އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް މަސްތުވާތަކެތި : ހުސް ގެއްލުމާއި ހަލާކު

މަސްތުވާތަކެތި : ހުސް ގެއްލުމާއި ހަލާކު

masthuvaa-thakethi-hus-gellunދުނިޔޭގައި މަސްތުވާތަކެތީގެ އަވައިގައި ގާތްގަނޑަކަށް 180 މިލިއަން މީހުން ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ސަބަބުން ގެއްލުން ލިބެމުންދަނީކީ ހަމައެކަނި އެކަމުގެ ބޭނުންކުރާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ދީނީ ގޮތުން ބޮޑު ފާފައެއް ކޮށް، ހެއްދެވި ފަރާތަށް ނުކިޔަމަންތެރި ވުމުގެ އިތުރުން، މިކަމުގެ ގެއްލުންތައް، އެމީހުން އުޅޭ މުޖްތަމަޢުތަކާށާއި، ޤައުމުތަކަށްވެސްދަނީ ލިބެމުންނެވެ.

އެގޮތުން، މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ޙާލަތްތަކާއި ގުޅުން ހުރި ކަންކަމުގައި، ދުނިޔޭގެ ޤައުމުތަކަށް އަހަރަކު، 120 ބިލިއަން ޑޮލަރު ގެއްލުންވެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އެމެރިކާގައި ، މަނާކުރެވިފައިވާ ޑްރަގު ގަތުމަށް، އަހަރަކު 40 ބިލިއަން ޑޮލަރު ހޭދަކުރެވެއެވެ. މިއީ ޖިނާއީ ކަންކަމުގައި ޢަދްލު އިންޞާފަށް އެޤައުމުގައި އަހަރަކު ހޭދަކުރެވޭ މިންވަރަށްވުރެ އެންމެ 6 ބިލިއަން މަދުމިންވަރެކެވެ.( 1999 maisto ) ޖަރީމާތަކާއި، އެކްސިޑެންޓައްދިމާވުންފަދަ އެތައްކަމެއްގެ ފަހަތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބޭކަން ފާހަގަކުރެވެއެވެ. މި '' ރޯގާ'' އާއި ހެދި ޤައުމުތަކުގެ އިޤްދިޞާދަށް ލިބޭ ހީނަރުކަމުގެ ތެރޭގައި، އުފެއްދުންތެރިކަން ދަށަށްދިއުމާއި، މަސައްކަތުގެ ވަގުތުތައް ބޭކާރުގޮތުގައި ނަގާލެވުން ހިމެނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، އޭގެ ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން، ''މަސައްކަތްތެރި އަތްތައް'' ވެސް ދަނީ މަދުވަމުންނެވެ. މިކަމަށް އަޅުވެތި ވެފައިތިބޭ މީހުން ކުރާ ޢަމަލުތަކުގެ ޝިކާރައަކަށް، އެކަމާއި އެއްވެސް ގުޅުމެއްނެތް، އެތައް ބައެއްވަމުންދާކަމީވެސް ހިތާމަހުރިކަމެކެވެ. އދ. އާއި ރަސްމީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓުތައް ހާމަކުރާގޮތުގައި، މަސްތުވާތަކެތި އުފައްދައި ފެތުރުމާއި އޭގެ ބޭނުން ކުރުން މިއަދު މުޅިދުނިޔެއަށް ވަނީ ޢާއްމުވެފައެވެ.

ހަށިވިއްކުމާއި، ވައްކަންކުރުމާއި، ފޭރުމާއި، '' ފައިސާދޮވެލުން '' ( މަނީ ލޯންޑްރީ) ފަދަ ނުބައި ޢަމަލުތައް ހިންގާ ގެންގްސްޓަރ ގުރޫޕުތަކުގައިވެސް މަސްތުވާ ތަކެއްޗަކީ އިސްދައުރެއް އަދާކުރާ އެއްޗެކެވެ. މިފަދަ ގުރޫޕުތަކުގައި އުޅޭ ބައެއް ފަރާތްތަކުން، ޤައުމުތަކުގައި މަޝްރޫޢީ ގޮތެއްގައި ހިންގޭ އިޤްދިޞާދީ ، ސިޔާސީ ޙަރަކާތްތަކުގެ ތެރެއަށްވެސް، ފޭދިގަނެގެން އުޅޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އިންތިޚާބުތަކާއި، ބޮޑެތި މަޝްރޫޢުތަކަށް މިމީސްމީހުންގެ ބާރު ބައެއް ޤައުމުތަކުގައި، ފޯރުވަމުންދެއެވެ.

