ޝިންގަލްސް ކުރިމަތިވަނީ މަރުހަލާތަކަކަށެވެ. އެއީ:-

(ހ) – ބިހިތައް ނެގުމުގެ ކުރިން އޮންނަ މަރުހަލާ : މިމަރުހަލާގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، އައްޔަށް ތަހައްމަލުނުކުރެވުން، ފަދަ އުދަނގޫތައް ވެސް ބައެއް ފަހަރު ކުރިމަތި ވެއެވެ. ގިނަ ފަހަރު ހުމެއް ނާންނާނެ އެވެ. އޭގެ ފަހުން ހަށިގަނޑުގެ އެއް ފަޅިން ވަކި ހިސާބެއްގައި ހިރުވުން، ކެހުން، ކަށިހަރާހެން ހީވުން، ދިލަނެގުން، އައްސިވުން، އަދި ތަދާއި ރިހުން އުފެދޭނެ އެވެ. މިގޮތަށް ބިހި ތައް އެންމެ އާންމުކޮށް ނަގަނީ، މޭމަތި، ބަނޑު، އަތް، ފައި، ނުވަތަ މޫނުގެ ކޮންމެ ވެސް ވަކި ހިސާބެއްގައެވެ. އެންމެ އާންމުކޮށް ބިހިނަގާ ހިސާބަކީ މޭމައްޗެވެ.

(ށ) – ބިހިތަކާއި ފޮޅުތައް ނަގާ މަރުހަލާ (ހަރަކާތްތެރި މަރުހަލާ) : މިމަރުހަލާގައި ހަގީގީ ޝިންގަލްސްގެ އުދަނގޫތައް ފެންނާނެ އެވެ. ޝިންގަލްސް އަކީ އިހްސާސް އުފުލައިދޭ ނާރެއްގައި އިންފެކްޝަން އަށަގަތުމެވެ. އަދި އެނާރު ބާރުފޯރުވާ ހަންގަނޑުގެ ވަކި ހިސާބެއްގައި އިންފެކްޝަން އަށަގަތުމެވެ. އެހެންކަމުން އެނާރުގެ ބާރުފޯރުވާ ހިސާބު(Dermatome) ގެ ހަންގަނޑަށް ވަރަށް ބޮޑަށް ރިހި، ތަދުވެ، ބިހި ނަގާނެ އެވެ. މިބިތައް ފުރަތަމަ ހުންނަނީ ފެންބިހިތަކެއް ހެން އުފުލިފައެވެ. އަދި ބިހިތަކަށް ފެންއެރި، ދޮސްލާނެ އެވެ. އާންމު ގޮތެއްގައި ބިހިތައް ނަގާނީ ހަށިގަނޑުގެ ކޮންމެވެސް އެއްފަޅިއަކުން ވަކި ހިސާބެއްގައެވެ.

