ހުކުރު20180907

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިމައިވުން ލަސްވުމަށް ދިމާވާ އާއްމު ބަލިތައް

ދަރިމައިވުން ލަސްވުމަށް ދިމާވާ އާއްމު ބަލިތައް

dhairimai-vun-lasvaa-bai-sababu-43* އެންޑޯމެޓްރިއޯސިސް.

* ބިސް އުފެދުމުގައި ދިމާވާ މައްސަލަތައް.

* ބިހުގެ ފެންވެރު ދައްވުން.

* އޯވަރީގައި ފެންބަޑި އުފެދުން (polycystic ovarian syndrome)

* ފެލޯޕިއަން ޓިއުބު ބެދުން.

* ދަރިފަންޏަށް އެލާޖީވުން.

* ސަބަބުނޭގޭ ބައެއް މައްސަލަތައް.

* ދެމަފިރީން ހިއްސާވާ މައްސަލަތައް.

ދަރިން ލިބުން ލަސްވިކަމުގައި ބެލެވެނީ ކައިވެނި ކޮށްގެން ދެމަފިރީން އެކީގައި އުޅެ ދޭތެރެދުރުކުރާ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކާއި ނުލައި އެއްއަހަރުވަންދެން ގަވައިދުން ރޭކުރުމާއި އެކުވެސް އަނބިމީހާ ބަލިވެ ނުއިންނަ ނަމައެވެ.

ދަރިންލިބޭ އުމުރުގެ %10 މީހުންނަކީ ދަރިން ލިބުން ލަސްވުމުގެ މައްސަލަ ކުރިމަތިވާ މީހުންނެވެ. މިގެތެރެއިން %30 މައްސަލަތައް ހިއްސާކުރަނީ އަނބިމީހާއެވެ. %30 ފިރިމީހާއެވެ. އަދި %30 ދެމަފިރީން އެކުގައި ހިއްސާކުރާއިރު އަނެއް %10 އަކީ ސަބަބު ނޭގޭ މައްސަލަތަކެވެ.

އިތުރު މައުލޫމާތު ހޯދުމަށް ދަރިން ލިބުން ލަސްވާ މައިގަޑު ސަބަބުތައް ކިޔުއްވާށެވެ. ފަރުވާ ކުރުމަށްފަހު ވަރަށް ގިނަ ދެމަފިރީންނަށް ދަރިން ލިބެއެވެ. ނަމަވެސް އެކިދެމަފިރީންނަށް ދަރިން ލިބުމުގެ ނިސްބަތް ތަފާތުވެއެވެ. އެއީ ބައެއް ދެމަފިރީ އެއްމައްސަލައަށްވުރެ ގިނަ މައްސަލަތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެންޑޯމެޓްރިއޯސިސް.

ހަށިގަނޑުގެ އެތެރޭގެ އެކި ގުނަވަންތަކުގައި ހުންނަ ހަތާތަކަކީ ތަފާތު ހަތާތަކެކެވެ. އެއީ އެގުނަވަނެއްގެ ވަޒީފާއާއި ގުޅޭގޮތުގެ މަތިންނެވެ. ރަހިމުގެ އެތެރޭގައި ހުންނަ ހަތާތަކަށް ކިޔަނީ އެންޑޯމެޓްރިއަމްއެވެ. އެންޑޯމެޓްރިއޯސިސް ކިޔަނީ މިހަތާތައް ރަހިމު ނޫން ތަނެއްގައި ހުރުމަށެވެ. މިގޮތުން މިހަތާތަށް ރަހިމުން ބޭރުގައި ހުންނަ ގުނަވަން ތަކަކީ އޯވަރީ، ފެލޯޕިއަން ޓިއުބު، ހިމަ ގޮހޮރު އަދި މަސާނާއެވެ.

