ހުކުރު20201120

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތުގެ އިސްތިޢުމާލުކުރުން

ދުންފަތުގެ އިސްތިޢުމާލުކުރުން

dhunfathuge-isthiumaalu-kurun* ދުންފަތުގެ އިސްތިޢުމާލުކުރުމުން ހަށިގަނޑަށް ކުރާ އަސަރު
* ދުމުގައި އެކުލެވޭ ގެއްލުންދެނިވި ކެމިކަލްތައް
* ދުންފަތުގެ ސަބަބުން، ޖެހޭ ބައެއް ބަލިތައް
* ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަރުދަން
* ފިރިހެނުންގެ ހަށިގަނޑަށް ކުރާ އަސަރު
* އަންހެނުންގެ ހަށިގަނޑަށް ކުރާ އަސަރު
* މައިމީހާއާއި ކުޑަދަރިފުޅު
* ކުޑަކުދިންނާއި ދުންފަތުގެ އިސްތިޢުމާލުކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައި ބުނެވެއެވެ. އެންމެ ގިނަބަޔަކު މިދުނިޔެ ދޫކޮށް ދަނީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމުގައި ވެއެވެ. މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކަމަށް ވުމާއި އެކު އަޅުގަނޑުމެންގެ ތެރެއިން ދުންފަތު ގެ އިސްތިއުމާލު ކުރާ މީހުން މިއަދުން ފެށިގެން އެކަން ނުކުރުމަށް އަޒުމް ކަނޑައެޅުމަކީ ތިމާގެ އަމިއްލަ ޞިއްހަތަށް ލިބިދޭ މަންފާއެއް ކަމުގައި މެނުވީ ނުވާނެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ހަށިގަނޑަށް ލިބިދޭ ގެއްލުންތައް ބޮޑުވެފައި ނުރައްކާތެރި ވާތީ އެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ހަށިގަނޑަށް ކުރާ އަސަރު :

ދުންފަތް ނުވަތަ ސިގިރޭޓްގެ ދުމުގައި ހިމެނޭ އެކިއެކި ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދާ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ސިގިރޭޓްގައި އެކުލެވޭ ނިކޮޓިން އަކީ ކެންސަރު ޖެހުމަށް މެދުވެރިވާ މާއްދާއެއް ކަމުގައި ނުވިނަމަވެސް އެއީ ސިގިރޭޓް އަދި ދުންފަތް އެކުލެވޭ ބާވަތްތަކަށް މީހާ ދެވިހިފުވާ މަސްދަރެވެ. ދެވިހިފުމުގެ ބާރު ހުންނަ ބޭސްތަކަކީ ވިހަ، އަދި ހަށިގަނޑަށް އޭގެ ސަބަބުން ނުރައްކާތެރި އަސަރުތައް ފޯރުވާ މާއްދާތަކެކެވެ. ނިކޮޓިން އަށް ދެވިހިފުމުން އޭގެ ޑޯޒް ލިބިގަތުމަށް ސިގިރޭޓް ބޭނުންކުރާ ކޮންމެ ފަހަރަކު ދުމާއެކު 4000 އަށްވުރެ ގިނަ ކެމިކަލްތައް ހަށިގަނޑަށް ވާސިލް ވެގެން ދެއެވެ. ސިގިރޭޓް ނުވަތަ ދުންފަތުގައި އެކުލެވޭ ގިނަ ކެމިކަލްތަކަކީ ހަރަކާތްތެރި މާއްދާތަކެވެ. އެހެންކަމުން ހަށިގަނޑު އެކިބައިތަކަށް މިބުނި ކެމިކަލްތަކުގެ ސަބަބުން ގެއްލުން ލިބޭގޮތް މެދުވެރިވެއެވެ.

ދުންފަތުގެ ދުމުގައި އެކުލެވޭ ހަށިގަނޑަށް ގެއްލުންދެނިވި ނުރައްކާތެރި ކެމިކަލްތައް:-

(ހ) ނިކޮޓީން: ސިގިރެޓަށް ދެވިހިފަނީ އޭގައިވާ ނިކޮޓިން ގެ ސަބަބުންނެވެ. މިއީ ނާރުތަކުގެ ނިޒާމް މުރާލިކޮށް، ހިތުގެ ވިންދުޖެހުން އަވަސްކޮށް، ލޭގެ ޕްރެޝަރ މަތިކުރުވާ މާއްދާއެކެވެ.ސިގިރޭޓުން ހަށިގަނޑަށް ދުން ވާސިލްވާތާ 10ސިކުންތުގެ ތެރޭގައި ސިކުނޑިއަށް ނިކޮޓީން ގެންގޮސްދެއެވެ.އުރަމަތިން ބޭރުވާ ކިރު އަދި ހަށިގަނޑުގެ އެހެންބައިތަކުން ވެސް ނިކޮޓީންގެ އަސަރު ފެނެއެވެ. ނިކޮޓީންގެ އެންމެ 60މގ މީހެއްގެ ދޫމަތީ ބާއްވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެދެއެވެ.

(ށ) ޓާރ: މިއީ ސިގިރޭޓްގެ ދުމުގައި ޖުމުލަގޮތެއްގައި ހިމެނޭ ހުރިހާ ބާވަތެއްގެ މާއްދާތަކަށް ނިސްބަތްކޮށް ބޭނުންކުރެވޭ ނަމެކެވެ. ޓާރ ގައި ހިމެނޭ ކެމިކަލްތަކުގެ ތެރޭގައި ނައިޓްރޯޖެން އޮކްސައިޑް، ކާބަން މޮނޮކްސައިޑް، އަދި ކާބަން ޑައިއޮކްސައިޑް ފަދަ މާއްދާތައް ހިމެނެއެވެ. ޓާރ ހުންނަނީ ތަތްކޮށް މުށިކުލަ އަށެވެ. އެހެން ކަމުން ދަތްތަކާއި، ނިޔަފަތިތައް އަދި ފުއްޕާމޭގެ ޓިޝޫތަކުގައި ޓާރ ހަރުލައި އެޓިޝޫތަކުގެ ކުލަ މުށި ރީދޫ ކުލައަށް ބަދަލުކޮށްލައެވެ. ޓާރ ގައި ''ބެންޒޯޕައިރީން'' ކިޔާ ކެންސަރުޖައްސާ މާއްދާއެއް ހުރެއެވެ.

