އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ޓްރައިކޮމޯނިއޭސިސް (Trichomoniasis)

ޓްރައިކޮމޯނިއޭސިސް (Trichomoniasis)

std-tricho

 ޓްރައިކޮމޯނިއޭސިސް އަކީ ކޮބާ ؟

މިއީ ޕްރޮޓޮޒޯގެ ވައްތަރެއްކަމަށްވާ ''ޓްރައިކޮމޯނަސް ވެޖައިނާލިސް''(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސްފަރާތުގައި މި އޯގަނިޒަމް ބައެއްފަހަރު އުޅެއެވެ.

ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ކުޑަކަމުދާހޮޅި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައި އަދި އަންހެނުންގެ ޖިންސީ ގުނަވަން، ކުޑަކަމުދާހޮޅި، އަދި މަސާނާގައި މި އޯގަނިޒަމް ދިރިއުޅެއެވެ. އަންހެނުންގައި ހަށިގަނޑުގައި މިބަލީގެ އޯގަނިޒަމް ބޮޑަށް އަށަގަންނަނީ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.

ޓްރައިކޮމޯނިއޭސިސް ޖެހެނީ ކިހެނެއް؟

ބަލި ޖެހެނީ ބަލީގެ އަސަރު ހުރި މީހަކާއި އެކު ޖިންސީ ގުޅުން ހިންގުމުންނެވެ. ޓްރައިކޮމޯނިއޭސިސް އާއި ކިހުނުވުމާއި ގުޅުމެއްވާކަމުގައި ދިރާސާތައް ބުނެއެވެ. އެއީ ކިހުނުވުން ކުރިމަތިވެފައިވާ 40އިންސައްތަ މީހުންނަށް ހަމަ އެދުވަސްވަރު ޓްރައިކޮމޯނިއޭސިސް ޖެހިފައިވާކަން ކުރިން ހެދިފައިވާ ދިރާސާތަކުން އެގިފައި ވާތީއެވެ. އެހެންކަމުން ޓްރައިކޮމޯނިއޭސިސް ޖެހިގެން ޑޮކްޓަރަށް ދައްކާ ހިނދު ވަރަށް ގިނަ ޑޮކްޓަރުން ކިހުވުން ހުރިތޯ ބެލުމަށް ޓެސްޓް ކުރުމަށް އިރުޝާދު ދެއެވެ.

ބައެއް ހާލަތްތަކުގައި ނުސާފުތާހިރުވުމަކީ ސީދާގޮތެއްގައި އެމީހަކު އަމިއްލައަށް އިންފެކްޝަންއަށް ވެއްޓިގަތުން ފަދަ ކަމެކެވެ. އެއީ ފުރަގަސްފަރާތުގައި ދިރިއުޅޭ ޓްރައިކޮމޯނަސް އޯގަނިޒަމް ކުރިމަތި ފަރާތަށް ވާސިލްވެ ދާތީ އެވެ. ހަމަމިހެން ހަމަ މިހެން ޖިންސީ ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ސާފުކުރުމާއި، އަދި ދީނީ އުސޫލުތަކާއި ޚިލާފްގޮތްގޮތަށް ޖިންސީ ގުޅުން ހިންގުމަކީ ވެސް ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންތައްތަކެވެ.

ބަލިޖެހިފައި ހުރި މީހަކު ބޭނުންކުރާ ތުވާލި ފަދައެއްޗަކުން ސިއްހަތު ސަލާމަތުން ހުރި މީހަކު ބޭނުންކުރުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. އެއީ އެކަށޭނަ ފިނިހޫނުމިނެއްގައި ހަށިގަނޑުން ބޭރުގައިވެސް މިބަލި ޖައްސާ އޯގަނިޒަމް ވަކިމުއްދަތެއް ވަންދެން ދިރިއުޅޭތީ އެވެ. ފަތާފެންގަޑުތަކާއި، އާންމު ފާޚާނާ ބަރިތައް ބޭނުން ކުރުމަކީ ވެސް ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންކަމެވެ.

އަންހެނުންނަށް ޓްރައިކޮމޯނިއޭސިސް ޖެހުން

ބައެއް އަންހެނުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ހިގައިދާނެއެވެ. މިއޯގަނިޒަމް ޖިންސީ ގުނަވަން އަދި ކުޑަކަމުދާހޮޅީގެ ތެތްދުލިފަށަލައިގެ ސެލްތަކުން ކާނާހޯދައިގެން ދިރިއުޅެއެވެ. ބަލި ޖެހުމުން ކުރިމަތި ފަރާތުން ވަސްގަދަ، ފެހި ރީދޫ ކުލައިގެ ދިޔައެއް ބޭރުވެއެވެ. ކުރިމަތިފަރާތުގައި ފާރުއުފެދި ދިލަނަގައި ރިއްސުން، ޖިންސީ ގުޅުން ހިންގާއިރު ތަދު އިހްސާސްވުން، ކުޑަކަމުދާން އުދަގޫވުން، ގިނަގިނައިން ކުޑަމުދާން ޖެހުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. ވަރަށް މަދުފަހަރަކު ދަށްބަނޑުގައި ރިހުން އުފެދޭގޮތް މެދުވެރި ކުރުވައެވެ. ބަލިޖެހޭތާ 5-28 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ. ދިރާސާތައް ދައްކާގޮތުގައި ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް މިބަލި ޖެހެއެވެ.

