ބުދަ20180919

އާކުރެވުނީ: 08:43:52

މަސްތުވާ ތަކެތީގެ ތާރީޚް

masthuvaa-thakethi-thaarekhނޯޓް : މި ލިއުމުގައި ހާމަ ކޮށްފައިވަ މަޢުލޫމާތުތަކަކީ ، ޢިލްމީ ބޭނުންންތަކަށް ހާމަ ކުރެވިފައިވާ މަޢުލޫމާތުތަކެކެވެ. ކޮންމެ ބާވަތެއްގެ މަސްތުވާ އެއްޗަކީވެސް ދީނީ ގޮތުންނާއި، ޤާނޫނީ ގޮތުންވެސް ބޭނުންކޮށް އަދި ގެންގުޅުން މަނާ އެއްޗެކެވެ. އަދި އެއީ ޞިއްޙީ ގޮތުންނާއި އެނޫންވެސް ތަފާތު އެތައް ގޮތަކުން އިންސާނުންނަށް ގެއްލުން ހުރި އެއްޗެކެވެ.

މަސްތުވާ ތަކެތި އެއީ ހުންނަ އެއްޗެއްކަން އިންސާނުންނަށް އެގިގެން މިއުޅެނީ، މިއަދަކު އިއްޔެއަކު ނޫނެވެ. މާ ކުރީ އެވޭލާ ޒަމާނުއްސުރެވެސް އިންސާނުންނަށް، މަސްތުވާތަކެތި އެގިފައިވެއެވެ. ކުރީ ޒަމާނުގެ މީހުން އެމީހުންގެ ފައްޅި، ހިލަ، ފާރުފަދަ ތަންތާގައި ކަނޑާނަގާފައި ނުވަތަ ކުރަހާފައިވާ ކުރެހުން ތަކުން މަސްތަވާ ތަކެއްޗަކީ އެމީހުން ދަންނަ އެއްޗެހި ތަކެއްކަން ދޭހަކޮށްދެއެވެ. ކުރީގެ ހިންދީން ޤަބޫލު ކުރި ގޮތުގައި އެމީހުން އިލާހެއް ކަމަށް ބަލާ ''ޝިވާ'' ކަނޑު ހުރަސްކޮށް ކެނަބިސް ގަސް ގެނެސް އެއިން އެހެން އިލަހުންތައް ހަދައެވެ. ކުރީގެ ގުރީކު މީހުންވެސް އެމީހުންގެ މަޤްބަރާތަކާއި ފައްޅިތަކުގައި ކެނަބިސް ގަސް ކުރަހާފައިވެއެވެ.

މި ގަހުން އެމީހުން ރަމްޒުކޮށްދޭން ބޭނުންވާ ރަމްޒު، މި ގަހުގެ ގޮފިކޮޅު ހިފައިގެން ހުންނަ މީހެއް ތަފާތުވުމުން ތަފާތުވެއެވެ. މިސާލަކަށް ''ހީރާ'' މި ގަސް ހިފައިގެން ހުރުމުން ދޭހަކޮށްދެނީ މައިވަންތަ ކަމަށެވެ. ''ޑިމިޓްރު'' ހިފައިގެން ހުރުމުން ދޭހަކޮށްދެނީ ފަސްގަނޑުގެ މުޑުވައް ރަނގަޅު ކަމަށެވެ. ''ޕްލޫޓޯ'' އިލާހު މި ގަސް ހިފައިގެން ހުރުމުން ދޭހަކޮށްދެނީ މަރު ނުވަތަ ދާއިމީ ނިންޖަށެވެ. މިހެން ގޮސް ތަފާތު ފުލޯކު ވާހަކަތައް އެކި ޘަޤާފަތްތަކުގައި މަސްތުވާ ތަކެއްޗާއި ބެހޭ ގޮތުން އުފެދިފައިވެއެވެ.

ތިރީގައި އަލި އަޅުވާލާފައި މިވަނީ އިންސާނުންނަށް އެންމެ ބޮޑަށް އެގިފައިވާ މަސްތުވާތަކެތީގެ ވައްތަރު ތަކަށެވެ.

