ހުކުރު20201127

އާކުރެވުނީ: 08:43:52

ބަލިވެއިންކަން އެނގޭނީ ކިހިނެއް؟

baliveinkan-egeynee-kihiney-83ބަލިވއިންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އާއްމުގޮތެއްގައި ގިނަފަހަރަށް މައްސަރުކަންތައް ވާންޖެހޭ ދުވަހަށް ނުވުމުގެ ކުރިން ބަލިވެ އިންކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަދި މައްސަރުކަންތައް ނުވެ ހަފުތާއެއް ދެހަފުތާއެއް ވަންދެން ނޭގުމަކީ ވަރަށް ގާތް ކަމެކެވެ. މައްސަރުކަންތައް އިންތިޒާމް ނޫންނަމަ މައްސަރު ކަންތައް ދެންވާނީ ކޮން ދުވަހަކުން ކަންވެސް ގިނަފަހަރަކު ނޭގޭނެއެވެ. ވުމާއެކު ބަލިވެ އިންކަމަށް ޝައްކު ކުރާކަށްވެސް ނޭގޭނެއެވެ. ނަމަވެސް ތިރީގައި އެވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެނަމަ ބަލިވެއިންތޯ ޓެސޓު ކުރާށެވެ. ތިރީގައި އެވަނީ ބަލިވެއިނުމުން ފެންނަ އެންމެ އާއްމު އަލާމާތްތަކެވެ.

* އުރަމަތި ބޮޑުވުމާއި ރިއްސުން.   * ވާޅުވުން.   * އުފެދެންފަށައިފައިވާ ދަރިފުޅު ރަހިމާއި ގުޅުމުން ލޭފެއިބުން.  

* ހޮޑުލެވުން. * އެއްޗެތީގެ ވަސް ތަފާތުވުން. * ބަނޑުގައި ވައި އުފެދުން. * އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން. 

* މައްސަރުކަންތައް މެދުކެޑުން. * ހަށިގަނޑުގެ ހޫނުމިން މައްޗަށްދިއުން. * ޓެސްޓު ކުރުމުން ބަލިވެއިންކަމަށް ދެއްކުން.

އުރަމަތި ބޮޑުވުމާއި ރިއްސުން.

އުރަމަތި ބޮޑުވުމާއި ރިއްސުމަކީ ބަލިވެއިނުމުގެ އެންމެ ކުރީކޮޅުގެ އަލާމާތްތަކެގެ ތެރެއިން އަލާމާތެކެވެ. މިހެންވަނީ ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތައް ގިނަވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އުރަމަތީގެ އިހުސާސްތައް ގަދަވެއެވެ. މިއީ މައްސަރުކަންތައް ދިމާވާއިރުވެސް ކަންތައް ދިމާވާ ގޮތެވެ. ނަމަވެސް މައްސަރު ކަންތަކުގެ ދުވަސްވަރަށް ވުރެ މި އުދަގޫތައް ބަލިވެ އިނުމުން ބޮޑުވާނެއެވެ. މިރިއްސުމާއި އުދަގޫ ފުރަތަމަ ތިންމަހަށްފަހު ރަނގަޅުވާނެއެވެ.

ވާޅުވުން.

ވަރުބަލިވުމާއި ވާޅުވުމަކީ ބަލިވެއިންނައިރު ކުރީކޮޅު ބައެއް އަންހެނުންނަށް ދިމާވާކަމެކެވެ. މިހެންވާ ހަގީގީ ސަބަބެއް ނޭގެއެވެ. ނަމަވެސް ހަށިގަނޑުގެ އަންހެން ހޯމޯންތައް ގިނަވުން އެއީ ސަބަބު ކަމުގައި ވެދާނެއެވެ. އެއީ ކުއްލިއަކަށް އިތުރުވެގެންދާ ޕްރޮޖެސްޓެރޯން ހޯމޯންގެ ސަބަބުން ނިދިއައުން ފަދަ ކަންތައްތައް ވުމަކީ ވެދާނެ ކަމެކެވެ.

މިއީވެސް ފުރަތަމަ ތިންމަސް ނިމުމުން ރަނގަޅުވާ ކަމެކެވެ. ނަމަވސް ވަރުބަލިވުމާއި ވާޅުވުމުގެ އުދަގޫ ފަހު ތިންމަހުގައި ވެސް ގިނައަންހެނުންނަށް ވެއެވެ. އެއީ ބަނޑަށް ބަރުވުމުމާއި ނިދަން އުދަގޫ ވުމުގެ ސަބަބުންނެވެ.

