އާދީއްތަ20201018

އާކުރެވުނީ: 08:43:52

ފާނަބަސަނދު

faana-basandhu-38* ފާނަބަސަނދަކީ ކޮބާ؟

* ފާނަބަސަނދުގެ އަލާމާތްތަކަކީ ކޮބާ؟

* މާބަނޑު ދުވަސްވަރު ފާނަބަސަނދު ޖެހިފައިހުންނަ މިހަކާއި ގައިގޯޅިވެ އުޅުމަކީ ރައްކާތެރި ކަމެއްތަ؟

* މާބަނޑު ދުވަސްވަރު ފާނަބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ކުރާނެ އަސަރު ތަކަކީ ކޮބާ؟

* މާބަނޑު ދުވަސްވަރު މިބައްޔަށް ވެކުސިން ޖެހިދާނެތަ؟

ފާނަބަސަނދަކީ ކޮބާ؟

މިއީ ވެރިސެއްލާ ޒޮސްޓަރ ކިޔާ ވައިރަހެއްގެ ސަބަބުން ގައިންގަޔަށް އަރާ ހަމުގެ ބައްޔެކެވެ. މިބަލި ގަޔަށް އެރުމަށްފަހު ބަލީގަ އަލާމާތްތައް ފެނުމާއި ދޭތެރޭ 2-3 ހަފުތާވެއެވެ. މިބަލި ޖެހިފައިވާ މީހަކު މިބަލި އެހެންމީހުންނަށް ފަތުރަމުން ގެންދާނީ މިބަލީގެ ބިހިތައް ނެގަންފެށުމުގެ އެއްދުވަސް ކުރިން ފެށިގެންގޮސް ބިހިތައް އެއްކޮށް ރަނގަޅުވެ ނިމެންދެނެވެ.

ފާނަބަސަނދުގެ އަލާމާތްތަކަކީ ކޮބާ؟

މިބަލީގަ އަލާމާތްތައް ފެންނަން ފަށަނީ ބަލި ގަޔަށް އަރާތާ 41 ދުވަހާއި 21 ދުވަހާއި ދޭތެރޭގައެވެ. ތިރީގައި އެވަނީ މިބަލީގެ އަލާމާތްތަކެވެ.

- ހުންއައުން

ގާތްގަޑަކަށް 24 ގަޑިއިރުވަންދެން އާދައިގެ ވަރަކަށް ހުންއައުމަކީ ވެދާނެ ކަމެކެވެ. އަދި ބައެއްފަހަރު ހުން ނައުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ. ހުން އައިނަމަވެސް ހުން އެހާ ގަދައެއް ނުވާނެއެވެ.

- ބިހިނެގުން.

އާއްމުގޮތެއްގައި މިއީ ފެންނަ ފުރަތަމަ އަލާމާތެވެ. ބިހިނަގަން ފަށަނީ ގިނަފަހަރު މޫނުންނެވެ. މޭމައްޗާއި ބަނޑުގައި ބިހި ނަގަން ފަށަނީ އޭގެ ފަހުންނެވެ. އަދި މުޅިގަޔަށް ބިހި ފެތުރިދާނެއެވެ. ނަމަވެސް އެންމެ ގިނައިން ބިހި ނަގައިފައި ހުންނާނީ މެދުހަށިގަނޑުގައެވެ. ބިހި ނަގަން ފަށާއިރު ބިހިތައް ހުންނާނީ ކުދިކުދި ކޮށެވެ. ދެން ފެން ބިހިތަކަކަށް ބަދަލުވެއެވެ. އެއަށްފަހު ދޮސް ލައެވެ. އެއް ވަގުތެއްގައި މިހުރިހާ ވައްތަރުގެ ބިހި ހުރެދާނެއެވެ. ބިހިތައް ކުރަމަގާލި ލުމަށްފަހު ފަސޭހަވަނީ ގާތްގަޑަކަށް ތިން ހަތަރު ދުވަހުންނެވެ.

މާބަނޑު ދުވަސްވަރު ފާނަބަސަނދު ޖެހިފައިހުންނަ މިހަކާއި ގައިގޯޅިވެ އުޅުމަކީ ރައްކާތެރި ކަމެއްތަ؟

ކުރިން މިބަލި ޖެހިފައިވާނަމަ ނުވަތަ މިބައްޔަށް ވެކުސިން ޖަހައިފައިވާނަމަ މިބައްޔާއި މެދު ބިރުވެތިވާކަށް ނުޖެހެއެވެ. އެއީ މިފަދަ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ވަރަށް ނާދިރުވާނެއެވެ. ކުރިން މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން %95 މީހުންނަށް މިބަލި ދެވަނަ ފަހަރަކަށް ނުޖެހޭނެއެވެ. އަދި ވެކުސިން ޖަހައިފައިވާ މީހުންގެ ތެރެއިން %80 މީހުންނަށް މިބަލި ނުޖެހޭނެއެވެ.

ނަމަވެސް ކުރިން މިބަލި ޖެހިފައި ނުވާނަމ ނުވަތަ ވެކުސިްވެސް ޖަހައިފައި ނުވާނަމަ މާބަނޑު ދުވަސްވަރު މިބަލި ޖެހިފައިވާ މީހަކާއި ގައިގޯޅިވުން އަދި ކިއެއްތަ އެއްގޭބިސީއެއްގައި އުޅުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ. އެއީ މާބަނޑު ދުވަސްވަރު މިބަލި ޖެހުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ފާނަބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ކުރާނެ އަސަރު ތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު މިބަލި ޖެހުނު ނަމަވެސް ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެހެންނަމަވެސް ވަގުތަކީ މިބަލީގެ ނުރައްކާތެރި އަސަރު ދަރިފުޅަށް ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާއެއްޗެކެވެ.

ބަނޑަށް 5 މަހުގެ ކުރިން މައިމީހާއަށް މިބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ކޮންޖެނިޓަލް ވެރިސެއްލާ (އުފެދުމުގައި ފާނަބަސަނދު ޖެހުން) ކިޔާބައްޖެއް ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިބަލި ޖެހުމުން ދަރިފުޅަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި ހަނގަޑު އާދަޔާ ޚިލާފަށް ކުރަކިވެފައި ހުރުން، އަނގުނުތައް ރަނގަޅަށް ނުއުފެދުން، ބޯކުޑަވުން، ލޮލުގެ ފެނުން ދެރަވުން، ބީރުވުން އަދި ގަމާރުވުން ނުވަތަ އަނދޮޅުވުން ހިމެނެއެވެ.

ބަނޑަށް 5 މަހަށްފަހު އެހެނަސް ވިހެއުމުގެ 5 ދުވަސް ކުރިން މައިމީހާއަށް މިބަލި ޖެހިއްޖެނަމަ ދަރިފުޅަށް މިކަމުގެ ސަބަބުން ނުރައްކަލެއް އާއްމުގޮތެއްގައި ނުވާނެއެވެ. މިދުވަސްވަރު މައިމީހާއަށް މިބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް މިބަލިޖެހިދާނެއެވެ. އެހެނަސް މިކަމުގެ ސަބަބުން ދަރިފުޅަށް ކުރާ އަސަރު ވަރަށް ކުޑަވާނެއެވެ. އެއީ މިދުވަސްވަރު ބަލި ޖެހުމުން މައިމީހާގެ ހަށިގަނޑުގައި މިބައްޔާއި ދެކޮޅަށް އުފައްދާ އެންޓިބޮޑިގެ ސަބަބުން ދަރިފުޅަށް ހިމާޔަތްކަން ހޯދައިދެއެވެ. ވުމާއިއެކު ދަރިފުޅަށް ބަލިޖެހުނަސް ވާގެއްލުން ކުޑައެވެ.

މއިމީހާއަށް މިބަލިޖެހުމުން އެންމެ ނުރައްކަލީ ވިހެއުމުގެ 5 ދުވަސް ކުރިންފެށިގެން ވިހާތާ 2 ދުވަހުގެ ތެރޭގައި މިބަލި ޖެހިއްޖެ ނަމައެވެ. އެއީ މިފަދަ ހާލަތުގައި ވިހައުމގެ ކުރިންނަމަވެސް މައިމީހާގެ ހަށިގަނޑުގައި މިބައްޔާއި ދެކޮޅަށް އެންޓިބޮޑީ އުފެއްދުމަށް ގާތްގަޑަކަށް 5 ދުވަސް ނަގާނެއެވެ. ވުމާއެކު މައިމީހާގެ ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީއަކުން ދަރިފުޅަކަށް ހިމާޔަތެއް ހޯދައެއް ނުދޭނެއެވެ.

އަދި ދަރިފުޅުގެ ދިފާއީ ނިޒާމުގެ ބަލިކަށިކަމުން ދަރިފުޅުގެ އަމިއްލަ ހަށިގަނޑުގައި މިބައްޔާއި ދެކޮޅަށް އެންޓިބޮޑީ އުފެއްދުމުގެ ޤާބިލްކަމެއް ނުހުންނާނެއެވެ. މިފަދަ ހާލަތުގއި ދަރިފުޅަށް ޖެހޭ ފާނަބަސަނދަށް ކިޔަނީ ނިއޮނޭޓަލް ވެރިސިއްލާ އެވެ. މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެކަށީގެންވާ ވަރަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ގެއްލުން ހުރި ބައްޔެކެވެ. ދަރިފުޅަށް ހުންއައުން ނުވަތަ ބިހިނެގުންފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސް ުކޮށް ޑޮކުޓަރަށް ދައްކާށެވެ.

މާބަނޑު ދުވަސްވަރު މިބައްޔަށް ވެކުސިން ޖެހިދާނެތަ؟

ނޫނެކެވެ. މާބަނޑު ދުވަސްވަރު މިބައްޔަށް ވެކުސިން ޖެހުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި ބަލިވެއިނުމުގެ ކުރިން ވެކުސިން ޖެހިނަމަވެސް ވެކުސިން ޖެހުމަށްފަހު މަދުވެގެން އެއްމަސް ދުވަސް ވަންދެން ބަލިވެ ނުއިދެ މަޑުކުރަން ޖެހޭނެއެވެ. ބަލިވެ އިނުމުގެ ކުރިން ވެކުސިން ޖަހައިފައި ނުވާނަމަ ވިހެއުމަށްފަހު ވެކުސިން ޖެހުން ރަނގަޅުވާނެއެވެ.

ނޯޓް: މިއީ ވަރަށް ގިނަ ޤައުމުތަކުގައި 1995 ވަނަ އަހަރުން ފެށިގެން ޖަހަމުން އަންނަ ވެކުސިނެއް ނަމަވެސް 2006 އާއި ހަމައަށްވެސް ރާއްޖޭގައި މިވެކުސިން ތަޢާރަފު ކުރެވިފައެއް ނުވެއެވެ.

 ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.