1 - އަލްކޮހޯލް

އަލްކޮހޯލަކީ މަސްތުވާ އެއްޗެއްގެ ގޮތުގައި، އެންމެ ކުރިން އިންސާނުން ބޭނުން ކުރަން ފެއްޓި އެކައްޗެވެ. ތަފާތު ބާވަތްތަކުގެ ކާތަކެތި ކަމީރުކުރަން ފުރަތަމަ ދަސްކުރި ބަޔަކީ ޗައިނާ މީހުންކަމަށް ވެއެވެ. އެގޮތުން ހަނޑޫ، އަލުވި، ގޮދަން، ހިމަގޮދަން ފަދަ ތަކެތިން ކަމީރާކޮށްގެން ރަލުގެ ގޮތުގައި ބޮއެ ހެދިއެވެ. އެމީހުން މިއަށް ދިން ނަމަކީ ނަބީޒެވެ. ނަމަވެސް ޙަޤީޤީ ނަބީޒު ޗައިނާއަށް ތަޢާރަފު ވެފައިވަނީ، މީލާދީ ކުރިން 200 ވަނަ އަހަރު، ރޫމާނީ އިމްބްރާޠޫރިއްޔާ އާއި ޗައިނާ އިމްބްރާޠޫރިއްޔާ ދެމެދުގައި ގުޅުން އުފެދި ހުޅަނގު ޤައުމުތަކުން ޗައިނާއަށް މޭބިސްކަދުރު ތަޢާރަފު ވުމާއި ވިދިގެންނެވެ.

ޤަދީމީ ޗައިނާގައި، އިލާހުންތަކަށް ޤުރުބާން ކަތިލުމާ ޢަސްކަރީ ކާމިޔާބީތައް ލިބުން، ކައިވެނި ފަދަ ތަފާރު އިޖްތިމާޢީ އިޙްތިފާލުތަކުގައި އަލްކޮހޯލް ބުއިންތައް ދެވެއެވެ. ކުރީގެ މިޞްރު ޙަޟާރަތާއި ރޫމާނީ ޙަޟާރަތް އަދި ގުރީކު ޙަޟާރަތްފަދަ ބޮޑެތި ޙަޟާރަތްތަކުގައި ވެސް އަލްކޮހޯލް ބޭނުންކޮށްފައިވެއެވެ. ހަމަ އެހެންމެ އޭޝިއާ އަދި އެފްރިކާގެ ތަރައްޤީ ނުބާ ޤަބީލާތަކުގެ މީހުންވެސް އަލްކޮހޯލް ދަނެއެވެ.

2- ޙަޝީޝް (ކެނަބިސް)

hashish-gasކެނަބިސް މިބަހުގެ އަސްލަކީ ލެޓިން ބަހެއް ކަމުގައިވާ ''ކެނަބް'' އެވެ. މާނައަކީ ހޯބޯލެއްވުމެވެ. މި ގަހަށް މިހެން ކިއުނީ މި ގަސް މަސްތުވާ އެއްޗެއްގެ ގޮތުގައި ކާ މީހުން މަސްތުގެ އެންމެ މައްޗަށް ދެވުނީމާ ހޯބޯ ލައްވާ އަޑުގަދަ ކޮށް ހަދާތީއެވެ. މި ގަހުގައި ހުންނަ އެންމެ ބާރުގަދަ އެއް މާއްދާއަކީ THC ނުވަތަ (Tetrahydrocannabinol) އެވެ. މި މާއްދާގެ އަސަރު ކެނަބިސް ބޭނުން ކުރާތާ އެތައް ހަފްތާއެއްގެ ފަހުންވެސް، ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން އެގޭނެއެވެ.

ކެނަބިސް ގަހުން ނެގޭ މަސްތުވާ މާއްދާއިން އުފެއްދޭ އެންމެ މަޝްހޫރު އެއްޗައް މިކިޔަނީ ހަޝީޝްއެވެ. ޢަރަބި ބަހުން ޙަޝީޝްގެ މާނައަކީ ވަލު ވިނައެވެ. ޙަޝީޝް މި ބަސް އުފެދުނު ގޮތާބެހޭ ހޯދުންތައް ހޯދި ބައެއް މީހުން ދެކޭ ގޮތުގައި ކެނަބިސް ގަހުން އުފެއްދޭ މި މަސްތުވާ އެއްޗަށް ޙަޝީޝް ކިއުނީ، ޢިބްރީ ބަހެއް ކަމުގައިވާ ''ޝީޝް'' އިން ނެގިގެންނެވެ. ޢިބްރީ ބަހުގައި ޝީޝް އަކީ އުފާވެރިކަމެވެ.