އުފެދެންފަށައިފައިވާ ދަރިފުޅު ރަހިމާއި ގުޅުމުން ލޭފެއިބުން.

މިހެންދިމާވާ ގިނައަންހެނުންނަށް މިހެން ދިމާވަނީ ގާތްގަޑަކަށް 11 ވަނަ ދުވާހާއި 12ވަނަ ދުވަހާއި ދޭތެރޭގައެވެ. އެއީ އާއްމުގޮތެއްގައި މައްސަރުކަންތައް ވާނެކަމަށް ލަފާކުރެވޭ ހިސާބުގައެވެ. މިހެންދިމާވާ ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ އުފެދެން ފަށައިފައިވާ ދަރި ލޭގިނަ ރަހިމުގެ އެތެރޭގެ ހަތާތަކުގައި އުނގުޅުމެވެ. ނަމަވެސް ހަގީގީ ސަބަބެއް ނޭގެއެވެ.

މިގޮތުން އަންނަލޭ ވަރަށް މަދުވާނެއެވެ. ހަމައެކަނި ހުންނާނީ ރަތް ކުލަ ނުވަތަ މުށި ކުލައިގެ ދެތިން ތިއްކެކެވެ. އަދި ލޭއަންނާނީ އެއްދުވަސް ނުވަތަ ދެދުވަހުގައެވެ. ނަމަވެސް ލޭއައިނަމަ ޑޮކުޓަރެއްގެ ލަފާ ހޯދުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ފަހަރުގައި އެލަޔަކީ ދަރިފުޅު ރަހިމުން ބޭރުގައި ބަލިވެއިނުމުން އައި ލޭ ކަމުގައިވެސް ވެދާނެއެވެ.

ހޮޑުލެވުން.

އާއްމުގޮތެއްގައި ގިނައަންހެނުން ހޮޑުލަވަނީ ބަލިވެއިންނަތާ މަސްދުވަސް ފަހުންނެވެ. ހާއްސަކޮށް ހެދުނުގައެވެ. ނަމަވެސް މިއައްވުރެ ކުރިން މިހެން ދިމާވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ހެނދުނު ނޫން ގަޑިތަކުގައި ހޮޑުލަވާގޮތް ވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބައެއް އަންހެނުން ޓެސްޓުކޮށްގެން ބަލިވެއިންކަން އެގުމުންވެސް ހޮޑުލަވާގޮތް ވެއެވެ. އަދި ވަރަށް މަދު ބައެއް ފަހަރުގައި އަނބިމީހާ ބަލިވެ އިންކަން އެނގުމުން ފިރިމީހާވެސް ހޮޑުލަވައެވެ.

ދެވަނަ ތިންމަސް ފޭށުމާއިއެކު މިކަންތައްތައް ގިނަ މީހންގެ ރަނގަޅުވެއެވެ. ނަމަވެސް ބައެއް އަންހެނުން ބަލިވެއިދެވާ ނުވަމަހުގައިވެސް ހޮޑުލުމަކީ ވެދާނެ ކަމެކެވެ.

އެއްޗެތީގެ ވަސް ތަފާތުވުން.

މިއީ ހާއްސަކޮށް އަލަށް ބަލިވެއިންނަ ގިނަ އަންހެނުންނަށް ދިމާވާ ވަރަށް އާއްމު ކަމެކެވެ. ބައެއް ވަސް ދުވުމުން ކިބިހި އެޅޭގޮތް ވުމަކީވެސް ވެދާނެ ކަމެކެވެ. މިހެން ދިމާވާ ހަގީގީ ސަބަެއް ނޭގެއެވެ. ނަމަވެސް ކުއްލިއަކައް އިތުރުވެގެންދާ އަންހެން ހޯމޯންތަކުގެ ސަބަބުން ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ.

ބަނޑުގައި ވައިއުފެދުން

މިއީ ބަލިވެއިންނައިރު ކުރީކޮޅު ހޯމޯންތަކަށް އަންނަ ކުއްލި ބަދަލާ ގުޅިގެން ދިމާވާ ކަމެކެވެ. ވުމާއެކު ހެދުންތައް ކުޑަކޮށް ބާރުވުމަކީ ވަރަށް ގާތް ކަމެކެވެ. އެއީ ރަހިމަށް އަދި އެއްވެސް ބަދަލެއް ނާންނަނިސްވެސް ބައެއް ފަހަރު ކުރެވޭ އިހުސާސެކެވެ.

އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން.

