ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ސިގިރެޓާއި ބެހޭ، ސުވާލު ޖަވާބު

ސިގިރެޓާއި ބެހޭ، ސުވާލު ޖަވާބު

1suval-javaab- ނުސީދާ ގޮތަށް ސިގިރެޓި ބުއިމަކީ ކޮބައި ؟

ނުސީދާ ގޮތަށް ސިގިރެޓް ބުއިމޭ ބުނަނީ، އެހެން މީހެއް ސިގިރެޓި ބޮއެފައި ދޫކޮށްލާ ދުން ނުވަތަ ސިގިރެޓި އަދައިގެންދާ އިރު އެއިން އެ އަރާ ދުން، އެ މީހާގެ ގަސްތަކާއި ނުލައި ބޮއެވުމެވެ. މިސާލަކަށް މީހަކު ކޮޓަރިތެރޭ ސިގިރެޓި ބޯނަމަ، ކައިރީ ހުރި އަނެކާއަށް ސިގިރެޓި އެ ބޮވެނީ ނުސީދާ ގޮތެއްގައެވެ. ބައެއް މީހުން ހީކުރަނީ ގެއްލުން ވަނީ ހަމައެކަނި ސީދާގޮތެއްގައި ސިގިރެޓި ބޯ މީހުންނަށެވެ. ނަމަވެސް މިއީ މުޅިން ކުށް ހީއެކެވެ. ބައްޕަ ސިގިރެޓި ބޯ ނަމަ، ކޮޓަރީގައި އެ އޮންނަ ޅަ ދަރިފުޅަށްވެސް ގެއްލުން ލިބެއެވެ. ރަހުމަތްތެރިއާ ކައިރީ ހުރެގެން ދުން ބޯ ނަމަ، އަނެކާއަށްވެސް އެދެވެނީ، ގެއްލުމެކެވެ.

2- ނުސީދާ ގޮތަށް ބޮވޭ ދުމުގައި އެކުލެވިގެންވަނީ ކޮންއެއްޗެއްތަ ؟

އެހެން މީހެއް ސިގިރެޓި ބޮއެފައި ދޫކޮށްލާ ދުން ނުވަތަ ސިގިރެޓި އަދައިގެންދާ އިރު އެއިން އެ އަރާ ދުމުގައި 4000 އެއްހައި ކެމިކަލް މާއްދާ އެކި ސިފަސިފައިގައި ހުރެއެވެ. މީގެ ތެރޭގައި ވަރަށް ވިހަގަދަ ގެއްލުން ބޮޑު ގޭސްތައް ހިމެނިގެން ވެއެވެ. އެގޮތުން ހައިޑްރޮޖިން ސައިނައިޑް، ސަލްފާ ޑައި އޮކްސައިޑް، ކާބަން މޮނޮކްސައިޑް، އެމޯނިއާ، ފޯމަލްހައިޑް، ހިމެނެއެވެ. މީގެ އިތުރަން ދުންފަތުން އުފެދޭ ދުމުގައި ކަރސިނޯޖެންސް (ކެންސަރު ޖައްސާ ތަކެތި )، ވިރާސީ އުނި ސިފަތައް ގެންނަ އާރސެނިކް، ނައިޓްރޯޒަމިން ފަދަ ގޭސްތައް ހުރެއެވެ.

ނުސީދާ ގޮތުން ސިގިރެޓުން އަރައިގެންސާ ދުމަކީ، ބަންދު ތަންތާގެ ވައި ނުސާފު ކުރުމުގެ އެއްވަނަ ސަބަބެވެ. މި ގޮތަށް މީހުންނަށް ބޮވޭ ދުމަކީ، ކެންސަރު ޖެއްސުމުގައި އެހީވެދޭ އެއްޗެހި ތަކުގެ ތެރެއިން '' އޭ '' ދަރަޖަ ، އެމެރިކާގެ ތިމާވެއްޓާއި ބެހޭ އިދާރާއިން ވަނީ ދީފައެވެ.