ޝިންގަލްސް ގެ އުދަނގޫ ފެށިގެން އަންނަނީ ވައިރަސް ހިމޭންކަންމަތީ ހަރުލާފައި ހުރި ނާރުން ބާރުފޯރުވާ ހިސާބުގައި ތަދުވެ، ރިއްސަން ފެށުމުންނެވެ. ތަދުވަނީ ވައިރަސްގެ ސަބަބުން ނާރަށް އަނިޔާވެފައިވާތީ އެވެ. މިތަދު އިހްސާސް ކުރެވޭއިރު ބައެއް ފަހަރު އެއްޗެއް ހަރާހެން ހީވެދާނެ އެވެ. އަނެއް ބައިފަހަރު ވަރަށް ގަދަޔަށް ރިއްސައި ތަދުވާނެ އެވެ. ތަދުގެ އިތުރުން ހިރުވުން، ދިލަނެގުން ނުވަތަ ދިލަތަދެއް ހުރުން، އަދި ކަށިހަރާހެން ހީވާ ކަހަލަ އިހްސާސެއް އެހިސާބުގައި ހުންނާނެ އެވެ. ރިއްސަން ފަށާތާ 3-1 ދުވަހުގެ ތެރޭގައި އެހިސާބުން ބިހިނަގަން ފަށާނެ އެވެ. ހަދާން ބަހައްޓަން ޖެހޭ ކަމަކީ ބިހި ނަގާނީ ހަމައެކަނި ވައިރަސް އަސަރު ކޮށްފައިވާ ނާރުން އިހްސާސްތައް ބަލަހައްޓާ ހިސާބު(Dermatome) ގައި އެކަނިކަމެވެ. މިގޮތަށް ބިހި ތައް އެންމެ އާންމުކޮށް ނަގަނީ، މޭމަތި، ބަނޑު، އަތް، ފައި، ނުވަތަ މޫނުގެ ކޮންމެ ވެސް ވަކި ހިސާބެއްގައެވެ. އަދި މިގޮތަށް ނަގާ ބިހިތައް ފޮޅުތަކަށް ބަދަލުވެ، ދޮސްއެރި، ފެޅި ތޮށި ނުވަތަ ކުރަމަގާލި ލައި ނެއްޓޭނެ އެވެ. ފޮޅުތަކަށް ދޮސްއެރި، ކުރަމަގާލި ލައި ނެއްޓުމަށް ގާތްގަނޑަކަށް 12-10 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ. ވަރަށް މަދުފަހަރަކު ބިއްސާއި ފޮޅު ނެގުމަކާއި ނުލައި، ހަމައެކަނި އެހިސާބުގައި ތަދުހުރެދާނެ އެވެ.

(ނ) – ތަދުދެމިގެންދާ މަރުހަލާ ނުވަތަ "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) : މިއީ ހާރޕީޒް ޒޮސްޓަރ ނުވަތަ ޝިންގަލްސް ޖެހުމަށްފަހު ބިހިތަކާއި ފޮޅުތައް ރަގަޅުވެ ދިއުމަށްފަހު ވެސް އެހިސާބުގައި ތަދުހުރުމެވެ. އެހެންކަމުން ބިހިތައް ފިލައިދިއުމަށްފަހު ދެތިން ހަފްތާއިން ފެށިގެން ދެތިން ހަތަރު މަސްދުވަސް ވަންދެން ވެސް ހުރެދާނެ އެވެ. މިތަދު ނުފިލައި ހުރެދާނެ އެވެ.

ނުރައްކާތައް

(ހ) - "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) : މިއީ ހާރޕީޒް ޒޮސްޓަރ ނުވަތަ ޝިންގަލްސް ޖެހުމަށްފަހު ބިހިތަކާއި ފޮޅުތައް ރަގަޅުވެ ދިއުމަށްފަހު ވެސް އެހިސާބުގައި ތަދުހުރުމެވެ. އެހެންކަމުން ބިހިތައް ފިލައިދިއުމަށްފަހު މަސް ދެމަސްވާއިރު ވެސް މިތަދު ނުފިލައި ހުރެދާނެ އެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން 15-10 އިންސައްތަ މީހުންނަށް މިނުރައްކާ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަލިޖެހޭ މީހުންގެ އުމުރުން ދޮށިވީ ވަރަކަށް މިއުދަނގޫ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިތަދު އެތައް މަސްތަކަށް ދެމިދާއިރު ބައެއް ފަހަރު އަހަރުތަކަށް ދިގުދެމިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ޝިންގަލްސް ޖެހޭ މީހުންނަށް އެންމެ ގިނައިން ދިމާވާ ނުރައްކަލަކީ ވެސް މިއީ އެވެ. މިއީ ވައިރަސްގެ އަސަރު އިހްސާސް އުފުލާ ނާރުތަކަށްކުރުމުން ދިމާވާ ކަމެކެވެ. މިމައްސަލަވެސް ދިމާވަނީ އުމުރުން 50 އަހަރުންމަތީގެ މީހުންނަށެވެ. ބައްޔާއި ގުޅިގެންދޭ އެންޓިވައިރަލް ބޭސް ބަލީގެ ކުރީކޮޅު ބޭނުންކުރެވިއްޖެ ނަމަ މިކަން ކުޑަކޮށްދީ ލުއިކޮށް ދެއެވެ. މިކަމުން ސަލާމަތްވުމަށް ތަފާތު ވައްތަރުތަކުގެ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރެވެއެވެ.

ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި އުފެދޭ ތަދަކީ ވަރަށް ވޭންދެނިވި (ތޫނު، އެއްޗެއްހަރާ ކަހަލަ، ދިލަނަގާ) ތަދެކެވެ. އެހިސާބުގައި ބީހިލުމުން ވެސް ތަދު އިހްސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިތަދު ހުންނަނީ ނިއްކުރިމަތި އަދި މޭމަތީގައި ބަލީގެ އަސަރު ފާޅުވިނަމަ އެވެ. މިތަދުގެ ސަބަބުން އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިސާލަކަށް ނިދުން، ކެއިން ބުއިން ފަދަ ކަންތައްތައް ފުރިހަމަކުރުމަށް ދަތިވެއެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން މާޔޫސްވާގޮތް ވެސް ވެއެވެ.

(ށ) – ހަމުގައި ޖަރާސީމު އެޅުން : މިއީ ވެސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ހަމުގައި ޖަރާސީމް އަޅައި ރަގަޅުވާއިރު ހަމުގައި ލަކުނު ލާފައި ހުންނާނެ އެވެ. އަދި ބައެއް ފަހަރުގައި ހަމުގައި ޖަރާސީމު އެޅުމަށްފަހު، ހިތް، ފުއްޕާމޭ، ގޮހޮރު، މޭގަނޑު، ޗިސްމޭ، ފަދަ އެތެރެހަށީގެ ގުނަވަންތަކަށް ވެސް ޖަރާސީމުގެ އަސަރު ފޯރުމަކީ ވެދާނެ ގޮތެކެވެ. ހަމުގައި ޖަރާސީމު އެޅުމުން އަސަރުކޮށްފައިވާ ހިސާބުގެ ހަންގަނޑު ރަތްވެ، ހަރުވެ، ހޫނުކަމެއް ހުންނާނެ އެވެ. އަދި ބީހިލުމުން ވެސް ތަދު އިހްސާސް ކުރެވޭނެ އެވެ. ހަމުގައި ޖަރާސީމް އަޅައިފިނަމަ ފަރުވާގެ ގޮތުގައި ޖަރާސީމް މަރާ ބޭސް ބޭނުންކުރަން ޖެހޭނެ އެވެ.

(ނ) – ލޮލަށް ދިމާވާ މައްސަލަތައް : ޝިންގަލްސް ޖެހޭ މީހުންގެ 25-10 އިންސައްތަ މީހުންނަށް ލޮލަށް ބަލީގެ އަސަރު ފޯރާގޮތް ދިމާވެއެވެ. މިގޮތަށް ހާރޕީޒް ޒޮސްޓަރ ޖެހިގެން ލޮލަށް ބަލީގެ އަސަރުކުރުމަށް ކިޔަނީ " ހާރޕީޒް ޒޮސްޓަރ އޮފްތަލްމިކަސް"(Herpes zoster ophthalmicus) އެވެ. މިގޮތުން އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އަކީ ލޯއަނދިރިވުމެވެ. މިބައްޔާއި ގުޅިގެން ލޮލަށް އަސަރުކުރަނީ ނިއްކުރިމަތި، ނޭފަތް، އަދި މޫނުގެ ލޮލާއި ކައިރި ހިސާބަކުން ބަލީގެ އަސަރު ފާޅުވެއްޖެނަމަ އެވެ. ބަލީގެ އަސަރު ފެންނަން ހުރީ މޫނުމަތީގައި ކަމަށްވާނަމަ، ލޮލުގެ ހާމަ ދުއްޔަށް(Cornea) ގެއްލުންވުމަކީ ވެދާނެ ގޮތެކެވެ.

(ރ) – ކްރެނިއަލް ނާރުތަކަށް ގެއްލުންވުން : ކްރެނިއަލް ނާރު ތަކަކީ ސީދާ ސިކުނޑިން މޫލައިގެން ނިކުމެފައިވާ ނާރު ތަކެވެ.