(ނ) ކާބަން މޮނޮކްސައިޑް: ކުލައެއް ނެތް މިގޭހުގެ ބޮޑު ޑޯޒެއްގެ ސަބަބުން ލޭގައިވާ އޮކްސިޖަންގެ ބަދަލުގައި މިގޭސް އޮކްސިޖަންގެ މަގާމަށް ވާސިލްވެއެވެ. ލޭގެ ރަތްސެލްގައި ހުންނަ ހީމޯގްލޯބިން އަކީ އޮކްސިޖަން ހަށިގަނޑުގެ އެކިބައިތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭ މައިގަނޑު ވަސީލަތެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހަށިގަނޑުގައި ހީމޯގްލޯބިން އާއި އެއްވުމުގެ ބާރު އޮކްސިޖަންއަށްވުރެ، ކާބަން މޮނޮކްސައިޑް އަށް ލިބިފައިވާލެއް މައްޗެވެ. އެހެން ކަމުން ދުންފަތުގެ އިސްތިޢުމާލުކުރާމީހުންގެ ހިތް މަސައްކަތްކުރާލެއް އިތުރުވެގެންދެއެވެ. އެއީ އެއީ ސިކުނޑިއާއި، މަސްތައް އަދި އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ފޯރުކޮށް ދިނުމަށް ޓަކައެވެ.

(ރ) ނައިޓްރޯޖެން އޮކްސައިޑް: ޖަނަވާރުތައް ބޭނުންކޮށްގެން ހެދިފައިވާ ތަޖުރިބާތައް ދައްކާގޮތުގައި ނައިޓްރޯޖެން އޮކްސައިޑް އަކީ ފުއްޕާމެޔަށް ގެއްލުންދެނިވި މާއްދާ އެކެވެ. ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުގައިވާ ''އެމްފިޒީމާ'' (ފުއްޕާމޭގެ އެންމެ އެތެރޭގައިވާ ވައިކޮތަޅުތައް ބޮޑުވުން) ކުރިމަތިކުރުވުމުގައި ނައިޓްރޯޖެން އޮކްސައިޑްގެ ދައުރެއްވާ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ.

(ބ) ހައިޑްރޯޖެން ސައިނައިޑް: ފުއްޕާމޭގައި ކުދިކުދި ނަރުވާ ނުވަތަ އިސްތަށިތަކެއް ވެއެވެ. މީގެ ބޭނުމަކީ ހަށިގަނޑުން ބޭރުން ފުއްޕާމެޔަށް ވާސިލްވާ މާއްދާތައް ފުއްޕާމެއިން ބޭރުކޮށް ސާފުކުރުމެވެ. ހައިޑްރޯޖެން ސައިނައިޑްގެ ސަބަބުން ފުއްޕާމެއިން ހިންގާ މިބުނި ސާފުކުރުމުގެ މަސައްކަތަށް ބުރޫއަރާ ގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ސިގިރޭޓްގެ ދުމުގައި ހިމެނޭ ވިހަމާއްދާތައް ފުއްޕާމޭގައި ތަތްވެ، ހަރުލުމަށް ފުރުސަތު ލިބިގެންދެއެވެ.

(ޅ) އެމޯނިއާ: މިއީ ފުއްޕާމެޔަށް ގެއްލުންދެނިވި ބާރުގަދަ ކެމިކަލް އެކެވެ. ގޭތެރޭގައި ބޭނުންކުރާ ތަކެތި ސާފުކުރާ އެއްޗެހި އުފެއްދުމަށާއި، މަރުވެފައި ތިބޭމީހުން ގިނަ ދުވަހު ހަލާކުވިޔަ ނުދީ(ކުނިވިޔަ ނުދީ) ބެހެއްޓުމަށް ބޭނުންކުރާ ފޯރމަލީން އުފެއްދުމަށް ވެސް އެމޯނިއާ ބޭނުންކުރެވެއެވެ.

(ކ) މަޢުދަންތައް: މިގޮތުން ސިގިރޭޓްގެ ދުމުގައި ހިމެނޭ ނުރައްކާތެރި މަޢުދަންތަކުގެ ތެރޭގައި ވިހާރަކަ (އާރސެނިކް)، ތިމަރަ (ލީޑް)، އަދި ކެޑްމިއަމް ފަދަ މާއްދާތައް ހިމެނެއެވެ.

(އ) ރޭޑިއޯއެކްޓިވް މާއްދާތައް: މިމާއްދާތަކަކީ ކެންސަރު ޖެއްސުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

*ނޯޓް: ދުންފަތުގެ ދުމުގައި ހިމެނޭ އެހެނިހެން ބައެއް މާއްދާތަކުގެތެރޭގައި ބެންޒީން، ފޯރމަލްޑެހައިޑް ނުވަތަ ފޯރމަލީން، މީތަނޯލް އަދި އަސީޓައިލީން ފަދަ މާއްދާތައް ހިމެނެއެވެ.

ދުންފަތުގެ ސަބަބުން، ޖެހޭ ބައެއް ބަލިތައް :

* ނޭވާލުމުގެ ނިޒާމް
ދުންފަތުގެ ދުމުން ނޭވާލުމުގެ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި ވައިނޮޅި(ޓްރެޗިއާ) އަދި ލެރިންކްސް (އަޑުފޮށި) ފަދަ ގުނަވަންތައް ހިރުވައި ފާރުވުން، ފުއްޕާމޭގެ މަސައްކަތް ހިގުން ދަށްވުން، ފުއްޕާމޭގެ ކެންސަރު ޖެހުން، އަދި ނޭވާލުމަށް އުދަގޫވުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ނޭވާލުމަށް އުދަގޫވަނީ ފުއްޕާމެއިން ވައިބޭރުވާ މަގުތައް ދުޅަވެ، ހިމަވުމުންނާއި، އަދި ފުއްޕާމޭގެ މަގުތަކުގައި ދަވަ ޖަމާވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ކެއްސުމަށް އުދަގޫވެ، ވިހަމާއްދާތައް ފުއްޕާމެއިން ބޭރުކުރުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން ފުއްޕާމޭ ފާރުވެ، ގެއްލުން ލިބިގެން ދެއެވެ.

