އާދީއްތަ20180909

އާކުރެވުނީ: 08:43:52

ބޮޑު ގޮހޮރު (ފަލަ ގޮހޮރު)

bodu-gohoru-1ބޮޑު ގޮހޮރު (Large intestine) އަކީ ހަޖަމުކުރާ ނިޒާމްގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު (Colon)އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރު ގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac region) އިންނެވެ. ބޮޑު ގޮހޮރުގައި ހިމެނޭ މައިގަނޑު ދެބަޔަކީ ސީކަމް އަދި ފަލަ ގޮހޮރެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ކުޑަ ގޮހޮރަށްވުރެ އެތަކެއް ގުނައެއް ފުޅާވާނެއެވެ.

ބޮޑު ގޮހޮރު ގައި ސީކަމް އިން ފެށިގެން ހުރަސް ފަލަ ގޮހޮރުގެ މެދާއި ހަމައަށް އިންނަ ބަޔަށް ކަނާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. އަދި ހުރަސް ފަލަ ގޮހޮރުގެ މެދުން ފެށިގެން ގޮސް ސިގްމޮއިޑް ގޮހޮރުގެ ނިޔަލަށް އިންނަ ބަޔަށް ވާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. ބޮޑު ގޮހޮރުގެ ޕީއެޗް ހުންނަނީ 7-5.5 އާއި ދެމެދުގެ މިންވަރެއްގައެވެ.

ބޮޑު ގޮހޮރުގެ ބައިތައް

ބޮޑު ގޮހޮރު އެކުލެވިގެންވަނީ 2 ބައެއްގެ މައްޗަށެވެ. އެއީ:-
• ސީކަމް : ބޮޑުގޮހޮރުގެ ފެށޭބައި ނުވަތަ ފަލަގޮހޮރުގެ ފުރަތަމަ ބައި
• ފަލަގޮހޮރު : މައިގަނޑު 4 ބަޔަކަށް ބެހިގެންދެއެވެ. އެއީ:-

- ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި
- ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި
- ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި
- ސިގްމޮއިޑް ގޮހޮރު : ފަލަގޮހޮރުގެ ފަހުބައި

ސީކަމް

furagas-farah-2ބޮޑު ގޮހޮރުގެ ފެށޭބައި ނުވަތަ ފަލަގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ސީކަމް (Cecum) އަކީ ކުޑަ ގޮހޮރުގެ ފަހުބައި "އިލިއަމް" އާއި ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރު ގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި ހިމަ ގޮހޮރުގެ ފަހުބައި ވަކިކޮށްދެނީ ''އިލިއޯސީކަލް ވޭލް''(Ileocecal valve) އިންނެވެ.

އެޕެންޑިކްސް

އެޕެންޑިކްސް(Appendix) އަކީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނަނީ 74 އިންސައްތަ މީހުން ގެއެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ.

ފަލަގޮހޮރު

ފަލަގޮހޮރު (Colon) އަކީ ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު( Colon) އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ފަލަ ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ފަލަ ގޮހޮރުގެ ބައިތައް

ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި

ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި(Ascending colon) އަކީ ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް ''ހިޕެޓިކް ފްލެކްޝަރ''(Hepatic flexure) އާއި ދެމެދުގައިވާ ބައެވެ. މިބައިގެ ގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac Region)އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރު ފެށޭ ބައި ކަމަށްވުމާއި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެންކަމަށްވާތީ ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބަޔަކީ،ފަލަ ގޮހޮރުގެ ބަޔަކަށްވާތީ ، މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. ފަލަގޮހޮރުގެ މިބައިގެ މަސައްކަތް ކޮންޓްރޯލްކުރަނީ ''ވޭގަސް ނާރު''(en|Vagus Nerve) ގެ ''ސިމްޕަތެޓިކް ނާރު ފައިބަރު" ތަކުންނެވެ.

ހިޕެޓިކް ފްލެކްޝަރ(Hepatic flexure): އަކީ ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބަޔާއި، ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި ގުޅުވައިދޭ ކަނެވެ. މިކަން ނުވަތަ މިބައިގެ ފަހަތް ނޫން އެހެން ފަރާތްތައް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މަތިންނާއި އަރިމަތިން މިބައި އިންނަނީ ފުރަމޭގެ ކަނާތު ލޯބްގައިވާ ކޮލިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގެ ތެރެއަށް ފެތިފައެވެ. ނުވަތަ އެއަޑިކޮޅުގައި ޖެހިފައެވެ. ފަހަތުން މެދަށްވާގޮތަށް މިބައި އިންނަނީ ކަނާތު ގުރުދާގައި ޖެހިފައެވެ.

ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބަޔާއި، ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި ގުޅޭކަނަށް "ހިޕެޓިކް ފްލެކްޝަރ" މިހެން ކިޔަނީ ފުރަމޭ އާއި ވިދިގެން މިބައި ހުންނާތީ އެވެ.

ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި

ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި (Transverse colon) އަކީ ފަލަ ގޮހޮރުގައި ''ހިޕެޓިކް ފްލެކްޝަރ''(Hepatic flexure)އާއި، ''ސްޕްލީނިކް ފްލެކްޝަރ''(Splenic flexure) އާއި ދެމެދުގައިވާ ބައެވެ. އެހެންކަމުން ފަލަގޮހޮރުގެ މިބައި އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުން ވާތް ފަރާތަށް ވާގޮތަށެވެ. ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި ގެ ކުރިމަތިން މައިދާއާއި ފަލަގޮހޮރުގެ މިބައި ވަނީ ''ގްރޭޓަރ އޮމެންޓަމް''(Greater Omentum)ކިޔާ ''ޕެރިޓޯނިއަލް ފޯލްޑް'' އަކުން ގުޅިފައެވެ. ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބަޔަކީ ފަލަ ގޮހޮރުގައި ހިމެނޭ އެންމެ ދިގު އަދި އެންމެ ހަރަކާތްކުރާ ބައެވެ.

