ހުކުރު20201127

އާކުރެވުނީ: 08:43:52

ބިސްބޭރުވާ ދުވަސް ދެނެގަންނާނީ ކިހިނެއް؟

bisbeyruvaa-vaguthu-1* ބިސްބޭރުވުމަކީ ކޮބާ؟

* ބަލިވެއިނުމާއި ބިސްބޭރުވުމާއި ގުޅުން ހުރީ ކިހާވަރަކަށްތަ؟

* ބިސްބޭރުވާ ދުވަސް އެނގޭނީ ކިހިނެއް؟

* ބިސްބޭރުވާދުވަސް ޓެސްޓު ކުރެވޭނެ ވަސީލަތެއް ހުރޭތަ؟

ބިސްބޭރުވުމަކީ ކޮބާ؟

ބިސްބޭރުވުމަކީ އޯވަރީގައި ނުވަތަ ބިސްރަވައިގައިވާ ބިސްތަކުގެ ތެރެއިން ބިހެއް މަހަކު އެއްފަހަރު ބޮޑުވެ ފުރިހަމަ ވުމަށްފަހު ބިސްރަވައިން ބިސްބޭރުވެ ބިސްހޮޅީގެ ކައިރިއަށް ބިސްދިއުމެވެ. ބައެއްފަހަރު މިގޮތަށް ބޭރުވާއިރު އެއްބިހަށްވުރެ ގިނަބިސް ބޭރުވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބިސްރަވައިން ބިސްބޭރުވަނީ ވަކިވަރަކަށް ބިސް ބޮޑުވެ ފުރުހަމަ ވުމަށްފަހުގައެވެ.

ބިސްބޭރުވުމަށްފަހު ދާނީ ބިސްހޮޅީގެ ކޮޅުގައި އިންނަ މާގަޑާއި ދިމާލަށެވެ. އަދި ފަހުން ރަހިމުގެ ތެރެއަށެވެ. ބަލިވެއިންނަނީ ބިސްރަވައިން ބިސް ބޭރުވުމަށްފަހުގައެވެ. ވުމާއެކު މިއީ ކޮންމެ މަހެއްގެވެސް ބަލިވެއިނުމަށް ހަށިގަނޑު ތައްޔާރުވެފައިވާ ދުވަސްވަރެވެ.

ބަލިވެއިނުމާއި ބިސްބޭރުވުމާއި ގުޅުން ހުރީ ކިހާވަރަކަށްތަ؟

ބަލިވެއިންނަން ބޭނުންނަމަ ބިސްބޭރުވުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ނުވަތަ ބިސްބޭރުވާތާ އެއްދުވަހުގެތެރޭގައި ޖިންސީ ގުޅުން ހިންގަން ޖެހޭނެއެވެ. އެއީ ފިރިމީހާގެ ދަރިފަނިތައް މަރުނުވެ އަނބިމީހާގެ ޖިންސީ ގުނަވަންތަކުގެ ތެރޭގައި ދެދުވަސް ނުވަތަ ތިންދުވަސްވަންދެން ހުންނާނެއެވެ. ނަމަވެސް އަނބިމީހާގެ ބިސް ދަރިފަންޏާއި ބައްދަލުނުވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި މަރުވާނެއެވެ.

