ހޮނިހިރު20201010

އާކުރެވުނީ: 08:43:52

ފަޅޯ

falho* މި ލިޔުން ފުރަތަމަ ކަވާސާގައި ޝާއިޢު ކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު މިލިޔުން  ވަނީ އިތުރު މަޢްލޫމާތު ހިމެނި  އާކުރެވިފައެވެ.

ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސަލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ފަޅޯ
އިގިރޭސި ނަން : Papaya / Pawpaw
ޢިލްމީ ނަން : Carica Papaya

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
3 މިލިގްރާމް ސޯޑިއަމް 39 ކިލޯކެލަރީ ހަކަތަ
257 މިލިގްރާމް ޕޮޓޭސިއަމް 9.81 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.61 ގްރާމް ޕްރޮޓީން
24 މިލިގްރާމް ކެލްސިއަމް 0.14 ގްރާމް ފެޓް
- ކޮޕަރ 1.80 ގްރާމް ފައިބަރު
0.10 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
10 މިލިގްރާމް މެގްނީޒިއަމް 38 މައިކްރޯ ގްރާމް ފޮލިކް އެސިޑް
- މެންގަނީޒް 0.338 މިލިގްރާމް ނިއެސިން
5 މިލިގްރާމް ފޮސްފަރަސް 0.218 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.019 މިލިގްރާމް ޕައިރިޑޮކްސިން
0.07 މިލިގްރާމް ޒިންކް 0.032 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.027 މިލިގްރާމް ތިއެމިން
 - ކެރޮޓީން އަލްފާ 1094 އައިޔޫ ވިޓަމިން އޭ
276 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 61.8 މިލިގްރާމް ވިޓަމިން ސީ
761 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.73 މިލިގްރާމް ވިޓަމިން އީ
75 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 2.6 މައިކްރޯ ގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ފަޅޮލުން ލިބޭ ޞިއްޙީ ފައިދާތައް

• ހިތުގެ ބަލިތައް : ހިތުގެ ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ މުހިއްމު 4 ވިޓަމިނެއް ވަރަށް ގިނައިން ފަޅޮލުގައި ހުރެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އެވެ. މީގެ އިތުރުން ފަޅޮލުގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ "ހޯމޯސިސްޓެއިން"(Homocysteine) ގެ މިންވަރު މަތިވުމުން ކުރިމަތިވާ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ފޮލިކް އެސިޑަކީ ހޯމޯސިސްޓެއިން އެމިނޯ އެސިޑްތައް ކަމުގައިވާ "ސިސްޓެއިން"(Cysteine) އަދި "މެތިއޯނިން"(Methionine) އަށް ބަދަލުވާ ބޭނުންވާ މާއްދާ އެކެވެ. މިގޮތަށް ހޯމޯސިސްޓެއިން ބަޔާންކުރެވުނު ދެއެމިނޯ އެސިޑަށް ބަދަލުނުވެއްޖެނަމަ، ލޭހޮޅިތަކުގެ ފާރު ހަލާކުކޮށް ލައެވެ. އަދި މިގޮތަށް ހޯމޯސިސްޓެއިން ބަދަލުނުވުމުގެ ސަބަބުން ލޭގެ ތެރޭގައި އޭގެ މިންވަރު މަތިވެއްޖެނަމަ، ހާރޓް އެޓޭކް އަދި ސްޓްރޯކް ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި މައްސަލަތައް ފެންމަތިވުމުގެ ފުރުޞަތު އޮވެއެވެ.

- ފަޅޮލުގައި ބާރުގަދަ އެންޓިކޮސިޑެންޓްތައް އެކުލެވިގެންވެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކޮލެސްޓީރޯލް ''އޮކްސިޑައިޒް''(Oxidation) ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓީރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޮޅީގެ ފާރުގައި ތަތްވެ، ކޮބަޑިގަނޑެއްގެ ސިފަޔަށް ޖަމާއެއް ނުވާނެއެވެ. މިގޮތަށް ޖަމާވެއްޖެ ނަމަ ލޭހޮޅި ހަރުއެރުން ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކްޖެހުން ، އަދި ސްޓްރޯކްޖެހުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި، ތަފާތު މައްސަލަތައް ފެންމަތި ކުރުވައެވެ. އެހެންކަމުން ފަޅޯ ގިނަގިނައިން ކާނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖުކޮށްދޭނެ އެވެ.

- ފަޅޮލުގައި ބީޓާ ކްރިޕްޓޯޒެންތިން ކިޔާ މާއްދާއެއް ވެސް އެކުލެވިގެންވެއެވެ. ބީޓާ ކްރިޕްޓޯޒެންތިން ހަށިގަނޑަށް ރަގަޅަށް ދަމަނީ ފެޓް އެކުލެވޭ ކާނާއާއި އެކުގައި ކަމުގައިވާތީ ވަކިން ފަޅޯ ކެއުމަށްވުރެ ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ތެރޭގައި އެހެން އެއްޗިއްސާއި އެކު ފަޅޯ ކެއުމެވެ. ފަޅޮލުގައި ފައިބަރ އެކުލެވިގެން ވުމުގެ ސަބަބުން ކޮލެސްޓީރޯލް މިންވަރު ދަށްކޮށްދެއެވެ.

• އަރިދަފުސް ރޯގާ : ފަޅޮލުގައި ވަރަށް ގިނައިން ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާޢީ ބާރު ގަދަކޮށްދޭ އެއްޗެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ވިޓަމިން ސީ އަކީ އިންފުލުއެންޒާ އޭ، އަރިދަފުސް ރޯގާ، އަދި ނިއުމޯނިޔާ ފަދަ ބަލިތަކުގެ އުދަގޫތައް ކުޑަކޮށް ލުއިކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފަޅޮލުގައި ވިޓަމިން އޭ ހުރުމަކީ ވެސް ދިފާޢީ ނިޒާމް ރަގަޅުކުރުމަށް ލިބޭ އިތުރު ބާރެކެވެ.

• ނިއުރަލް ޓިއުބާއި ގުޅުންހުރި ޢައިބުތައް : ފަޅޮލުގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ ނިއުރަލް ޓިއުބާއި ގުޅުންހުރި އުފެދުމުގައި ދިމާވާ ޢައިބުތައް (Neural tube defects) ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. މާބަނޑުވުމުގެ ކުރިންނާއި، މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ހިމެނޭ ކާނާ ގިނައިން ބޭނުންކުރުމަކީ ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި ނިއުރަލް ޓިއުބުގައި އުފެދޭ ޢައިބެއްކަމުގައިވާ "ސްޕައިނާ ބިފިޑާ"(Spina bifida) ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. މިސަބަބާހުރެ ބަލިވެ އިންނަ ކޮންމެ މީހަކަށް ވެސް ފޮލިކް އެސިޑް ގުޅަބޭހުގެ ގޮތުގައި ދެމުންގެންދާކަން ފާހަގަ ކުރެވެއެވެ.

• ހަޖަމުކުރުން ރަގަޅުކުރުން : ހަޖަމުކުރުމުގައި އެހީތެރިވެދޭ ބައެއް އެންޒައިމްތައް ފަޅޮލުގައި ހުރެއެވެ. އޭގެތެރޭގައި "ޕެކްޓިން"(Pectin)،"ޕެޕެއިން"(Papain) އަދި "ކައިމޯޕެޕެއިން"(Chymopapain) ހިމެނެއެވެ. މިއީ ޕްރޮޓީން ފައިބަރުތައް ބައިބައިކޮށް، އެމިނޯ އެސިޑަށް ބަދަލުކުރުވައި، ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތަކެކެވެ. ބަނޑުން ވިހަ ސާފުކުރުމަށް ވެސް ވަރަށް ގިނައިން ފަޅޯ ބޭނުންކުރެއެވެ. އެއީ ފަޅޮލުގައި ކުރިންބުނި އެންޒައިމްތައް ގިނައިން ހުންނާތީ އެވެ. ހަޖަމުކުރުމަށް އެހީތެރިވެދޭ ގިނަ އެންޒައިމްތައް ހުންނަނީ އޭގައި ހުންނަ ހިތި އޮށްތަކުގެ ތެރޭގައެވެ. އެހެންކަމުން ކެއުމަށްފަހު ފަޅޮލާއި އެކު އޮށްތައް ގިރާލައިން ބުއިމަށް ބޭނުންކުރެވިދާނެ އެވެ.

- މީގެ އިތުރުން ފަޅޮލުގައި ވިޓަމިން ސީ އަދި ވިޓަމިން އީ އަދި ފޮލިކް އެސިޑް ހުރެއެވެ. މިއީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ބައެއް ފަހަރު ކުރިން ބުނި މާއްދާތައް (ޕެޕެއިން، ކައިމޯޕެޕެއިން) ހުރުމުގެ ސަބަބުން އެއްގަމު މަސް މަނޑުކުރުމަށް ދޮންނުވާ ގިތި ނުވަތަ ނިލި ފަޅޮލާއި އެއްކުރެއެވެ. މައިދާއަށް ކުރިމަތިވާ އުދަގޫތަކުގެ ތެރެއިން ބަނޑުހިކުން، އެސިޑް ގިނަވުން، އަދި ބަނޑުގައި ވައިހެދި ފުފުން، ފަދަ ކަންތަކަށް ފަރުވާއެއްގެ ގޮތުގައި ވެސް ފަޅޯ ބޭނުންކޮށް އުޅެއެވެ. ބަނޑުހިކުން ކުޑަކޮށްދެނީ ފަޅޮލުގައި ހިމެނޭ ފައިބަރު ގެ ސަބަބުންނެވެ.