- ރަމްސޭ ހަންޓް ސިންޑްރޯމް (Ramsay hunt syndrome): މިބަލި ޖެހުމުން ބައެއް ނާރުތަކަށް އަސަރު ކުރެއެވެ. އެގޮތުން ކްރެނިއަލް ނާރު ތަކުގެ ތެރޭގައި ހިމެނޭ ކްރެނިއަލް ނާރު 5 ، ކްރެނިއަލް ނާރު 9 އަދި ކްރެނިއަލް ނާރު 10 އަށް ބަލީގެ އަސަރު ފޯރައެވެ. އެކަމުގެ ސަބަބުން ބީރުވުން، ކަންފަތުން އަޑުގޮވުން، ބޯއެނބުރުން، އަދި މޫނުމަތީގައި އިހްސާސް އުފުލައިދޭ ނާރަށް އަނިޔާވުމުން މޫނުމަތީގެ އިހްސާސް ދަށްވާގޮތް ވެއެވެ. މިހާލަތުގައި އާންމުކޮށް ނަގާބިހިތައް ހުންނާނީ ކަންފަތުގެ ވަށައިގެންނާއި، އަނގަ، މޫނު، ކަދުރާ އަދި ބޮލުގެ ހަންގަނޑު ގައެވެ. ވަސްދުވުން ކުޑަވުމަކީ ވެސް ވެދާނެ ގޮތެކެވެ.

- ލޯދުޅަވެ، ލޮލުގައި ރިއްސައި، ލޮލުގެ ފެނުމަށް ބަދަލު އައުމަކީ ވެދާނެ ގޮތެކެވެ.

- ލޭނާރުތައް ދުޅަވެ، ބެނދި، ސްޓްރޯކްޖެހޭގޮތްވުން

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟

shingles-3ހަށިގަނޑުގެ އެއްފަޅިއެއްގައި ބިހި ނުވަތަ ފޮޅުނަގައި ތަދުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. އެންޓިވައިރަލް ބޭސް ތަކުގެ ފައިދާކުރަނީ ބިހިތައް ނަގާތާ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެވިއްޖެނަމަ އެވެ.

- ބިހިތަކާއި ފޮޅުތައް ނޭފަތް މަތީގައި ނުވަތަ ލޯކައިރީގައި ނަގާފައިވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ސަބަބަކީ ވައިރަސް ލޮލަށް ފެތުރި، ލޮލަށް ގެއްލުންވެ، ލޯއަނދިރިވުން ފަދަ ކަމެއް ދިމާވެދާނެތީ އެވެ.

- ޝިންގަލްސް ޖެހިފައިވަނިކޮށް، އިތުރަށް ބަލީގެ ޙާލަތު ގޯސްވެ، ނުވަތަ ހުރި އެހެން ބައްޔެއްގެ ޙާލަތު ގޯސްވާނަމަ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އެއީ ބަލީގެ ނުރައްކާތައް ކުޑަކުރުމަށްޓަކައެވެ.

- މާބަނޑު މީހަކަށް ޝިންގަލްސް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ޝިންގަލްސްގެ އުދަނގޫތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ޝިންގަލްސްގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ އަސަރު ކުރުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އަދި މިހާލަތުގައި ފަހަރުގައި އެންޓިވައިރަލް ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ.

އަންނަނިވި ޙާލަތްތައް މެދުވެރިވެއްޖެނަމަ ވީއެންމެ އަވަހަކަށް(އިމަޖެންސީކޮށް) ޑޮކްޓަރަށް ދައްކާށެވެ.