ބިސްބޭރުވާ ދުވަހާއި ނުވަތަ ވަގުތާއި ވީހާވެސް ގާތްކޮށް ޖިންސީ ގުޅުން ހިންގިވަރަކަށް ބަލިވެއިނުމުގެ ފުރުޞަތު އިތުރުވާނެއެވެ. އާއްމުގޮތެއްގައި ކޮންމެ މަހަކުވެސް ބަލިވެއިނުމަށް އޮންނަނީ 20% ފުރުޞަތެކެވެ. އަދި ދޭތެރެދުރުކުރުމުގެ ވަސީލަތެއް ބޭނުން ނުކޮށް ގަވައިދުން ޖިންސީ ގުޅުން ހިންގާނަމަ 85% މީހުން އަހަރުދުވަހުގެ ތެރޭގައި ބަލިވެއިދެއެވެ. ކޮންމެމަހަކުވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެކު ބިސްބޭރުވާ ދުވަސް ބަލައި ޖިންސީ ގުޅުން ހިންގުމަކީ ބަލިވެއިނުމުގެ ފުރުޞަތު އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އަދި ދޭތެރެ ދުރުކުރުމަށްޓަކައިވެސް މިއުކުޅު ބޭނުން ކުރެވިދާނެއެވެ. އެއީ ބިސްބޭރުވާ ދުވަސްބަލައި އެދުވަހާއި ގާތްކޮށް ޖިންސީ ގުޅުން ނުހިންގުމަކީ ދޭތެރެ ދުރުކުރުމަށް އިތުރުވަސީލަތެއް ބޭނުން ނުކޮށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއީ ދޭތެރެ ދުރުކުރުމަށްތަކައި ކުރަން އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ ވަރަށް ފަސޭހައިން އޮޅުންއަރައި ބަލިވެ އިނުމަކީވެސް މިފަދަ ހާލަތުގައި ވެދާނެ ކަމެކެވެ.

ބިސްބޭރުވާ ދުވަސް އެނގޭނީ ކިހިނެއް؟

ދެން މައްސަރުކަންތައް ދިމާވާނެ ދުވަސް ލަފާކޮށް ފާހަގަ ކުރާށެވެ. އެއަށްފަހު އޭގެ ފަހަތަށް 12-16 ދުވަސް ފާހަގަ ކުރާށެވެ. މިއީ އާއްމުގޮތެއްގައި ބިސްބޭރުވާނެ ދުވަހެވެ. މިސާލަކަށް މައްސަރުކަންތައް ދިމާވާނެ ކަމަށް ލަފާ ކުރެވެނީ މަހުގެ 30 ވަނަ ދުވަހުގައި ނަމަ ބިސްބޭރުވާނީ އެމަހުގެ 14-18ވަނަ ދުވަހުއެވެ. ކޮންމެ 28 ދުވަހަކުން މައްސަރުކަންތައް ދިމާވާ މީހަކު ނަމަ ބިސްބޭރުވާނީ ޖެހިގެންއަންނަ މަހު މައްސަރުކަންތައް ދިމާވުމުގެ ބަރާބަރު 14 ދުވަސް ކުރިންނެވެ. ނަމަވެސް މިގޮތަށް ދުވަސް ބަލަން އެނގޭނީ ވަކިއިންތިޒާމަކުން ގަވައިދުން މައްސަރުކަންތައް ދިމާވާ މީހުންނަށެވެ.

ބިސްބޭރުވާ ދުވަސް ބެލުމަށްޓަކައި އެންމެ ރަނގަޅުގޮތަކީ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. އަދި ޖިސްމާނީގޮތުން އަންނަ ބަދަލުތަކާއި އަލާމާތްތައް ފާހަގަ ކުރުމެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަ ކުރަންވީ ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކެވެ.

- ރަހިމުގެ ކަރުން ނުވަތަ ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗިއްސަށް ބަދަލު އައުން: އަންހެނުންގެ މައްސަރުކަންތަކުގެ ބުރު ފުރިހަމަވަމުންދާ ވަރަކަށް ނުވަތަ ބިސްރަވައިގައިވާ ބިސް ބޮޑުވަމުންދާވަރަކަށް ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗެތީގެ މިންވަރާއި ސިފައަށް ބަދަލު އަންނަމުންދެއެވެ. މިހެންވަނީ ހަށިގަނޑުގައި އެސްތްރޯޖަން ހޯމޯން އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. ބިސްބޭރުވުން ގާތްވާވަރަކަށް ނުވަތަ ބަލިވެއިނުމުގެ ފުރުޞަތު އެންމެ ބޮޑުވާއިރު ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗެތީގެ ކުލަ ސާފުވެ، ތެއުކަން ގަދަވެ، ތުނިވެ އޮމާންވާނެއެވެ. އަދި މިދިޔާއެއްޗެތީގެ ސިފަ އެންމެ ވައްތަރުވާނީ ރޯބިހެއްގެ ހުދުކެންޏާއެވެ.