ވަރަށް ކުރީ ޒަމާނުއްސުރެވެސް މީހުން ކެނަބިސް ގަސް ދަނެއެވެ. އަދި މިގަހުގެ ތަފާތު ބޭނުންތައް ކުރިއެވެ. އެގޮތުން ގަހުގެ ތޮށިން ރޮދި ނަގައިގެން ފޭރާން ހެދުމާއި ދީނީ ބޭނުންތަކަށާއި ''ހިތްހަމަ'' ޖެއްސުމަށް ބޭނުންކޮށްފައިވެއެވެ.

މި ގަސްވެސް އެންމެ ފުރަތަމަ ދެނެގަނެފައިވަނީ ޗައިނާ މީހުންނެވެ. މީލާދީއަށްވުރެ 2737 އަހަރު ކުރިން ޗައިނާގެ އިމްބްރާޠޫރު ޝަން ނިންޖް މި ގަސް ދަސްކުރިއެވެ. އޭރު އޭނާ މިގަހަށް ނަމެއްގެ ގޮތުގައި ދިނީ ''އުފާ ގެނެސްދޭ އެތި'' އެވެ. ހިންދީން މިގަހަށް ކިޔާފައިވަނީ ހިތާމަ ލުއިކުރާ އެއްޗެވެ.

މީލާދީން 7 ޤަރުނު ކުރީގާ އާޝޫރީން އެބައިމީހުންގެ ދީނީ ޙަފްލާތަކުގައި މި ގަސް ބޭނުން ކުރިއެވެ. ކެނަބިސް މި ބަސް ގަހަށް ކިޔާފައިވަނީ 1753 ވަނަ އަހަރު، ގަހާބެހޭ ޢިލްމުވެރިއެއް ކަމުގައިވާ ލިނާއޮސް އެވެ. އިސްލާމީ ދުނިޔެއަށް އެންމެ ފުރަތަމަ ޙަޝީޝް ތަޢާރަފު ވެފައިވަނީ މީލާދީން 11 ވަނަ ޤަރުނުގައެވެ. އެއީ ޙަސަނު ބިން ޞަބާޙު ކިޔާ މީހަކު އަމިއްލައަށް ފާޑެއްގެ މަގުފުރެދިފައިވާ މަޛުހަބެއް މެދުތެރޭ އޭޝިއާގައި ހަދައިގެން، އޭނާއަށް ތަބާވާ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި މި މަސްތުވާ އެތި ދީގެން އުޅެން ފެށުމުންނެވެ.

ޔޫރަޕު މީހުންނަށް ހަޝީޝް އެގިފައިވަނީ ނިސްބަތުން ވަރަށް ފަހަކުންނެވެ. އެއީ މީލާދީން 17 ވަނަ ޤަރުނުގައި ހުޅަނގު މީހުން އިރުމަތީ ޘަޤާފަތްތައް ހޯދާ ދަސްކުރުމުގެ މަރުހަލާ ފެއްޓުމާއި އެއްކޮށެވެ. ނެޕޯލިއަން ބޮނަޕާޓު، މިޞްރު އިސްތިޢުމާރުކޮށްފައި ބާއްވަން އުޅުނު އުޅުން ފަހުން ނާކަމިޔާބުވެގެން، އަނބުރާ ދިޔައިރު މަސްތުވާ މި ގަސް ޔޫރަޕަށް ގެންދިޔަކަމަށްވެއެވެ.

މި ޒަމާނުގައި މަސްތުވާތަކެތި ބޭނުން ކުރުން އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމު ކަމަށްވާ އެމެރިކާއަށް، އެންމެ ފުރަތަމަ ޙަޝީޝް ތަޢާރަފުވީ 20 ވަނަ ޤަރުނުގެ ކުރީ ކޮޅުގައި، އެތާގައި މަސައްކަތް ކުރަން ދިޔަ މެކްސިކޯ މީހުންގެ ޒަރީޢާއިންނެވެ.

