އަންގާރަ20181113

އާކުރެވުނީ: 08:43:52

ފޭރު

feyru* މި ލިޔުން ފުރަތަމަ ކަވާސާގައި ޝާއިޢު ކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު މިލިޔުން  ވަނީ އިތުރު މަޢްލޫމާތު ހިމެނި  އާކުރެވިފައެވެ.

ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފޭރުގައި ވެސް ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދި ވެސް އެހެނިހެން ކާނާގެ ބައިތައް ހިމެނެއެވެ. މިއީ ރޯމޭވާގެ ގޮތުގައި ކެއުމުގެ އިތުރުން، ފަނި ގިރައިގެންނާއި، ދަޅުގައި ބަންދުކޮށްގެން، ޖޭމު ހަދައިގެން، އަދި ސަލަޑް ފަދަ ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ފޭރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ފޭރު
އިގިރޭސި ނަން : Guava
ޢިލްމީ ނަން : Psidium Guajava

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
2 މިލިގްރާމް ސޯޑިއަމް 68 ކިލޯކެލަރީ ހަކަތަ
417 މިލިގްރާމް ޕޮޓޭސިއަމް 14.3 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 2.55 ގްރާމް ޕްރޮޓީން
18 މިލިގްރާމް ކެލްސިއަމް 0.95 ގްރާމް ފެޓް
0.230މައިކްރޯ ގްރާމް ކޮޕަރ 5.4 ގްރާމް ފައިބަރު
0.26 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
22 މިލިގްރާމް މެގްނީޒިއަމް 49 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.150 މިލިގްރާމް މެންގަނީޒް 1.084 މިލިގްރާމް ނިއެސިން
11 މިލިގްރާމް ފޮސްފަރަސް 0.451 މިލިގްރާމް ޕެންތޮނިކްއެސިޑް
0.6 މައިކްރޯ ގްރާމް ސިލެނިއަމް 0.110 މިލިގްރާމް ޕައިރިޑޮކްސިން
0.23 މިލިގްރާމް ޒިންކް 0.040 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.067 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 624 އައިޔޫ ވިޓަމިން އޭ
374 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 228 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ 0.73 މިލިގްރާމް ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން 2.6 މައިކްރޯ ގްރާމް ވިޓަމިން ކޭ
5204މައިކްރޯ ގްރާމް ލައިކޯޕީން

 ފޭރުން ލިބޭ ޞިއްޙީ ފައިދާތައް

• ކެންސަރުން ރައްކާތެރިކޮށްދިނުން : ފޭރަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ އެންޓި އޮކްސިޑެންޓެއް ކަމުގައިވާ "ލައިކޯޕީން"(Lycopene) އިން މުއްސަދި މޭވާ އެކެވެ. ފޭރުގައި ހުންނަ ލައިކޯޕީން އަކީ ވަރަށް ފަސޭހައިން ހަށިގަނޑަށް ދަމައި ގަންނަ އެއްޗެެކެވެ. ލައިކޯޕީން ގިނައިން ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްކޮށްދޭ ކަމެކެވެ. އަދި އުރަމަތީ ކެންސަރު ޖައްސަނިވި ސެލްތައް ބޮޑުވުން ހުއްޓުވާ ކަމެކެވެ. މިމަސައްކަތުގައި ލައިކޯޕީން އެހީތެރިވެދެނީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ގެއްލުން ލިބުން ކުޑަކޮށްގެންނެވެ. ހުރިހާ ވައްތަރެއްގެ ފޭރުގައި ވެސް ލައިކޯޕީން ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ލައިކޯޕީން ހުންނަކަމަށް ފާހަގަވަނީ "ރަންގު ފޭރު" ގައެވެ.

- ފޭރުގައި ވިޓަމިން ސީ ގިނައިން ހުރުމަކީ ވެސް އޭގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް ، ކެންސަރުގެ ބާވަތްތަކާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ.

