ބުރާސްފަތި20201015

އާކުރެވުނީ: 08:43:52

އަނބިމީހާ ޑޮކުޓަރަށް ދެއްކުން

anbimieeha-doctara-dhekkun-52ދަރިން ލިބުން ލަސްވެގެން ނުވަތަ ދަރިއަކުހޯދަން ބޭނުން ވެގެން ޑޮކުޓަރަށް ދައްކާއިރު ދާންޖެހޭނީ ދެމަފިރިން އެކީގައެވެ. ފިރިމީހާވެސް ދައްކަން ޖެހެއެވެ. އެއީ ދަރިން ލިބުން ލަސްވާ ސަބަބަކީ ފިރިމީހާ ކަމުގައި ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަނބިމީހާގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ފަދައިންނެވެ.

ޑޮކުޓަރަށް ދާއިރު ކުރިން އެއްވެސް ބައްޔެއްގެ ސަބަބުން ޑޮކުޓަރަށް ދައްކާފައި ވާނަމަ ދީފައިވާ ބޭސް ސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ހިފައިގެން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ދެވަނަ ފަހަރަށް ކުރިންހަދައިފައިވާ ޓެސްޓެއް ނުހަދައި ފުއްދިދާނެތީއެވެ.

ޑޮކުޓަރަށް ދެއްކުމުން ވަރަށް ގިނަ ސުވާލުތައް ކުރާނެއެވެ. އެއީ ދަރިން ލިބުން ލަސްވާފަދަ ކަމެއް ހުރިތޯ ބެލުމަށް އަމާޒު ކުރެވިގެން ކުރާ ސުވާލުތަކެކެވެ. މިގޮތުން އާއްމުކޮށް ކުރާ ސުވާލުތަކާއި ސަބަބުތައް ތިރީގައި ހިމަނާލާނަމެވެ. ވީމާ ކުރިން ތައްޔާރުވެލައިގެން ނޫނީ ގަޑެއްގައި ޖަވާބުތައް ނޯޓު ކޮށްލައިގެން ދިއުމަކީ ވަރަށް ފަސޭހަވާނެ ކަމެކެވެ.

* ތައާރަފު

- ނަން:

- އުފަންދުވަސް:

- ފިރިމީހާގެ ނަން:

- ފިރިމީހާގެ އުފަންދުވަސް:

- ބަރުދަން:

- އިސްކޮޅު:

- މިހާރު އެއްވެސް ބޭހެއް ބޭނުން ކުރަމުންދާ ނަމަ ބޭނުން ކުރާ ބޭހާއި ސަބަބު:

- ދަރިޔަކު ހޯދުމަށް މަސައްކަތް ކުރާތާ ކިހާދުވަހެއް ވެއްޖެ؟ ( 35 އަހަރުން ދަށުގެ އަންހެނަކު ބަލިވެ އިނުން ލަސްވެއްޖެ ކަމުގައި ބަލަނީ ދޭތެރެ ދުރުކުރާ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކާއި ނުލައި ގަވައިދުން އެއްއަހަރުދުވަސް ވަންދެން ޖިންސީ ގުޅުން ހިންގުމަށްފަހު ދަރިން ނުލިބުނު ނަމައެވެ. 35 އަހަރުން މަތީ މީހަކުނަމަ 6 މަސްދުވަހެވެ.)

* މައްސަރު ކަންތަކާއި ބެހޭ މައުލޫމާތު.

- އެންމެފުރަތަމަ މައްސަރުކަންތައް ދިމާވީ އުމުރުން ކިތައް އަހަރުގައި؟

( 16 އަހަރު ފަހުންނަމަ ހަށިގަނޑުގެ ހޯމޯންތަކުގެ ނިޒާމުގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.)

- މައްސަރުކަންތައް އެކިފަހަރު ދިމާވަނީ އެކި ދުރުމިނުގައިތަ ނޫނީ އެއް ދުރުމިނެއްގައިތަ؟

( އެކި ދުރުމިނުގައި މައްސަރުކަންތައް ދިމާވާނަމަ އޭގެ މާނައަކީ ގަވައިދުން ބިސް އުފެދެމުން ނުދެއެވެ. ހަމައެފަދައިން އެއީ އޯވަރީގައި ފެންބަޑި ތަކެއް (polycystic ovaries) އުފެދިގެން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ ޕްރޮލެކުޓިން ހޯމޯނުގެ ސަބަބުން އަދި ތައިރޮއިޑްގެ މައްސަލައެއްގެ ސަބަބުން ކަމުގައި ވެސް ވެދާނެއެވެ.)