- ފަޅޯ ޖޫސް ބޭނުންކުރުމަކީ ގޮހޮރުގެ އިންފެކްޝަންތަކުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ފަޅޯ ޖޫސް ބޭނުންކުރުމުން ގޮހޮރުގައި އުފެދިފައި ހުންނަ އިންފެކްޝަންގެ ސަބަބުން ހުންނަ ދޮސް އާއި ދަވަ ބޭރުކޮށް ސާފުކޮށް ދެއެވެ.

- ބައެއް ހިސާބުތަކުގައި މަސްގަނޑަށް އަރާތަދު ފިލުވުމަށް އެތަދު ހުންނަ ހިސާބެއްގައި ފަޅޯ އުގުޅައެވެ.

- ފަޅޮލުގައި ހިމެނޭ ފައިޓޯކެމިކަލް ތަކަކީ "ޕްރޯޖެސްޓީރޯން" ގެ އަސަރު ކުޑަކުރުވާ އެއްޗެކެވެ. މިސަބަބާހުރެ ބައެއް ގައުމުތަކުގައި އަންހެނުން ދޭތެރެ ދުރުކުރުމުގެ ނިޔަތުގައި (ބަލިވެ އިނުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި) ފަޅޯ ކައިއުޅެއެވެ.

• މޭނުބައިކުރުން : ޕެޕެއިން އަކީ މޭނުބައިކުރުން ކުޑަކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮނޑުލެވުން(Morning Sickness) ، އަދި ދަތުރުފަތުރުކުރާއިރު ބޯއަނބުރާ މޭނުބައިކޮށް ހޮނޑުލުން(Motion Sickness) ފަދަ ހާލަތްތަކުގައި ފަޅޯ ބޭނުންކުރުމަކީ އެހީއަކަށް ވެއެވެ.

• ހަމުގެ ފަރުވާ : ފަޅޮލުގައި ހިމެނޭ ޕެޕެއިން އަދި ކައިމޯޕެޕެއިން އަކީ އިންފްލެމޭޝަންގެ އަސަރު ކުޑަކޮށްދީ، ހަށިގަނޑުގެ ބައެއް ފިހުމުން އުފެދޭ ފާރު ފަސޭހަކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ފިހުމުން ހަންގަނޑުގައި ހުންނަ ހަރަކާތެއްނެތް ޕްރޮޓީންތައް ހަލާކުކޮށްލައި، މަރުވެފައި ހުންނަ ޓިޝޫތައް ވަކިކޮށް، ފާރު ފަސޭހަވުން އަވަސްކުރުވައެވެ.

- ބައެއް ކަހަލަ ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް މިމާއްދާތައް ބޭނުން ކުރެއެވެ. އެގޮތުން ސޮރައިސިސް، އެސްވަޅު، ދަދު، ފިނިވުމުން އުފެދޭ ފާރު ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުން ކުރެއެވެ.

- މީގައި ހިމެނޭ ޕެޕެއިން ގެ ސަބަބުން ހަށިގަނޑުގެ ތަނެއް ކެނޑުން، ފިހުން، ތަނެއްގައި ދިރޭއެއްޗެއް ދަތްއެޅުން، ކަށިޖެހުން ފަދަ ހާލަތްތަކުގައި ވެސް ހަމުގައި އުގުޅުމަށް ފަޅޯ ބޭނުންކުރެވިދާނެ އެވެ.

- ފަޅޮލުގައި ހަން އަލިކޮށްދޭ މާއްދާތައް ވެސް ހިމެނެއެވެ. މިސަބަބާހުރެ މޫނުގައި އުގުޅާ ކްރީމް، މޫނު ދޮންނަ ކްރީމް، ސޭމްޕޫ، ސައިބޯނި، ލޯޝަން، ފަދަ ތަކެތި އުފެއްދުމުގައި ފަޅޯ ބޭނުން ކުރެއެވެ. އޮށާޅަނެގުން ކުޑަކުރުމަށް ވެސް ފަޅޯ ބޭނުންކޮށް އުޅެއެވެ.

- ފަޅޮލަކީ އިސްތަށީގެ ދިރުމަށް ވެސް ބޭނުންތެރި އެއްޗެކެވެ. ބޮލުން ހަންފޮޅުން ކުޑަކުރުމަށް ފަޅޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޝޭމްޕޫ ޚިޔާރު ކުރެވިދާނެ އެވެ.

