އަންގާރަ20200908

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

balive-inumuge-kurin-119* ފޯލިކު އެސިޑު ގިނައިން ބޭނުން ކުރާށެވެ.

* މަސްތުވާ ތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާށެވެ.

* ކޮފީ، ކޯލާ އަދި ކަޅުސައި ބުއިން އާދަޔަކަށް ނުހަދާށެވެ.

* ބަރުދަން ނަމޫނާ މިންވަރަކަށް ގެނެވޭތޯ ބަލާށެވެ.

* ރަނގަޅު ހަމަހަމަ ކާނާ ކެއުމަށް އާދަ ކުރާށެވެ.

* ކަސްރަތު ކުރާށެވެ.

* ދަތާއިބެހޭ ޑޮކުޓަރަކަށް ދައްކާށެވެ.

* ތިމާގެ މީހުންގެ ހާލުއަހުވާލު ބަލާށެވެ.

* ބަލިވެއިނުމުގެ ކުރިން ޑޮކުޓަރަކަށް ދައްކައި ލަފާ ހޯދާށެވެ.

* ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވާށެވެ.

* ދަރިޔަކު ހޯދުމަށް ދެމަފިރިން އެކީގައި މަޝްވަރާ ކުރާށެވެ.

* ދެމަފިރިން އެކަނި ކޮޓަރީގައި ގިނަވަގުތު ހޭދަކުރާށެވެ.

* ދޭތެރެ ދުރުކުރާ ވަސީލަތެއް ބޭނުން ކުރާނަމަ ހުއްޓާލާށެވެ.

ދަރިޔަކު ހޯދަން ކަޑައެޅުމަށްފަހު ފުންކޮށް ވިސްނާލާށެވެ. ސަލާމަތް ސިއްހަތާކާއެކު ބަލިވެއިނުމަށް އަދި ދުޅަހެޔޮ ދަރިޔަކު ހޯދުމަށް ބަލިވެއިނުމުގެ މަދުވެގެން މަހެއް ދެމަހެއްވަރުކުރިން ދެމަފިރިންގެ ސިއްހީހަލަތު އެކަށީގެންވާ ވަރަށް ރަނގަޅު ކުރެވޭތޯ ބަލާށެވެ. މިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. ތިރީގައި އެވާ ކަންތައްތަކަށް ފަރުވާތެރި ވާށެވެ.

ފޯލިކު އެސިޑު ގިނައިން ބޭނުން ކުރާށެވެ.

މިއީ ބަލިވެއިންނަން ބޭނުން ކޮންމެ އަތްބަކު ކޮންމެހެންވެސް ބޭނުން ކުރަން ޖެހޭނެ މާއްދާއެކެވެ. ފޯލިކު އެސިޑު މަދުވުމަކީ ސްޕައިނާ ބިފިޑާ ފަދަ ނިއުރަލް ޓިއުބުގެ އުނިކަމުގެ ސަބަބުން ޖެހޭބަލިތައް އިތުރުވާ ކަމެކެވެ.

ފޯލިކު އެސިޑު ގިނައިން ހުންނަ ކާނާގެ ތެރޭގައި ފެހިކުލަގަދަ ފަތް، ނަޓް ނުވަތަ އޮށް ލިބޯ އޮރެންޖު ފަދަ ތަކެތި ހިމެނެއެވެ. ފޯލިކު އެސިޑަކީ ފެނަށް ގިރޭ އެއްޗަކަށް ވުމުން ކިތައްމެ ގިނައިން ބޭނުން ކުރިޔަސް ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ކައްކައިގެން ބޭނުން ކުރާނަމަ ފޯލިކު އެސިޑުގެ ފައިދާ ހަށިގަނޑަށް ލިބޭލެއް ވަރަށް މަދުވާނެއެވެ. އެއީ ކެއްކުމުން ފޯލިކު އެސިޑުގެ ބޮޑުބައެއް ހަލާކުވެގެން ދާނެތީއެވެ. ވީމާ ފެހިކުލަ ގަދަ ފަތްޕިލާވެލީގައި ފޯލިކު އެސިޑު ގިނަޔަސް ތެލުލި ފަތުގައި ފޯލިކު އެސިޑު ނުހުންނާނެއެވެ.

