ހޮނިހިރު20180908

އާކުރެވުނީ: 08:43:52

ކޮލެސްޓްރޯލް

cholesterol-main

ކޮލެސްޓްރޯލްގެ ވައްތަރުތައް
ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރަށް ބަދަލުގެނުވާ ކަންތައްތައް
ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް
ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާނީ ކިހިނެއް؟
ސަރުބީ މަތިވުމަށް ފަރުވާކުރަނީ ކިހިނެއް؟

ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ (ސަރުބީ އެކުލެވޭ) މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ. ކޮލެސްޓްރޯލް އުފައްދަނީ މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.

އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެގޮތުން، އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. މިބުނި މަސައްކަތްތައް ހިންގުމަށް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ.

އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ.

ކޮލެސްޓްރޯލްގެ ވައްތަރުތައް

cholesterol-5ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ. ސަރުބީ އާއި އަޅާ ނިސްބަތްކުރާ އިރު ޕްރޮޓީން ހުންނަ މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް "ލިޕޯޕްރޮޓީން" ބެހިފައިވާ ބައިތައް ތިރީގައި މިވަނީ އެވެ.

• ޑެންސިޓީ ދަށް ލިޕޯޕްރޮޓީން(LDL): ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އަށް "ނުރަގަޅު"، ނުވަތަ "ގޯސް" ކޮލެސްޓްރޯލް އޭ ވެސް ކިޔައެވެ. އާންމުގޮތެއްގައި ލޭހޮޅިތަކުގެ ފާރުގައި ކޮބަޑިގަނޑެއްގެ ސިފައިގައި ތަތްވެ ހަރުލަނީ މިވައްތަރުގެ ލިޕޯޕްރޮޓީން އެވެ. ޑެންސިޓީ ދަށް ލިޕޯޕްރޮޓީން ލޭގައި ގިނަވެ މަތިވި ވަރަކަށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

• ޑެންސިޓީ މަތި ލިޕޯޕްރޮޓީން(HDL): ޑެންސިޓީ މަތި ލިޕޯޕްރޮޓީން އަށް "ރަގަޅު" ކޮލެސްޓްރޯލް އޭ ވެސް ކިޔައެވެ. މިއީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަދުކޮށް ދަށްކުރުމަށް އެހީތެރިވެދޭ ލިޕޯޕްރޮޓީން އެކެވެ. ޑެންސިޓީ މަތި ލިޕޯޕްރޮޓީން ގިނަވެ މަތިވި ވަރަކަށް ޞިއްޙަތަށް ރަގަޅުވާނެއެވެ. ޑެންސިޓީ މަތި ލިޕޯޕްރޮޓީން ލޭގައި މަދުވެ، ދަށްވި ވަރަކަށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

• ޑެންސިޓީ ވަރަށް ދަށް ލިޕޯޕްރޮޓީން(VLDL): މިއީ ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އާއި އެއްގޮތް އެއްޗެކެވެ. މިވައްތަރު ލިޕޯޕްރޮޓީންގައި މައިގަނޑު ގޮތެއްގައި ހުންނަނީ ފެޓް ނުވަތަ ސަރުބީ އެވެ. މާގިނައިން ޕްރޮޓީން އެއް ނުހުންނާނެ އެވެ.

• ޓްރައިގްލިސެރައިޑް(Triglyceride): މިއީ ޑެންސިޓީ ވަރަށް ދަށް ލިޕޯޕްރޮޓީން އާއެކު ލޭގެ ތެރޭގައި ދައުރުވާ، ސަރުބީގެ ވައްތަރެކެވެ. ހަށިގަނޑުގައިވާ ގިނަވާ ކެލޮރީ، ހަކުރު، ބަނގުރާ، ހަށިގަނޑުގެ ތެރޭގައި ޓްރައިގްލިސެރައިޑް އަށް ބަދަލުވެ، ހަށިގަނޑުގައި ހިމެނޭ ސަރުބީ އެކުލެވޭ ސެލްތަކުގައި ރައްކާކުރެވިފައި ހުރެއެވެ.

ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރަށް ބަދަލުގެނުވާ ކަންތައްތައް

• ކާނާ : ކާތަކެތީގައި ސެޗިޔުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް އެކުލެވުމަކީ ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ސެޗިޔުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަދުކުރާށެވެ.

• ބަރުދަން : ބަރުދަން އިތުރުވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ. މީގެ އިތުރުން މާބޮޑަށް ފަލަވެ، ބަރުދަން އިތުރުވުމަކީ، ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރު ވެސް މަތިކުރާ ކަމެކެވެ. ބަރުދަން ލުއިކުރުމަކީ އެކަމުގެ ސަބަބުން، ނުރަގަޅު ކޮލެސްޓްރޯލް، އަދި ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލްގެ ޖުމުލަ ނިސްބަތް ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

• ކަސްރަތު : ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.

