ހެލެނބެލި
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ހެލެނބެއްޔަކީ ހުތް ރަހަދޭ އެއްޗެކެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެެވެ. ދިވެހިރާއްޖޭގައި ހެލެނބެލި ބޮޑަށް ބޭނުންކުރެވެނީ ހެލެނބެލި ހުތުގެ ސިފައިގައެވެ. އެންމެ އާންމުކޮށް ބޭނުންކުރެވެނީ ކުންނާރު، ފަޅޯ، ކެރެޓް ފަދަ ތަކެތި ބޭނުންކޮށްގެން "މަޖާ" ތައްޔާރު ކުރުމުގައެވެ. ހެލެނބެލީގައި ވެސް ޞިއްޙަތަށް ފައިދާހުރި ކާނާގެ ތަފާތު ބާވަތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ހެލެނބެލި
އިގިރޭސި ނަން : Tamarind
ޢިލްމީ ނަން : Tamarindus Indica
ކޮންމެ 100 ގްރާމް ގައި | ލޮނުގެ ބާވަތްތައް | ކޮންމެ 100 ގްރާމް ގައި | އަސާސީ މާއްދާތައް |
28 މިލިގްރާމް | ސޯޑިއަމް | 239 ކިލޯކެލަރީ | ހަކަތަ |
628 މިލިގްރާމް | ޕޮޓޭސިއަމް | 62.50 ގްރާމް | ކާބޯހައިޑްރޭޓް |
ކޮންމެ 100 ގްރާމް ގައި | މަޢުދަންތައް | 2.80 ގްރާމް | ޕްރޮޓީން |
74 މިލިގްރާމް | ކެލްސިއަމް | 0.60 ގްރާމް | ފެޓް |
0.086 މިލިގްރާމް | ކޮޕަރ | 5.1 ގްރާމް | ފައިބަރު |
2.80 މިލިގްރާމް | ދަނގަޑު | ކޮންމެ 100 ގްރާމް ގައި | ވިޓަމިންތައް |
92 މިލިގްރާމް | މެގްނީޒިއަމް | 14 މައިކްރޯ ގްރާމް | ފޮލިކް އެސިޑް |
- | މެންގަނީޒް | 1.938 މިލިގްރާމް | ނިއެސިން |
113 މިލިގްރާމް | ފޮސްފަރަސް | 0.143 މިލިގްރާމް | ޕެންތޮނިކްއެސިޑް |
1.3 މައިކްރޯގްރާމް | ސިލެނިއަމް | 0.066 މިލިގްރާމް | ޕައިރިޑޮކްސިން |
0.10 މިލިގްރާމް | ޒިންކް | - | ރައިބޯފްލެވިން |
ކޮންމެ 100 ގްރާމް ގައި | ފައިޓޯނިއުޓްރިއެންޓްތައް | 0.428 މިލިގްރާމް | ތިއެމިން |
0 މައިކްރޯ ގްރާމް | ކެރޮޓީން އަލްފާ | 30 އައިޔޫ | ވިޓަމިން އޭ |
18 މައިކްރޯ ގްރާމް | ކެރޮޓީން ބީޓާ | 3.5 މިލިގްރާމް | ވިޓަމިން ސީ |
0 މައިކްރޯ ގްރާމް | ކްރިޕްޓޯޒެންތިންބީ | 0.10 މިލިގްރާމް | ވިޓަމިން އީ |
0 މައިކްރޯ ގްރާމް | ލޫޓީންޒިއެޒެންތިން | 2.8 މައިކްރޯ ގްރާމް | ވިޓަމިން ކޭ |
0 މައިކްރޯ ގްރާމް | ލައިކޯޕީން |
ހެލެނބެލިން ލިބޭ ޞިއްޙީ ފައިދާތައް
• ކެންސަރުން ރައްކާތެރިވުން : ހެލެނބެލީގައި ވަރަށް ގިނަ ވައްތަރުތަކުގެ އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހުންނަ އެންޓި އޮކްސިޑެންޓް ތަކުގެ ތެރޭގައި، ވިޓަމިން ސީ، ފްލޭވޮނޮއިޑްތައް، ކެރޮޓީންތައް އަދި ވިޓަމިން ބީގެ ވައްތަރުތައް ހިމެނެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.
• ލޮލުރޯގާ : ބައެއް ވައްތަރުގެ ލޮލުރޯނގާ އަށް ފަރުވާކުރުމަށް ހެލެނބެލި ޖޫސް ބޭނުން ކުރެއެވެ. ހެލެނބެލި އޮށުން އުފައްދާފައި ހުންނަ ލޮލަށް ޖައްސާ ތިކި، ލޯއަބަދު ހިކިފައި ހުންނަ (ކަރުނަ ނުހުންނަ) ބައްޔަށް ފަރުވާކުރުމަށް ބޭނުން ކުރެއެވެ. ހެލެނބެލި އޮށުގައި "ޕޮލީސެކެރައިޑް"(Polysaccharide) އެކުލެވުމުގެ ސަބަބުން ލޮލުގެ ސަތަހައިގެ މަތީގައި ލޮލަށް ޖައްސާ ފެން ހަރުލާފައި ހުންނަ މިންވަރު އިތުރުވެއެވެ.