ބަލިވެއިންނަން ބޭނުން ނަމަ ބަލިވެ އިނުމުގެ މަދުވެގެން އެއްމަސް ކުރިން ފޯލިކު އެސިޑު ބޭނުން ކުރަން ފަށަން ޖެހޭނެއެވެ. އަދި ބަލިވެއިދެ 3 މަސް ވަންދެން ބޭނުން ކުރަމުން ގެންދާން ޖެހޭނެއެވެ. ދުވާލަކަށް ހަށިގަނޑަށް ބޭނުންވަނީ މަދުވެގެން 400 މިލިގުރާމެވެ. ރަނގަޅީ ދުވާލަކު 600 މިލިގުރާމާއި 800 މިލިގުރާމާއި ދެމެދު ބޭނުން ކުރުމެވެ. ނަމަވެސް އާއިލާ މީހަކަށް އިސްވެ ދެންނެވުނު ފަދަ ބައްޔެއް ޖެހިފައިވާނަމަ 4000 މިލިގުރާމުވެސް ބޭނުން ކުރަން ޖެހިދާނެއެވެ.

ބޭސްފިހާރަތަކުން ފޯލިކު އެސިޑު ގަންނަން ލިބެން ހުންނާނެއެވެ. ނަމަވެސް ވިއްކަންހުންނަ ފޯލިކު އެސިޑާއި އެކު ގަންނަ ބޭހުގައި އެހެން ވިޓަމިންތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ގަންނަ ބޭހުގައި ހުންނަ ވިޓަމިންތައް ބަލައި ހަށީގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވިޓަމިންތައް ބޭނުން ނުކުރާށެވެ. ހާއްސަކޮށް ވިޓަމިން އޭ ބޭނުންވާ ވަރަށްވުރަ ގިނައިން ބޭނުން ނުކުރާސެވެ. ވިޓަމިން އޭ ހަށިގަނޑަށް ބޭނުން ވަނީ ދުވާލަކަށް 770 މައިކުރޯ ގުރާމެވެ. މިވިޓަމިން ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގައި ބީޓާ ކަރޮޓީން ކިޔާ މާއްދާއެއް އިތުރުވާ ކަމެކެވެ. މިމާއްދާ ގިނަވުމަކީ ދަރިފުޅު އުފެދުމުގައި ބައެއްފަހަރު އުނިކަން މެދުވެރިވާ ކަމެކެވެ. ވީމާ ބޭސް ބޭނުން ކުރާއިރު އޭގައި ހުންނަ މާއްދާތައް ޔަގީން ނުވާނަމަ ޑޮކުޓަރެއްގެ ލަފާ ހޯދައިގެން ނޫނީ ބޭނުން ނުކުރާށެވެ.

ފޯލިކު އެސިޑު ކިތައްމެ ގިނައިން ބޭނުން ކުރިޔަސް ހަށިގަޑަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އިސްތިސްނާ ހާލަތްތައް އާދެއެވެ. އެއީ ބައެއްފަހަރު ފޯލިކު އެސިޑު ބައެއް އަންހެނުންގެ ހަށިގަނޑުގައި ގިނަވުމަކީ ވިޓަމިން ބީ 12 ހަށިގަނޑުން މަދުވާކަމެވެ.

މަސްތުވާ ތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާށެވެ.

މަސްތުވާތަކެއްޗާއި ދުނަފަތަކީ ހަށިގަނޑަށް ގެއްލުން ވުމުގެ އިތުރުން ދަރިން ލިބުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި އަނބިމީހާ ބަލިވެ އިންކަމުގައިވީނަމަވެސް ދަރިފުޅެށްވެސް ވަރަށް ގިނަ ގެއްލުންތައް ލިބޭ ކަމެކެވެ. ބައިގެންދިއުން، ދުވަސް ނުފުރައި ވިހެއުން އަދި ވިހާއިރު ދަރިފުޅުގެ ހުންނަންޖެހޭ ބަރުދަން ނުހުރުން މިއީ މިފަދަ މައިންނަށް ދިމާވުން ވަރަށް ގާތް ކަންތައްތަކެކެވެ. މީގެ އިތުރުން މިއީ ދަރިފަންޏަށްވެސް ގެއްލުން ލިބޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ގާތުގައި އުޅޭ މީހުންނަށް ވެސް މިފަދައިން އަސަރު ކުރެއެވެ. ވީމާ މިއީ ދަރިން ބޭނުންވާ ދެމަފިރިން މުޅިން ދުރުވަން ޖެހޭ ކަމެކެވެ.