މަސްތުވާތަކެއްޗަކީ ކޮބާ؟

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން، މަސްތުވާތަކެތީގެ ބަދަލުގައި މިތަކެއްޗަށް އިޝާރާތްކުރަނީ '' ނަފްސާނީ މާއްދާތަކުގެ '' (psychoactive substances) ގޮތުގައެވެ. އެއީ މަސްތުވާތަކެތީގެ ތެރޭގައި، ޢިލްމީ ދާއިރާތަކާއި، ހުއްދަކަންކަމުގައި ބޭނުންކުރެވޭ ބައެއް މާއްދާތައްވެސް ހިމެނޭތީއެވެ. އެކަމަކު އަޅުގަނޑުގެ މިލިޔުމުގައި ''މަސްތުވާތަކެތި '' މިލަފުޒު ބޭނުންކުރާނީ، ޢިލްމީކަންކަމަށާއި، ޞިއްޙީ ކަންކަމުގައި ބޭނުންކުރުމަށްމެނުވީ ހުއްދަދެވިފައި ނުވާ، އޭގެ ބޭނުންކުރުމުން، މީހާގެ ބުއްދިއަށް އަސަރުކުރާ، އޭގެ ޒާތުގައި ދެވިހިފުން ހުންނަ ކޮންމެ މާއްދާއަކަށެވެ.

މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަކީ، ޠަބީޢީ ނުވަތަ ޤުދުރަތީގޮތުން އުފެދިފައި ހުންނަ ތަކެއްޗެވެ. އަނެއްބައި ތަކެއްޗަކީ، ޞިނާޢީ އެއްޗެއްސެވެ. އޭގެ ތެރޭގައި، މީހާ ހިމޭންކުރުވާ ބާވަތްތަކާއި، ބާރުގަދަކުރުވާ ބާވަތްތަކާއި، ޙަޤީޤަތެއްނެތް ހުވަފެންތައް ދައްކުވައިދޭ ބާވަތްތަކާއި، އޭގެ ވަސްބަލައިގެން ތާސީރު ހޯދޭ ބާވަތްތައް ހިމެނެއެވެ.

މަސްތުވާތަކެތީގެ ތަސީރަށް ބަލާއިރު ބެހިދާނެ ބައިތައް :

1- ހިމޭންކުރުވާ ބާވަތްތައް (Depressant)
މިއީ ހަށިގަނޑުގެ ވަޒީފާތައް މަޑުމައިތިރިކޮށް ހިމޭންކުރުވާ އެއްޗެއްސެވެ. އަދި ސެންޓްރަލް ނާވް ސިސްޓަމް (CNS) ގެ މަސައްކަތް މައިތިރިކޮށް ، މާބޮޑަށް ރުޅިގަދަވުމާއި، ހާސްވެ ފިކުރުބޮޑުވުމުން، އޭނާގެ ޙާލަތު ހަމައަކަށް އެޅުވުމަށް ބައެއް ފަހަރު ޑޮކްޓަރުން، މކަހަލަ މާއްދާއެއްގެ ބޭނުން ކޮށްފާނެއެވެ. މިމާއްދާގެ ބޭނުންކުރުމުން، މަސްތައް ހިމޭންކުރުވައި، ނިދިޖައްސުވައިދެއެވެ. މީގެ ތެރޭގައި alcohol, barbiturates, anaesthetics, benzodiazepines,) މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންވެސް، މިބާވަތުގެ ތަކެތި ބޭނުންކުރެއެވެ.

ނަމަވެސް އެއީ ޑޮކްޓަރެއްގެ ހުއްދައެއްނެތިކަމަށްވުމާއިއެކު، އެކަމުގެ ސަބަބުން، އެމީހުންނަށް ލިބޭ ގެއްލުންތައް ފައިދާއަށްވުރެ ބޮޑުވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

2- ހުވަފެންދައްކާ ބާވަތްތައް (Hallucinogen)
އެލް.އެސް.ޑީ އޭ ކިޔޭ ޑްރަގަކީ މިބާވަތުގެ އެއްޗެކެވެ. މީގެ ބޭނުންކުރުމުން ، ޚިޔާލީ މަންޒަރުތައްފެނި، އެކި އެކި ޚިޔާލީ އަޑުތައް އިވި، ވަހްމީ އިޙްސާސްތަކެއް ކުރުވައެވެ. ވަގުތަށް އަންނަ ބަދަލުތަކާއި، ވެއްޓަށް އަންނަ އެހެނިހެން ބަދަލުތައް މޭރުން ވުމުގައި، މިކަހަލަ އެއްޗެހީގެ ބޭނުންކުރާ މީހުންނަށް އޮޅުން އަރައެވެ.

3- ވަސްބަލާ ސާމާނު
އެކިވައްތަރުގެ ތެރަހާއި، ގޭސޮލިންއާއި، ސްޕްރޭފަދަ ބާވަތްތަކަކީ އޭގެ ވަސްބަލައިގެން ، މަސްތުވުމަށް ބޭނުންކުރެވޭ ސާމާނެވެ. މިތަކެތީގެ ބޭނުންކުރުމުން، މަސްތުގެ އިޙްސާސްކުރުވުމާއިއެކު، ނިދި ޖައްސުވައެވެ. އެއާއިކު، ބޯއެނބުރުމާއި، ޝައްކުއުފެދުން ފަދަ ކަންކަންވެސް ކުރިމަތި ކުރުވައެވެ.

