ހުކުރު20181116

އާކުރެވުނީ: 08:43:52

ލުނބޯ

lunboa* މި ލިޔުން ފުރަތަމަ ކަވާސާގައި ޝާއިޢު ކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު މިލިޔުން  ވަނީ އިތުރު މަޢްލޫމާތު ހިމެނި  އާކުރެވިފައެވެ.

ލުނބޮޔަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ލުނބޯ ބޭނުންކުރެވެނީ ތަފާތު ސަލަޑް، އަދި އެހެނިހެން ކާތަކެތި ތައްޔާރު ކުރައްވާއިރު ހުތް ރަހަ ހެޔޮވަރު ކޮށްލުމުގެ ގޮތުންނެވެ. ލުނބޯ ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ލުނބޯ އަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، ކުދި ލުނބޯ، އަދި ކުދި އޮރެންޖް ހިމެނެއެވެ.

ދިވެހި ނަން : ލުނބޯ
އިގިރޭސި ނަން : Lime
ޢިލްމީ ނަން : Citrus Latifolia / Citrus Aurantifolia

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
2 މިލިގްރާމް ސޯޑިއަމް 30 ކިލޯކެލަރީ ހަކަތަ
102 މިލިގްރާމް ޕޮޓޭސިއަމް 10.5 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.7 ގްރާމް ޕްރޮޓީން
33 މިލިގްރާމް ކެލްސިއަމް 0.2 ގްރާމް ފެޓް
0.1 މައިކްރޯ ގްރާމް ކޮޕަރ 2.8 ގްރާމް ފައިބަރު
0.6 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
6 މިލިގްރާމް މެގްނީޒިއަމް 8 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0 މިލިގްރާމް މެންގަނީޒް 2 މިލިގްރާމް ނިއެސިން
18 މިލިގްރާމް ފޮސްފަރަސް 0.2 މިލިގްރާމް ޕެންތޮނިކްއެސިޑް
0.4 މައިކްރޯ ގްރާމް ސިލެނިއަމް 0 މިލިގްރާމް ޕައިރިޑޮކްސިން
0.1 މިލިގްރާމް ޒިންކް 0 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.4 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 50 އައިޔޫ ވިޓަމިން އޭ
0 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 29 މިލިގްރާމް ވިޓަމިން ސީ
0 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.2 މިލިގްރާމް ވިޓަމިން އީ
0 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0.6 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު،އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.

ލުނބޯއިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

• ލުނބޯގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

• ސްކާރވީ : ލުނބޮޔަކީ ވިޓަމިން ސީ ހަށިގަނޑުން އުނިވުމުން ޖެހޭ ބައްޔެއް ކަމުގައިވާ "ސްކާރވީ"(Scurvy) އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ މަޝްހޫރު މޭވާ އެކެވެ. ސްކާރވީ ޖެހުމުން ނޭފަތުން އަރިދަފުސް ފޭބުން، ކެއްސުން، އަނގަފާރު އެޅުން، ތުންފަތް ފެޅުން، ދުލުގައި ފާރުހެދުން، ހިރުގަނޑު ދުޅަވެ ރަތްވުން ފަދަ އުދަނގޫތައް ދިމާވެއެވެ. މިއީ ވިޓަމިން ސީ މަދުވުމުން ޖެހޭ ބައްޔަކަށްވުމުން މީގެ ފަރުވާ އަކީ ވެސް ހަށިގަނޑަށް ގިނައިން ވިޓަމިން ސީ ލިބޭނެ ގޮތް ހެދުމެވެ. ލުނބޮޔަކީ ވިޓަމިން ސީ އިން މުއްސަދިވެފައިވާ މޭވާ އެކެވެ.