- މޫނުމަތިން ލޮލާއި ކައިރި ހިސާބެއްގައި ބިއްސާއި ފޮޅުތައް ނެގުން އަދި ރިހުން

- ޝިންގަލްސްގެ އުދަނގޫތަކާއެކު ގަދަޔަށް ހުންއައުން

- ހަށިގަނޑުގެ އެކި ހިސާބުތަކަށް ބިއްސާއި ފޮޅުތައް ފެތުރެން ފެށުން

ދެނެގަތުން

ޝިންގަލްސް ކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކާއި، ހަށިގަނޑުން ބަލާ ބެލުންތަކަށް ރިއާޔަތް ކޮށްގެންނެވެ. އެގޮތުން ޝިންގަލްސް ކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ހަށިގަނޑުގެ އެއްފަޅީގެ ވަކި ހިސާބެއްގައި ބިއްސާއި ފޮޅުނަގައި، ރިހުމާއި ތަދު ހުންނަން ފެށުމުންނެވެ. އާންމު ގޮތެއްގައި ޝިންގަލްސް ކަން ޔަގީންކުރުމަށްޓަކައި އެއްވެސް ޓެސްޓެއް ހަދާކަން ނުޖެހޭނެ އެވެ. ވަރަށް މަދުފަހަރަކު، ވައިރަސް ކަލްޗަރ ހަދަން ޖެހިދާނެ އެވެ.

ފަރުވާ

ގޭގައި ކުރެވިދާނެ ކަންތައްތައް

ޝިންގަލްސްގެ އުދަނގޫތައް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ޝިންގަލްސް ގައި ބޭނުންކުރެވޭ އެންޓިވައިރަލް ބޭހުގެ ފައިދާ އެކަށޭނަ ގޮތުގައި ކުރާނީ އަވަހަށް ބޭސް ފެށުމުންނެވެ. ގޭގައި އަންނަނިވި ކަންތައްތަކަށް ސަމާލުވެވިދާނެ އެވެ.

- ބިހިތައް ކަހައި ، ފޮޅުތައް ތުއްވައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް ފޮޅުތައް ތުއްވައި ހެދުމުން ހަމުގައި ޖަރާސީމު އަޅައި، ފަސޭހަވާއިރު ލަކުނުލާގޮތް ދިމާވެއެވެ. ހިރުވުމާއި ކެހުން ކުޑަކުރުމަށް ބެނެޑްރައިލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ.

- ކޮންމެ ވެސް ވަރަކަށް ފިނިކަން އެކުލެވޭ ފެނުން، ފޮޅުތައް 20 ވަރަކަށް މިނިޓްވަންދެން ދުވާލަކު ދެތިން ފަހަރު ބޮޑިތާން ކުރެވިދާނެ އެވެ. މިގޮތަށް ހެދުމުން ފޮޅުތަކުގައި ހުންނަ ފެންތައް ބޭރުވެ، ފަސޭހައިން ހިކޭނެ އެވެ. މީގެ އިތުރުން ތަތްވެ ހަރުވެފައި ހުންނަ ތޮށިތައް ނެއްޓި، ހަމުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު ކުޑަވެގެންދާނެ އެވެ. ފޮޅުތައް އެއްކޮށް ހިކުމުން ބޮޑިތާންކުރުން ހުއްޓާލަން ވާނެއެވެ. ހަދާން ބަހައްޓަންވީ ކަމަކީ ފޮޅުތައް ތުއްވުމަކީ އެކަމުގެ ސަބަބުން ފޮޅުތަކުގައި ވައިރަސް ބޭރުވާނެ ކަމެކެވެ. މިއީ ފާނަބަސަނދު ޖައްސާ ވައިރަސް ކަމުން މީގެ ސަބަބުން ފާނަބަސަނދު ނުޖެހޭ މީހަކަށް ފާނަބަސަނދު ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ.

- ބިއްސާއި ފޮޅުތައް ހުރި ހިސާބު ފެނާއި އާދައިގެ ސާބޯންޏެއް ލައިގެން، ރަގަޅަށް ސާފުކުރާށެވެ. އެހިސާބުގައި ޕެޓްރޯލިއަމް ޖެލް އުގުޅުމަކީ އަވަހަށް ފަސޭހަވާނެ ކަމެކެވެ. ގަޔަށް ދޫ ހެދުން ޚިޔާރުކުރާށެވެ. މާގަޔަށް ބާރު އަންނައުނު ލުމުން ބިހިތަކުގައި އަންނައުނު ހޭކި، ތަދު އިތުރުވާގޮތް ވެއެވެ. ސަލާމަތުން ތިބި މީހުންނާއި މާބޮޑަށް ގައިގޯޅިވެ (ހުރަހެއްނެތި ހަމާއި ހަން ޖެހޭނެހެން) އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

- ޝިންގަލްސް ޖެހިފައިވާ ފެންވަރައި ސާފުވެހެދުމަކީ މައްސަލައެއް ނޫނެވެ.