3- އަފިހުން

opiumމަސްތުވާތަކެތީގެ މަންމަ ކަމަށްވެސް ބުނެވޭ ، އަފިހުން އެންމެ ފުރަތަމަ ހޯދާފައިވަނީ މީލާދީން 7 ހާސް އަހަރު ކުރިން، މެދުތެރޭ އޭޝިއާ މީހުންނެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އަފިހުން ގޮސްފައިވަނީ މި ހިސާބުގަޑުންނެވެ. ކުރީގެ މިޞްރު މީހުންވެސް މީލާދީން 4 ހާސް އަހަރު ކުރިން އަފިހުން އެއީ ކޮންއެއްޗެއްކަން ހޯދައި، ތަދު ކަނޑުވާ އެއްޗެއްގެ ގޮތުގައި ބޭނުން ކުރިއެވެ. ފާރިސީންނާއި ހިންދީން އަދި ސޫމާރީންވެސް އަފިހުން ދަނެއެވެ. އަދި ފަހުން ގްރީކަށާއި ރޫމީންގެ ތެރެއަށް މި ތަޢާރަފުވެ، ނުބައި ގޮތުގައި އަފިހުން ބޭނުން ކުރަން ފެށިއެވެ. މީހުންތައް މިއަށް ދެވިހިފަން ފެށުމުން އެތާގެ ވެރިން ވަނީ އަފިހުން ބޭނުން ކުރުން މަނާވެސް ކޮށްފައެވެ.

މީލާދީން 8 ވަނަ ޤަރުނުގައި ޢަރަބިންނަށް އަފިހުން އެގުނެވެ. އެގޮތުން މަޝްހޫރު އިސްލާމީ ޑޮކްޓަރު އިބްނު ސީނާ ވަނީ، ފުއްޕާ މޭގެ ދުލިފަށަށް ޖެހޭ ބައްޔަކަށް ފަރުވާ ދިނުމުގައި އަފިހުން ބޭނުންކޮށްފައެވެ.

މީލާދީން ހަވަނަ ޤަރުނުއްސުރެ އިންޑިއާ މީހުން، އަފިހުން ދަނެއެވެ. އިންޑިއާ މީހުން ޗައިނާއާއި ދެމެދު ކުރި ވިޔަފާރީގެ ބަދަލުކުރުންތަކުގައި، ކޮންމެވެސް ވަރަކަށް، އަފިހުންވެސް ޗައިނާއަށް ވިއްކާފައިވެއެވެ. ނަމަވެސް އިގިރޭސިން އިންޑިއާ އިސްތިޢުމާރު ކުރުމަށްފަހު އިންޑިއާގައި ''އިރުމަތީ ކުންފުނި'' އުފައްދާ މި ވިޔަފާރިއަށް އަތްގަދަ ކުރިއެވެ. އިގިރޭސިން ދިޔައީ އަމިއްލަ ފައިދާއަށްޓަކާ، އެއްވެސް ސުމާރެއް ނުބަލާ ޗައިނާއަށް މި މަސްތުވާއެތި ވިއްކަމުންނެވެ. އެންމެ ފަހުން ޗައިނާ މީހުންނަށް ޖެހުނީ މިކަން ހުއްޓުވާށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 1839 -1842 ދެމެދު ކުރެވުނު މަޝްހޫރު އަފިހުން ހަނގުރާމަ ހިގުމެވެ. ހަނގުރާމަ ނިމުނީ 1843 ވަނަ އަހަރު ޗައިނާ ބަލިވެ، ހޮންކޮންގް އިގިރޭސިންގެ އަތްދަށަށް ގޮސްގެންނެވެ. އަދި އެންމެ 5 އިންސައްތަ ޑިއުޓީއަކާއެކު ޗައިނާގެ ބާޒާރު ހުޅަނގުގެ މުދާތައް ކުރިމަތީ ހުޅުވަލަން މަޖްބޫރު ކުރެވުނެވެ.