• ހަމުގެ ފަރުވާ : ލުނބޯ ޖޫސް ބުއިމާއި، ލުނބޯ ތެޔޮ ގައިގައި އުގުޅުމަކީ އެކަމުގެ ސަބަބުން ހަންގަނޑަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ. ލުނބޯ ބޭނުންކުރުމަކީ ހަމުގެ ފަށަލަތައް އާކޮށްދީ، ހަމުގެ އޮމާންކަމާއި ވިދުން، އިތުރުކޮށްދޭނެ ކަމެކެވެ. ލުނބޯގައި ވިޓަމިން ސީ އަދި ފްލޭވޮނޮއިޑް އެކުލެވުމުގެ ސަބަބުން ހަށިގަނޑުން ދުވާ ނުބައި ވަހުން ސަލާމަތް ކޮށްދެއެވެ. ވިޓަމިން ސީ އަދި ފްލޭވޮނޮއިޑް ތަކަކީ ޖަރާސީމް މަރާލުމުގެ ބާރު ލިބުމުގެ އިތުރުން، އެންޓި އޮކްސިޑެންޓްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މާއްދާތަކެކެވެ. ލުނބޯ ތެޔޮ ހަމުގައި އުގުޅުމުން، މަރުވެފައިވާ ހަމުގެ ސެލްތައް ވަކިކޮށްދީ، ހަންފޮޅުމާއި، ބިހިނެގުމުން ދުރުކޮށްދީ، ހަންމަށައިގެން ގޮސްފައި ހުންނަ ތަންތަން އަވަހަށް ފަސޭހަކޮށް ދެއެވެ. ފެންގަޑަށް ލުނބޯ ތެޔޮ ނުވަތަ ޖޫސް އަޅައިގެން ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ގެނެސް ދެއެވެ.

• ހަޖަމުކުރުން : ލުނބޯ ބޭނުންކުރުމަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ފުރަތަމަ ކަމަކީ ލުނބޯ ބޭނުންކުރުމުން އަނގައިގެ ތެރޭގައި ކުޅު ގިނަވެ، ކާތަކެތި ފަސޭހައިން ހަފައި، މުގުރައި، ޗިސްކޮށް ކުދިކުދި ކުރުމަށް އެހީތެރިވެދެ އެވެ. މީގެ އިތުރުން ލުނބޯގައި ހިމެނޭ ބައެއް ކަހަލަ މާއްދާތަކުގެ ސަބަބުން ހަޖަމުކުރުމަށް ބޭނުންވާ ދިޔަ ނުވަތަ ޖޫސް، ބައިލް، އަދި އެސިޑްތައް، މައިދާއާއި ގޮހޮރުގެ ތެރެއަށް ދޫކުރުމަށް ބާރުއަޅައެވެ. މީގެ އިތުރުން ހަޖަމުކުރުމުގެ ތެރޭގައި ގޮހޮރަށް ގެންނަ ހަރަކާތްތައް ހަލުވިކުރުމަށް ވެސް އެހީތެރިވެދެއެވެ.

• ބަނޑުހިކުން : މައިގަނޑު ގޮތެއްގައި ބަލާއިރު ލުނބޯގައި ހިމެނޭ ބައެއް ކަހަލަ އެސިޑް ތަކަކީ ހަޖަމުކުރާ ނިޒާމު ދޮވެ ސާފުކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ބުނެވޭގޮތުގައި ލޮނާއި، ލުނބޯ ޖޫސް އެއްކޮށްގެން ބޭނުންކުރުމުން ފަސޭހައިން ބޮޑުކަމުދެވި، ބަނޑުހިކުމުން ސަލާމަތްކޮށް ދެއެވެ. ބަނޑުހިކުމުން ދުރުކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭނަމަ ފުރަގަސްފަރާތު ބަލީގެ އުދަނގޫ ކުރިމަތިވުމުގެ ފުރުޞަތު ކުޑަވާނެ އެވެ. ހެދުނު ހައިބަޑާހުރެ ފެންތަށްޓަކާއެކު ލުނބޯ ޖޫސް ބޭނުންކުރުމުން ފަސޭހައިން ބޮޑުކަމުދެވޭގޮތް ވާކަމަށް ބުނެއެވެ.