ސްޕްލީނިކް ފްލެކްޝަރ(Splenic flexure): އަކީ ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބަޔާއި، ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި ގުޅުވައިދޭ ކަނެވެ. މިބައި އިންނަނީ ޑައަފްރަމް ގައި ޖެހިފައެވެ. އެހެންކަމުން މިބައި އިންނަނީ ހިޕަޓިކް ފްލެކްޝަރ އަށް ވުރެ މަތީ ލެވެލް އެއްގައެވެ. ކުރިމަތިންނާއި، އަރިމަތިން، އަދި މަތިން މިބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ.

ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި

ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި (Descending colon) އަކީ ފަލަ ގޮހޮރު ގައި ''ސްޕްލީނިކް ފްލެކްޝަރ''(Splenic flexure) އިން ފެށިގެން ތިރިއަށް ފައިބަމުން ގޮސް ސިގްމޮއިޑް ގޮހޮރު ގެ ފެށުމާއި ހަމައަށްވާ ބައެވެ. ފަލަގޮހޮރުގެ މިބައި އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.

ސިގްމޮއިޑް ގޮހޮރު

ސިގްމޮއިޑް ގޮހޮރު (Sigmoid colon) އަކީ ފަލަ ގޮހޮރުގެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރު ގައި މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތާއި، ދެމެދުގައިވާ ބައެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު ''އެސް''(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސް ނުވަތަ ހޮޅިމަހުގެ ފަށަލައެއް ވެއެވެ. މި މަސް ފަށަލަ ކުރުގެޅި ވާންވުމުން،ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތަށް އެޅޭގޮތް ވެއެވެ.

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް(Colonic mucosa) ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް، އަދި އެޕެންޑިކްސް ގައެވެ.

ބޮޑު ގޮހޮރުގެ ވަޒީފާ

• ކާނާ ހަށިގަނޑަށް ނެގުން : ބޮޑު ގޮހޮރު އަކީ ކާނާގެ ބާވަތްތައް ހަށިގަނޑަށް ނެގުމުގެ ބާރު ނުވަތަ އެމާއްދާތައް ހަށިގަނޑަށް ދެމުމުގެ ބާރު މަތި ތަނެކެވެ. ސޯޑިއަމް، ކްލޮރައިޑް، އަދި ފެން މައިގަނޑު ގޮތެއްގައި ހަށިގަނޑަށް ނަގަނީ ބޮޑު ގޮހޮރުގެ ތެރޭގައެވެ. ދުވާލަކު 2-1 ލިޓަރުގެ އައިސަޓޮނިކް ހާލަތުގައި ހުރި ކައިމް ބޮޑު ގޮހޮރަށް ވާޞިލް ވެއެވެ. މިބުނި ކައިމްގެ ތެރޭގައި ހުރި ދިޔާތަކެތީގެ 90 އިންސައްތަ ހަށިގަނޑަށް ނަގައެވެ. އަދި ގާތްގަނޑަކަށް 250-200 މިލިލީޓަރުގެ ކޮންމެވެސް ހަރުކަމެއް ހުރި ބޮޑު ކަމުދާތަކެތި ބޭރުވެގެން ދެއެވެ.

• ބައެއް މާއްދާތައް ދޫކުރުން: ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުން ގޮހޮރުގެ ތެރެއަށް ދޫކުރާ މާއްދާ ތަކުގެ ތެރޭގައި ޕޮޓޭސިއަމް، ބައިކާބޮނޭޓް، އަދި ދަވަ ހިމެނެއެވެ.

• ބައެއް މާއްދާތައް ބޭރުކުރުން: ބައެއް މާއްދާތައް ހަށިގަނޑުން ބޭރުވެގެންދަނީ ބޮޑު ގޮހޮރުގެ ތެރެއިން ގޮހެވެ. މިސާލަކަށް ދިރޭ ރަހަ އަކީ މިގޮތުން ބޭރުވެގެންދާ މައުދަނެކެވެ.

• ބޮޑުކަމުދާ ތަކެތި ގުދަންކުރުން: ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ޖެހެންދެން ގުދަން ކުރެވިފައި ހުންނަނީ ސިގްމޮއިޑް ގޮހޮރު ގައެވެ.

• ބޮޑުކަމުދިއުން: ބޮޑުކަމުދިއުމަކީ ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމެވެ. މިމަސައްކަތްކުރުމުގައި ބައިވެރިވާ ދެގުނަވަނަކީ ފުރަގަސް ފަރާތް، އަދި ފުރަގަސް ފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތީގެ ސަބަބުން ފުރަގަސް ފަރާތް ފުޅާވެ، ފުފިގެންދަނީ ހަމައެކަނި ބޮޑުކަމުދިއުމުގެ ތެރޭގައެވެ.

• ވިޓަމިން އުފެއްދުން : ބޮޑު ގޮހޮރުގެ ތެރޭގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ތަކުން ވިޓަމިން އުފައްދައެވެ. މިގޮތުން ބެކްޓީރިޔަލް ފްލޯރާ އޭކިޔާ ބެކްޓީރިޔާ ތަކުން ވިޓަމިން ކޭ، އަދި ވިޓަމިން ބީގެ ބައެއް ވައްތަރުތައް އުފައްދައެވެ. މީގެ އިތުރުން ފުރަގަސް ފަރާތުން ބޭރުކުރާ ވައި ނުވަތަ ފޮޑި ވެސް އުފެދެނީ މިބެކްޓީރިޔާ ތަކުގެ ސަބަބުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.