• އުމުރު އަދި ޖިންސް : އަހަރެމެންގެ އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވަމުން ދެއެވެ. އިއްދައިން ކެނޑުމުގެ ކުރިން އަންހެނުންގެ ހަށިގަނޑުގައި ސަރުބީ ނުވަތަ ކޮލެސްޓްރޯލްގެ މިންވަރު އެއުމުރުގެ ފިރިހެނުންނާއި އަޅާކިޔާއިރު، ދަށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިއްދައިން ކެނޑުމަށްފަހު އަންހެނުންގެ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަށް މަގުފަހި ވެއެވެ.

• ހަކުރު ބަލި : ހަކުރު ބަލި ރަގަޅަށް ކޮންޓްރޯލް ނުކުރެވުމަކީ ސަރުބީގެ މިންވަރު މަތިވާ ކަމެކެވެ. ހަކުރު ބަލި ކޮންޓްރޯލްވެ، ހަމައިގައި ހިފެހެއްޓިފައި ހުންނަވަރަކަށް، ސަރުބީގެ ނިސްބަތް ވެސް ދަށްވެއެވެ.

• ވާރުތަވުން : އެމީހެއްގެ ހަށިގަނޑުން އުފައްދާނީ ކިހާ ކޮލެސްޓްރޯލެއް ނުވަތަ ސަރުބީއެއްކަން ކަނޑައެޅުމުގައި އެމީހެއްގެ ހަށިގަނޑުގައި އެކުލެވޭ ވިރާސީ ބަހާ ގެ ދައުރެއް އޮވެއެވެ. ލޭގައި ސަރުބީ މަތިވުމުގެ މައްސަލައަކީ ބައެއް އާއިލާތަކުގެ މެންބަރުންގެ ތެރޭގައި އާންމު ކަމެކެވެ.

• އެހެނިހެން ސަބަބުތައް : ބައެއް ކަހަލަ ބޭހާއި ބައެއް ކަހަލަ ބަލިތަކުގެ ސަބަބުން ވެސް ލޭގައި ސަރުބީގެ މިންވަރު މަތިވެއެވެ.

ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް
cholesterol-4

ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކޮބަޑި ގަނޑެއް (Plaque)ގެ ސިފައިގައި ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން، ލޭހޮޅި ހަރުވާގޮތް(Atherosclerosis) ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން،ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހިތަށް ލޭފޮނުވުން ދަށްވެ، އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބުމުން "އެންޖައިނާ"(Angina) ކިޔާ މޭގައި ރިހުމުގެ ވައްތަރެއް ކުރިމަތި ކުރުވައެވެ. ހިތަށް ލޭފޯރުކޮށްދޭ "ކޮރޯނަރީ އާޓަރީ"(Coronary artery) އޭ ކިޔޭ ލޭހޮޅީގައި ސަރުބީ ޖަމާވެ، ލޭހޮޅި ހަނިވެފައި ވަނިކޮށް، ގަނޑުލޭކޮޅެއް (Blood clot) ލޭހޮޅީގެ ތެރޭގައި އުފެދި، އެލޭހޮޅި ބެދިއްޖެނަމަ، ހިތުގެ މަސްގަނޑުން ބައެއް މަރުވުން (Heart attack) ފަދަ ކަމެއް ދިމާވުމަކީ އާންމު ކަމެކެވެ.

ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

ހަށިގަނޑުގައި ކޮލެސްޓްރޯލް މަތިވުން ކަމުގައި ބަލަނީ ކިހާ މިންވަރެ ހުރެގެންތަ؟

އުމުރުން 20 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް އެންމެ މަދުވެގެން ކޮންމެ 5 އަހަރަކުން އެއް ފަހަރު ހަށިގަނޑުގައި ސަރުބީ ހުރި ނިސްބަތް ބަލައިލުމަކީ އެދެވިގެންވާ ކަމެކެވެ.

ހަށިގަނޑުގައި ސަރުބީ މަތިވުމުން ދެޓެސްޓެއް ހަދައި އުޅެއެވެ. އެއީ ހައިބަނޑާހުރެ ހަދާ ޓެސްޓަކާއި، ކައިގެން ހަދާ ޓެސްޓެކެވެ. ކައިގެން ހަދާ ޓެސްޓުގެ އެހީގައި، މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ދެނެގަނެވޭނެ އެވެ. ހައިބަނޑާހުރެ ހަދާ ޓެސްޓަށް "ލިޕިޑް ޕްރޮފައިލް" އޭ ކިޔައެވެ. މިޓެސްޓްގެ އެހީގައި މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް، ނުރަގަޅު ކޮލެސްޓްރޯލް، އަދި ޓްރައިގްލިސެރައިޑް އެކުލެވޭ މިންވަރު ދެނެގަނެވެއެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ޖުމުލަ ނިސްބަތް 200 އަށްވުރެ ދަށުގައި ބެހެއްޓޭތޯ ބެލުމަށެވެ.

