ވައްތީނި
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ވައްތީނި އަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ މީރު މޭވާ އެކެވެ. މިއީ ވެސް އެމޭވާއެއްގައި ތަފާތު މައުދަންތަކާއި، ވިޓަމިންތަކާއި، އަދި ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގައި އަދި ހިއްކައިގެން ވެސް ވައްތީނި ބޭނުންކޮށް އުޅެއެވެ. އަދި ބައެއް ކަހަލަ ކާތަކެތީގެ ތެރޭގައި ވައްތީނި ހިމަނައިގެން ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ވައްތީނި
އިގިރޭސި ނަން : Common Fig Fruit / Fig
ޢިލްމީ ނަން : Ficus Carica
ކޮންމެ 100 ގްރާމް ގައި | ލޮނުގެ ބާވަތްތައް | ކޮންމެ 100 ގްރާމް ގައި | އަސާސީ މާއްދާތައް |
1 މިލިގްރާމް | ސޯޑިއަމް | 74 ކިލޯކެލަރީ | ހަކަތަ |
232 މިލިގްރާމް | ޕޮޓޭސިއަމް | 19.18 ގްރާމް | ކާބޯހައިޑްރޭޓް |
ކޮންމެ 100 ގްރާމް ގައި | މަޢުދަންތައް | 0.75 ގްރާމް | ޕްރޮޓީން |
35 މިލިގްރާމް | ކެލްސިއަމް | 0.30 ގްރާމް | ފެޓް |
0.070މައިކްރޯ ގްރާމް | ކޮޕަރ | 2.9 ގްރާމް | ފައިބަރު |
1.60 މިލިގްރާމް | ދަނގަޑު | ކޮންމެ 100 ގްރާމް ގައި | ވިޓަމިންތައް |
17 މިލިގްރާމް | މެގްނީޒިއަމް | 6 މައިކްރޯ ގްރާމް | ފޮލިކް އެސިޑް |
0.128 މިލިގްރާމް | މެންގަނީޒް | 0.400 މިލިގްރާމް | ނިއެސިން |
0.2 މައިކްރޯ ގްރާމް | ފޮސްފަރަސް | 0.300 މިލިގްރާމް | ޕެންތޮނިކްއެސިޑް |
0.15 މިލިގްރާމް | ސިލެނިއަމް | 0.113 މިލިގްރާމް | ޕައިރިޑޮކްސިން |
35 މިލިގްރާމް | ޒިންކް | 0.050 މިލިގްރާމް | ރައިބޯފްލެވިން |
ކޮންމެ 100 ގްރާމް ގައި | ފައިޓޯނިއުޓްރިއެންޓްތައް | 0.060 މިލިގްރާމް | ތިއެމިން |
- | ކެރޮޓީން އަލްފާ | 142 އައިޔޫ | ވިޓަމިން އޭ |
85 މައިކްރޯ ގްރާމް | ކެރޮޓީން ބީޓާ | 2 މިލިގްރާމް | ވިޓަމިން ސީ |
- | ކްރިޕްޓޯޒެންތިންބީ | 0.11 މިލިގްރާމް | ވިޓަމިން އީ |
9 މައިކްރޯ ގްރާމް | ލޫޓީންޒިއެޒެންތިން | 4.7 މައިކްރޯ ގްރާމް | ވިޓަމިން ކޭ |
- | ލައިކޯޕީން |
ވައްތީނިން ލިބޭ ޞިއްޙީ ފައިދާތައް
• ބަނޑުހިކުން : ވައްތީނީގައި ޑައެޓްރީ ފައިބަރު ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ބަނޑުހިކުމުގެ މައްސަލަ ހައްލުކޮށްދީ، ހަޖަމުކުރުން ފަސޭހަކަށް، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑު ފަސޭހަކޮށްދޭ ކަމެކެވެ. ވައްތީނި ބޭނުންކުރުމުން، ބަނޑުހިކުން ލުއިކޮށްދޭ އަނެއް ސަބަބަކީ، ވައްތީނީގައި ގިނަ އަދަދަކަށް "ސެލިއުލޯޒް" ހުރުމެވެ. ވައްތީނީގައި ހުންނަ ކުދިކުދި އޮށްތަކުގައި، ގޮހޮރުގެ އެތެރޭގައި "ޕެރިސްޓަލްސިސް" އޭ ކިޔޭ ހަރަކާތް ގެނެސްގެން ކާތަކެތި ހަޖަމުކުރާ ނިޒާމްގެ ތިރީ ބައިތަކަށް ފޮނުވާލުމުގެ ބާރު ހުރެއެވެ. މިސަބަބާހުރެ، ވައްތީނި ބޭނުންކުރުމުން ބޮޑުކަމުދާ ތަކެތި ފަސޭހައިން ބޭރުވެ، ބަނޑާއި ގޮހޮރު ސާފުވެގެން ދެއެވެ.