އެމެރިކާ މީހުން ޗައިނާ ބާޒާރަށް ވަނީވެސް މި ހަނގުރާމައާއި ވިއްދައެވެ. އަދި ވަދެ ''އިރުމަތީ ކުންފުނި'' އާއި ވާދަކޮށް 1844 ވަނަ އަހަރު ޗައިނާއާއި އެކު އެއްބަސްވުމެއް އެއްބެސްވިއެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ ޗައިނާގައި އަފިހުން ބޭނުން ކުރާ މީހުން އެތައް ގުނައަކަށް މައްޗަށް ދިއުމެވެ. އެގޮތުން 1906 ވަނަ އަހަރު ޗައިނާގައި އަފިހުނަށް ދެވިހިފާފައި ތިބި މީހުންގެ ޢަދަދު 15 މިލިއަނަށް އެރިއެވެ. އަދި 1920 ވަނަ އަހަރު ޗައިނާގެ ފިރިހެނުންގެ 25 އިންސައްތަ މީހުން އަފިހުނަށް ދެވިހިފާފައި ތިބިކަމަށްވެއެވެ. މަސްތުވާ މިގަހުން ޗައިނާއަށް ލިބެމުން ދިޔަ ގެއްލުމުގެ ނިމުމަކަށް ވީ 1950 ވަނަ އަހަރު މައޮސީ ޓޮންގ، އަފިހުނާ އިދިކޮޅު ކެމްޕޭނެއް ފައްޓުމުންނެވެ.

4- މޯފިން

މިއީ އަފިހުނުން ނެގޭ އެއްޗެކެވެ. ޖަރުމަނު ވިލާތު ޢިލްމުވެރިއެއް ކަމުގައިވާ ސާ ޓެބްރެޒް 1806 ވަނަ އަހަރު، އަފިހުންއާ މޯފިން ވަކިކުރުމުގައި ކާމިޔާބު ހޯދިއެވެ. އޭނާ އަލަށް ހޯދުނު މި މާއްދާއަށް ''މޯފިން'' ގެ ނަމުން ނަން ދިނީ މުސްކުޅި ގްރީކު މީހުން ހުވަފެނުގެ އިލާހު ކަމުގައި ދުށް މޯފިޔޮސް އަށް ނިސްބަތްކޮށެވެ. މި އާ ހޯދުން ހޯދުމާ ވިދިގެން އޮޕަރޭޝަން ކުރާއިރު ތަދުކަނޑުވަން ވަރަށް ފުޅާ ދާއިރާއެއްގައި މޯފިން ބޭނުން ކުރަން ފެށުނެވެ. ޚާއްޞަ ގޮތެއްގައި އެމެރިކާގައި ހިނގި އަހުލީ ހަނގުރާމައިގައި އަނިޔާވާ މީހުންނަށް ފަރުވާ ދިނުމުގައި މި މާއްދާ ބޭނުން ކުރެވުނެވެ. އަދި އޭގެ ފަހުން އިންޖެކްޝަން ކަށި ޢާއްމުންގެ ތެރެއަށް ތަޢާރަފްވެ، އެންމެންނަށްވެސް ލިބޭ ފަށުގައި ހުންނަން ފެށުމާއެކު މޯފިން ބޭނުން ކުރާ މީހުން އިތުރުވެގެން ދިޔައެވެ.

5- ހިރޮއިން

މިއީ މޯފިން އިން ވަކިކުރެވޭ އެންމެ ނުރައްކާކަން ބޮޑު މާއްދާއަށް ކިޔާނަމެކެވެ. 1898 ވަނަ އަހަރު ފުރަތަމަ ފަހަރަށް މި ހޯދައި ތައްޔާރު ކުރީ ބޭސްވެރިކަމުގެ ގޮތުގައި، ބޭސް އުފައްދާ ޖަރުމަނުވިލާތު މަޝްހޫރު ބަޔާރ ކުންފުންޏެވެ. ނަމަވެސް ފަހުން މީހުން މި މާއްދާގެ ބޭނުން ނުބައި ގޮތުގައި ހިފައި މަސްތުވާތަކެތީގެ އެންމެ ކުރީ ސަފަށް އެރިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކަމާބެހޭ ފަރާތުން ވަނީ މިއީ މަސްތުވާތަކެތީގެ އެންމެ ނުރައްކާ އެއް ބާވަތް ކަމުގައި ކަނޑައަޅާފައެވެ.