ކޮފީ، ކޯލާ އަދި ކަޅުސައި ބުއިން އާދަޔަކަށް ނުހަދާށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގިައިން ކޮފީ ސައި އަދި ކޯލާ ބުއިމަކީ ހަށިގަނޑުން ދަގަޑު ހަޖަމްކޮށް ލޭގެތެރެއަށް ގެންގޮސްދިނުން ކުޑަ ކުރާ ކަމެކެވެ. ދަގަޑަކީ ބަލިވެއިންނައިރު ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި މާއްދާއެކެވެ. އަދި ދަގަޑު ހަށިގަނޑުން މަދުވުމަކީ ވިހެއުމުގެ ކުރިން ދަރިފުޅު މަރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ވީމާ ބަލިވެ އިނުމުގެ ކުރިން މި ބުއިންތަކާއި ދުރުވާން ފަށާށެވެ. އަދި މިދުއިންތަކުގެ ބަދަލުގައި ކިރު ޖޫސް ފަދަ ބުއިމެއް އިހުތިޔާރު ކުރާށެވެ. ކޮފީ ބުއިން ހުއްޓާލަން އުދަގޫނަމަ ކިރުތައްޓަކަށް ކުޑަ ކޮފީ ކޮޅެއް ނުވަތަ ކޮފީ ރަހަ ޖައްސުވައިގެން ދުވާލަކު އެއްފަހަރު ވަރު ބުއިން އެންމެ ރަނގަޅެވެ.

ބަރުދަން ނަމޫނާ މިންވަރަކަށް ގެނެވޭތޯ ބަލާށެވެ.

ނަމޫނާ ބަރުދަނުގެ އަންހެނެއްނަމަ ބަލިވެ އިންނަން ފަސޭހަވާނެ އެވެ. ހަށިގަނޑުގެ ބަރުދަނަކީ ނަމޫނާ ބަރުދަނެއްތޯ ބެލުމަށް ބަރުދަން (ކިލޯގުރާމުން) އަކަ ދިގުމިނުން (އަކަ މީޓަރުން) ގެއްލާށެވެ. މީގަ ނަތީޖާއަށް ކިޔަނީ ބޮޑީ މާސް އިންޑެކްސްއެވެ. ނަމޫނާ ބަރުދަނުގެ މީހެއްގެ ބޮޑީ މާސް އިންޑެކްސް ހުންނަން ޖެހޭނީ 20 އާއި 30 އާއި ދޭތެރޭގައެވެ. މިސާލަކަށް 50 ކިލޯގެ އަންހެނެއްގެ ދިގުމިނުގައި 150 ސެންޓިމީޓަރު ހުންނަނަމަ އޭނާގެ ބޮޑީ މާސް އިންޑެކް އަކީ 50/(1.5×1.5) = 22.2 އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑީމާސް އިންޑެކްސް 20 ދަށް ނުވަތަ 30 އަށްވުރެ މަތީ އަންހެނުން ބަލިވެ އިނުމަށް އުދަގޫތައް ދިމާވެއެވެ. ވީމާ ހަށިގަނޑު ހިކި ނަމަ ބަލިވެ އިނުމުގެ ކުރިން ބަރުވަން މަސައްކަތް ކުރާށެވެ. އަދި ބަރުނަމަ ލުއިވާން މަސައްކަތް ކުރާށެވެ.

ރަނގަޅު ހަމަހަމަ ކާނާ ކެއުމަށް އާދަ ކުރާށެވެ.

ބަލިވެއިނުމުގެ ކުރިން ރަނގަޅު ކާނާ ކާން ފަށާށެވެ. ކާނާގެތެރޭގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބާވަތެއް ހިމެނޭގޮތަށް ކާށެވެ. ގިނައިން ތަރުކާރީ މޭވާ މަސް ފަދަ ކާނާ ކާށެވެ. ތަރުކާރީ މޭވާއިން ވިޓަމިން އަދި ބައެއް ވައްތަރުގެ މިނެރއލްސް ލިބޭނެއެވެ. ކިރުގެ ބާވަތްތަކުން ކެލްސިއަމް ލިބޭނެއެވެ. އަދި މަހުގެ ބާވަތްތަކުން ޕުރޮޓީން ލިބޭނެއެވެ. މަހުގަތެޜެގައިވެސް ކުކުޅު މަހާއި ގެރިމަސް އަދި ކަޑުމަސް ވެސް ހިމެނޭ ގޮތަށް ކެއުން ރަނގަޅުވާނެއެވެ. ނަމަވެސް ކަނޑުމަސް ކާއިރު ދިރޭރަހަ ހުންނަ މަސް ކެއުން ރަނގަޅެއް ނޫނެވެ. ދިރޭރަހަ ހުންނަ މަސްމަހުގެ ތެރޭގައި މިޔަރު (މެކްރަލް) ހިމެނެއެވެ. ދުޅަހެޔޮ ދަރިޔަކު ހޯދުމަށް މާބަނޑު އަންހެނުން ކާންޖެހޭ ކާނާ އަށް ވަރަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