ބަލިވެއިނުމާއިއެކު އަވަސްއަވަހަށް ފާހާނާއަށް ދާންޖެހިދެއެވެ. އެއީ ބަލިވެއިނުމާއެކު ހަށިގަނޑުގައި ލެޔާއި އަދިވެސް އެހެން ދިޔާއެއްޗެތި އިތުރުވެގެން ދެއެވެ. ވުމާއިއެކު ގުރުދާއިން ފުރާނާ ލޭގިނަވެ އުފެދޭ ކުޑަކަމުދާ އެއްޗެތި އިތުރުވެގެން ދެއެވެ.

މިއީ ބަލިވެއިނީއްސުރެ ވިހަންދެންވެސް ވާ އުދަގުލެކެވެ. އަދި ބަލިވެއިނދެ ދުވަސްތައް ވަމުންދާ ވަރަކަށް އުދަގޫ ބޮޑުވެއެވެ. އެއީ ކުރީކޮޅޫ އުދަގޫވަނީ ހަމައެކަނި ލޭއިތުރު ވުމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން ލޭގިނަވުމުގެ އިތުރުން ކުޑަދަރިފުޅު ބޮޑުވާ ވަރަކަށް މަސާނާއަށް ބާރު ބޮޑުވުމުން މިއުދަގޫ އިތުރަށް ބޮޑުވެގެން ދަނީއެވެ.

މައްސަރުކަންތައް މެދުކެޑުން.

ގަވައިދުން އިންތިޒާމުކޮށް މައްސަރުކަންތައް ވަމުންދާމީހަކު މައްސަެު ކަންތައް ވާންޖެހޭ ދުވަހަށް މައްސަރުކަންތައް ނުވިނަމަ އަވަހަށް ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރާށެވެ. އަދި އިންތިޒާމުކޮށް މައްސަރުކަންތައް ދިމާނުވަ މީހަކު ނަމަވެސް އިސްވެދިޔަ އަލާމާތްތަކާއެކު މައްސަރު ކަންތައް ވާނެ ކަމަށް ލަފާ ކުރެވޭދުވަހަށް ނުވެ ލަސްވެއްޖެ ނަމަ ބަލިވެއިންތޯ ބެލިމަށް ތެސްޓު ކުރާށެވެ.

ހަށިގަނޑުގެ ހޫނުމިން މައްޗަށްދިއުން.

ގަވައިދުން ހަށިގަނޑުގެ ހޫނުމިން ބަލައި ނޯޓު ކުރަމުންދާމީހަކު އޭނާގެ އާއްމުކޮށް ހުންނަ ހޫނު މިނަށްވުރެ ކުޑަތަންކޮޅެއް ހޫނު މިން މައްޗަށް ގޮސް އެއްވަރެއްގައި ދެހަފުތާ ނުވަތަ ތިންހަފުތާ ވަންދެން ހުރެއްޖެނަމަ ބަލިވެއިންތޯ ބެލިމަށް ޓެސްޓު ކުރާށެވެ.

ޓެސްޓު ކުރުމުން ބަލިވެއިންކަމަށް ދެއްކުން.

އިސްވެދިޔަ އެއްވެސް ކަމަކީވެސް ބަލިވެއިންކަން ޔަގީން ކޮށްދޭނެ ކަމެއް ނޫނެވެ. ބަލިވެއިންކަން ޔަގީން ކުރުމަށްޓަކައި ޓެސްޓު ކުރުމުން ބަލިވެއިންކަމަށް ދެއްކުމަކީ ބަލިވެއިންކަން ޔަގީންވާނެ ކަމެކެވެ. ނަމަވެސް ކުރީކޮޅުގައި ކުޑަކަމުދާ އއްޗެތި ބޭނުން ކޮށްގެން ކުރާ ޓެސްޓުން ބަލިވެއިންކަމަށް ނުދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ހަފުތާއެއްވަރު ފަހުން އަލުން ޓެސްޓު ކުރާށެވެ. ނޫނީ ލޭގެ ޓެސްޓެއް ކުރާށެވެ.

ބަލިވެއިންކަން ޔަގީން ވުމާއި އެކު ވީއެންމެއަވަހަށް ޑޮކުޓަރަށް ދައްކާށެވެ. މަރުހަބާއެވެ. މިހާހިސާބުން ''ބަލިވެއިނުމުގެ ކުރިން '' ގެ ދަށުގައި ހުރި ސުރުހީތައް ދޫކޮށްލާށެވެ. ދެން '' ބަލިވެއިނުން'' ގެދަށުގައި ހުރި ސުރުހީތައް ކިޔުއްވާށެވެ. އަދިވެސް އެއްފަހަރު މަރުހަބާއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.