އަންގާރަ20201013

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުން ލަސްވުމުން ނަފުސާނީގޮތުން ކުރާ އަސަރު

ބަލިވެއިނުން ލަސްވުމުން ނަފުސާނީގޮތުން ކުރާ އަސަރު

lasvumuun-nafsaaneegothu-kuraa-asaru-5* ބަލިވެއިނުން ލަސްވުމުން ބޭސް ކުރުމަކީ މާޔޫސްވާ ކަމެއްތަ؟

* ދަރިންލިބުން ލަސްވުމުން ފިރިމީހާއަށްވުރެ ބޮޑަށް އަނބިމީހާ ހިތްދަތިވަނީ ކީއްވެ؟

* މަޖަލުގައި އުޅެމުންއައި އުޅުން ދަރިން ލިބުން ލަސްވުމުން މުޅިން ރަސްމީވަނީ ކީއްވެ؟

* ކޮންއިރަކުންތޯ ދަރިއަކު ހޯދަނީ އަހާ މީހުންނަށް ރުޅިނައިސް ޖަވާބުދޭނީ ކިހިނެއް؟

ބަލިވެއިނުން ލަސްވުމުން ބޭސް ކުރުމަކީ މާޔޫސްވާ ކަމެއްތަ؟

މިއީ ވަރަށްގިނަ ދެމަފިރިންނަށް ދިމާވާ ކަމެކެވެ. ބަލިވެއިނަން ބޭނުންވެގެން ދެމަފިރިން ފަށާ ދުވަހުން ފެށިގެން ކޮންމެމަހެއް ފެށިގެންދަނީ ބަލިވެއިންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ބަލިވެއިނުން ލަސްވުމަށްފަހު ބޭސްކުރަން ފެށުމާއެކު ކޮންމެ މަހެއްވެސް ފެށިގެންދާނީ ކުޑަ އުއްމީދަކާއެކުއެވެ. ނިމިގެންދާނީ ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސް ކަމަކާއި އެކުއެވެ.

ބަލިވެއިނުން ލަސްވެގެން ބޭސް ކުރަން ފެށުމާއިއެކު ކޮންމެމަހެއްގައިވެސް އިރުއިރު ކޮޅާ ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރަން ބޭނުން ވެއެވެ. ހާއްސަކޮށް މައްސަރު ކަންތައް ލަސްވެއްޖެ ނަމައެވެ. ނަމަވެސް މައްސަރު ކަންތައް ދިމާވުމާއެކު ކުރަމުންދިޔަ އުއްމީދުތައް މާޔޫސްކަމަށް ބަދަލުވެގެން ދެއެވެ. އަދި މިކަމުގެ އަސަރު މުޅި ދިރިއުޅުމަށް ކުރަން ފަށައެވެ. ވަޒީފާގައި ރުޅިގަދަވުމާއި މަސައްކަތް ކުރާހިތް ނުވުމާއި އެކަނި ގިނަވަގުތުތައް ހޭދަކުރުމާއި މުނިފޫހި ފިލުވުމާއި މުޅިން ދުރުވުމާއި އަމިއްލަ ނަފުސައް އިތުބާރު ނުކުރުމާއި ދެމަފިރިންގެ ދޭތެގައި ޖެހޭ މައްސަލަތައް ގިނަވުން ފަދަ ކަންތައްތަކަކީ ބޭސްކުރަމުންދާއިރު ބަލިވެއިނުން ލަސްވާ ކޮންމެ މަހަކާއި އެކު އިތުރުވަމުންދާ ކަންތައްތަކެކެވެ. މިއީ މިގޮތަށް ބޭސްކުރާ ވަރަށް ގިނަ ދެމަފިރިންނަށް ދިމާވާ ކަމެކެވެ.

