އާދީއްތަ20171217

އާކުރެވުނީ: 09:46:14

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

stop smokingދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލަން ނިންމުމަކީ ދުންފަތާއި ނުލައި ދިރިއުޅުން ހޭދަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެކަމަށް ވަގުތު ބޭނުންވާނެ ކަމެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިއީ ގިނަ ފަހަރަށް ކާމިޔާބުވާ ކަމެކެވެ.

ސިގިރޭޓް ބުއިން ހުއްޓާލުމަށް ރޭވުން
(1) ހުއްޓާލަން ބޭނުންވާ ސަބަބުތައް ދެނެގަތުން : ތިރީގައިވާ ލިސްޓުން ހުއްޓާލަން ބޭނުންވާ ސަބަބުތައް ފާހަގަ ކުރާށެވެ. އިތުރު ކަމެއްވާނަމަ ލިސްޓުގެ ތިރިއަށް އިތުރުކޮށްލާށެވެ.

- ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
- ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
- ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
- ގައިގެ ހަންގަނޑު ދުޅަހެޔޮކޮށް ޒުވާންކަންމަތީ ދެމެހެއްޓުމަށް
- ސިގިރޭޓް ގަތުމަށް ހޭދަކުރާ ފައިސާ ރައްކާކުރުމަށް
- ދަރިންނަށް ރަގަޅު މިސާލަކަށްވުމަށް
- ލިސްޓުގައި ނުވާ ސަބަބެއްނަމަ ...................

(2) ސިގިރޭޓް ބުއިން ހުއްޓާލުމުން ކުރިމަތިވާނެ އެންމެ އުދަނގޫތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ބަޔާންކުރާށެވެ.

(3) ސިގިރޭޓް ބުއިން ހުއްޓާލާ ދުވަސްވަރު އެކަމަށް އެހީތެރިވެދޭނީ ކޮން ބައެއް ހެއްޔެވެ؟ (މިސާލު: އާއިލާގެ މީހުން، ރައްޓަހިން، ޞިއްޙީ އެހީތެރިޔާ...) އެހީތެރިވާނޭ މީހުންގެ ފޯނު ނަންބަރު ހޯދާށެވެ.

(4) ސިގިރޭޓް ބުއިމުން ލިބޭ އުފަލަކީ ކޮބައިހެއްޔެވެ؟ އަދި ސިގިރޭޓާ ނުލާ އުފާ ހޯދޭނެ އެހެން ގޮތްތަކަކީ ކޮބައިހެއްޔެވެ؟

(5) ހުއްޓާލާ ތާރީޚް ކަނޑައަޅާށެވެ. ހުއްޓާލާ ތާރީޚް : .......................................

(6) އާއިލާ މީހުންނާއި، ރައްޓަހިން ގާތުގައި ހުއްޓާލާ ވާހަކަ ބުނާށެވެ. ބުނާނެ މީހުން: .................................
ފޯނު ނަންބަރު: .................................
(7) އާ ހުނަރުތަކާއި، ކުރާނެ ކަންތައްތައް ދަސްކުރާށެވެ.
(ހ) - ހުއްޓާލާ ފުރަތަމަ ދުވަސްތަކުގައި ދުވާލުގެ ތާވަލް ކޮންމެވެސް ވަރަކަށް ބަދަލުކޮށްލާށެވެ. އަދި ދުވާލުގެ ތާވަލްގައިވާ ކަންތައްތަކުގެ ތެރެއިން ބަދަލުކުރެވޭނެ ކަންތައްތައް ލިސްޓް ކުރާށެވެ.
(ށ) - ހާސްކަން (ސްޓްރެސް) ފިލުވާނެ ގޮތްތައް ދަސްކުރާށެވެ. ހާސްކަން ފިލުވަން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

- ކަސްރަތުކުރުން
- ހިނގާލަންދިއުން
- ރައްޓެއްސަކާ ވާހަކަ ދައްކާލުން
- ލަވަޖެހުން
- ފުންކޮށް ނޭވާލުން