• ބަރުދަން ލުއިކުރުން : ވައްތީނީގައ ފައިބަރު ހުރުމަކީ އެކަމުގެ ސަބަބުން، ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. މިސަބަބާހުރެ އާދަޔާ ޚިލާފަށް ފަލަ މީހުން ނުވަތަ ފަލަ ބަލީގެ އަހުލުވެރިންނަށް ވައްތީނި ބޭނުންކުރަން އިރުޝާދު ދެއެވެ. ވައްތީނި ބޭނުންކުރުމުގައި ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވާ މީހުން، ސަމާލުވާންޖެހޭ ކަމަކީ، ކިރާއެކު ވައްތީނި ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން އިތުރުވާކަމެކެވެ.
• ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން : ވައްތީނީގައި "ޕެކްޓިން" އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ހުރެއެވެ. ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ވައްތީނި ފަތް ބޭނުންކުރުމަކީ، ލޭގައި ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލައިސެރައިޑް" ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ޓްރައިގްލައިސެރައިޑްގެ މިންވަރު މަތިވުމަކީ ފަލަވުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.
• ހިތުގެ ބަލިތަކުން ރައްކާތެރިކުރުން : ވައްތީނީގައި އޮމެގާ-3- ފެޓީ އެސިޑް، އަދި އޮމެގާ-6- ފެޓީ އެސިޑް ހުރެއެވެ. މިފެޓީ އެސިޑް ތަކަކީ ކްރޯނަރީ އާޓަރީ އާއި (ހިތަށް ލޭފޮނުވައިދޭ މައި ލޭހޮޅި) ގުޅޭ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ މާއްދާ ތަކެކެވެ.
• ކެންސަރުން ރައްކާތެރިކޮށްދިނުން : ވައްތީނީގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެކި ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިކަން ލިބެއެވެ.
o ގޮހޮރުގެ ކެންސަރު : ވައްތީނީގައި ފައިބަރު ހުރުމަކީ ގޮހޮރުގައި ހުންނަ ކެންސަރަށް މަގުފަހިކުރާ މާއްދާތައް ނައްތާލައި ގޮހޮރު އެފަދަ މާއްދާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުން ދުރެވެ.
o އުރަމަތީގެ ކެންސަރު : ވައްތީނީގައި ފައިބަރު ހުރުމަކީ އިއްދައިން ކެނޑުމަށްފަހު، އުރަމަތީގެ ކެންސަރު ޖެހުން ވެސް ކުޑަކޮށްދޭ ކަމެކެވެ.
• ހަކުރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން : ހަކުރު ބަލީގެ މީހުން ފައިބަރު ގިނަ ހުންނަ ކާނާ ބޭނުންކުރުމުގެ ގޮތުން ވައްތީނި ބޭނުންކުރުމަށް އެމެރިކާގެ ހަކުރު ބަލީގެ ޖަމްޢިއްޔާއިން އިރުޝާދު ދެއެވެ. ވައްތީނި ގަހުގެ ފަތް ބޭނުންކުރުމަކީ ހަކުރު ބަލީގެ މީހުންގެ ތެރެއިން އިންސިއުލިން އިންޖެކްޝަން ފަރުވާގެ ގޮތުގައި ނަގާ މީހުންނަށް، އެއިންސިއުލިން އިންޖެކްޝަން ނަގަންޖެހޭ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ވައްތީނީގައި ޕޮޓޭސިއަމް އެކުލެވިފައި ހުރުމަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ވައްތީނި ގަހުގެ ފަތުގައި ވެސް ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ހުރެއެވެ. އެހެން ދިރާސާއެއްގައި ބުނާގޮތުން ވައްތީނީގައި ހިމެނޭ "ކްލޯރޯޖެނިކް އެސިޑް" އަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ.
• ލޭމައްޗަށްދިއުމުން ރައްކާތެރިކޮށްދިނުން : ސޯޑިއަމް ހަށިގަނޑަށް ލިބެނީ ކެއުމުގައި ބޭނުންކުރާ ލޮނުގެ ބާވަތްތަކުގެ ތެރެއިންނެވެ. ކެއުމުގައި ސޯޑިއަމް ގިނަ، ޕޮޓޭސިއަމް މަދު ކާނާ ބޭނުންކުރުމަކީ ލޭމައްޗަށްދިއުމަށް މަގުފަހިވާ ކަމެކެވެ. ވައްތީންޏަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން ވައްތީނި ބޭނުންކުރުމަކީ، ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.