• ހުންއައުން : ހެލެނބެއްޔަކީ ހުން ތިރިކުރުމަށް ވެސް ބޭނުންކުރެވޭ މޭވާ އެކެވެ. އެގޮތުން ހެލެނބެލި ތޮށި ނޮޅާލުމަށްފަހު ހެލެނބެލީގެ އެއް އައުންސްވަރު، ހޫނު ފެނުގައި ގަޑިއެއްހާއިރު ވަންދެން ކައްކާށެވެ. އެއަށްފަހު އެފެން ފުރާނާފައި ކުޑަ މާމުއިކޮޅެއް އެއްކޮށްގެން ބޭނުންކުރާށެވެ.
• ވިޓަމިން ސީ ހުރުން : ހެލެނބެލީގައި ވިޓަމިން ސީ ހުރެއެވެ. މިހެން ވުމުން :-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.
o ވިޓަމިން ސީ އުނިވުމުން ދިމާވާ "ސްކާރވީ"(Scurvy) އަށް ފަރުވާކުރުމަށް ބޭނުންކުރެ އެވެ.• ފައިބަރު ގިނައިންހުރުން : ފައިބަރު ގިނައިން ހުރުމަކީ ހެލެނބެލި ބޭނުންކުރުމުން، ބަނޑުހިކުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އެގޮތުން ހެލެނބެލީގައި، ހުންނަ ޑައެޓްރީ ފައިބަރުގެ ބާވަތްތަކުގެ ތެރޭގައި، "ގަމްސް"(Gums) ، "ޕެކްޓިން"(Pectin)، "ހެމިސެލިއުލޯޒް"(Hemicellulose) ތައް، "މިއުސިލޭޖް"(Mucilage) އަދި "ޓެނިން"(Tannin) ހިމެނެއެވެ. މިއީ ގޮހޮރުގެ ހަރަކާތް އިތުރުކޮށް، ފަސޭހައިން ބޮޑުކަމުދިއުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
- މީގެ އިތުރުން ފައިބަރު އަކީ ގޮހޮރުގެ ތެރޭގައި ވިހަ ކެމިކަލްތައް ގޮހޮރުގެ ފާރުގައި ތަތްވިޔަނުދީ ހިފަހައްޓައި، ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ މާއްދާ އެކެވެ.
- މީގެ އިތުރުން ކޮލެސްޓްރޯލް އިން އުފެދޭ "ބައިލް ސޯލްޓް"(Bile salt) އާއި، ފައިބަރު ތަތްވެ، ގޮހޮރުގެ ތެރޭގައި ބައިލް ސޯލްޓް އަލުން އަނބުރާ ހަށިގަނޑަށް ނަގާ މިންވަރު ދަށްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ނުރަގަޅު ކޮލެސްޓްރޯލް ނުވަތަ ސަރުބީ ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދެއެވެ.
• ޓާރޓެރިކް އެސިޑް ހުރުން : ހެލެނބެލީގައި ޓާރޓެރިކް އެސިޑް ކިޔާ އެސިޑެއް ހުރެއެވެ. ހެލެނބެއްޔަށް އޭގައި އެކުލެވޭ ހުތް ރަހަ ގެނެސްދެނީ މި އެސިޑްގެ ސަބަބުންނެވެ. މިއީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. (އެންޓި އޮކްސިޑެންޓް އީ-ނަންބަރުE334 ). މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް ދުރުކޮށްދޭ މާއްދާ ތަކެކެވެ. ފްރީ ރެޑިކަލްތަކުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ކެންސަރު ޖެހުމާއި، އަވަހަށް މުސްކުޅިވުމާއި، އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ.
• ފައިޓޯކެމިކަލްތައް : ހެލެނބެލީގައި ވަރަށް ގިނަ މުހިއްމު ފައިޓޯކެމިކަލްތައް ހުރެއެވެ. އޭގެ ތެރޭގައި "ލިމޯނީން"(Limonene)، "ޖިރެނިއޯލް"(Gereniol)، "ސެފްރޯލް"(Safrole)، "ސިނެމިކް އެސިޑް"(Cinnamic acid)، "މީތައިލް ސަލިސައިލޭޓް"(Methyl Salicylate)، "ޕައިރަޒިން"(Pirazine) އަދި "އަލްކައިލްތިއެޒޯލް"(Alkylthiazole)، ހިމެނެއެވެ. މިހުރިހާ މާއްދާތަކަކީ ވެސް އޭގެ ސަބަބުން ހަށިގަނޑަށް ތަފާތު މަންފާތައް ފޯރުކޮށް ދިނުމުގައި ބައިވެރިވާ މާއްދާ ތަކެވެ.