ބޭހުގެ ފަރުވާ

- ބަލީގެ އުދަނގޫތައް ފެށޭތާ ކުރީކޮޅު، ހުންނަ އުދަނގޫތަކަށް ބަލައިގެން ފަރުވާ ފެށެއެވެ. އެގޮތުން ތަދާއި ރިހުން ކުޑަކުރުމަށް ޕެނަޑޯލް، ބުރޫފަން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ހިރުވައި ކެހުން ކުޑަކުރުމަށް ކެލަމިން ލޯޝަން ބިއްސާއި ފޮޅު ހުރި ހިސާބުގައި އުގުޅިދާނެ އެވެ. އަދި ހިރުވުން ކުޑަކުރުމަށް ސެޓްރިޒިން، ބެނެޑްރައިލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ.

- ޝިންގަލްސް ގެ ފަރުވާގެ ގޮތުގައި ވެސް ދެވެނީ އެސިކްލޯވިރް އެވެ. ބަލީގެ ކުރީކޮޅުގައި މިބޭސް ދިނުމަކީ މުހިއްމު ކަމެކެވެ.އެގޮތުން އޭގެ ފައިދާ ބޮޑަށްކުރަނީ ބިހިތައް ނަގާތާ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ދެވިއްޖެނަމަ އެވެ. މިބޭސް ދިނުމަކީ ބައްޔާއި ގުޅިގެން ނަގާ ބިހިތައް ރަގަޅުވުން އަވަސްކޮށްދީ، އާބިހިތައް ނެގުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި ތަދާއި ރިހުން ހުންނަ މުއްދަތު ކުރުކޮށް ދެއެވެ. ދުރާލާ ބަލިން ރައްކާތެރިވުމުގެ ނިޔަތުގައި ބައެއް ފަހަރު މިބޭސް ބޭނުންކުރެވިދާނެ އެވެ. އެސިކްލޯވިރްގެ އިތުރުން ފެމްސިކްލޯވިރް، ވެލެސިކްލޯވިރް ، ފަދަ ބޭސްތައް ވެސް މިގޮތުން ދީއުޅެއެވެ. ބައެއް ޚާއްޞަ ޙާލަތްތަކުގައި ހޮސްޕިޓަލްގައި އެދުމަތިކޮށްގެން އައިވީ އިންޖެކްޝަންގެ ސިފައިގައި ވެސް މިބޭސްތައް ދޭންޖެހިދާނެ އެވެ.

- ބިހިތަކާއި ފޮޅުތައް ނަގާފައިވާ ހިސާބަށް ވަރަށް ބޮޑަށް ތަދުވެ، ރިހުން ހުންނާތީ ތަދުކެނޑުވުމަށް ބޭހެއް ބޭނުންކުރަން ޖެހެއެވެ. ބައެއް ފަހަރު ލައިގެން ހުންނަ އަންނައުނު ބިހިތައް ނަގާފައި ހުރި ހިސާބުގައި ޖެހުމުން ވެސް ބަލިމީހާ އަށް ތަދު އިހްސާސް ކުރެވޭގޮތް ވެއެވެ. ތަދުކެނޑުވުމަށް އޮކްސީކޯޑޯން، އެމިޓްރިޕްޓިލިން، މޯރފިން، އަދި ގާބާޕެންޓިން ފަދަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ.

- ޝިންގަލްސް ޖެހުމުން ދިމާވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) ކުރިމަތިވެފައި ވާނަމަ ތަދު ކެނޑުވުމަށް މޯރފީން، އަދި އޮކްސީކޯޑޯން ފަދަ ބޭސްތައް ބޭނުންކުރަން ޖެހިދާނެ އެވެ. ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުމުގެ މައްސަލަ އަކީ ބައެއް މީހުންނަށް ބައްޔާއި ގުޅިގެން ނެގި ބިއްސާއި ފޮޅުތައް ފިލައި ދިއުމަށްފަހު ވެސް ހުންނަ ތަދެކެވެ. މިފަދަ ޙާލަތްތަކުގައި ކުރިން ބުނި ބޭސްތަކުގެ އިތުރުން ގާބާޕެންޓިން، އަދި ޕްރިގެބެލިން ފަދަ ބޭސްތައް ބޭނުންކުރުމުން ތަދުކެނޑި ދިއުމަކީ ވެދާނެ ގޮތެކެވެ.