4- ނާރކަޓިކް (Narcotic)
ނާރކަޓިކްގެ ތެރޭގައި ހިމެނޭ ބާވަތްތައް ބޭނުންކުރުމުން، ހަށީގަނޑުގެ އިޙްސާސްތައް ދަށްކުރުވައެވެ. އެގޮތުން މީހާގެ ހޭވެރިކަން ދަށްވެ، ސަމާލުކަން ގެއްލި ކަންކަމާއި އަޅާނުލާގޮތް ވެރިކުރުވައެވެ. ނާރކަޓިކްސްއިން ތަދު ލުއިކޮށްދެއެވެ. ނިދިއައުމާއި، ކޯމާއަކަށް މީހާ ހުށަހެޅުމަކީވެސް، މިބާވަތުގެ ތަކެތިބޭނުންކުރުމުން ވެދާނެގޮތެކެވެ.

މޯރފީންއާއި، ކޯޑެއިން ފަދަ ތަކެއްޗަކީ، ތަދު ކެނޑުވުމަށްޓަކައި، ބޭސްވެރިކަމުގައި ބޭނުންކުރުން ހުއްދަ ނާރކަޓިކްސްގެ ދެބާވަތެވެ. އެކަމަކު ހިރޮއިން އަކީ ހުއްދަ އެއްޗެއް ނޫނެވެ.

5- މުރާލިކުރުވާ ނުވަތަ ބާރުގަދަކުރުވާ ބާވަތްތައް
މިއީ ހަށިގަނޑާއި ސިކުނޑީގެ މަސައްކަތް ހަލުވިކުރުވާ ބާވަތްތަކެވެ. ކޮކެއިންއާއި މީޓަމްފެޓަމިންސްއަކީ މިބާވަތުގެ އެއްޗެއްސެވެ. ޢާއްމުގޮތެއްގައި، މިއީ މީހާއަށް ވަގުތީ ގޮތުން އިތުރު ހަކަތައާއި ބާރު ގެނެސްދޭ ތަކެއްޗެވެ. އެކަމަކު އޭގެ ބާރުދިއުމުން، މީހާ ވަރުބަލިކުރުވައި، ބަލިކޮށްލައެވެ.

ގިނަ މީހުން ބޭނުންކުރާ ބާވަތްތައް :

ތިރީގައި މިވަނީ ޢާއްމުގޮތެއްގައި ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ބާވަތްތަކާއި އެބާވަތްތައް ބޭނުންކުރާއިރު ހަދާގޮތްގޮތެވެ.

1- ޙަޝީޝް
hashish- ދުމުގެ ސިފައިގައި ( ސިގެރެޓުތެރެއަށް އަޅައިގެން، ގުޑުގުޑާއަށް އަޅައިގެން)
- އެއްޗަކަށް އަޅައިގެން ބުއިމެއްގެ ގޮތުގައި.
- އެހެން އެއްޗަކާއި އެއްކޮށްގެން ކެއުމެއްގެ ގޮތުގައި. މިގޮތުން، ތެލާއި، ހަވާދުފަދަ އެއްޗެއްސާއި ޙަޝީޝް އެއްކުރެވެއެވެ. ހަމައެފަދައިން، ޗޮކްލެޓް ބުރިބުރިހެން ހަދައިގެންވެސް ބައެއް މީހުން ބޭނުންކުރެއެވެ.

2- އަފިހުން (Opium)
opium- ޞިއްޙީ ދާއިރާގައި އަފިހުނަކީ، ތަދު ކަނޑުވަން ނުވަތަ ލުއިކުރުވަން ބޭނުންކުރާ މާއްދާއެކެވެ. އެގޮތުން، ބޭސްފަރުވާގައި ޢާއްމުގޮތެއްގައި އަފިހުންދެވެނީ ކޮންމެވެސް އެއްޗަކާއި އެއްކޮށްފައެވެ. އެހެން އެއްޗަކާއި އެއްކުރަނީވެސް، އަފިހުނަށް މީހާ ދެވިހިފާފަނެކަމަށްޓަކައެވެ. އޭގެ އިންޖެކްޝަން ޖަހައި އުޅެނީ މަސްގަނޑަށެވެ. ކެޕްސޫލުގެ ގޮތުގައިވެސް، އަފިހުން ދެވެއެވެ.