• ހިތުގެ ބަލިތަކާއި، ލޭމައްޗަށްދިއުން : ފޭރަކީ ތަބީޢަތުގައި "ލޭގައި ހަކުރު ދަށްކުރުވަނިވި"(Hypoglycemic) އެއްޗެކެވެ. އަދި ފޭރުގައި ފައިބަރު ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭގެ ސަރުބީގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހިތުގެ ބަލިތަކާއި ލޭމައްޗަށްދިއުމުގެ ފުރުޞަތު އޮތްމީހުން ބޭނުންކުރަން ފޭރަކީ ވަރަށް ފައިދާހުރި މޭވާ އެކެވެ. މެދު ސައިޒުގެ ފޭރަކުން ދުވާލަކަށް މީހަކަށް ބޭނުންވާ ޕޮޓޭސިއަމްގެ 20 އިންސައްތަ ފޯރުކޮށް ދެއެވެ. ޕޮޓޭސިއަމް އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދުޖެހުން ތަރުތީބު ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

- ހިތުގެ މައްސަލަތައް ކުރިމަތިވުން ކުޑަކޮށްދިނުމުގައި ފޭރު އެހީތެރި ވެދެއެވެ. އެއީ ފޭރު ކެއުމުން ލޭގެ ޕްރެޝަރ ކޮންޓްރޯލްކޮށް، ލޭގެ ކޮލެސްޓީރޯލް ގެ މިންވަރު ދަށްކުރާތީއެވެ. ދިރާސާއެއް ހެދުމަށްޓަކައި ލޭގެ ޕްރެޝަރ މަތިވުން ކުރިމަތިވެފައިވާ ބަޔަކަށް ކެއުމުގެ ކުރިން 12ހަފްތާ ވަންދެން ފޭރު ކާންދެވުނެވެ. ދިރާސާއިން އެގުނު ގޮތުގައި މިގޮތަށް ފޭރު ކާންދެވުނު މީހުންގެ ޕްރެޝަރ ކޮންމެ ވެސް މިންވަރަކަށް ތިރިވެފައި ވެއެވެ.

- ފޭރު ކެއުމުން ލޭގެ ޕްރެޝަރ ތިރިކޮށްދެނީ އޭގައި ހިމެނޭ ޕޮޓޭސިއަމް ގެ ސަބަބުންނެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހިގާ ކަރަންޓުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ މައުދަނެކެވެ. ހިތުގެ ވިންދު ޖެހުން ހަމަހަމަ ކަންމަތީ ބެހެއްޓުމާއި، ގުރުދާއިން ހަށިގަނޑަށް ބޭނުންނުވާ ބައި ސާފުކުރުމުގައި ވެސް ޕޮޓޭސިއަމް ބައިވެރިވެއެވެ.

- ފޭރުގައި ހިމެނޭ ވިޓަމިންސީ އަކީ ހިތުގެ ބަލިތަކުން ރައްކާތެރި ވުމުގައި އެހީތެރިވެދޭ އެންޓި އޮކްސިޑެންޓެކެވެ. ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ވިޓަމިން ސީ ގެ ސަބަބުން ލޭގައި ހިމެނޭ ރަގަޅު ކޮލެސްޓީރޯލްގެ މިންވަރު މަތިވެ، ނުރަގަޅު ކޮލެސްޓީރޯލް ލޭ ހޮޅީގެ ފާރުގައި ތަތްވުމަށް ހުރަސް އަޅައެވެ. ހަމަމިހެން ކުދި ކުދި ލޭހޮޅިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމުގައި ވެސް ވިޓަމިން ސީ ބައިވެރިވެއެވެ.

• ބޭރަށްހިންގުން : ބޭރަށްހިންގުން ކުރިމަތިވެފައިވާ މީހުންނަށް ފޭރަކީ ބޭނުންކުރަން ވަރަށް ފައިދާހުރި މޭވާއެއް ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ފޭރުގައި ކެމިކަލް ކަމްޕައުންޑް ތަކެއް ކަމުގައި ބެލެވޭ "އެސްޓްރިންޖެންޓް"(Astringents) ތައް ހުރެއެވެެ. މާނައަކީ ހަށިގަނޑުގެ ޓިޝޫތައް ފިއްތައި ހިންދާލުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެއް ހުރެއެވެ. އެހެންކަމުން ބޭރަށްހިންގުން ޖެހުމުން ފޭރު ބޭނުންކުރާނަމަ އަވަހަށް ރަގަޅު ވެއެވެ. ކުރިން ބުނެވުނު ކެމިކަލް ކަމްޕައުންޑް ތަކުގައި ބެކްޓީރިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރަށްހިންގުމުގެ ވައްތަރެއް ކަމުގައިވާ "ޑިސެންޓެރީ"(Dysentery) ގެ ހާލަތުގައި ގޮހޮރުގެ ތެރޭގައި ބެކްޓީރިޔާތައް ހެދިބޮޑުވުމުން ރައްކާތެރިކޮށް ދެއެވެ. ފޭރުގައި ހިމެނޭ ޖަރާސީމް މަރައި ނައްތާލުމުގެ ގާބިލިއްޔަތު އެކުލެވޭ އެހެން މާއްދާތަކުގެ ތެރޭގައި ޕޮޓޭސިއަމް، ވިޓަމިން ސީ، އަދި ކެރޮޓިނޮއިޑް ތައް ހިމެނެއެވެ. އަދި ފަހުން މިބުނި މާއްދާތައް ފޭރުގައި ހުރުމަކީ ބޭރަށްހިންގުން މެދުވެރިވުމުން ރަގަޅުވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.