6- އެމްފިޓަމިން

1887amphetamine ވަނަ އަހަރު އެމްފިޓަމިން ތައްޔާރު ކުރެވުނު ކަމުގައިވިޔަސް 1930 ވަނަ އަހަރާ ޖެހެންދެން މި ބޭސް ބޭހުގެ ގޮތުގައި ބޭނުމެއް ނުކުރެއެވެ. ބާޒާރަށް އެންމެފުރަތަމަ މި ނެރެފައިވަނީ ބެންޒޮރިންގެ ނަމުގައެވެ. އޭގެ ފަހުން ކެކްޑްރިން، މެސްޓެޑްރިން، ރިޓަލިން ފަދަ ތަފާތު ނަންނަމުގައި، މިބޭސް އުފެއްދުނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ސިފައިންނާ، ޕައިލެޓުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރުމުގެ ބޭނުމުގައި އެމްފިޓަމިން ބޭނުން ކުރިކަން އެގެން އެބަހުއްޓެވެ. ނަމަވެސް ހަނގުރާމައަށް ފަހު މި ބޭސް ފުޅާދާއިރާއެއްގައި ޢާއްމުން ބޭނުން ކުރަން ފެށިއެވެ. ތާރީޚަށް ބަލާއިރު ޒުވާނުންގެ ތެރޭގައި ފުޅާގޮތެއްގައި މި ބޭސް ނަހަމަ ގޮތުގައި ބޭނުން ކުރަން ފެށީ ޖަޕާނު މުޖްތަމަޢުގައެވެ. 1954 ވަނަ އަހަރު ޖަޕާނުގެ 1.5މިލިއަން މީހުން އެމްފިޓަމިން ބޭނުން ކުރިކަމަށް އަންދާސާ ކުރެވިފައިވެއެވެ. ކަމުގެ ނުރައްކާ ޖަޕާނު ސަރުކާރަށް އިޙްސާސްވެގެން، ސަރުކާރުގެ ހުރިހާ ބާރެއް މި ބޭސް ބޭނުން ކުރުމާ ދެކޮޅަށް ބޭނުން ކުރިއެވެ. އަދި 1960 ވަނަ އަހަރު، މިވަބާގެ ވަރަށް ބޮޑު ބައެއް ނައްތާލެވުނެވެ.

7- ކޮކެއިން

cocaineއެ ގަހަކުން ކޮކެއިން ނަގާ ނުވަތަ ނެރޭ ގަސް ކަމުގައިވާ ކޮކާ ގަހަކީ، ދެކުނު އެމެރިކާ ސަރަހައްދުގައި މީގެ ދެހާސް އަހަރު ކުރިންވެސް މީހުން ދަންނަ ގަހެކެވެ. ރަތް އިންޑިއާ މީހުންގެ ޤަބީލާއެއް ކަމުގައިވާ އަންކާ ޤަބީލާ މީހުން މި ފަތް ކައި އުޅުނު ކަމަށް ވެއެވެ. އެމީހުން އެ ކައި އުޅުނީ ކޮކެއިން ގޮތުގައެއް ނޫނެވެ. ބައެއް ދިވެހިން ބިލެއް ކައި އުޅޭ އުޞޫލުން އަނގަ މީރު ކުރަން ނުވަތަ ފާޑެއްގެ މަސްތެއް ވާތީ ކޮކާ ގަހުގެ ފަތް ކައި އުޅުނީއެވެ. ކަން މިހެން އޮއްވާ، 1860 ވަނަ އަހަރު އަލްފްރެޑް ނިމަން ނަމަކަށް ކިއޭ ޢިލްމުވެރިއެއް، ކޮކާ ގަހުން ވަރަށް ބާރުގަދަ މާއްދާއެއް ވަކި ކުރިއެވެ. އެއީ ކޮކެއިންއެވެ. އޭގެ ފަހުން ދުނިޔޭގައި ފުޅާދާއިރާއެއްގައި ކޮކެއިން މާއްދާ ބޭނުން ކުރަން ފެއްޓުނެވެ. ކޮކެއިން އަކީ ސެންޓްރަލް ނާވަސް ސިސްޓަމް ވަރަށް ބޮޑަށް ހީވާގި ކުރުވާ އެއްޗެއް ކަމަށް ވުމާއެކު، މި މާއްދާ ފުރަތަމަ ބޭނުން ކުރެވުނީ ބޭސްވެރިކަމުގެ ގޮތުގައެވެ. މިއީ ނިކުނޑިއަށް އަސަރު ކުރުވާ އެއްޗަކަށް ވުމާއެކު ވިޔަފާރުވެރިން އެމީހުންގެ ބައެއް އުފެއްދުންތަކަށް ޢާއްމުން ދެވި ހިފުވުމަށްޓަކައި، އޭގައި ކޮކެއިން ހިމަނަން ފެއްޓިއެވެ. ޚާއްޞަ ގޮތެއްގައި ފާހަނގަ ކޮށްލަން ޖެހޭ އެއްޗަކީ ކޮކާ ކޯލާއެވެ. ނަމަވެސް ސަރުކާރު ތަކުގެ ފިއްތުންތަކަށް އޮބިނޯވެގެން 1903 ވަނަ އަހަރު، ކޮކާ ކޯލާގައި ކޮކެއިން ހިމެނުން ހުއްޓާލެވުނެވެ.