އެކަމަކު މަސްތުވާތަކެތީގެ ބޭނުންކުރާ މީހުން އަފިހުން ބޭނުންކުރަނީ ދުމުގެ ސިފައިގައެވެ. ނުވަތަ ފެނަށް ގިރުވައިގެންނެވެ. އޭގެ ބޭނުންކުރުމަށްފަހު، ޢާއްމުގޮތެއްގައި ގިނަ މީހުން ސައިތައްޓެއް ބޯލައެވެ. އަފިހުން ކެއްކުމަށްފަހު، އެއަށް ކުޑަކުޑަ ހަކުރުކޮޅެއް އަޅައިގެންވެސް ބައެއްމީހުން ބޭނުންކުރެއެވެ. އަނގައިގެ ތެރޭގައި ލޮންނަން ބާއްވައިގެންނާއި، ފޮނިރަހަދޭ ތަކެއްޗާއި އެއްކޮށްގެންނާއި، އިންޖެކްޝަން ޖަހައިގެންވެސް، އަފިހުނުގެ ބޭނުންކޮށް އުޅެއެވެ.

3- ޤާތު( Khat )
khatޤާތު ޢާއްމުގޮތެއްގައި ހައްދައި ބޭނުންކޮށް އުޅެނީ، އެފްރިކާ ބައްރުގެ ދަޅުގެ ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގައްޔާއި، ޔަމަން ފަދަ ޤައުމުތަކުގައެވެ. މިއީ (Catha edulis) ނަމަކަށް ކިޔޭ ގަހެއްގެ ފެހިކުލައިގެ ފަތެކެވެ. މިފަތުގެ ބޭނުންކުރުމަށްޓަކައި ވަރަށް ގިނައިރުވަންދެން، އަނގައިތެރޭގައި ބާއްވައިގެން، އޭގެ ދިޔަ ބޮނީއެވެ.

ޤާތު އަނގައިގައި އޮންނައިރު، އިރު އިރުކޮޅަށް ފެން ނުވަތަ ގޭހުގެ ބުއިންތައް އޭގެ ބޭނުންކުރާ މީހުން ބޮމުންދާނެއެވެ. ޔަމަން ، އިތިއޯޕިއާ ، އެރިޓްރިއާ ، ޞޫމާލް ފަދަ ޤައުމުތައް ޓީވީން ދައްކާ އިރު ވަރަށް ގިނަ މީހުންގެ ކޮލުތެރޭގައި ގުޅަވަރެއް އޮންނަތަން ފެންނާނެއެވެ. އެއީ ޤާތު ގުޅައެކެވެ.

4- ހުވަފެންދައްކާ މާއްދާތައް( Hallucinogen)
މިތަކެއްޗަށް މިނަންދެވުނީ، އޭގެ ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޙަޤީޤަތެއްނެތް އިޙްސާސްތަކާއި، މަންޒަރުތައް ދައްކުވައިދޭތީއެވެ. އެގޮތުން، ޚިޔާލީ އަޑުތަކާއި، ވަހްމީ މަންޒަރުތައް އޭނާއަށް އޭގެ ބޭނުންކުރުމުން ފެނެއެވެ. މިބާވަތުގެ އެއްޗެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ، އެލް.އެސް.ޑީ (L.S.D) އާއި، ޕީ.ސީ.ޕީ (P.C.P) އެވެ. މިވައްތަރުގެ މަސްތުވާތަކެތި ހުންނަނީ ޢާއްމުގޮތެއްގައި، ބޭސްގުޅަ ގޮތަށެވެ. ބޭނުންކުރަނީ މި ގުޅަ ކައިގެންނެވެ.

5- ބާރުގަދަކުރުވާ ތަކެތި (Amfetamine)
ޢާއްމުގޮތެއްގައި މިބާވަތުގެ އެއްޗެތި ބޭނުންކޮށް އުޅެނީ ކުޅިވަރުކުޅޭ މީހުންނާއި، މަދަރުސާތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި، ދިގު ދަތުރުކޮށް އުޅޭ ޑްރައިވަރުންނެވެ. އެއީ ނާރވަސް ސިސްޓަމްއަށް މިތަކެތިން ގެނެސްދޭ މުރާލިކަމުގެ ސަބަބުންނެވެ. އެންމެގިނައިން، މީގެ ބޭނުންކުރެވެނީ ، ގުޅައިގެ ސިފައިގައެވެ. މަގުމަތީ ނަމެއްގެ ގޮތުގައި '' ސްޕީޑް '' މިއަށް ބޭނުން ކުރެވެއެވެ.