ފިރިހެނުންނަށް ޓްރައިކޮމޯނިއޭސިސް ޖެހުން

ގިނަފަހަރު ފިރިހެނުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ހިގައިދާގޮތް ވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ގްލޭންޑް އަދި ނަސްލު އުފެއްދުމާއި ކުޑަކަމުދާ ނިޒާމްގެ އެތެރޭގައިވާ ބައިތަކަށް ބަލީގެ އަސަރު ފޯރުމުން، ކުޑަކަމުދާން އުދަގޫވުން، ރޭގަނޑު ކުޑަކަމުދެވުން، ކުރިމަތިފަރާތުގައި ފާރު އުފެދި ތަދުވުން، އަދި ކުރިމަތި ފަރާތުން ދިޔައައުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. ބައެއް ފަހަރު ޕްރޮސްޓޭޓް ދުޅަވުން އަދި އެޕިޑިޑިމިސް ހަލާކުވުން ފަދަކަމެއް ވެސް މެދުވެރިދާނެއެވެ.

ޓްރައިކޮމޯނިއޭސިސް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫތައް

މިބަލި ޖެހުމަކީ ރަހިމުގެ ކަރަށް ނުވަތަ ދޮރަށް ކެންސަރު ޖެހުމަށް އެހީތެރިވެދޭ ކަމެއްކަމަށް ބުނެވެއެވެ. އެހެން ކަމުން އެދެވިގެންވަނީ ބަލީގެ ކުރީކޮޅު ބައްޔަށް ފަރުވާ ލިބިގަތުމެވެ. އެމެރިކާގައި ކޮށްފައިވާ ދިރާސާ އެއްގައި ހާމަކޮށްފައިވާ ގޮތުގައި މާބަނޑު އަންހެނުންގެ ތެރެއިން ފަހު 3 މަހުގެ ތެރޭގައި ޓްރައިކޮމޯނިއޭސިސް ޖެހިފައިވާ އަންހެނުންނަށް ލިބޭ ކުދިންގެ ބަރުދަން ލުއިވެފައި، އުފަންވާއިރު ރަގަޅަށް ފުރިހަމަ ނުވެ ހުންނަގޮތް ވެއެވެ. މާބަނޑުމީހާގެ ކިބައިން ދަރިފުޅަށް ބަލި ވާސިލްވެއްޖެ ނަމަ އުފަންވާދަރިފުޅަށް ނޭވާލުމަށް އުދަގޫވުން ފަދަ މައްސަލަތައް ކުރިމަތިކުރުވައެވެ.

މަދު ހާލަތްތަކެއްގައި ދަރިން ނުލިބޭގޮތް މެދުވެރި ކުރުވައެވެ. އެއީ ގިނައަދަދެއްގެ ޖަރާސީމްތައް މަނަވީ ހައިވާންތަކާއި އެއްވެއްޖެ ނަމަ އެވެ. ނަމަވެސް މިހާލަތުގައި ފަރުވާކޮށް ރަގަޅުވުމުން ދަރިން ހޯދުމުގެ ގާބިލިއްޔަތު އަބުރާ ލިއްބައިދެއެވެ.

ޓްރައިކޮމޯނިއޭސިސް އިން ރައްކާތެރިވާނީ ކިހެނެއް؟

އަންނަނިވި ކަންތަކަކީ ޓްރައިކޮމޯނިއޭސިސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- ޑޮކްޓަރެއްގެ އެހީއާއި އެކު އެކަށޭނަ ދޭތެރެދުރާނެ ވަސީލަތެއް ޚިޔާރުކުރުން

- އާންމު ފާޚާނާ ބަރިތަކާއި، ފަތާފެންގަޑު ފަދަ ތަންތަން ބޭނުންކުރުމާއި ދުރުހެލިވުން

- ޖިންސީގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ވާގޮތަށް ސާފުނުކުރުން

- އުނަގަނޑާއި ގަޔަށް މާބާރުކޮށް ހުންނަ އަންނައުނު ބޭނުންކުރުމާއި ދުރުހެލިވުން

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.

- މާބަނޑު ދުވަސްވަރު މިބަލި ޖެހިފައިވޭތޯ ދެނެގަނެ ލަސްނުކޮށް ފަރުވާ ލިބިގަތުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.