ބޭސް އުފައްދާ ބައެއް ކުންފުނިތަކުން ފުރަތަމަ ބުނަމުން ދިޔައީ، ކޮކެއިނަކީ ހަމަ ސައިފަތް، ކޮފީ ފަދަ ތާސީރެއް އެކުލެވޭ އެއްވެސް ގެއްލުމެއް ނެތް މާއްދާއެއް ކަމުގައެވެ. ކޮކެއިން މޮޅުކޮށް އެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވި އެކަކީ ފަރަންސޭސިވިލާތު ފާމަކޮލޮޖިސްޓެއް ކަމުގައިވާ އެންޖަލޯ މާރިއާއެވެ. ކޮކާ ގަހުގެ އަޞްލު ބިމަކީ ދެކުނު އެމެރިކާއެވެ. ޔޫރަޕަށް ފުރަތަމަ ކޮކާގަސް ގެންދިޔައީ، ސްޕޭނު މީހުން ދެކުނު އެމެރިކާ އިސްތިޢުމާރުކޮށްގެން ތިބި ދުވަސްވަރު، ސްޕޭނު މީހެކެވެ.

8- ޤާތު

މިއީ އެފްރިކާގެ ދަޅު ސަރަހައްދާއި އަފްޣާނިސްތާން ޔަމަން އަދި މެދުތެރޭ އޭޝިއާ ސަރަހައްދުގައި ވަރަށް ޢާއްމު ގަހެކެވެ. ގަހުގެ އުސްމިނަކީ އެއް މީޓަރާ ދެ މީޓަރާ ދެމެދު މިންވަރެކެވެ.

މި ގަހުގެ އަޞްލު ބިމަކީ އަފްޣާނިސްތާނާއި ތުރުކިސްތަނު ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ދެކެނީ މި ގަހުގެ އަޞްލު ބިމަކީ ޙަބްޝުކަރަ (މިހާރުގެ އިތިއޯޕިއާ) ކަމުގައެވެ. އެފްރިކާ ޤައުމުތަކާއި ޔަމަންފަދަ ޤައުމުތަކުފެ ވަރަށް ގިނަ މީހުން މި ކައި އުޅެއެވެ. އަދި މިއީ ''މަސްތުވާ'' އެއްޗެއްގެ ގޮތުގައި ނުބަލައެވެ. އަދި ޔަމަނު ޤާނޫނުގައިވެސް މިއީ މަނާ މަސްތުވާތަކެތީގެ ތެރޭގައި ހިމަނާފައި ނުވެއެވެ. ނަމަވެސް ކަމާބެހޭ ގިނަ ތަޖުރިބާ ކާރުން ދެކެލައްވާ ގޮތުގައި މިއީ ހަމަ ބަހުގެ ފުރިހަމަ މާނައިގައި މަސްތުވާއެއްޗެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.