• ގޮހޮރުގެ ފާރު : ކުރިން ވެސް ބުނި ފަދައިން ލުނބޯގައި ވިޓަމިން ސީގެ އިތުރުން ފްލޭވޮނޮއިޑް ތައް ހުރެއެވެ. އެގޮތުން ހުންނަ އެއް ފްލޭވޮނޮއިޑް އަކީ "ލިމޯނިން ގްލައިކޯސައިޑް"(Limonin glycoside) އެވެ. މިބުނި މާއްދާ އަކީ އެންޓި އޮކްސިޑެންޓެއްގެ އިތުރުން، ޖަރާސީމް މަރާލުމުގެ ބާރާއި، ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، އަދި ވިހަ ސާފުކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. މި ޚާއްޞިއްޔަތު ލިބިފައިވުމަކީ ލުނބޯ ބޭނުންކުރުމުން ގޮހޮރާއި، މައިދާގެ ފާރު އަދި އަނގައިގެ ފާރު ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

• ނޭވާލާ ނިޒާމްގެ މައްސަލަތައް : ލުނބޯ ތެލުގައި ފްލޭވޮނޮއިޑް ހުރެއެވެ. އެގޮތުން ހިމެނޭ އެއްމާއްދާ އަކީ "ކެއެމްޕްފީރޯލް"(Kaempferol) އެވެ. ލުނބޯ ބޭނުންކޮށްގެން ބާމުޔާއި، އިންހޭލާރ އަދި ވޭޕޮރައިޒަރ ތައް އުފައްދާފައި ހުރެއެވެ. މިއީ ނޭވާލާ ނިޒާމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ބޭނުންކުރުމުން އެހުންނަ މައްސަލަތަކަށް ލުއިކަމާއި ފަސޭހަކަން ގެނެސްދޭ އެއްޗެތި ތަކެކެވެ. ލުނބޯތޮށި ނޮޅާލުމަށްފަހު، ނޭފަތުގެ ޖައްސާލާފައި އެތެރެއަށް ދަމާލުމުން ވެސް ބައެއް ފަހަރު ނޭވާލާ ނިޒާމްގެ މައްސަލަތަކަށް ލުއިކަން ލިބޭކަމަށް ވެއެވެ.

• ލޮލުގެ ފަރުވާ : ލުނބޯގައި ހިމެނޭ ވިޓަމިން ސީ ގައި އެކުލެވޭ އެންޓި އޮކްސިޑެންޓް ގެ ބާރުގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ ލޮލަށް ނުފެނުމުގެ މައްސަލަ ނުވަތަ "މެކިޔުލަރ ޑިޖެނެރޭޝަން"(Macular Degeneration) އިން ދުރުކޮށް ހިމާޔަތްކޮށް ދެއެވެ. އަދި ލުނބޯގައި ހިމެނޭ ފްލޭވޮނޮއިޑްތަކުގެ ސަބަބުން ލޮލުގެ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ. ލޮލު ރޯގާ ޖެހުމުން ފެނާއެއްކޮށް، ތާސީރު ދަށްކޮށްފައި ހުންނަ ލުނބޯ ޖޫސް ލޮލަށް ތިކި ޖައްސާ އުސޫލުން، ޖައްސައި އުޅެއެވެ. އަދި މާފެނާއި ލުނބޯ ޖޫަސް އެއްކޮށްގެން ވަކި ގަވާޢިދަކުން ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޯފުސްވުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.

• ގައުޓް : ގައުޓް(Gout) އަކީ ހުޅު ދުޅަވުމުގެ ވައްތަރެކެވެ. ގައުޓް މެދުވެރިވުމުގެ މައިގަނޑު ދެ ސަބަބެއް ވެއެވެ. އެއީ ފުރަތަމަ ސަބަބަކީ ހަށިގަނޑުގައި ފްރީ ރެޑިކަލް ތައް ޖަމާވުމެވެ. ދެވަނަ ސަބަބަކީ ހަށިގަނޑުގައި ވިހަ މާއްދާ އެއްކަމުގައިވާ ޔޫރިކް އެސިޑް ގެ މިންވަރު މަތިވުމެވެ. ނުވަތަ ގިނަވުމެވެ. ލުނބޮޔަކީ އެންޓި އޮކްސިޑެންޓް (ވިޓަމިން ސީ) އަދި ވިހަ ސާފުކުރާ (ފްލޭވޮނޮއިޑް) ރިޒާވަރެކެވެ. ވިޓަމިން ސީ ގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކުރާއިރު، ފްލޭވޮނޮއިޑްގެ ސަބަބުން ހަށިގަނޑުގައި ޖަމާވާ ވިހަ މާއްދާތައް މަދުކުރެއެވެ.