ފަންތި ސަރުބީ ނިސްބަތް
އެންމެ އެދެވިގެންވާ މިންވަރު 200 އަށްވުރެ ދަށުގައި ހުރުން
ހުރުން އެދެވޭ އެންމެ މަތީ މިންވަރު (ބޯޑަރ ލައިން) 239 – 200 އާއި ދެމެދުގައި ހުރުން
ސަރުބީ މަތިވުން 240 އަށްވުރެ މަތީގައި ހުރުން

ސަރުބީގެ މިންވަރު ދަށްކޮށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާނީ ކިހިނެއް؟

ވަރަށް އާދައިގެ ކަންތައްތަކަށް ސަމާލުވެ، ފަރުވާތެރިވެގެން ސަރުބީގެ މިންވަރު ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

cholesterol-3• ތެލާއި، ސަރުބީމަދު ކާނާ ބޭނުންކުރުން : އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ލަފާދެނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކާނާއިން ހޯދާ މިންވަރު 300 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ހިތުގެ ބައްޔެއް ހުރި މީހެއް ނަމަ މިނިސްބަތް 200 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ކާނާގައި ސަރުބީ ހިމެނޭ މިންވަރު ދަށްކުރުމަށް، ސެޗިޔުރޭޓެޑް ފެޓް ހިމެނޭ ކާނާ ބޭނުންކުރުން މަދުކުރުމާއި، ތެލާއި ސަރުބީ ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން މުހިއްމެވެ.

• ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވެއެވެ.

• ކަސްރަތުކުރުން : ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ. ކަސްރަތުކުރުމަކީ ބަރުދަން ލުއިކޮށް، ހަކުރު ބައްޔާއި، ލޭމައްޗަށްދިއުން ކޮންޓްރޯލްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

• ގަވާޢިދުން ބޭސް ބޭނުންކުރުން : ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ސަރުބީ ދަށްނުވެ ހިގައިދާނެ އެވެ. އެހެން ކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއި އެކު، ކަސްރަތުކުރުން ކުރިޔަށް ގެންދަމުން، ސަރުބީ ދަށްކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވާޢިދުން ބޭނުން ކުރަން ޖެހެއެވެ.

ސަރުބީ މަތިވުމަށް ފަރުވާކުރަނީ ކިހިނެއް؟

ސަރުބީ ދަށްކުރުމަށް މަސައްކަތްކުރުމުގެ މައިގަނޑު އަމާޒަކީ ހަށިގަނޑުގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމެވެ. ސަރުބީ ދަށްކުރުމަށް ދެގޮތެއް އޮވެއެވެ. އެއީ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ސަރުބީ ނެތް ކެއުމެއް ޚިޔާރު ކުރުމާއި، ސަރުބީ ދަށްކުރުމަށްދޭ ބޭސް ބޭނުން ކުރުމެވެ.

ސަރުބީގެ މިންވަރު ދަށްކުރުމަށް ޑޮކްޓަރުން މަސައްކަތްކުރަނީ، އެމީހެއްގެ ކިބައިގައި ހުރި ހިތުގެ ބަލި ޖެހުމަށް މަގުފަހިކުރާ ކަންތައްތަކުގެ މައްޗަށެވެ.

• ހިތުގެ ބަލި ޖެހުމުގެ މަގުފަހިކުރާ ކަންތައްތައް 0-1 އާއި ދެމެދުގައި ހުރުން : ހިތުގެ ބަލިޖެހުމުގެ ފުރުޞަތު އާދައިގެ މިންވަރަކަށް އޮވެއެވެ. ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަށް ޖެހެއެވެ.

• ހިތުގެ ބަލި ޖެހުމުގެ މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން 2 ކަމަށްވުރެ ގިނަ ކަންތައްތައް ހުރުން : ހިތުގެ ބަލިޖެހުމުގެ ފުރުޞަތު އާދައިގެ މިންވަރަކަށް އޮވެއެވެ. ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަށް ޖެހެއެވެ. މީގެ ތެރެއިން ގިނަ މީހުން ސަރުބީ ދަށްކުރާ ބޭސް ބޭނުންކުރަން ޖެހެއެވެ.

• ހިތުގެ ބަލި ، ހަކުރު ބަލި ފަދަ ބަލިތަކާއި އެހެނިހެން ކަންތައްތައް ހުރުން : ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަން ޖެހެއެވެ. އަދި ގަވާޢިދުން ސަރުބީ ދަށްކުރާ ބޭސް ބޭނުން ކުރަން ޖެހެއެވެ.

ސަރުބީ މަތިވުމުން ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ބޭސްތައް
• ސްޓެޓިން
• ނިއެސިން
• ބައިލް އެސިޑް ރެސިން
• ފިބްރިކް އެސިޑް ޑިރައިވޭޓިވްސް

ސަރުބީ ދަށްކުރުމަށްދޭ ބޭހުގެ ފައިދާ އެންމެ ރަގަޅަށް ހަށިގަނޑަށްކުރާނީ ބޭސްކަމުންދާއިރު ކެއުމުގައި ވެސް ތެލާއި ސަރުބީ މަދު ކާތަކެތި ހިމަނައިގެންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.