- މައްސަރު ކަންތައްވާއިރު ލޭ އަންނަނީ ކިހާ ވަރަކަށް؟ ވަރަށް ގިނައިންތަ؟ ނޫނީ ވަރަށް މަދުންތަ؟.

(އެކިފަހަރު ލޭއަންނަ ވަރު ތަފާތުވެދާނެއެވެ. ނަމަވެސް އާދަޔާ ހިލާފަށް މަދުން ނުވަތަ ގިނައިން އަންނަނަމަ ބިސް އުފެއްދުމުގައި މައްސަލައެއް އުޅުމަކީ ވެދާނެ ކަމެކެވެ. އަދި ކުއްލިޔަކަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ގިނައިން ލޭ އަންނަ ނަމަ ރަހިމުގައި ފައިބްރޮއިޑެއް އުފެދިފައި އިންކަމުގައި ވެދާނެއެވެ.)

- މައްސަރުކަންތައް ދިމާވާ ދުވަހުން ފެށިގެއް ޖެހިގެން އަންނަ މައްސަރު ކަންތަށް ފެށޭ ދުވަހާއި ދެމެދު އާއްމުކޮށް ވަނީ ކިތައް ދުވަސް؟

( 24 ދުވަހަށް ވުރެ މަދުނަމަ ނުވަތަ 35 ދުވަހަށް ވުރެ ގިނަނަމަ ބިސް އުފެދުމުގައި މައްސަލައެއް އުޅޭކަމުގައި ވެދާނެއެވެ.)

- ޖެހިޖެހިގެން މައްސަރުކަންތައް ދިމާވާ ދެފަހަރުގެ ދޭތެރޭގައި ކުރިމަތި ފަރާތުން ލޭ ފައިބާތަ؟ ނޫނީ މައްސަރުކަންތަކުގެ އިތުރުން ލޭފައިބާތަ؟

- މައްސަރުކަންތައް ދިމާވާއިރު ދައްބަނޑުގައި ވަރަށް ބޮޑަށް ރިއްސާތަ؟

(މިދުވަސްވަރު ދައްބަނޑުގައި ކުޑަކޮށް ރިއްސުމާއިއެކު އުދަގޫ ވުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް މާބޮޑަށް ރިއްސާނަމަ އެއީ އެންޑޯމެޓްރިއޯސިސްްގެެ ސަބަބުން ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.)

* ސިއްހީ މައުލޫމާތު.

- އެއްގޮތަކަށްވެސް ދަށްބަނޑަށް ބަރުވާކަމުގެ ނުވަތަ ފޮއްސިވާ ކަމުގެ އިހުސާސެއް ކުރެވޭތަ؟

( މިއީ ފައިބްރޮއިޑްގެ އަލާމާތެކެވެ.)

- އެންޑޯމެޓްރިއޯސިސް ނުވަތަ އޯވަރީގައި ފެންބަޑި (polycystic ovaries) ހުރިކަން އެއްވެސް އިރެއްގައި އެނގިފައިވޭތަ؟

(މިއީ ބަލިވެ އިނުމަށް ހުރަސް އަޅާ ބަލިތަކެކެވެ.)

- ދައްބަނޑުގެ އެއްވެސް އޮޕަރޭޝަނެއް ކުރިންތަ؟

( މިފަދަ އޮޕަރޭޝަނުގެ ލަކުނުގެ ސަބަބުން ދަރިމައިވުން ލަސްވުމަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ.)

- ދޭތެރެ ދުރުކުރުމަށްޓަކައި ރަހިމުގައި (ފެލޯޕިއަންޓިއުބުގައި) ގޮށްޖެހިންތަ؟

( މިއީ ގޮށް މޮހެލުމަށް ފަހުވެސް ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ކުޑަ ކުރާ ކަމެކެވެ. އަދި ބަލިވެއިނަސް ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވާ ކަމެކެވެ.)