އާއްމުގޮތެއްގައި ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗިއްސަކީ ޖަރާސީމުންނާއި ތަފާތުވައްތަރުގެ ފަނިފަކުސާއިން ނަސްލީ ނިޒާމު ހިމާޔަތްކުރުމަށް އުފެދޭ އެއްޗެކެވެ. ވުމާއެކު މިދިޔާއެއްޗެތި ހުރަސްކޮށް ރަހިމުގެ ތެރެއަށް ދިއުމަށް ދަރިފަންޏަށްވެސް އުދަގޫތަކަކީ ހުރަސްތަކަކާއި ދިމާވެއެވެ. ނަމަވެސް ބިސްބޭރުވާއިރު މިދިޔާއެއްޗިއްސަށް އަންނަ ބަދަލާއި އެކު ދަރިފަންޏަށް މިހުރަސް ގިރާކޮށް ރަހިމުގެ ކަރުން ރަހިމުން އަދި ބިސްހޮޅިންގޮސް ބިހާއި ބައްދަލު ކުރުމުގައި އެހީތެރިވެދެއެވެ.

- ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުން: ބިސްބެރުވުމާއެކު ހަށިގަނޑުގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ 0.4-0.1 ޑިގުރީވަރު މައްޗަށް ދާނެއެވެ. އާއްމުގޮތެއްގައި މިހެން މައްޗަށް ދިޔަސް އަމިއްލައަށް މިކަން އިހުސާސް ކުރެވޭ ވަރެއް ނުވާނެއެވެ. މިކަން ދެނެގަނެވޭނީ ތަމޯމީޓަރ އެއް ބޭނުން ކޮށްގެންނެވެ. ހަށިގަނޑުގެ ހޫނުމިން މައްޗަށްދަނީ ބިސްބޭރުވުމުގެ ސަބަބުން ހަށިގަނޑުގައި ޕްރޮޖެސްޓްރޯން ހޯމޯން އިތުރުވާތީއެވެ. މިހޯމޯންއަކީ ހޫނޫމިން މަތިކުރާ ހޯމޯނެކެވެ.

އާއްމުގިތެއްގައި ބަލިވެއިނުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ ހޫނުމިން މައްޗަށް ދިއުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމުންނެވެ. ނަމަވެސް ހޫނުމިން މައްޗަށް ދިއުމަށްފަހުވެސް 12-24 ގަޑިއިރު ބަލިވެއިނުމަށްތަކައި ޖިމާއުވާން ރަނގަޅުވާނެއެވެ. މިއަށްވުރެ ފަހުން ޖިންސީ ގުޅުން ހިންގުމަކީ ބަލިވެއިނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ ކަމެކެވެ. އެއީ ބިސްބޭރުވާތާ 12-24 ގަޑިއިރުތެރޭ ދަރިފަނި ބައްދަލު ނުވެއްޖެނަމަ މަރުވާނެއެވެ. އަދި ޖިންސީ ގުޅުން ހިންގުމަށްފަހުވެސް ދަރިފަނި ބިހައި ހަމައަށް ދިއުމަށް އެތައް ވަގުތެއް ނަގައެވެ. ވީމާ ރަނގަޅީ ބިސްބޭރުވުމުގެ ކުރިން ރޭކުރުމެވެ. ބިސްބޭރުވުމަށްފަހު ޖިމާއުވުމުން ފަހަރުގައި ބިސްމަރުވާއިރުވެސް ދަރިފަންޏަށް ބިހާއި ހަމައަށް ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި އާއްމުގޮތެއްގައި ބިސްބޭރުވުމަށްފަހު ޕްރޮޖެސްޓްރޯން ހޯމޯން އިތުރުވެ ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުމަށް ބައެއްފަހަރު އެއްދުވަސް ނުވަތަ ދެދުވަސްވަރު ނަގައެވެ. ވުމާއެކު ހޫނުމިން މަތިވުމުން ޖިންސީ ގުޅުން ހިންގާއިރު އޮންނާނީ ބައެއް ފަހަރު ވަގުތު ފާއިތުވެފައެވެ. އެއީ ބިސްބޭރުވާތާ 12-24 ގަޑިއިރު ތެރޭ ބިސް މަރުވާތީއެވެ. ރަނގަޅު ގޮތަކީ ހޫނުމިން ކޮންމެ ދުވަހަކުވެސް ހެނދުނު ފަތިހާ ބަލަމުން ދިއުމެވެ. އަދި މިގޮތަށް އެތައް މަހަކު ގަވައިދުން ބެލުމުން ހޫނުމިން އެއްމެ މައްޗަށް ދާދުވަހާއި ބިސް ބޭރުވާ ދުވަސް ފާހަގަ ކުރަނ ފަސޭހަ ވާނެއެވެ. އަދި އެދުވަހެއް ފާހަގަ ކޮށް އޭގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިންސީ ގުޅުން ހިންގަން ރަނގަޅުވާނެއެވެ.