ފުއްޕާމޭގެ ކެންސަރު 85-90އިންސައްތަ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ކެންސަރެވެ. އެމެރިކާގައި އެކަނިވެސް 155ހާސް މީހުން ފުއްޕާމޭގެ ކެންސަރުގެ ސަބަބުން 2002ވަނަ އަހަރު ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށް ލަފާކުރެއެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ އެހެން ބައެއް ބަލިތަކުގެ ތެރޭގައި ނިއުމޯނިއާ، އެމްފިޒީމާ، ބްރޮންކައިޓިސް (ވައިނޮޅި އާއި ފުއްޕާމެޔާ ގުޅުވާ މަގު ނުވަތަ ކަފި ދުޅަވުން)، ނޭވާ ހިއްލުން، އަދި މިނޫނަސް އެހެން ބައެއް ބަލިތައް ހިމެނެއެވެ.

* ލޭދައުރުވާ ނިޒާމް
ދުންފަތުގެ ދުމުން ލޭދައުރުވާ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ މަތިވުން، ހިތުގެ ވިންދު ޖެހުން އަވަސްވުން، ހަންގަނޑުގެ ދަށުގައިވާ ލޭހޮޅިތައް ފިތި ހިމަވުން، ހިމެނެއެވެ. ފަހުން މިބުނި ކަމުގެ ސަބަބުން ހަންގަނޑުގެ ފިނިހޫނުމިން ދަށްވެގެން ދެއެވެ. ލެއިން ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ކުޑަކުރެއެވެ. ލޭއޮލަވެ، ގަނޑުވުމުގެ ފުރުސަތު އިތުރުކުރެއެވެ. ލޭހޮޅީގެ ބަތާނަ ހަލާކުވެ، ލޭދައުރުވުން ހުއްޓުމާއި ގުޅިގެން ސްޓްރޯކް ޖެހުން އަދި ހާރޓް އެޓޭކް ޖެހުން ފަދަ ނުރައްކާތެރި ކަމެއް ދިމާވުކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި އެކުލެވޭ ''ހައި ޑެންސިޓީ ލިޕޯޕްރޮޓީން'' ( އެޗް ޑީ އެލް / ރަގަޅު ކޮލެސްޓްރޯލް)ގެ މިންވަރު ދަށްވެއެވެ. ލޭހޮޅިތައް ހަރުވެ، އެއަށް ލިބިފައިވާ އެކިފަރާތް ފަރާތަށް ދެމި، ލެބި ހެދުމުގެ ގާބިލިއްޔަތު ގެއްލިގެން ދެއެވެ. މިކަން ކުރިމަތިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލޭހޮޅީގެ ފާރުގައި ހުންނަ ''ނައިޓްރިކް އޮކްސައިޑް''ގެ މިންވަރު ދަށްވާތީއެވެ.

* ހަޖަމުކުރުމުގެ ނިޒާމް
ދުންފަތު ދުމުން ހަޖަމުކުރާ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި މޭއެންދުން، ގޮހޮރުގައި ފާރު އުފެދުން، ގޯލްބްލެޑަރގައި ހިލަ އުފެދުން، ގޮހޮރުގެ ބަތާނަ ފަށުގައި އިންފްލެމޭޝަން އުފެދުމުގެ ފުރުސަތު އިތުރުކުރުން އަދި ފުރަމޭގެ ބަލިތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ތިރީގައި މިވަނީ މިގޮތުން ބައެއް ކަންކަމަށް އަލި އަޅުވާ ލެވިފައެވެ.

(ހ) މޭއެންދުން

މޭއެންދުން ނުވަތަ މެއިން ދިލަނެގުން ކުރިމަތިވަނީ މައިދާއިން އެސިޑް އެކުލެވޭ މައިދާ ޖޫސް (ގަސްޓްރިކް ޖޫސް) ކާތަކެތި ހިގާހޮޅިއަށް އައުމުންނެވެ. ތަބީއީގޮތެއްގައި މިކަންކުރިމަތިވިޔަ ނުދިނުމަށްޓަކައި ކާތަކެތި ހިގާހޮޅީގެ ނިމޭ ހިސާބުގައި މަހުން އުފެދިފައިވާ ވެލްވްއެއް އަދި ސްފިންކްޓަރއެއް ވެއެވެ. މިބުނި ވެލްވް އަދި ސްފިންކްޓަރ ގުޅިގެން އެސިޑްތައް ނުވަތަ އެސިޑް ޖޫސްތައް ކާތަކެތި ހިގާހޮޅިޔަށް ފޯރުވިޔަ ނުދީ މައިދާގައި ހިފަހައްޓައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ވިދިގެން މެއިން ދިލަނެގުން ދިމާވަނީ ބަޔާންކުރެވުނު ވެލްވް ގެ ބާރު ދަށްވެ، އެސިޑް ޖޫސްތައް މައިދާއިން ކާތަކެތި ހިގާހޮޅިއަށް ވާސިލްވުމުންނެވެ.

(ށ) ގޮހޮރުގެ ފާރު
ގޮހޮރުގެ ފާރު ކިޔެނީ މައިދާ އަދި ކުޑަގޮހޮރުގެ ފުރަތަމަބައި(ޑިއޫޑިނަމް)ގެ ބަތާނައިގައި އުފެދޭ ފާރުކޮޅު ތަކަށެވެ. މިގޮތަށް ގޮހޮރުގައި ފާރު އުފެދުމުގެ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ކުޑަގޮހޮރުގެ ފުރަތަމަބައިގައި ފާރު އުފެދުމާއި ސިގިރޭޓް ބުއިމާއި ގުޅުމެއްވާ ކަމަށް ވަނީ ހޯދިފައެވެ. 1989ގައި އޮޕަރޭޝަން ކުރާ ޑޮކްޓަރުންގެ ޓީމަކުން ހާމަކޮށްފައިވަނީ ސިގިރޭޓްބޯމީހުންނަށް ގޮހޮރުގައި ފާރު އުފެދުން އަވަސްވެ، އަދި އެފާރު ރަގަޅުވުމަށް ގިނަ ދުވަސްތަކެއް ނަގާކަމުގައެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި ސިގިރޭޓްބޯމީހުންނަށް ''ހެލިކޯބެކްޓަރ ޕައިލޮރި'' ކިޔާ ބެކްޓީރިއާ އަކުން ޖެހޭ އިންފެކްޝަނަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުއެވެ. މިބުނި ބެކްޓީރިއާ އަކީ ގޮހޮރުގެ ފާރު އުފެއްދުމުގެ އެންމެ އާންމު އެއް ސަބަބު ކަމުގައި ވަނީ ބެލެވިފައެވެ.