އަލާމާތްތައް:

ބައެއް އަންހެނުންނަށް އެއްވެސް އަލާމާތެއް ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގިނަމީހުންނަށް މައްސަރުކަންތައް ދިމާވާއިރު، ޖިންސީ ގުލުން ހިންގާއިރު އަދި/ނުވަތަ ދައްބަނޑުގައި ރިއްސައެވެ.

ފަރުވާ:

- އެންޑޯމެޓްރިއޯސިސް ގެ ހަތާތައް އޮޕަރޭޝަން ކޮށްގެން ނެގުން.

- ބަލިވެ އިނުމަށްޓަކައި ދެވޭ ބޭސް ބޭނުން ކުރުން.

- ރަހިމަށް ދަރިފަނި އިންޖެކުޓު ކުރުން (Artificial insemination)

- ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބަލިވެއިނުން (Assisted reproductive technology)

ރަނގަޅުވާ ނިސްބަތް:

ބަލިޖެހިފައި ވަނީ ކުޑަކޮށް ނުވަތަ އާދައިގެ ވަރަކަށް ނަމަ ދެއަހަރުދުވަހުގެ ފަރުވާއަށް ފަހު ބަލިވެ އިނުމުގެ ފުރުޞަތު %30- %60 ދެމެދުގެ އަދަދެއްގެ މީހުންނަށް އޮވެއެވެ. އަދި ބޮޑަށް ޖެހިފައިވާ މީހުންނަށްވެސް މިއާއި ގާތް ކުރާ މިންވަރަކަށް ބަލިވެ އިނުމުގެ ފުރުޞަތު އޮވެއެވެ. ވަރަށް ބޮޑަށް ޖެހިފައިވާ ނަމަ ބަލިވެ އިނުމުގެ ފުރުޞަތު %30 އަށްވުރެ ތިރިވެގެންދެއެވެ.

ބިސް އުފެދުމުގައި ދިމާވާ މައްސަލަތައް.

އާއްމުގޮތެއްގައި ބިސް އުފެދުމުގައި މައްސަލަތައް ދިމާވަނީ ހަށިގަނޑުގެ ހޯމޯންތަކުގެ ނިޒާމުގެ އިންތިޒާމުގެއްލުމުގެ ސަބަބުންނެވެ.

އަލާމާތްތައް:

- ގިނަފަހަރުތަކުގައި ހާއްސަ އަލާމާތްތަކެއް ނުހުރެއެވެ. ނަމަވެސް މައްސަރު ކަންތަކުގެ ދުވަސްވަރު ލޭ މާމަދުން ނުވަތަ މާ ގިނައިން ފޭބުމަކީ އެކަށީގެންވާ ކަމެކެވެ.

ފަރުވާ:

- ބަލިވެއިނުން ލަސްވުމުންދޭ ބޭސް ބޭނުން ކުރުން

ރަނގަޅުވާ ނިސްބަތް:

- ބޭސް ކުރުމުން %70-%90 މީހުން ބަލިވެ އިދެއެވެ.

ބިހުގެ ފެންވެރު ދައްވުން.

ބިސް ހަލާކުވެފައިވާނަމަ ނުވަތަ ގައްލުމެއް ލިބިފައިވާނަމަ އަދި ބިހުގެ ކުރޮމޮޒޯން ތަކުގައި ވިރާސީ ބައްޔެއް އުފުލާނަމަ ބިހުގެ ފެންވަރު ދައްވެ ބަލިވެ އިނުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ.

އަލާމާތްތައް:

- ވަކި ހާއްޞަ އަލާމާތެއް ނުހުރެއެވެ.

ފަރުވާ:

- ލެބޯޓްރީގައި ނުވަތަ ރަހިމުން ބޭރުގައި ބިހާއި ދަރިފަނި ގުޅުވުން. މިގޮތަށް ގުޅުވާއިރު ހުޅަގުގެ ގައިމުތަކުން އެހެން އަންހެނެއްގެ ބިސްވެސް ބޭނުން ކުރެއެވެ. ނަމަވެސް މިއީ އިސްލާމްދީނުގައި ކަޑައެޅިގެން ހަރާމް ކަމެކެވެ.