- ދިރާސާއެއް ހެދުމަށް އޭގެ ބައިވެރިން ދެގުރޫޕަކަށް ބަހާލެވުނެވެ. އޭގެތެރެއިން އެއްގުރޫޕަށް މޭވާއާއި ތަރުކާރީ ގިނައިން ހިމެނޭ، އަދި ސަރުބީ މަދު ކެއުމެއް ދެވުނެވެ. ދެވަނަ ގުރޫޕަށް މޭވާ އާއި ތަރުކާރީ މަދު، އާދައިގެ މިންވަރަކަށް ސަރުބީ ހިމެނޭ ކެއުމެއް ދެވުނެވެ. 2 ހަފްތާގެ ފަހުން ކެއުމުގައި މޭވާއާއި ތަރުކާރީ ގިނަ، އަދި ސަރުބީ މަދުން ބޭނުންކުރި މީހުންގެ ލޭގެ ޕްރެޝަރު ހުރީ ސިސްޓޮލިކް ޕްރެޝަރ އިން 5.5 ޕޮއިންޓް، އަދި ޑަޔަސްޓޮލިކް ޕްރެޝަރ އިން 3.0 ޕޮއިންޓް ތިރިވެފައެވެ.
• ޖިންސީ ވަޅޯކަން : ވަރަށްކުރިއްސުރެ އެނގިފައިވާ ގޮތުގައި ޖިންސީ ވަޅޯކަން ކުޑަކުރުމަށް ވައްތީންޏަކީ ރަގަޅު މޭވާ އެކެވެ. 3-2 ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި ފޯކުރަން އެއްރޭ ވަންދެން ބާއްވާށެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު، އެވައްތީނިތައް ބޭނުންކުރާށެވެ. މިއީ ޖިންސީ ވަޅޯކަން ދިމާވެފައިވާ މީހުންނަށް، ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހިކި ކަދުރާއި، އާމަންޑް އަދި ވައްތީނި ބަޓަރާއި އެކު ބޭނުންކުރުމަކީ ވެސް ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމެއްކަމަށް ބުނެވެއެވެ.
• ކަށިތައް ވަރުގަދަކުރުން : ވައްތީނި އަކީ އޭގައ ކެލްސިއަމް އަދި ޕޮޓޭސިއަމް ގިނައިން ހިމެނޭ މޭވާ އެކެވެ. މިއީ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް ލިބުމަކީ، ސޯޑިއަމް ގިނައިން ހަށިގަނޑަށް ވަނުމާއި ގުޅިގެން، ކުޑަކަމުދާ ތަކެއްޗާއިއެކު، ކެލްސިއަމް ބޭރުވެގެންދާ މިންވަރު ވެސް ދަށްކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކެލްސިއަމް މަދުވުމުގެ ސަބަބުން، ކަށިތައް ތުނިވުމުން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ އެވެ.
• މެކިޔުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިކޮށްދިނުން : އުމުރުން ދުވަސްވީ މީހުންނަށް ލޮލަށް ފެނުމުގައި މައްސަލަތައް އެންމެ އާންމުކޮށް ދިމާވަނީ މެކިޔުލަރ ޑިޖެނެރޭޝަންގެ ސަބަބުންނެވެ. އާންމުކޮށް ވައްތީންޏާއި، އަދި އެހެނިހެން މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ އެބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އޭ ހަށިގަނޑަށް ލިބި، އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ.
• ނޭވާހިއްލުމުގެ އުދަނގޫތައް ލުއިކޮށްދިނުން : ވައްތީންޏަކީ ނޭވާހިއްލުމުގެ އުދަނގޫ ހުންނަ މީހުންނަށް ފައިދާހުރި ބޭނުންތެރި މޭވާއެކެވެ. ކަރާއި، ފުއްޕާމޭގެ ތެރޭގައި އަރިދަފުހާއި، ދަވަ ހިފާފައި ހުންނަ މީހުން، ގިނައިން ވައްތީނި ބޭނުންކުރުމުން، ދަވަތައް ފަސޭހައިން ބޭރުވެ، ލުއިކަން ލިއްބައި ދެއެވެ.
މަޢުލޫމާތު:-
• http://www.nutrition-and-you.com/fig-fruit.html
• http://www.organicfacts.net/health-benefits/fruit/health-benefits-of-figs-or-anjeer.html
• http://health.wikinut.com/Top-Five-Health-Benefits-of-Figs/1z7_56qq/