މައިދާގައި އުފެދޭ އެސިޑަކީ ވެސް ފާރު އުފެދުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ތަބީއީގޮތެއް ގައި ގިނަ އެސިޑްތައް އަހަރެމެން ކާ ކާތަކެތީގެ ސަބަބުން ބަފަރ ( މިއީ ދިޔާ ނުވަތަ ގިރިގެންދާ އެއްޗެއްގައި ހައިޑްރޯޖެން އަޔަން އެކުލެވޭ މިންވަރު ކޮންޓްރޯލްކުރާ މާއްދާ ތަކެވެ. ނުވަތަ އެކަން ކޮންޓްރޯލް ކުރުމަށެވެ. މިގޮތުން ބަފަރ އަކަށް އެސިޑް އެއްކުރެވޭ ހިނދު އޭގެތެރެއަށް ހައިޑްރޯޖެން ދަމާލައެވެ. އަދި ބޭސްއެއް އެއްކުރެވޭ ހިނދު ހައިޑްރޯޖެން އެއިން ބޭރުކޮށްލައެވެ.) ވެގެން ދެއެވެ. ބަފަރ ނުވާ އެސިޑްތައް ކުޑަގޮހޮރުގެ ފުރަތަމަ ބަޔަށް ވާސިލްވެ އެތާގައި ''ސޯޑިއަމް ބައިކާބޮނޭޓް''ގެ އެހީގައި ނިއުޓްރަލައިޒް ވެގެން ދެއެވެ. ބައިކާބޮނޭޓް އަކީ ޕެންކްރިއާސް އިން އުފައްދާ ''އަލްކަލައިން'' އެކެވެ. ބައެއް ދިރާސާތަކުން އެގިފައިވާ ގޮތުގައި ސިގިރޭޓް ބޯމީހުންގެ ޕެންކްރިއާސް އިން މިބުނި ބައިކާބޮނޭޓް އުފެއްދުން ދަށްވެ، ކުޑަގޮހޮރުގެ ފުރަތަމަ ބައިގައި އެސިޑްތައް ނިއުޓްރަލައިޒް ވުމަށް ހުރަސް އަޅައެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކޮށް ނިމޭތާ ބައިގަޑިއިރުގެ ތެރޭގައި ތަބީއީގޮތެއްގައި ޕެންކްރިއާސް އިން ބައިކާބޮނޭޓް އުފައްދަން ފަށާކަމަށް ފަހުން އެގިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ފާރު އުފެދުމަށް މަގުފަހިވެގެން ދެއެވެ. އަނެއްބައި ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދުންފަތު ގެ އިސްތިއުމާލު ކުރުމަކީ މައިދާއިން އެސިޑް އުފެއްދުން އިތުރުކުރާ ކަމެކެވެ.

(ނ) ފުރަމޭގެ ބަލިތައް
ފުރަމޭ އަކީ ތަފާތު އެތަކެއް ވަޒީފާތަކެއް ހަށިގަނޑުގައި އަދާކުރާ މުހިއްމު ގުނަވަނެކެވެ. ތަފާތު ބޭސްތަކާއި އަދި ރާ އެހެނިހެން ވިހަ މާއްދާތަކުގެ އެކުލެވޭ ވިހައިގެ ބާރު ދުއްވާލުން(ޑިޓޮކްސިފިކޭޝަން) އަދި އެމާއްދާތައް ހަށިގަނޑުން ބޭރުކުރުމުގައި ވަރަށް ބޮޑު ދައުރެއް ފުރަމޭ އަދާކުރެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިބުނި މަސައްކަތްތަކަށް ހުރަސް އަޅާ ނުވަތަ ބުރޫ އަރުވާ ކަމެއް ކަމަށް ވަނީ ސާބިތުވެފައެވެ. ބައެއް ދިރާސާތަކުން ސާބިތުވެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ރާބުއިމުގެ ސަބަބުން އުފެދޭ ފުރަމޭގެ ބަލިތައް އިތުރަށް ނުރައްކާތެރި ކުރުވާ ކަމެކެވެ. މިގޮތުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި ހެޕަޓައިޓިސް (ފުރަމޭ ދުޅަވުން ) އޭ ،ހެޕަޓައިޓިސް ބީ އަދި މިނޫން އެހެން ބައެއް ބަލިތައް ވެސް ހިމެނެއެވެ.

(ރ) ކްރޯންސް ބަލި
މިބަލީގެ ސަބަބުން ކުޑަގޮހޮރުގެ ބަތާނަ ފަށުގެ އެތެރޭގައި އިންފްލެމޭޝަން އުފެދޭގޮތް ވެއެވެ. މިކަމުގެ ސަބަބުން ބަނޑުގައި ރިހުން އަދި ބޭރަށް ހިންގުން ކުރިމަތިކުރުވައެވެ. މިބަލީގެ އަސަރު އާންމުކޮށް ކުރަނީ ކުޑަގޮހޮރުގެ ބައިތަކަށް ކަމަށް ވިޔަސް ހަޖަމުކުރާ ނިޒާމްގެ ކޮންމެ ބަޔަކަށް ވެސް މިބަލީގެ އަސަރު ފޯރުމަކީ ވެދާނެ ގޮތެކެވެ. ދިރާސާތަކުން އެގިފައިވާ ގޮތުގައި މިބަލި ޖެހުމުގެ ފުރުސަތު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ އެކަން ކުރާމީހުންނަށް ބޮޑެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް މިބަލި ޖެހުމުގެ ފުރުސަތު އިތުރުވަނީ ކީއްވެގެން ކަމެއް ޔަގީންކޮށްދެވިފައެއް އަދި ނުވެއެވެ. ނަމަވެސް ބައެއް ނަޒަރިއްޔާ ތައް ބުނާގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމުން ކުޑަގޮހޮރުގެ ދިފާއީ ބާރު ކުޑަކޮށް އަދި ލޭ ވާސިލްވުން ދަށްވެ އިންފްލެމޭޝަން އުފެދުމަކީ ވެދާނެ ކަމެކެވެ.

(ބ) ޑައިވަރޓިކިއުލައިޓިސް:
ޑައިވަރޓިކިއުލަމް އަކީ ގޮހޮރުފަދަ ގުނަވަންތަކުގެ އެތެރޭ ކައިރިފަށް ނުވަތަ ފާރުގައި އުފެދޭ ކޮތަޅެއް ހެން އުފުލިފައިވާ އުފުލުމެކެވެ. ޑައިވަރޓިކިއުލައިޓިސް ގެ މާނައަކީ މިބައިގައި އިންފްލެމޭޝަން އުފެދުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ބުނެވެއެވެ. މިބަލި ޖެހެނީ އާންމުކޮށް 50އަހަރުން މަތީގެ މީހުންނަށެވެ. އެއީ މުސްކުޅިވުމުން މަހުގެ ފަށަލަތައް ދޫވާތީއެވެ. ހަމަމިހެން މިބަލި ޖެހުމުން މެދުވެރިވާ އެތެރެއަށް ލޭހިލުން ފަދަ އުދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބޮޑުކަމުގައި ބުނެވެއެވެ.