- ދަށްބަނޑަށް އުދަގޫވުން: މިއީ ކޮންމެ ފަސްއަންހެނުންގެ ތެރެއިން އެއް އަންހެނަކަށް މިދުވަސްވަރު ދިމާވާ ކަމެކެވެ. މިގޮތުން ވާއުދަގޫ ތަކުގެތެރޭގައި ބައެއް މީހުންނަށް ކުޑަކޮށް ތަދުވުމާއި އަދި ބައެއް މީހުންނަށް ވަރަށް ބޮޑަށް ރިއްސުން ވެސް ހިމެނެއެވެ. މިހެންވާއިރު ހިދުކޮޅަކަށް ވެފައި ރަނގަޅުވެދާނެއެވެ. އަދި ބައެއް މީހުންނަށް އެތައްގަޑިއެއްވަންދެން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބިސްބޭރުވާދުވަސް ޓެސްޓު ކުރެވޭނެ ވަސީލަތެއް ހުރޭތަ؟

ރާއްޖޭގައި އާއްމުކޮށް ލިބެން ނެތަސް މިހާރު ބޭރުގެ ބައެއް ގައުމުތަކުގައި ބޭސްފިހާރަތަކުގައި ބިސްބޭރުވާ ދުވަސް ޓެސްޓު ކުރެވޭނެ އަދާތައް ނުވަތަ އާލަތްތައް ހުރެއެވެ. މިގޮތަށް ގޭގައި ބޭނުން ކުރުމަށް ހަދާފައި ހުންނަ އާލަތްތަކަކީ ކުޑަކަމުދާ އެއްޗެތި ބޭނުން ކޮށްގެން ޓެސްޓު ކުރުމަށް ހަދާފައި ހުންނަ އާލަތްތަކެކެވެ. މިއިން ބަލަނީ ކުޑަކަމުދާ އެއްޗެތީގައި ލުޓިނައިޒިން ހޯމޯން ހުންނަ މިންވަރެވެ. މިހޯމޯން އެންމެ ގިނައިން ހުންނަނީ ބިސްބޭރުވުމުގެ ކުރިން ނެވެ. ވުމާއެކު ބިސްބޭރުވުމުގެ 12-36 ގަޑިއިރު ކުރިން ބިއިން ޓެސްޓު ކޮށްގެން އެނގޭނެއެވެ. އަދި މިއީ ހޫނުމިން ބަލައިގެން ބިސްބޭރުވާ ދުވަސް ބެލުމަށްވުރެ މާޔަގީން ކަން ބޮޑު ގޮތެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.