3- ނުސީދާ ގޮތުން ބޮވޭ ދުމުން ޞިއޙަތަށް ގެއްލުންވަނީ ކޮންގޮތަކުން ؟

އެހެން މީހުން ބޯ ސިގިރެޓުގެ ދުން ބޮވޭ މީހުންވެސް، ސިގިރެޓި ބޯ މީހުންނަށް ކުރިމަތިވާ ކަހަލަ ޞިއްޙީ މައްސަލަތަކާއި، މިކަމުގެ ސަބަބުން، ކުރިމަތިލާން ޖެހިފައިވެއެވެ. މީގެތެރޭގައި ފުއްޕާމޭގެ ބަލިތައް، ހިތުގެ ބަލިތައް އަދި ނޭފަތަށް ދިމާވާ އުދަގޫތައް ހިމެނެއެވެ.

ނުސީދާކޮށް ދުން ބޮއެވުމުގެ ސަބަބުން، ކުޑަކުދިންނަށް ލިބޭ ގެއްލުން ވަކިން ބޮޑެވެ. އެގޮތުން ނޭވާ ހޮޅި ފާރުވުމާއި، ފުއްޕާމޭ ފާރުވުން، ގަދައަށް ކެއްސުން، ކަންފަތުގެ މައްސަލަތައް ހިމެނެއެވެ. މާބަނޑު އަންހެނުން ސިގިރެޓި ދުމަށް ހުށައެޅެވެމުން، ޖަނީން (ބަނޑުގައި ވާ ދަރިފުޅު ) އުފެދި ބޮޑުވުން ލަސްވެއެވެ. ހަމަ އެހެންމެ، ވިހެއުމަށްފަހު ކުޑަކުދިން މީހުން ދޫ ކޮށްލާ ދުން ބޮއެވުމުން، (ކުއްލި މަރު )، ކުޑަ ކުދިންނަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

4- ނުސީދާ ގޮތުގައި ބޮއެވޭ ދުމުގެ މައްސަލައަކީ، ކިހާ ބޮޑު މައްސަލައެއްތަ ؟

ނުސީދާ ގޮތުގައި ބޮއެވޭ ދުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގައިވެސް ފެތުރެމުންދާ، ބޮޑުވެފައިވާ ނުރައްކާތެރި މައްސަލައެކެވެ. ހަޤީޤަތުގައި ސިގިރެޓި ބޯ މީހުންގެ މައްސަލައަށްވުރެ ބޮޑި، ސިގިރެޓި ނުސީދާކޮށް ބޮއެވޭ މީހުންގެ މައްސަލައެވެ. އެހެނީ މިއީ ކޮންމެ ދުވަހެއްގައި އެތައް ފަހަރަކު ކޮންމެ މީހަކާއިވެސް ކުރިމަތިވެ ތަކުރާރު ވަމުންދާ ކަމެކެވެ. ގޭތެރޭގައި، މަސައްކަތް ކުރާ ތާގައި، ސްކޫލުގައި، ދަނޑުތަކުގައި، ދަތުރުފަތުރު ކުރާ އިރު، ހޮޓާ ފަދަ ތަންތާގައި ކޮންމެ ދުވަހަކު ވެސް، މީހުންނަށް ނުސީދާކޮށް ދުންބޮވެއެވެ.

ދިރާސާތައް ދައްކާ ގޮތުން، ނުސީދާކޮށް ދުން ބޮއެވޭ މީހުންގެ ޢަދަދު ދަނީ ދުނިޔޭގައި ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެގޮތުން ނެގުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 15 އަހަރުން މަތީ ޔޫރަޕް މީހުންގެ ތެރެއިން 79 އިންސައްތަ މީހުންނަށް ނުސީދާގޮތަށް ދުން ބޮއެވިފައިވެއެވެ. އެމެރިކާގެ ސިގިރެޓި ނުބޯ މީހުންގެ 88 އިންސައްތަ މީހުން ދުމަށް ހުށައެޅެވިފެއިވެއެވެ. ދެކުނު އެފްރިކާގައި ހޯދުނު ހޯދުމެއް ދެއްކި ގޮތުގައި އެތާގެ ސްވީޓޯ ކިޔާ ރަށުގެ، ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ 64 އިންސައްތަ އުޅެނީ، މަދުވެގެން ދުންފަތުގެ އިސްތިޢުމާލު ކުރާ އެކަކު އުޅޭ ގެއެއްގައެވެ. ނިއުޒިލޭންޑުގެ ކެންސަރ ސޮސައިޓީ އަކުން ބުނިގޮތުގައި، އެ ޤައުމުގައި ރާބުއިމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން އެއްކިބާކޮށް ދެން އެންމެ ގިނައިން މީހުން މަރުވަނީ ނުސީދާކޮށް ދުންފަތުގެ ބޭނުން ކުރެވިގެންނެވެ.