(ނ) - ސިގިރޭޓް ބޯން މެދުވެރިވާ ފަދަ ކަންތައްތަކާއި، ތަންތަން ފާހަގަ ކުރާށެވެ. އަދި އެކަންތައްތަކާއި ދުރުވެވޭނެ ގޮތްތައް ހޯދާށެވެ. މިސާލު: ނިދާ ހޭލާ ވަގުތު، ކޮފީބޯވަގުތު، ސައިބޯވަގުތު، ކައިނިމިގެން، ނިދަން އޮށޯންނަ ވަގުތު، ރައްޓަހިންނާއެކު ހޭދަކުރާ ވަގުތު.
މިސާލު: އާންމުކޮށް ކޮފީ އާއެކު ސިގިރޭޓް ބޯނަމަ، ކޮފީގެ ބަދަލުގައި ޖޫސް ނުވަތަ ފެން ބޯށެވެ.
ކަންތައްތައް / ތަންތަން...........................................
ހަދާނެގޮތް..............................

(ރ) - ކޮންމެ ދުވަހަކު ވެސް ކޮށްލާނެ ހިތްހަމަޖެހޭ ކަމެއް ޚިޔާރުކުރާށެވެ.
(ބ) - ފޮލޯއަޕް ހެދުމަށް ހުއްޓާލުމަށް އެހީތެރިވެދޭނެ މީހަކު، ބައްދަލުކުރާނެ ދުވަސްތަކާއި، ގަޑިތައް:
- ހުއްޓާލާތާ 1 ނުވަތަ 2 ދުވަސް ފަހުން (ތާރީޚް)
- އެއް މަސްދުވަސް ވަންދެން ހަފްތާއަކު 1 ފަހަރު (ތާރީޚްތައް).
- 6 މަސް ދުވަސް ވަންދެން މަހަކު 1 ފަހަރު (ތާރީޚްތައް)

 

ހުއްޓާލުމަށް ތައްޔާރުވުން
ހުއްޓާލާ ތާރީޚް ގެ 4 ދުވަސްކުރިން :
• ހުއްޓާލާން ބޭނުންވާ ސަބަބާމެދު ޚިޔާލުކުރަން ފަށާށެވެ.
• ރައްޓަހިންނާއި އާއިލާގެ މީހުންނާއި، ތިމާގެ މީހުން ކައިރީގައި ހުއްޓާލަން މަސައްކަތްކުރާ ވާހަކަ ބުނާށެވެ.
• ސިގިރޭޓް ގަންނަ މިންވަރު މަދުކުރާށެވެ. ސިގިރޭޓް ފޮށި ގަތުން ހުއްޓާލާށެވެ

ހުއްޓާލާ ތާރީޚް ގެ 3 ދުވަސްކުރިން :
• ސިގިރޭޓް ބޯން ބޭނުންވާ ވަގުތާއި، ސަބަބަތަކަށް ސަމާލުކަން ދޭށެވެ.
• ސިގިރޭޓް ފިޔަވައި އަތުގައި ގެންގުޅެވޭނެ އެހެން އެއްޗަކާމެދު ޚިޔާލުކުރާށެވެ.
• ސިގިރޭޓް ބޯން ބޭނުންވާ މާހައުލުތައް ބަދަލުކުރުމާމެދު ވިސްނާށެވެ.

ހުއްޓާލާ ތާރީޚް ގެ 2 ދުވަސްކުރިން:
• ސިގިރޭޓް ގަތުން ހުއްޓާލުމުން އެފައިސާ ޚަރަދުކުރާނެ ގޮތް، ނުވަތަ ހަދާނެގޮތް ކަނޑައަޅާށެވެ.
• އިތުރަށް އެހީ ބޭނުންވާނަމަ، މިކަމަށް ޚިޔާރުކުރާނެ މީހަކު ފާހަގަކޮށްފައި ބަހައްޓާށެވެ

. ހުއްޓާލާ ތާރީޚް ގެ 1 ދުވަސްކުރިން :
• ލައިޓަރު، އަޅިކެނޑި ފާޑުގެ ހުރިހާ އާލާތެއް ނައްތާލާށެވެ.
• އަތުގައި ސިގިރޭޓް ފަދަ އެއްވެސް އެއްޗެއް ހުރިނަމަ ނައްތާލާށެވެ.
• ތަންމަތި، އަދި ހެދުން ފަދަ ތަކެތި ދޮވެ ސާފުކޮށް، ސިގިރޭޓް ވަސް ފިލުވާލާށެވެ.