ކަސްރަތު ކުރާށެވެ.

ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މާބަނޑުމީހުންނަށް ވެސް ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ނުތަނަވަސްކަން އިހުސާސް ކުރެވޭ މީހުންނަށް މިއީ ނުތަނަވަސކަން ފިލުވުމުގައި އެހީތެރިނ ވެދޭނެ ކަމެކެވެ. ހަފުތާއަކު 5 ދުވަހު ދުވާލަކު 30 މިނެޓާއި ގަޑިއެއްހާއިރު ހިގުމަކީ ކުރެވިދާނެ ރަނގަޅު ކަސްރަތެކެވެ. މިއީ ހަށިގަޑުގެ މަސްތަކަށް ދިރުން ގެނެސްދޭކަމެކެވެ.

ދަތާއިބެހޭ ޑޮކުޓަރަކަށް ދައްކާށެވެ.

އަގައިގެ ސިއްހަތަކީ ބަލިވެއިންނަން ބޭނުންވާ މީހަކު ހަދާން ނައްތައިލައިގެންވާނެ ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ހިރުގަޑުގެ ބަލިތަކަކީ ދުވަސް ނުފުރައި ވިހެއުމާއި ވިހާއިރު ކުއްޖާގެ ހުންނަންވާ ބަރުދަން ނުހުރުމަށް މެދުވެރިވާ އެއްކަމެވެ. އަދި ހިރުގަޑުގެ ބަލިތައް ހުންނަމީހުން ދުވަސްނުފުރާވިހާވަރު އެހެން މީހުންނަށްވުރެ 7 ގުނަ އިތުރެވެ. އަދި މިއީ މާބަނޑު އަންހެނާ އަށް ލޭމައްޗަށް ދިއުމުގެ ބަލިވެސް ޖައްސާކަމެކެވެ.

ބަލިވެއިނުމަކީ ހިރުގަޑުގެ ބަލިތަށް ގިނަވުމުގެ ފުރުޞަތު އިތުރުވާކަމެއްވެސް މެއެވެ. އެއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއިއެކު ހިރުގަނޑު ދުޅަވެ ލޭއައިސް ހިރުގަޑުގައި ރިއްސުމަކީ ވުން ވަރަށް އެކަށީގެންވާ ކަމެކެވެ. ވީމާ ދަތުގެ ޑޮކުޓަރަކަށް ބަލިވެއިނުމުގެ ކުރިން އަދި ބަލިވެއިނުމަށްފަހު ދެއްކުމަށް ހަދާން ނައްތައިލައިގެން ނުވާނެއެވެ.

ތިމާގެ މީހުންގެ ހާލުއަހުވާލު ބަލާށެވެ.

ދަރިޔަކު ހޯދަންބޭނުންވާ ކޮންމެ ދެމަފިރިޔަކު އެމީހުންގެ ތިމާގެ މީހުންގެ ހާލު އަހުވާލު ބެލުމަކީ މުހިންމުކަން ކުޑަ ކަމެއް ނޫނެވެ. އެއިން އެއްވެސް މީހަކަށް މީގެ ކުރިންވެސް އަދި މިހާރުވެސް ސިއްހީ ގޮތުން އެއްވެސް އުދަކާއި ކުރިމަތި ލާން ޖެހިފައި ވޭތޯ ބަލާށެވެ. ފަހަރުގައި އެއީ ވިރާސީ ކަމަކާއި ގުޅުން ހުރި ބައްޔަކަށް ވެދާނެއެވެ. މިފަދަ ބަލިތަކަކީ އެންމެންގެ ހަށިގަނޑުން ފެންނަން ނެތަސް އާއިލާގެ ގިނަމީހުން ހިއްސާ ކުރާ ނުވަތަ ފުރުސަތު އޮތް ބަލިތަކެކެވެ. ހާއްސަކޮށް ޑައުން ސިނޑްރޯމް ބައެއްވައްތަރުގެ އެނީމިޔާ ފަދަ ބައެއް ބަލިތަކެވެ.