• ކެއްސުމާއި އަރިދަފުސް ރޯގާ : ފޭރުފަތް މުގުރައި ޗިސްކޮށްގެން ތައްޔާރުކުރާ ޕޭސްޓް، އަދި ގަބުޅި ފޭރުން ތައްޔާރުކުރާ ފަނި ބޭނުންކުރުމަކީ ކެއްސުމާއި އަރިދަފުސް ރޯގާގެ އުދަނގޫ ކުޑަކޮށްދޭ ކަމެކެވެ. މިއީ ފޭރުފަނީގައި ހިމެނޭ "އެސްޓްރިންޖެންޓް" އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބާރު އެކުލެވިގެންވުމުގެ ސަބަބުން ލިބޭ ފައިދާ އެކެވެ. ފޭރު ފަނި ބޭނުންކުރުމުން ކެއްސުން ލުއިވެ، ދަވަ އުފެދުން ދަށްވެ، ނޭވާލާ ނިޒާމާއި، ކަރުތެރެ އަދި ފުއްޕާމޭގައި ހުންނަ އިންފެކްޝަންގެ އަސަރު ދުއްވާލައެވެ. ފޭރުގައި ވިޓަމިން ސީ އާއި ދަގަނޑު ގިނައިން ހުރުމަކީ ވެސް އަރިދަފުސް ރޯގާއާއި އެހެނިހެން ވައިރަހުގެ ސަބަބުން ޖެހޭ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

• ހަމުގެ ފަރުވާ : ފޭރުގައި ހިމެނޭ "އެސްޓްރިންޖެންޓް" ތަކުގެ ސަބަބުން ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދެއެވެ. ދޫވެފައިވާ ހަމުގެ ފަށަލަ ވާންވެ، އޮމާން ވެއެވެ. އެގޮތުން ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ފޭރު ފަތާއި، ގަބުޅި ފޭރު ޗިސްކޮށްގެން އުފެދޭ ޕޭސްޓް ހަންގަނޑުގައި އުގުޅިދާނެ އެވެ. މީގެ އިތުރުން ފޭރުގައި އެންޓި އޮކްސިޑެންޓް ގޮތުގައި ބެލެވޭ ވިޓަމިން ސީ، ވިޓަމިން އޭ އަދި ޕޮޓޭސިއަމް ހުރެއެވެ. މިއީ ހަންގަނޑުން ވިހަތައް ފިލުވައިދީ، ހަމުގައި ހުންނަ ރޫތައް ފިލުވައިދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން އީ ފޭރުގައި ހުރުމަކީ ވެސް ހަމުގެ ދުޅަހެޔޮކަން ރަގަޅުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފޭރު ފަތް ބޭނުންކޮށްގެން އޮށާޅަނެގުން ފަދަ ހަމުގެ ބަލިތަކަށް ވެސް ފަރުވާ ކުރެއެވެ.

• ބޭރަށްހިންގުން : ފޭރުގައި ގިނައިން ފައިބަރު ހުރުމަކީ ބަނޑުހިކުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މެދު ސައިޒުގެ ފޭރަކުން ދުވާލަކަށް މީހަކަށް ބޭނުންވާ ފައިބަރުގެ 36 އިންސައްތަ ފޯރުކޮށް ދެއެވެ. އަދި ފޭރު އޮށަކީ ވެސް ބަނޑު ސާފުކޮށްދޭ އެއްޗެކެވެ.