. ހުއްޓާލާ ދުވަސް.
• ވަރަށް އަވަދިނެތި އުޅޭށެވެ.
• ރައްޓަހިންނާއި، ގާތްތިމާގެ މީހުންނާއި، އާއިލާ މީހުން ކައިރީގައި މިއަދަކީ ހުއްޓާލާ ދުވަސް ކަން ބުނާށެވެ.
• މަސްތުވާ ތަކެއްޗާއި، އެފަދަ އެހެން ތަކެއްޗާއި ދުރުހެލިވެ ހުންނާށެވެ.
• އަމިއްލައަށް އުފާވާ ފަދަ ޚާއްޞަ ކަމެއް ކޮށްލާށެވެ.

ހުއްޓާލައިގެން ދެމިހުރުމަށް

- ކޮންމެ ދުވަހަކު ވެސް އެދުވަހަކު ދުންފަތާއި ނުލާހުރުމަށް އަޒުމު ކަނޑައަޅާށެވެ.
- ސިގިރޭޓް ބުއިމަށް ލިބޭ ދައުވަތުތައް ގަބޫލުނުކުރާށެވެ. ސާފުބަހުން ނޫނެކޭ ބުނާށެވެ.
- ސިގިރޭޓް ބޯހިތްވާ ކޮންމެ ފަހަރަކު ހުއްޓާލި ސަބަބުގެ މަތިން ހަދާން އާކޮށްލާށެވެ.
- ސިގިރޭޓާ ނުލާ ހޭދަކުރާ ދުވަސްތައް ގުނަމުން ގެންދާށެވެ. އަދި ކާމިޔާބީ ފާހަގަކޮށް އަމިއްލަ ނަފުސަށް ހިތްވަރު ދޭށެވެ.
- ސިގިރޭޓް ބޯހިތްވާ ވަގުތުތަކުގައި ޗުއިންގަމް، ތަރުކާރީ، އަދި މޭވާ ފަދަ އެއްޗެއް ކާލާށެވެ.
- ސިގިރޭޓް ހިފަން އާދަވެފައިވާ އަތުގައި ގެންގުޅެލާނެ އެއްޗެއް ފައިސާ ފޮއްޗެއް ނުވަތަ ފަންސުރެއް ހޯދާށެވެ.
- ވަރަށް ގިނައިން ދިޔާއެއްޗެތި ބޯށެވެ.
- ހުއްޓާލާ ފުރަތަމަ ދުވަސްކޮޅުގައި ސިގިރޭޓް ބޯ ރައްޓަހިންނާއެކު ހޭދަކުރާ ވަގުތު މަދުކުރާށެވެ.

 