ރަނގަޅުވާ ނިސްބަތް:

އެހެން އަންހެނެއްގެ ބިސް ބޭނުން ކުރުމުން %30- %50 މީހުންނަށް ދަރިން ލިބެއެވެ. ނަމަވެސް އިސްވެ ދެންނެވުނު ފަދައިން މިއީ އިސްލާމް ދީނުގައި ކަޑައެޅިގެން ހަރާމް ކަމެކެވެ.

އޯވަރީގައި ފެންބަޑި އުފެދުން (polycystic ovarian syndrome)

އޯވަރީގައި ފެންބަޑި އުފެދެނީ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އިތުރުވުމުގެ ސަބަބުންނެވެ. އަދި އަންހެން ހޯމޯން މަދު ވުމުގެ ސަބަބުންނެވެ. ވުމާއެކު އޯވަރީގައި ބިސް އުފެދުން މަދުވެއެވެ. ބިސް އުފެދުމުގެ އިންތިޒާމު ގެއްލިގެން ދެއެވެ.

އޯވަރީގައި ބިސް އުފެދި ބޮޑުވާން ފަށާއިރު ފުރަތަމަ ބިސް އިންނަނީ ކޮތަޅެއްގެ ތެރޭގައެވެ. ބިސް ބޮޑުވެ ފުރިހަމަ ވުމާއެކު މިކޮތަލު ފަޅައިގެން ގޮސް ބިސް އޯވަރީން ބޭރުވެއެވެ. އޯވަރީގައި ފެންބަޑި އުފެދެނީ ބިސް ބޮޑުވާއިރު މިކޮތަޅު ފަޅައިގެން ނުދިއުމުންނެވެ. މިހެން ދިމާވަނީ ފިރިހެން ހޯމޯނާއި އަންހެން ހޯމޯން އެކުވުމުގެ ސަބަބުންނެވެ.

އަލާމާތްތައް:

- މައްސަރުކަންތައް އިންތިޒާމު ނުވުން.

- މޫނާއި މޭމަތި އަދި ދައްބަނޑުގައި އިސްތަށި ފެޅުން (އާއްމުކޮށް އަންހެނުންގެ އިސްތަށި ނުފަޅާ ތަންތަނުގައި)

- ބިހިނެގުން.

- ފަލަވުން.

ފަރުވާ:

- ދިރިއުޅުމުގެ ވައްޓަފާލި ބަދަލުކުރުން. އަދި ކެއުން ކޮންޓްރޯލު ކޮށް ކަސްރަތުކުރުން.

- ބަލިވެއިނުން ލަސްވާ މީހުންނަށް ދެވޭ ބޭސް ބޭނުން ކުރުން.

- މެޓްފޯރމިން ބޭނުންކުރުން.

ރަނގަޅުވާ ނިސްބަތް:

- މިހެންދިމާވާ ހަށިގަނޑުން ފަލަމީހުން ހަށިގަނޑުގެ %5-%10 ހިކުމުން %70-%90 މީހުންގެ އޯވަރީން ގަވާއިދުން ބިސް އުފައްދާން ފަށައެވެ. އަދި ބޭސް ބޭނުން ކުރުމުން %20-%60 މީހުން ބަލިވެއިދެއެވެ. ނަމަވެސް ހިތާމައާއި އެކު ދަންނަވަން ޖެހެނީ މިބަލިން ފަރުވާކޮށްގެން ބަލިވެ އިންނަ މީހުންގެ ތެރެއިން %1-%5 މީހުން ބައިގެން ދެއެވެ. އަދި އެއްމާބަނޑު ކުދިން ލިބުުގެ ފުރުޞަތުވެސް މިފަދަ މީހުންނަށް ވަރަށް ބޮޑެވެ.

ފެލޯޕިއަން ޓިއުބު ބެދުން.