ޝިންގަލްސް އިން ރައްކާތެރިވުން

ފާނަބަސަނދު ޖެހިފައިވާ މީހުން، ޝިންގަލްސް ޖެހުމުން ރައްކާތެރިވުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ސަބަބަކީ ފާނަބަސަނދު ޖެހުމުގެ ސަބަބުން ހަށިގަނޑުގައި ނުފިލައި ހިމޭންކަންމަތީ ހުރި ވައިރަސްތައް ހީވާގިވެ، ހަރަކާތްތެރިވާން ދިމާވާ ސަބަބު ޔަގީންކަމާއެކު އަދި ހޯދިފައިނުވާތީ އެވެ. ފާނަބަސަނދު ޖެހިފައިނުވާނަމަ، އެމީހަކަށް ފުރަތަމަ ވެސް ޝިންގަލްސް އެއް ނުޖެހޭނެ އެވެ.

ފާނަބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން

ޗިކަން ޕޮކްސިން ވެކްސިން(Chickenpox vaccine) އަކީ ފާނަބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ފާނަބަސަނދުން ރައްކާތެރިވެ ހުރެއްޖެނަމަ، ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ޗިކަން ޕޮކްސް ވެކްސިންގެ ސަބަބުން ފާނަބަސަނދު އަދި ޝިންގަލްސް ޖެހުމުން ދުރުކޮށްދެނީ ވެކްސިންގެ ސަބަބުން ހަށިގަނޑުގައި މިދެބަލި ޖައްސާ ވައިރަސް އާއި ދެކޮޅަށް ދިފާޢީ ބާރު އުފައްދައިދޭތީ އެވެ.

ޒޮސްޓަވެކްސް

ޝިންގަލްސް އަށް ޚާއްޞަ ބޮޑެތި މީހުންނަށް ދެވޭ ވެކްސިނެއް ފުރަތަމަ ތަޢާރަފްކުރީ މެއި 2006 ގައެވެ. އެއީ "ޒޮސްޓަވެކްސް"(Zostavax) ކިޔާ ވެކްސިނެކެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް "ޒޮސްޓަވެކްސް"(Zostavax) ދެއެވެ. ތަފާތު ހިސާބުތައް ދައްކާގޮތުގައި ވެކްސިން ދިނުމުގެ ސަބަބުން ޝިންގަލްސް ޖެހޭ މީހުންގެ އަދަދު 51 ސައްތަ ދަށްކޮށްދީ، އަދި ޝިންގަލްސް އާއި ގުޅިގެން "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން" ކުރިމަތިވާ މިންވަރު 67 އިންސައްތަ ދަށްކުރެވިފައި ވެއެވެ. ޝިންގަލްސް ޖެހި އޭގެ އުދަނގޫތައް ތަހައްމަލުކުރަމުން ގެންދާ މީހުންނަށް މިވެކްސިނެއް ނުދެއެވެ. ސަބަބަކީ މިވެކްސިންގެ މަންފާކުރަނީ ވައިރަސްތައް ހީވާގީވާން ފެށުމުގެ ކުރިން ދެވިއްޖެ ނަމައެވެ.

ޒޮސްޓަވެކްސް ދިނުން އެދެވިގެންނުވާ ފަރާތްތައް
- ދިފާޢީ ބާރު ދަށްވެފައިވާ މީހުން : އޭޑްސް ބަލި، ކެންސަރުބަލީގެ އަހުލުވެރިން
- މާބަނޑު މީހުން
- މާބަނޑުވުމަށް ތައްޔާރުވާ މީހުން : ވެކްސިން ދިނުމަށްފަހު ބަލިވެ ނީދެ އެއް މަސް މަޑުކުރަންވާނެ އެވެ.

މައުލޫމާތު :-
• އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
• ބައެއް މެޑިކަލް ފޮތްތައް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.