5- ދުން ބޯ މީހުންނަށް ޚާއްސަކޮށްގެން، ވައި ދައުރުވުން ރަނގަޅު ތަންތަން ހެދުމަކީ ހައްލެއްތަ؟

ނޫން، ވައިދައުރުވުން ރަނގަޅަށް ހުރުމުން ތަނުގެ ތެރޭގައި ދުންބޯވެ ތަންދޮރުނޭގޭ ވަރަށް ކަންތައް ނުދިއުމުގައި އެހީވެދީފާނެއެވެ. ނަމަވެސް ސިގިރެޓުން އެ އަރާ ދުމުގައި ހުންނަ ވިހަ ކެމިކަލްތަކުގެ ނުރައްކާ، ހުރި މިނުގައި ހުރެއެވެ. މިސާލަކަށް އޮފީހެއްގެ ވަކި ކޮޓަރިއެއް ސިގިރެޓި ބޯން ޚާއްސަ ކުރިއަސް، އެ ތަނުން ނުކުންނަ ދުން މުޅިން ދުރު ހިސާބަކަށް ނުދަންޏާ، ކައިރީގައި އުޅޭ މީހުންނަށް ގެއްލުމުގެ އަސަރު ފޯރާނެއެވެ.

6- ނުސީދާ ގޮތުން ބޮވޭ ދުމުން، މީހުން ހިމާޔަތް ކުރާނީ ކިހިނެއް؟

ޢާއްމުން އެއްވެ އުޅޭ ތަންތާގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކޮށް، މަސްއޫލު ފަރާތްތަކަށް ޤަވާޢިދު ހެދިދާނެއެވެ. އަދި މިކަމުގެ ގެއްލުމާއި ބެހޭ ގޮތުން ހޭލުންތެރި ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އަނެއް ކޮޅުން މިހާރު ސިގިރެޓި ބޮމުން ދާ މީހުން، އެ ނުބައި އާދައިން ސަލާމަތް ކުރުމަކީވެސް ވަކި މުހިންމުކަން ކުޑަކަމެއް ނޫނެވެ. އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުގައި ސިގިރެޓި ބުއިން މަނާ ކުރުމަކީ ވެސް، އެތަންތާގެ ވެރިންނަށް ކުރެވިދާނެ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މައިންބަފައިން ގޭ ގައި އެކަން ކުރުން ހުއްޓާލުމަކީ ދަރިންގެ ސަލާމަތަށް ކުރެވޭ ޚިދުމަތެއްގެ އިތުރަށް، ސިގިރެޓި ބުއިން ހުއްޓުމަށް އެހީވެދީފާނެ ފިޔަވަޅެއްވެސް މެއެވެ. ކައިރީގައި މީހަކު ހުރެގެން ސިގިރެޓި ބޯނަމަ، ތިމަންނައަށް ތިކަމުން އުދަގޫވާ ކަމަށް ބުނެވިދާނެއެވެ.