• ތަފާތު މައުދަންތައް : ހެލެނބެލީގައި ތަފާތު ވައްތަރުގެ މައުދަންތައް ހުރެއެވެ. އެގޮތުން ހުންނަ މައުދަންތަކުގެ ތެރޭގައި، ދަނގަޑު، ކޮޕަރ، ކެލްސިއަމް، ޕޮޓޭސިއަމް، މެގްނީޒިއަމް، ސިލެނިއަމް، އަދި ޒިންކް ހިމެނެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގެ ސެލްތަކާއި، ހަށިގަނޑުގައި ހިމެނޭ އެކި ދިޔައިގެ ތެރޭގައި ހިމެނޭ މުހިއްމު މާއްދާ އެކެވެ. އަދި ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދު ތަރުތީބުކޮށް ހަމައަކަށް އެޅުވުމުގައި ޝާމިލްވާ މާއްދާ އެއް ވެސްމެއެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. އެގޮތުން "ސައިޓޯކްރޯމް އޮކްސިޑޭޒް" އެންޒައިމް (Cytochrome Oxidase) ގެ ކޯ-ފެކްޓަރ އެއްގެ ދައުރު ދަގަނޑު އަދާކުރެއެވެ.
• ތަފާތު ވިޓަމިންތައް : ހެލެނބެލީގައި ވެސް ހަށިގަނޑަށް ބޭނުންތެރި ތަފާތު ބާވަތްތަކުގެ ވިޓަމިންތައް ހުރެއެވެ. އެގޮތުން ހިމެނޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީގެ ބާވަތްތައް ކަމުގައިވާ ފޮލިކް އެސިޑް، ނިއެސިން، އަދި ރައިބޯފްލެވިން ހިމެނެއެވެ. ވިޓަމިންގެ ބާވަތްތަކީ ހަށިގަނޑުގެ އެކިއެކި ވަޒީފާތައް ފުރިހަމަކުރުމަށް އަބަދުވެސް ބޭނުންވާ މުހިއްމު ކާނާގެ ބާވަތްތަކެކެވެ.
• ހެލެނބެލީގެ ފައިދާތައް ކުރުކޮށް:-
o ހެލެނބެއްޔަކީ ބަނޑުސާފުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
o ބައިލް އާއި ގުޅުންހުރި ފުރަމޭގެ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވެއެވެ.
o ހަށިގަނޑުން ސަރުބީ މިންވަރު ދަށްކޮށް ދެއެވެ.
o ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ހެލެނބެލި، އޭގެ ފަތް އަދި މާ ދުޅަވެ ފުއްޕާފައިވާ ހުޅުތަކުގެ ދުޅަތިރިކުރުމަށް އޭގެ މަތީގައި އުގުޅައެވެ.
o ކަރުތެރެ ދޮވެ ސާފުކުރުމަށް ބޭނުން ކުރެއެވެ.
o ހޫނުވެގެން ސްޓްރޯކްޖެހުމުން ކުރިމަތިވާ އުދަގޫތައް ކުޑަކޮށް ދެއެވެ.
o ކުޑަކަމުދެވޭ މިންވަރު އިތުރުކުރުމަށް "ޑަޔުރެޓިކް"(Diuretic) އެއްގެ ގޮތުގައި ބޭނުންކުރެއެވެ.
o ހަޖަމުކުރުމަށް އެހީތެރިވެދެއެވެ.
o ހަމުގައި ހުންނަ އިންފްލެމޭޝަންގެ އަސަރު ފިލުވުމަށް ހަމުގައި އުގުޅައެވެ.
o ހެލެނބެލި މަލުގެ ދިޔަ، އެތެރެއަށް ފުރަގަސްފަރާތް ފޭބުން ފަދަ ހާލަތްތަކުގައި ބޭރުވާ ލޭމަނާކުރުމަށް ދީއުޅެއެވެ.
o ހެލެނބެލި ފަތުން ސައި ތައްޔާރުކޮށްގެން މެލޭރިޔާ ހުންޖެހުމުން ހުން ތިރިކުރުމަށް ދީއުޅެއެވެ.
o ލޭގައި ހުންނަ ވިހަތައް ސާފުކުރުމަށް ބޭނުންކުރެއެވެ.
o ހެލެނބެލި ފަތް ފިހުން، ނުވަތަ އެނދުން ފަދަ ހާލަތްތަކުގައި ބޭނުން ކުރެއެވެ.
މަޢުލޫމާތު:-
• http://www.nutrition-and-you.com/tamarind.html
• http://len7288.hubpages.com/hub/Health-Benefits-of-Tamarind
• http://healthmad.com/alternative/10-benefits-of-tamarind
• http://herbs.ygoy.com/top-15-health-benefits-of-tamarind
• http://www.raysahelian.com/tamarind.html
• http://www.natural-homeremedies.org/blog/medicinal-properties-of-tamarind
• http://lifestyle.iloveindia.com/lounge/health-benefits-of-tamarind-9045.html