• ކެންސަރުން ރައްކާތެރިވުން : ފަޅޮލުގައި ބާރުގަދަ 3 އެންޓި އޮކްސިޑެންޓް ހިމެނެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން އީ، އަދި ވިޓަމިން ސީ އެވެ. މިއީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ. މިމާއްދާ ތަކަކީ ކެންސަރު ޖައްސަނިވި ސެލްތަކާއި ހަނގުރާމަކޮށް ތަފާތު ބާވަތްތަކުގެ ކެންސަރުތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

- ފަޅޮލުގައި ހިމެނޭ ފައިބަރ ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާއި ތަތްވެ، އެވިހަތައް ގޮހޮރާއި ގާތްވިޔަ ނުދީ ހިފަހައްޓައި ދެއެވެ. މީގެ އިތުރުން ފޮލިކް އެސިޑް، ވިޓަމިން ސީ، ވިޓަމިން ބީ، އަދި ބީޓާ ކެރޮޓިން އެކުލެވުމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުން ފަޅޯ ކެއުމުން ކުޑަކޮށް ދެއެވެ.

- ފަޅޮލުގައި ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ ، ކެރޮޓީން، ލޫޓީން، ޒިއެޒެންތިން، އަދި ކްރިޕްޓޯޒެންތިން ހުރެއެވެ. މިއީ އެންޓި އޮކްސިޑެންޓްގެ ބާރު ލިބިފައިވާ މާއްދާތަކެއް ކަމުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ކެންސަރުން ރައްކާތެރިކޮށްދީ، މުސްކުޅިވުން ލަސްކޮށްދެއެވެ.

- ފަޅޮލުގައި ކެރޮޓީން ގެ ބާވަތްތައް ހުރެއެވެ. ކެރޮޓީން ގިނައިން ހިމެނޭ ކާނާ ކެއުމަކީ ފުއްޕާމޭގެ ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ.

- ދިރާސާތަކުން ދައްކާގޮތުގައި ލައިކޯޕީން ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. ފަޅޮލަކީ ވެސް އެފަދަ މޭވާ އެކެވެ.

• ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ފަޅޮލުގައި ވިޓަމިން ސީ ހުރުމަކީ ކުދިކުދި ހިމަ ލޭހޮޅިތަކުގެ ބާރުގަދަކޮށް ރަގަޅުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ލޯފުސްވުން ކުރިމަތިވުން ދުރުކޮށް ދެއެވެ. އަދި ވިޓަމިން އޭ ހުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވެސް ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 3 ފަހަރަށްވުރެ ގިނައިން މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޮލަށް ނުފެނުމުގެ މައްސަލަ ނުވަތަ "މެކިޔުލަރ ޑިޖެނެރޭޝަން"(Macular Degeneration) އިން ދުރުކޮށްދޭނެ ކަމެކެވެ.

• އެހެނިހެން ފައިދާތައް :-

o ފަޅޮލުގައި "އާރޖިނިން"(Arginine) ކިޔާ އެންޒައިމެއް ހުރެއެވެ. މިއީ ފިރިހެން ހަށީގެ ވަށައިގެންވާ ހިސާބުގައި ލޭދައުރުވުން އިތުރުކުރާ މާއްދާ އެކެވެ. އަދި ހަށިގަނޑުގައި ހުންނަ "ނައިޓްރިކް އެސިޑް"(Nitric Oxide) ފިރިހެން ހައްޓަށް ލޭފޮނުވާ ލޭހޮޅިތަކުގެ މަސްފަށަލަތައް ހަމައަކަށް އަޅުވައެވެ. ނަތީޖާއެއްގެ ގޮތުން ލޭހޮޅިތައް ފުޅާވެ، ލޭދައުރުވުން އިތުރުކޮށް ރަގަޅުކޮށް ދެއެވެ.

o ފަޅޮލުގައި ޕޮޓޭސިއަމް ވެސް ހުރެއެވެ، މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދު ތަރުތީބުކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

o ފަޅޮލުގައި ޕެރަސައިޓްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ އިތުރުން ދުޅަތަކާއި ތަދުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވެސް އެކުލެވިގެން ވެއެވެ.

ނޯޓް:- ފަޅޯ، ދޮންކެޔޮ، އެވޮކާޑޯ، ފަދަ ކިރު ހުންނަ (ދޮންނުވާއިރު) ، މޭވާތަކުގައި "ޗިޓިނޭޒް"(Chitinases) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ "ލޭޓެކްސް އެލާޖީ ސިންޑްރޯމް"(Latex Allergy Syndrome) ނުވަތަ "ރަބަރަށް (ގަސްގަހުގައި ހުންނަކިރަށް) އެލާޖީވުން" މެދުވެރިވުމުގައި ދައުރެއްވާ މާއްދާއެއް ކަމަށް ބެލެވެއެވެ. އެހެން ކަމުން މިފަދަ މީހުން ފަޅޯ ކެއުމަކީ ޚާއްޞަކޮށް ދޮންނުވާ ނިލިފަޅޯ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.

މައުލޫމާތު :

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.