6- މޯރފީންއާއި ހިރޮއިން
heroinތަދު ލުއިކުރުމުގައި މޯރފީންއަށް ވަރަށް ޚާއްޞަ ބާރެއް ލިބިގެންވެއެވެ. ނަމަވެސް، މިމާއްދާއަކީވެސް، ނަފްސާނީ ދެވިހިފުމެއް ކުރިމަތިކުރުވާ މާއްދާއެކެވެ. އެގޮތުން ސިކުނޑީގެ ސެލްތަކުގެ ވަޒީފާތަކަށް މިއިން އަސަރުކުރުވައެވެ. ހިރޮއިންއަކީ، މޯރފީންއިން ނެގޭ ނުވަތަ އުފެއްދޭ އެއްޗެކެވެ. ޢާއްމުގޮތެއްގައި ހިރޮއިންގެ ބޭނުންކުރެވެނީ ވަސްބަލައިގެންނެވެ. ހިރޮއިން ބޭނުންކުރަން ފަށާތާ އެއް ހަފުތާތެރޭގައި މީހާ އެއަށް ދެވި ހިފާނެއެވެ. މޯރފީންއިން އަކީ އަފިހުން ގަހުގެ މަލުން ނެގޭ މާއްދާއެކެވެ.

7- ކޮކެއިން
ކޮކެއިންއަކީ ގާތްގަނޑަކަށް، ޙަޝީޝްއެކޭ އެއްފަދައިން، ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރެވޭ އެއްޗެކެވެ.

ދެވިހިފުން

ދެވިހިފުމަކީ، މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ސަބަބުން އެއާއި ނުލައި ނޫޅެވޭ ފަދަ ދަރަޖައަކަށް، މީހާގެ ނަފްސާނީ ޙާލަތާއި އޯގަނިކް ޙާލަތު ދަށަށް ދިއުމެވެ. މިކަމުގެ ސަބަބުން، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އޭގެ ބޭނުންކުރުމަށް، ދެވިހިފާފައިވާ މީހާގެ ހިތުގައި، ކޮންޓްރޯލް ނުކުރެވޭފަދަ ޝައުޤުވެރިކަމަށް އުފެދެއެވެ. މިޙާލަތުގައި އޭނާއަކީ މަސްތުވާތަކެތީގެ އަޅެއްގެ ގޮތުގައި ބައެއްމީހުން ކިޔާ އުޅެއެވެ.

ގެއްލުން

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މީހާއަށް ލިބޭ ގެއްލުންތައް، އޭނާގެ ހަށިގަނޑާއި، ނަފްސާއި، ސިކުނޑިއާއި، ސުލޫކާއި، ވަށައިގެންވާ ވެއްޓާއި އޭނާއާއި ދެމެދު އޮންނަ ގުޅުންތަކަށް ފޯރައެވެ. މިގެއްލުންތަކުގެ ކުޑަބޮޑޮމިން، ބޭނުން ކުރާ މާއްދާއެއްގެ ޠަބީޢަތުން ތަފާތުވެދާނެއެވެ. ނަމަވެސް، މަސްތުވާތަކެތީގެ ކޮންމެ ބާވަތަކީވެސް، އޭގެ ސަބަބުން، ހީވެސް ނުކުރާފަދަ، ދެރަ، ހިތާމަވެރި ޙާލަތަކަށް ، އިންސާނާ ހުށަހަޅާ މާއްދާތަކެކެވެ. ތިރީގައި އެވަނީ، މަސްތުވާތަކެތިން ލިބޭ ގެއްލުންތަކަށް އަޅުވާލެވިފައިވާ އިޖްމާލީ އަލިއެޅުވުމެކެވެ.

- ގައިގެ ވަރުދެރަވުން، ކަންނެއްވުން، މަސްއޫލިއްޔަތެއްނެތްކަން އިޙްސާސްކުރެވުން ނުވަތަ މަސްއޫލިއްޔަތު އަދާނުކުރެވުން، ޝަޚްޞިއްޔަތު ބީވުން، ކަންކަން ދެނެގަތުމުގެ ބާރު ގެއްލުން ނުވަތަ ދަށްވުން، ނަފްސާނީގޮތުން ބަލިކަށިވުން، ބިރުގަނެ އެކަނިވެރިވުން، ސާފުތާހިރުކަން ގެއްލުން، އެއިޑްސްބަލިފަދަ ނުރައްކާތެރި ބަލިތައްޖެހުމަށް މަގުފަހިވުން، ޢާއިލީ ގުޅުމާއި، އިޖްތިމާޢީ ގުޅުންތައް ކެނޑި، ތިމާގެ ފުށުން އެމީހުންނަށް ލިބިދޭންޖެހޭ އެހީތައް ފޯރުކޮށްނުދެވުން، ވައްކަމާއި، ލޫޓުވުމާއި، އަދި މިނޫންވެސް، ގޯސް ހަޑިމުޑުދާރު ކަންކަމުގެ ތެރެއަށް މީހާ ގެނބިގެން ދިއުން.