ހަމައެފަދައިން އާއިލާގެ އެއްވެސް މީހަކަށް ސިކުޑީގެ ބައްޔެއް ނުވަތަ ބޮޑުވުން ލަސްވުން ކަހަލަ ބައްޔެއް ޖެހިފައިވޭތޯ ބަލާށެވެ. މިގޮތުން ބަލާއިރު ޅަފަތުގައި ކުއްޖަކު މަރުވެފައި ވޭތޯއާއި ސޭކުވުން ފަދަ ކަމެއް ދިމާވެފައި ވޭތޯ ބެލުންވެސް ވަރަށް މުހިންމެވެ. މިގޮތުން ބަލާއިރު ދެމަފިރިންގެ އާއިލާގެ ހާލު އަހުވާލުވެސް ބަލަންޖެހޭނެއެވެ. އެއީ ދެމަފިރިންވެސް ފެންނަންނެތް ވިރާސީ ބަލިތަކެއް އުފުލާ ދެމީހުންނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އިތުރު ޓެސްޓު ތަކެއް ހަދަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބަލިވެއިނުމުގެ ކުރިން ޑޮކުޓަރަކަށް ދައްކައި ލަފާ ހޯދާށެވެ.

ޑޮކުޓަރަށް ދައްކަން ޖެހެނީ ނުވިހައިގެން ނުވަތަ ދަރިފުޅު ބައިގެން ދިޔައީމައެއް ނޫނެވެ. ދަރިޔަކު ހޯދަން ބޭނުންވާ ދުވަހުންފެށިގެން ޑޮކުޓަރަށް ދައްކަން ޖެހޭނެއެވެ. އެއީ ދުޅަހެޔޮ ކުއްޖަކު ހޯދުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މައިމީހާއާއި ދަރިފުޅަށް ނުރައްކާތެރި އެއްވެސް ކަމެއް ހުރިތޯ ޑޮކުޓަރު ދެމަފިރިންވެސް ބަލާނެއެވެ. އަދި އިރުޝާދު ދެއްވާނެއެވެ. ވީމާ ބަލިވެއިންނަން ބޭނުންވާ މީހާ ޑޮކުޓަރަށް ދަކަވާށެވެ.

ބެކްޓީރިޔާއާއި ވައިރަސް އިންޖެހޭ ބަލިތަކުން ރައްކާތެރިވާށެވެ.

ބަލިވެއިންނަން އުޅޭއިރު މިފަދަ ބަލިތަކުން ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް ކުޑަދަރިފުޅަށް ނުރައްކާވާ ފަދަ ބަލިތަކުންނެވެ. ވުމާއެކު ރަނގަޅަށް ރޯނުފިނަނީސް މަހުގަ ބާވަތްތައް ނުކާށެވެ. އަދި ލަންޗަން ހޮޓްޑޯގު ފަދަ ކާނާއިން ދުރުވާށެވެ. އަދި ބޭރުން ވީވަރަކުން ކެއުން މަދުކުރާށެވެ.

ކާބޯތަކެއްޗަށް އަތްލުމުގެ ކުރިން ރަނގަޅަށް ސައިބޯނިން ލައިގެން އަތްދޮންނަން އަބަދުވެސް އާދަކުރާށެވެ. އަދި އައިސްއަލަމާރިއަށް ކާބޯތަކެތި ލާނަމަ އަލަމާރީގެ ފިނިހޫނުމިން 2 ޑިގުރީއާއި 4 ޑިގުރީއާއި ދޭތެރޭ ބަހައްޓާށެވެ.

ދަރިޔަކު ހޯދުމަށް ދެމަފިރިން އެކީގައި މަޝްވަރާ ކުރާށެވެ.

ދަރިޔަކު ބަލައިބޮޑުކޮށް ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ވީމާ ދަރިޔަކު ބެލުމުގެ މައްއޫލިއްޔަތު އުފުލުމަށް ދެމަފިރީން ތައްޔާރުތޯ ބަލައި މަޝްވަރާ ކުރާށެވެ. ހާއްސަކޮށް އަންނަނިވި ނުކުތާތަކަށް ސަމާލުކަން ދީގެން މަޝްވަރާ ކުރާށެވެ.