• ހަކުރު ބަލި : މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ފޭރު އަދި ފޭރު ފަތަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެތި ތަކެކެވެ. ނަމަވެސް ފޭރު ތޮއްޓާއި އެކު ބޭނުންކޮށްފިނަމަ މިފައިދާ (ލޭގެ ހަކުރުދަށްވުން) ނުފެނުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ހަކުރު ބަލީގެ މީހުން ފޭރު ކެއުމުގައި އޭގެ ތޮށި މަށައިގެން ކެއުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ކުރީ ޒަމާނުގައި ޗައިނާ މީހުން ވަރަށް ދިގުމުއްދަތަކަށް ހަކުރު ބައްޔަށް ފަރުވާ ކުރުމަށް ފޭރު ކައި އުޅުނެވެ. މިފަހުގެ ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި ފޭރު ކެއުމަކީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

• ބަރުދަން ލުއިކުރުން : ބަރުދަން ލުއިކުރުމަށް ބޭނުންވާ ކެއުމެއްގައި ހުންނަންޖެހޭ މުހިއްމު މާއްދާތައް ފޭރުގައި ހުރެއެވެ. ފޭރުގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިންތައް އަދި ފައިބަރު ހުރެއެވެ. ފޭރުގައި ސަރުބީ އެއް ނުހުރެއެވެ. ކާބޯހައިޑްރޭޓް ހުންނަނީ ވަރަށް މަދުންނެވެ. މިސަބަބުތަކާހުރެ ފޭރު ކެއުމަށްފަހު، ފުރިފައި ހުންނަ ކަހަލަ އިހްސާސެއް ގެނެސްދޭނެ އެވެ. މެންދުރު ކެއުމުގައި މެދު ސައިޒުގެ ފޭރެއް ބޭނުންކުރުމުން، ރޭގަނޑު ކެއުމާއި ހަމައަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބިގެންދާ ކަމަށް ބުނެވެއެވެ.

• ސްކާރވީ : ސްކާރވީ ހަށިގަނޑުގައި ވިޓަމިން ސީ މަދުވުމުން ކުރިމަތިވާ ބައްޔެކެވެ. ސްކާރވީ ޖެހުމުން، ހިރުގަނޑު ދުޅަވެ، ލޭއައިސް އަނގަޔާއި ދޫ ފާރުވާގޮތް ވެއެވެ. ފޭރުގައި އޮރެންޖުގައި ހުންނަ މިންވަރަށްވުރެ 4 ގުނަ އިތުރަށް ވިޓަމިން ސީ ހުރުމުން މިއީ ސްކާރވީ ގެ ފަރުވާގައި ބޭނުންކުރެވިދާނެ ރަގަޅު ފައިދާހުރި މޭވާ އެކެވެ.

• ދަތުގެ ފަރުވާ : ފޭރު ފަތާއި، ފޭރުގައި ކެމިކަލް ކަމްޕައުންޑް ތަކެއް ކަމުގައި ބެލެވޭ "އެސްޓްރިންޖެންޓް" ތައް ހުރެއެވެެ. މާނައަކީ ހަށިގަނޑުގެ ޓިޝޫތައް ފިއްތައި ހިންދާލުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެއް ހުރެއެވެ. މިސަބަބާހުރެ، ހިރުގަނޑު ދުޅަވުން، ދަތުގައި ރިހުން، އަނގަފާރު އެޅުން ފަދަ ހާލަތްތަކުގައި ފޭރަކީ ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.

• ލޮލުގެ ފަރުވާ : ފޭރުގައި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް ހުރެއެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ރަގަޅުކޮށްދީ ލޮލުގެ ބަލިތަކުން ސަލާމަތްކޮށް ރައްކާތެރިކޮށް ދެއެވެ.

• ދަރިމައިނުވުން : ފޭރުގައި ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑަކީ ދަރިމައިވުމުގެ ގާބިލްކަން އިތުރުކޮށްދޭ މާއްދާއެއް ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން ފޭރުގައި ވިޓަމިން ސީ ގިނައިން ހުރުމުން ދަރިފަނީގައި ހުންނަ އުނިކަންތައްތަކާއި ގުޅިގެން ފިރިހެނުންނަށް ދަރިނުލިބުން މެދުވެރިވުމުގެ މައްސަލައަށް ކޮންމެވެސް މިންވަރަކަށް ލުއިކަން ގެނެސްދޭކަމަށް ބުނެވެއެވެ.