ހާސްވެ ކަންބޮޑުނުވާށެވެ. މިއީ މަދުނޫން ދެމަފިރިންނަށް ދިމާވާ ކަމެކެވެ. ވީމާ ހާލަތަށް ނިޔާ އަށް ކިޔަމަންވާށެވެ. އަދި ދެމަފިރިންގެ ހާލަތާއި މެދު ވިސްނާލާށެވެ. މާތް ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަނީ ރަނގަޅަކަށްޓަކައެވެ. ފަހަރުގައި ދެމަފިރިންގެ ދިރިއުޅުން ހުރި ގޮތުން ދަރިޔަކު ލިބިއްޖެނަމަ ލިބިދާނެ ގެއްލުމަކަށްޓަކައި މާތްﷲ އެގޮތަށް މެދުވެރި ކުރައްވަނީ ކަމުގައި ވެދާނެއެވެ. ވީމާ ދިރިިއުޅުމުގައި އެއްވެސް ކަމެއް ގޯހުންދާނަމަ އެކަން ރަނަގޅު ކުރާށެވެ. ގިނަގިނައިން ދުއާކުރާށެވެ. ބަލިވެއިނުމާއި ނުއިނުމަކީ ޑޮކުޓަރުންގެ އަތްމަތީގައި އޮންނަ ކަމެއްނޫނެވެ. ﷲ އިރާދަ ކުރެއްވިފަރާތަކަށް ކޮންމެފަދަ ދަރިން ލިބުންލަސްވާފަދަ ބައްޔެއް ހުއްޓަސް ދަރިން ދެއްވައެވެ. އަދި ﷲ އިރާދަކުރައްވައިފިނަމަ އެއްވެސް ބައްޔެތް ޠަބީޢީ ދެމަފިރިޔަކަށްވެސް ދަރިން ނުލިބިދެއެވެ. އައްޝޫރާ ސޫރަތުގެ 49-50 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވަނީ:  لِلَّهِ مُلْكُ السَّمَوَاتِ وَالأَرْضِ يَخْلُقُ مَا يَشَاءُ يَهَبُ لِمَنْ يَشَاءُ إِنَاثاً وَيَهَبُ لِمَنْ يَشَاءُ الذُّكُورَ * أَوْ يُزَوِّجُهُمْ ذُكْرَاناً وَإِنَاثاً وَيَجْعَلُ مَنْ يَشَاءُ عَقِيماً إِنَّهُ عَلِيمٌ قَدِيرٌ *

މާނައަކީ: ''އުޑުތަކާއި ބިން މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އެކަލާންގެ އިރާދަ ކުރެއްވި އެއްޗެއް އުފައްދަވަތެވެ. އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް އަންހެން ދަރިން ދެއްވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވައެވެ. ނުވަތަ އެބަޔަކަށް ފިރިހެންދަރިންނާއި އަންހެން ދަރިން ދެއްވައެވެ. * އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކު ދަރިންނުލިބޭ ބަޔަކު ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަލާންގެއީ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާންގެއެވެ.''

ދަރިންލިބުން ލަސްވުމުން ފިރިމީހާއަށްވުރެ ބޮޑަށް އަނބިމީހާ ހިތްދަތިވަނީ ކީއްވެ؟

އާއްމުގޮތެއްގައި ކޮންމެ އަންހެނަކުވެސް ކޮންމެވެސް ދުވަހަކުން މަންމައަކަށް ވާނެކަމުގެ އުއްމީދު ކުރެއެވެ. ހުވަފެންތައް ދެކެއެވެ. މިއީ ގިނަފަހރު އެންމެ ކުޑައިރުން ފެށިގެން އަންހެކުދިން ކުރާ އުއްމީދެކެވެ. މިހެންވަނީ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އަދި މުޖުތަމަޢުގެ އުސޫލު ތަކުގެ ސަބަބުންނެވެ. އެންމެ ކުޑައިރު ކުޅެން ގެންގުޅޭ އެއްޗެތިންވެސް އަންހެން ކުދިން ގިނަފަހަރަށް މިކަމަށް މަގުފަހި ކުރެއެވެ.

ވަރަށް ގިނައަންހެނުންނަށް މަންމަޔަކަށް ވުމަކީ ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އަދި ބައެއް އަންހެނުންނަށް މިއީ ކުރެވޭ އެންމެބޮޑު އުއްމީދެވެ. އަދި ދަރިއަކަށް އެހާ ބޭނުން ނުވާ އަންހެނަކުނަމަވެސް މަޔަކަށް ވުމަށް މުޖުތަމައުން ދެކޭ ގޮތާއި އަޅާ ބާރު އެނގެއެވެ.