ފެލޯޕިއް ޓިއުބު ބެދުން ނުވަތަ ހަލާކުވުމަކީ ދަރިއުފެދުމަށް ބިހާއި ގުޅެންދާ ދަރިފަނީގެ މަގު ބަންދު ކުރާކަމެކެވެ. އަދި ހަމައެފަދައިން ރަހިމަށް ބިސް ދިއުމުގެ މަގުވެސް ބަންދު ކުރާކަމެކެވެ. މިގޮތަށް ފެލޯޕިއަން ޓިއުބު ބަންދުވާ ނުވަތަ ހަލާކުވާ ސަބަބުތަކުގެ ތެރޭގައި ބަލިޖެހުން ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބައްޔެއްގެ ސަބަބުންނެވެ.

އަލާމާތްތައް:

- ހާއްސަ އަލާމާތެއް ނުހުރެއެވެ.

ފަރުވާ:

- އޮޕަރޭޝަން ކޮށްގެން ޓިއުބު ރަނގަޅު ކުރުން.

ރަނގަޅުވާ ނިސްބަތް:

- މިފަދަ މީހުން ފަރުވާ ކުރުމަށް ފަހު ބަލިވެ އިނުމުގެ ފުރުޞަތު އެކި މީހުންގެ ވަރަށް ތަފާތެވެ. އެކަން ބިނާވެގެންވަނީ ބެދިފައި ހުރި މިންވަރަކާއި ބެދިފައި ހުރި ހިސާބެއްގެ މައްޗަށެވެ.

ދަރިފަންޏަށް އެލާޖީވުން.

ބަލިވެ އިންނަ އުމުރުގެ %2 މީހުންނަކީ ފިރިމީހާގެ ދަރިފަންޏަށް އެލާޖީވާ މީހުންނެވެ. ދަރިފަންޏަށް އެލާޖީ ވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ދަރިފަންޏާއި ދެކޮޅައް ހަމަލަ ދިނުމަށް އުފައްދާ ހާއްސަ މާއްދާއެއްގެ ސަބަބުންވާ ކަމެކެވެ. މިމާއްދާއިން ފިރިމީހާގެ ދަރިފަނި މަރާލުމަށް މަސައްކަތް ކުރެއެވެ.

އަލާމާތްތައް:

- ހާއްސަ އަލާމާތެއް ނުހުރެއެވެ.

ފަރުވާ:

- ރަހިމަށް ދަރިފަނި އިންޖެކުޓު ކުރުން.

- ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބަލިވެ އިނުން.

ރަނގަޅުވާ ނިސްބަތް:

- %20-%40 މީހުން ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކު އޮވެއެވެ.

ސަބަބުނޭގޭ ބައެއް މައްސަލަތައް.

ބައެއްފަހަރު ބަލިވެ އިނުން ލަސްވާ މައިގަޑުސަބަބު އެގޭކަށެއް ނުހުރެއެވެ. ބައެއް ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވަނީ ތިމާވެށިގައި ހުންނަ ބައެއް ވިހަ މާއްދާތަކުން މިހެން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މިކަމާއި ހުރި ސީދާ ގުޅުމެއް އަދި މިހާތަނަށް ޔަގީންކަމާއި އެކު ހޯދިފައެއް ނުވެއެވެ.

ދެމަފިރީން ހިއްސާވާ މައްސަލަތައް.

ދަރީން ލިބުން ލަސް ވުމުގައި ބައެއްފަހަރު ފިރިމީހާއާއި އަނބިމީހާގެ މައްސަލަތަކެއް ހުރުމަކީވެސް އެކަށީގެންވާކެމެކެވެ. ވުމާއިއެކު މާބަނޑުވުން ލަސްވެގެން ޑޮކުޓަރަށް ދައްކާއިރު ދެމަފިރީން އެކުގައި ޑޮކުޓަރަށް ދެއްކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.