ސިގިރޭޓާ ދުރުވާކަމުގެ ނިޝާންތައް :
- ބޮލުގައި ރިހުން: މިކަން ހައްލުކުރުމަށް ފުންކޮށް ނޭވާލުން ފަދަ ހުނަރެއް ދަސްކޮށްގެން، ހާސްކަން ފިލުވަން ދަސްކުރާށެވެ.
- އިގިލިތަކުގެ ކޮޅު ހީލިކެރުވުން: ސިގިރޭޓްގެ ސަބަބުން ލޭދައުރުވުމުގައި މައްސަލަ ހުރެފައި ރަގަޅަށް ލޭދައުރުވާން ފަށައެވެ.
- ބަނޑުހަރުވުން، މޭބޮޑުވުން، އަދި ބަނޑުދިޔާވުން: ގިނައިން ފެން ބޯށެވެ. އަދި ތަރުކާރީ ކާ މިންވަރު އިތުރުކުރާށެވެ.
- ކަންތައްތަކުގައި ހިތް އަވަސްވުމާއި، ނިދުމަށް އުދަނގޫވުން: މިއިހުސާސްތައް ދުވަސްކޮޅެއްގެ ތެރޭގައި ފިލައިގެންދާނެއެވެ
- ކެއްސުން: މިއީ ފުއްޕާމޭ ސާފުވަމުންދާ ކަމުގެ ނިޝާންތަކެވެ.
- ރުޅިއައުމާއި، ދެރަވުން، އަދި ހިތް ނުތަނަވަސްވުން ފަދަ އިހުސާސްތައް : ސިގިރޭޓް ދޫކޮށްލުމަކީ ބައިވެރިއެއް ދޫކޮށްލުން ފަދަ ކަމެކެވެ. ވީމާ މިފަދަ އިހުސާސްތައް ކުރެވުމަކީ އާދައިގެ ކަމެކެވެ. އަދި ދުވަސްކޮޅަކުން އެކަންތައްތައް ފިލައިގެންދާނެ އެވެ.
- ކާހިތްވާލެން ގިނަވުން: ސިގިރޭޓް ބުއިން ހުއްޓާލުމުން، ކާއެއްޗެތީގައި ރަހަލާ މިންވަރު އިތުރުވުމާއި، ހަޖަމުކުރާ ނިޒާމްގެ މަސައްކަތް ރަގަޅުވުމުގެ ސަބަބުން ބަނޑުހައިވާލެން އަވަސް ވެއެވެ. ވީމާ ފައިދާހުރި ކާނާއާއި ދިޔާތަކެތި އިތުރުކުރާށެވެ.

 

ސިގިރޭޓް ބޯހިތްވުން
ސިގިރޭޓް ބުއިން ހުއްޓާލާ ފުރަތަމަ ދުވަސްކޮޅު އާދަޔާ ޚިލާފަށް ސިގިރޭޓް ބޯހިތްވުމަކީ ގިނައިން ވާކަމެކެވެ. އަދި ހުއްޓާލައިގެން ހުންނަތާ ދިގުމުއްދަތަކަށް ފަހުގައި ވެސް ކުއްލިއަކަށް ސިގިރޭޓް ބޯހިތްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކޮންމެ ވަގުތެއްގައި ވެސް އެންމެ މުހިއްމު ކަމަކީ "ކްރޭވިންގްސް" އަމަލުނުކޮށް ލަސްކޮށްލުމެވެ. (ސިގިރޭޓް ނުބޮއި މަޑުކޮށްލުމެވެ. ). މިސާލަކަށް ބޯހިތްވާ ޚިޔާލު އަންނަހިނދު، އެހެންކަމަކަށް ޚިޔާލު ބަދަލުކޮށްލުން، އަދި ތިމަންނަ އެބަ ސިގިރޭޓް ބޯހިތްވެޔޭ އަމިއްލަ ނަފްސަށް ބުނެދިނުން މުހިއްމެވެ.

ސިގިރޭޓް ބޯން ހިތަށްއަރާ ކޮންމެ ފަހަރަކު ތިރީގައިވާ ކަންތައްތަކުން ކޮންމެ ވެސް ކަމެއް ކޮށްލެވިދާނެ އެވެ
ހ- ފެނާއި އެނޫންވެސް ދިޔާތަކެތި ގިނައިން ބުއިން
ށ- ކޮންމެ ވެސް އެހެން ކަމެއްގައި މަޝްޣޫލްވުން
ނ- ފެންވަރާލުން
ރ- ބާރަށް ހިނގާލުން
ބ- ސިގިރޭޓް ބުއިން ހުއްޓާލާފައިވާ ރައްޓެއްސަކާ ވާހަކަ ދައްކާލުން
ޅ- ޞިއްޙީ އެހީތެރިޔާ އާއި ބައްދަލުކޮށް ސިގިރޭޓް ބޯން ބޭނުންވާ ވާހަކަ ބުނާށެވެ.
ކ- ހުއްޓާލަން ބޭނުންވި ސަބަބާމެދު ޚިޔާލުކޮށް ހަދާންކޮށްލާށެވެ.