* ދިފާޢީ ނިޒާމް

ދުންފަތުގެ ދުމުން ދިފާޢީ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި ދިފާއީ ނިޒާމްގެ މަސައްކަތް ރަގަޅަށް ފުރިހަމަ ނުކުރުން، ފަސޭހައިން ބަލިތަކަށް ހުށަހެޅުން، އަދި ބަލީގައި ގިނަ ދުވަހު އުޅެންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

* މަސްތަކާއި ކަށިތައް އެކުލެވޭ ނިޒާމް

ދުންފަތުގެ ދުމުން މަސްތަކާއި ކަށިތައް އެކުލެވޭ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި ފަޔާއި، އަތުގެ އިގިލި ތަކަށް ލޭފޮނުވައިދިނުން ކުޑަކުރުން، މަސްތައް ފިތުން، ކަށިތައް ތުނިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކަށިތައް އުފެދުމަށް ބުރޫ އަރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކަށިތައް ތުނިވެ ކަށިފީވުން ފަދަ ބަލިތައް މެދުވެރިކުރުވައެވެ. އިއްދައިން ކެޑުމަށް ފަހު ވެސް ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް ޅިނދުކަށިގަނޑު ބިއްދައިގެން ދިއުމުގެ ފުރުސަތު އެކަން ނުކުރާމީހުންނަށް ވުރެ އިތުރު ކަމުގައި ވެއެވެ. ހަމަ މިހެން ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަކީ ބަރުތަކެތި އުފުލާ ހަދާ މީހެއްނަމަ ބުރަކަށީގެ ތިރިއާއި އުނަގަނޑު ހިމެނޭ ހިސާބުގައި ރިއްސުން ކުރިމަތިވުން އިތުރުކަމުގައި ބުނެވެއެވެ.

* ސިކުނޑި އަދި ނާރުތައް އެކުލެވޭ ނިޒާމް

ސިކުނޑީގެ މައިގަނޑު ޓިޝޫތައްކަމުގައިވާ ''ގްރޭމޭޓަރ'' އަދި ''ވައިޓްމޭޓަރ'' އުފެދިފައިވަނީ 13 ބިލިއަން އަށްވުރެ ގިނަ ސެލްތައް ގުޅި ލާމެހިގެންނެވެ. ހަށިގަނޑުގެ އެކި އެކި މަސައްކަތްތައް ކޮންޓްރޯލް ކުރާ ނާރުތަކުގެ ކުރި ފަޅަނީ މިބުނި ޓިޝޫތަކުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލެޔަށް ވާސިލްވާ ކޮންމެ މާއްދާއެއްގެ ސަބަބުން ސިކުނޑިއާއި އެއާއިގެ ގުޅިފައިވާ ނާރު(ނާރވް)ތައް އެކުލެވޭ ނިޒާމަށް އޭގެ އަސަރު ފޯރުވައެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ނިކޮޓީން އަކީ ސިކުނޑިއާއި އެއާއި ގުޅިފައިވާ ނާރުތަކުގެ ނިޒާމް މުރާލިކޮށް ތާޒާކުރުވާ އެއްޗެކެވެ.ސިގިރެޓަށް ދެވިހިފަނީ މިބުނިބައިތައް އޭގެ ސަބަބުން މުރާލިކުރުވާތީ ކަމަށް ވެސް ވެދާނެއެވެ.

ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ފުރިހަމަގޮތެއްގައި މަސައްކަތްކުރުމަށް ސިކުނޑިއަށް ވެސް އެއަށް ބޭނުންވާ ލޭ ބަރާބަރަށް ލިބެންޖެހެއެވެ. ނުވަތަ ފޯރުކޮށްދެވެން ޖެހެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑުގައިވާ ލޭހޮޅިތައް ހަނިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް ލޭފޮނުވުން ކުޑަވެގެން ދެއެވެ.މިގޮތަށް ލޭ ފޯރުކުރުމުގައި ހުރަސްތަކާއި ކުރިމަތިވެއްޖެނަމަ ތަފާތު އުދަގޫތަކާއި ކުރިމަތިލާން ޖެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ ސްޓްރޯކްޖެހުން ފަދަ ކަމެއް ކުރިމަތިވުމެވެ.

ސްޓްރޯކް ޖެހުމުގެ ފުރުސަތު ސިގެރޭޓް ބޯމީހުންގެ މެދުގައި އިތުރުކަން ފާހަގަކުރެވިފައިވެއެވެ. ދުނިޔޭގެ ބައެއް އާބާދީތަކުގައި މެދުއުމުރަށް އެޅުމަށްފަހު މަރުވާ ފިރިހެނުންގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ ސްޓްރޯކް ޖެހުމެވެ.

* ތައިރޮއިޑް ގްލޭންޑް

ދުންފަތުގެ ދުމުގައި ހިމެނޭ ސައިނައިޑް އަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބުރޫ އަރުވާ މާއްދާއެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތައިރޮއިޑްގެ ބަލިތައް ޖެހުމުގެ ފުރުސަތު 3ގުނަ އިތުރުކުރާ ކަމެކެވެ. ޚާއްޞަކޮށް ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ހިންގުން އަވަސްވުން ނުވަތަ ލަސްވުން ފަދަ ކަންތައް ތައް ކުރިމަތިކުރުވައެވެ. ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ތައިރޮއިޑްގެ ބަލިތައް ޖެހުން އިތުރުކަމަށް ވަނީ އެގިފައެވެ. އައޮޑިން މަދުވުމުން ޖެހޭ ބައްޔެއްކަމުގައިވާ ތައިރޮއިޑް ބޮޑުވެ ދުޅަވުން ފަދަ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ގުޅުމެއް ވާކަމަށް ވެސް ބުނެވެއެވެ.