އިދިކޮޅަށް ކުރެވޭ މަސައްކަތް

މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއިހެދި، ދުނިޔޭގެ ހުރިހާ ޤައުމަކުންހެން، މިއާފަތުން، އެޤައުމުތަކުގެ މުވާޠިނުން ސަލާމަތްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް، މިކަމަށް އަދިވެސް، ވަރަށް ގިނަ ހިސާބުތަކުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

އިޤްދިޞާދީ ގޮތުން ބަލާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި، އެތަކެއްޗަށް މީހުން ބޭނުންވާ މިންވަރު ނުވަތަ ޑިމާންޑް މަދުކުރުމަށް ފިޔަވަޅުތައް އަޅަން ޖެހެއެވެ. ނޫންނަމަ، ސަޕްލައި ނުވަތަ ފޯރުކުރެވޭ މިންވަރަށް ބަދަލުތަކެއް އައުމަކީ ދުރުކަމެކެވެ. އެގޮތުން، މަސްތުވާތަކެތީގެ ގެއްލުންތައް މީހުންނަށް ވިސްނައިދިނުމަށް، ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް އިތުރުކޮށް، ތަޢްލީމު ދިނުން ފުޅާކުރަން ޖެހެއެވެ.

މަސްތުވާތަކެތި ވިއްކާ ފަރާތްތަކާއި، އޭގެ ބޭނުންކުރާ މީހުންނަށް ޤާނޫނީ ގޮތުން އަދަބުދިނުމަށް، ހުރިހާ ތަނެއްގައިހެންވެސް ފިޔަވަޅުތައްވަނީ އެޅިފައެވެ. ނަމަވެސް، މިކަމަކީ ހަމައެކަނި އަދަބު ދީގެން ހަމައަކަށް އަޅުވާލެވޭނެކަމެއްކަމަށް ނުވުމާއިއެކު، އިތުރު ފިޔަވަޅުތައްވެސް އަޅަންޖެހެއެވެ.

ބައެއް ސަރަޙައްދުތަކަށްބަލާއިރު، އާމުދަނީ ލިބޭނެ ހަމައެކަނި ވަސީލަތަކަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ބިނާވެފައިވާ ތަންތަންވެސް ދުނިޔޭގައި އެބަހުއްޓެވެ. އެހެންކަމުން، މިފަދަ ފަރާތްތަކަށް، ދިރިއުޅަށްޓަކައި އިޤްތިޞާދީ ގޮތުން ކުރެވިދާނެ އެހެން މަސައްކަތްތައް ފަހިކޮށްދިނުމަކީވެސް، މިކަމުގެ ވިޔަފާރި ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ޢާއިލާ ރޫޅުމާއި، ތަޢްލީމު ނުލިބުމާއި، ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ނުބައި އިޖްތިމާޢީ ޙާލަތަކީ، މަސްތުވާތަކެއްޗާއި ދިމާއަށް މީހުން ފުރޮޅިގެންދާ ކަންކަންކަމަށް ވަރަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ޙައްލުކުރުމަށް ސަމާލުކަންދިނުމަކީވެސް، މަސްތުވާތަކެއްޗާއި އިދިކޮޅަށް ޙަރަކާތްތެރިވާއިރު ވިސްނަންޖެހޭ ކަންކަމެވެ.

މަސްތުވާތަކެތި ބޭނުންކުރާގޮތް

މަސްތުވާތަކެތި ބޭނުންކުރާގޮތް، ބޭނުންކުރާ މާއްދާއާއި، ބޭނުންކުރާ މީހުންނަށް ބަލާފައި ތަފާތުވެއެވެ. ބައެއް މީހުން، ބޭނުންކުރާ ހިތްވަނީ އެކަނި ތިބެއެވެ. އަނެއްބަޔަކަށް އޭގެ '' ފޯރި'' އަރާކަމަށް ހީވަނީ، ގުރޫޕު ހަދައިގެން ބޭނުންކުރުމުންނެވެ. މަސްތުވާން ބޭނުންކުރާ މާއްދާއަށް ބަލާއިރު، ބައެއްމީހުން އޭގެ ބޭނުންކުރަނީ ވަސްބަލައިގެންނެވެ. އަނެއްބަޔަކު ދުމުގެ ސިފައިގައެވެ. އިންޖެކްޝަން ޖަހައިގެން، ލޭގެ ތެރެއަށް ސީދާ ފޮނުވާލައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް އުޅެއެވެ.

އިރުޝާދު

ނުރައްކަލަކަށް ތިމާގެ ނަފުސު އެއްލާލުމަކީ ހަމަޖެހޭ އެއްވެސް މީހަކު ކުރާނެކަމެއްނޫނެވެ. ނަމަވެސް ޙައިރާންވާންޖެހޭ ކަމަކީ، ތަޢްލީމާއި ހޭލުންތެރިކަން އިތުރުވަމުންދާ މިޒަމާނުގައި، މަސްތުވާތަކެތި ބޭނުންކުރުންފަދަ، ކަނޑައެޅިގެން ގެއްލުމާއި ހަލާކު ހުރި ކަންކަމުގައި ޝާމިލުވާމީހުން އިތުރުވަމުންދާ ދިއުމެވެ. ޤައުމުތައް ބިނާކޮށް، ތަރައްޤީގެ އެންމެ އުސް ހަރުފަތްތަކާއި ހަމައަށް ގެންގޮސްދިނުމުގެ ފުރިހަމަ ބާރާއި ޤާބިލްކަން ލިބިފައިވާ، ޒުވާނުންވެސް، މިވަބާގައި '' ފަނާވަމުންދާކަމީ '' އެންމެ ބޮޑު ހިތާމައެވެ.