އަދި މީގެ އިތުރުން މައްސަލަތައް ކުރިމަތިވާ، ނުވަތަ ފިކުރު ބޮޑުވާ ކޮންމެ ފަހަރަކު، ސިގިރޭޓް ބޯން އާދަވެފައިވާ މީހަކުނަމަ، މައްސަލަ ކުރިމަތިވާ ވަގުތު ސިގިރޭޓް ބޯހިތްވެއްޖެނަމަ އެތަނަކުން އަވަހަށް ދާށެވެ. އަދި ފަހުން އެމައްސަލަ ހައްލުކުރާށެވެ. ގިނަ މީހުން ދެކޭގޮތުގައި ސިގިރޭޓް ބުއިން ހުއްޓާލައިފިނަމަ، ކުއްލިއަކަށް ފަލަވާން ފަށާނެ އެވެ. ނަމަވެސް މިއީ މިކަން އޮންނަ ގޮތެއް ނޫނެވެ. ފަލަވެދާނެ ކަމުގެ ބިރަށް ސިގިރޭޓް ބުއިން ހުއްޓާނުލާ ހުރުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ފައިދާހުރި ކާނާއި، ކެއުމުގެ އާދަތައް ރަގަޅުކޮށް، ގަވާޢިދުން ކަސްރަތުކުރާނަމަ، ސިގިރޭޓް ބުއިން ހުއްޓާލުމަށްފަހު، އެއްގޮތަކަށްވެސް ބަރުދަން އިތުރުވިޔަނުދީ ހިފެހެއްޓިދާނެ އެވެ. ނުވަތަ ބަރުވާ މިންވަރު ކުޑަކުރެވިދާނެ އެވެ.

ސިގިރޭޓް ބުއިން ހުއްޓާލުމާއި ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ހުރި ގުޅުން

ސިގިރޭޓް ބުއިން ހުއްޓާލުމުން ބައެއް މީހުންގެ ބަރުދަން އިތުރުވެއެވެ. އެއީ ސިގިރޭޓް ބުއިން ހުއްޓާލުމުން:
- ރަހައާއި، ވަސްބެލުމުގެ ހިއްސު ރަގަޅުވެ، ކާއެއްޗެތީގެ ރަހަ މީރުވާތީ އެވެ.
- އާދަޔާ ޚިލާފަށް ފޮނި އެއްޗެހި ކާހިތްވާތީ އެވެ.
- ސިގިރޭޓް ބުއިން ހުއްޓާލުމުން ދުވާލަކު 200 – 100 އާއި ދެމެދުގެ އަދަދަކަށް ހަށިގަނޑަށް ބޭނުންވާ ކެލޮރީސް މަދުވާތީ އެވެ.
- ސިގިރޭޓް ބޯހިތްވާ ވަގުތުތަކުގައި ކޮންމެ ވެސް ކާއެއްޗެއް ކެއުމަށް އާދަވާތީ އެވެ. ވީމާ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް، ނުވަތަ ދަށްކުރުމަށް ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ޚިޔާރު ކުރެވިދާނެ އެވެ.
- ތެލުލި ތަކެތި ކެއުމުގެ ބަދަލުގައި ފެނުކެއްކި ނުވަތަ ފިހުނު ތަކެތި ކެއުން.
- ކެއުމުގައި ތަރުކާރީ އާއި މޭވާ އިތުރުކުރުން
- ބަޓަރާއި މާޖިރީން ފަދަ ތަކެތި ކެއުން މަދުކުރުން
- މަސްދަޅު ފަދަ ތަކެތި ބޭނުންކުރާއިރު ތެޔޮ މަސް ދަޅުގެ ބަދަލުގައި ފެން މަސްދަޅު ބޭނުންކުރުން.
- ގިނައިން ފެންބުއިން

ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ފެން ބުއިން ވަރަށް މުހިއްމެވެ. މިގޮތުން މަދުވެގެން ދުވާލަކު 8 ތަށި ބޯނަމަ ހަށިގަނޑުގައި އަށަގެންފައިވާ ނިކޮޓީންތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. ކެއުން ކޮންޓްރޯލްކުރުމަކީ ބަރުދަން ލުއިކުރުމުގެ އެއްބައެވެ. އަނެއްބަޔަކީ ކަސްރަތެވެ. ވީމާ ގަވާއިދުން ކަސްރަތުކުރުން ވަރަށް މުހިއްމެވެ. ސިގިރޭޓްގެ އަޅުދާސްތުކަމުން ދުރުވެ، ކެއުމަށް އަޅުދާސްވުން ބުއްދިވެރިއެއް ނޫނެވެ.

އަލުން ސިގިރޭޓް ބޯންފެށުން
ދެ ހަފްތާ ވަންދެން ސިގިރޭޓާ ނުލާ ހުރުމަކީ ވަރަށް ހިތްވަރުގަދަ ކަމެކެވެ. އެހާތަނުން އެންމެ އުދަނގޫވާނެ ދުވަސްތައް އެކަނޑަތު ކުރެވުނީ އެވެ. މިހާ ހިސާބުން ސިގިރޭޓް ބުއިން ހުއްޓާލުމުގެ ބައެއް ފައިދާތައް ފެންނާން ފެށުން އެކަށީގެން ވެއެވެ. އޭގެ ތެރޭގައި ނޭވާލާން ފަސޭހަވުން، ފުއްޕާމޭ ބާރުގަދަވުން، ބުންވަރު ރަގަޅުވުން، އަމިއްލަ ނަފުސަށްކުރާ އިތުބާރު ބޮޑުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް އަލުން ސިގިރޭޓެއް ބޯލެވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެއްޖެނަމަ އަވަހަށް ހުއްޓާލި ހިސާބުން ޕްލޭނުގައިވާ ގޮތަށް ކަންތައްތައް ކުރާށެވެ. އެކަމާ ދެރަވެ، މާޔޫސްނުވާނެޔޭ ހިތަށްއަރައި، ކުރިޔެކޭ އެއްވަރަށް ސިގިރޭޓް ބޯންފެށުމުގެ ބަދަލުގައި، ހިތްވަރު ގަދަކޮށްފައި އަލުން ހުއްޓާލާށެވެ. އަދި ސިގިރޭޓް ބޯހިތްވާން މެދުވެރިވި ސަބަބަކާމެދު، ޞިއްޙީ އެހީތެރިޔާއާއި މަޝްވަރާކުރާށެވެ.

ސިގިރޭޓް ބޯން ފެށިއްޖެނަމަ ވަގުތުން ކުރަންވީ ކަންތައްތައް
- ސިގިރޭޓް ބޯން މެދުވެރިވި ސަބަބު ދެނެގަނެ އެކަމެއް ދެވަނަ ފަހަރު ނުކުރުން .
- ސިގިރޭޓް ވަގުތުން ދުރަށް އެއްލާލުން، އަދި އެތަނުން ވަގުތުން ދުރަށްދިއުން .
- ވަގުތުން އެހީތެރިވާނެ މީހަކަށް ގުޅުން ނުވަތަ ބައްދަލުކޮށް ވާހަކަ ދައްކާލުން .
- އެއް ސިގިރޭޓަށްވުރެ ގިނައިން ބޮވިއްޖެނަމަ އަވަހަށް ހުއްޓާލާށެވެ.
- ކުރިޔެކޭ އެއްވަރަށް ބޯންފެށިއްޖެނަމަ އެއްމަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ދުވަހެއް ކަނޑައެޅުން
- ހުއްޓާލައިގެން ހުރުމަށް ކުރިން އެހީތެރިވެދިން ކަންތައްތައް ހަދާންކޮށްލުމަށްފަހު، އިތުރަށްކުރެވިދާނެ ކަންތައްތައް ފާހަގަކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.