7 - ދުމުގެ އަސރު ނެތް ތަނެއް ނުފެންނަނީ ކީއްވެތަ؟

ނުސީދާގޮތުން ބޮވޭ ސިގިރެޓާއި އެނުންވެސް ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމާއި ބެހޭ ގޮތުން، ޢާއްމުން އޮޅުވައި ވާ ވެއްދުމަށް، ސިގިރެޓި އުފައްދާ ބޮޑެތި ކުންފުނި ތަކުން އެތަކެއް މިލިއަން ޑޮލަރުގެ ހޭދައެއް ކުރެއެވެ. ނުބައި މަޢުލޫމާތު ޢާއްމުންގެ ތެރެއަށް ދޫކޮށް ތަފާތު ގޮތްގޮތަށް މީހުންގެ ސިނކުޑިއާއި ކުޅެލެވޭތޯ މަސައްކަތް ކުރެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޞިއްޙަތަށް ލިބޭ ގެއްލުމާއި ބެހޭ ގޮތުން ހޯދިފައިވާ ހޯދުންތައް އެއީ ޞައްޙަ އެއްޗެއް ނޫންކަމަށް މީހުންނަށް ހީވާނެ ފަދަ ގޮތަކަށް، ތެދުވެރިކަމެއް ނެތް ޢިލްމުވެރިންނަށް ލާރި ދީގެން، ދިރާސާތައް ނެރެއެވެ.

ދުންފަތާއި ދެކޮޅަށް ހެދިފައި ހުންނަ ޤާނޫންތައް، ޤާނޫނީ ވަކީލުން ލައްވައި، ގޮތް ގޮތަށް ތަފްސީރުކޮށްގެން ޤާނޫންތަކުން ސިގިރެޓި ކުންފުނިތަކުން ރެކިގަންނަނީވެސް މަދެއްކޮށެއް ނޫނެވެ.

ޢާއްމު ތަންތާގައި ސިގިރެޓި ބުއިން މަނާ ކުރާ ޤާނޫނުތައް، ގިނަ ޤައުމުތަކެއްގައި ފެތުރިއްޖެ ނަމަ، ސިގިރެޓި ވިއްކޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެކަން އެގޭތީ، ސިގިރެޓި ކުންފުނިތަކުން ވަނީ، ޢާއްމު ތަންތާގައި ސިގިރެޓި ބުއިން މަނާ ކު ރުމުގެ އޮއިވަރާއި ދެކޮޅަށް ވަރަށް ''ބުއްދިވެރި '' ޝިޢާރެއް ފަތުރަން ފަށައިފައެވެ. ''ހުއްދައަށް އެދުން'' އެއީ އިޚްތިޔާރެއް ކަމުގައި ހެދުމެވެ. މީގެ މާނައަކީ، ސިގިރެޓެއް ރޯ ކޮށްލުމުގެ ކުރިން، ''މައްސަލައެއް ނެތް ދޯ'' ''އެއްޗެއް ރޯ ކޮށްލާނަމޭ '' މި ފަދަ ޢބާރާތަކުން ކައިރީ ހުންނަ މީހާގެ އިޒުނައަކަށް އެދިލުމެވެ. އަނެއް ހައްލެއް ކަމުގައި މި ފަރާތްތަކުން ބުނަނީ ސިގިރެޓި ބޯ މީހުންނަށް، ޢާއްމު ތަންތާގައި ވަކި ތަނެއް ޚާއްޞަ ކޮށްފައި ބެހެއްޓުމެވެ. އެއާރ ޕޯޓު، މަތިންދާ ބޯޓު، އޮފީސްތެރެ ސައި ހޮޓާ، އަދި މި ނޫނަސް ޢާއްމު ތަންތާގައި ސިގިރެޓި ބޯ މީހުންނަށް ވަކި ތަނެއް ޚާއްސަ ކުރުމަކީ، އެހެން މީހުންނަށް ރައްކައުތެރި ގޮތެއް ކަމުގައެވެ.

ނަމެވެސް އޮފީހުގައި ސިގިރެޓި ބޯ ވަކިތަނެއް، ހޮޓަލުގައި ވަކިތަނެއް އަނެއް ތަނެއްގައި ވަކިތަނެއް ހެދުމަކީ ރަގަޅު ގޮތެއް ނޫންކަމުގައި ކަމުގެ ތަޖުރިބާކާރުން ބުނެއެވެ. މި މީހުން ބުނާ ގޮތުގައި ޢާއްމު ތަންތާގައި ދުންފަތުގެ އިސްތިޢުމާލު ކުރުން އެއްކޮށް މަނާ ކުރަން ވީއެވެ. އޮފީހުގައި ވެސް ވަކި ބިއްލޫރި ކޮށްޓެއް އެމީހުންނަށް ހަދައިދޭކަށް ނުޖެހެއެވެ. އެހެން ނޫނީ އެ ވާނީ ސިގިރެޓި ބޯން، ވެދެވޭ އެހީއެކެވެ.