• މަސްތަކާއި ނާރުތަކުގެ ދިރުން : ފޭރުގައި ހިމެނޭ މައުދަނެއް ކަމުގައިވާ މެގްނީޒިއަމް އަކީ މަސްތަކާއި ނާރުތަކުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މެގްނީޒިއަމްގެ ސަބަބުން ފިތިކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި އޭގެ މަސައްކަތްތަކަށް ދިރުން ގެނުވާކަން ފާހަގަ ކުރެވެއެވެ.

• ސިކުނޑީގެ ދުޅަހެޔޮކަން : ފޭރުގައި ވިޓަމިން ބީގެ ވައްތަރުތައް ހުރެއެވެ. ޚާއްޞަކޮށް ނިއެސިން އަދި ޕައިރިޑޮކްސިން ގިނައިން ހުރެއެވެ. ނިއެސިން އަކީ ސިކުނޑީގެ މަސައްކަތް ރަގަޅުކޮށް ލޭދައުރުވުން އިތުރުކޮށްދޭ މާއްދާ އެކެވެ. ޕައިރިޑޮކްސިން އަކީ ސިކުނޑިއާއި އެއާއި ގުޅިފައިވާ ނާރުތަކުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި މާއްދާ އެކެވެ.

• ލޭމަނާކުރުމުގެ ބާރު : ފޭރުގައި ލޭމަނާކުރުމުގެ ބާރު އެކުލެވިގެން ވުމުގެ ސަބަބުން ނޭފަތުން ލޭއައުން، ހިރުގަނޑުން ލޭއައުން ފަދަ ހާލަތްތަކުގައި ފޭރު ބޭނުންކުރުމުން އެތަންތަނުން ލޭއައުން މަނާވެ، ހުއްޓިގެން ދެއެވެ.

• ހަށިގަނޑުގެ ސަރުބީ މިންވަރު ދަށްކުރުން : އިންޑިޔާގެ ހިތުގެ ދިރާސާކުރާ ލެބޯޓްރީ އަކުން ދިރާސާއެއް ހެދުމަށް ބަޔަކަށް 3 މަސްދުވަހުގެ މުއްދަތަކަށް ދުވާލަކު 9-5 އަދަދަކަށް ފޭރު ކާންދެވުނެވެ. ދިރާސާއަށްފަހު ޓެސްޓްކުރި އިރު ބައިވެރިންގެ ހަށިގަނޑުގައި ހުރި ޖުމުލަ ސަރުބީގެ މިންވަރު 10 އިންސައްތަ ދަށްވެ، ޓްރައިގްލައިސެރައިޑްގެ މިންވަރު 8 އިންސައްތަ ދަށްވެފައި ވެއެވެ. ލޭގެ ޕްރެޝަރު 8/9 މމމ ދަށްވިއިރު، ރަގަޅު ސަރުބީގެ މިންވަރު 8 އިންސައްތަ އިތުރުވެފައި ވެއެވެ. ބުނެވޭގޮތުގައި ފޭރު ބޭނުންކުރުމުން ހަށިގަނޑުގެ ސަރުބީ ދަށްވަނީ އޭގައި ހިމެނޭ ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ކަމުގައިވާ "ޕެކްޓިން" ގެ ސަބަބުންނެވެ. އަދި ޕެކްޓިންގެ ސަބަބުން، ފަހަރުގައި މައިދާގައި ޖެލް ގަނޑެއް އުފައްދައިގެން ކާތަކެތީގެ ހިމެނޭ ސަރުބީ އާއި ތެޔޮ އެޖެލްގަނޑަށް ދަމައި، ހަށިގަނޑުގެ ތެރެއަށް ދިއުން ހުއްޓުވާތީ، ސަރުބީގެ މިންވަރު ދަށްވުމަކީ ވެސް ވެދާނެ ގޮތެއްކަމަށް ވަނީ ބެލެވިފައެވެ.

• ވިޓަމިން ސީ ގިނައިން ހުރުން : ފޭރުގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

މައުލޫމާތު:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.