ކައިވެނިކޮށް ދަރިންހޯދުމަށް އަބަދުވެސް މުޖުތަމައުން އާއިލާއިން ރައްޓެހިން އަދި ތިމާގެ މީހުން ބާރު އަޅައެވެ. އަދި ކައިވެނި ނުކުރާ އަންހެނުން ނާއި މެދު މީހުންދެކޭ ގޮތާއި އަދި ކައިވެނި ކުރިޔަސް ދަރިން ނުހޯދާނަމަ ދެކޭގޮތް އެއީ އެންމެންވެސް ދަންނަ ކަމެކެވެ. މިފަދަ މީހުންނަށް ދިއްކުރެވޭ އިނގިލިތައް ގިނަވާނެއެވެ. ކަންފަތަށް ފޯރާ ބަސްތައް ތޫނު ވާނެއެވެ. ވުމާއެކު ދަރިން ނުލިބުމަކީ އަންހެނުންނަށް ގަބޫލު ކުރަން ދަތިކަމެކެވެ. ދަރިޔަކު ބޭނުން ނުވިޔަސް ދަރިން ނުލިބުމުން މިފަދަ މީހުންނަށް މުޖުތަމައުން ރަހުމެއް ނުކުރެއެވެ. އަދި އަބަދުވެސް އިގިލިތައް އަމާޒުވެގެން ދާނީ އަނބިމީހާއާއި ދިމާލަށެވެ. ދަރިން ނުލިބެނީ ފިރިމީހާގެ މައްސަލައެއް ހުރެގެން ކަމުގައި ވިޔަސް މީހުންނަށް އެކަން ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވެއެވެ.

ފިރިހެނުންނާއި މެދު މުޖުތަމައުން މިގޮތަކަށް ނުދެކެއެވެ. އަދި ކޮންމެ ފިރިހެނަކު ބައްޕަޔަކަށް ވުމަށް އެހާ ބޮޑު އުއްމީދުތަކެއްވެސް ނުކުރެއެވެ. ހުވަފެންތަކެއްވެސް ނުބަލައެވެ. އަދި ކުޑައިރުއްސުރެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ހުންނަނީ މިފަދަ ގޮތަކަށް އަމާޒު ވެފައެއް ނޫނެވެ. ކުޅިވަރުވެސް ފިރިހެން ކުދިން ކުޅޭނީ ގިނަފަހަރަށް އާއިލާއެއްގެ ކުޅިވަރެއް ނޫނެވެ. ބައްޕައެއްގެ ރޯލު އަދާކުރާ ކަހަލަ ކުޅިވަރުތައް ވަރަށް މަދުން ނޫނީ ނުކުޅޭނެއެވެ. އެޔާ ޚިލާފަށް އަންހެން ކުދިންގެ ކުޅިވަރުގައިވެސް ގިނަފަހަރަށް ކުޅޭނީ އާއިލީ ދައުރެކެވެ. މަންމައެއްގެ ދައުރެވެ.

ނަމަވެސް ކައިވެނިކޮށް ދަރިން ހޯދުމަށް ދެމަފިރިން ބޭނުންވާއިރު ދަރިން ނުލިބި ބޭސް ކުރަން ފެށުމުން ފިރިމީހާއަށްވެސް އަނބިމީހާއެކޭ އެއްފަދައިން ހިތާމަޔާއި ހިތްދަތިކަން ދިމާވެއެވެ. އެހެނަސް ގިނަފަހަރު ބޭރަށް މިހިތާމަތަކާއި ހިތްދަތިކަން ފިރިހެންނުން އަންހެނުން ފަދައިން ފާޅެއް ނުކުރެއެވެ. ނުވަތަ އަންހެނުންނަށްވުރެ މިހިތާމަތައް އެތެރަށް ހިންދާލުމުގެ ބާރު ފިރިހެނުންގެ ބޮޑެވެ.