- ހަކުރުބަލި ފަދަ އެއްވެސް ބައްޔެއް ހުރޭތަ؟

(މިފަދަ ބައެއް ބަލިތަކަކީ ދަރިން ލިބުން ލަސްވުމާއި ގުޅުން ހުރި ބަލިތަކެވެ.)

- އެއްވެސް ބޭހެއްނަގަންތަ؟

(ސްޓިރޮއިޑް (Steroid) އަދި ލޭމައްޗަށްދާ މީހުންނަށް ދެވޭ ބައެއް ބޭސް ފަދަ ބޭސް ތަކަކީ ދަރިން ލިބުން ލަސްވުމާއި ގުޅުން ހުރި ބޭސް ތަކެކެވެ.)

- މީގެ ކުރިން އެއްވެސް އިރެއްގައި ބަލިވެ އިނިންތަ؟ އަދި ވިހައިގޭތެރޭގެ އެއްވެސް އުދަގުލެއް ދިމާވިތަ؟

- މީގެ ކުރިން އެއްވެސް ފަހަރަކު ބައިގެން ދިޔަތަ؟ އަދި ދިޔަނަމަ ކިތައް ފަހަރު ބައިގެން ދިޔަތަ؟ އަދި ބައިގެން ދިޔަ ސަބަބު އެގޭތަ؟ އަދި ބައިގެން ގޮސްފައިވަނީ ކިތައްވަނަ މަހުގައިތަ؟

* ޖިންސީގުޅުން ހިންގުމާއި ބެހޭ މައުލޫމަތު

- ދޭތެރެ ދުރުކުރުމަށްޓަކައި ރަހިމަށް އެއްޗެއް ލެއްވިންތަ؟

- ގޮނޯރިއާ ފަދަ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބައްޔެއް ހުރޭތަ؟

(މިއީ ފެލޯޕިއަން ޓިއުބު ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ.)

- ޖިންސީ ގުޅުން ހިންގާއިރު ތަދުވޭތަ؟

(މިއީ އެންޑޯމެޓްރިއޯސިސްްގެ އަލާމާތެކެވެ.)

- ޖިންސީ ގުޅުން ހިންގީމާ ކުރިމަތިފަރާތުން ލޭ ފައިބާތަ؟

( އެއީ ވަރަށްގިނަ ކަންކަމަށް ޝައްކު ކުރެވޭ ކަމެކެވެ. އެއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިގަޔައް އަރާ ބައްޔަކަށް ވެދާނެއެވެ. އަދި ސެރުވިސައިޓިސް، ޕޮލިޕްސް، ޑިސްޕްލެޒިއާ ކަމުގައިވެސް ވެދާނެއެވެ.)

* އާއިލީ މައުލޫމާތު

- އާއިލާގެ އެއްވެސް މެންބަރަކަށް (މަންމަ، ބައްޕަ، ދައްތަ، ބޭބޭ އަދި ކޮއްކޮ) އައިބު ކުއްޖަކު ލިބުނުތަ؟ ނޫނީ ދުވަސް ނުފުރާ ކުއްޖަކު ވިހެއިތަ؟

( ވިރާސީ ބައެއް ބަލިތަކަކީ އެބަލި ޖެހިފައިވާ މީހަކަށް ދަރިން ނުލިބޭ ނޫނީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަ ބަލިތަކެކެވެ. ނޯޓް: ވިރާސީ ހުރިހާ ބަލިތަކަކީ ބޭރަށް އެނގެން ނުވަތަ ފެންނަން ހުންނަ ބަލިތަކެއް ނޫނެވެ.)

* ދިރިއުޅުމުގެ ވައްޓަފާޅިއާއި ބެހޭ މައުލޫމާތު

- ދުންފަތުގެ އިސްތިއުމާލު ކުރަންތަ؟

( ދުންފައތުގައި ހުންނަ މާއްދާއެއް ކަމުގައިވާ ނިކޮޓިން އަކީ ދަރިފަނި އުފެއްދުން މަދުކުރާ މާއްދާ އެކެވެ.)

- މަސްތުވާ ތަކެތި ބޭނުން ކުރަންތަ؟

(މަސްތުވާ ތަކެތި ބޭނުން ކުރުމަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަ ކުރާ ކަމެކެވެ.)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.