- ދެމަފިރިންވެސް މިހާރު ދަރިން ބޭނުން ހެއްޔެވެ؟

- ދެމަފިރިންނަކީ ދެރަށެއްގެ ދެމީހެއް ކަމުގައިވާނަމަ މުސްތަގުބަލް އޮތީ ކިހިނެއްހެއްޔެވެ؟ ކިޔަވައިދޭނީ ކޮންތާކުހެއްޔެވެ. ގޯތިނަގާނީ ކޮން ރަށަކުން ހެއްޔެވެ؟ ދިރިއުޅޭނީ ކޮންތާކު ހެއްޔެވެ؟

- ގޭބެހި ބެހިފައިވާ ގޮތުން މައިންބަފައިންގެ ގޭގައި ނުވަތަ ތިމާގެ މީހެއްގެ ގޭގައި އުޅެން ޖެހިފައި ވާނަމަ ތިމާގެ މީހުންނާ ތިމާގެ މީހުންގެ ދަރިންގެ ފަރާތުން އެއްބާރުލުން ލިބޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ ދެކުއްޖަކު ތޮޅިހަދާނަމަ ނުވަތަ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

- އުނިކުއްޖަކު ލިބިއްޖެ ނަމަ ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކުއްޖަކު ބަލަން ތައްޔާރު ހެއްޔެވެ.؟

- ޗުއްޓީ ދުވަސްދުވަހު ދަރިފުޅު ބެލުމުގެ މަސްއޫލިއްޔަތު އުފުލަން ތައްޔާރު ހެއްޔެވެ؟

ދެމަފިރިން އެކަނި ކޮޓަރީގައި ގިނަވަގުތު ހޭދަކުރާށެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ދެމަފިރިން އެކަނި ވީހާވެސް ގިނަ ވަގުތު ކޮޓަރީގައި ހޭދަ ކުރުމަކީ ހާއްސަކޮށް ބަރަހަނާކޮށް ހޭދަކުރުމަކީ ދަރިފަނި ބިހާއި ހަމައަށް ދިޔުމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ. އެއީ ގިނަވަގުތު ދެމަފިރިން އެކީގައި ބަރަހަނާކޮށް ޖިންސީ މާހައުލެއްގައި ހޭދަކުރުމަކީ އަނދިމީހާގެ ފަރުޖާއި ރަހިމުގައި ތެއްކަން އިތުރުވާ ކަމެކެވެ. ތެއްކަން އިތުރުވުމަކީ ދަރިފަނި ބިހާއި ހަމައަށް ދިއުމަށް ފަސޭހަވާނެ ކަމެކެވެ. ނަމަވެސް މިއީ ހުރިހާ ޑޮކުޓަރުން އެއްބަސްވާ ކަމެއް ނޫނެވެ. ނަމަވެސް ތަޖުތިބާ ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ.

ދޭތެރެ ދުރުކުރާ ވަސީލަތެއް ބޭނުން ކުރާނަމަ ހުއްޓާލާށެވެ.

ދަރިޔަކު ހޯދަން ބޭނުން ނަމަ ބޭނުން ކުރަމުންދާ ދޭތެރެ ދުރުކުރާ ވަސީލަތާއި ދުރުވާން ޖެހޭނެއެވެ. ބައެއް ފަހަރު މިއީ ވަރަށް ފަސޭހަކަމެކެވެ. ހުރަސް ބޭނުން ކުރަމުންދާ ދެމަފިރިޔަކު ހުރަސް ހުރަސް ބޭނުން ކުރުން ހުއްޓާލުމުން ފުދުނީއެވެ. ނަމަވެސް ބޭސް ބޭނުން ކުރަމުންދާ މީހަކު ނަމަ ހުއްޓާލާއިރު ޑޮކުޓަރެއްގެ ލަފަޔާއެކު ހުއްޓާލާށެވެ. އެއީ ބައެއްފަހަރު ކުއްލިޔަކަށް ބައެއް ބޭސް ބޭނުން ކުރުން ހުއްޓާލުމަކީ އޭގެސަބަބުން ބައެއް ނޭދެވޭ އިދިކޮޅު އަސަރުތަކެއް ކުރާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.