ދަރިންލިބުން ލަސްވަނީ ފިރިމީހާގެ ސަބަބުންކަން ޔަގީން ވެއްޖެނަމަ އަނބިމީހާއާއި އެއްފަދައިން ނުވަތަ އެއަށްވުރެ ބޮޑަށްވެސް ހިތާމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދަރިން ނުލިބޭ މީހުންނަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރެއެވެ. މިފަދަ މީހުން ކެންސަރު އަދި އެއިޑުސް ބަލި ޖެހިފައިވާ މީހުންފަދައިން ދިރިއުޅުން މަތިން މާޔޫސްވެއެވެ. ފަހަރުގައި މިއީ ޖިސްމާނީގޮތުން މީހާ އަބަދުވެސް ޕްރެޝަރުގައި ހުންނަން ޖެހުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެއީ މިފަދަ މީހުން އަބަދު ކަހަލަ ގޮތަކަށް ލޭގެ ޓެސްޓުތައް ކުރަން ޖެހެއެވެ. ބޭސް ނަގަން ޖެހެއެވެ. ސްކޭން ކުރަން ޖެހެއެވެ. އަދި ބައެއްފަހަރު އޮޕަރޭޝަންތައްވެސް ކުރަން ޖެހެއެވެ. އަދި މުޖުތަމައުންވެސް މިފަދަ މީހުން ބަލައިގަތުން ކުޑައެވެ. ނަތީޖާއެއްގެ ގޮތުން އެކަނިވެރިކަން އިހުސާސް ކުރެވެން ފަށައެވެ.

މަޖަލުގައި އުޅެމުންއައި އުޅުން ދަރިން ލިބުން ލަސްވުމުން މުޅިން ރަސްމީވަނީ ކީއްވެ؟

މިއީ ވަރަށްގިނަ ދެމަފިރިންނަށް ދިމާވާ ކަމެކެވެ. ކައިވެނީގެ ކުރީކޮޅު ނުހަނު މަޖަލާއި އުފަލާއި ސަކަރާތްޖެހުމާއި މުނިފޫހި ފިލުވުމުގައި އުޅެމުން އައިސް ދަރިން ލިބުން އުއްމީދު ކުރަމުން ދިޔަވަރަށްވުރެ ލަސްވުމުން ދެމަފިރިންގެ ގުޅުމަށް ބަދަލު އާދެއެވެ. ުރީގައި ހުރި މަޖާކަން ގެއްލިގެންދެއެވެ. ސަމާސާކުރުން ސުމަކަށް ދެއެވެ. ދިރިއުޅުން މުޅިން ސީރިއަސްވެ މުޅިން ރަސްމީވެގެން ދެއެވެ. ޖިންސީ ގުޅުންހިންގުން އުފަލަކަށްޓަކައި ކުރަމުން އައި ކަމެއްގެ ބަދަލުގައި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުގައި ކުރާކަމަށް ބަދަލުވެގެންދެއެވެ. ބޭނުންވީމައި ޖިންސީ ގުޅުން ހިންގުމުގެ ބަދަލުގައި ވަކިވަގުތަކު ޖިންސީ ގުޅުން ހިންގަން ޖެހިދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ގުޅުން ހިންގުމުން ލިބެންޖެހޭ ލައްޒަތާއި އަރާމު ލިބުން ކުޑަވެގެންދެއެވެ.

ޖިންސީހަޔާތަށް އުނިކަން އައިސް ގުޅުން ހިންގާއިރު ލިބެންޖެހޭ އަރާމާއި ލޯބި އަދި ލައްޒަތު ލިބުން ކުޑަވަމުންދާހެން ހީވާނަމަ ވަގުތީގޮތުން މަހެއް ދެމަހެއް ވަންދެން ދަރިއަކު ހޯދުމަށްޓަކައި ޖިންސީ ގުޅުން ހިންގުން ހުއްޓާލާށެވެ. އަރާމު ކުރުމަށް ލައްޒަތު ހޯދުމަށް ޖިންސީ ގުޅުން ހިންގާށެވެ. ލޯބިކުރުން އިތުރު ކުރާށެވެ. ދަރިއަކާއި މެދު ފިކުރު ކުރުން މެދުކަޑާލާށެވެ.