• ދަތްތަކާއި ހިރުގަނޑު : ވިޓަމިން ސީ ލުނބޯގައި ހުރުމަކީ ދަތްތަކާއި، ކަށިތައް ވަރުގަދަކޮށްދޭ ކަމެކެވެ. ދަތްފަނި ކެއުމާއި، ދަތްހެލުން، އަދި ހިރުގަނޑު ގިރުން ފަދަ މައްސަލަތަކުން ލުނބޯ ބޭނުންކުރާނަމަ ދުރުވާނެ އެވެ. ހިރުގަނޑަށް ދިމާވާ އެންމެ އަސާސީ މައްސަލަތަކުގެ ތެރޭގައި ވިޓަމިން ސީ މަދުވުމުން ދިމާވާ "ސްކާރވީ" ބައްޔާއި، ހިރުގަނޑުގައި ޖަރާސީމް އަށަގަތުން ހިމެނެއެވެ. މީގެ އިތުރުން އަނިޔާއެއް ލިބުމުގެ ސަބަބުން ހިރުގަނޑު ފާރުވުން ފަދަ ކަންތައް ތައް ވެސް ހިމެނެއެވެ. މިހުރިހާ ކަމަކަށް ވެސް ލުނބޯ ބޭނުންކުރުން އެހީއަކަށް ވެއެވެ. ވިޓަމިން ސީ ސްކާރވީ އަށް ފަރުވާކުރުމުގައި ބޭނުންކުރާއިރު، ހިރުގަނޑުގައި ޖަރާސީމް އަށަގަތުން ފްލޭވޮނޮއިޑްގެ ސަބަބުން ކުޑަކުރެއެވެ. އަދި ފްލޭވޮނޮއިޑް އާއި ޕޮޓޭސިއަމް ގުޅިގެން ހިރުގަނޑާއި އަނގައިގައި ހެދިފައި ހުންނަ ފާރު ފަސޭހަވުން ހަލުވިކޮށް އަވަސްކުރުވައެވެ.

• ބަރުދަން ލުއިކުރުން : ތާފަނާ ފެނާއެކު ލުނބޯ ޖޫސް ބުއިމަކީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމެއް ވެސް މެއެވެ. ލުނބޯ ޖޫހުގައި ވިޓަމިން ސީ ފަދަ އެންޓި އޮކްސިޑެންޓް ހުރެއެވެ. ލުނބޯގައި ހިމެނޭ ސައިޓްރިކް އެސިޑް އަކީ ސަރުބީ ވިރުވާ މާއްދާ އެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ، ދެތިން ހަފްތާވަންދެން ކޮންމެ ދުވަހަކު 2 ތަށި ލުނބޯ ޖޫސް އާދަކޮށް ބޭނުންކުރާށެވެ. މާބޮޑަށް ފަލަމީހުން ލުނބޯ ޖޫސް މާމުޔާއި އެއްކޮށްގެން، ކޮންމެ ދުވަހަކު ހެދުނު ހައިބަޑާހުރެ ބޭނުންކުރުމުން ބަރުދަން ލުއިވާކަމަށް ވެއެވެ.

• ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް : ލުނބޯގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ގުރުދާ އަދި މަސާނާއި ޖަމާވާ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ލުނބޯގައި ހިމެނޭ ޖަރާސީމް މަރައި ނެތިކޮށްލުމުގެ ބާރަކީ އެކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުގެ މައްސަލައިން މިންޖުކޮށްދޭނެ ކަމެކެވެ. ލުނބޯ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ބޮޑުވުން ހުއްޓުވާ ކަމެއް ވެސް މެއެވެ. އަދި ކެލްސިއަމް ޖަމާވުމުގެ ސަބަބުން ކުޑަކަމުދާހޮޅި ބެދުން ފަދަ މައްސަލަތަކުން ދުރުކޮށް ދެއެވެ. ފެނާއި އެއްކޮށް، ތާސީރު ދަށްކޮށްފައި ހުންނަ ލުނބޯ ޖޫހަކީ މަސާނާ ދުޅަވުން ކުރިމަތިވުމުން ބޭނުންކުރެވިދާނެ އެއްޗެކެވެ. އެގޮތުން މިފަދަ ޖޫސް ބޭނުންކުރުމުން ކުޑަކަމުދާއިރު ދިލަނެގުން ކުޑަކޮށްދީ، ކުޑަކަމުދާއިރު ލޭއައުން ހުއްޓުވައެވެ.