* ހަންގަނޑު

ދުންފަތުގެ ދުމުން ހަންގަނޑަށް ދެގޮތަކަށް އޭގެ އަސަރު ކުރުވައެވެ. ފުރަތަމަ ކަމަކީ ދުންފަތުގެ ދުމަކީ ހަންގަނޑު ހިކިވުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. ދެވަނަ ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހަމުގެދަށުގައިވާ ލޭހޮޅިތައް ހަނިވެ، ހަންގަޑަށް ލޭފޮނުވައިދިނުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް ބޭނުންވާ އޮކްސިޖަންއާއި، ކާނާ ފޯރުވައިދިނުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ފަހުގެ ދިރާސާތައް ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަށިގަނޑުގައި ހިމެނޭ ވިޓަމިން-އޭ ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ވިޓަމިންއޭ އަކީ ހަންގަނޑަށް ގެއްލުންދެނިވި މާއްދާތަކުން ހިމާޔަތްކޮށްދޭ އައްޑަނަ އެކެވެ. ތުންފަތާއި، ލޮލޮގެ ވަށައިގެންވާ ހަމުގެ ކުލަ އަދިރިވެ، ކަޅުވެއެވެ.

ސިގިރޭޓްގެ ދުމުގެ ސަބަބުން ގެއްލުންލިބިފައިވާ ހަންގަޑު ހުންނަނީ އަޅިކުލައިގައި ދޫވެ ރޫޖެހިފައި ހުންނަ ކަހަލަ ގޮތަކަށެވެ. ފަހުގެ ދިރާސާއެއް ބުނާގޮތުގައި ދުމުގެ ސަބަބުން ހަންގަނޑަށް ބަދަލު އަންނަނީ ހަމުގައި އެކުލެވޭ ކޮލެޖަން ބައިބައިކުރާ އެންޒައިމް އުފައްދާ މިންވަރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅިގެން އިތުރުވެގެންދާތީއެވެ. ކޮލެޖަން އަކީ ހަމުގެ އޮނިގަނޑުގައި ހިމެނޭ މައިގަނޑު ޕްރޮޓީން އެވެ. ހަމުގެ އިލާސްޓިސިޓީ ދަމަހައްޓަނީ ކޮލެޖަން އެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އިތުރުވާ މިންވަރަކަށް ހަންގަނޑު ގައި ރޫޖެހުން އަވަސްކުރުވައެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ އުމުރުން 40އަހަރު ވާއިރު މޫނުގައި ދުންފަތުއިސްތިއުމާލު ނުކުރާ އުމުރުން 60އަށްވުރެ މައްޗަށް ގޮސްފައިވާ މީހުންނެކޭ އެއްފަދައިން ރޫޖެހިފައި ހުރެއެވެ. އާންމުކޮށް ހިކިކޮށް ތިބޭ މީހުންގެ ދެކޯ ވަޅުވަންނަގޮތްވެއެވެ. މިއީ ތަކުރާރުކޮށް ސިގިރޭޓް ދެމުމުން ކުރިމަތިވާ ކަމެކެވެ.

* ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަރުދަން

އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާމީހަކު އެކަން ހުއްޓާލުމުން ބައެއް ފަހަރު ބަރުދަން އިތުރުވާގޮތް ވެއެވެ. މިކަންދިމާވަނީ ސީދާ ވަކި ކަމާއި ގުޅިގެން ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަރުދަން އިތުރުވުމުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރާ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން ނިކޮޓީން އަކީ ކާހިތްކަނޑުވާ މާއްދާއެއްކަމުގައި ބެލެވިފައި ވެއެވެ. އެހެން ކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ކާހިތްވުން އިތުރުވެ، ހަށިގަނޑުގެ ބަރުދަން އިތުރުވެގެންދާ ކަމުގައި ބެލެވިފައި ވެއެވެ. ނިކޮޓީންއަކީ ހަށިގަނޑުގައި މެޓަބޮލިޒަމްގެ މަސައްކަތްހިންގާ ރޭޓް (މެޓަބޮލިކް ރޭޓް) މަތިކުރުވާ އެއްޗެކެވެ.

މިބުނި ގޮތަށް މެޓަބޮލިކް ރޭޓް މަތިވުމުން ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުވެ، ބަރުދަން ލުއިވެގެން ދެއެވެ. ސިގިރޭޓް ބުއިން ހުއްޓާލުމުން މިބީދައިގެ އިދިކޮޅު ނަތީޖާ ނިކުމެއެވެ. މާނައަކީ ބަރުދަން އިތުރުވެގެން ދިއުމެވެ. ތަޖުރިބާކާރުން ގަބޫލުކުރައްވާގޮތުގައި ދުންފަތު އިސްތިއުމާލު ކުރުމުން މެޓަބޮލިކް ރޭޓް މަތިވާ އަނެއްގޮތަކީ ނިކޮޓީންގެ ސަބަބުން ނާރުތަކުގެ ނިޒާމް މުރާލިވެ، ކެޓިކޮލަމައިންސް ކިޔާ ހޯރމޯންތަކެއް އުފައްދުމެވެ. މިހޯރމޯންތައް ހިތުގެ ވިންދު ޖެހުން އަވަސްކޮށް ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުކުރުވައެވެ. މިއިން ދޭހަވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާކަމެއް ކަމެވެ.

* ހަށިގަނޑަށް ކުރާ އެހެން ބައެއް އަސަރުތައް

ދުންފަތުގެ ދުމުން ހަށިގަނޑަށް ކުރާ އެހެން ބައެއް އަސަރުތަކުގެ ތެރޭގައި މަޢިދާއާއި ކުޑަގޮހޮރުގައި އިންފްލެމޭޝަން އުފެދުން، ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައި އުފެދޭ ފާރުން ލޭބޭރުވުމުގެ ފުރުސަތު ބޮޑުކުރުން، ވަސް އަދި ރަހަ ދެނެގަތުމުގެ ހިއްސު ދަށްވުން، ބީރުވުން އަދި ލޯއަދިރިވުމުގެ ފުރުސަތު ބޮޑުކުރުން، އަދި ހިރުގަނޑުގެ ބަލިތައް ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