އިސްލާމްދީނުގައި މަސްތުވާތަކެތި ޙަރާމް

އަޅުގަނޑުމެން ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ބޯލަނބައިގެން ތިބި ބައެއްކަމަށްވުމާއިއެކު، އިސްލާމްދީނުގައި މަސްތުވާތަކެތީގެ ބޭނުންކުރުމާއި ބެހޭގޮތުން އަންގަވާފައިވާ ކަންތައްތައް އަޅުގަނޑުމެންނަށް އެނގުމަކީ މުހިއްމުކަމެކެވެ.

އިސްލާމްދީން ދެކޭގޮތުގައި، މަސްތުވާތަކެއްޗާއި އަދި މިނޫންވެސް ހުރިހާ ނުބައި ސާމާނެއްގެ އަސްލަކީ ބަނގުރާއެވެ. ބަނގުރާއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެއްޗެކެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވާގޮތުގައި، ބަނގުރާއަކީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ބައެއް މީހުން ދެކޭގޮތުގައި، މަސްތުވާތަކެއްޗަކީ ބަނގުރާއެކޭ އެއްފަދައިން ޙަރާމް އެއްޗެއް ނޫނެވެ.

ނަމަވެސް، މިއީ ކުށްހީއެއްކަން، ރަސޫލާގެ ޙަދީޘްފުޅުން ކަނޑައެޅިގެން އެނގެން އެބައޮތެވެ. އެކަލޭގެ ފާނުގެ ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ. '' މަސްތުވާ ކޮންމެ އެއްޗަކީވެސް، ބަނގުރާއެކެވެ. ކޮންމެ ބަނގުރާއަކީވެސް ޙަރާމް އެއްޗެކެވެ.''

ދުންފަތުގެ އިސްތިޢްމާލުކުރުން ހުއްޓާލާ

ސިގިރެޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިޢްމާލުކުރުމަކީ ކުޑައިރުއްސުރެ ވަރަށް ގިނަބައެއްގެ ކަށީގައި ހިފާފައިވާ ނުރަނގަޅު އާދައެކެވެ. ޞިއްޙީ ހޯދުންތަކުން ދައްކާގޮތުގައި، މިއީ ވަރަށް ނުރައްކާތެރި ޙާލަތްތަކެއް އިންސާނާއަށް ކުރިމަތިކުރުވާ ކަމެކެވެ.

ދުންފަތުގެ އިސްތިޢްމާލުކުރާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް، ފަހުން، މަސްތުވާތަކެތީގެ ބޭނުންކުރަން ފަށާކަމަށް ބުނެވެއެވެ. އެހެންކަމުން ދުންފަތަކީ، މަސްތުވާތަކެއްޗާއި ދިމާއަށް އެޅޭ ފާލަމެއްގެ ގޮތުގައި ބެލިދާނެއެވެ.

ސިގިރެޓުބުއިމާއި ދުންފަތުގެ އިސްތިޢްމާލުކުރުމާއި ހުރިގުޅުން ދިރާސާކުރެއްވި ބޭފުޅަކު ވިދާޅުވެފައިވެއެވެ. '' ސިގިރެޓްބުއިން ދަސްކޮށްދިނުމަކީ، ސިގިރެޓަށް މެރިޖުއާނާ އަޅައިގެން ބޯން ދަސްކޮށްދިނުމަށްވެސް ދެވޭ މުހިއްމު ތަމުރީނެކެވެ.'' (Jhonston,1999) ދުންފަތުން ލިބޭ ގެއްލުންތަކާއި ހެދި، އޭގެ ބޭނުންކުރުމަކީ ޙަރާމްކަމެއްކަމަށްވެސް، އިސްލާމީ ބައެއް ޢިލްމުވެރިން ފަތުވާ ނެރުއްވާފައިވެއެވެ.