• އެހެނިހެން ފައިދާތައް:-
o ކާހިތް ޖެއްސުވުން
o ރާއްޖެ ބަލި ފަދަ ހުޅުގެ ބަލިތަކަށް ފަރުވާކުރުން
o ގޮހޮރާއި ޕްރޮސްޓޭޓް ކެންސަރު ފަދަ ބާވަތްތަކުން ރައްކާތެރިކުރުން
o ވާޅުވުން، ކޮލެރާ، ހަކުރުބަލި، ލޭހޮޅިތައް ހަރުވެބެދުން ފަދަ ބަލިތަކަށް ފަރުވާކުރުން
o ހުންތިރިކޮށްދިނުން
o ލޭގެ ސަރުބީގެ މިންވަރު ދަށްކުރުން : ލުނބޯގައި ޕެކްޓިން ހިމެނެއެވެ.

• އެހެނިހެން ބައެއް ނުކުތާތައް :

o ދޯޅަނބު، ގޮމަށި، އޮރެންޖު، ލުނބޯ ފަދަ ހުތްމޭވާގެ ބާވަތްތަކުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ވިޓަމިން ސީ އަކީ ކާނާގެ ތަފާތު ބާވަތްތަކުގައި އެކުލެވޭ އެންމެ މުހިއްމު އެއް އެންޓިއޮކްސިޑެންޓް އެވެ. ވިޓަމިން ސީ ހަށިގަނޑުގެ ތެރޭގައި ދައުރުވަމުން ދާއިރު އެއާއި ބައްދަލުވާ ''ފްރީ ރެޑިކަލް''ތައް ''ނިއުޓްރަލައިޒް''(ހަމަހަމަކުރުން / އެސިޑަކަށް ނުވަތަ ބޭސް އަކަށް ނުވާނެގޮތް ހެދުން) ކުރެއެވެ. މިބުނި ''ފްރީ ރެޑިކަލް''ތައް ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް، ދުޅަ އުފެއްދުމުގައި ބައިވެރިވެއެވެ. އެހެން ކަމުން ހުތްމޭވާތަކުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭތީ ހުޅުތަކަށް ޖެހޭ ތަފާތު ބަލިތަކާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ހުތްމޭވާގެ ބާވަތްތަކުގެ ފަނި ބޭނުންކުރުން އެހީއަކަށް ވެއެވެ.

o ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމްގެ މަސައްކަތަށް ވެސް ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން އަރިދަފުސް ރޯގާ، އަދި އިންފްލެއެންޒާ ފަދަ ބަލިތަކުން ހިމާޔަތްވެ، ރައްކާތެރިކޮށް ދިނުމުގައި ވިޓަމިން ސީ އެކުލެވޭ ކާނާ އެހީއަކަށް ވެގެންދެއެވެ.

o ދޯޅަނބު، ގޮމަށި، އަދި ލުނބޯ ފަދަ ހުތްމޭވާތަކުގައި ފްލޭވޮނޮއިޑް ކަމްޕައުންޑް ތައް އެކުލެވިގެންވެއެވެ. މިކަމުގެ ސަބަބުން ކެންސަރު ފެތުރިގެން ދިއުން ކުޑަކުރުމުގައި އެހީ އަކަށް ވެއެވެ. މިފްލޭވޮނޮއިޑް ކަމްޕައުންޑް ތަކުގެ ސަބަބުން ކެންސަރު ޖެހުމުން އާދަޔާއި ޚިލާފަށް ބޮޑުވެ، އިތުރުވަމުންދާ ސެލްތައް ހުއްޓުވުމަށް އެހީއަކަށް ވެގެންދެއެވެ.

މައުލޫމާތު :-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.