* ފިރިހެނުންގެ ހަށިގަނޑަށް ކުރާ އަސަރު

ދުންފަތުގެ ދުމުން ފިރިހެނުންގެ ހަށިގަނޑަށް ކުރާ އަސަރުތަކުގެ ތެރޭގައި ދަރިފަނި ނުވަތަ މަނަވީ ޙައިވާންގެ މިންވަރު މަދުވުން، ރަގަޅަށް ފުރިހަމަނުވާ ދަރިފަނި ގިނަވުން، ދަރިފަނި ހަރަކާތްކުރުން ލަސްވުން، ޖިންސީ އެދުންވެރިކަން ކުޑަވުން، ފިރިހެނުންގެ ޖިންސީ ހޯރމޯންގެ މިންވަރު ދަށްވުން، ޖިންސީ ހީނަރުކަން އައުން ނުވަތަ ވަޅޯވުން، ދަރިން ނުލިބޭގޮތް ވުން، އަދި ފިރިހެނާގެ ޖިންސީގުނަވަނަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޖިންސީ ހީނަރުކަން ނުވަތަ ވަޅޯކަމެއް ފިރިހެނާއަށް ގެނެސްދެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފިރިހެނާގެ ޖިންސީ ގުނަވަނަށް ލޭ ފޮނުވައިދޭ މިންވަރު ދަށްކުރާތީއެވެ. ދިރާސާއަކުން ދައްކާގޮތުގައި ލޭގެ ޕްރެޝަރ މައްޗަށް ދިއުން ހުރެފައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖިންސީ ވަޅޯކަން ކުރިމަތިވުމުގެ ފުރުސަތު އެތައްގުނައަކަށް އިތުރުވެގެން ދެއެވެ.

* އަންހެނުންގެ ހަށިގަނޑަށް ކުރާ އަސަރު

ދުންފަތުގެ ދުމުން އަންހެނުންގެ ހަށިގަނޑަށް ކުރާ އަސަރުތަކުގެ ތެރޭގައި ދަރިމައިވުމުގެ ނިސްބަތް ދަށްކުރުން، ޖިންސީ އެދުންވެރިކަން ކުޑަވުން، އަންހެނުންގެ ޖިންސީ ހޯރމޯންގެ މިންވަރު ދަށްވުން، ކަށިތައް މުރަނަވެ، ފީވުން، މައްސަރުކަންތަކުގެ ގަވާއިދަށް ބަދަލުއައުން، މައްސަރު ނުޖެހުން، މާއަވަހަށް އިއްދައިން ކެނޑުން، ރަހިމުގެ ކަރު، ފަރުޖު އަދި އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. އުމުރުން 35އަހަރަށްވުރެ މަތިވެފައިވާ ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުން ދޭތެރެދުރުކުރުމަށް ދޭ ގުޅަ ބޭސް ބޭނުންކުރާނަމަ ސްޓްރޯކް ޖެހުން، ނުވަތަ ހާރޓްއެޓޭކް ޖެހުމުގެ ފުރުސަތު 10ގުނަ އިތުރުކަމުގައި ޑަކްޓަރުން ވަނީ ހާމަކޮށްފައެވެ.

* މައިމީހާއާއި ކުޑަދަރިފުޅު

މައިމީހާ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެއްނަމަ އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ތަފާތު ގެއްލުންތައް މެދުވެރިކުރުވައެވެ. އޭގެ ތެރޭގައި ބައިގެންދިއުން، ދުވަސްނުފުރާ ވިހެއުން، ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުން، ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުމުގެ ފުރުސަތު އިތުރުވުން، ބޮޑުވުން ލަސްވުން، ފަދަ ކަންތައްތައް ހިމެނެއެވެ. އައިބު އުފެދެން ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހަށިގަނޑުގައި އެކުލެވޭ މުހިއްމު ވިޓަމިންއެއް ކަމުގައިވާ ފޮލިކް އެސިޑްގެ މިންވަރު ދަށްވާތީއެވެ.

މައިމީހާއަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހަކަށް ވިނަމަވެސް ބަފައި މީހާ ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ މައިމީހާގެ ހަށިގަނޑަށް ބަފައިމީހާ ބޮއިފާ ދޫކޮށްލާ ސިގިރެޓްގެ ދުށް ވާސިލްވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ދެމަފިރިން އެއްތަނެއްގައި ވަނިކޮށް މިގޮތަށް ސިގިރޭޓް ބޮއިފިނަމަ މައިމީހާގެ ހަށިގަނޑަށް ދުމާއި އެކު ވިހަމާއްދާތައް ވާސިލްވެގެންދެއެވެ. ނަތީޖާއަކީ ކުރިންބުނި ކަންތައްތައް މެދުވެރިވާ ގޮތް ވުމެވެ. ތުއްތުކުއްޖާގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި މައިމީހާ ދުންފަތު ގެ އިސްތިޢުމާލުކޮށް އުޅޭނަމަ ވަރަށް ގިނަ މައްސަލަތައް ފެންމަތިކުރުވައެވެ. މިގޮތުން ކަންފަތުގެ ބަލިތައް ޖެހުން ، ނޭވަޔަށް އުދަގޫކުރުން، ގޮތްނޭގިމަރުވުން އަދި ބައެއް ކަހަލަ ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.

* ދުންފަތުގެ އިސްތިއުމާލު ކުރުމާއި އުމުރުން ދުވަސްވުން

އުމުރުން ދުވަސްވުމުން ނުވަތަ މުސްކުޅި އުމުރަށް އެޅުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވަރަށް ގިނަ އުދަގޫތަކާއި ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. މިގޮތުން ފާހަގަކުރެވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ލޯ ފުސްވުން އަދި ފެނުމަށް ހުރަސްއެޅުން ނުވަތަ ލޮލުގެ ފެނުމަށް ބަދަލު އައުން އަދި ލޯއަދިރިވުން،ހިރުގަނޑު ގިރުން އަދި ދަތްތައް ފޭބުން، ހަންގަނޑުގައި ރޫޖެހުން އިތުރުވުން،ތަލަވުން އަދި އަވަހަށް ބޯ ނުރަވުން، ބީރުވުން، ހުއްޓުމެއްނެތި ބޮޑުކަމު ނުވަތަ ކުޑަކަމުދާންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