އިޒުނައަށް އެދިލައިފައި ސިގިރެޓި ބުއިމަކީ އެއްގޮތަކަށްވެސް ހައްލެއް ނޫނެވެ. އެހެނީ އަހަރެމެން ވާހަކަ މި ދައްކަނީ، ޞިއްޙަތާއި، ޞިއްޙަތުގެ ޚަރާބާއި ބެހޭ ގޮތުންނެވެ. ވީމައި އިޒުނައަކަށް އެދިލާފައި ޞިއްޙަތު ހަލާކުކޮށްލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

8- ދުންފަތުގެ އިސްތިޢުމާލު ކުރުމުން، ހަމަ އަސްލުވެސް ގެއްލުންވޭތަ؟

ގެއްލުން ވެއެވެ. މިއީ އެކަކަށްވެސް މީގެ އިދިކޮޅު ސާބިތުކޮށްދެވެން ނެތް، ޙަޤީޤަތެކެވެ.

9- ދުންފަތުގެ އިސްތިޢުމާލު ކުރުމުން، ގެއްލުމެއް ލިބެން ވަރަށް ގިނަ ދުވަސް ނަގާނެތަ؟

ޖަވާބަކީ ނޫނެކެވެ. ހަމަ އެންމެ ސިގިރެޓަކުން ވެސް، ހިތުގެ ވިންދު އަވަސްކޮށް، ލޭގެ ޕްރެޝާރ މަތިކޮށްދެއެވެ. އަދި ފުއްޕާމޭގައި ވައި ދައުރުވުމަށް ބުރޫ އަރައެވެ. ހަމައެހެންމެ ވަރަށް ޒުވާން އިރު ގަދައަށް ކެއްސައި، ކަރުތެރެ ފާރުވެ ކަންތައްވެސް ދިމާވެދާނެއެވެ. ސިގިރެޓިން ވާ ގެއްލުން ފެންނަލެއް އަވަސްވުމާއި ލަސްވުން، ބޮޑަށް ބިނާވެފައި އޮންނަނީ އެ މީހެއްގެ ހަށިގަޑުގެ ދިފާޢީ ބާރާއި، ޞިއްޙަތާއި، އެހެންގޮސް ވަރަށް ގިނަ ކަންތައް ތަކުގެ މައްޗަށެވެ. ވީމައި ސިގިރެޓި ބޯން ފަށާތާ 5 އަހަރުގައި އެކަކަށް ކެންސަރު ޖެހޭއިރު އަނެކަކަށް 20 އަހަރުވާ އިރުވެސް ނުޖެހި ހުރެދާނެއެވެ. އެކަމަކު މީގެ މާނައަކީ އޭނާއަށް ގެއްލުން ނުވުމެއް ނޫނެވެ.

10- މާބަނޑު މީހުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުންވާ ގެއްލުން ވަކިން ބޮޑުތަ؟

އާއެކެވެ. މާބަނޑު އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން، ދަރިފުޅު ބައިގެން ދިއުމުގެ ނުރައްކާ ދުވަސް ހަމަވުމުގެ ކުރިން ވިހެއުން، ނުކުރާ މީހުންނަށް ވުރެ ބޮޑެވެ. މީގެ އިތުރުން ފުރިހަމައަށް ބޮޑު ނުވާ ކުއްޖެއް، ނުވަތަ އައިބެއް ހުރި ކުއްޖެއް ލިބުމުގެ ބިރުވެރިކަން ވެސް އިތުރުވެއެވެ.

11- ސިގިރެޓި ބޯ މީހުންގެ ދަރިން، ސިގިރެޓި ބުއިމުގެ ފުރުސަތު އެނުން މީހުންގެ ދަރިންނަށްވުރެ ބޮޑުތަ ؟

ދިރާސާތަކުން ދައްކަނީ، މިފަދަ މީހުންގެ ދަރިންގެ ތެރޭގައި، ސިގިރެޓި ބޯ މަދުވެގެން އެކަކު ހުންނަކަމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.