ރައްޓެހިންނަށް ތަބާވާކަށް ނުޖެހޭ

ބައެއްފަހަރަށް، މަސްތުވާތަކެތީގައި ތިމާ ޖެހެނީ، ތިމާގެ ގާތް ރަޙްމަތްތެރިންނަކީ އޭގެ ބޭނުންކުރާ ބަޔަކަށްވެފައި، އެމީހުން އެކަމަށް އެދުމުން، އިދިކޮޅު ހަދަން ނުކެރިގެން ކަމަށްވެދާނެއެވެ. މިކަމުގައި އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ވަރަށް މުހިއްމުކަމެއް އެބައޮތެވެ. އެއީ ތިމާގެ ކުރިމަގާއި، ތިމާގެ ޝަޚްޞިއްޔަތު ބިނާކުރަނީ ތިމާއަމިއްލައަށްކަން ހަނދާން ބެހެއްޓުމެވެ. ރައްޓެއްސެއްވިޔަސް، އަދި އެނޫންމީހެއްނަމަވެސް، ނުބައިކަމަކަށް ގޮވާލާނަމަ، އެކަމަކާއި އިދިކޮޅަށް '' ނޫނެކޭ '' ބުނުމުގެ ޤާބިލްކަމާއި ހަރުދަނާކަން އަޅުގަނޑުމެންގެ ގައިގައި ހުންނަން ޖެހޭނެއެވެ. ތިމާގެ ފުށުން، ތިމާގެ ރަޙްމަތްތެރިންވެސް ރަނގަޅު ކުރެވުމަށް އެޅޭ ބާރަކަށް އެކަން ވެގެންދާނެއެވެ.

މާޔޫސްކަމުގެ ޙައްލަކީ މަސްތުވާތަކެއްޗެއްނޫން

ދިރިއުޅުމުގައި އަޅުގަނޑުމެން ހިތްހަމަ ނުޖެހޭ ކިތަންމެ ކަމެއް ކުރިމަތިވާނެއެވެ. ޢާއިލާ ރޫޅުމާއި، ރަޙްމަތްތެރިން ބީވުމާއި، ބަނގުރޫޓުވުމާއި، ކިޔެވުމުގައި ނާކާމިޔާބުވުންފަދަ ، ހާސްވެ ފިކްރު ބޮޑުވާން ޖެހޭ އެތައްކަމެއް މިކަންކަމުގެ ތެރޭގައި ގުނާލެވިދާނެއެވެ. ނަމަވެސް، މިކަމުގެ ޙައްލަކަށް، މަސްތުވާތަކެތި އިޚްތިޔާރުކުރުމަކީ ވަރަށް ސޭކު ކަމެކެވެ. އޭރުން، ނުތަނަވަސްކަމަކުން، އެބަދަލުވެވެނީ އެއަށްވުރެވެސް ބޮޑު ނުތަނަވަސްކަމަކަށެވެ. މިފަދަ ޙާލަތްތަކުގައި އަޅުގަނޑުމެންނަށް އޮތީ ހިތްވަރުލާ، އަނެއްކާވެސް ކުރިމަގަށް މަސައްކަތްކުރުމެވެ. އަޅުގަނޑުމެން ހެއްދެވި ފަރާތުގެ މަތިން ހަނދާންކޮށް، އެކަލާނގެ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ހަނދާންކޮށް، މިއީ ދުނިޔޭގެ ސުންނަތްކަން ތެދުހިތުން ޤަބޫލުކުރުމުވެ. ހިތްތަކަށް ހަމަޖެހުން ލިބުން އޮތީ ފަހަރެއްގައިވެސް، މަސްތުވާތަކެތި ބޭނުންކޮށްގެނެއްނޫނެވެ. ހިތްތަކަށް ހަމަޖެހުން އޮތީ ﷲ ހަނދުމަކުރުމުންނެވެ.

ޒަމާނީ މީހަކަށްވާކަށް މަސްތުވާތަކެތި ބޭނުންކުރާކަށް ނުޖެހޭ މިޒަމާނުގެ މީހަކަށް ތިމާއަށް ވެވޭނީ ، ޑްރަގުވެސް ނަގައިގެންކަމަށް ބައެއް މީހުން ކިޔާތީ އަޑުއިވެއެވެ. އަޖައިބުވާންޖެހޭ ވަރުގެ ކަމެކެވެ. ތިމާގެ ނަފްސު ހަލާކުކޮށްލުމަކީ ތިމާ ޒަމާނީ މީހަކަށްވުންކަމަށް ޤަބޫލުކުރާނީ ކިހާ ހޭނުޖެހޭ މީހެއްހެއްޔެވެ؟ މިފަދަ ބަސްތަކަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން، އެމީހުންގެ '' މުދާތައް'' ވިއްކުމަށްޓަކައި، ޒުވާނުންގެ ސިކުނޑިތަކާއި ކުޅެލުމަށް ދައްކާ ވާހަކަތަކެވެ. ތިމާ ތަހުޒީބުވެ، ރަށްވެހި މީހަކަށްވަނީ، ތިމާގެ ޝަޚްޞިއްޔަތަކީ ހަރުދަނާ ، ޝަޚްޞިއްޔަތަކަށް ހަދައިގެންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.