* ކުޑަކުދިންނާއި ދުންފަތުގެ އިސްތިޢުމާލުކުރުން

ވަރަށް ޅަ އުމުރުގައި ކުޑަކުދިން ސިގިރޭޓަށް ސަމާލުކަންދެއެވެ. އުމުރުން 5 އަހަރުގައި މައިންބަފައިންނަކީ ސިގިރޭޓް ބޯ ބަޔެއްކަން ނުވަތަ ނުބޯ ބަޔެއްކަން ކުއްޖާ ދެނެގަނެއެވެ. އިގިރޭސިވިލާތުގައި އުމުރުން 11އަހަރުގައި ތިންބައިކުޅައެއްބައި ކުދިން އަދި އުމުރުން 16އަހަރުގައި ތިންބައިކުޅަދެބައި ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަޖުރިބާ ފުރަތަމަ ފަހަރަށް ކުރެއެވެ. އަދި ދުވާލަކު 450ކުދިން އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަންފަށައެވެ. 1960އާއި 1970އާއި ދެމެދުގެ އަހަރުތަކުގައި ކޮށްފައިވާ ދިރާސާތައް ދައްކާގޮތުގައި އަންހެންކުދިންނަށްވުރެ ފިރިހެންކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާމިންވަރު އިތުރުވެފައި އަދި އެކަން ފަށާލެއްވެސް އަވަހެވެ. 1982ވަނަ އަހަރު އިގިރޭސިވިލާތުގައި ހެދި ސާވޭއެއްގައި އެގިފައިވަނީ އުމުރުން 11-16އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން %11ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާކަމެވެ.

* ކުޑަކުދިން ސިގިރޭޓް ބޮއިހެދުމަށް ބާރުލިބިދޭ ކަންތައްތައް

މައިންބަފައިންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ ބަޔެއް ކަމުގައިވާ ނަމަ އެމީހުންގެ ދަރިން ސިގިރޭޓް ބޮއިހެދުމުގެ ފުރުސަތު 3ގުނަ އިތުރުކަމުގައި ބެލެވިފައި ވެއެވެ. ވަރަށްގިނަ ދިރާސާތަކުން އެގިފައިވާ ގޮތުގައި ކުޑަކުދިން ސިގިރޭޓް ބޯން ފަށަނީ އެކުދިންގެ ރައްޓެއްސަކު އެކަންކުރާތީއެވެ. ނުވަތަ އަޚަކު، ބޭބެޔަކު ފަދަ މީހަކު އެކަންކުރާތީއެވެ. ބައެއް އެހެން ދިރާސާތަކުން އެގިފައިވާ ގޮތުގައި ސިގިރޭޓްގެ މާކެޓްގައި ބޭނުންކުރަމުން އިޝްތިހާރުތަކުގެ ސަބަބުން ވެސް ކުޑަކުދިން ސިގިރޭޓާއި ދިމާއަށް ދީއްލާލައިގެން ދާގޮތް ވެއެވެ. ބައެއް ފަހަރު މިފަދަ އިޝްތިހާރު ތަކުގެ ސަބަބުން ކުޑަކުދިންނަށް ސިގިރޭޓްބުއިމަކީ މުޖުތަމަޢުގައި އޮންނަ އާދައެއް ކަމުގައި ގަބޫލުކުރެވިގެންދެއެވެ. އެކިއެކި ކުޅިވަރުގެ މައިދާންތަކުގަޔާއި، ޓީވީއިން އިޝްތިހާރު ކުރާ ތަފާތު ބާވަތްބާވަތުގެ ސިގިރޭޓްގެ ވައްތަރުތަކުގެ ސަބަބުން ކުޑަކުދިން އެއަށް ހިތްޖެހި އެއާއި ދިމާލަށް ނައުގެ ހުންގާނު އަބުރާލާ ފަހަރު ވެސް އާދެއެވެ. އެހެން ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި ފިރިހެންކުދިންގެ ތެރެއިން މޮޓޯކާރު ރޭހުގެ ކުޅިވަރަށް ސަޕޯޓްކުރާ ކުދިން އާންމުކޮށް ސިގިރޭޓްބޯ ބަޔަކަށް ވުމުގެ ފުރުސަތު އެކުޅިވަރަށް ސަޕޯޓްނުކުރާ ކުދިންނަށް ވުރެ އިތުރެވެ.

* ދުންފަތުގެ އިސްތިޢުމާލުކުރުމާއި ކުޑަކުދިންގެ ޞިއްޙަތު

ދުންފަތުގެ އިސްތިޢުމާލު ނުކުރާކުދިންނަށް ވުރެ ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިންގެ މެދުގައި ކެއްސުން، ނޭވާކުރުވުން ފަދަ ނޭވާލާނިޒާމާއި ގުޅޭ އުދަގޫތައް 5ގުނަ އިތުރުކަމުގައި ބުނެވެއެވެ. ކުޑައިރު ސިގިރޭޓް ބޯންފެށުމުން ބޮޑުވާއިރު ހުންނާނީ ސިގިރޭޓް ބުއިމުގެ އާދަ އަށަގެންފައެވެ. މިފަދަ ކުދިން ނުވަތަ މީހުން ދިރިހުންނާނެ ކަމަށް ލަފާކުރާ އުމުރު ކުރުކަމުގައި ވަނީ ސާބިތުވެފައެވެ. ވަރަށް ފަހުން އެމެރިކާގައި ކުރި ދިރާސާއަކުން އެގުނުގޮތުގައި ފުރާވަރަށް އަޅާ އުމުރުގައި އާންމުކޮށް ދުންފަތުގެ އިސްތިޢުމާލުކޮށް އުޅޭނަމަ ފުއްޕާމޭގައި ވާ ވިރާސީ ބަހާތަކަށް ބަދަލުއައިސް، ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށްބޮޑުތަން އިތުރުވެގެންދެއެވެ.

ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން ވެސް ކުޑަކުދިންނަށް ގެއްލުންތަކާއި ކުރިމަތި ކުރުވައެވެ. ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމޭ ބުނެވެނީ އެހެންމީހަކު ބޯ ސިގިރޭޓްގެ ދުށް ކުޑަކުއްޖެއްގެ ހަށިގަނޑަށް ވާސިލްވުމަށެވެ. ގޭބިސީއެއްގައި މަންމައާއި ބައްޕަ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ ބަޔެއް ކަމުގައިވާނަމަ އެމީހުންގެ ދަރިންގެ ހަށީގަނޑަށް އަހަރަކު 80ސިގިރޭޓްބުއިމުން ނިކޮޓިން ހަށިގަނޑަށް ވަންނަ ވަރަށް ނިކޮޓިން ވާސިލްވެގެންދެއެވެ. ބްރޮންކަސް ދުޅަވުން، ނިއުމޯނިއާ، ނޭވާ އުދަގޫކުރުން، އަދި އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ލިބޭދަރިންގެ މެދުގައި ވަރަށް އާންމު ކަމުގައި ވަނީ ފާހަގަވެފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.