އަބަދުވެސް ވިސްނާށެވެ. ދަރިން ލިބުން ލަސްވިޔަސް ވަރަށް މަދު ނާދިރު ހާލަތެއްގައި ނޫނީ ދަރިން ލިބުމުން މަހުރޫމެއް ނުވާނެއެވެ. ލަސްވެދާނެއެވެ. އަހަރު ދެއަހަރު އަދި ފަސްހައަހަރުވެސް ވެދާނެއެވެ. އަދި އަރާމުކުރުމަށް ލައްޒަތު ހޯދުމަށް ރޭކުރުމުން ދަރިން ލިބުމުގެ ފުރުޞަތުވެސް ބޮޑުވާނެއެވެ.

ކޮންއިރަކުންތޯ ދަރިއަކު ހޯދަނީ އަހާ މީހުންނަށް ރުޅިނައިސް ޖަވާބުދޭނީ ކިހިނެއް؟

މިއީ ކައިވެނި ކުރުމަށްފަހު އާއްމުގޮތެއްގައި ވަރަށް ގިނައިން އިވޭ ސުވާލެކެވެ. ރުޅި ނާންނާށެވެ. އަބަދުވެސް ރަނގަޅަށް މީހުންނާއިމެދު ހީކުރާށެވެ. އާއްމު ގޮތެއްގައި ގިނަފަހަރު މިފަދަ ސުވާލު ކުރަނީ ދެމަފިރިން ދަރިން ހޯދުމުގައި މައްސަލައެއް ދިމާވަފައިވާކަން ނޭގޭތީއެވެ. އަދި އެކަން އެނގޭއިރުވެސް ސުވާލު ކުރާނަމަ އެ ސުވާލުގެ ބޭނުމަކީ މިހާރު ކަންތައް ވެފައިއޮތް ގޮތެއް އޮޅުން ފިލުވުމެވެ.

ގިނަފަހަރު މިފަދަ ސުވާލުތަކާއި ކުރިމަތިވަނީ ރައްޓެހިންނާ ބައްދަލުކުރާ ޗުއްޓީއެއްގައި ނުވަތަ އާއިލީ ބައްދަލުވުމެއްގައެވެ. ދެރަނުވާށެވެ. ހަމަ އާދައިގެ ގޮތަކަށް ޖަވާބުދޭށެވެ. މިސާލަކަށް އަޅުގަޑުމެން މިދަނީ މަސައްކަތް ކުރަމުންނޭ ބުނާށެވެ. ނުވަތަ އެންމެ ފުރަތަމަ އެއުފާވެރި ޚަބަރު އަޑުއިވޭނެ މީހަކީ ތިއީ ކަމުގައި ބުނާށެވެ. މިއީ އިތުރަށް މިމައުލޫއަށް ވާހަކަ ދައްކަން ބޭނުން ނޫންނަމަ ދެވިދާނެ ޖަވާބެކެވެ.

އިތުރަށް ވާހަކަ ދެއްކުމުގައި އުދަގުލެއް ނުވާނަމަ ނުވަތަ ދެރަ ނުވާނަމަ ސާފުކޮށް ކަންތައް ވަމުންދިޔަ ގޮތާއި މިހާރު ވެފައި އޮތްގޮތެއް ކިޔާދޭށެވެ. އަދި އާއިލާއެއްތަންވެ ވާހަކަދައްކައި އުޅޭއިރު މާބޮޑަށް ދަރިޔަކު ހޯދާހިތްވެ ހިތްދަތިވާނަމަ މިފަދަ ބައްދަލު ވުމަކަށް ދިއުމަށްވުރެ ނުދިއުން ރަނގަޅުވާނެއެވެ. ނުވަތަ މިފަދަ ބައްދަލުވުމަކަށް ދިއުމަށްފަހު އުދާސްތައް ފިލުވާލައި ރަގަޅަށް ރޮއިލާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.